Jump to content

ނިލަންދޫ (ފ. އަތޮޅު)

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނިލަންދޫ ނިލަންދޫ

ޚުލާސާ މައުލޫމާތު
އަތޮޅު ނިލަންދެއަތޮޅު އުތުރުބުރި
އޮންނަތަން
އަކަމިން
އާބާދީ 1633
ދިގުމިން 1175މ
ފުޅާމިން 725މ
މާލެ އާއި ހުރި ދުރުމިން 140ކމ
އިދާރީ މައުލޫމާތު
ރަށު ކަތީބު މޫސާ އަޙުމަދު
ރަށު އޮފީސް ފޯން ނަމްބަރު 6740521 (960+)
ރަށު ފެކްސް ނަމްބަރު 6740521 (960+)

ތާރީޚް[އުނިއިތުރު ގެންނަވާ]

ނިލަންދޫ އަކީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަން ކުރާ ރަށެވެ. މިއީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ. މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިރަށުގައި އޮންނަ " ފޯއްމަތި " ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.

ނިލަންދޫ އާޘާރީ ސަރަހައްދުގައި މިހާރުވެސް ފެންނަންއޮތް ވެލި ފުންޏަކީ އެދުވަސްވަރުގެ ބިނާތައް ހަދާފައިހުރި ތަނެވެ. ކުރީގައި އެ ވެލިފުނި ވަރަށް އުސްކޮށް އޮވެއެވެ. އެ ތަނަކީ އާޘާރީ ތަނެއްކަން ކުރިން އެނގިފައި ނުވާތީ އެތަނުން ގަލާއި ވެލި ނެގުމުގެ ސަބަބުން ވެލިފުނި މިހާރު އޮތީ ވަރަށް ތިރިކޮށެވެ. ވަރަށްގިނަ ގާތައްވެސް މަދުވެފައިވެއެވެ. މި ސަރަހައްދުގައި ކުރީގެ މީހުން ފެންވެރުމަށް ބޭނުންކުރާ ވެވެއް އޮންނަކަމުގައި ނިލަންދޫގެ ދުވަސްވީ މީހުން ބުނެއެވެ. ވެވުގެ ދޫނިފަތް ގާގަނޑު މިހާރުވެސް ފެންނަން އެބަހުއްޓެވެ. މިހާރުވެސް އެ ސަރަހައްދާ ކައިރީ ބައެއް ގޯތިގޯތި ކޮންނައިރު ހިރިގަލުން ހަދާފައި ހުންނަ ބައެއް ތަކެތި ފެންނަމުން ދެއެވެ.

މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ. ނިލަންދޫގެ އާޘާރީ ސަރަހައްދާއިބެހޭ އެކިއެކި ދިރާސާތަކާއި ތަފާތު ހޯދުންތައް ދިވެހިބަހާއި ތާރތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ. ނިލަންދޫގެ އާޘާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ.

ޖޯގްރަފީ[އުނިއިތުރު ގެންނަވާ]

ނިލަންދޫ އަކީ ނިލަންދެ އަތޮޅު އުތުރުބުރީގެ ވެރިރަށެވެ. ނިލަންދެ އަތޮޅުގެ ނަން ނިސްބަތްވަނީ ވެސް މިރަށަށެވެ. އަތޮޅުގައި އޮތް އެންމެ އާބާދީ އަދި ބިމުގެ ގޮތުން ބޮޑު މިރަށަކީ ދިވެހިރާއްޖޭގެ ތާރީޚްގައި ފާހަގަކޮށްލެވޭ ރަށެކެވެ. ނިލަންދޫ އަށް ނިލަންދޫ މިނަމުން ނަންދެވިފައިވަނީ ރަށަށް ލިބިފައިވާ ފުޅާ، ފުން، މަޑު ނޫކުލައިގެ ވިލުގެ ސަބަބުން ކަމުގައި ބުނެވެއެވެ.

ރަށްގިރުން[އުނިއިތުރު ގެންނަވާ]

ނިލަންދުއަކީ ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ އިރު އުތުރުފަރާތުން ވަރަށްބޮޑަށް ގިރައި އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް ދަތިވާތީ އެ ސަރަހައްދު ޙިމާޔަތް ކުރުމުގެ ގޮތުން ރައްޔިތުންގެ 06 ދުވަހުގެ މަސައްކަތުން 1998 ވަނައަހަރު، ދިގުމިނުގައި 1200 ފޫޓު ފުޅާމިނުގައި 25 ފޫޓުގެ ތޮއްޓެއް ލެވިފައި ވެއެވެ. އެތަން ހިއްކުމުގެ ގޮތުން އެތަނުގައި ކުނިކޮށި ހަދައިގެން ކުނިއަޅަމުން ގެންދިއުމުގެ ސަބަބުން މިހާރު އެތަން ވަނީ ވަރަށްބޮޑަށް ހިކިފައެވެ.

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސެންޓް ސޮސައިޓީގެ ހިލޭ އެހީގެ ދަށުން ލޮނުފެން މީރުފެނަށް ހަދައިދޭ ނިޒާމެއް ނިލަންދޫގައި ޤާއިމުކޮށް އެ ޚިދުމަތް މިހާރު ލިބެމުން ދެއެވެ.

އާބާދީ[އުނިއިތުރު ގެންނަވާ]

2006 ވަނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިލަންދޫގެ އާބާދީ އަކީ 1633 އެވެ. މިބުނި އަދަދު ދިރިއުޅެނީ ގާތްގަނޑަކަށް 190 ވަރަކަށް ގޭގައެވެ. ނިލަންދޫގައި ބޭރު މީހުންނާއި އެކިއެކި ބޭނުންތަކުގައި ގޮސް އުޅޭ މީހުންނާއި އެކު ގާތްގަނޑަކަށް 2000 ވަރަކަށް މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވެއެވެ.

ފަޅު ފުންކުރުމާއި، ބަނދަރު ހެދުން[އުނިއިތުރު ގެންނަވާ]

ނިލަންދޫގައި 2000 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި 250 × 800 ފޫޓުގެ ބަނދަރެއް ސަރުކާރުން ހައްދަވާ ދެއްވާފައި ވެއެވެ. މީގެ އިތުރުން މިރަށުގެ އިރު އުތުރު ފަރާތުގައި މަސްވެރިންގެ ލުއި ފަސޭހައަކަށް ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 150 × 400 ފޫޓުގެ ބަނދަރަކާއި، ނިލަންދޫގައި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައަޅާ އެތަނުގައި މުދާ އަރުވާ ބޭލުމަށް 400 ފޫޓުގެ ޖެޓީއެއް މިރަށުގެ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހަދާފައި ވެއެވެ.

ނިލަންދޫ ހުޅަގު ބަނދަރު[އުނިއިތުރު ގެންނަވާ]

ސަރުކާރުގެ ފަރާތުން ވަނީ މިރަށުގެ ބަދަރު ކޮނެ ބިންހިއްކުމުގެ މަޝްރޫޢެއް ހިންގައިފައެެވެ. މިގޮތުން ރަށުގެ ހުޅަގު ފަރާތުން 800ފޫޓް ދިގު، 280 ފޫޓް ފުޅާ ބަދަރެއް ހަދައި، ތޮށިލައި، އަދި ކުރީގެ ފާލަން ހުރި ހިސާބުން ބަދަރު ތޮއްޓާއި ދޭތެރޭ 315ފޫޓްގެ ދިގު ފާލަމެއް ހެދިފައި ވެއެވެ. މިތަން ބޭނުން ކުރެވެނީ މުދާ ބާލައި އެރުވުމަށެވެ.

ފ.ނިލަންދޫ ހުޅަގު ބަނދަރު

ނިލަންދޫ އިރުމަތީ ބަނދަރު[އުނިއިތުރު ގެންނަވާ]

މީގެ އިތުރުން 400 ފޫޓް ދިގު، 200 ފޫޓް ފުޅާ ބަދަރެއް ކުޑަ ގަނޑުވަރުމަގާ ދިމާލުން ރަށުގެ އުތުރު ފަރާތު ފަޅުގައި ކޮނެފައި ވެއެވެ. ޢާންމު ގޮތެއްގައި މިބަނދަރު ބޭނުންކުރެވެނީ ބޭރު ރަށްރަށުގެ މީހުން ބަދަރުކުރާ ތަނެއްގެ ގޮތުގައެވެ.

ކުޑަ ނިލަންދޫ[އުނިއިތުރު ގެންނަވާ]

ބަދަރު ކޮނެގެން ނެގުނު ވެލިން ދެބަދަރުގެ ދޭތެރެއިން ފަޅުތެރޭގައި ގާތް ގަނޑަކަށް 800 ފޫޓް ދިގު، 400 ފޫޓް ފުޅާ މިން ހުރި ރަށެއް ހިއްކައިގެން ތައްޔާރު ކުރެވިފައި ވެއެވެ. ނިލަންދޫ ފަޅުތެރޭގައި އޮތް ޞިނާޢީ މިރަށަށް މިއަދު މުޚާޠަބު ކުރެވެނީ ކުޑަ ނިލަންދޫ ގެ ނަމުންނެވެ.

އިގްތިޞާދު[އުނިއިތުރު ގެންނަވާ]

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާ، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. ނިލަންދުއަކީ ކުރިންވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލް ނުކުރެވޭތީ ނިލަންދޫ ރ.ކ ކޮމެޓީން އިސްނަގައިގެން ތޮއްޑޫ ދަނޑުވެރިޔަކު ގެނެސް ގިނަ ބަޔަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިލަންދުއަކީ ރާއްޖޭގެ ނިސްބަތުގައި ދަނޑުވެރި ކަމުގެ މަސައްކަތަށް ޚާއްޞަކޮށް ކަރަލާއި، ކިއު ކަންބާ ފަދަ ތަކެތި ހެއްދުމަށް ފާހަގަ ކުރެވޭ ރަށެކެވެ. މިހާރު ދަނޑުވެރި ކަމުން ރަނގަޅު އާމްދަނީއެއް ލިބެމުން ދެއެވެ.

މަސްވެރިކަން[އުނިއިތުރު ގެންނަވާ]

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށް ކުރާ މައިގަނޑު އެއް މަސައްކަތަކީ މަސްވެރިކަމެވެ. މިގޮތުން ޢާންމުކޮށް މަހަށްފުރާ 3-4 ދޯނި ރަށުގައި އޮވެއެވެ. އަދި ބައެއް ދޯނި ފަހަރު ބޮޑު ކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރި ވެއެވެ.މަދު ބަޔަކު ނަމަވެސް އިހީގެ މަސައްކަތުގައި ހަރަކާތްތެރި ވެއެވެ. މީގެ އިތުރުން ބޭރު ރަށްރަށުން ނިލަންދޫގެ ބައެއް ވިޔަފާރި ވެރިންނަށް މަސްކިރާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ކިރާ މަސް ނިލަންދޫގައި ކައްކައި، ހިއްކައިގެން މާލެ ގެންގޮސްގެން ވިއްކައި ހަދައެވެ. ހަމަމިހެން ރިހާކުރު ވެސް އެކަށޭނަ ވަރަކަށް ތައްޔާރުކޮށްގެން ވިއްކައި ހަދާކަން ފާހަގަ ކުރެވެއެވެ.

ދަނޑުވެރިކަން[އުނިއިތުރު ގެންނަވާ]

ދަނޑުވެރިއަކީ ނިލަންދޫގައި ކުރިއަރަމުން އަންނަ ވަރަށް ގިނަ ބަޔަކު ހަރަކާތްތެރިވާ މަސައްކަތެކެވެ. ދަނޑުވެރިން ޢާންމުކޮށް ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރާ، ކޮޕީފަތް، ކިއުކަމްބާ، ބަރަބޯ، ފަޅޯ، އަދި ތަފާތު ބާވަތްތަކުގެ ފަތާއި، ދޮންކެޔޮ ފަދަ ބާވަތްތައް ހިމެނެއެވެ. ދަނޑުވެރިކަމުން ވެސް އެމަސައްކަތުގައި އުޅޭ މީހުން އެކަށޭނަ އާއްމުދަނީ އެއް ހޯދާކަން ފާހަގަ ކުރެވެއެވެ.

އަމިއްލަ ވިޔަފާރި ހިންގުން[އުނިއިތުރު ގެންނަވާ]

އަމިއްލަ ވިޔަފާރި ހިންގުމުގައި ވަރަށް ގިނަބަޔަކު ޝާމިލްވެއެވެ. މިގޮތުން ވިޔަފާރި ކުރާ ތަފާތު 8 ފިހާރަ ނިލަންދޫގައި ހުރެއެވެ. އަދި ސައި ހޮޓާގެ ގޮތުގައި ތަފާތު 3 ތަން ހިންގައެވެ. މިއީވެސް ފުދޭވަރެއްގެ ލާރި ލިބޭ މަސައްކަތެއްކަމަށް އެމަސައްކަތުގައި އުޅުއްވާ ބޭފުޅުން ގަބޫލު ކުރައްވައެވެ.

ސަރުކާރުގެ ވަޒީފާ އަދާކުރުން[އުނިއިތުރު ގެންނަވާ]

ނިލަންދޫގެ ވަރަށްގިނަ ބަޔަކު މާލޭގެ ސްކޫލްތަކާއި، ފުލުހުން، ސިފައިން، އަދި އެހެނިހެން އޮފީސްތަކުގެ ވަޒީފާތަކުގައި ހަރަކާތްތެރި ވެއެވެ. އެންމެ ގިނައީ އޮފީސް ވަޒީފާތަކުގައި އުޅޭ މީހުންނެވެ. އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ނިލަންދޫގެ 60 އަށްވުރެ ގިނަ ފަރާތްތައް ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރަކާތްތެރި ވެއެވެ. ދެން އެންމެ ގިނައީ ޓީޗަރުންކަން ފާހަގަ ކުރެވެއެވެ.

އެހެނިހެން މަސައްކަތްތައް[އުނިއިތުރު ގެންނަވާ]

ނިލަންދޫގެ ރައްޔިތުން ދިރިއުޅުމަށްކުރާ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުން، ފަންގިވިނުން،ރޯނުވެށުން، ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ރަށުގައި ވަރަށް ގިނަ މީހުން ގުރޫޕް ހަދައިގެން ޢިމާރާތްކުރުމުގެ މަސައްކަތް ކުރާކަން ފާހަގަ ކުރެވެއެވެ. މަދުން ނަމަވެސް ރިސޯޓް ތަކުގައި ވެސް ނިލަންދޫގެ މީހުން މަސައްކަތްކުރެއެވެ.

ތެޔޮ ސެންޓަރު[އުނިއިތުރު ގެންނަވާ]

މިރަށުގެ ރައްޔިތުންގެ ނަމުގައި ވިޔަފާރީގެ އުސޫލުން ހިންގާ ތެއު ސެންޓަރެއް ޖެޓީ ސަރަހައްދުގައި ހުރެއެވެ. މި ސެންޓަރުން ނިލަންދޫގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތެލެއް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ޑީސަލް، ޕެޓްރޯލް، ކަރާސީނު، ރޮޓެއްލާ، ކާސްޓްރޯލް ހިމެނެއެވެ. ރައްޔިތުންގެ ތެއު ސެންޓަރަކީ ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދާ ތަނަކަށްވާތީ، ތެލުގެ ޚިދުމަތް ދިނުމަށްޓަކައި ތެއު ސެންޓަރުގެ ގޯތީގައި ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ޢިމާރާތެއް ހުރެއެވެ.

ނިލަންދޫގެ އޮޑިދޯނި ފަހަރަށާއި، އެކިއެކި ބޭނުންތަކުގައި ނިލަންދުއަށް އަންނަ ބޭރު ރަށްރަށުގެ އުޅަނދުފަހަރަށް ލުއި ފަސޭހަ ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ ގޮތުން 01 ނޮވެމްބަރ 2002 ން ފެށިގެން މިރަށުގެ ޖެޓީ ސަރަހައްދުގައި ފެނުގެ ޚިދުމަތް ދޭން ފެށިފައި ވެއެވެ. ވާރޭ ފެނާއި، ފެންވެރުމަށް ބޭނުންވާ ވަޅުފެން ދޫކުރަމުން ގެންދަނީ އެއްވެސް އަގެއް ނެތި ހިލޭ ސާބަހަށެވެ.

ތަޢުލީމް[އުނިއިތުރު ގެންނަވާ]

މިރަށުގައި 1986 ގެ ކުރިން ތަޢުލީމު ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުރިން މިރަށުގައި ތަޢުލީމުދެމުން ދިޔައީ ނިލަންދޫސްކޫލް ގެ ނަމުގައި މިހާރު އަތޮޅުސްޓޯރު ހިންގާ ޢިމާރާތުގައެވެ. އެއްދުވަސް ވަރެއްގައި މަކުތަބުލް މުނީރުގެ ނަމުގައިވެސް އެ ޢިމާރާތުގައި ކިޔަވައި ދެމުން ގޮސްފައި ވެއެވެ.

މިއަތޮޅު އަތޮޅު ތަޢުލީމީމަރުކަޒު ހުންނަނީ މިރަށުގައެވެ. ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފެށިފައިވަނީ 20 ފެބްރުއަރީ 1986 ން ފެށިގެންނެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ.

ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998 ވަނަ އަހަރު ގްރޭޑް 10 ށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ. 2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ.

ނިލަންދޫގައި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޕްރީސްކޫލެއް ހިންގަމުން ގެންދެއެވެ. ނިލަންދޫގެ ރކ. ކޮމިޓީންވެސް މި ޕްރީސްކޫލް ހިންގުމަށް ބޮޑެތި ޚަރަދުތައް ކުރަމުން ދެއެވެ. ޕްރީސްކޫލް މިހާރު ހިންގަނީ ރައްޔަތުންގެ ޢިމާރާތެއްގައެވެ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނިލަންދޫ ރ.ކ ކޮމިޓީން ޚަރަދުކޮށްގެން ނިލަންދޫގައި އަލަށް ޢިމާރާތްކުރި ޕްރީސްކޫލުގެ މަސައްކަތްނިމި 2008 ވަނަ އަހަރު އެ ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތް ފެށޭނެއެވެ.

ފ.އަތޮޅު ތައުލީމީ މަރުކަޒު[އުނިއިތުރު ގެންނަވާ]

ނިލަންދޫގައި ހުންނަ ފ.އަތޮޅު ތައުލީމީ މަރުކަޒަކީ 1986 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވުނު ތަނެކެވެ. މިތަން ހުޅުވައިދެއްވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. ސާނަވީ ތަޢުލީމް މިމަރުކަޒުގައި ތަޢާރަފް ކުރެވުނީ 1996 ވަނަ އަހަރު އެވެ. ޖީސީ އޯލެވެލް އިމްތިޙާނުގައި ފުރަތަމަ ފަހަރަށް މިމަރުކަޒުގެ ފަރާތުން ބައިވެރިވެފައިވަނީ 1998 ވަނަ އަހަރުއެވެ. އެފަހަރު 7 ދަރިވަރަކު އެއިމްތިހާނުގައި އިށީދެފައި ވެއެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒު.

ސާނަވީ ތަޢުލީމް ފެށިގެން އައީ ކޮމާރސް ސްޓްރީމުން ކަމަށް ވިޔަސް އޭގެ ފަހުން ސައިންސް ސްޓްރީމް 2000 ވަނަ އަހަރުގައި ތަޢާރަފް ކުރެވިފައި ވެއެވެ. މިމަރުކަޒުން މިހާރު ލިބެން ހުރި ޚިދުމަތްތަތަކަށް ބަލާއިރު، ލައިބްރަރީ، ޓީޗިންގ ރިސޯސް ސެންޓަރު، ސައިންސް ލެބް، އަދި ކޮމްޕިއުޓަރު ލެބްގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ.

ޢަބުދުﷲ އިސްމާޢީލްގެ ހަދާނީ ލައިބްރަރީ[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ އިސްމާޢީލްގެ ހަދާނީ ލައިބްރަރީ އަކީ ދިވެހިރާއްޖެ ދުށް މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަބުދުﷲ އިސްމާޢީލް ނުވަތަ ތުއްތު ގެ ހަދާނުގައި ބިނާކުރެވިފައިވާ ތަނެކެވެ. މިތަންކުރިން ހުރީ ފ. މަގޫދޫގައެވެ. ނިލަންދޫ އަށް މިތަން ބަދަލުކުރެވުނީ 1999 ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ސަރުކާރުން ފ.އަތޮޅުގެ ވެރިކަން މަގޫދޫ އިން ނިލަންދޫ އަށް ބަދަލުކުރުމާއި ގުޅިގެންނެވެ. ތަފާތު ދާއިރާގެ ފޮތްތައް މިލައިބްރަރީ އިން ލިބެން ހުރެއެވެ. ރަށުގެ ޢާންމުންނާއި ސުކޫލް ކުދިންނަށް މިތަނުން ފޮތް ގެންގޮސްގެން ކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ.

ފ.ނިލަންދޫ ޕްރީސުކޫލް[އުނިއިތުރު ގެންނަވާ]

ފ.ނިލަންދޫ ޕްރީ ސުކޫލް އަކީ މީގެ އަހަރުތަކެއް ކުރިންސުރެ ހިންގަމުން އަންނަ ތަނެކެވެ. މިއީ ނިލަންދޫ އަންހެނުނގެ ކުރިއަރުވާ ކޮމިޓީ އިން އިސްނަގައިގެން ހިންގަމުން އަންނަ ތަނެކެވެ. ޕްރީ ސުކޫލްގެ ޢާއިމާރާތް މިހާރު ހުރީ ނިމެން ކައިރިވެފައެވެ. އަންނަ އަހަރު ކުރީކޮޅު މިތަނުގައި ކިޔަވާން ދޭން ފަށާނެ އެވެ. މިހާރު ޕްރީ ސުކޫލްގެ ގޮތުގައި ބޭނުންކުރަނީ ކުރިން އަންހެނުންގެ މިސްކިތުގެ ގޮތުގައި ބޭނުންކުރި ތަނެވެ. މިތަނުގައި ކިޔަވައި ދިނުމަށް 4 ޕްރީ ސުކޫލް ޓީޗަރުން މަސައްކަތް ކުރައްވައެވެ.

ޓީޗިންގ ރިސޯސް ސެންޓަރު[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ޓީޗިންގ ރިސޯސް ސެންޓަރެއް ގާއިމް ކުރެވުނީ 2006 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ރާއްޖެ ތެރޭގެ ސުކޫލެއްގައި ހެދުނު ފުރަތަމަ ޓީޗިންގ ރިސޯސް ސެންޓަރު އެވެ. ޔުނިސެފުން ހަދައިދިން މިސެންޓަރުގައި އިންޓަރނެޓްގެ ޚިދުމަތް 24 ގަޑީއިރު ޓީޗަރުންނާއި ދަރިވަރުންނަށް ލިބެން ހުރެއެވެ. އަދި ސްމާޓް ބޯޑާޢި އެހެނިހެން ކިޔަވާ ދިނުމުގެ ވަޞީލަތްތައް ބޭނުން ކުރެވެން ހުރެއެވެ.

ޓިއުޝަން ކްލާސްތައް[އުނިއިތުރު ގެންނަވާ]

ތަފާތު 5 ޓިއުޝަން ކްލާހާއި، ގުރުއާން ކްލާސްތައް ނިލަންދޫގައި ހިންގައެވެ. ގްރޭޑް 9 އަކާއި ހަމައަށް ޓިއުޝަން ކްލާސްތަކުން ޓިއުޝަން ދެއެވެ. ގުރުއާން ކްލާސްތަކުގައި އަކުރު ދަސްކޮށްދޭ ހިސާބުން ފެށިގެން ގޮސް ޚަތިމްކޮށް ނިމެންދެން ގުރުއާން ކިޔަވައިދިނުމުގެ ޚިދުމަތް ދެއެވެ.

ޞިއްޙީ ޚިދުމަތް[އުނިއިތުރު ގެންނަވާ]

ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ 1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށުނެވެ.

ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ޞިއްޙީމަރުކަޒު ބިނާކޮށްފައިވަނީ ކުރިން ރައްޔިތުންގެ ކާޑުގެ ހުރިތަނުގައެވެ. މިދެންނެވި ތަނުގައި ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒަކީ މިހާރު ނިލަންދޫ އޮފީސް ހިންގާ ނިލަންދޫ އަންހެނުންގެ މަރުކަޒު ޢިމާރާތެވެ.

ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު 1998 ވަނަ އަހަރު ސަރުކާރުން ހިންގަވާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައި ބޭނުންވާ މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ. ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16 ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ.

މިހާރު އަތޮޅު ހޮސްޕިޓަލުން ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލުގައި ލެބޯރޓްރީގެ ޚިދުމަތާއި، ލޭއަޅާދިނުމާއި، އެކްސްރޭގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތް އަދި ކުދި ބައެއް އޮޕަރޭޝަންތައް ކުރެވެން މިހާރު ހުރެއެވެ.

ނިލަންދޫ ޞިއްޙީ މަރުކަޒު[އުނިއިތުރު ގެންނަވާ]

ނިލަންދޫގައި ޞިއްޙީ ޚިދުމަތް ފުރަތަމަ ތަޢާރަފްކުރެވުނީ ނިލަންދޫ ޞިއްޙީ މަރުކަޒުގެ ނަމުގައި ގާތްގަނޑަކަށް 1996 ހިސާބު ރައްޔިތުންގެ ޚަރަދުގައި ޑޮކްޓަރެއް ގެނެސް ޞިއްޙީ ޚިދުމަތް ދޭން ފެށުމުންނެވެ. އޭގެ ކުރިން ޞިއްޙީ ޚިދުމަތް ދެމުން ގެންދިޔައީ ރަށުގައި ތިބޭ ޢާއިލާގެ 2 ޞިއްޙީ އެހީތެރިންނެވެ. ފުރަތަމަ ޞިއްޙީ މަރުކަޒުގެ ގޮތުގައި ބޭނުންކޮށްފައިވަނީ މިހާރުގެ ނިލަންދޫ އޮފީސްގެ ގޮތުގައި ބޭނުންކުރާ ޢިމާރާތެވެ.

ފ.އަތޮޅު ޞިއްޙީ މަރުކަޒު[އުނިއިތުރު ގެންނަވާ]

ރައްޔިތުން ހިންގަމުން ދިޔަ ނިލަންދޫ ޞިއްޙީ މަރުކަޒު ސަރުކާރުގެ ތަނަކަށް ބަދަލުވެގެން ދިޔައީ 1999 ވަނަ އަހަރުގެ ކުރީކޮޅު ފ.އަތޮޅުގެ ވެރިކަން މަގޫދޫ އިން ނިލަންދޫ އަށް ބަދަލުކުރުމާއި ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން މިމަރުކަޒުގެ ނަން ފ.އަތޮޅު ޞިއްޙީ މަރުކަޒަށް ބަދަލުވެގެން ދިޔައެވެ. އަތޮޅު ޞިއްޙީ މަރުކަޒަށް ބަދަލު ވުމަށްފަހު އަބަދުވެސް އެއް ޑަކްޓަރަކު މަސައްކަތްކުރައްވާ ކަން ފާހަގަ ކުރެވެއެވެ. ފ.އަތޮޅު ޞިއްޙީ މަރުކަޒު ފުރަތަމަ ހިންގާފައިވަނީ ވެސް މިހާރު ހުރި ހޮސްޕިޓަލް ހިންގަމުންދާ ޢިމާރާތުގައެވެ.

ފ.އަތޮޅު ހޮސްޕިޓަލް

ފ.އަތޮޅު ހޮސްޕިޓަލް[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު ޞިއްޙީ މަރުކަޒު އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކޮށް ރަސްމީ ގޮތުން ހުޅުވާފައިވަނީ 16 ޑިސެމްބަރު 2006 ގައި މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަލްފާޟިލް އިލްޔާސް އިބްރާހީމް އެވެ. މިހާރު ފ.އަތޮޅު ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ބަލިމީހުން ބެލުން، ބޭސް އަޅައިދިނުން، އެދުމަތިކޮށްގެން ފަރުވާ ދިނުން، ބައެއް ކަހަލަ ލެބޯޓަރީ ޓެސްޓްތައް ކުރުން، އެކްސްރޭ ނަގައިދިނުން ކުދިކުދި އޮޕަރޭޝަންތައް ކުރުން، މާބަނޑު މީހުން ގަވާޢިދުން ބަލައި ޗެކްކުރުން، ވެކްސިން ޕްރޮގްރާމް ހިންގުން،ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ. އަމިއްލަ 2 ބޭސް ފިހާރަ ނިލަންދޫގައި ހިންގައެވެ. 2007ވަނަ އަހަރު އޮގަސްޓްމަހުގެ މައުލޫމާތު ތަކަށް ބަލާއިރު ފ.އަތޮޅު ހޮސްޕިޓަލްގައި 2 ހައުސް އޮފިސަރުން، އަންހެނުންގެ ބަލިތަކުގެ ޑަކްޓަރެއް އަދި ހޭނައްތާ ބަލިތަކުގެ ޑަކްޓަރެއް، މަސައްކަތް ކުރެއްވަމުން ދިޔައެވެ.

ބޭސް ފިހާރަ[އުނިއިތުރު ގެންނަވާ]

ފ.ނިލަންދޫގައި ހުންނަ އަމިއްލަ ބޭސް ފިހާރަ މެޑިސިން ޒޯން4 ފުރަތަމަ ހިންގާފައިވަނީ ނިލަންދޫ ޞިއްހީ މަރުކަޒު ހުރި އިމާރާތުގައެވެ. އެއަށްފަހު ފ.އަތޮޅު ޞިއްޙީ މަރުކަޒު ހެދުމާއި ގުޅިގެން ބޭސް ފިހާރަ ވެސް ވަކި އިމާރާތަކަށް ބަދަލު ކުރެވުނެވެ. އެގޮތުން މެޑިސިން ޒޯން4 ހިންގަނީ ނިލަންދޫ ރައްޔިތުންގެ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ. މެޑިސިން ޒޯން4 ހިންގަމުންދަނިކޮށް ބަގީޗާ ފާރމަސީގެ ނަމުގައި ފާރމަސީއެއް ހުޅުވާފައި ވެއެވެ. ނަމަވެސް މިތަން ވަނީ 2007 ވަނަ އަހަރުގެ ކުރީކޮޅު ބަންދުކޮށްފައެވެ.

ދިވެހި ބޭސްވެރިން[އުނިއިތުރު ގެންނަވާ]

ނިލަންދޫގައި ދިވެހި ބޭސްވެރިކަމުގެ ޚިދުމަތް ދެއްވާ ފަރާތެއް މިހާރު ވެސް ހުރެއެވެ. އެއީ ފ.ނިލަންދޫ އޯކިޑްވިލާ އަހުމަދު ޢަލީ އެވެ. ތަފާތު ވައްތަރުގެ ދިވެހި ބޭހުގެ ފަރުވާ އަހުމަދު ޢަލީ ދެއްވައެވެ.

ކަރަންޓްގެ ޚިދުމަތް[އުނިއިތުރު ގެންނަވާ]

ނިލަންދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ނިލަންދޫގެ އަމިއްލަ 02 ފަރާތަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ފަހުން ހަވީރު 6:00 ން ހެދުނު 6:00 އަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައެވެ. ރަށުގެ ޢާއްމު ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ ކަރަންޓު ބޭނުންކުރާ މީހުންގެ ޢަދަދާއި ތަކެތީގެ ޢަދަދު އިތުރުވުމުން ކަރަންޓް ދޫކުރަމުން ގެންދިޔަ 02 ފަރާތަށް އެކަށިގެންވާ ގޮތަކަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ފެށިއެވެ.

ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ރައްޔިތުން ރޮދަށް ގޮސްގެންނާއި، އުފަންބޮލުން މީސްމީހުންގެ އަތުން ފައިސާ ނަގައިގެންނާއި،އެނޫންވެސް ގޮތްގޮތުން ރައްޔިތުން މަސައްކަތްކޮށްގެން 23.5 ކިލޯވޯޓުގެ 02 ޖަނަރޭޓަރު ގެނެސް 13 ޖޫން 1995 ގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ދޭންފެށީ ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޖަނަރޭޓަރު ގެއިން ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. މި އިންޖީނުގެ ހުޅުވައިދެއްވީ 30 އޭޕްރީލް 1996 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ.

ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އިތުރު ޖަނަރޭޓަރު ސެޓްތައް ގެނެސް 22 ޖޫން 1999 ގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން އޭ.ޑީ.ބީ ލޯނު ޕްރޮޖެކްޓެގެ ދަށުން އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 16 މާރޗް 2007 ގައެވެ.

އަމިއްލަ މީހުންގެ އިންޖީނުގެ[އުނިއިތުރު ގެންނަވާ]

ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ހެދުމުގެ ކުރިން ނިލަންދޫ އަށް ކަރަންޓް ފޯރުކޮށްދިނީ އަމިއްލަ ދެފަރާތަކުންނެވެ. އެއީ ސޯސަންވިލާ ޢަބުދުއްރައްޒާގު މުޙައްމަދު ސޯސަންވިލާގައި ހިންގި އިންޖީނުގެ އިންނާއި، ބަގީޗާގެ މޫސާ އަހުމަދު ބަގީޗާގޭގައި ހިންގެވި އިންޖީނުގެ އިންނެވެ. އޭރު ރަށުގެ މަގުތަކުގައި ހޮޅިބުރި ޖަހައިގެން އަލިކޮށްފައެއް ނުވެއެވެ.

ނިލަންދޫ ރައްޔިތުންގެ ބާ އިންޖީނުގެ[އުނިއިތުރު ގެންނަވާ]

ނިލަންދޫ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މީގެ އަހަރުތަކެއް ކުރިން ފެށިގެން އަންނަނީ ލިބެމުންނެވެ. ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހިންގާ އިންޖީނުގެ އިން މުޅި ރަށަށް ބޭނުންވާ ކަރަންޓްގެ ޚިދުމަތް ދިޔައީ ފޯރުކޮށްދެމުންނެވެ. ނިލަންދޫ ރައްޔިތުންގެ ބާއިންޖީނުގެ ހުންނަނީ ފ.އަތޮޅު އޮފީސް އިމާރާތާއި ވިދިގެން ވެޔޮދޮށު މައިޒާން ގައެވެ. މިއިންޖީނުގެއިން ދެވޭ ކަރަންޓްގެ އެހީގައި މުޅި ރަށުގެ ހުރިހާ މަގެއްގައި 100 ފޫޓް ދުރުމިނުގައި ހޮޅި ޖަހައި މަގުތައް އަލިކުރެވިފައި ވެއެވެ. މީގެ އިތުރުން މީހުން އުޅޭ ހިސާބު ވަށައިގެންވާ ހޭޅިފަށުގައިވެސް ހޮޅިދަނޑި ހަރުކުރެވިފައި ވެއެވެ.

ފ.ނިލަންދޫ އާ އިންޖީނުގެ

ނިލަންދޫ ރައްޔިތުންގެ އާ އިންޖީނުގެ[އުނިއިތުރު ގެންނަވާ]

ނިލަންދޫ ރައްޔިތުންގެ އާ އިންޖީނުގެ ވަނީ ދާދި ފަހުން ހުޅުވިފައެވެ. އަދި 200 ކިލޯ ވޯޓްގެ ބޮޑު އިންޖީނެއް ދާދި ފަހުން ވަނީ ބެހެއްޓިފައެވެ. މިއިންޖީނުގެ ހުންނަނީ ނިލަންދޫ ހުޅަގުކޮޅު ބަދަރުގައެވެ. މުދާ ބާލާ ޖެޓީ ކައިރީގައި ބިނާކުރެވިފައިވާ މިއިންޖީނުގޭގެ ކަންތައްތައް ބަލަހައްޓައި ހަދަނީ ނިލަންދޫ ރައްޔިތުންގެ އޮފީހުންނެވެ. އާއިންޖީނުގެ އަށް ކަރަންޓް ބަދަލުކޮށް އަލަށް ފޮށީތައް ބަހައްޓައި ކޭބަލްތައް ވަޅުލުމާއި އެހެނިހެން މަސައްކަތްތައް ނިލަންދޫ ރައްޔިތުންގެ ޚަރަދުގައި ކޮށްދީފައިވަނީ އެސްޓިމޭޓް އުސޫލުން ނަމީރާ ކުންފުނިންނެވެ.

ނިލަންދޫ އާޘާރީ ސަރަޙައްދު[އުނިއިތުރު ގެންނަވާ]

ނިލަންދޫ ގައި އޮންނަ އާސާރީ ސަރަހައްދަކީ ދިވެހި ރާއްޖޭގައި ތާރީޚީ ގޮތުން ބަލާއިރު ވަރަށް ފާހަގަ ކޮށްލެވޭ ތަނެކެވެ. އެސަރަހައްދުގައި ހުރި ނިލަންދޫ އާސާރީ މިސްކިތަކީ ދިވެހި ރާއްޖެ އިސްލާމްވުމަށްފަހު އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. މިސަރަހައްދުގައިވާ އާސާރީ ތަންތަނަކީ މީލާދީ ސަނަތުގެ 6 ވަނަ ގަރުނުގެ ތެރޭގައި ބިނާކޮށްފައިވާ ތަންތަންކަން ސައިންޓިފިކް ހޯދުންތަކުން އެގެއެވެ.

އާސާރީ މިސްކިތް[އުނިއިތުރު ގެންނަވާ]

ފ.ނިލަންދޫ އާސާރީ މިސްކިތް

ނިލަންދޫ އާސާރީ ސަރަހައްދުގައި ހުންނަ އާސާރީ މިސްކިތަކީ ދިވެހި ރާއްޖޭގެ ތާރީކްގައި ވަރަށް ފާހަގަ ކޮށްލެވޭނެ މިސްކިތެކެވެ. ބުނެވޭގޮތުގައި މިިމިސްކިތަކީ ދިވެހި ރާއްޖެ އިސްލާމް ކުރެއްވި އިރު ހުންނެވި ރަދުން އައްސުލްތާން މުޙައްމަދު ބިން ޢަބުދުﷲ ބިނާކުރެއްވި 3 މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ މާލޭ ހުކުރު މިސްކިތާއި، ދަރުމަވަންތަ މިސްކިތެވެ. ކުރިން ނިލަންދޫ އާސާރީ މިސްކިތުގައި ކުރިން ހުކުރު ކޮށްފައި ވެއެވެ.

ފޯމަތި[އުނިއިތުރު ގެންނަވާ]

ފޯމަތި މިނަން ކިޔަނީ ނިލަންދޫ އާސާރީ ސަރަހައްދުގައި އޮންނަ އުސް ފަސް ގަނޑަކަށެވެ. ކުރިން އުސްމިނުގައި 30 ފޫޓް ހުރި މިފަސް ގަނޑުން ފަސް ނެގުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ތިރިވެފައެވެ. މިހާރު މިފަސްގަނޑުގެ އުސްމިނުގައި ހުރީ ގާތްގަނޑަށް 10 ފޫޓް ވަރުކަމަށް ބުނެއެވެ.

ފެންވަޅު[އުނިއިތުރު ގެންނަވާ]

ނިލަންދޫ އާސާރީ މިސްކިތުގެ ގޯތީގެ ތެރޭގައި ހުންނަ ބޮޑު ފެންވަޅަކީ ނިލަންދޫ ރައްޔިތުން މިހާރު ވެސް ބުއިމަށް ބޭނުންކުރާ ފެން ގެންދާ ވަޅެކެވެ. އެންމެ ކުރީ ޒަމާނުގައި ރައްޔިތުން މުޅިންވެސް ބޭނުންކުރަނީ މިވަޅު ކަމަށް ވެއެވެ.

ވެޔޮ[އުނިއިތުރު ގެންނަވާ]

ނިލަންދޫ އާސާރީ ސަރަހައްދުގައިވާ އާސާރީ މިސްކިތުގެ ކުރިމަތިން ބިމުގެ އަޑީގައި މިވެޔޮ ވެއެވެ. މިވެޔޮ ވަނީ ފަސް އަޅައި ބައްދައި ލައިފައެވެ. 1984 ގައި ނޯރވޭގެ އާކިއޮލޮޖިސްޓް ތޯހާ ދާލް ވަނ މިވެޔޮ ކޮނެ ދިރާސާތަކެއް ކޮށްފައެވެ. މުސްތަގުބަލްގައި މިވެޔޮކޮނެ ފެންނަގޮތަށް ހަދައިފިނަމަ ފަތުރުވެރިންނަށް ޚާއްޞަ މަންޒިލަކަށް ނުވަތަ ސައިޓަކަށް މިތަން ހެދިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކްލަބު ޖަމްޢިއްޔާތައް[އުނިއިތުރު ގެންނަވާ]

ޑޭލައިޓް ކްލަބް[އުނިއިތުރު ގެންނަވާ]

ޑޭލައިޓް ކްލަބަކީ ނިލަންދޫގައި އެންމެ ދުވަސްވީ ކްލަބް ނުވަތަ ޖަމްޢިއްޔާ އެވެ. މީގެ އެތައް އަހަރެއް ކުރިން އުފެދުނު މިޖަމްއިއްޔާގެ އިދާރާ ހުންނަނީ ފ.ނިލަންދޫ ދަނބުގޭގައެވެ. މިޖަމްޢިއްޔާއިން ރަށުގެ ތަރައްގީ އަށް ތަފާތު ޚިދުމަތްތައް ކޮށްދީ އަދި އެފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރި ވެފައި ވެއެވެ. ނިލަންދޫގައި ބިނާކުރެވިފައިވާ މަސްޖިދުއް ސަލާމް އަކީ ޑޭލައިޓް ކްލަބްގެ ވަރަށް ބޮޑު އެހީއާއެކު ބިނާކުރެވިފައިވާ ތަނެއްކަން ފާހަގަ ކުރެވެއެވެ.

ފ.އ.ތ.މ އިސްދަރިވަރުންގެ ޖަމްއިއްޔާ[އުނިއިތުރު ގެންނަވާ]

ފ.އ.ތ.މ އިސްދަރިވަރުންގެ ޖަމްއިއްޔާ އަކީ ފ.އަތޮޅު ތަޢުލީމީ މަރުކަޒު ނިންމާ ދަރިވަރުންގެ ތެރެއިން ޖަމްއިއްޔާގައި ބައިވެރިވާން ބޭނުން މީހުންނަށް ވަނުމުގެ ފުރުޞަތު އޮންނަ ޖަމްޢިއްޔާ އެކެވެ. މިޖަމްޢިއްޔާ އުފެދިފައިވަނީ 1990 ގެ އަހަރު ތަކުގެ ކުރީކޮޅުގައެވެ. މިއީވެސް ތަފާތު ތަރައްގީގެ ހަރަކާތްތަކުގައި ބައިވެރިވާ ޖަމްއިއްޔާއެއްކަން ފާހަގަ ކުރެވެއެވެ.

ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ[އުނިއިތުރު ގެންނަވާ]

ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ އަކީ 2006 ވަނަ އަހަރުގައި އުފެދިފައިވާ ޖަމްއިއްޔާ އެކެވެ. އުމުރުން ހަގު މިޖަމްއިއްޔާއަކީ އިލްމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކެއް ހިމެނޭ ޖަމްއިއްޔާ އެކެވެ. ތަފާތު ކުޅިވަރު މުބާރާތްތައް ރާވައި ހިންގުމުގެ މިޖަމްޢިއްޔާ ދަނީ ހަރަކާތްތެރި ވަމުންނެވެ.

ޑޯން[އުނިއިތުރު ގެންނަވާ]

ޑިވެލޮޕްމަންޓް އެންޑް ވެލްފެއަރ އެސޯސިއޭޝަން އޮފް ނިލަންދޫ 'ޑޯން ގެ ނަމުގައި މާލޭގައި އުޅޭ ނިލަންދޫ ރައްޔިތުން ޖަމްޢިއްޔާއެއް ރަޖިސްޓްރީ 23 އޮގަސްޓް 2007 ގައެވެ. މިޖަމްޢިއްޔާގައި މިހާރު 100 އަށްވުރެ ގިނަ މެންބަރުން ތިބިކަމަށް ވެއެވެ. މިއީ ރަށުގެ ތަރައްގީއަށްޓަކައި ތަފާތު ހަރަކާތްތައް ހިންގުމަށް މާލޭގައި އުޅޭ ނިލަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެގެން އުފެއްދި ޖަމްޢިއްޔާއެކެވެ.

ސަރުކާރުގެ މުއައްސަސާތައް[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު އޮފީސް[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު އޮފީސް ނިލަންދޫއަށް ސަރުކާރުން ބަދަލު ކުރައްވާފައިވަނީ 18 ޖެނުއަރީ 1999 ގައެވެ. އޭގެ ކުރިން އަތޮޅުއޮފީސް ހިނގަމުން ދިޔައީ މިއަތޮޅު މަގޫދޫގައެވެ. މިހާތަނަށް މިއަތޮޅުގައި 35 ބޭފުޅުން އަތޮޅުވެރިކަން ކުރައްވާފައި ވެއެވެ. އެންމެ ފުރަތަމަ މިއަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފައިވާކަން އެނގިފައިވަނީ 1904 ވަނަ އަހަރު މާފަތްގޭ އަލްމަރުޙޫމް ޙަސަންމަނިކެވެ.

ނިލަންދެ އަތޮޅު އުތުރުބުރީ ޕޮލިސް ސްޓޭޝަން[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު ތަޢުލީމީ މަރުކަޒު[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު ތަޢުލީމީ މަރުކަޒަކީ 1986 ވަނަ އަހަރު ހުޅުވުނު ސުކޫލް އެކެވެ.ފ.އަތޮޅު ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފެށިފައިވަނީ 20 ފެބްރުއަރީ 1986 ން ފެށިގެންނެވެ.ފ.އަތޮޅު ތައުލީމީ މަރުކަޒު ހުޅުވައިދެއްވީ އޭރުގެ އެޑިޔުކޭޝަން މިނިސްޓަރ ޑރ މުޙައްމަދު ޒާހިރު ޙުސައިން އެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ.

ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998 ވަނަ އަހަރު ގްރޭޑް 10 ށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ. 2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒު.

ސާނަވީ ތަޢުލީމް ފެށިގެން އައީ ކޮމާރސް ސްޓްރީމުން ކަމަށް ވިޔަސް އޭގެ ފަހުން ސައިންސް ސްޓްރީމް 2000 ވަނަ އަހަރުގައި ތަޢާރަފް ކުރެވިފައި ވެއެވެ. މިމަރުކަޒުން މިހާރު ލިބެން ހުރި ޚިދުމަތްތަތަކަށް ބަލާއިރު، ލައިބްރަރީ، ޓީޗިންގ ރިސޯސް ސެންޓަރު، ސައިންސް ލެބް، އަދި ކޮމްޕިއުޓަރު ލެބްގެ ޚިދުމަތް ފާހަގަ ކޮށްލެވެއެވެ. ސާނަވީ ތައުލީމު ފެށުނުތާ 11 އަހަރު ފަހުން 2008 ވަނަ އަހަރު މިމަރުކަޒުގައި މަތީ ސާނަވީ އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

ފ.ނިލަންދޫ އޮފީސް[އުނިއިތުރު ގެންނަވާ]

މިއަތޮޅު އަތޮޅު އޮފީސް 18 ޖެނުއަރީ 1999 ގައި ނިލަންދުއަށް ބަދަލުކުރެއްވުމާއި ގުޅިގެން ނިލަންދޫ އޮފީސް ހިނގަމުން ދިޔަ ޢިމާރާތަށް އަތޮޅު އޮފީސް ބަދަލުކުރުމުން އެ ތާރީޚުން ފެށިގެން 30 ނޮވެމްބަރ 2000 އަށް ނިލަންދޫ އޮފީސް ހިންގާފައިވަނީ ނިލަންދޫ ބީޗްހައުސް ގައެވެ. ނިލަންދޫގައި އަލަށް ޢިމާރާތްކުރި ނިލަންދޫ ކޯޓުގެ މަސައްކަތްނިމި އެ ޢިމާރާތަށް ކޯޓުގެ މަސައްކަތް ބަދަލުކުރުމާ ހަމައަށް ނިލަންދޫ ކޯޓުވެސް ހިންގާފައިވަނީ ބީޗްހައުސް ގައެވެ. 01 ޑިސެމްބަރ 2000 ން ފެށިގެން ނިލަންދޫ އޮފީސް ހިންގަމުންދަނީ ނިލަންދޫ އަންހެނުންގެ މަރުކަޒުގައެވެ ނިލަންދޫ އަންހެނުންގެ މަރުކަޒަކީ ނިލަންދޫ ރައްޔިތުން ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ އެހީއާއި އެކު ނިލަންދޫ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ޢިމާރާތެކެވެ.

ފ.ނިލަންދޫ ކޯޓް[އުނިއިތުރު ގެންނަވާ]

ފ.އަތޮޅު ހޮސްޕިޓަލް[އުނިއިތުރު ގެންނަވާ]

ޢަބުދުﷲ އިސްމާޢިލްގެ ހަދާނީ ލައިބްރަރީ[އުނިއިތުރު ގެންނަވާ]

ފޮޓޯ ގެލެރީ[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

ރިފަރެންސް[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް