ނައިފަރު (ޅ. އަތޮޅު)
މި ރަށަކީ ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ޖަޒީރާ ރަށެކެވެ. މިރަށުގައިވާ އެންމެ ފާހަގަ ކުރެވޭ ކަމަކީ ވާހަކަ ދައްކައި އުޅޭ ބަހުރުވައެވެ.
ޖިއޮގްރަފީ
[އުނިއިތުރު ގެންނަވާ]މި ރަށް އޮންނަނީ އުތުރު ޢަރުޟުން 5.444 ދަރަޖަ، އިރުމަތީ ޠޫލުން 73.366 ދަރަޖައިގައެވެ. ރަށް އޮންނަނީ ޅ. އަތޮޅުގެ ހުޅަނގުބިތުގައެވެ. ރަށުގައި ކުޅި، ކަނޑޫފާ ފަދަ ތަންތަނެއް ނުހުރެއެވެ. އަދި ގަސްބޯ ޖަންގައްޔެއްވެސް ނުވެއެވެ. ރަށުގެ ބޮޑުމިނަކީ 55.5 ހެކްޓަރެވެ. އެއީ ރަށުގެ ފަޅުން އެކިދުވަސްވަރު ހިއްކައިގެން ބޮޑުކުރެވިފައިވާ ބައިތައް ހިމަނައިގެންނެވެ. ގުދްރަތީ ގޮތުން އުފެދިފައިވާ ބައިގެ ބޮޑުމިނަކީ ގާތްގަނޑަކަށް 15 ހެކްޓަރެވެ. ރަށުގެ ބިންފުރުމުގެ ސަބަބުން ބާޑީ ދޫކޮށްގެން ރަށުގެ އެކި ދިމަދިމާއިން އަމިއްލަ މީހުންގެ މަސައްކަތުން ހިއްކަމުން ގެންދަނިކޮށް 1991 ހިސާބުގައި ރަށުގެ ފަޅު ފުންކުރިއިރު ނެގި ފަސް އަޅައިގެން ބައެއް ދިމަދިމާއިން ރަށަށް ބައިތައް އިތުރު ކުރެވުނެވެ. އެހައިތަނަށް ރަށުގެ ބޮޑުމިން 22 ހެކްޓަރު ހަމަވެއްޖެއެވެ. މިހެން އޮއްވާ 2003 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ނައިފަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. 2005 ނިމުނުއިރު ރަށުގެ ބޮޑުމިން 53 ހެކްޓަރު ހަމަވެއްޖެއެވެ. އެއަށްފަހު 2012 ވަނަ އަހަރުން ފެށިގެން ރަށުގެ އާ ބަނދަރު ހެދުމަށާއި ކުރީގެ ބަނދަރު މަރާމާތުކޮށް އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ ސަބަބުން ރަށުގެ ބޮޑުމިން 55.5 ހެކްޓަރަށް އިތުރުވީއެވެ.
މީހުން
[އުނިއިތުރު ގެންނަވާ]ނައިފަރުގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީއަކީ 2015 ގެ ނިޔަލަށް 5210 އެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެގި ބޯހިމެނުމުގެ ހިސާބު ދައްކާ ގޮތުން ނައިފަރުގައި ދިރިއުޅެނީ 4141 މީހުންނެވެ. ރަށުގެ ގިނަބަޔަކު ވަޒީފާ ހޯދުމަށާއި ދަރިންނަށް ކިޔަވައިދިނުމަށް މާލޭގަޔާއި ރިސޯޓްތަކުގައި ދިރިއުޅެއެވެ.
އިޤްތިޞާދު
[އުނިއިތުރު ގެންނަވާ]އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ރޭނުމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތް ތަކުގައި ވަޒީފާ އަދާ ކުރުމެވެ.