Jump to content

ނިލަންދެއަތޮޅު އުތުރުބުރި

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Faafu Atoll އިން)

ފ.އަތޮޅު ފ.އަތޮޅު

ޚުލާޞާ މަޢުލޫމާތު
އިދާރީ ނަން: ފ.އަތޮޅު
އަތޮޅުގެ ނަން: ނިލަންދެއަތޮޅު އުތުރުބުރި
އޮތްތަން: 3° 20' N and 3° 03' N
އިނގިރޭސި ކޯޑު: L
އަކުރު: F (ފ)
ވެރިރަށް: ނިލަންދޫ
އާބާދީ: 4641
ރަށްތަކުގެ ޢަދަދު: 23
މިޙުން އުޅޭ ރަށްތައް: 5
އަތޮޅުވެރިޔާ: ޢަބުދުﷲ ޖަމީލް
މީހުން އުޅޭ ރަށްތައް
ބިލެއްދޫ - ދަރަބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ފަޅު ރަށްތައް

Badidhiffusheefinolhu Dhiguvarufinolhu Enbulufushi Faanuvaahuraa Himithi Jinnathugau Kandoomoonufushi މާފުށި Maavaruhuraa Madivaruhuraa Makunueri Minimasgali Villingilivarufinolhu Voshimasfalhuhuraa

ފަތުރުވެރި ރަށްރަށާއި، ވައިގެ ބަނދަރުތަކާއި، ސިނާއީ ރަށްތައް ބެލެވެނީ ފަޅު ރަށްރަށުގެ ގޮތުގައެވެ.

ނިލަންދެއަތޮޅު އުތުރުބުރި އަކީ ދިވެހިރާއްޖޭގެ އަތޮޅެކެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ނިލަންދޫ އެވެ. މިއަތޮޅަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލެއާއި 70 މޭލު ދުރުގައި އަރިއަތޮޅުގެ ދެކުނުން ރާއްޖޭގެ ދެކުނުދުނީގައި އޮންނަ އަތޮޅެކެވެ.

ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލޭގެ ދެކުނުން ގާތްގަނޑަކަށް 113.40 ކިލޯމީޓަރު ދުރުގައިވާ ނިލަންދެއަތޮޅު އުތުރު ބުރިއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ކުޑައަތޮޅެވެ. އަދި ފުވައްމުލަކު ފިޔަވައި މީހުން ދިރިއުޅޭ އެންމެ މަދު ރަށްތަކެއް ހިމެނޭ 3 އަތޮޅުގެ ތެރެއިން އެއްއަތޮޅުވެސް މެއެވެ. ނިލަންދެއަތޮޅު އުތުރުބުރިއާއި އެއްވަރަށް މީހުން ދިރިއުޅޭ ރަށްތަކެއް ދެން ހިމެނިފައިވަނީ އަތޮޅު ތަކަކީ ފެލިދެ އަތޮޅު، އަދި ފާދިއްޕޮޅު އެވެ. މިއިން ކޮންމެ އަތޮޅެއްގައިވެސް ޖުމްލަ މީހުން ދިރިއުޅޭ 5 ރަށް އެކުލެވެއެވެ. މިއަތޮޅުގައި އޮންނަނީ ޖުމްލަ 23 ރަށެވެ. މީގެތެރެއިން މީހުން ދިރިއުޅެނީ 5 ރަށުގައެވެ. އެރަށްތަކަކީ ފީއަލީ، ބިލެއްދޫ، މަގޫދޫ، ދަރަބޫދޫ އަދި ނިލަންދޫއެވެ. މިއަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ފިލިތެޔޮ އައިލެންޑް ރިސޯޓެވެ. މިއަތޮޅު މާފުއްޓަކީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ރަށެކެވެ. މިއަތޮޅުގައި ކުރިން މީހުން ދިރިއުޅެމުން ދިޔަ މިހާރު ފަޅުރަށެއް ކަމުގައިވާ ހިމިއްޗަކީ އަމިއްލަ ފަރާތަކަށް ދިގު މުއްދަތަކަށް ސަރުކާރުން ކުއްޔަށް ދެއްވާފައިވާ ރަށެކެވެ.

މިއަތޮޅު އޮންނަނީ އަރިއަތޮޅު ދެކުނު ބުރިއާއި، ނިލަންދެ އަތޮޅު ދެކުނު ބުރިއާއި ދެމެދު ގައެވެ. މިއަތޮޅުގެ ދިގުމިނުގައި 30 ކިލޯމީޓަރު ހުންނަ އިރު ފުޅާ މިނުގައި 27 ކިލޯ މީޓަރު ހުރެއެވެ. ސަރުކާރުގެ ހިންގުމުގެ އިދާރީ ގޮތުން ބޭނުންކުރެއްވުމަށް މިއަތޮޅަށް ދެވިފައިވާ އިގިރޭސި އަކުރަކީ L އެވެ. މިއަތޮޅުގައި މީހުން އުޅޭ 5 ރަށާއި، ފަޅު 18 ރަށް އޮވެއެވެ. މިއަތޮޅުގެ ބޮޑުމިނަކީ އުތުރުން ދެކުނަށް ގާތްގަނޑަކަށް ¾16 މޭލު، އަދި އިރުން ހުޅަގަށް ގާތްގަނޑަކަށް ½14 މޭލެވެ. އަތޮޅުއޮތީ އުތުރުޢަރުޟުން °03-'03 އާއި °03-'20 ދެމެދުއެވެ.

މިއަތޮޅުގައި ވަރަށްގިނަ ކަނޑުއޮޅިތައް ހުރެއެވެ. މިއަތޮޅުގެ ވަށައިގެންވާ ފަރަކީ މާލެއަތޮޅުގެ ދެކުނުބުރިއަށްވުރެވެސް ރީތިކޮށް ފާހަގަކުރެވިފައިވާ ފަރެކެވެ. މިއަތޮޅުގެ އެތެރެވަރިއަކީ، ވަރަށް ބޮޑަށް ހުޅުވިފައިވާ އެތެރެވަރިއެކެވެ. ނަމަވެސް ބޮޑެތިފަރު މަދުމަދުން ނަމަވެސް އަތޮޅުތެރޭގައި ހުރެއެވެ. އަތޮޅުގައި އޮންނަ އެންމެ ބޮޑުފަޅަކީ ނިލަންދުއާއި ހިމިއްޗާއި ދޭތެރޭގައި އޮންނަ މާވަރު ފަޅުނަމަކަށް ކިޔާ ފަޅެކެވެ. ލަފާކުރެވޭގޮތުން މިފަޅުގައި ނިލަންދޫ ފަޅުގެ ދެގުނަ ހުންނާނެއެވެ.

ވެރިކަންކުރާ ރަށް

[އުނިއިތުރު ގެންނަވާ]

1999ވަނަ އަހަރުންފެށިގެން މިއަތޮޅުގެ ވެރިކަން ކުރަމުން އަންނަނީ އަތޮޅުގެ އެންމެ ދެކުނަށް އޮންނަ ނިލަންދޫ ގައެވެ އެއިގެކުރިން ވެރިކަން ކުރަމުން ގެންދިޔައީ މަގޫދޫ ގައެވެ. މަގޫދޫ އިން ނިލަންދޫ އަށް ރަސްމީގޮތުން ވެރިކަން ބަދަލު ކުރެވުނީ 24 ޖެނުއަރީ 1999 ގައެވެ. 18 ޖެނުއަރީ 1999 ން ފެށިގެން މިއަތޮޅުގެ އަތޮޅުވެރިކަން ކުރަމުންދަނީ ނިލަންދޫގައެވެ. އޭގެ ކުރީގައި އަތޮޅުގެ ވެރިކަން ކޮށްފައިވަނީ މިއަތޮޅު މަގޫދޫގައެވެ. ގިނަ ޒަމާންތަކެއް ވަންދެން މަގޫދޫގައި އަތޮޅުވެރިކަން ކުރުމަށްފަހު އަތޮޅުވެރިކަން ނިލަންދޫއަށް ބަދަލު ކުރެއްވީ ނިލަންދޫއަކީ އަތޮޅުގައި އޮތް އެންމެ އާބާދީބޮޑު، ބިންބޮޑު އަދި ފަޅުވެސް އެންމެބޮޑު ރަށްކަމަށްވެފައި ދުރުމުސްތަޤްބަލަކަށް ބަލާއިރު އެންމެ ގިނަބަޔަކަށް ލުއިފަސޭހަ ގޮތެއްގައި އަތޮޅުގައި ދިރިއުޅެވޭނެރަށަކީ ނިލަންދޫކަމަށް ވާތީއެވެ. ނިލަންދޫއަށް އަތޮޅުވެރިކަން ބަދަލުކުރެއްވުމުން އަތޮޅު އޮފީހުގެ ގޮތުގައި މިހާރު ބޭނުންކުރަމުން ދަނީ ނިލަންދޫ އޮފީހެވެ. އަތޮޅު ގެއެއްގެ ގޮތުގައި ފުރަތަމަ ބޭނުންކުރީ ނިލަންދޫ ރައްޔިތުންގެ ރަށްވެހިގެއެވެ. ނަމަވެސް 03 ނޮވެމްބަރ 2002 ން ފެށިގެން އަތޮޅު ގެއެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ ސަރުކާރުން އަލަށް ޢިމާރާތް ކޮށްދެއްވި އަތޮޅުގޭ ޢިމާރާތުގައެވެ.

އާބާދީގެ ޖުމްލަ

[އުނިއިތުރު ގެންނަވާ]

އެންމެ ފަހުގެ ބޯހިމެނުން ދައްކާގޮތުން މުޅިއަތޮޅުގެ އާބާދީއަކީ 4790 މީހުންނެވެ.އެއީ 2435 ފިރިހެނުންނާއި،2355 އަންހެނުންނެވެ. އަތޮޅުގެ އެންމެ މަދުން މީހުން ދިރިއުޅޭ ދަރަބޫދޫގައި 398 މީހުން ދިރިއުޅޭއިރު އެންމެ އާބާދީ ބޮޑުރަށް ނިލަންދޫގައި 1670 މީހުން ދިރިއުޅޭމުން ގެންދެއެވެ.

އާބާދީ ވަޒަންވެރިވެފައިވާގޮތް

[އުނިއިތުރު ގެންނަވާ]

މުޅި ފ.އަތޮޅުގެ އާބާދީ އަށް ބަލާއިރު އާބާދީގެ 35 އިންސައްތަ ދިރިއުޅެނީ ވެރިރަށް ނިލަންދޫ ގައެވެ. 22 އިންސައްތަ ދިރިއުޅެނީ ބިލެއްދޫ ގައެވެ. އަތޮޅުގައި އާބާދީ އެންމެ ބޮޑަށް މަދުވަމުންދާ ރަށެއްކަމަށް ފާހަގަ ކުރެވިފައިވަނީ ދަރަނބޫދޫ އެވެ. 2000 ވަނަ އަހަރުން ފެށީގެން 2005 ވަނަ އަހަރުގެ ނިޔަލަށް އަތޮޅުގެ އާބާދީ އިތުރުވެފައިވާ ނިސްބަތަކީ 1.8 އެވެ.

ޖިންސްގެ ތަފާތު

[އުނިއިތުރު ގެންނަވާ]

2006ވަނަ އަހަރުގެ ބޯހިމެނުގައި ފާހަގަ ކުރެވިގެންދިޔަ އެއްކަމަކީ ފ.އަތޮޅުގެ ޖުމްލަ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު އާބާދީ މަދުވަމުންދާ ކަމެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާތައް ދައްކާ ގޮތުން މުޅި ރާއްޖޭގެ އާބާދީގައި ނިސްބަތުން ގިނައީ ފިރިހެނުންނެވެ. ނަމަވެސް ފ.އަތޮޅުގެ އާބާދީގައި ގިނައީ އަންހެނުންނެވެ. އެއީ ކޮންމެ 100 އަންހެނަކަށް 94 ފިރިހެނުންނެވެ.

2006 ވަނަ އަހަރުގެ ބޯހިމެނުގެ ހިސާބުތަކަށް ބަލާއިރު ޖިންސްގެ ތަފާތު އެންމެ ބޮޑީ ފ. ދަރަނބޫދޫ ގައެވެ. އެއީ ކޮންމެ 100 އަންހެނަކަށް 107 ފިރިހެނުންނެވެ. އަދި ޖިންސްގެ ނިސްބަތް އެންމެ ކުޑައީ ފ. ފީއަލީ ގައެވެ. އެއީ ކޮންމެ 100 އަންހެނަކަށް 76 ފިރިހެނުންނެވެ.

ފ.އަތޮޅުގައި ކުރެވެމުންދާ އިޤްތިޞާދީ މަސައްކަތަށް ބަލާއިރު، ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތްތައް ގުރޫޕް ހަދައިގެން ކުރުމާއި، ވަޑާންކުރުން، ފަންގިވިނުމާއި، ރޯނު ވެށުމަކީ ވެސް މިއަތޮޅުގެ ރައްޔިތުން ކޮންއުޅޭ މަސައްކަތްތަކެވެ. އަތޮޅުގެ ވަރަށްގިނަ ބަޔަކު މާލޭގެ އެކިއެކި ވަޒީފާތަކުގައި އުޅޭކަން ވެސް ފާހަގަ ކޮށްލެވެއެވެ.މިއަތޮޅުގައި މީހުން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ވަޒީފާ އަދާކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތެވެ.

މަސްވެރިކަން

[އުނިއިތުރު ގެންނަވާ]

ފ.އަތޮޅުގެ ރައްޔިތުން އާއްމުދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމެވެ. ވަރަށް ގިނަ މީހުން ފާނައިގެ މަސައްކަތުގައި ހަރަކާތްތެރި ވެއެވެ. އިހިނެގުމާއި، ފަރުކެޔޮޅުކަން، އަދި ވަދު މަސްވެރިކަން ވެސް ކޮންމެސް މިންވަރަކަށް ކޮށް އުޅެއެވެ. ހަމަ މިހެން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެ އާއި، ރިސޯޓްތަކުގެ ވަޒީފާތަކުގައި ވެސް އުޅެއެވެ.

ދަނޑުވެރިކަން

[އުނިއިތުރު ގެންނަވާ]

ދަނޑުވެރިކަމަކީ ވަރަށް ކުރިއްސުރެ މިއަތޮޅުގެ މީހުން ކުރަމުން އަންނަ މަސައްކަތެކެވެ. ޚާއްޞަކޮށް ނިލަންދޫއަކީ ދަނޑުވެރިން ގިނަ ރަށެކެވެ. މިގޮތުން ފަތްކެޔޮ، ކަރާ، ކިއުކަމްބާ، ބަރަބޯ، ކައްޓަލަ، މިރުސް، ކޮޕީފަތް، ހިކަނދިފަތް. ކުއްޅަފިލާ ފަތް، ބަނބުކެޔޮ، އަތަ، ފޭރު، އަންނާރު، އަނބު، އަދި މިނޫނަސް ތަފާތު ބާވަތްތައް ހައްދައި އުޅެއެވެ.

އަމިއްލަ ވިޔަފާރި ހިންގުން

[އުނިއިތުރު ގެންނަވާ]

އަމިއްލަ ވިޔަފާރި ހިންގާ ފަރާތްތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް އަމިއްލަ ވިޔަފާރި ހިންގުން ދަނީ ފުޅާވަމުންނެވެ.

އެންމެ ގިނަމީހުން ހަރަކާތްތެރިވާ ދާއިރާތައް

[އުނިއިތުރު ގެންނަވާ]

2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާތައް ދައްކާގޮތުން ނިލަންދެ އަތޮޅު އުތުރު ބުރީގައި އެންމެ ގިނަ މީހުން އާމްދަނީ ހޯދުމުގެ ގޮތުން ހަރަކާތްތެރިވާ ދާއިރާ އަކީ ތަކެތި އުފެއްދުމުގެ ދާއިރާ އެވެ. ދެވަނަ އަށް މަސްވެރިކަމުގެ ދާއިރާއެވެ. އަދި ތިންވަނަ އަށް ތަޢުލީމީ ދާއިރާ އެވެ. ފިރިހެނުން އެންމެ ގިނައިން ހަރަކާތްތެރިވަނީ މަސްވެރިކަމުގެ ދާއިރާގައި ކަމަށްވާއިރު، ޢިމާރާތް ކުރުމުގެ މަސައްކަތުގައި ވެސް ގިނަ އަދަދެއްގެ ފިރިހެނުން ހަރަކާތްތެރިވާކަން ފާހަގަ ކުރެވެއެވެ. އަންހެނުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ތަކެތި އުފެއްދުމުގެ ދާއިރާއާއި ތައުލީމީ ދާއިރާގައެވެ.

އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ނިސްބަތް

[އުނިއިތުރު ގެންނަވާ]

ފ.އަތޮޅަކީ ވެސް އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުން އަދި އަންހެނުންގެ ނިސްބަތް މުޅި ރާއްޖޭގެ އެވްރެޖަށްވުރެ މަތިކަން ފާހަގަ ކުރެވޭ އަތޮޅެކެވެ. އެގޮތުން ފ.އަތޮޅުގައި އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 73 އިންސައްތަ އެވެ. އަންހެނުންގެ ނިސްބަތަކީ 63 އިންސައްތަ އެވެ. މިއީ މުޅި ރާއްޖެ އަށް ބަލާއިރު މަތީ އަދަދެއްކަމަށް ފާހަގަ ކުރެވެއެވެ.

ފ.އަތޮޅުގެ ރަށްތަކަށް ބަލާއިރު އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުން އެންމެ ގިނައީ ފީއަލީގައެވެ. އެއީ 72 އިންސައްތަ އެވެ. އިގްތިޞާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެ ގިނައީ ނިލަންދޫ ގައެވެ. އެއީ 81 އިންސައްތަ އެވެ.

މަސައްކަތެއް ހޯދަންއުޅެ މަސައްކަތެއް ލިބިފައިނުވާ ނިސްބަތް

[އުނިއިތުރު ގެންނަވާ]

2006 ވަނަ އަހަރުގެ ބޯހިމެނުމުގައި ފ.އަތޮޅުގައި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުންގެ ނިސްބަތަކީ 18 އިންސައްތަ އެވެ. މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ މީހުން އެންމެ ގިނައީ ފ. ދަރަނބޫދޫ ގައެވެ. އަދި މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުން ވެސް އަތޮޅު ގެ ނިސްބަތުން އެންމެ ގިނައީ ދަރަނބޫދޫ ގައެވެ. މިގޮތުން މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައިނުވާ އަންހެނުންގެ ނިސްބަތް ފިރިހެނުންގެ ނިސްބަތަށްވުރެ އިތުރެވެ. އެއީ 6.7 އިންސައްތަ ފިރިހެނުންނާއި، 29.2 އިންސައްތަ އަންހެނުންނެވެ.

މިހާރުގެ ތަޢުލީމީ ޙާލަތު

[އުނިއިތުރު ގެންނަވާ]

ފ. އަތޮޅު ތަޢުލިމީ ހާލަތަށް ބަލާއިރު ހުރިހާ ރަށެއްގައި ވެސް ގްރޭޑް 10 ގެ ފެންވަރަށް ކިޔަވައި ދެއެވެ. އެންމެ ފުރަތަމަ ގްރޭޑް 8 އުފައްދާފައިވަނީ ނިލަންދޫގައި ހުންނަ ފ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ. އެއީ 1996 ވަނަ އަހަރުއެވެ. އެންމެ ފަހުން ސާނަވީ ތަޢުލީމް ތަޢާރަފް ކޮށްފައިވަނީ ދަރަނބޫދޫ ގައެވެ. އެއީ 2005 ވަނަ އަހަރު އެވެ. ބެލެވޭ ގޮތުގައި މިއަހަރުގެ ޖީސީއީ އޯލެވެލްގައި ފ.ދަރަނބޫދޫ ސުކޫލްގެ ފަރާތުން ފުރަތަމަ ފަހަރަށް ބައިވެރިވާނެއެވެ.

ލިޔަންކިޔަން ދަންނަ ނިސްބަތް

[އުނިއިތުރު ގެންނަވާ]

ލިޔަން ކިޔަން ދަންނަ ނިސްބަތަށް ބަލާއިރު ފ.އަތޮޅުގެ 96 އިންސައްތަ މީހުންނަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ. ޚާއްޞަކޮށް މަގޫދޫގެ 98 އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުން ކަން ފާހަގަ ކުރެވިފައި ވެއެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުގެ ނަތީޖާ ދައްކާ ގޮތުން ފ.އަތޮޅުގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ ދަށީ ދަރަނބޫދޫ ގައެވެ. އެރަށުގައި ލިޔަން ކިޔަން ދަންނަ މީހުންގެ ނިސްބަތަކީ 93 އިންސައްތަ އެވެ.

ތަޢުލީމީ ފެންވަރު

[އުނިއިތުރު ގެންނަވާ]

ފ.އަތޮޅުގެ ތައުލީމީ ފެންވަރަށް ބަލާއިރު 6 އަހަރުން މަތީގެ އާބާދީގެ ތެރެއިން އެންމެ ގިނަމީހުން ޙާޞިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ފެންވަރަކީ ގްރޭޑް 7 ގެ ފެންވަރެވެ. އަދި ހަމަމިހެން ފ.އަތޮޅުގައި ޖީސީއީ އޯލެވެލް ޙާޞިލްކޮށްފައިވާ މީހުންގެ އަދަދު ގިނަކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ގްރޭޑް ތައުލީމް ޙާޞިލްކޮށްފައިވާ އަންހެނުންގެ ނިސްބަތް ފިރިހެނުންނަށް ވުރެ އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.

މަތީ ތައުލީމް އުގެނިގެން ތިބި ފަރާތްތައް

[އުނިއިތުރު ގެންނަވާ]

ފ.އަތޮޅަކީ އާބާދީގެ ގޮތުން ކުޑަ އަތޮޅެއް ނަމަވެސް މަތީ ތަޢުލީމު އުގެނިގެން ތިބި ގިނަ ބަޔަކު ނިސްބަތުން ތިބި ރަށެކެވެ. އަދި މިހާރު ވެސް މަތީ ތައުލީމު އުގެނުމަށް އެތައް ބަޔަކު ރާއްޖެއިން ބޭރުގައި ކިޔަވަމުން ދެއެވެ. މިގޮތުން ހަމައެކަނި ވެރިރަށް ނިލަންދޫ އިން ވެސް މިހާތަނަށް 13 ފަރާތެއްވަނީ ފުރަތަމަ ޑިގްރީ އަށްވުރެ މައްޗަށް ތަޢުލީމް ޙާޞިލް ކޮށްފައެވެ. އޭގެ ތެރެއިން ދެފަރާތެއް މާސްޓާރސް ޙާޞިލް ކުރި އިރު އިތުރު ދެފަރާތެއް މާސްޓާރސް އަށް ކިޔަވަމުން ދެއެވެ. އަދި އިތުރު 14 ކުއްޖަކު ފުރަތަމަ ޑިގްރީ އަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ކިޔަވަމުން އެބަދެއެވެ. ފީއަލިން ވެސް 3 ފަރާތެއް ފުރަތަމަ ޑިގްރީ އަށްވުރެ މައްޗަށް ތަޢުލީމް ޙާޞިލް ކޮށްފައެވެ.އަދި ދެފަރާތެއް މިހާރު ވެސް ކިޔަވަމުން ދެއެވެ. ދަރަނބޫދޫ އިން ވެސް އެކަކު ފުރަތަމަ ޑިގްރީ ޙާޞިލްކުރި އިރު ދެމީހަކު ދަނީ ކިޔަވަމުންނެވެ.

ފ.އަތޮޅުގެ ޞިއްޙީ ޙާލަތަށް ބަލާއިރު ދަރަނބޫދޫ ފިޔަވައި އެހެން ކޮންމެ ރަށެއް ގައި ވެސް ޞިއްޙީ މަރުކަޒެއް ހުރެއެވެ. ފ.އަތޮޅު ހޮސްޕިޓަލް ހުންނަނީ ފ.ނިލަންދޫ ގައެވެ. މިހޮސްޕިޓަލް ރަސްމީ ގޮތެއްގައި ހުޅުވުނީ 16 ޑިސެމްބަރު 2006 ގައެވެ. ދަރަނބޫދޫގައި ހުންނަނީ ޖަމާއަތުގެ ޞިއްޙީ އެހީތެރި އެކެވެ.. ދަރަނބޫދޫ އޮންނަނީ ވެރިރަށް ނިލަންދޫ އާއި ދާދި ކައިރީގައި ކަމަށްވުމާއެކު ދަރަނބޫދޫގެ ގިނަ ބަޔަކު ޞިއްޙީ ފަރުވާ ލިބިގަތުމަށް ނިލަންދޫ އަށް ދެއެވެ. ދަރަނބޫދޫގައި ހެލްތު ޕޯސްޓެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ދާދި ފަހުންވަނީ ފެށިފައެވެ.

ފަޅު ފުންކުރުމާއި ބަނދަރުހެދުން

[އުނިއިތުރު ގެންނަވާ]

މިއަތޮޅުގެ މަގޫދޫ ނޫން އެހެން ހުރިހާ ރަށެއްގެ ފަޅުކޮނެ ބަނދަރުވަނީ ހަދައި ދެއްވާފައެވެ. ސަރުކާރުން ހިންގަވާ ފަޅު ފުންކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ފ.އަތޮޅުގެ ގިނަ ރަށްތަކުގައި މިހާރު ވަނީ ފަޅުފުންކޮށް ބަނދަރު ހަދައިދީ ނިންމާފައެވެ. އެންމެ ފުރަތަމަ ފަޅު ފުންކޮނެ ބަނދަރު ހަދައި ދިނުމުގެ މަޝްރޫޢު ހިންގާފައިވަނީ ވެރިރަށް ފ.ނިލަންދޫގައެވެ. އެންމެ ފަހުން މިމަޝްރޫޢުގެ ދަށުން ފަޅު ފުންކޮނެ ބަނދަރު ހަދައި ދީފައިވަނީ ފ. ދަރަނބޫދޫ ގައެވެ. މިމަޝްރޫޢުގެ ދަށުން ފަޅު ފުންކޮނެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ފ.ފީއަލީގައެވެ. އެންމެ ފުރަތަމަ ހަދާފައިވާ ނިލަންދޫ ބަނދަރާއި، ދެވަނަ އަށް ހަދާފައިވާ ބިލެއްދޫގެ ބަނދަރު ސުނާމީ، އަދި ދާދި ފަހުން ކުރިމަތިވި އުދައިގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހަލާކުވެގެން ގޮސްފައެވެ.

ފަތުރުވެރިކަން

[އުނިއިތުރު ގެންނަވާ]

އަތޮޅުގައި އޮތް އެންމެ ބޮޑު ފަޅުރަށް، ފިލިތެޔޮ އަކީ ވާލީ ބްރަދާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަމުން ގެންދާ ރިޒޯޓެކެވެ. އަދި ވިބީ ބްރަދާސްގެ ފަރާތުން މާފުށީގައި ޔޮޓް މެރީނާއެއް ހަދައި ހިންގަމުން ގެންދެއެވެ. ފ.އަތޮޅުގައި ކުރިން މީހުން އުޅުނު ހިމިތި އަދި ހިމިތި ކައިރީގައިވާ މިނިމަސްގަލި، އަދި ފިލިތެޔޮ ކައިރީގައި އޮންނަ ޖިންނަތު ގައު ފަދަ ރަށްތައް ފަތުރުވެރި ރަށްތަކެއްގެ ސިފައިގައި ތަރައްގީ ކުރެވިއްޖެނަމަ ފ.އަތޮޅުގެ އިގްތިޞާދަށް އިތުރު ހަލުއިކަމެއް އަންނާނޭ ކަމަށް ފެނެއެވެ. އަދި މިބުނި 3 ރަށް ޓޫރިސްޓް ރިސޯޓް ތަކުގެ ގޮތުގައި ތަރައްގީ ވެގެން ދިއުމަކީ މިއަދު ފ.އަތޮޅު ކޮންމެ ރައްޔިތަކުމެ ދެކެމުންދާ ހުވަފެނެކެވެ.

ހިޖުރަކުރުން

[އުނިއިތުރު ގެންނަވާ]

2006 ވަނަ އަހަރުގެ ބޯހިމެނުން ހިގަމުން ދިޔަ ދުވަސްވަރު ފ.އަތޮޅު ގެ ރަށްތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ 732 މީހުން މާލޭގައި ތިބިކަން ފާހަގަ ކުރެވިފައި ވެއެވެ މީގެ ތެރޭގައި އެންމެ ގިނައީ ފ.ނިލަންދޫ މީހުންނެވެ. އެއީ 327 މީހުންނެވެ. ބޯހިމެނި ދުވަސްވަރު ފ.އަތޮޅުގައި ރަޖިސްޓްރީ ވެފައިވާ މީހުން މާލޭގައި އެންމެ މަދުން ތިބިކަމަށް ފާހަގަ ކުރެވިފައިވަނީ ފ. ދަރަނބޫދޫ އިންނެވެ. އެއީ 76 މީހުންނެވެ.

ކައިވެންޏާއި ދަރިމައިވުން

[އުނިއިތުރު ގެންނަވާ]

ފ.އަތޮޅުގައި އެވްރެޖްކޮށް ފިރިހެނުން ކައިވެނިކުރާ އަލަތު އުމުރަކީ 22 އަހަރެވެ. އަންހެނުން އަލަތު ކައިވެނި ކުރާ އުމުރަކީ 17 އަހަރެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ފ.އަތޮޅުގައި އެވްރެޖްކޮށް އަންހެނަކަށް ލިބެނީ 4 ކުދިންނެވެ. އަދި ގިނަމީހުން ވިހަނީ 15 އަަހަރާއި 19 އަހަރާއި ދެމެދުގެ އުމުރު ފުރާގައި ކަން ފާހަގަ ކުރެވިފައި ވެއެވެ.

މިއަތޮޅުގައިހުރި ތާރީޚީ ރަށްރަށަކީ ނިލަންދޫއާއި ހިމިއްޗެވެ. ނިލަންދޫގައި "ފޯއްމަތި" ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދެއް އޮވެއެވެ. ނިލަންދޫގައިވާ އާޘާރީ ތަނަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ. މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް މިއަތޮޅު ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘަރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

މިއަތޮޅު އަތޮޅު އޮފީސް ނިލަންދުއަށް ސަރުކާރުން ބަދަލު ކުރެއްވުމާއި ގުޅިގެން މަގޫދޫގައިހުރި އަތޮޅު ރައްޔިތުންގެ ވިޔަފާރިވެސް 05 މެއި 1999 ގައި ނިލަންދުއަށް ބަދަލުކުރިއެވެ. އޭރު އަތޮޅުސްޓޯރުގެ ވިޔަފާރި ކުރަމުން ދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިހާރު އަތޮޅު ސްޓޯރަކީ ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަކުރަމުން ދާ ތަނެކެވެ. ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންވާ ތަކެއްޗާއި، ކާބޯ ތަކެތީގެ އިތުރުން ޢާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހައި ތަކެއްޗެއް އަތޮޅުސްޓޯރުން މިހާރު ލިބެން ހުރެއެވެ.

ޓީޗަރސް ރިސޯސް ސެންޓަރ

[އުނިއިތުރު ގެންނަވާ]

ޔުނިސެފުގެ އެހީގައި ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޓީޗަރސް ރިސޯސް ސެންޓަރު ހުންނަނީ މިއަތޮޅު އަތޮޅުތަޢުލީމީ މަރުކަޒުގައެވެ. މިރިސޯސް ސެންޓަރުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމު ކޮށްފައިވާ ޓީޗަރުން ތަމްރީނުކުރާ ބަޔަކާއި ކޮމްޕިއުޓަރު ލެބެއް ހުރެއެވެ. މިކޮމްޕިއުޓަރ ލެބުގައި 20 ސިސްޓަމް ހުރެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ޓީޗަރސް ރިސޯސް ސެންޓަރެވެ. މިސެންޓަރުގެ ޚިދުމަތް 31 އޮކްޓޯބަރ 2006 ން ފެށިގެން ލިބެމުން ދިޔަ ކަމުގައި ވިޔަސް މިސެންޓަރު ރަސްމީ ގޮތުން ހުޅުވާފައިވަނީ 26 ނޮވެމްބަރ 2007 ގައެވެ. މިކޮމްޕިއުޓަރ ލެބުގައި 24 ގަޑިއިރު އިންޓަރނެޓުގެ ޚިދުމަތް ލިބެން ހުރެއެވެ.

އެން.އެސް.އެސް ނިލަންދޫ

[އުނިއިތުރު ގެންނަވާ]

01 ސެޕްޓެމްބަރ 2004 ގައި ފުލުހުން އުފެއްދެވުމާ ގުޅިގެން 21 އޭޕްރިލް 2003 ގައި މިއަތޮޅު ނިލަންދޫގައި ޤާއިމު ކޮށްފައިވާ އެން.އެސް.އެސް ނިލަންދޫ މަރުކަޒުގެނަން އެތާރީޚުން ފެށިގެން މިއަތޮޅު ޕޮލިސްޓޭޝަނުގެ ނަމަށް ބަދަލު ކުރިއެވެ. މިއަތޮޅުގައި 24 ފެބުރުއަރީ 2007 ން ފެށިގެން ޓީ.ވީ.އެމް ބިއުރޯގެ ޚިދުމަތް ލިބެމުން ދެއެވެ. ބިއުރޯ ޤާއިމުކޮށްފައިވަނީ މިއަތޮޅު ނިލަންދޫއޮފީހުގައެވެ.

ޢަބްދުﷲ އިސްމާޢީލް

[އުނިއިތުރު ގެންނަވާ]

ޢަބްދުﷲ އިސްމާޢީލްގެ ހަނދާނުގައި ސަރުކާރުން މިއަތޮޅުގައި ލައިބުރަރީއެއް ބިނާކޮށް ދެއްވާފައި ވެއެވެ. އެތަންބަލަހައްޓަވަމުން ދަނީ ސަރުކާރުންނެވެ. މިއަތޮޅު މަގޫދޫގައި އަތޮޅުވެރިކަން ކުރިއިރު ލައިބްރަރީ ހުރީ މަގޫދޫގައެވެ. ލައިބުރަރީ މަގޫދޫން ނިލަންދުއަށް ބަދަލުކޮށްފައިވަނީ 07 ޖޫން 2000 ގައެވެ.

ޢަބްދުﷲ އިސްމާޢީލްގެ ހަނދާން ދިރުވާ އާލާކުރުމުގެ ގޮތުން 1983 ވަނަ އަހަރުން ފެށިގެން މުޅިއަތޮޅަށް އެވޯޑް އިމްތިޙާނެއް ބާއްވައި އިމްތިޙާނުން އެއްވަނަ ހޯދާ ކުއްޖަކަށް ގްރޭޑް 12 ނިމެންދެން ސަރުކާރު ޚަރަދުގައި ކިޔަވައި ދެމުން ދެއެވެ. ކިޔެވުމަށް ބޭނުންވާ ފޮތް ފަންސުރުފަދަ ތަކެތީގެ އިތުރުން ޔުނީފޯމާއި ހުރުމުގެ ޚަރަދުވެސް ސަރުކާރުން ދެއްވައެވެ. މިގޮތުން 1995 ވަނައަހަރުގެ ނިޔަލަށް ކިޔަވައިދެމުން ގެންގޮސްފައިވަނީ އަހަރަކު އެއްކުއްޖަކަށެވެ. 1996 ވަނަ އަހަރުން ފެށިގެން އަހަރަކު 02 ކުދިންނަށް ކިޔަވައި ދެމުން ގެންދެއެވެ.

ހިމިއްޗަކީ 14 މެއި 1970 އާ ހަމައަށް މީހުން ދިރިއުޅެމުން އައި ރަށެކެވެ. އެރަށުގައި ދިރިއުޅެމުންދިޔަ މީހުން އެކި ރަށްރަށަށް ހިޖުރަކޮށް އެރަށުގައި އެންމެފަހުން ތިބި 23 މީހުން އެރަށުން ފައިބާ އެރަށް ފަޅުވެފައިވަނީ މިދެންނެވި ތާރީޚުގައެވެ. އެރަށުގެ ގިނަމީހުން ހިޖުރަކޮށްފައިވަނީ މާލެ އަތޮޅު މާފުއްޓަށާއި މިއަތޮޅު ފީއަލި، ނިލަންދޫ އަށެވެ. މިނޫން ބައެއް ރަށްރަށަށްވެސް އެރަށުގެ ބައެއް މީސްމީހުން ހިޖުރަކޮށްފައި ވެއެވެ. ހިމިތީން މީހުން ފޭބި ސަބަބެއް ކަމުގައިވަނީ އެރަށުގައި މީހުން މަދުވެ ދިރިއުޅުމަށް ދަތިވެގެންނެވެ.

ހިމިއްޗަކީ މީހުން ދިރިއުޅުނުއިރު އެރަށުގައި ދުއްވި އޮޑިފަހަރު ސިލޯނަށާއި، އިންޑިޔާއަށް އަދި ބަންގާޅަށް ދަތުރުކޮށްގެން މުދާގެނެސްފައިވާ ރަށެއް ކަމަށް ބުނެވޭ ރަށެކެވެ. ހިސާބު ޢިލްމާއި ނިޔަމިކަމުގެ ޢިލްމަށް ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަބުދުﷲ އިސްމާޢީލް ނުވަތަ އިސްމާޢީލްކަލޭފާނުގެ ތުއްތަކީވެސް ހިމިތީ ބޭފުޅެކެވެ.

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]


ދިވެހިރާއްޖޭ ގެ އަތޮޅުތައް

ހއ. އަތޮޅު   ހދ. އަތޮޅު   ށ. އަތޮޅު   ނ. އަތޮޅު   ރ. އަތޮޅު   ބ. އަތޮޅު   ޅ. އަތޮޅު   ކ. އަތޮޅު   އއ. އަތޮޅު   އދ. އަތޮޅު   ވ. އަތޮޅު   މ. އަތޮޅު   ފ. އަތޮޅު   ދ. އަތޮޅު   ތ. އަތޮޅު   ލ. އަތޮޅު   ގއ. އަތޮޅު   ގދ. އަތޮޅު   ޏ. އަތޮޅު   ސ. އަތޮޅު