މަތިވެރި (އއ. އަތޮޅު)
މަތިވެރިއަކީ ދިވެހިރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން އަރިއަތޮޅުއުތުރުބުރީ ގެ ރަށެކެވެ. މިއީ އަރިއަތޮޅުއުތުރުބުރީގެ މީހުން ދިރިއުޅޭ 8 ރަށުގެ ތެރެއިން ރަށެކެވެ. މިރަށުގެ އާބާދީއަކީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް 939 އެވެ. މިރަށުގެ ބޮޑުމިނަކީ 21.4 ހެކްޓަރެވެ. މަތިވެރިއަކީ ދިވެހިރާއްޖޭގެ ހުޅަނގު ބިތުގައިވާ ރަށަކަށް ވާތީ މިއީވެސް ޤުދުރަތީގޮތުން ބޮޑު ފަޅެއްގެ ތެރޭގައިވާ ރަށެކެވެ.
އިދާރީ ހިންގުން[އުނިއިތުރު ގެންނަވާ]
ދިވެހިރާއްޖޭގެ އެހެން ހުރިހާ ރަށެއްވެސް ހިނގަމުންދަނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވާތީ މަތިވެރީގެ ވެސް ރަށުގެ ކަންކަން ހިންގާ ބެލެހެޓުމުގެ އެންމެ އިސްފަރާތަކީ ކައުންސިލެވެ. މިހާރު މަތިވެރީގައި އިންތިޚާބުކޮށްފައިވާ 3 ވަނަ ކައުންސިލްގެ ރައީސަކީ އިސްމާޢީލް ޢާޠިފް އެވެ. ކައުންސިލްގެ ނާއިބް ރައީސަކީ ސަމާ ޢަބްދުލްޢަފޫރެވެ. ދެން ހިމެނޭ އަނެއް މެމްބަރަކީ އިލްޔާސް އިބްރާހީމްއެވެ.
އާބާދީ[އުނިއިތުރު ގެންނަވާ]
މަތިވެރީގެ ޖުމްލަ އާބާދީއަކީ 2020 ވަނައަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް 991 މީހުންނެވެ. އާބާދީގެ %51.38 އަކީ ފިރިހެނުންނެވެ. %48.61 އަކީ އަންހެނުންނެވެ. ރަށުގެ ޖުމްލަ އާބާދީގެ %19.3 އަކީ ޒުވާނުންނެވެ. 2016 ވަނައަހަރު މަތިވެރީގެ އާބާދީއަށް އުފަންވެފައިވަނީ 20 ކުދިންނެވެ. މަތިވެރީގެ ބައިބޯމިނަކީ ހެކްޓަރަކަށް 40 މީހުންނެވެ.
ދަތުރުފަތުރު[އުނިއިތުރު ގެންނަވާ]
މަތިވެރީގައި ޢާންމު އެއްގަމު ދަތުރުފަތުރުކުރުމުގައި ގިނައިން ބޭނުންކުރަނީ ބައިސްކަލާއި ސައިކަލެވެ. ރަށުން ބޭރަށް ދަތުރުކުރުމަށްޓަކައި ސަރުކާރުން ޤާއިމްކޮށްފައިވާ ފެރީގެ ނިޒާމާއި އަމިއްލަ ފަރާތްތަކުން ދެމުންގެންދާ ސްޕީޑް ލާންޗުތަކުގެ ބޭނުންކުރެވެއެވެ. ސަރުކާރުން ޤާއިމްކޮށްފައިވާ ފެރީގެ ނިޒާމްގެ ޚިދުމަތް މަތިވެރީގައި ދެނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (MTCC) އިންނެވެ. މި ނިޒާމްގެ ތެރެއިން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރެވެއެވެ. އަދި ކޮންމެ ހޮނިހިރު، ހޯމަ، ބުދަ ދުވަހު މާލެ ދަތުރުކުރެވެއެވެ. އަދި މާލެއިން މަތިވެރިއަށް ކޮންމެ އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު ދަތުރުކުރެވެއެވެ. އަމިއްލަ ފަރާތްތަކުން ދެމުންދާ ސްޕީޑް ލާންޗުތަކުން ކޮންމެ ދުވަހަކުވެސް އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޮޑުފޮޅުދޫ، އުކުޅަސް އަދި ރަސްދޫއަށް ދަތުރުކުރެވެއެވެ. އަދި ކޮންމެ ދުވަހަކުވެސް 2 ގަޑިއެއްގައި މާލެ ދެވޭގޮތަށް ހަމަޖެހިފައިވާއިރު މާލެއިން ވެސް ކޮންމެ ދުވަހަކުވެސް 2 ވަގުތެއްގައި މަތިވެރިއަށް ދަތުރުކުރެވެއެވެ. މީގެ އިތުރުން ކައިރި ރިސޯރޓްތަކަށް ދަތުރުކުރާ މޫދުޖައްސާ މަތިންދާބޯޓުތަކުން މާލެ ދަތުރުކުރެއެވެ. އަދި ރިސޯރޓް ސަޕްލައިދޯނި ތަކުންނާއި ރަށުގެ މަސްދޯނިތަކުންވެސް މާލެދަތުރުކޮށް އުޅެއެވެ. ކައިރި ރަށްރަށަށާއި ރިސޯރޓްތަކަށް ދަތުރުކުރުމަށް ކުދި ލޯންޗު ފަހަރާއި ޑިންގީތަކުގެ ބޭނުންވެސް ކުރެއެވެ.
ޞިއްޙަތު[އުނިއިތުރު ގެންނަވާ]
މަތިވެރީގައި ޞިއްޙީ ޚިދުމަތްދިނުމަށްޓަކައި ސަރުކާރުން ހިންގާ ޞިއްޙީމަރުކަޒެއް ހުރެއެވެ. ރަސްމީދުވަސްތަކުގައި (ހުކުރު، ހޮނިހިރު ފިޔަވައި) 16 ގަޑިއިރުގެ ޚިދުމަތްލިބޭ މިޞިއްޙީމަރުކަޒުން އާސަންދައާއި އެލައިޑް ހެލްތް އިންސުއަރެންސްގެ ދަށުން ބޭސްފަރުވާ ކުރެވޭއިރު އެސް.ޓީ.އޯގެ ބޭސްފިހާރައިން ބޭސް ލިބެއެވެ. ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޞިއްޙީމަރުކަޒުގައި 1 މެޑިކަލް ޑޮކްޓަރު ހުރެއެވެ. ޞިއްޙީމަރުކަޒުން ޢާންމު ބަލިތަކަށް ފަރުވާ ދިނުމާއި ލެބޯޓަރީގެ ޚިދުމަތާއި ޞިއްޙީމަޢުލޫމާތު ދިނުމާއި މާބަނޑުމީހުންގެ ކްލިނިކާއި ގައިންގަޔަށް ނާރާބަލިތަކަށް ޚާއްޞަ ކްލިނިކާއި ކުޑަކުދިންގެ ހެދިބޮޑުވަމުންދާގޮތް ބެލުމާއި ޢާއިލާ ރޭވުމުގެ ޚިދުމަތްވެސް ހިލޭ ދެވެއެވެ. މަތިވެރީގައި އެންމެ ޢާންމުކޮށް ފެތުރޭ ރޯގާތަކަކީ އަރިދަފުސްރޯގާއާއި ވައިރަލް ހުމެވެ. އަދި ބޭރަށްހިންގުމާއި ހޮޑުލުމުގެ ރޯގާވެސް އަހަރެއްގެ ތެރޭގައި 1 ފަހަރު ފެތުރެއެވެ. ޞިއްޙީގޮތުން ފާހަގަ ކުރެވޭ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހަކުރުބައްޔާއި ލޭމައްޗަށް ދިއުމެވެ.
ތަޢުލީމް[އުނިއިތުރު ގެންނަވާ]
ތަޢުލީމްހާޞިލްކުރުމަށްޓަކައި ސަރުކާރުން ހިންގާ މަތިވެރީ ސްކޫލްގައި ޕްރީސްކޫލް އިންފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވާދެވޭއިރު ބޭބީ ނާސަރީއާއި ނާސަރީގެ ކްލާސްތައް ހިމެނޭ އަމިއްލަ ޕްރީ ސްކޫލެއް (ހުސްނާ ޕްރީ ސްކޫލް) ގެ ޚިދުމަތް ލިބެން ހުރެއެވެ. އަދި އަމިއްލަ ފަރާތްތަކުން ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައް ހިންގަމުންދެއެވެ.
ކުޅިވަރު[އުނިއިތުރު ގެންނަވާ]
މަތިވެރީގައި ޢާންމުކޮށް ކުޅޭ ކުޅިވަރުތަކަކީ ފުޓުބޯޅައާއި ފުޓްސަލްއާއި ބަށި އަދި ހޭންޑްބޯޅައެވެ. ފުޓުބޯޅަ ކުޅުމަށްޓަކައި ފުޓުބޯޅަދަނޑެއް އޮވެއެވެ. ނަމަވެސް ދަނޑުގެ ބިންގަނޑަކީ ވިނައިގެ ބަދަލުގައި މުރަކަ ވެލި ހުރުމުގެ ސަބަބުން ކުޅުމަށް ދަތިވުމުގެ ސަބަބުން ޒުވާނުން ފުޓުބޯޅައިގެ ބަދަލުގައި ފުޓްސަލްކުޅެމުންދާތީއާއި ރަށުފެންވަރުގެއާއި ޤައުމީ ފެންވަރުގެ މުބާރާތްތައް ކުޅެމުންދާތީ ޒަމަނީފެންވަރުގެ މަސްނޫޢީ ވިނަ ދަނޑެއް ހެދިފައިވެއެވެ.