Jump to content

މުޙައްމަދު ޒާހިރު ޙުސައިން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
މުޙައްމަދު ޒާހިރު ޙުސައިން
މުޙައްމަދު ޒާހިރު ޙުސައިން، 2019
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރު
މަޤާމާ ހަވާލުވެވަޑައިގަތީ
20 އޮގަސްޓު 2019
ރައީސްއިބްރާހީމް މުޙައްމަދު ޞާލިޙް
މުޙައްމަދު މުޢިއްޒު
ކުރިން ހުންނެވީމުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ފަހުން ވަޑައިގަތީ
މިނިސްޓަރ އޮފް އެޑިޔުކޭޝަން
މަޤާމުގައި
23 ޖުލައި 1979  30 މޭ 1990
ރައީސްމައުމޫން ޢަބްދުލް ޤައްޔޫމް
ކުރިން ހުންނެވީޢަބްދުއްސައްތާރު މޫސާދީދީ
ފަހުން ވަޑައިގަތީ
އުފަންވީޏ. ފުވައްމުލައް، ދިވެހިރާއްޖެ
އަނބި ނުވަތަ ފިރިނާއިލާ އިބްރާހީމް ކަލޭފާނު
ދަރިން3
މަތީތަޢުލީމުއަލްއަޒުހަރު ޔުނިވަރސިޓީ
ޔުނިވަރސިޓީ ކެބަންގސާން މެލޭޝިޔާ
އިނާމުތައްނޫސްވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1989
މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު - 1990
ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު - 2001
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން - 2008
ނޫސްވެރިކަމުގެ އަލިމަސް ގަލަން - 2018
ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (މޯލްޑިވްސް ސްޕޯޓްސް އެވޯޑް) - 2022
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު - 2024

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ ދިވެހި ސަރުކާރުގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރު ވެސް ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރުގެ މަޤާމުގައެވެ.

ތަޢުލީމު ޙާޞިލުކުރެއްވުން

[އުނިއިތުރު ގެންނަވާ]

ޑރ. މުޙައްމަދު ޒާހިރު ޙުސައިން، އެންމެ ތުއްޕުޅުއިރު ކިޔަވައި ވިދާޅުވީ، އުފަން ރަށް، ޏ. ފުވައްމުލަކު މަދްރަސަތުލްފައިދިއްޔާގައެވެ. އޭގެފަހުން، ތަޢުލީމު ޙާޞިލުކުރެއްވުމަށް މާލެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމާ ގުޅިގެން، މާލެ ވަޑައިގެން ދާރުލްއިޤާމާގައި ކިޔަވައި ވިދާޅުވާން ފެށްޓެވީއެވެ. އެއީ، ޢުމުރުފުޅުން 12 އަހަރުފުޅުގައެވެ. ދާރުލްއިޤާމާ އުވައިލެއްވުމާ ގުޅިގެން، ފަހުން މަދްރަސަތުލްމަޖީދިއްޔާގައި 4 އަހަރެއްހައި ދުވަހު ކިޔަވައި ވިދާޅުވުމަށް ފަހު، އިތުރަށް ތަޢުލީމު ޙާޞިކުރެއްވުމަށް މިޞްރަށް ވަޑައިގަތީއެވެ. ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ހެއްދެވީ، މިޞްރުގެ ޖާމިޢަތުލްއަޒްހަރު ގައެވެ. ޑރ. މުޙައްމަދު ޒާހިރު ޙުސައިން ޕީއެޗްޑީ ޙާޞިލުކުރެއްވީ، މެލޭޝިޔާގެ ޔުނިވަރސިޓީ ކެބަންގސާން މެލޭޝިޔާގައި، ތިއޯލޮޖީ އެންޑް ފިލޯސޮފީގެ ރޮނގުން 2001ވަނަ އަހަރުއެވެ. ތީސިސް ލިޔުއްވީ، އިބްނި ސީނާގެ ތިއަރީއާ ބެހޭގޮތުންނެވެ. ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވުމާ ގުޅިގެން، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، އެ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ތަޢުލީމީ ދާއިރާ

[އުނިއިތުރު ގެންނަވާ]

މިޞްރުން ކިޔަވައި ވިދާޅުވުމަށްފަހު، ރާއްޖެއަށް ވަޑައިގެން، އެންމެ ފުރަތަމަ ޚިދުމަތް ފެށްޓެވީ، އަމީނިއްޔާ ސްކޫލުގެ އިސްލާމް މުދައްރިސެއްގެ މަޤާމުގައި 1970ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ މަޤާމުގައި 1 އަހަރާއި 8 މަހެއްހާ ދުވަހު ޚިދުމަތްކުރެއްވި އިރު އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ، އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ އިޙްތިރާމާއި ލޯބި ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ. އެ މަނިކުފާނުގެ މިޒާޖުފުޅުގައި ހުންނަ ފާހަގަކޮށްލެވޭ މުހިންމު އެއް ސިފަޔަކީ، ހުރިހާ ޢުމުރުފުރައެއްގެ ބޭފުޅުންނާ ޙިކުމަތްތެރިކަމާ އެކުގައި މުޢާމަލާތުކުރެއްވުމުގެ މަތިވެރި ހުނަރެވެ. ޚާއްޞަކޮށް، ދަރިވަރުންގެ އެކިއެކި ސުވާލުތަކަށް ޖަވާބު ދެއްވުމުގައި ގެންގުޅުއްވި ހަރުދަނާ އުޞްލޫބެވެ. އިސްލާމް މުދައްރިސެއްގެ ހައިސިއްޔަތުން އެ ކުދީންނަށް ދީނީ ރޮނގުން ކަންކަން އޮޅުންފިލުއްވައި ދެއްވުމުގައި ވެސް އެ މަނިކުފާނަކީ، ނަމޫނާ މުދައްރިސެކެވެ. އެ މަނިކުފާނަކީ ކިޔަވައި ދެއްވުމުގައި ހަރުކަށިކަން އިސްކުރެއްވުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ދަރިވަރުންގެ އިޙުސާސްތަކަށް އިޙްތިރާމު ކުރައްވައި، އެއްވެސް ތަފާތުކުރެއްވުމެއް ނެތި، ދަރިވަރުންނާ ހަމަހަމަކަމާއެކު މުޢާމަލާތު ކުރެއްވި މުރައްބީއެކެވެ. އަމީނިއްޔާ ސްކޫލުގެމުދައްރިސެއްގެ ހައިސިއްޔަތުން، އެ މަދަރުސާގެ ދަރިވަރުންނަށް ދީނީ ރޮނގުން ޚިދުމަތް ކޮށްދެއްވުން އެއީ، އެ މަނިކުފާނުގެ ތަޢުލީމީ ޚިދުމަތުގެ ފެށުމެވެ.

އަމީނިއްޔާ ސްކޫލުގައި ޚިދުމަތްކުރައްވަމުން ގެންދަވަނިކޮށް، ސަރުކާރުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލުކަމުގެ މަޤާމަށެވެ. އެއީ، 1972 އޮގަސްޓު 20ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން އެ މަނިކުފާނުގެ ޚިދުމަތް، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ލިބެމުން ދިޔައީ، ވަރަށް ފުޅާ ދާއިރާއެއްގައެވެ. އެއަށްފަހު، 1976 އޮކްޓޫބަރު 23ވަނަ ދުވަހު، ޑިޕާޓްމަންޓް އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމަށް އެ މަނިކުފާނު ޢައްޔަންކުރެއްވިއެވެ.

ޔުނެސްކޯއާއި، ޔުނިސެފާއި، ޔޫއެންޑީޕީ ގުޅިގެން ރާއްޖޭގައި ކޮމިއުނިޓީ ތަޢުލީމު ތަޢާރަފުކުރުމުގެ މަޝްރޫޢު، ސުމުއްވުލްއަމީރު އަލްމަރްޙޫމު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނޣޢވ) ގެ ރައީސްކަމުގެ ދައުރުގައި ފެށިގެންދިޔަ އިރު، އެކަމުގައި އެންމެ އިސްކޮށް ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. މަޝްރޫޢުގެ ދަށުން ރާއްޖޭގެ ތަޢުލީމީ މުސްތަޤުބަލަށް ޓަކައި ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދެވިއެވެ. ކޮމިއުނިޓީ ސްކޫލްތައް ބިނާކުރެއްވުމާއި، ޓީޗަރުން ތަމްރީނު ކުރެއްވުމާއި، ކިޔަވައިދޭނެ ޓެކްސްޓް ފޮތް ތައްޔާރުކުރެއްވުމަކީ ވެސް އެ މަޝްރޫޢުގެ ދަށުން ޙާޞިލުކުރެވުނު އަމާޒުތަކެވެ. އެގޮތުން، ފޮތް ތައްޔާރުކުރެއްވުމާއި، ޓީޗަރުން ތަމްރީނުކުރެއްވުމާއި، ހެޑްމާސްޓަރުން ތަމްރީނުކުރެއްވުން ފަދަ ކަންކަން އެންމެ ފުރަތަމަ ކުރައްވަމުން ގެންދެވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހުގެ ނަމުގައި އުފެއްދެވި އޮފީހުންނެވެ. ފަހުން އެ މަސައްކަތް ކުރެއްވީ، އެޑިޔުކޭޝަނަލް ޕްރޮޖެކްޓް އޮފީހާއި، ޓީޗަރުން ތަމްރީނުކުރެއްވުމަށް އުފެއްދެވި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުންނެވެ. އެންމެ ފުރަތަމަ ވެސް ފެށްޓެވީ ޓީޗަރުން ތަމްރީނު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ، ކޮމިއުނިޓީ ސްކޫލްތައް ބިނާކުރަމުން ގެންދާވަރަކަށް، އެ ތަންތާނގައި ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ނުކޮށް، އެ ސްކޫލްތައް ހިންގެން ނޯންނާނެތީއެވެ.

1978ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނޣޢވ)، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހުގައި ވެސް، މި ދެންނެވި މަޝްރޫޢު ހަލުވިކަމާއެކުގައި ކުރިއަށް ގެންދެވިއެވެ. އޭރު ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުންނެވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނާއިބުކަމުގެ މަޤާމުގައެވެ. ރައީސް މައުމޫން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިތާ 8 މަހެއްހައި ދުވަސް ފަހުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ، 1979ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުއެވެ.

އޭރު އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދެވީ ވެސް، ކޮމިއުނިޓީ ސްކޫލުތައް ޢިމާރާތްކުރުމުގެ މަސައްކަތަށެވެ. އެހެންކަމުން، އެ މަސައްކަތް ވީހައި ވެސް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ޓަކައި ރާއްޖެތެރެ ރަނގަޅަށް ދެނެވަޑައިގަންނަވާ ހަރުދަނާ ބޭފުޅަކާ ޙަވާލުކުރެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނިންމެވިއެވެ. އެގޮތުން، އެ މަސައްކަތް ބެއްލެވުން ޙަވާލުކުރެއްވީ، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާއެވެ. ލަސްތަކެއްނުވެ ދުވާފަރު ޔޮޓްދޯނީގެ ދަތުރުތައް އަތޮޅުތަކަށް ކުރަން ފެށިއްޖެއެވެ. ގިނަ ރަށްރަށުގައި ކޮމިއުނިޓީ ސްކޫލުތަކުގެ ބިންގާއެޅި، އެ ކަން ބާރަށް ހިނގައިގަތެވެ. މި ތަންތަނުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ވެސް ބައްލަވައިލެއްވުމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ރަށްރަށަށް ދަތުރުފުޅުކުރައްވައި، މަސައްކަތް ހަލުވިކުރެއްވުމަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ފުރަތަމަ، ކޮމިއުނިޓީ ސްކޫލު ބިނާކުރައްވައި ހުޅުވިގެންދިޔައީ، ބ. އަތޮޅު އޭދަފުށީގައެވެ. ދެވަނަ ސްކޫލް ހުޅުވުނީ، ހދ. އަތޮޅު ކުޅުދުއްފުށީގައެވެ. ތިންވަނައަށް ތ. އަތޮޅު ތިމަރަފުށީގައެވެ. ހަތަރުވަނައަށް ގއ. އަތޮޅު ވިލިނގިލީގައެވެ. އޭގެފަހުން، ހުރިހާ އަތޮޅެއްގައި ވެސް ކޮމިއުނިޓީ ސްކޫލުތައް ބިނާކުރައްވައި ނިންމެވިއެވެ.

ކޮމިއުނިޓީ ސްކޫލުތަކާ އެކުގައި، ކޮންމެ އަތޮޅެއްގައި، އަތޮޅު މަދަރުސާއެއް ވެސް ބިނާކުރައްވަން ފެށްޓެވިއެވެ. އެއީ، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެއްވި މަދަރުސާތަކެކެވެ. ހަމަ އެއާއެކުގައި، ރާއްޖޭގެ ރަށްރަށުގައި ހުރި އަމިއްލަ މީހުންނާއި ރައްޔިތުންގެ މަދަރުސާތައް ވެސް ސަރުކާރުން ހިންގަވާ މަދަރުސާތަކެއްގެ ގޮތުގައި ހަމަޖައްސަވައި ހިންގަވަން ފެށްޓެވިއެވެ. އަދި، މާލޭގައްޔާއި ރާއްޖެތެރޭގައި މެދުކެނޑުމެއްނެތި ހިނގަމުން އަންނަތާ ގިނަދުވަސްވީ ސްކޫލް މަދަރުސާތަކަށް ސަރުކާރުން މާލީ އެހީތެރިކަން ދެއްވަން ވެސް ފެށްޓެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލްތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ. މިކަންކަން ހިންގެވުމުގައި ކަމާ ބެހޭ ލަފަޔާއި އިރުޝާދު ދެއްވުމުގައި، އެންމެ އިސް ދައުރެއް އަދާކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.

އަތޮޅުތަކުގެ އިތުރުން، މާލޭގައި ވެސް މަތީ ޘާނަވީއަށް ކިޔަވައިދޭނެ ސްކޫލެއް، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި 1979ވަނަ އަހަރު ހުޅުވިގެންދިޔައެވެ. އެ ސެންޓަރު ހުޅުވި، ތަޢުލީމު ދޭން ފެށީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގެ ދައުރުގައި، އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުންނެވެ. އޭރު އެ ސެންޓަރުގައި އިސްލާމް މާއްދާ ކިޔަވައިދެއްވި ބޭފުޅުންގެ ތެރޭގައި، އެ މަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. މީގެއިތުރުން، މެދު މަދުރަސީ ތަޢުލީމު ދޭނެ އިތުރު ސްކޫލުތައް ވެސް ބިނާކުރެއްވިއެވެ. އެއީ، ދިވެހި ސަރުކާރާއި ބޭރުގެ އެހީއާ އެކުގައެވެ.

ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ތަޢުލީމީ މުޤައްރަރަށްވެސް އެކިފަހަރު މަތިން އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވި ބޭފުޅެކެވެ. ޒަމާނާ އެކަށޭނަ އަދި ދިވެހިވަންތަ ނިޒާމަކަށް ކިޔަވައިދެވޭނެ ގޮތަކަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް އެ މަނިކުފާނު މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އެ ވިސްނުންފުޅު ގެންގުޅުއްވަން ފެށްޓެވީ، ރާއްޖެއާ ގުޅޭ މާޙައުލަކަށް ތަޢުލީމު ބައްޓަންކުރެއްވުމުގެ މަގުސަދުގައެވެ. އެ މަނިކުފާނު ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގައި އޮތީ ކޮލޯނިއަލް މޮޑެލްއަކަށް ކިޔަވައިދޭ މުޤައްރަރެކެވެ. އެހެންކަމުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ މަޝްވަރާގެ މަތިން މުޤައްރަރު ބަދަލުކުރައްވައި، މިހާރު ސްކޫލްތަކުގައި ކިޔަވައިދެމުން މި އަންނަ މުޤައްރަރާ އެއްގޮތަށް މުޤައްރަރު އެކުލަވައިލެއްވުމުގައިވެސް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. މި ދެންނެވި މުޤައްރަރު ފުރަތަމަ އެކުލަވައިލުމަށްޓަކައި ހދ. ކުޅުދުއްފުށީގައި "ކޮމިއުނިޓީ އެޑިޔުކޭޝަން ސެމިނާރ"ގެ ނަމުގައި 12 ޖަނަވަރީ 1980 ގައި ސެމިނާރެއް ބޭއްވެވިއެވެ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ ތަޢުލީމީ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއްކަމަކީ، އެ މަނިކުފާނު އިސްވެ ހުންނަވައިގެން، ސަދަން ސެކަންޑަރީ އެޑިޔުކޭޝަނާއި، ނޮދަން ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފުކުރައްވައި، އައްޑު އަތޮޅުގައްޔާއި، ފުވައްމުލަކުގައްޔާއި، ބ. އަތޮޅު އޭދަފުށީގައި ގްރޭޑް 8 އުފައްދަވައިގެން ކިޔަވައިދެއްވަން ފެށްޓެވުމެވެ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިން (ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި)

ޑރ. މުޙައްމަދު ޒާހިރު ޙުސައިންގެ މިނިސްޓަރުކަމުގައި ދެން ހިންގެވި އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެވެ. 1980ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ފަށްޓަވައި ދެއްވި އެ މަޝްރޫޢު ޢަމަލީ ގޮތުން ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ، ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނުނީ މައިގަނޑު ދެ ބަޔެކެވެ. އެއްބަޔަކީ، ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި، ޢަރަބި ތާނަ އަކުރު އުނގަންނައިދީ ކިޔަން ދަސްކޮށްދިނުމެވެ. އަނެއް ބަޔަކީ، ކޮންމެ މުސްލިމަކު ވެސް ދެނެގަތުން ލާޒިމުވާ ކަންތައްތަކާއި، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް ދަސްކޮށްދިނުމެވެ. އެ މަޝްރޫޢު ފެށްޓެވި އިރު، މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 100 އަކުން 37 މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުންނެވެ.

މި މަޝްރޫޢު ފުރަތަމަ ރޭއްވެވީ، 1980ވަނަ އަހަރުން ފެށިގެން 1985ވަނަ އަހަރުގެ ނިޔަލަށް 6 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ކަމަށްވިޔަސް، މަޝްރޫޢު މުޅިން ނިންމަވައިލެއްވުނީ، 1990ވަނަ އަހަރުއެވެ. މަޝްރޫޢު ނިމުނު އިރު، ރާއްޖޭގައި ތިބި ލިޔަންކިޔަން ދަންނަ މީހުންގެ އިންސައްތައަކީ، 98 އެވެ. މި މަޝްރޫޢު ކާމިޔާބުކަމާ އެކު ނިމިގެންދިޔުމުގައި، ތަޢުލީމީ ވަޒީރުގެ ހައިސިއްޔަތުން ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ގިނަގުނަ މަސައްކަތްޕުޅާއި، އެ މަނިކުފާނު ޢަމަލީ ގޮތުންނާއި، ފަންނީ ގޮތުން އަދާކުރެއްވި ދައުރު ހަނދާންކޮށްލަން ޖެހެއެވެ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގައި ޢަރަބި ތަޢުލީމު އުނގަންނަވައި ދެއްވުމަށާއި، ޢަރަބި ތަޢުލީމު ފުޅާކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން، އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، އިސްލާމީ ތަޢުލީމު އުނގަންނަވައި ދެއްވުމަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި، "މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ" 9 ނޮވެންބަރު 1980 (1 މުޙައްރަމު 1401) ގައި ހުޅުވިގެންދިޔަ ދިޔުމެވެ. އެ ކަމުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި ޢަރަބިބަހަށް އިސްކަންދެވި، ޢަރަބިބަހުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު، ދިވެހި އެތައް ދަރިވަރުންނަކަށް، ބޭރުގެ އިސްލާމީ ޔުނިވަރސިޓީތަކުން ލިބިގެންދިޔުމެވެ. ހަމައެއާއެކު، ޘާނަވީއަށް ކިޔަވައިދިނުމަށް ޓަކައި، "އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ" އުފެދިގެން ދިޔުން ވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ދެ މަދަރުސާ، ވުޖޫދަށް ގެންނެވުމުގައި، ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްވި އިސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި ޒަމާނުގެ ރާގަށް ކީރިތި ޤުރްއާން އުނގަންނަވައި ދެއްވަން ފެށްޓެވުމުގައި، އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ހަނދާންކޮށްލަން ޖެހެއެވެ. ރާއްޖެއިން ބޭރުން، ޕާކިސްތާނުން ޤާރީއެއް ގެންނަވައިގެން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް، ކީރިތި ޤުރްއާން އުނގަންނަވައި ދެއްވުމަށް އޭރު ހިންގެވި ކޯސްތަކާއި، ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއިން ބޭރުގައި ބާއްވާ އެކިއެކި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހި ޤާރީންނަށް ލިބިގެންދިޔުމެވެ. އަދި، އެފަދަ މުބާރާތްތަކުން ދިވެހި ޤާރީން މަތީ ވަނަތައް ހޯދައިފައިވާކަމީ ވެސް ޝުކުރުވެރިކަމާ އެކު މިއަދު ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ކުޅިވަރުގެ ދާއިރާ

[އުނިއިތުރު ގެންނަވާ]

ޑރ. މުޙައްމަދު ޒާހިރު ޙުސައިން، ރާއްޖޭގެ ތަޢުލީމީ ވަޒީރުކަން 10 އަހަރާއި 9 މަހަށް ވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައިވެއެވެ. އޭގެފަހުން، އެ މަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށެވެ. އަދި އެއަށްފަހު، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގެ މަޤާމު ވެސް ފުރުއްވިއެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް ވެސް ގިނަގުނަ މަސައްކަތްފުޅުތަކެއް އެ މަނިކުފާނު ކުރެއްވިއެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖެ ކުޅިވަރުގެ ޒޯންތަކަކަށް ބައްސަވައިލައްވައި، ކުޅިވަރު ޒޯން ސްޓޭޑިއަމްތައް އެޅުމެވެ. މިގޮތުން، ކުޅުދުއްފުށި ޒޯން ސްޓޭޑިއަމާއި، އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމް ބިނާކުރެއްވުން ހިމެނެއެވެ. އަދި އަތޮޅުތަކުގައި ޒުވާނުންގެ މަރުކަޒުތައް އުފައްދައި ބޭނުންކުރަން ފެށުން ހިމެނެއެވެ. މާލޭގައި އެކި ކުޅިވަރުތައް ކުޅުމުގެ ޖާގަ މަދުކަމާ އެކު، ޖާގަ އިތުރުކުރައްވައި، ކުޅިވަރު ކޯޓުތައް ޤާއިމުކުރައްވައި، އެ ކޯޓުތަކުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކެވެ. އެ މަނިކުފާނަކީ ވެސް ކުޅިވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. މިޞްރުގައި ކިޔަވައި ވިދާޅުވާން އުޅުއްވި އިރު، ފުޓުބޯޅަ ކުޅުއްވިއެވެ. އަދި، މާލޭގައި ޓެނިސް ކުޅުއްވިއެވެ.

ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަރުދަނާ ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އެ މަނިކުފާނު ވަނީ، ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރެއްވި ކޮމިޓީގައި ވެސް ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައެވެ.

ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި

[އުނިއިތުރު ގެންނަވާ]

ރާއްޖޭގެ ނޫސްވެރިކަމަށް ޑރ. މުޙައްމަދު ޒާހިރު ޙުސައިން ކުރެއްވި ޚިދުމަތްތަކަކީ ވެސް، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހޭ ޚިދުމަތްތަކެކެވެ. "އަމާޒު"ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. އަދި "ހަވީރު" ނޫހުގެ ނަމުގައި ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ މަނިކުފާނުގެ ނޫސްވެރިކަމުގެ ޚިދުމަތް ފާހަގަކުރެވިފައި ވަނީ، ހަމައެކަނި ނޫސްތަކަށް ލިޔުއްވާ ޚަބަރުތަކާއި މަޒުމޫނުތަކުން އެކަންޏެއް ނޫނެވެ. ނުވަތަ ލިޔުންތެރިކަން ތަރައްޤީ ކުރެއްވުމުގެ ރޮނގުން އެކަންޏެއް ވެސް ނޫނެވެ. މީގެއިތުރުން، ނޫސް ޗާޕުކުރުމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށާއި، ނޫހަށް ލިޔާ ލިޔުންތެރިން އުފެއްދެވުމަށާއި، މި ޒަމާނުގެ ނޫސްވެރިކަން ރާއްޖޭގައި ފުޅާކުރެއްވުމަށް ވެސް ވަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ. އެ މަނިކުފާނަކީ، ހުކުރު ޚުޠުބާ ލިޔުއްވައި، މާލޭގައި ހުކުރު ނަމާދާއި ޢީދުނަމާދު އިމާމުވެ ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި "ދީނުގެ މަގު" ނޫހަށް ވެސް އެކި މައުޟޫޢުތަކަށް މަޒުމޫނުތައް ލިޔުއްވި ބޭފުޅެކެވެ.

ލިބިވަޑައިގެންނެވި އިނާމުތައް

[އުނިއިތުރު ގެންނަވާ]
ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވަނީ

ޑރ. މުޙައްމަދު ޒާހިރު ޙުސައިން ނޫސްވެރިކަމުގެ ދާއިރާގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި 1989ވަނަ އަހަރު ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު އަރުވައިފައިވެއެވެ. ރާއްޖޭގެ ތަރައްްޤީއަށް ފާހަގަކޮށްލެވޭ ފަދަ އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅުންނަށް އެ ކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި މިނިވަން 25 ގެ ޢާންމު ޚިދުމަތުގެ އިނާމު 1990ވަނަ އަހަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ލިބިވަޑައިގަތެވެ. މީގެއިތުރުން އެ މަނިކުފާނު ޕީއެޗްޑީ ޙާޞިލުކުރެއްވުމާ ގުޅިގެން 2001ވަނަ އަހަރު، ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތެވެ. 2008ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް (ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން) ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް އަރުވައިފައިވެއެވެ. އަދި އެ މަނިކުފާނަށް ވަނީ، ނޫސްވެރިކަމުގެ "އަލިމަސް ގަލަން" 2018ވަނަ އަހަރު ލިބިވަޑައިގެންފައެވެ. ކުޅިވަރަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން، 2022 މާރިޗު 17ވަނަ ދުވަހު އެ މަނިކުފާނަށް ވަނީ "ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު" ލިބިވަޑައިގެންފައެވެ. ރާއްޖޭގެ ތަޢުލީމީ ތަރައްޤީއަށާއި، ރާއްޖޭގައި ތަޢުލީމު ފުޅާކުރެއްވުމަށާއި، ތަޢުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024ވަނަ އަހަރު އަރުވައިފައިވެއެވެ.