Jump to content

ދިއްދޫ (ހއ. އަތޮޅު)

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ހއ. ދިއްދޫ

ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. އަދި މިއީ މުޅި ހއ. އަތޮޅުގެ ވެސް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށެވެ. ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ހާމަކުރައްވައިފައިވާ ގޮތުގައި 2025ވަނަ އަހަރުގެ ފެބުރުވަރީ މަހާ ހަމައަށް ހއ. ދިއްދޫގެ އާބާދީއަކީ 4717 މީހުންނެވެ. އަތޮޅުގެ ވެރިކަންކުރާ ރަށަށްވުމާއެކު ދިއްދޫއަކީ ގިނަ ޚިދުމަތްތަކެއް ލިބޭ ރަށެކެވެ. މި ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ގިނަ ޢަދަދަކަށް ދިއްދޫއަށް ޒިޔާރަތްކުރެއެވެ.

ހަނިދިގުކޮށް އޮންނަ ދިއްދޫގެ ފުޅާ މިނުގައި 0.35  ކިލޯމީޓަރު ހުރެއެވެ. އަދި ދިގުމިނުގައި ގާތްގަނޑަކަށް ދެ ކިލޯމީޓަރު ހުރެއެވެ. ރަށުގެ ބޮޑުމިނުގައި ހުންނަނީ 85.28 ހެކްޓަރެވެ. ދެ ފަހަރެއްގެ މަތިން ދިއްދޫގެ ބިން ހިއްކައިފައިވެއެވެ.

ދިއްދޫ މީހުން އެންމެ ފުރަތަމަ ދިރިއުޅުނީ އެ އަތޮޅު ދޮނަކުޅީގައެވެ. ތާރީޚުން އެނގޭ ގޮތުގައި މީލާދުން 17ވަނަ ޤަރުނުގެ މެދަކާ ޖެހެންދެން ވެސް ދޮނަކުޅީގައި މީހުން އުޅުނެވެ. ކުރީގެ ޒަމާނުގައި ދޮނަކުޅިއަކީ މަލާބާރީންގެ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ރަށެކެވެ. މި ސަބަބާހުރެ އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ މީހުން އެ ރަށުން ފޭބީއެވެ. ދޮނަކުޅިން ފޭބި މީހުން ފުރަތަމަ ދިޔަކަމަށް ވަނީ ހޮނޑާފުށްޓަށެވެ. ހޮނޑާފުށްޓަކީ ހދ. އަތޮޅުގެ ރަށެކެވެ. ހޮނޑާފުށްޓަށް ދިޔަ މީހުން ދިއްދޫއަށް އައީ އޭގެފަހުގައެވެ. ނަމަވެސް އޭރު ދިއްދޫއަކީ ވަރުވާއަށް އުތީމު ގަނޑުވަރަށް ނަގައިފައިވާ ރަށެކެވެ. ރަށް ބަލަހައްޓަމުންދިޔައީ އުތީމު ގަނޑުވަރުންނެވެ. ދިއްދޫގައި އުތީމު ރުއްގަނޑޭ ކިޔާ ރުއްގަނޑެއް ދާދި ފަހަކާ ޖެހެންދެން ވެސް އޮތެވެ. އޭރު ދިއްދޫއަށް އައި މީހުން އެ ރަށުގައި އުޅެންޖެހުނީ އުތީމު ގަނޑުވަރަށް ޖިޒީ ދައްކައިގެންނެވެ.

ދިއްދޫ ބަންޑާރަވުން

[އުނިއިތުރު ގެންނަވާ]

އުތީމު ގަނޑުވަރަށް ޖިޒީ ދައްކައިގެން ދިރިއުޅޭތާ އެތައް އަހަރެއް ފަހުން ދިއްދޫ ބަންޑާރަވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމުގައި ހިޖުރައިން 1351ވަނަ އަހަރުގެ ޝައްވާލު މަހުން 20ވަނަ ދުވަހު އޭރުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމެވި ނިންމެވުމަކުންނެވެ. އެ ނިންމެވުމުގައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.

"الحمد لله وحده

السلطان محمد شمس الدين إسكندرކައްތިރި ބަވަނަ މަހާރަދުންގެ އަރިއަހުގައި، قانون ހަދާ مجلسން އަދަބުވެރިކަމާއެކު ދަންނަވަމެވެ.

ތިލަދުންމަތީ ދިއްދޫ ފަޅު ރަށަކަށް އޮއްވައި، އުތީމު މިސްކިތް މައްޗަށް ލެއްވުމަށް ފަހު އެތައް ޒަމާނަކަށް ފަހުން، އެ ދިއްދޫ، މީހުން އުޅޭ ރަށަކަށްވެ، عماراتވުމަށް ފަހުގައި، އެ ރަށުގެ މީހުންނާއި އުތީމު މީހުންނާ ވާ އަރައިރުންތަކާ މެދުގައި قانون ހަދާ مجلس ގައި ވާހަކަ ދެކެވިގެން އެ ދެ ރަށު މީހުންގެ ކަންތަކާ މެދުގައި، އިހު ރަސްރަސްކަލުން ދެއްވައިފައިވާ، ފަތްކޮޅުތައް ބަލައި، އެއިން ފެނުނު ގޮތްތަކާ އެކު ފާސްވީ މަގީ މިއެވެ.

  1. މީހުން ނުތިބޭ ފަޅުރަށްރަށް އެކިއެކި ފަރާތްފަރާތަށް ފަޅުރަށް ކަމުގައި ދެއްވައިފައިވަނިކޮށް، އެ ރަށްރަށް عماراتވެ، رعيةން ދިރިއުޅޭ ބަސްތީއެއްކަމަށް ވެއްޖެ ނަމަ، އެ ރަށެއް ފުރަ ބަންޑާރައަށް ލައްވައި، ގޮއި ރަށަކަށް ހައްދަވައި، އެ ރަށެއް އެ ނިގުޅައިގަނެވުނު ކިބަޔަކަށް ލިބުނު އުނިކަމެއް دولةގެ ފަރާތުން ހަމަޖައްސަވައި، رعية އަށް ލުއިކޮށް ދެއްވުން.
  2. މިގޮތުން ލިބޭ އުނިކަން ހަމަޖެއްސެވުމުގައި، އެ ނެގެވޭ ރަށަކީ ފަޅުރަށެއްކަމުގައި މިންވަރު ކުރައްވައިގެން ހަމަޖެއްސެވުން. اهـ

٢٠ شوال ١٣٥١ هـ "

ރަށް ފެންވުމުގެ ހާދިސާ

[އުނިއިތުރު ގެންނަވާ]

ދިއްދޫއަކީ މާޒީވެ ދިޔަ ތާރީޚުގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ގޮތަކަށް މުޅި ރަށް ފެންވެފައިވާ ރަށެކެވެ. "ރަށް ފެންވުން" މި ބަސް ދިއްދޫ މީހުން ބޭނުންކުރަނީ އެ ރަށުގައި ހުރި ދެ ގެއެއް ފިޔަވައި ހުރިހާ ގެދޮރަކާއި ހަރުގެ ފަދަ ތަންތަން އަނދައި އަޅިއަށްވެ ދިޔަ ހާދިސާއާ ގުޅިގެންނެވެ. މި ކަން ހިނގައިފައިވާ ގޮތެއްކަމަށް އޭރުގެ މީހުން ބުނެއުޅޭ ގޮތަކީ " ދިއްދުއަކީ އެޒަމާނުގައި (ފަންރިޔާ ނެގި ޒަމާނުގައި) ރިޔާ ވިޔާ ރަށެއް ކަމަށެވެ. ރަށުގެ ހުޅަނގު ފަރާތަކީ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްކަމަށްވާތީ ހުރިހާ ހަރުގެއެއް ހުންނަނީ އެ ފަރާތުގައެވެ. އަދި އެ ޒަމާނުގައި ގެދޮރު ހެދައިފައި ހުންނަނީ ފަނުންކަމަށް ވާތީ މުޅިރަށުގައި އޮންނަނީ ފަންގިގެތަކާއި ފަންގިން ހަދައިފައިވާ ފުޅަށްގަނޑުތަކާއި ހަރުގަތެކެވެ. ކޮންމެއަކަސް ރަށުގެ ހުޅަނގު ފަރާތު އުތުރުކޮޅުގައި ރިޔާވިޔަން މީހުން ތިބެނީ ހަރުގެތަކާ ކައިރީގައެވެ. ދިއްދުއަކީ އެ ޒަމާނުގައި ބޭރު ދަތުރުކުރާ ބައްތެލިފަހަރު ގެންގުޅުނު ރަށެކެވެ. އެއްފަހަރަކު މި ގޮތަށް ބޭރު ދަތުރު ދިޔަ ބައްތެއްޔަކުން މުދާ ބޭލުމުގެ ތެރޭގައި ބައެއް ސާމާނު ތެމުނެވެ. ތެމުނު އެއްޗެހީގެ ތެރޭގައި އަލިފާން ފޮށިތަކެއް ވެސް ތެމުނެވެ. މި އަލިފާން ފޮށިތައް ހިއްކަންވެގެން ބަހައްޓައިފައި ހުއްޓާ އެ ހިސާބުގައި ކުޅެން އުޅުނު ނުވަތަ މޫދަށް އެރި އުޅުނު ކުދި ބަޔަކު ތެރޭން ކުއްޖަކު އަލިފާން ފޮށިން ދަނޑިއެއް ނަގައި އަލިފާން ރޯކުރުމަށްފަހު އެ ކުއްޖާގެ އަތަށް ހޫނުވުމާއެކު އެ ދަނޑި އެއްލައިލެވުނީ އެއްކަލަ ރިޔާވިޔަން އެއްކޮށްފައިވާ ފަންތަކުގެ ތެރެއަށެވެ. އިސާހިތަކުން އެ ފަންތަކުގައި ރޯވެއްޖެއެވެ. ދުވަހަކީ ރަނގަޅަށް ވައިޖެހޭ އަވިގަދަ ދުވަހެކެވެ. އެހެންކަމުން ހިކިފައިހުރި ފަންތަކުގައި ހިފުމާއެކު ލަހެއްނުވެ ޖެހިގެންހުރި ހަރުގޭގައި އަލިފާން ހިފައިފިއެވެ. އެ ދުވަހަކީ ރައްޔިތުންގެ ތެރެއިން ހުރިހާ މީހުން ވެސް މަހަށްދިޔަ ދުވަހަކަށްވާތީ ރަށުގައި މީހުން ވަރަށް މަދުކަމަށްވެއެވެ. އެހެންކަމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެ ގިނަ ޢަދެއްގެ ބަޔަކު ނެތުމާއެކު ހަރުގެތަކުގައި ރޯވަމުން ރަށުތެރެއަށް އަލިފާން ފެތުރިގެންދިޔައީ ވަރަށް އަވަހަށެވެ. އަދި ގޭގޭގައި ހުރި ހިފައި ގެންގުޅޭ ސާމާނާއި މުދާތައް އެ ވަގުތު ގޭގައި އުޅުނު މީހުންވެގެން އަތިރިމައްޗަށް (ވައިމައްޗަށް) ނެރުނުކަމަށް ބުނެއެވެ. އެ ދުވަހު ރަށުގެ ރައްޔިތުންގެ ތެރެއިން މަހަށްދިޔަ މީހުން ރަށަށް އައީ ރަށުން ވަރަށް ގަދަޔަށް ދުންއަރާތަން ފެނުމުން ރަށުގައި ކޮންމެ ވެސް ކަމެއްވެއްޖެކަން އެނގިގެން ކަމަށްވެއެވެ. އެ މީހުން ރަށަށް އައިއިރު މުޅިރަށް ވަނީ އަނދައި އަޅިއަށްވެފައެވެ. ދެން ހުރިހާ އޮޑިދޯނިފަހަރުގެ މީހުންވެގެން ފެންޖަހާ އަލިފާން ނިއްވާލީއެވެ." މިއީ މި ހާދިސާ ހިނގި ކަމަށް ކިޔައިއުޅޭ ގޮތެވެ.

މި ހާދިސާގައި އެ ރަށުގައި ނުއަނދައި ހުރީ ދެ ގެއެއް ކަމަށް ބުނެއުޅެއެވެ. އެއީ ދިއްދޫ ޢަލީ ޙާޖީގެ ދެ ގެ ކަމަށްވެއެވެ. މި ދެ ގެ ހުންނަނީ ރަށުގެ ދެކުނުން އެންމެ އިރުމަތީގައި ކަމަށްވެފައި އޭރު ވެސް މި ދެ ގެ ހުރީ އީޓު ޖަހައިފައިކަމަށްވާތީ އަލިފާނުގެ އަސަރު ކޮށްފައިވާލެއް ކުޑަކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މި ހާދިސާގައި ބިރުން ފިލަންވެގެން ގެއެއްގެ ބޮޑުއަށި ތަންދޮށަށް ވަން ދެ ކުއްޖަކު ފިހިގެން މަރުވިކަމަށްވެއެވެ.

ތާރީޚީ ތަންތަން

[އުނިއިތުރު ގެންނަވާ]

ހއ. ދިއްދޫން އެންމެ ފާހަގަކޮށްލެވޭ އާސާރީ ބިނާއަކީ އެ ރަށު ޢީދު މިސްކިތެވެ. ބުނެވޭ ގޮތުގައި މި މިސްކިތް ބިނާކޮށްފައިވަނީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑު ތަކުރުފާނު) ބިނާކުރެއްވި މިސްކިތެއް ހުރި ތަނުގައެވެ. މި މިސްކިތް ބިނާކޮށް ހުޅުވައިފައިވަނީ 15 ޝަޢުބާން 1359 ހ. (18 ސެޕްޓެންބަރު 1940 މ.) ތާރީޚުގައެވެ. އުވައިން ރާނައި ހިޔާކޮށްފައި ހުންނަ ދިއްދޫ ޢީދު މިސްކިތަކީ މިހާރު ވެސް ނަމާދުކުރުމަށް ބޭނުންކުރާ މިސްކިތެކެވެ.

ހއ. ދިއްދޫގައި އެންމެ ފުރަތަމަ ކިޔަވައިދެމުން ގޮސްފައިވަނީ ދިއްދޫ ދެކުނު އަވަށު ކުޑަގެ ނަމަކަށް ކިޔުނު ޢިމާރާތެއްގައެވެ. އޭގެފަހުން "ދިއްދޫ މަދްރަސާ" ގެ ނަމުގައި ރަށުގެ މައުލޫދު ހަރުގޭގައި ކިޔަވައިދެމުންގެންދިޔަ ކަމަށްވެއެވެ. އަދިހަމައެހެންމެ ރަށުގެ ތިން ވިލީގައި ތިން ތަނުގައި ކިޔަވައިދެމުން ގޮސްފައިވެއެވެ. އެއީ އުތުރު ވިލީގެ މަކްތަބުއް ނަޖާޙާއި، މެދު ވިލީގެ ނޫރާނީ މަކްތަބާއި، ދެކުނު ވިލީގައި ހިންގި މަކްތަބުލް ފަލާޙުގައެވެ. 1958 ހިސާބުގައި "ދިއްދޫ މަދްރަސާ" ގެ ނަން "މަދްރަސަތުލް ޣާޒީ މުޙައްމަދު" މި ނަމަށް ބަދަލުކުރިއެވެ. އަދި އަތޮޅުގެ ހުރިހާ ރަށަކުން، ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކުދިީން ގެންނަވައި، ކުދީން ތިބޭނެ ބޯޑިންގެއް އަތޮޅުގެ ފަރާތުން އުފައްދަވައި، މި ތަނުގައި ކުދީންނަށް ތިބެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސެވިއެވެ.

1980ވަނަ އަހަރުގެ ނޮވެންބަރު 15ވަނަ ދުވަހު ހއ. ދިއްދޫގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އެޅިއެވެ. މި މަރުކަޒު ހުޅުވީ 7 ޖަނަވަރީ 1982 ގައެވެ. މަތީ ޘާނަވީއާ ހަމައަށް ކިޔަވައިދޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 900 އަށްވުރެ ގިނަ ދަރިވަރުން މިހާރު ތަޢުލީމު ޙާޞިލުކުރަމުން ދެއެވެ. އަދި 80 ވަރަކަށް މުދައްރިސުންނާއި 40 ވަރަކަށް އިދާރީ މުވައްޒަފުން އެ މަރުކަޒުގައި އުޅުއްވައެވެ.


ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް

ހއ.އަތޮޅު ބާރަށް - ބެރިންމަދޫ - ދިއްދޫ - ފިއްލަދޫ - ހަތިފުށި - ހޯރަފުށި - އިހަވަންދޫ - ކެލާ - މާރަންދޫ - މުޅަދޫ - މުރައިދޫ - ތަކަންދޫ - ތުރާކުނު - އުލިގަމު - ވަށަފަރު - އުތީމު
ހދ.އަތޮޅު ފަރިދޫ - ފިނޭ - ހަނިމާދޫ - ހިރިމަރަދޫ - ކުޅުދުއްފުށި - ކުމުންދޫ - ކުނބުރުދޫ - ކުރިނބީ - މާވައިދޫ - މަކުނުދޫ - ނައިވާދޫ - ނެއްލައިދޫ - ނޭކުރެންދޫ - ނޮޅިވަރަމް - ނޮޅިވަރަންފަރު - ވައިކަރަދޫ
ށ.އަތޮޅު ބިލެއްފަހި - ފީވަށް - ފޭދޫ - ފޯކައިދޫ - ފުނަދޫ - ގޮއިދޫ - ކަނޑިތީމު - ކޮމަންޑޫ - ޅައިމަގު - މާކަނޑޫދޫ - މާއުނގޫދޫ - މަރޮށި - މިލަންދޫ - ނަރުދޫ - ނޫމަރާ
ނ.އަތޮޅު ފޮއްދޫ - ހެނބަދޫ - ހޮޅުދޫ - ކެނދިކުޅުދޫ - ކުޑަފަރީ - ލަންދޫ - ޅޮހި - މާފަރު - މާޅެންދޫ - މަގޫދޫ - މަނަދޫ - މިލަދޫ - ވެލިދޫ
ރ.އަތޮޅު އަލިފުށި - އަނގޮޅިތީމު - ފައިނު - ހުޅުދުއްފާރު - އިނގުރައިދޫ - އިންނަމާދޫ - ކަނދޮޅުދޫ - ކިނޮޅަސް - މާކުރަތު - މަޑުއްވަރީ - މީދޫ - ރަސްގެތީމު - ރަސްމާދޫ - އުނގޫފާރު - ވާދޫ - ދުވާފަރު
ބ.އަތޮޅު ދަރަވަންދޫ - ދޮންފަނު - އޭދަފުށި - ފެހެންދޫ - ފުޅަދޫ - ގޮއިދޫ - ހިތާދޫ - ކަމަދޫ - ކެންދޫ - ކިހާދޫ - ކުޑަރިކިލު - މާޅޮސް - ތުޅާދޫ
ޅ.އަތޮޅު ހިންނަވަރު - ކުރެންދޫ - މާފިލާފުށި - ނައިފަރު - އޮޅުވެލިފުށި
ކ.އަތޮޅު ދިއްފުށި - ގާފަރު - ގުޅި ގުރައިދޫ - ހިންމަފުށި - ހުރާ - ކާށިދޫ - މާފުށި - ތުލުސްދޫ
އއ.އަތޮޅު ބޮޑުފުޅަދޫ - ފެރިދޫ - ހިމަންދޫ - މާޅޮސް - މަތިވެރި - ރަސްދޫ - ތޮއްޑޫ - އުކުޅަސް
އދ.އަތޮޅު ދަނގެތި - ދިއްދޫ - ދިގުރަށް - ފެންފުށި - ހަންޏާމީދޫ - ކުނބުރުދޫ - މާމިގިލި - މަހިބަދޫ - މަންދޫ - އޮމަދޫ
ވ.އަތޮޅު ފެލިދޫ - ފުލިދޫ - ކެޔޮދޫ - ރަކީދޫ - ތިނަދޫ
މ.އަތޮޅު ދިއްގަރު - ކޮޅުފުށި - މަޑިފުށި - މަޑުއްވަރީ - މުލައް މުލި - ނާލާފުށި - ރަތްމަންދޫ - ވޭވަށް
ފ.އަތޮޅު ބިލެއްދޫ - ދަރަނބޫދޫ - ފީއަލި - މަގޫދޫ - ނިލަންދޫ
ދ.އަތޮޅު ބަނޑިދޫ - ގެމެންދޫ - ހުޅުދެލި - ކުޑަހުވަދޫ - މާއެނބޫދޫ - މީދޫ - ރިނބުދޫ - ވާނީ
ތ.އަތޮޅު ބުރުނީ - ދިޔަމިގިލި - ގާދިއްފުށި - ގުރައިދޫ - ހިރިލަންދޫ - ކަނޑޫދޫ - ކިނބިދޫ - މަޑިފުށި - އޮމަދޫ - ތިމަރަފުށި - ވަންދޫ - ވޭމަންޑޫ - ވިލުފުށި
ލ.އަތޮޅު ދަނބިދޫ - ފޮނަދޫ - ގާދޫ - ގަން - ހިތަދޫ - އިސްދޫ - ކަޅައިދޫ - ކުނަހަންދޫ - މާބައިދޫ - މާމެންދޫ - މާވަށް - މުންޑޫ
ގއ.އަތޮޅު ދާންދޫ - ދެއްވަދޫ - ދިޔަދޫ - ގެމަނަފުށި - ކަނޑުހުޅުދޫ - ކޮލަމާފުށި - ކޮނޑޭ - މާމެންދޫ - ނިލަންދޫ - ވިލިނގިލި
ގދ.އަތޮޅު ފަރެސްމާތޮޑާ - ފިޔޯރީ - ގައްދޫ - ހޯނޑެއްދޫ - މަޑަވެލި - ނަޑެއްލާ - ރަތަފަންދޫ - ތިނަދޫ - ވާދޫ
ޏ.އަތޮޅު ފުވައްމުލައް
ސ.އަތޮޅު މީދޫ - ހިތަދޫ - މަރަދޫ - މަރަދޫފޭދޫ - ފޭދޫ - ހުޅުދޫ - ހުޅުމީދޫ
ދިވެހިރާއްޖޭގެ އަތޮޅުތައް