ދިއްދޫ (ހއ. އަތޮޅު)
| ޚުލާޞާ މަޢުލޫމާތު | |
| އަތޮޅު | ތިލަދުންމަތީ އުތުރުބުރި |
| އޮންނަ ތަން | ލެޓިޓިއުޑް: °6.8873 ، ލޯންޖިޓިއުޑް: °73.1073 |
| އަކަމިން | |
| އާބާދީ | 4728 |
| ދިގުމިން | 2 ކިލޯމީޓަރު |
| ފުޅާމިން | 0.72 ކިލޯމީޓަރު |
| މާލެއާ ހުރި ދުރުމިން | 300.947 ކިލޯމީޓަރު |
| އިދާރީ މަޢުލޫމާތު | |
| ރަށު ކައުންސިލުގެ ރައީސް | ޢަބްދުﷲ ރަޝީދު |
| ރަށު ކައުންސިލު އިދާރާގެ ފޯނު ނަންބަރު | 6500019 960+ |
| ރަށު ކައުންސިލު އިދާރާގެ ފެކްސް ނަންބަރު | 6500588 960+ |
ތަޢާރަފު
[އުނިއިތުރު ގެންނަވާ]ހއ. ދިއްދޫއަކީ ވެރިރަށް މާލެއާ 187 މޭލުގެ ރާސްތާގައި ތިލަދުންމަތީ އުތުރުބުރީގެ މެދު ތެރޭގައި އިރު އުތުރުގައި އޮންނަ ރަށެކެވެ. ތިލަދުންމަތީ އުތުރުބުރީގެ އަތޮޅު ވެރިކަންކުރާ މި ރަށުގެ ބޮޑުމިނަކީ 85.28 ހެކްޓަރެވެ. ޖުޣުރާފީ ގޮތުން ދިއްދޫ މިޞްރާބުކުރެވެނީ އުތުރު ޢަރްޟު (ލެޓިޓިއުޑް) °6.8873 އަދި އިރު ޠޫލު (ލޯންޖިޓިއުޑް) °73.1073 ގައެވެ. ދިއްދޫގެ އިރުމަތީ ފަރާތުގައި 1300 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެއް ހަދައިފައި އޮވެއެވެ. ރަށުގެ ބައެއް ބޮޑެތި މަގުތައް ވަނީ ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްފައެވެ.
އާބާދީ
[އުނިއިތުރު ގެންނަވާ]ހއ. ދިއްދޫއަކީ ހއ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށެވެ. 2025 ޖޫން މަހުގެ ނިޔަލަށް ހއ. ދިއްދޫގެ އާބާދީއަކީ 4728 މީހުންނެވެ. އެއީ 2421 ފިރިހެނުންނާއި 2307 އަންހެނުންނެވެ. ރަށުގެ ރައްޔިތުން އާމުދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރުމެވެ. ދެވަނައަށް މަސްވެރިކަމެވެ. މީގެއިތުރުން ވަޑާންކުރުމާއި، ޢިމާރާތްކުރުމުގެ މަސައްކަތްތަކާއި ސަރުކާރުގެ ވަޒީފާ އަދާކުރުން ހިމެނެއެވެ. ރަށުގައި ތިބެގެން އެންމެ ގިނަ މީހުން އަދާކުރާ ވަޒީފާއަކީ ސަރުކާރުގެ ވަޒީފާއެވެ.
ތާރީޚު
[އުނިއިތުރު ގެންނަވާ]ދިއްދޫ މީހުން އެންމެ ފުރަތަމަ ދިރިއުޅުނީ އެ އަތޮޅު ދޮނަކުޅީގައެވެ. ތާރީޚުން އެނގޭ ގޮތުގައި މީލާދުން 17ވަނަ ޤަރުނުގެ މެދަކާ ޖެހެންދެން ވެސް ދޮނަކުޅީގައި މީހުން އުޅުނެވެ. ކުރީގެ ޒަމާނުގައި ދޮނަކުޅިއަކީ މަލާބާރީންގެ ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ރަށެކެވެ. މި ސަބަބާހުރެ އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ މީހުން އެ ރަށުން ފޭބީއެވެ. ދޮނަކުޅިން ފޭބި މީހުން ފުރަތަމަ ދިޔަކަމަށް ވަނީ ހޮނޑާފުށްޓަށެވެ. ހޮނޑާފުށްޓަކީ ހދ. އަތޮޅުގެ ރަށެކެވެ. ހޮނޑާފުށްޓަށް ދިޔަ މީހުން ދިއްދޫއަށް އައީ އޭގެފަހުގައެވެ. މި ކަން ހިނގިކަމަށް ބުނެ އުޅެނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ގެ ރަސްކަމުގެ (1648 - 1687މ.) ކުރީގައެެވެ. އޭރު ދިއްދޫއަކީ ވަރުވާއަށް އުތީމު ގަނޑުވަރަށް ނަގައިފައިވާ ރަށެކެވެ. ރަށް ބަލަހައްޓަމުންދިޔައީ އުތީމު ގަނޑުވަރުންނެވެ. ދިއްދޫގައި އުތީމު ރުއްގަނޑޭ ކިޔާ ރުއްގަނޑެއް ދާދި ފަހަކާ ޖެހެންދެން ވެސް އޮތެވެ. އޭރު ދިއްދޫއަށް އައި މީހުން އެ ރަށުގައި އުޅެންޖެހުނީ އުތީމު ގަނޑުވަރަށް ޖިޒީ ދައްކައިގެންނެވެ.
ދިއްދޫ ބަންޑާރަވުން
[އުނިއިތުރު ގެންނަވާ]އުތީމު ގަނޑުވަރަށް ޖިޒީ ދައްކައިގެން ދިރިއުޅޭތާ އެތައް އަހަރެއް ފަހުން ދިއްދޫ ބަންޑާރަވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމުގައި ހިޖުރައިން 1351ވަނަ އަހަރުގެ ޝައްވާލު މަހުން 20ވަނަ ދުވަހު އޭރުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމެވި ނިންމެވުމަކުންނެވެ. އެ ނިންމެވުމުގައި ވަނީ އަންނަނިވި ޢިބާރާތުންނެވެ.
"الحمد لله وحده
السلطان محمد شمس الدين إسكندرކައްތިރި ބަވަނަ މަހާރަދުންގެ އަރިއަހުގައި، قانون ހަދާ مجلسން އަދަބުވެރިކަމާއެކު ދަންނަވަމެވެ.
ތިލަދުންމަތީ ދިއްދޫ ފަޅު ރަށަކަށް އޮއްވައި، އުތީމު މިސްކިތް މައްޗަށް ލެއްވުމަށް ފަހު އެތައް ޒަމާނަކަށް ފަހުން، އެ ދިއްދޫ، މީހުން އުޅޭ ރަށަކަށްވެ، عماراتވުމަށް ފަހުގައި، އެ ރަށުގެ މީހުންނާއި އުތީމު މީހުންނާ ވާ އަރައިރުންތަކާ މެދުގައި قانون ހަދާ مجلس ގައި ވާހަކަ ދެކެވިގެން އެ ދެ ރަށު މީހުންގެ ކަންތަކާ މެދުގައި، އިހު ރަސްރަސްކަލުން ދެއްވައިފައިވާ، ފަތްކޮޅުތައް ބަލައި، އެއިން ފެނުނު ގޮތްތަކާ އެކު ފާސްވީ މަގީ މިއެވެ.
- މީހުން ނުތިބޭ ފަޅުރަށްރަށް އެކިއެކި ފަރާތްފަރާތަށް ފަޅުރަށް ކަމުގައި ދެއްވައިފައިވަނިކޮށް، އެ ރަށްރަށް عماراتވެ، رعيةން ދިރިއުޅޭ ބަސްތީއެއްކަމަށް ވެއްޖެ ނަމަ، އެ ރަށެއް ފުރަ ބަންޑާރައަށް ލައްވައި، ގޮއި ރަށަކަށް ހައްދަވައި، އެ ރަށެއް އެ ނިގުޅައިގަނެވުނު ކިބަޔަކަށް ލިބުނު އުނިކަމެއް دولةގެ ފަރާތުން ހަމަޖައްސަވައި، رعية އަށް ލުއިކޮށް ދެއްވުން.
- މިގޮތުން ލިބޭ އުނިކަން ހަމަޖެއްސެވުމުގައި، އެ ނެގެވޭ ރަށަކީ ފަޅުރަށެއްކަމުގައި މިންވަރު ކުރައްވައިގެން ހަމަޖެއްސެވުން. اهـ
٢٠ شوال ١٣٥١ هـ "
ތިލަދޫ
[އުނިއިތުރު ގެންނަވާ]މިހާރުގެ ދިއްދުއަކީ އެ ރަށު ފަޅުގައި އޮތް "ތިލަދޫ" އޭ ކިޔާ ރަށުން ބަޔަކާ އެކު އުފެދިފައި އޮތް ރަށެކެވެ. ދިއްދުއާއި ތިލަދޫގެ ދެކުނުބައި ގުޅި އެއްރަށަކަށްވެ ދިއްދޫގެ ނަމުން މަޝްހޫރުވީ ކަމުގައި ވިޔަސް ދިއްދޫގައި ހިމެނޭ ތިލަދޫގެ ބައިގެ ފެން ބަރުވެފައި ހިސާބަކަށް ލޮނު ރަހައެއް ހުރެއެވެ. ނަމަވެސް ދިއްދޫގެ ބައިގެ ފެން ލުއިވެފައި މީރުމެއެވެ. ރަށުގެ ބޮޑުބަޔަކީ ތިލަދޫގެ ބައެވެ. މި ދެ ރަށް ގުޅުނު ހިސާބު ފާހަގަ ކުރަނީ މިހާރުގެ އަތޮޅު އޮފީހާއި އަތޮޅުގެއާއި އަތޮޅު ތަޢުލީމީ މަރުކަޒުގެ އުތުރުން އޮންނަ ހުރަސް ބޮޑު މަގުންނެވެ. މި މަގަށް ކުރިން ކިޔަނީ "ފެންވަޅު މަގު" ނުވަތަ "ކަނބޯވަޅު މަގު" މިހެންނެވެ. (މުޙައްމަދު އިބްރާހީމް ލުޠުފީ)
ރަށް ފެންވުމުގެ ހާދިސާ
[އުނިއިތުރު ގެންނަވާ]ދިއްދޫއަކީ މާޒީވެ ދިޔަ ތާރީޚުގެ ތެރޭގައި ވަރަށް އާދަޔާ ޚިލާފު ގޮތަކަށް މުޅި ރަށް ފެންވެފައިވާ ރަށެކެވެ. "ރަށް ފެންވުން" މި ބަސް ދިއްދޫ މީހުން ބޭނުންކުރަނީ އެ ރަށުގައި ހުރި ދެ ގެއެއް ފިޔަވައި ހުރިހާ ގެދޮރަކާއި ހަރުގެ ފަދަ ތަންތަން އަނދައި އަޅިއަށްވެ ދިޔަ ހާދިސާއާ ގުޅިގެންނެވެ. މި ކަން ހިނގައިފައިވާ ގޮތެއްކަމަށް އޭރުގެ މީހުން ބުނެއުޅޭ ގޮތަކީ " ދިއްދުއަކީ އެޒަމާނުގައި (ފަންރިޔާ ނެގި ޒަމާނުގައި) ރިޔާ ވިޔާ ރަށެއް ކަމަށެވެ. ރަށުގެ ހުޅަނގު ފަރާތަކީ އޮޑިދޯނިފަހަރު ގެންގުޅޭ ފަރާތްކަމަށްވާތީ ހުރިހާ ހަރުގެއެއް ހުންނަނީ އެ ފަރާތުގައެވެ. އަދި އެ ޒަމާނުގައި ގެދޮރު ހެދައިފައި ހުންނަނީ ފަނުންކަމަށް ވާތީ މުޅިރަށުގައި އޮންނަނީ ފަންގިގެތަކާއި ފަންގިން ހަދައިފައިވާ ފުޅަށްގަނޑުތަކާއި ހަރުގަތެކެވެ. ކޮންމެއަކަސް ރަށުގެ ހުޅަނގު ފަރާތު އުތުރުކޮޅުގައި ރިޔާވިޔަން މީހުން ތިބެނީ ހަރުގެތަކާ ކައިރީގައެވެ. ދިއްދުއަކީ އެ ޒަމާނުގައި ބޭރު ދަތުރުކުރާ ބައްތެލިފަހަރު ގެންގުޅުނު ރަށެކެވެ. އެއްފަހަރަކު މި ގޮތަށް ބޭރު ދަތުރު ދިޔަ ބައްތެއްޔަކުން މުދާ ބޭލުމުގެ ތެރޭގައި ބައެއް ސާމާނު ތެމުނެވެ. ތެމުނު އެއްޗެހީގެ ތެރޭގައި އަލިފާން ފޮށިތަކެއް ވެސް ތެމުނެވެ. މި އަލިފާން ފޮށިތައް ހިއްކަންވެގެން ބަހައްޓައިފައި ހުއްޓާ އެ ހިސާބުގައި ކުޅެން އުޅުނު ނުވަތަ މޫދަށް އެރި އުޅުނު ކުދި ބަޔަކު ތެރޭން ކުއްޖަކު އަލިފާން ފޮށިން ދަނޑިއެއް ނަގައި އަލިފާން ރޯކުރުމަށްފަހު އެ ކުއްޖާގެ އަތަށް ހޫނުވުމާއެކު އެ ދަނޑި އެއްލައިލެވުނީ އެއްކަލަ ރިޔާވިޔަން އެއްކޮށްފައިވާ ފަންތަކުގެ ތެރެއަށެވެ. އިސާހިތަކުން އެ ފަންތަކުގައި ރޯވެއްޖެއެވެ. ދުވަހަކީ ރަނގަޅަށް ވައިޖެހޭ އަވިގަދަ ދުވަހެކެވެ. އެހެންކަމުން ހިކިފައިހުރި ފަންތަކުގައި ހިފުމާއެކު ލަހެއްނުވެ ޖެހިގެންހުރި ހަރުގޭގައި އަލިފާން ހިފައިފިއެވެ. އެ ދުވަހަކީ ރައްޔިތުންގެ ތެރެއިން ހުރިހާ މީހުން ވެސް މަހަށްދިޔަ ދުވަހަކަށްވާތީ ރަށުގައި މީހުން ވަރަށް މަދުކަމަށްވެއެވެ. އެހެންކަމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރާނެ ގިނަ ޢަދެއްގެ ބަޔަކު ނެތުމާއެކު ހަރުގެތަކުގައި ރޯވަމުން ރަށުތެރެއަށް އަލިފާން ފެތުރިގެންދިޔައީ ވަރަށް އަވަހަށެވެ. އަދި ގޭގޭގައި ހުރި ހިފައި ގެންގުޅޭ ސާމާނާއި މުދާތައް އެ ވަގުތު ގޭގައި އުޅުނު މީހުންވެގެން އަތިރިމައްޗަށް (ވައިމައްޗަށް) ނެރުނުކަމަށް ބުނެއެވެ. އެ ދުވަހު ރަށުގެ ރައްޔިތުންގެ ތެރެއިން މަހަށްދިޔަ މީހުން ރަށަށް އައީ ރަށުން ވަރަށް ގަދަޔަށް ދުންއަރާތަން ފެނުމުން ރަށުގައި ކޮންމެ ވެސް ކަމެއްވެއްޖެކަން އެނގިގެން ކަމަށްވެއެވެ. އެ މީހުން ރަށަށް އައިއިރު މުޅިރަށް ވަނީ އަނދައި އަޅިއަށްވެފައެވެ. ދެން ހުރިހާ އޮޑިދޯނިފަހަރުގެ މީހުންވެގެން ފެންޖަހާ އަލިފާން ނިއްވާލީއެވެ." މިއީ މި ހާދިސާ ހިނގި ކަމަށް ކިޔައިއުޅޭ ގޮތެވެ.
މި ހާދިސާގައި އެ ރަށުގައި ނުއަނދައި ހުރީ ދެ ގެއެއް ކަމަށް ބުނެއުޅެއެވެ. އެއީ ދިއްދޫ ޢަލީ ޙާޖީގެ ދެ ގެ ކަމަށްވެއެވެ. މި ދެ ގެ ހުންނަނީ ރަށުގެ ދެކުނުން އެންމެ އިރުމަތީގައި ކަމަށްވެފައި އޭރު ވެސް މި ދެ ގެ ހުރީ އީޓު ޖަހައިފައިކަމަށްވާތީ އަލިފާނުގެ އަސަރު ކޮށްފައިވާލެއް ކުޑަކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. މި ހާދިސާގައި ބިރުން ފިލަންވެގެން ގެއެއްގެ ބޮޑުއަށި ތަންދޮށަށް ވަން ދެ ކުއްޖަކު ފިހިގެން މަރުވިކަމަށްވެއެވެ.
ތާރީޚީ ތަންތަން
[އުނިއިތުރު ގެންނަވާ]ހއ. ދިއްދޫން އެންމެ ފާހަގަކޮށްލެވޭ އާސާރީ ބިނާއަކީ ދިއްދޫ ޢީދު މިސްކިތެވެ. ބުނެވޭ ގޮތުގައި މި މިސްކިތް ބިނާކޮށްފައިވަނީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (ބޮޑު ތަކުރުފާނު) ބިނާކުރެއްވި މިސްކިތެއް ހުރި ތަނުގައެވެ. އެ މިސްކިތް ހުރީ ގާފޮޅު މަތީ މެއްލަޖަހައި ދަނޑިން ބިތް ގަތައި "ދިއްދޫ ފަންރިޔާ" (ރުކު ބޮންތި ފަންވަތުގެ ސާންތި) ދަމައި އޭގެ ބޭރުން ބިތް ފަން ދަމައި އޮބިއަޅައިފައެވެ. ފުރާޅު ހިޔާކޮށްފައި އޮތީ ބިތް ފަނުންނެވެ. ހިޖުރައިން 1100ވަނަ އަހަރު އެ މިސްކިތުގެ ބިތްތައް ރޫޅައި ފިލާ ޖަހައިގެން ރާނައި ހެދީ ދިއްދޫ ޤާސިމް ޚަޠީބު (ދިއްދޫ އަލްޙާއްޖަ އިބްރާހީމް ކަލޭގެފާނުގެ މުނިކާފަ) ގެ ވެރިކަމުގައެވެ. އޭގެފަހުން އެ މިސްކިތް މިހާރު އެ ހުރި ގޮތަށް ރާނައި ބޮޑުކުރީ ޙާޖީ މޫސާ ޚަޠީބު ކަލޭގެފާނުގެ ވެރިކަމުގައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ގެ ރަސްކަމުގައެވެ. އޭގެފަހުން އެ މިސްކިތަށް ކިޔަނީ ދިއްދޫ ޢީދު މިސްކިތެވެ. އުވައިން ރާނައި ހިޔާކޮށްފައި ހުރި މި މިސްކިތަކީ ނަމާދުކުރުމަށް މިހާރު ވެސް ބޭނުންކުރާ މިސްކިތެކެވެ.
ތަޢުލީމު
[އުނިއިތުރު ގެންނަވާ]ހއ. ދިއްދޫގައި އެންމެ ފުރަތަމަ ކިޔަވައިދެމުން ގޮސްފައިވަނީ ދިއްދޫ ދެކުނު އަވަށު ކުޑަގެ ނަމަކަށް ކިޔުނު ޢިމާރާތެއްގައެވެ. އޭގެފަހުން "ދިއްދޫ މަދްރަސާ" ގެ ނަމުގައި ރަށުގެ މައުލޫދު ހަރުގޭގައި ކިޔަވައިދެމުންގެންދިޔަ ކަމަށްވެއެވެ. އަދިހަމައެހެންމެ ރަށުގެ ތިން ވިލީގައި ތިން ތަނުގައި ކިޔަވައިދެމުން ގޮސްފައިވެއެވެ. އެއީ އުތުރު ވިލީގެ މަކްތަބުއްނަޖާޙާއި، މެދު ވިލީގެ ނޫރާނީ މަކްތަބާއި، ދެކުނު ވިލީގައި ހިންގި މަކްތަބުލްފަލާޙުގައެވެ. 1958 ހިސާބުގައި "ދިއްދޫ މަދްރަސާ" ގެ ނަން "މަދްރަސަތުލް ޣާޒީ މުޙައްމަދު" މި ނަމަށް ބަދަލުކުރިއެވެ. އަދި އަތޮޅުގެ ހުރިހާ ރަށަކުން، ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކުދިީން ގެންނަވައި، ކުދީން ތިބޭނެ ބޯޑިންގެއް އަތޮޅުގެ ފަރާތުން އުފައްދަވައި، މި ތަނުގައި ކުދީންނަށް ތިބެވޭނެ ގޮތުގެ އިންތިޒާމު ހަމަޖައްސެވިއެވެ.
1980ވަނަ އަހަރުގެ ނޮވެންބަރު 15ވަނަ ދުވަހު ހއ. ދިއްދޫގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބިންގާ އެޅިއެވެ. މި މަރުކަޒު ހުޅުވީ 1982 ޖަނަވަރީ 7ވަނަ ދުވަހުއެވެ. މަތީ ޘާނަވީއާ ހަމައަށް ކިޔަވައިދޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 900 އަށްވުރެ ގިނަ ދަރިވަރުން މިހާރު ތަޢުލީމު ޙާޞިލުކުރަމުން ދެއެވެ. މީގެއިތުރުން"ޣާޒީ މުޙައްމަދު ޕްރީ ސްކޫލު" ގެ ނަމުގައި ކައުންސިލުން ހިންގަވާ ޕްރީ ސްކޫލެއް ދިއްދޫގައި ހުރެއެވެ. އަދި ދިއްދޫގައި ސަރުކާރުން ޤާއިމުކުރައްވާ ޖޫނިއަރ ކޮލެޖުގެ ވަރަށް ގިނަ މަސައްކަތްތައް މިހާރު ނިމި، އެއްކޮށް ނިމުމަކާ ވަނީ ގާތްވެފައެވެ.
ޞިއްޙީ ޚިދުމަތް
[އުނިއިތުރު ގެންނަވާ]ހއ. ދިއްދޫގައި ޞިއްޙީ ޚިދުމަތް ދޭން ފަށައިފައިވަނީ 1967ވަނަ އަހަރުއެވެ. އެއީ ހއ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް ޓަކައި ހުޅުވި ޞިއްޙީ މަރުކަޒުންނެވެ. ދިއްދޫގައި މިހާރު ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަކީ ދިއްދޫ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުން ވެސް ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.