ޢަލީ އަޙުމަދު
އަލްފާޟިލް މާދޫގޭ އަލީ އަޙުމަދަކީ ހ.މާދޫގޭ އަޙުމަދު ކަލޭފާނާއި، ކެރަފާ މެދުމަނިކެ އާއި ދެކަނބަލުންގެ މާދޫގޭ ދޮންތުއްތު އެވެ. ފަހުން ޢަލީ އަޙުމަދު އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 މާރޗް 1917 ގައި ހ.މާދޫގޭގައެވެ.
ތައުލީމް ޙާޞިލް ކުރެއްވުން
[އުނިއިތުރު ގެންނަވާ]އަލްފާޟިލް މާދޫގޭ އަލީ އަޙުމަދު ތަޢުލީމު ޙާޞިލް ކުރެއްވީ މަދަރުސަތުއް ސަނިއްޔާ ( ފަހުން މަޖީދިއްޔާ ސްކޫލް ) އިންނެވެ. އޭގެ ފަހުން ދުވަސްކޮޅަކު ތަޢުލީމް ހޯއްދެވުމަށް މިޞްރުގައި ވެސް ހުންނެވި އެވެ. ދިވެހި ބަހުގެ ގަވާޢިދުގެ ހަމަތައް އޭނާ އުގެނިވަޑައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. އުރުދޫ ބަހާއި ސިންގަޅަ ބަސްވެސް ދެނެވަޑައިގަނެއެވެ.
އަލްފާޟިލް ޢަލީ އަޙުމަދު (ހ.މާދޫގެ) އަކީ ވަރަށް އަގުހުރި ޝަޚްޞިއްޔަތެކެވެ. އޭނާ އަކީ މުދައްރިސެކެވެ. ޅެންވެރިއެކެވެ. މުޞައްނިފެކެވެ. ކުޅަދާނަ ބަސްމޮށުންތެރި އެކެވެ. އުރުދޫބަހާއި ސިންގަޅަ ބަސް ވަރަށް މޮޅަށް ދެނެވަޑައިގަނެއެވެ. އޭނާވަނީ ސަރުކާރުގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާއެކު 61 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހޭދަކުރައްވާފައެވެ.
ގައުމީ ޚިދުމަތް
[އުނިއިތުރު ގެންނަވާ]ތަޢުލީމީ ދާއިރާ
[އުނިއިތުރު ގެންނަވާ]މާލޭގައި ހިންގަމުންދާ އެންމެ ދުވަސްވީ އަމިއްލަ މަދަރުސާ މަދަރުސަތުލް ޢާލިޔާ ނުވަތަ ޢާލިޔާ ސްކޫލްގެ ބާނީ އަކީ ވެސް ޢަލީ އަހުމަދު އެވެ. ދިވެހިރާއްޖޭގެ ތަޢުލީމަށް އޭނާކޮށްފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ވަނީ ތަޢުލީމަށް ޚިދުމަތްކުރުމުގެ ޝަރަފްވެރިކަމުގެ އިނާމް 1979 ވަނަ އަހަރު ސަރުކާރުން ދެއްވާފައެވެ. ތައުލީމާއި ތަރުބިއްޔަތުގެ ރޮނގުންވެސް ދިވެހި ގައުމަށް ޢަލީ އަހުމަދުގެ ޚިދުމަތް ވަނީ ލިބިފައެވެ. މަދަރުސަތުއް ސަނިއްޔާގެ ފިރިހެންކުދިންގެ ގޮފީގެ ދިވެހި މުދައްރިސް ކަމާއި، ހެލެބެލި ބައި ގެ މުރުޝިދުކަން ކުރެއްވި އެވެ. ފަހުން މަޖީދިއްޔާ ސްކޫލް އަށް ނަން ބަދަލުވިއިރު ވެސް މިދެވަޒީފާގައި ހުންނެވި އެވެ. ފަހުން މަދަރުސަތުލް ޢާލިޔާ، (މިހާރުގެ ޢާލިޔާ ސްކޫލް ) ގެ ނަމުގައި އޭނާގެ ގޭގައި (ހ.މާދޫގެ ) ސުކޫލެއް އުފައްދަވައި އެސުކޫލްގެ ނާޒިރުކަން ކުރައްވަމުން ކިޔަވައިދެއްވަމުން ގެންގޮސްފައި ވެއެވެ.
ދިވެހި އަދަބު
[އުނިއިތުރު ގެންނަވާ]އަލްމަރުހޫމް ޢަލީ އަޙުމަދު އަކީ ދިވެހި ބަހަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތެކެވެ. އޭނާ ވަނީ ދިވެހި ބަހާއި ބެހޭ ވަރަށް ގިނަ ފޮތްތަކާއި ލިޔުންތައް ލިޔުއްވާފައެވެ. ދިވެހި ބަހަށް ކޮށްފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 1997 ވަނަ އަހަރު ސަރުކާރުން އޭނާއަށް ދެއްވާފައި ވެއެވެ.
ނޫސްވެރިކަން
[އުނިއިތުރު ގެންނަވާ]އަލްމަރުހޫމް ޢަލީ އަޙުމަދު ވަނީ ދިވެހި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް ވަރަށް ދިގުމުއްދަތެއްގައި ޚިދުމަތް ކޮށްފައެވެ. އޭނާއަކީ ދިވެހިބަހުގެ ލިޔުންތެރިންގެ ތެރޭގައި އަދި ނޫސްވެރިންގެ ތެރޭގައި އިސް ސަފުގައި ހިމެނި ވަޑައިގެންނެވި ބޭފުޅެކެވެ. އަމިއްލަފުޅަށް ވަރަށް ގިނަ ނޫސް އޭނާވަނީ ނެރުއްވާފައެވެ. ދިވެހިރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުނު މުނާސަބަތުގައި ބޭއްވި ހަފްލާގައި ދިވެހި ނޫސްވެރިކަމުގެ މުއައްސިސް ކަމުގެ ހަދާނީ ލިޔުން، އަދި ނޫސްވެރިކަމުގެ ރަންގަލަން އޭނާއަށް ލިބިވަޑައިގެންނެވި އެވެ.
އަދާކުރެއްވި ސަރުކާރުގެ ވަޒީފާތައް
[އުނިއިތުރު ގެންނަވާ]- ރައްޔިތުން މަޖުލީހުގެ ސެކެޓްރީކަން
- މަޙްކަމަތުލް އިރުޝާދުގެ ވަކީލުކަން
- މަޖީދިއްޔާ ސްކޫލްގެ ނާޒިރުކަން
- އެޓާނީ ޖެނެރަލްގެ އެހީތެރިޔާކަން
- މަޙްކަމަތުލް އިރުޝާދުގެ ވެރިޔާގެ ނާއިބުކަން
- މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
- މަޙްކަމަތުއް ތިޖާރާ ވައްތަމްވީން ގެ ނާއިބުކަން
- މަދަރުސަތުލް އަމީރު އަޙުމަދުގެ ނާޒިރުކަން
- ރައްޔިތުން މަޖުލީހުގެ މެންބަރުކަން
އަވަހާރަވުން
[އުނިއިތުރު ގެންނަވާ]އަލްމަރުހޫމް ޢަލީ އަޙުމަދު މިދުނިޔެ ދޫކުރެއްވީ 28 ޑިސެމްބަރު 2002 ގައެވެ. އޭރު އުމުރު ފުޅަކީ 85 އަހަރެވެ. އޭނާގެ ބައްޕަ އަކީ ސަރުކާރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަދި އާންމުންގެ އިހްތިރާމާއި ގަދަރު ލިބިވަޑައިގެންނެވި ބޭފުޅެއްކަމުގައިވާ މާދޫގޭ އަލްމަރުހޫމް އަޙުމަދު ކަލޭފާނު އެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006