އަޙުމަދު ހަކުރާ މަނިކުފާނު
އަލްވަޒީރު އެއްގަމުގޭ އަޙުމަދު ދީދީ ނުވަތަ އަޙުމަދު ހަކުރާ މަނިކުފާނު އަކީ ދިވެހި އަދީބުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އައްނަބީލް އަޙުމަދު ޙަސަން ދީދީ ނުވަތަ އެއްގަމުގޭ އަޙުމަދު ދީދީ އަކީ އެއްގަމުގޭ އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނުންގެ 3 ވަނަ ފިރިހެން ދަރިކަލުން އައްނަބީލް އަޙުމަދު ދީދީ އެވެ. މަންމަ އަކީ މާފަންނު ފޮތުމުރީދު ޙުސައިން ދީދީގެ ފާތިމާ ދީދީ އެވެ.
އަލްވަޒީރު އަޙުމަދު ހަކުރާ މަނިކުފާނު (އެއްގަމުގޭ ހަކުރާ މަނިކުފާނު / އެއްގަމުގޭ އަޙުމަދު ދީދީ) އަކީ އެއްގަމުގޭ އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނުގެ ދަރިކަލެކެވެ. މަންމައަކީ މާވާ ޙުސައިން ދީދީގެ ފާތިމަތު ދީދީ އެވެ. އެއްގަމުގޭ ހަކުރާ މަނިކުފާނު އަކީ އެއްގަމުގެއިން ދިވެހިރާއްޖެ ހިންގަމުން އައި ދުވަސްވަރު އައްސުލްޠާނުލް ޙާއްޖު މުޙައްމަދު ޢިމާދުއްދީން (6) ވަނަ ގެ ރަސްކަމުގެ ދުވަސްވަރު ސަރުކާރުގެ މަސައްކަތްތައް ބަލަހައްޓަވައި ހިންގެވުމުގައި އުޅުއްވި، ދައުލަތުގެ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ތަޢުލީމީ ގޮތުން ރާއްޖޭގެ ފެންވަރުގައި ދީނީ ޢިލްމު އުގެނިވަޑައިގެން، ހެވިކަން ދަސްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ތަޢުލީމު ޙާޞިލް ކުރެއްވުން
[އުނިއިތުރު ގެންނަވާ]އަބަދުވެސް ދިވެހިރާއްޖެއިން ބޭރަށް ނުގޮސް ތިބެގެން ބޭރުގެ ކޮންމެވެސް ބަހެއް ދަސްކޮށްގެން އެބަހަކުން ޢިލްމު ހޯދާ މީހުން ރާއްޖޭގައި ވެސް އުޅެއެވެ. އެގޮތުން އައްނަބީލް އަޙުމަދު ޙަސަން ދީދީ އަކީވެސް މާލޭގައި ހުރެގެން ހިސާބަކަށް އުރުދޫ ބަހާއި އިގިރޭސި ބަސް ދަސްކުރެއްވި ބޭފުޅެކެވެ. އަދި އެދެބަހުގެ މަޢުރިފާއިން ސިކުނޑިފުޅު ތަނަވަސް ކުރައްވައި ޢިލްމު ހޯއްދެވި ބޭފުޅެކެވެ. އޭނާ އުރުދޫ ކިޔަވާ ވިދާޅުވީ މުލީގޭ ދޮށީދީދީގެ ފާމުދޭރި މަނިކުފާނުންގެ އަރިހުންނެވެ. އޭނާ އަކީ އަހުމަދު ޙަސަން ދީދީގެ ބަފައިކަލޭގެ ވެސް މެއެވެ.
އައްނަބީލް އަޙުމަދު ޙަސަން ދީދީ އިގިރޭސި ކިޔަވާ ވިދާޅުވާން ފެއްޓެވީ ހޮޅުދޫ ނެވިގޭ ދޮންމަނިކުގެ އިސްމާޢީލް ދީދީގެ އަރިހުންނެވެ. އޭގެ ފަހުން އެއްގަމުގޭގައި އައިސްހުރި ސިލޯނުގެ ސިންގަޅައެއްގެ ގާތުންނެވެ. އެދުވަސްވަރުގެ ފޮތްތެރީންގެ ތެރެއިން އައްނަބީލް އަޙުމަދު ޙަސަން ދީދީ އަކީ އުރުދޫ އިގިރޭސި ފޮތް ގިނައިން އެއްކުރެއްވި ބޭފުޅެކެވެ. ގުރުއާނުގެ އުރުދޫ ތަރުޖަމާ ފޮތްތައް ބައްލަވައި، އާޔަތްތަކުގެ މާނަ ދަސްފުޅު ކުރައްވާފައިވާލެއް މޮޅުކަމުން، ދަންނަ ބޭކަލުންނާއި ބަހުޘްކުރެއްވި ޖެހިލުންކުޑަ ބޭފުޅެކެވެ. ދީނުގެ މައްސަލަތަކާ މެދު ތަގްލީދު ކުރެއްވުން ކުޑަ، އަމިއްލަ އިޖުތިހާދުގެ މައްޗަށް ބުރަވެ ހުންނަވާ ބޭފުޅެއްވެސް މެއެވެ.
ވަޒީރު ކަމުގައި
[އުނިއިތުރު ގެންނަވާ]އައްނަބީލް އަޙުމަދު ޙަސަން ދީދީ އުމުރުފުޅުން 22 ނުވަތަ 23 އަހަރު ގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ނުވަތަ ޙާޖީ ޢިމާދުއްދީންގެ ވަޒީރުކަން ދެއްވައި ، ހަކުރާކަމަށް ކޮލިލައިފި އެވެ. އެއަށްފަހު އޭނާ މަޝްހޫރުވެގެންވަނީ ހަކުރާ މަނިކުފާނުގެ ނަމުންނެވެ. އޭނާ އަކީ ޙާޖީ ޢިމާދުއްދީނުގެ މުޝީރުންގެ ތެރޭގައި ކުރިއަށް ހުންނެވި ބޭފުޅެކެވެ. ބޭރާ ބެހޭ ކަންތައްތަކުގައި ޙާޖީ ޢިމާދުއްދީނަށް ލަފާދެއްވާ ބޭފުޅަކަށްވީތީ އެއްފަހަރަށްވުރެ ގިނަފަހަރު ރަދުންގެ ފަތްކޮޅު ހިފައިގެން ސަފީރެއްގެ ގޮތުގައި ކޮޅުބަށް ވަޑައިގެންނެވި އެވެ.
އަރުވާލެއްވުން
[އުނިއިތުރު ގެންނަވާ]ޙާޖީ ޢިމާދުއްދީނުގެ ރަސްކަމަށް 10 އަހަރު ފުރުނުތަނާ ރަސްކަން ބަދަލުވެ އަރުވާލެވުނު މީހުންގެ ތެރޭގައި އައްނަބީލް އަޙުމަދު ޙަސަން ދީދީ ހިމެނިވަޑައިގެންނެވި އެވެ. ފުރަތަމަ އަރުވާލާފައި ހުންނެވީ އަރިއަތޮޅު މާމިގިލީގައެވެ. އެއަށްފަހު މާލެއަތޮޅު ގުރައިދޫ ގައެވެ. ތިމާގެ އަނބި ދަރިންނާއި ގެދޮރު ދޫކުރައްވައި އަރުވާލައްވާފައި ހުންނެވި ދުވަސްވަރަކީ ނުހަނު އެކަނިވެރިކަމާ ހިތްދަތިކަން ލިބުނު ފޫހި ދުވަސްވަރެއް ކަމަށް ވިއެވެ.
އައްނަބީލް އަޙުމަދު ޙަސަން ދީދީ އަރުވާލާފައި ހުންނެވި ދުވަސްވަރު ވެގެންދިޔައީ ޢިލްމީ މަސައްކަތް ކުރައްވާން ލިބުނު ފުރުޞަތަކަށެވެ. އެދުވަސްވަރުގެ ތެރޭގައި އުރުދޫ ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވި އެވެ. އޭނާ ތަރުޖަމާކުރެއްވި ގިނަ އުރުދޫ ފޮތްތައް ހުރީ ޅެންބަހުންނެވެ.
ތަރުޖަމާކުރެއްވި ފޮތްތައް
[އުނިއިތުރު ގެންނަވާ]- އިޙްޔާއުލް ޢުލޫމް - މުޢާމަލާތާ ބެހޭބައި
- މިޢުރާޖުގެ ވާހަކަ
- ޢަލީގެ ފާނު ޝަހީދުވި ވާހަކަ
- ކަރުބަލާގެ މަޝްހޫރު ހާދިޘާ
- ފާތިމަތުގެ ފާނުގެ ވާހަކަ
އައްނަބީލް އަޙުމަދު ޙަސަން ދީދީ މެންގެ ޒަމާނުގައި ލިޔެކިޔުން މަދުކަމާއި ޗާޕުކުރުން ނެތްކަމުން، އޭނާގެ ގިނަ ލިޔުންތައް ގެއްލިގެން ދިޔައީއެވެ. އައްނަބީލް އަޙުމަދު ޙަސަން ދީދީ އަރުވާލައްވާފައި 6 އެއްކަ އަހަރު ބެހެއްޓުމަށްފަހު، މާލެ ގެންނަވައިފިއެވެ. ދެން އޭނާ ހުންނެވީ މުލީގޭ ދޮށީދީދީގެ ފާމުދޭރި މަނިކުފާނުންގެ ގޭގައެވެ. މާލޭގައި ދިރިއުޅުއްވަން ފެއްޓެވުމަށްފަހު އެއްދުވަހެއް އަނެއް ދުވަހަކަށް އައީ ދީނީ އަޅުކަން ކުރެއްވުން އިތުރުވަމުންނެވެ. އެއްގަމުގޭ އައްނަބީލް އަޙުމަދު ޙަސަން ދީދީ އަވަހާރަވީ އުމުރުފުޅުން 51 އަހަރުގައެވެ.
ފާތިމަތުގެ ފާނު ވާހަކައިން ތަންކޮޅެއް
[އުނިއިތުރު ގެންނަވާ]ކުރާމީ ރިވާހުން ކުރެއްވީ ރިވާ
ދުރާލާ އަހާވަމެ ކަލޭނޭ ހިތާ
ވިތާ ޒޫހަރާ ވަކި ރަސޫލާ މަގޭ
ހިތާ މާލުގާ ހާ ދެމަސް ފޮއިވިޔޭ
ހުމެއް ނުފިލަތޭ ހަށިކޮޅުން ޒޫހަރާ
ވުމެއްނެތެ ފަރިއްކުޅު ރެޔާލަށް ދުވާ
ވަރަށްވާތި ކީރިތި އަބަދުގައި ކުރަން
ހަރަށް އެފަވިޔޭ ޒަރުދުގައި ކޮޅުއެކަށް
ވަޑައިގަތް ފަހުން ދުނިޔެއިން ދެން ރަސޫލާ
ވަޑައިގްނަންވަން ޖަންނަތަށްވީ ބަތުލޫ
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006