ޢަބްދު ﷲ އިސްމާޢީލް (އިސްމާޢީލް ކަލޭގެފާނުގެ ތުއްތު)
އަލްފާޟިލް އަލް މަރްޙޫމް ޢަބްދުއްﷲ އިސްމާޢީލް އަކީ މޮޅު ހިސާބު ޢިލްމް ވެރިއެކެވެ. އަދި މޮޅު މާލިމި އެކެވެ. އަލްފާޟިލް އަލް މަރްޙޫމް ޢަބްދުއްﷲ އިސްމާޢީލް މަޝްހޫރުވެފައިވަނީ ކުޑއިސްމާއިލް ކަލޭފާނު ތުއްތު ގެ ނަމުންނެވެ. އަދި ވަރަށް ގިނަ ބައެއްގެ ތުއްތު ސާހިބު ގެ ގޮތުގައެވެ.
ނަސަބު[އުނިއިތުރު ގެންނަވާ]
އަލްފާޟިލް ޢަބްދުއްﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދު އަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުއްﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1319 ޛުލްޤަޢިދާ 1 (10 ފެބްރުއަދީ 1902 މ) ވީ ހޯމަ ދުވަހު ފ.އަތޮޅު ހިމިތީގައެވެ. މީނާ އަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސަމާލުކަން ދެވޭ ދިވެހި ޝަޚްސިއްޔަތެކެވެ. ތުއްތު ސާހިބުގެ އާއިލާ މާލެ އިން ވެސް ފެންނަން އެބައޮތެވެ. މ.ހުދު އަސުރުމާގެ، އަދި މ.އަސުރުމާގެ މި ދެގޭބިސީގެ އަހުލުވެރިންނަކީ ތުއްތު ސާހިބުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހުން ކަމުގައި ބުނެވެއެވެ.
ބަހަށްކުރެއްވި ޚިދުމަތް[އުނިއިތުރު ގެންނަވާ]
އަލްފާޟިލް ޢަބްދުއްﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިސާބު ޢިލްމުގެ މާހިރެކެވެ. މޮޅު މާލިމީ އެކެވެ. އަދި ކުއްލި ޖަވާބާއި، ބަހުގެ ސަމާސާ ތަކާއި، ދެމާނަ ހުންނަގޮތަށް ބަސް ބޭނުން ކުރެއްވުމުގައި އޭނާ އަކީ ލާމަސީލު ބޭކަލެކެވެ. .
ބޭރުބަސް ދިވެހިކުރުން[އުނިއިތުރު ގެންނަވާ]
އަލްފާޟިލް ޢަބްދުއްﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ބޭރު ބަސް ދިވެހި ކުރެއްވުމުގައި ވެސް އަރާ ހުންނެވި ބޭކަލެކެވެ. މިސާލަކަށް ދަހަމަލަސްކަރު(އިނގިރޭސި ބަހުން: Decimal Fraction) ، ބައި ހިމަނާ(އިނގިރޭސި ބަހުން: Numerator) ، ބައިކުރާ(އިނގިރޭސި ބަހުން: Denometer) އަދި ބ.ދ.ގ(އިނގިރޭސި ބަހުން: LCM) އަދި ބ.މ.ބ(އިނގިރޭސި ބަހުން: HCF) މިހިރީ ހައްތަހާވެސް އޭނާ ދިވެހި ބަހަށް ގެންނެވި ބަސްތަކެވެ. ތުއްތު ސާހިބަކީ ހިސާބު ޢިލްމުވެރިއެއް ކަމުން އޭނާ އެންމެ ގިނަ ބަސް ދިވެހި ކުރައްވާފައިވަނީ ހިސާބު ޢިލްމާ ބެހޭ ގޮތުންނެވެ.
ކާތިބުކަން[އުނިއިތުރު ގެންނަވާ]
އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ދިވެހި ބަހަށް ދިވެހި ލިޔުމަށް ވެދެވަޑައިގެން ހުންނެވި ބޭކަލެކެވެ. ވަރަށް ރީތިކޮށް އަދި އެހާމެ އަވަހަށް ލިޔުއްވާ ބޭފުޅެކެވެ. އޭނާވަނީ ގާނޫނު ހަދާ މަޖުލީހުގެ އިސްކާތިބެއްގެ ދައުރު އަދާކޮށްފައެވެ.އެހެންކަމުން އޭނާ އަކީ ކުޅަދާނަ ކާތިބެއް ވެސް މެއެވެ. ވަރަށް ގިނަ ބޭފުޅުންގެ އަރިހުގައި އޭނާ ލިޔުއްވަން އުޅުއްވި އެވެ. އެގޮތުން ފަޟީލަތުއް ޝައިޚްއިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުގައި ވެސް ލިޔުއްވަން އުޅުއްވި އެވެ.
ތާނައިގެ އަކުރުތަކާމެދު ދެކިލައްވާގޮތް[އުނިއިތުރު ގެންނަވާ]
ތުއްތު ސާހިބު އަކީ ތާނައިގެ އަކުރުތައް އުފެދިފައިވާ ގޮތާމެދު ވަރަށް ބޮޑަށް ޚިޔާލު ކުރެއްވި ބޭފުޅެކެވެ. ތުއްތު ވިދާޅުވި ގޮތުގައި ދިވެހި ބަހުގެ އަކުރުތައް ހެދިފައިވާ ގޮތާމެދު ޚިޔާލު ކުރެއްވި ބޭފުޅުން ދައްކަވާފައިވާ ވާހަކަ ފުޅުތަކާ މެދު، އެއްބަސްވެވޭ ތަންތަނާއި އެއްބަސް ނުވެވޭ ތަންތަން ހުރެއެވެ. އެގޮތުން ހ. އިން ވ އާއި ހަމައަށް އަކުރުތައް އުފެދިފައިވަނީ އަރަބި ހިސާބު އަކުރުގެ 1 ން 9 އަށް ކަމަށް ދައްކަވާފައިވާ ވާހަކައަށް މުޅިން އެއްބަހެވެ. އަދި މ އިން ފެށިގެން ޑ އަށް ހަމައަށް އެދައްކަވާ ވާހަކަތަކާ މެދު އެއްބަސް ނުވެވޭ ކަމުގައެވެ.
ތުއްތު ސާހިބު ބުނުއްވާފައި ވެއެވެ. ދިވެހިން ކުރިން ހިސާބު އަކުރަކަށް ބަލައި އުޅުނީ މ،ފ،ދ،ތ،ލ،ގ،ޱ،ސ،ޑ މިއަކުރުތަކެވެ. މ އެއީ 1 އެވެ. ފ. އެއީ 2 މިގޮތަށެވެ. 7 ން އުފައްދާފައިވާ ޱ މިއީ ކުރީގެ ލިޔުންތަކުން ފެންނަން އޮތް އަކުރެކެވެ. މިއީ ނ އާއި ޏ އާއި ދޭތެރޭ މެދުން ކިޔޭ އަކުރެކެވެ. މިހާރުވެސް ދެކުނުގެ އަތޮޅު ތަކުގައި މިއަކުރު ބޭނުންކުރެއެވެ.މީގެ އިތުރުން ޒ،ޓ،ޔ،ޕ،ޖ،ޗ އުފެދުނު ގޮތާމެދު އިތުރު ހޯދުންތަކެއް ހޯދަން ނުޖެހޭކަމަށް ތުއްތު ބުނުއްވިއެވެ.
ތާނަ އަކުރު މިހާރުގެ ސައިޒަށް ކުރުކޮށް ލިޔަންފެށުން[އުނިއިތުރު ގެންނަވާ]
ކުރީ ޒަމާނުގައި ދިވެހިން ތާނަ ލިޔަމުން އައީ ވަރަށް ފައިކޮޅު ދިގު އަކުރުތަކަކުންނެވެ. ރާދަވަޅި، ސިޔަރަތު ފަދަ ލަވަފޮތްތަކުން މިކަން ފެންނަން އެބައޮތެވެ. މިހެން މިކަން އޮއްވައި މިފައިކޮޅު ދިގުއަކުރުތައް އެންމެ ފުރަތަމަ ކުރުކޮށްލައްވައި ލިޔުއްވި ލިޔުންތެރިއަކީ ތުއްތު ސާހިބު އެވެ. އޭނާގެ މިބަދަލާއެކު މިހާރު މިފެންނަ ސައިޒުގެ އަކުރުތަކަށް ތާނައިގެ އަކުރުތައް ވެގެން ހިގައްޖެއެވެ. ހަމަ މިއާއެކު އަތު ލިޔުމުގެ އަކުރުތައް ވެސް އޭނާ އުފެއްދެވިއެވެ. މިއަކުރުތަކުގެ ފ. އަކީ ހ (ހާ) އެއްގޮތަށް އެއަށްވުރެ ދިގުކޮށް ދަމާލެވިފައިވާ އަކުރެކެވެ. ދ. ވެސް އޮންނަނީ ނިންމާލާއިރު އޮންނަ ބޮޅުގެ ބަދަލުގައި ކުޑަ ތުޑެއް ލާފައެވެ. ސުކުންތައް ވެސް ހުންނަނީ ސުކުންކުރާ އަކުރާއި ގުޅިގެންނެވެ.
އަތިރީގޭ ތާނަ[އުނިއިތުރު ގެންނަވާ]
- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަތިރީގޭ ތާނަ
އަތިރީގޭ ތާނަ އަކީ ރާއްޖެތެރޭގެ މީހަކު އަތިރީގޭ ދޯނިކޮޅަކަށް ފޮނުއްވި ނުވަތަ ވެދުމަށް އެރުވި ފައެއްގައި އަތިރީގެ މިހެން ނަން އަޅާލި ދެތިން އަކުރުން އުފެދިގެން އައި އަކުރު ތަކެކެވެ. އަތިރީގޭ ތާނަ އަށް ވަޑާންކަށި ތާނަ އޭ ވެސް ކިޔައެވެ. އަތިރީގޭ ތާނައޭ ކިޔަނީ ވަޑާން ކަށްޓަކުން އަތިރީގެ މިނަން ފުރަތަމަ ފަހަރަށް ލިޔެފައި ވާތީ އެވެ. ވަޑާން ކަށި ތާނައޭ ކިޔަނީ ވަޑާން ކައްޓަކުން ލިޔެފައި ވާތީއެވެ. އެއީ މިޒަމާނުގެ ކަލްކިޔުލޭޓަރުގައި ހިސާބު އަކުރު ޖެހޭ ކަހަލަ ހަމަޔަކުން ބުރިބުރިއަށް ހުރި އަކުރު ތަކެއް ކަމަށް ފެނެއެވެ. ތުއްތު ސާހިބު މިއަކުރުތައް އެންމެ 4 އަކުރުގެ ނަމޫނާއަކަށް ބައްލަވައިގެން މުޅި ހަށަނަރަ އެގޮތަށް ބަދަލުކުރައްވައި، އޭގެ އެކި ސައިޒު އުފައްދަވައި، އެއަކުރުތަކަށް ފިލިދެއްވައި، މިޒަމާނުގެ ލެޓަރ ޕްރެސް އާއި އެއްވަރަށް އަކުރު ތަކުން ތައްގަނޑު ހެއްދެވި އެވެ.
ލިޔުއްވި ފޮތްތައް[އުނިއިތުރު ގެންނަވާ]
ތުއްތު ސާހިބު ލިޔުއްވި ފޮތްތަކުގެ ތެރޭގައި އަންނަނިވި ފޮތްތައް ހިމެނެއެވެ.
- ފަސޭހަ ހިސާބު
- ތަނަވަސް ހިސާބު
ތަޢުލީމް ޙާޞިލް ކުރެއްވުން[އުނިއިތުރު ގެންނަވާ]
އަބްދުއްﷲ އިސްމާއިލް ފުރަތަމަ ތަޢުލީމު ޙޞިލްކުރެއްވީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ އަރިހުންނެވެ. އެއަށްފަހު އަލްފާޟިލް ރަންފުޅު ޅަހުއްތުގެ އަރިހުންނެވެ. ހިސާބު ޢިލްމާއި ނެވިކަމުގެ ހިސާ ދަސްކުރެއްވީ މީނާގެ އަރިހުންނެވެ. އަދި އިންޑިޔާ އިން އުރުދޫ ބަސް ކިޔަވާ ވިދާޅުވިއެވެ.
އަލް މަރްޙޫމް ޢަބްދުއްﷲ އިސްމާޢީލް ވަނީ ސަރުކާރުގެ ޗާޕްޚާނާގައި މަސައްކަތް ކުރައްވާފައެވެ. އަދި މަޠުބަޢަތުއް ސަޢާދާ ގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]
- ވަރުހަނގުކަން
- 19 މާރޗް 1931 : ކާތިބުކަން - ގާނޫނު ހަދާ މަޖުލިސް ( ބުރާސްފަތި ދުވަސް )
- 24 ޑިސެމްބަރު 1932 : މާލިމީ - ބޮޑުނާކޮޅު ( ހޮނިހިރު ދުވަސް )
- 5 ނޮވެމްބަރު 1943 : މުދައްރިސް - މަދަރުސަތުއް ސަނިއްޔާ ( ހުކުރު ދުވަސް )
- 6 މެއި 1947 : މުދައްރިސް - މަދަރުސަތުލް މަޖީދިއްޔާ ( އަންގާރަ ދުވަސް )
- 1 މެއި 1948 : ސަރުކާރުގެ އޮޑިޓަރުކަން ( ހޮނިހިރު ދުވަސް )
- 17 ސެޕްޓެމްބަރު 1955 : ވެރިކަން - މައްސާޙުގެ ( ހޮނިހިރު ދުވަސް )
- 18 ނޮވެމްބަރު 1968 : މެމްބަރުކަން - އިމްތިހާނު ކޮމިޓީ ( ހޯމަ ދުވަސް )
ހަދާންތައް[އުނިއިތުރު ގެންނަވާ]
ޢަބުދުﷲ އިސްމާޢީލްގެ ހަދާނީ އެވޯޑް[އުނިއިތުރު ގެންނަވާ]
އަބްދުއްﷲ އިސްމާއިލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިތާ އެތައް އަހަރެއް ފަހުން ޢަބުދުﷲ އިސްމާޢީލްގެ ހަދާނީ އެވޯޑް ގެ ނަމުގައި ފ.އަތޮޅުގެ ދަރިވަރުންނަށް ސަރުކާރުން އެވޯޑެއް ވަނީ ތަޢާރަފްކޮށްފައެވެ. ތުއްތު ސާހިބުގެ ހަދާނުގައި މިއެވޯޑް ތަޢާރަފްކޮށްދެއްވީ 25 އެޕްރީލް 1981 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އެވެ. މިއެވޯޑްގެ ދަށުން 1983 ވަނައަހަރުން ފެށިގެން ފ.އަތޮޅުން ދެކުއްޖަކަށް ( އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް ) ސަރުކާރުގެ ޚަރަދުގައި މާލޭގައި ތަޢުލީމް އުގެނުމުގެ ފުރުޞަތު ދެމުން ގެންދެއެވެ.
ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ[އުނިއިތުރު ގެންނަވާ]
ޢަބުދުﷲ އިސްމާޢިލް ލައިބްރަރީ މިނަމުގައި ލައިބްރަރީ އެއް ވެސް 25 އެޕްރީލް 1981 ގައި ފ.އަތޮޅު މަގޫދޫގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމްހުޅުއްވައިދެއްވި އެވެ. މިއީ ދިވެހިރާއްޖެ ދުށް މަޝްހޫރު ހިސާބު ޢިލްމުވެރިޔާ ޢަބުދުﷲ އިސްމާޢީލް ނުވަތަ ތުއްތު ގެ ހަދާނުގައި ބިނާކުރެވިފައިވާ ތަނެކެވެ. 1999 ވަނަ އަހަރު ފ.އަތޮޅުގެ ވެރިކަން ފ. މަގޫދޫ އިން ފ.ނިލަންދޫ އަށް ބަދަލުވުމާއި ގުޅިގެން މިލައިބްރަރީ ވެސް ވަނީ ނިލަންދޫ އަށް ބަދަލު ކުރެވިފައެވެ.ތަފާތު ދާއިރާގެ ފޮތްތައް މިލައިބްރަރީ އިން ލިބެން ހުރެއެވެ. ރަށުގެ ޢާންމުންނާއި ސުކޫލް ކުދިންނަށް މިތަނުން ފޮތް ގެންގޮސްގެން ކިޔުމުގެ ފުރުޞަތު ހުޅުވާލެވިފައި ވެއެވެ.
އަވަހާރަވުން[އުނިއިތުރު ގެންނަވާ]
އަލްފާޟިލް އިސްމާޢީލް ކަލޭފާނު ތުއްތު ސާހިބު އަވަހާރަވީ އުމުރުފުޅުން 76 އަހަރުގައި 31 މާރޗް 1970މ ގައެވެ.
މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]
- ފަތްތޫރަ 232 ވަނަ އަދަދު (ޖުލައި 1998)
- ފަތްތޫރަ 100 ވަނަ އަދަދު (ޖުލައި 1987)
- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006