ޔޫސުފް މުޙައްމަދުފުޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ޔޫސުފް މުޙައްމަދުފުޅު އަކީ ޅެންވެރި އެކެވެ. ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި އަދީބެކެވެ. މަޑުމައިތިރި މިޒާޖެއްގެ ވެރިއެކެވެ. ރީތި އަޚްލާޤުގެ ނަމޫނާ އެކެވެ. ޒުވާނުން އިހްތިރާމު ކުރާ މުދައްރިސެކެވެ. އަގުހުރި ލިޔުންތެރި އެކެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އާއިލާ[އުނިއިތުރު ގެންނަވާ]

ޔޫސުފް މުޙައްމަދު ފުޅު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 12 ޖޫން 1932 ގައި ރ.އިގުރައިދޫގައެވެ. ބައްޕަ އަކީ ރ.އިގުރައިދޫ މުޙައްމަދު ޙަސަން ފުޅު އެވެ. މަންމަ އަކީ ހަމަ އެރަށު ފާތިމާ މަނިކެ އެވެ.

ތައުލީމީ ދާއިރާ[އުނިއިތުރު ގެންނަވާ]

ޔޫސުފް މުޙައްމަދުފުޅު އެންމެ ފުރަތަމަ ޚިދުމަތްކުރެއްވީ އުގަންނައިދިނުމުގެ ދާއިރާގައި މުދައްރިސެއްގެ ގޮތުންނެވެ. މަޖީދިއްޔާގައި އޭރު އޮތް އެންމެ މަތީ ކްލާހުން ފާސްވެ ވަޑައިގެން މަޖީދިއްޔާ ސުކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ. މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން ޔޫސުފް މުޙައްމަދުފުޅަށް ފުރަތަމަ ލިބިވަޑައިގަތީ 29 ނޮވެމްބަރ 1955 ގައެވެ. އޭރު އޭނާގެ އުމުރަކީ 22 އަހަރެވެ. އަރަބި ބަސް ކިޔަވައިގެން ހުރުމާއެކު، މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު އިތުރުގަޑީގައި ޢަރަބި ބަސް އެބަސް އުގެނެން ބޭނުންވާ ދަރިވަރުންނަށް އުގަންނަވައި ދެއްވި އެވެ. މަޖީދިއްޔާ ސުކޫލްގައި ދެތިން އަހަރު ކިޔަވައި ދިނުމަށްފަހު ސިލޯނުގައި ތިބޭ ދިވެހި ކިޔަވާކުދިންނަށް ދިވެހި، އިސްލާމް ކިޔަވައި ދިނުމަށްޓަކައި ސްރީލަންކާއަށް ވަޑައިގެންނެވިއެވެ.

ސްރީލަންކާގައި ޔޫސުފް މުޙައްމަދުފުޅު ފުރަތަމަ ކިޔަވާ ދެއްވީ ކޮޅުނބުގެ ސޯސަންވިލާ ގައި ތިބި ދިވެހި ކިޔަވާ ކުދިންނަށެވެ. އޭގެ ފަހުން އެހެން ސުކޫލްތަކުގައި ތިބި ދިވެހި ކިޔަވާކުދިންނަށް އެސްކޫލްތަކަށް ވަޑައިގެން ކިޔަވައި ދެއްވި އެވެ. އެގޮތުން ސީއެމްއެސް ލޭޑީޒް ކޮލެޖް އަށް ގޮސް ކިޔަވައިދިންކަން ފާހަގަކޮށްލެވެއެވެ. މެދުނުކެނޑި 11 އަހަރު ސްރީލަންކާގައި ކިޔަވަންތިބޭ ދިވެހި ކުދިންނަށް ކިޔަވައިދޭން ހުންނެވުމަށްފަހު، 1968 ވަނަ އަހަރު އެބުރި ރާއްޖެ ވަޑައިގަތެވެ. އެއަށްފަހު އަނެއްކާވެސް މަޖީދިއްޔާ ސުކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. 1980 ވަނަ އަހަރު ޔޫސުފް މުޙައްމަދުފުޅުގެ ޚިދުމަތުގެ ދާއިރާ ބަދަލުވީ ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒަށެވެ. އެތަނުގައި މަސައްކަތްކުރެއްވި ދުވަސްވަރު ދަސްކުރާ މުދައްރިސުންނަށް ދިވެހިބަހުގެ ގަޑިތައް ނަގައިދެމުން ގެންދިޔައެވެ.

ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، ދިވެހިރާއްޖޭގެ ފަށާ ތަޢުލީމުގެ ދިވެހި މުގައްރަރު އެކުލަވާލުމުގައި ޢަމަލީ ގޮތުން ބައިވެރިވެ ލެއްވިއެވެ. ހަމަމިހެން މެދު މަދަރުސީ، ސާނަވީ، އަދި އެސްއެސްސީ ދިވެހި މުގައްރަރު އެކުލަވާލުމުގައި ވެސް ބޮޑު ދައުރެއް އަދާކުރެއްވި އެވެ. މީގެ އިތުރުން އިސްލާމީ ތަރުބިއްޔަތުގެ ފޮތްތައް އެކުލަވާލުމުގައި ވެސް ޔޫސުފް މުޙައްމަދުފުޅު ގެ ޚިދުމަތް ދެއްވާފައި ވެއެވެ.

ޅެންވެރިކަން[އުނިއިތުރު ގެންނަވާ]

ޅެންހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ މަޖީދިއްޔާ ސުކޫލްގެ ގްރޭޑް 5 ގައި އުޅުނު ދުވަސްވަރު އެވެ. ޔޫސުފް މުޙައްމަދު ފުޅަކީ މަޖީދިއްޔާގެ ދެވަނަ ފޯރމުން ނިމިވަޑައިގެންފައިވާ ބޭފުޅެކެވެ. ޅެން ހެއްދެވުމުގައި އެންމެ ފާހަގަކޮށްލެވެނީ ދީނީ އަދި ޤައުމީ ރޮނގުންނެވެ. އަދި މިނޫނަސް ކޮންމެ މުނާސަބަތެއްގައި ކޮންމެ ރޮނގަކުން ވެސް ފަސޭހަ ކަމާއެކު ޅެން ހެއްދެވުމަކީ އޭނާގެ ޚާއްޞަ ސިފައެކެވެ. ޔޫސުފް މުޙައްމަދު ފުޅުގެ ޅެންވެރިކަމުގެ އުސްތާޛަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީ އެވެ. މެދުކެނޑުމެއްނެތި އޭނާގެ ޅެންތަކާއި ލަވަތައް ދިވެހި ފަޒާގެ ތެރެއަށް އިތުރުވަމުން ގޮސްފައި ވެއެވެ.

ދިވެހި ސަރުކާރުން ފަރާތުން ދެއްވާ ހިތްވަރު ދިނުމުގެ އިނާމް ޅެންވެރިކަމުގެ ރޮނގުން ދެއަހަރަކު ޔޫސުފް މުޙައްމަދު ފުޅަށް ލިބިފައި ވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަޖުލީހުގެ މެންބަރެއްގެ ގޮތުން ހުންނެވި ދުވަސްވަރު އެތަނުގެ ފަރާތުން ހިންގި ޅެންހަދަން ދަސްކޮށްދޭ ކޯސްތަކުގައި 28 މަސްދުވަހު ކިޔަވައިދީގެން 182 ޅެންވެރިން އުފައްދާފައި ވެއެވެ.

އަދާކުރައްވާފައިވާ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން
  • ސިލޯނުގައި ތިބޭ ދިވެހި ކިޔަވާކުދިންގެ ދީނިއްޔާތު، ދިވެހި މުދައްރިސްކަން
  • ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ކަރިކިޔުލަމް ޑިވެލޮޕަރކަން
  • ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރުކަޒުގެ ކަރިކިޔުލަމް ޑިވެލޮޕަރ ކޯޑިނޭޓަރުކަން
  • ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ މެންބަރުކަން

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ޔޫސުފް މުޙައްމަދުފުޅު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާތާ 10 ވަރަކަށް މަސްދުވަސް ހޭދަވުމަށްފަހު އުމުރުފުޅުން 57 އަހަރުގައެވެ. އޭނާ މިދުނިޔެ ދޫކުރެއްވީ 5 އޮކްޓޯބަރު 1990 ގައެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ އޮކްޓޯބަރު 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • އަބާރަނަ 1 - މަލަސް1 – 28 ޖެނުއަރީ 1982 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލިސް