އައްނަބީލާ އާމިނަތު ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
(މިސްރާބުކުރެވުނީ އާމިނަތު ޙުސައިން އިން)
އައްނަބީލާ އާމިނަތު ދީދީ

އައްނަބީލާ އާމިނަތު ޙުސައިންގެ ބައްޕައަކީ އަލްޤާޒީ އައްސައްޔިދު ޙުސައިން ޢަފީފުއްދީން (ބޮޑުފެންވަޅުގޭ ސީދީ) އެވެ. މަންމާފުޅަކީ އައްސުލްޠާން އިބްރާހިމް ނޫރައްދީން (ނޫރައްދީން ބަންޑާރައިން) ގެ ދަރިކަނބަލުން މާވާކިލެގެފާނު ގަނޑުވަރުގޮމާ (އެއްގަމުގޭ ގޮމާ) އެވެ. އައްނަބީލާ އާމިނަތު ޙުސައިން އަކީ ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޝާޢިރެކެވެ. އަދި ދިވެހި ގައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވާޠިނެކެވެ.

އާއިލާ[އުނިއިތުރު ގެންނަވާ]

އާމިނަތު ޙުސައިން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގެ މަރުޖާނުގޭގައި 3 އޮކްޓޯބަރ 1917 ގައެވެ. އެއީ ހިޖުރީގޮތުން 16 ޛުލްޙައްޖާ 1335 ވީ ހޯމަ ދުވަހުގައެވެ. ބައްޕައަކީ އައްސަޔިދު ބޮޑުފެންވަޅުގޭ ސީދީ އެވެ. މަންމައަކީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ މާވާ ކިލެގެފާނު ގަނޑުވަރު ގޮމާ ނުވަތަ އަލްއަމީރާ ހަލީމާ ނޫރައްދީން އެވެ. ބޮޑުފުޅުވީ މާވާގޭގައެވެ. ފަހުން ދިރިއުޅުއްވީ މަންމާ ފުޅާއެކު ހ. އެއްގަމުގޭގައެވެ. ފުރާ ފުރިހަމަވެ ޒުވާން ދައުރުގެ ބޮޑުބައެއް ހޭދަކުރެއްވީ ވެސް ތިމާގެބޭފުޅުންގެ އަރިހުގައި އެއްގަމު ގޭގައެވެ. އަދި ދީނީ އިބްތިދާއީ ތައުލީމާއި، އެޒަމާނުގައި ގޭގައި ކިޔަވައިދޭ ހިސާބުގެ ފިލާވަޅުތައް ގޭގައި އުނގެނިވަޑައިގަތެވެ. އަދި ކިޔަވާ ވިދާޅުވުމަށް ވަރަށް ގިނަގުނަ މަސައްކަތްޕުޅު ކުރެއްވިއެވެ.

ތަޢުލީމް ޙާޞިލް ކުރެއްވުން[އުނިއިތުރު ގެންނަވާ]

އައްނަބީލާ އާމިނަތު ހުސައިން އިބްތިދާއީ ތަޢުލީމް އުގެނުނީ އޭނާގެ މަންމަ އަލްއަމީރާ ޙަލީމާ ނޫރައްދީންގެ އަރިހުންނެވެ. އެއަށްފަހު މަދަރުސަތުއް ސަނިއްޔާއިންނެވެ. މަދަރުސަތުއް ސަނިއްޔާގެ އިސް ޠާލިބާއިންގެ ތެރޭގައި އާމިނަތު ޙުސައިންގެ ނަން ގުނާލެވެއެވެ. ސަނިއްޔާ ބަންދުވުމަށްފަހު، މާލޭގައި ތިބި އުސްތާޛުންގެ ކިބައިން، އުރުދޫ، އިގިރޭސި އަދި ހިސާބުގެ ތަޢުލީމް އުނގެނި ވަޑައިގަތެވެ.

އެއަށްފަހު އެދުވަސްވަރު މާލޭގައި ހުޅުވުނު މަދުރަސަތުއް ސަނިއްޔާގެ އަންހެން ގޮފީގެ ދަރިވަރަކަށް ވެވަޑައިގަތެވެ. އަދި އެމަދުރަސާގެ އެންމެ ކުރީސަފުގެ ދަރިވަރުންގެ ލިސްޓްގައި ހިމެނިވަޑައިގަތެވެ. މަދުރަސަތުއް ސަނިއްޔާ ބަންދުކުރަން ޖެހުމުން ސަނިއްޔާއިން ހާސިލްކުރެއްވި ތައުލީމުގެ އިތުރަށް އެޒަމާނުގައި ތިއްބެވި މަދު އިލްމުވެރިންގެ އަރިހުން، އުރުދޫ ބަހާއި އިނގިރޭސިބަހާއި އަދި ހިސާބު ޢިލްމު ދަސްފުޅު ކުރެއްވިއެވެ. އައްނަބީލާ އާމިނަތު ޙުސައިން އަކީ ދިރިއުޅުއްވުމުގައި އަމިއްލަވަންތަކަމަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އައްނަބީލާ އާމިނަތު ޙުސައިން ވަޒީފާއެއްގައި ސްރީލަންކާގައި ހުންނަވަން ދިމާވި މަދު އަހަރުތަކުގައި ގެއަށް ޓީޗަރުން ގެންނަވައި ފުދޭވަރަކަށް އިނގިރޭސި ބަހާއި މިޔުޒިކް ދަސްފުޅު ކުރެއްވިއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

މީސްތަކުންގެ މެދުގައި އައްނަބީލާ އާމިނަތު ޙުސައިންގެ ނަންފުޅު ވިދާލީ ދިވެހިންގެ މެދުގައި މިޒަމާނުގެ ހޭލުންތެރިކަން އުފެއްދެވުމަށާއި މީސްތަކުންގެ ހިތުގައި ޤައުމިއްޔަތުގެ ރޫޙު އުފެއްދެވުމަށް 1940ގެ އަހަރުތަކުގައި ސުމުއްވުލް ޢަމީރު މުޙައްމަދު އަމީން މަސައްކަތް ކުރެއްވި ދައުރުގައެވެ. ޤައުމު ބިނާކުރެއްވުމުގައްޔާއި މުޖުތަމައު ކުރިއެރުއްވުމުގައި ފިރިހެނުންނެކޭ އެއްފައްދައިން އަންހެނުންވެސް ކުރިއަރަންވެއްޖެކަމަށް އެމަނިކުފާނު ގޮވާލެއްވި ގޮވާލެއްވުމަށް އަމަލީގޮތުން ފުރިހަމަ އަށް އެކަމަނާ އިޖާބަ ދެއްވީތީވިއެވެ. އައްނަބީލާ އާމިނަތު ޙުސައިންހެ އަދަބީ ޚިދުމަތުގެ ލިސްޓަށް ބަލައިލާއިރު ދިވެހި އަންހެނުން ފަޚުރުވެރިވުން ހައްޤު ބައެއް ކަމަށް އެކަމަނާ ކުޅުއްވާފައިވެއެވެ.

އައްނަބީލާ އާމިނަތު ޙުސައިން މަދުރަސަތުއް ސަނިއްޔާގެ އަންހެން ގޮފީގެ ނާޟިރާގެ މަޤާމް ފުރުއްވި ދައުރުގައި "ޤައުމުގެ އަންހެންދަރިޔާ" މިނަމުގައި މަޖައްލާ އެއް ނެރެވުނެވެ. މިމަޖައްލާގެ މުޙައްރިރާގެ މަޤާމުގައި ހުންނެވީ އާމިނަތު ޙުސައިން އެވެ. އަދަބީ ކޮމިޓީއަކުން ޝާއިއުވި މަޖައްލާ "އައްރަފީޤާ" އަށް މަޒްމޫނު ލިޔުއްވާ ހެއްދެވިއެވެ. އަދި މި މަޖައްލާގެ މުޙައްރިރާ އަކީ ވެސް އައްނަބީލާ އާމިނަތު ޙުސައިން އެވެ. ހަމައެހެންމެ 1940 ގެ އަހަރުތަކުގައި ދައުލަތުގެ ފަރާތުން ނެރުއްވި "ސަރުކާރުގެ ޚަބަރު" ގެ މުޙައްރިރާކަން ވެސް އެކަމަނާ ކުރެއްވިއެވެ. ދައުރުވަމުން އައި ޒަމާންތަކުގައި ދިވެހި އަދަބީ ޖައްވު ދުށް ތަފާތު ނަންކިޔުނު މަޖައްލާތަކުގައި އޭނާގެ މަޒުމޫނާއި ޅެންތަކުގައި "އ.ޙ."، "ސަމަން" އަދި "ވައިލެޓް" ފަދައިން ޚުދު އޭނާގެ ނަންފުޅުގައިވެސް ޝާއިޢުކުރައްވާފައިވެއެވެ. ދިގުވާހަކައާއި ކުރުވާހަކަ ފޮތްފޮތުގެ ސފައިގައި ނެރުއްވާފައިވެއެވެ. މީގެ ތެރޭގައި "ހިތުގެ ލޯބިން ޤުރުބާންވުން" މިވާހަކައާއި "ރަބީޢީ ފިނިފެންމާ" ހޮވައިލެވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މަހަކު އެއްފަހަރު ނެރުއްވަމުން ގެންދަވާ މަޖައްލާ ފަތްތޫރައިގެ ސަފްޙާތަކުންވެސް އެކަމަނާގެ ކުރުވާހަކައާއި ޢިބްރަތްތެރި މަޒްމޫނާއި ޅެން މަދު ކެނޑުމެއްނެތި ފެންނަމުންދިޔައެވެ. އައްނަބީލާ އާމިނަތު ޙުސައިންގެ ޚިދުމަތްތަކަށް ބަލާއިރު ސްރީލަންކާގައި ހުރި ރާއްޖޭގެ ދަނާލުގައި ތިބި އަންހެންކުދިންގެ ތައުލީމާއިބެހޭ ވެރިޔާގެ މަޤާމްވެސް ފުރުއްވިއެވެ.

މަދްރަސަތުއް ސަނިއްޔާގެ ނަން އަމީނިއްޔާ ސްކޫލަށް ބަދަލުވިފަހުންވެސް އައްނަބީލާ އާމިނަތު ޙުސައިން މިއިސްކޫލުގެ ނާޟިރާގެ މަޤާމުގައި ހުންނެވިއެވެ. އަދި އެއްވެސް މުސާރައަކާ ނުލައްވައި މިއިސްކޫލުގެ މަތީ ގްރޭޑްގެ ކުދިންނަށް ދިވެހިބަސް ކިޔަވައިދެއްވެވިއެވެ. މަދްރުސަތުއް ސަނިއްޔާގެ ކުރީގެ ދަރިވަރުން، ފަހުން އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ޝާމިލްވެތިބެ އުފެއްދި އ.މ.ދ. ޖަމްޢިއްޔާގެ ރައީސާގެ މަޤާމުގައި ހުންނަވައިގެން އެތައް އަހަރަކު މިޖަމްއިއްޔާ ކުރިއެރުވުމަށް އެކިއެކި ހަރަކާތްތައް ރާއްވަވައި މިކަންކަން ޢަމަލީގޮތުން ހިންގެވިއެވެ. މީގައި ތަމްޘީލު ކުޅުއްވުން ފަދަ ކަންތައް ހިމަނުއްވައި އަމިއްލަފުޅަށް ތަމްޘީލެއް ލިޔުއްވައި ލިޔުއްވައި "ހަޔާތުގެ ތަޖުރިބާ" ގެ ނަމުގައި މި ތަމްޘީލު އޭރު އޮތް ހީނާމާގޭ ތިއޭޓަރުގައި ދެއްކެވުމުގެ ބުރަ މަސްޢޫލިއްޔަތު އުފުއްލެވިއެވެ.

ދިވެހި އަދަބާއި ޅެންވެރިކަމަށް ޚިދުމަތްކުރެއްވުމުގެ ގޮތުން މަޝްހޫރުވި މިއަދަބީ ޚާދިމާގެ ބައެއް ޅެން "ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ ވައިލެޓްމާ" މި ފޮތުގައި ޝާއިޢުވެފައިވެއެވެ. މިނޫނަސް ތަފާތު އެތައް މައުޟޫއަކަށް ހެއްދެވި ޅެން، ދައުރުވަމުން ދިޔަ ޒަމާނުގައި ފެންނަންފެށި މަޖައްލާތަކުގައި ޝާއިޢުވަމުން ދިޔައެވެ. އައްނަބީލާ އާމިނަތު ޙުސައިންގެ ޅެންތަކުގެ ތެރެއިން ޚާއްސަ ގޮތެއްގައި ހޮވާލެވިފައިވަނީ ޤައުމީ ޅެމާއި ޤުދުރަތީ ރީތިކަމުގެ މައްޗަށް ހައްދަވާފައިވާ ޅެންތަކެވެ. ޤައުމީ ލޯބީގެ އަގުމާތް ރޫޙް އުފައްދަވައިދެއްވި ބައެއް ޅެން އޭނާގެ އަދަބީ ނަންފުޅަށް ނިސްބަތްވާ "ވައިލެޓްމާ" މިފޮތުގައި ޝާޢިއުކުރައްވާފައި ނެތުމުން އެޅެންތައް އެއްތަނަކުން ފެންނާކަށް ނެތެވެ. ނަމަވެސް ފެންނަންހުރި ބައެއް ޅެންތަކުގެ ސުރުޚީ އެކަނި ކިޔައި ލުމުންވެސް ޅެންވެރިކަމުގެ ގުލްޒާރުން ލިބިވަޑައިގެންފައިވާ ބައިތުތަކަކީ އަދި، ހޮވާލެވިފައިވާ ބައެއް ސުރުޚީތަކަކީ މިކަމުގެ މިޘާލެކެވެ.

އަދި ޤައުމީ ޖަޒުބާތުގެ އިތުރަށް ހަމްދަރުދީގެ ޖަޒުބާތު އެކަމަނާގެ ބައެއް ޅެމުން ވަރަށް ސަރީޙަކޮށް ހާމަކޮށްދެއްވައެވެ. އައްނަބީލާ އާމިނަތު ޙުސައިން ހެއްދެވި ޅެންތަކުގެ ތެރެއިން "މަގޭ އިވުމުގެ އުފާ...އާހް!، އާއި ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން" މިއީ މިބާވަތުގެ ޅެންވެރިކަމުގެ މިސާލެވެ.

އެޑިޓަރުކަން ކުރެއްވި މަޖައްލާތައް[އުނިއިތުރު ގެންނަވާ]

 • އައްރަފީޤް
 • ސަރުކާރުގެ ޚަބަރު
 • އަލްއިޞްލާޙް
 • ވިޔަފާރި މިއަދު
 • ގައުމުގެ އަންހެންދަރިޔާ
 • އަދަބީ ޝުޢޫރު

އަދާކުރައްވާފައިވާ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

 • ރައްޔިތުން މަޖުލީހުގެ ޒަޢީމާކަން
 • ކެބިނެޓްގެ މެންބަރުކަން
 • 27 ނޮވެމްބަރު 1944 - މަދަރުސަތުއް ސަނިއްޔާގެ އ.ގޮފީގެ ނާޒިރުކަން
 • 29 ނޮވެމްބަރު 1944 - މަދަރުސަތުއް ސަނިއްޔާގެ އ.ގޮފީގެ މުދައްރިސާކަން
 • 18 އެޕްރީލް 1946 - ސިލޯންގައި ތިބޭ އަންހެންކުދިންގެ ވެރިޔާކަން
 • 17 މާރޗް 1953 - ސަރުކާޜުގެ ޚަބަރުގެ މުހައްރިރާކަން
 • 21 ޖުލައި 1956 - އަމީނިއްޔާގެ މުދައްރިސާކަން
 • 20 ޖުލައި 1956 - އަމީނިއްޔާ ސުކޫލްގެ ނާޒިރުކަން
 • މަދަރުސަތުލް ފަރީދިއްޔާގެ ނާޒިރުކަން
 • 7 އެޕްރީލް 1962 - މާލޭ ރަޖިސްޓްރީ އޮފީހުގެ ވެރިކަން
 • ޕްރިޜަން ޑިވިޝަންގެ ވަކީލުކަން
 • ރެޖިސްޓްރޭޝަން ޑިވިޝަންގެ ވަކީލުކަން
 • މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލުކަން
 • 8 ޖެނުއަރީ 1961 - ބަސް ކޮމެޓީގެ މެންބަރުކަން
 • އަމީނިއްޔާ ސުކޫލްގެ ދިވެހި މުދައްރިސާކަން
 • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
 • 29 ޖެނުއަރީ 1979 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަޖުލީހުގެ މެންބަރުކަން އަދި އިސްއެހީތެރިޔާކަން

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އައްނަބީލާ އާމިނަތު ޙުސައިންގެ އުމުރުފުޅުގެ އެންމެފަހު އަހަރުތައް ހޭދަ ކުރެއްވީވެސް އަދަބީ ޚިދުމަތުގައެވެ. ދިވެހިބަހާއި އަދަބިއްޔާތު ކުރިއެރުއްވުމުގައެވެ. އެކަމަނާ އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އިސް އެހީތެރިޔާގެ މަޤާމެވެ.

އައްނަބީލާ އާމިނަތު ޙުސައިން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ މީލާދީން 1990 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވީ (ހިޖްރީ ގޮތުން 26 ޖުމާދިލްއޫލާ 1411) ވީ ހުކުރުދުވަހު ފަތިހު 5:45 ގައެވެ.


ރިފަރެންސް[އުނިއިތުރު ގެންނަވާ]

 • އަބާރަނަ-1 - މަލަސް1 – 28 ޖެނުއަރީ 1982 - ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލިސް
 • ފަތްތޫރަ - ޑިސެމްބަރ 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
 • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006