ހުތް އަލީ ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ހުތް އަލީ ދީދީ އަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. ފުރިހަމަ ނަންފުޅަކީ ޢަލީ އިބްނި ޙާއްޖު އިބްރާހީމް އެވެ. ހުތް ޢަލީ ދީދީ އަކީ ދިވެހި ބަހުން ފުރަތަމަ ޅެމެއް ހެއްދެވި ޅެންވެރިޔާ އެވެ. ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިސްލާހެއް ގެންނަވައި، ވަރަށް ތަނަވަސް ދޮރެއް ހުޅުވައި ދެއްވި އަދީބެކެވެ.ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1291 ވަނަ އަހަރުގެ ޞަފަރު މަހުގެ 3 ވަނަ އަށް ވީ ހޮނިހިރު ދުވަހުއެވެ. ދިވެހި ބަހުގެ އަދީބެކެވެ. މުގައްރިރެކެވެ. ޝާއިރެކެވެ.

ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ ޏ. ފުވައްމުލަކު ހުތް އަޙްމަދުދީދީގެ ދަރިކަލުން އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މައިކަނބަލަކީ ޅ.ނައިފަރު ކޮރު ޙަސަންގެ (ފާތިމަތު) ސަންފަ އެވެ. އުފަން ރަށަކީ ޅ. ނައިފަރު އެވެ. އަވަހާރަވެ ފަސްދާނުލެވުނީ ހއ. ހޯރަފުށީގައެވެ. އެރަށު ކުޑަ މިސްކިތް ދޮށުގައި އޭނާގެ މަހާނަފުޅު ވެއެވެ. އޭގައިވާ ގޮތުން އަވަހާރަވީ 11 ޖުމާދިލް އާޚިރާ 1351 ގައެވެ މިއީ އަންގާރަ ދުވަހެކެވެ. އޭރު އުމުރުފުޅަކީ ހިޖުރީ ގޮތުން 60 އަހަރު އެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީ ދީދީ އަލްއަޒްހަރީ(ޖަލާލުއްދީން ޝައިޚުލް އިސްލާމް) އަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ.

ހުތް ޢަލީ ދީދީ އަކީ އިންޑިޔާ އިން އަރަބި، ފާރިސީ، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި މައުލަވީ އެކެވެ. ޢާލިމެކެވެ. ދައުލަތުން އެކަމުން ހުއްދަ ދެއްވުމާއެކު، މާލޭގެ މައިޒާން ތަކާއި، މިސްކިތް ތަކުގައި ދީނީ އިރުޝާދު ދެއްވާ އުޅުއްވި މުރުޝިދެކެވެ. ދައުލަތުގެ ހުއްދައާއެކު އާންމުންނަށް ދީނީ ނަޞޭހަތް ދެއްވުމަށް ފުރަތަމަ ވަޢުޒު ވިދާޅުވި ބޭފުޅަކީ ވެސް ހުތް ޢަލިދީދީ އެވެ.

ޅެން އެންމެ ފުރަތަމަ ހައްދަވާން ފެއްޓެވި ޝާއިރަކީ އަލްމަރުހޫމް ހުތް އަލީ ދީދީ އެވެ. މީނާ އަކީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ދިރިއުޅުއްވި ބޭފުޅެކެވެ. އެހެންކަމުން ފުރަތަމަ ޅެމެއް ދުނިޔޭގެ އަލިކަމުގެ ތެރެއަށް އުފަންވީ ހިޖުރީ 14 ވަނަ ގަރުނުގެ ދެބައިން ކުރީބައިގައި ކަމަށް ބެލެވެއެވެ. ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެދުމުގައި އަރާހުންނެވި ޝާޢިރެކެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ތާރީޚުން އެނގެން އޮތް ގޮތުގައި ދިވެހިބަހުން އެންމެ ފުރަތަމަ (މިހާރު މި ހަދާ ވައްޓަފާޅިއަށް) ޅެމެއް ހެއްދެވީ ހުތް އަލީ ދީދީއެވެ. ހުތްއަލިދީދީގެ އަސްލު ނަންފުޅަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. އެމަނިކުފާނުގެ އުފަން ރަށަކީ ޅ. ނައިފަރެވެ. ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ އައްސައްޔިދު މުޙައްމަދު ހޮޅި ނަހާ އަލްމަލާބާރީގެ ފަސްމަންދޫ އައްސައްޔިދު އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކުރުފާނުގެ އަލްވަޒީރު ޙަސަން ހޮޅި ކުޑަ ހަކުރާ މަނިކުފާނުގެ މޮޔަ ޙަސަން މަނިކުފާނުގެ ފާޠިމާ މަނިކުފާނުގެ ހުތްގުޅި ޢަލީ މަނިކުފާނުގެ ހުތްގުޅި އާމިނާ މަނިކުފާނުގެ ޏ. ފުވައްމުލަކު ހުތް އަޙްމަދުދީދީގެ ދަރިކަލުން އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މަންމާފުޅަކީ ޅ.ނައިފަރު ކޮރު ޙަސަނުގެ ސަންފަ އެވެ.

ހުތް އަލިދީދީ އަވަހާރަވެ ފަސްދާނުލެވުނީ ހއ. ހޯރަފުށީގައެވެ. އެރަށުގައިވާ ހުތްއަލިދީދީގެ މަހާނަގަލުގައި ވާގޮތުން، އަވަހާރަވެފައިވަނީ ބުދަ 11 ޖުމާދިލް އާޚިރާ 1351 ގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 60 އަހަރެވެ.

ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިޞްލާޙެއް ގެންނެވި ބޭފުޅެކެވެ. ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީދީދީ ނުވަތަ މަޝްހޫރު ޖަލާލުއްދީނަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ. ޖަލާލުއްދީނަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ތަޢުލީމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ހުތް ޢަލީ ދީދީގެ ތަޢުލީމީ ޙަޔާތްޕުޅަށް ބަލާއިރު އެމަނިކުފާނަކީ އިންޑިޔާ އިން އަރަބި، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. މާލޭގެ މިސްކިއްތަކާއި އެނޫންވެސް ތަފާތު ތަންތަނުގައި ހުތްއަލީ ދީދީ ވަނީ ދީނީ ތަޢުލީމު އުނގަންނައި ދެއްވުމުގައި އުޅުއްވާފައެވެ. ތާރީޚީ ބައެއް ފޮތްތަކުގައިވާގޮތުން ދައުލަތުގެ ހުއްދަ އާއެކު އެންމެފުރަތަމަ އާންމުންނަށް ދީނީ ނަސޭހަތް ދެއްވި ބޭފުޅަކީވެސް ހުތް ޢަލިދީދީ އެވެ.

ޅެންވެރިކަން[އުނިއިތުރު ގެންނަވާ]

ދިވެހި ތާރީޚުން އެނގެންއޮތް ގޮތުގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވީ ހުތް އަލީ ދީދީ އެވެ. ހުތްއަލީ ދީދީ އެންމެ ފުރަތަމަ ޅެން ހެއްދެވީ ކޮންތާރީޚެއްގައި ކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމަނިކުފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ކަމަށް ތާރީޚުން އެނގެން އޮތީތީ އެންމެފުރަތަމަ ދިވެހި ޅެން ހެދިފައިވާނީ ހިޖުރީ 14 ވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރެއްގައިކަމަށް ބެލެވެއެވެ. ޅެންވެރި ކަމުގެ ތެރެއިން، ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެއްދެވުމުގައި އަރާހުންނެވި ޝާޢިރެކެވެ.

އެންމެ ފުރަތަމަ ދިވެހި ޅެމުގެ ފުރަތަމަ ދެބައިތު އޮތީ ޢަރަބިބަހުންނެވެ. ރައިވަރު ހަދަމުން އައި ވަޒަނާ ޚިލާފަށް ޅެންވަޒަނުގެ މައްޗަށް ހެދުނު ފުރަތަމަ ދިވެހި ޅެން ހެދިފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކަށެވެ. އޭގެފަހުން އެތައް ޒަމާނަކަށްފަހު މިޒަމާނުގައިވެސް ދިވެހިޅެން ގިނައިން ހަދައި އުޅެނީ މިދެންނެވިފަދަ ވަޒަން ތަކަށެވެ..

ދިވެހިބަހުން ދެވަނައަށް ހެދުނު ޅެމަކީ ވެސް ހުތްއަލިދީދީގެ ޅެމެކެވެ.

ތާރީޚީ ފޮތްތަކުން އެނގޭގޮތުގައި ހުތްއަލީ ދީދީ ދިވެހިބަހުން ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް އަދީބުން މިފަދަ ޅެންތައް ހައްދަވަން ފެއްޓެވިއެވެ. އޭގެ ތެރެއިން ތާރީޚީގޮތުން ފާހަގަކުރެވިފައިވާ ބޭފުޅުންނަށް ބަލާލާއިރު ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ.

ދިވެހިޅެން ވައިގައި ހިފައި ޅެންހެދުމު ފޯރިއުފެދިގެން ދިޔަކަމަށް ވެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވިކަމަށްވަނީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ޅެންތަކުގެ ތެރޭގައި “ފާތިމަތުގެފާނުގެ ޅެން” “ހުސައިނުގެފާނުގެ ޅެން” މިފަދަ އެތައް ޅެންތަކެއް ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ޅެން[އުނިއިތުރު ގެންނަވާ]

އަލްމަރުހޫމް ހުތް އަލީ ދީދީ ފުރަތަމަ ހެއްދެވި ޅެން، ފެށިފައި އޮތީ ޢަރަބި ދެބައިތަކުންނެވެ. ރައިވަރުގެ ވަޒަނުން ނެއްޓި މިހާރުގެ ޅެންތައް ހުންނަ ވަޒަންތަކަށް ދިވެހި ބަހުން ފުރަތަމަ ޅެން ހައްދަވާފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކެވެ. އަދި މިފަދަ ދެވަނަ އަށް އުފަންވި ޅެމަކީ ވެސް އަލްމަރުހޫމް ހުތް އަލީ ދީދީ ގެ ޅެމެކެވެ. އަލްމަރުހޫމް ހުތް އަލީ ދީދީ މިބާވަތުގެ ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް ޅެންވެރިން މިގޮތަށް ޅެން ހައްދަވަން ފެއްޓެވި އެވެ. އޭގެ ތެރޭގައި ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ހެއްދެވި ޅެންތަކުގެ ތެރޭގައި ފާތިމަތުގެ ފާނުގެ ޅެން، ހުސައިނުގެފާނު ގެ ޅެން ފަދަ ޅެންތައް ހިމެނެއެވެ. އައްޝައިޚުލް މަރުޙޫމް ހުތް އަލީ ދީދީގެ ޅެންތައް ރާއްޖޭގައި ވަރަށް ގިނައިން ގެންގުޅެއެވެ.

ހުތް އަލިދީދީ ފުރަތަމަ ހެއްދެވި ޅެމުން ދެތިން ބައިތެއް ތިރީގައިމިވަނީ އެވެ.


ރައްބީ މިހެން ކުރައްވަތެވަޙީ، ގުރުއާނުގައި މާގަދަ ހުކުމް
އާދަމް ދަރިންނާ އެންމެ ހައި ތަކު ހެއްދެވީ ނީނާއި ޖިން


ނޫނޭ އެހެން ކަމަކަށްޓަކައި އަޅުކަންކުރާށޭ ދީނުގައި
ގާއިމް ވެދާނދޭ އެކަމުގައި އެކަމަށްޓަކައި ހިނދު ހެއްދެވީ


ޝައްކެއްނެތޭ ގުރުއާންގައި މާގަދަކުރެއްވި ހުކުމޭ މިއީ
ހީކޮށް ނުރައިބެއް މިކަމުގައި ނެތަމޭ ވެދާނާ ތަބަޢަވީ

ބޭފުޅުން[އުނިއިތުރު ގެންނަވާ]

  • ޢަބުދުﷲ ފަހުމީ ދީދީ
  • ޙުސައިން ފަހުމީ ދީދީ
  • ޙައްވާ ދީދީ
  • އާމިނަތު ދީދީ
  • އިބްރާހީމް ދީދީ
  • ޢާއިޝަތު ދީދީ
  • ޢަބުދުﷲ ދީދީ (އުފަންވެފައި އަވަހާރަވީ)
  • ޚަދީޖާ ދީދީ
  • ދޮންދީދީ
  • މުޙައްމަދު ދީދީ
  • އަހުމަދު ދީދީ
  • ހާޖަރާ ދީދީ
  • ރުޤިއްޔާ ދީދީ
  • ފާޠިމަތުދީދީ (ތުއްޕުޅު އިރު އަވަހަރާވެފައި)

މީގެ ތެރެއިން ޖަލާލުއްދީނު (ޢަބްދު ﷲ ފަހުމީދީދީ)ގެ މަންމަ ނައިފަރެވެ. ދެން ތިއްބެވި 5 ބޭފުޅުންގެ މަންމައަކީ މުޙައްމަދު ހާޖީގެ ފާތިމައެވެ. އަނެއް އަށް ބޭފުޅުންގެ މަންމައަކީ މުޙައްމަދު ހާޖީގެ އައިސަައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކަންޒުލް އަދަބު - މަލަސް 40 - އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ - 1 އޮކްޓޯބަރ 1992 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006