އަލްޤާޒީ އައްސައްޔިދު ޙުސައިން ޢަފީފުއްދީން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ބޮޑުފެންވަޅުގޭ ސީދީ

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ނުވަތަ އަލްޤާޟީ ޙުސައިން ޢަފީފުއްދީނަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. ބޮޑުފެންވަޅުގޭ ސީދީގެ ފުރިހަމަ ނަންފުޅަކީ އައްސައްޔިދު ޙުސައިން އަފީފުއްދީން އިބްނި މުޙައްމަދު ބިން އަލްޙުސައިނީ އެވެ. ބޮޑުފެންވަޅުގޭ ސީދީ އުފަންވެވަޑައިގަތީ 19 މެއި 1888 ގައެވެ. ބައެއް ތާރީޚް ތަކުގައި ބޮޑުފެންވަޅުގޭ ސީދީ އުފަންވެ ވަޑައިގަތީ 20 ޖޫން 1888 ކަމުގައި ލިޔެފައިވެއެވެ. އުފަންވެ ވަޑައިގަތް އިރު ކިޔާފައިވަނީ ޙުސައިން އަލް ޙުސައިނީ އެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ ބައްޕާފުޅަކީ ޢަރަބި ކަރައިގެ ބަޢުލަވީ ދަރިކޮޅުން ވަޑައިގަތް އައްސައްޔިދު މޫސާގެ އައްސައްޔިދު މުޙައްމަދު، ޢައްޝައިޚުލް ފަޤީހު މުޙައްމަދުލް މަރަދުވިއްޔުގެ ދަރިކަނބަލުން އާމިނާފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އައްސައްޔިދު އިބްރާހީމް ދޮށީ ކަލޭގެފާނަށް، މާވާ ގަނޑުވަރު ޙުސައިން ދީދީގެ ޅަދީދީގެ ބަނޑުން ލިބިވަޑައިގެންނެވި އައްސައްޔިދު މުޙައްމަދު ކުޑަ ސީދީ އެވެ. މަންމާ ފުޅަކީ ބޮޑުފެންވަޅުގޭ ދޮންމަނިކެ(ޛުލޭޚާ އިބްރާހީމް މަޖްދުއްދީން) އެވެ. އެއީ ޢަރަބިކަރައިން ރާއްޖެ ވަޑައިގެންފައިިވާ އައްސައްޔިދު މުޙައްމަދު ކ.ގުރައިދޫ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް އައްސައްޔިދު އަހުމަދު ބޮޑު ބަނޑޭރި މަނިކުފާނުގެ އައްސައްޔިދު ޢަލިމަނިކުފާނުގެ އައްސައްޔިދު މޫސާ ކުޑައެދުރުގެ ޙަސަން ފާމުދޭރި ތަކުރުފާނުގެ އަލްއަމީރާ އާމިނަތު ކަބައިދި ކިލެގެފާނާއި، އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު އައްޑޫ ބޮޑު ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންފައިވާ އަލްގާޟީ އިބްރާހީމް މަޖުދުއްދީން ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި އައްނަބީލާ ޛުލޭޚާ މަޖުދުއްދީން އެވެ.

ޒަވާޖީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ބޮޑުފެންވަޅުގޭ ސީދީ 8 ބޭކަނބަލުންނާއި، ކައިވެނި ކުރެއްވި އެވެ. އޭގެތެރެއިން 4 ކައިވެންޏަކުން 5 ކުދިން ލިބިވަޑައިގެންފައިވެއެވެ. ފުރަތަމަ ކައިވެނި ބައްލަވައިގަތީ ބޮޑުގަލުގޭ ޢައިޝާ ދީދީ އާއެވެ.

ބޭފުޅުން

  • ފާތިމަތު ހުސައިން : ބޮޑުގަލުގޭ ޅަހުއްތުދީދީގެ ޢާއިޝާދީދީ ގެ ބަނޑުފުޅުން
  • އަމީނާ ޙުސައިން : އާމިނަތު ދީދީގެ ބަނޑުފުޅުން
  • މުޙައްމަދު މުޞްޠަފާ : މާމަކުނުދޫ މާވަޑި އިދުރީސްގެ ޙައްވާގެ ބަނޑުފުޅުން ނިޔާވީ
  • އަހުމަދު މުޖުތަބާ
  • މުޙައްމަދު މުޞްތަފާ ޙުސައިން
  • ޠާހާ : ދޮޅު އަހަރުގައި ނިޔާވީ

ޢިލްމު އުގެނުއްވުން[އުނިއިތުރު ގެންނަވާ]

ބޮޑުފެންވަޅުގޭ ސީދީގެ ޙަޔާތުގެ ބޮޑުބައެއް އައްޑު އަތޮޅުގައި ހޭދަކުރައްވާފައި ވެއެވެ. އެއީ މަންމަ ފަރާތުގެ ތިމާގެ މީހުންނާއި، ބައްޕަ ފަރާތުގެ ތިމާގެ މީހުން އައްޑޫގައި އުޅުމާއި، އަދި އެދުވަސްވަރު އައްޑުއަކީ ދިވެހިރާއްޖޭގައި ތަޢުލީމު އުގެނުމުގެ ފުރުޞަތު އެންމެ ރަގަޅަށް އޮތް އެއް ހިސާބުކަމަށް ވުމުންނެވެ. އައްޑޫގައި ގަނޑުވަރު ޙުސައިން ދީދީގެ ދަރިކަލުން އަލްޙާއްޖު ޢަބުދުﷲ ދީދީގެ އަރިއަހުން ބޮޑުފެންވަޅުގޭ ސީދީ ޢިލްމު ޙާޞިލް ކުރެއްވި އެވެ. އަރަބި ބަސް ދެނެވަޑައިގަނެއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

އަދަބިއްޔާތަށް ކުރެއްވި ޚިދުމަތް[އުނިއިތުރު ގެންނަވާ]

ދިވެހި ތާރީޚް ލިޔާ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދަބީ އެކިއެކި ކޮމެޓީ ތަކުގެ މެންބަރެއްގެ ހައިސިއްޔަތުން ދިވެހި ތާރީޚާއި އަދަބަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. އެގޮތުން ޅެމާއި، ރައިވަރާއި ބެހޭގޮތުން ފޮތް ލިޔުއްވާފައި ވެއެވެ. ދިވެސް އަކުރު އުވިގެން ދިޔަ ނުދިނުމަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. ބޮޑުފެންވަޅުގޭ ސީދީގެ ޅެންވެރިކަމުގެ އުސްތާޛަކީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން އެވެ. ރައިވަރުގެ އެދުރަކީ އައްޑު އަތޮޅު މީދޫ ގަނޑުވަރު ޙަސަން ދީދީގެ ދަރިކަލުން އެޅަގޭ ޢަބުދުﷲ ދީދީ އެވެ.

ޝަމްސުއްދީން ރަސްކަމުގައި ދިމާވި ކަޅު ވިލާގަނޑުގައި މާމަކުނުދޫ އަށް އަރުވާ ލެއްވި އެވެ.

ލިޔުއްވާފައިވާ ފޮތްތައް[އުނިއިތުރު ގެންނަވާ]

  • އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް
  • ދިވެހި ޅެންވެރިކަމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު
  • ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ
  • ކަންޒުލް އަދަބު
  • މާމަކުނުދޫ ބޮޑުއީސަ ވާހަކަ

އަދާކުރައްވާފައިވާ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

  • އުއްތަމަ ފަނޑިޔާރުކަން : ފަނޑިޔާރުކަމަށް ކޮލިލެވުނީ 2 އޮގަސްޓް 1933 ގައެވެ.
  • ވަޒީރުލް މަޢާރިފްކަން
  • ވަޒީރުލް އައުގާފްކަން : ކޮލިލެވުނީ 18 ޛުލްޤައިދާ 1355ހ ދުވަހު 8.30 ގައެވެ.
  • މާލޭގޭ ޚަޠީބުކަން ( ހެންވޭރު )
  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • ދިވެހި ތާރީޚްލިޔާ ކޮމެޓީގެ މެންބަރުކަން

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ބޮޑުފެންވަޅުގޭ ސީދީ އަވަހާރަވީ 27 ރަބީޢުލް އައްވަލް 1390 ގައި، 2 ޖޫން 1970 ގައި މާލޭ ގައެވެ. ފަސްދާނު ލެވިފައިވަނީ ގަލޮޅު ގަބުރުސްތާން ގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ކަންޒުލް އަދަބު - މަލަސް 40 - އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ - 1 އޮކްޓޯބަރ 1992 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006