މައުމޫން ޢަބްދުލް ޤައްޔޫމް
މައުމޫން ޢަބްދުލްޤައްޔޫމް ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ | |
|---|---|
މައުމޫން ޢަބްދުލްޤައްޔޫމް، 2013 | |
| ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ | |
މަޤާމުގައި 11 ނޮވެންބަރު 1978 – 11 ނޮވެންބަރު 2008 | |
| ކުރިން ހުންނެވީ | އިބްރާހީމް ނާޞިރު |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ | |
މަޤާމުގައި 5 ޖަނަވަރީ 1989 – 1 ސެޕްޓެންބަރު 2004 | |
| ރައީސް | ހަމަ މައުމޫން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | މުޙައްމަދު ނޫރައްދީން |
| ފަހުން ވަޑައިގަތީ | އިސްމާޢީލް ފަތުޙީ |
| މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު | |
މަޤާމުގައި 1 ޖުލައި 1981 – 31 އޮގަސްޓު 2004 | |
| ރައީސް | ހަމަ މައުމޫން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | މަޤާމު އުފެއްދެވުން |
| ފަހުން ވަޑައިގަތީ | މުޙައްމަދު ޖަލީލު |
| މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ | |
މަޤާމުގައި 11 ނޮވެންބަރު 1978 – 11 ނޮވެންބަރު 1993 | |
| ރައީސް | ހަމަ މައުމޫން ޢަބްދުލްޤައްޔޫމް |
| ކުރިން ހުންނެވީ | ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާ ކިލެގެފާނު |
| ފަހުން ވަޑައިގަތީ | |
| މިނިސްޓަރ އޮފް ޓްރާންސްޕޯޓް | |
މަޤާމުގައި 29 މާރިޗު 1977 – 11 ނޮވެންބަރު 1978 | |
| ރައީސް | އިބްރާހީމް ނާޞިރު |
| ފަހުން ވަޑައިގަތީ | |
| އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު | |
މަޤާމުގައި 24 ސެޕްޓެންބަރު 1976 – 28 މާރިޗު 1977 | |
| ރައީސް | އިބްރާހީމް ނާޞިރު |
| ކުރިން ހުންނެވީ | ޢަބްދުއްސައްތާރު މޫސާދީދީ |
| ފަހުން ވަޑައިގަތީ | |
| އުފަންވީ | 29 ޑިސެމްބަރ 1937 މާލެ، ދިވެހިރާއްޖެ |
| ސިޔާސީ ޕާޓީ | މިނިވަން (1978 - 2005)، (2017 - 2019)، (2025އިން ފެށިގެން) |
| އެހެނިހެން ސިޔާސީ ގުޅުންތައް | ދިވެހި ރައްޔިތުންގެ ޕާޓީ (2005 - 2011) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (2011 - 2017) މޯލްޑިވްސް ރިފޯމް މޫވްމެންޓް (2019 - 2025) |
| އަނބި ނުވަތަ ފިރި | ނަސްރީނާ އިބްރާހީމް |
| ގުޅުން | ޢަބްދުﷲ ޙަމީދު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް |
| ދަރިން |
|
| މައިންބަފައިން | ބައްޕާފުޅު: ޢަބްދުލްޤައްޔޫމް އިބްރާހީމް |
| ތަޢުލީމް | މަޖީދިއްޔާ ސްކޫލް |
| މަތީތަޢުލީމު | އަލްއަޒްހަރު ޔުނިވަރސިޓީ، މިޞްރު އެމެރިކަން ޔުނިވަރސިޓީ އިން ކައިރޯ |
| އިނާމުތައް | ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން - 2013 |
| ސޮއި | |
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެންބަރު 1937 (ހިޖުރީ ސަނަތުން 26 ޝައްވާލު 1356) ވީ ބުދަ ދުވަހު މައްޗަންގޮޅީ ކާމިނީގޭގައެވެ. ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީއެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަ ސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫންކަމަށް [ރައީސްގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް (1993)] މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވިކަމަށްވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށްވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
197 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުން ފެށިގެން 2008 ނޮވެންބަރު 11ވަނަ ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައިފައިވަނީ އެ މަނިކުފާނެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ އެ މަނިކުފާނު ޙަވާލުވެވަޑައިގެންނެވީ 1978 ނޮވެންބަރު 11ވަނަ ދުވަހު އޭރުގެ ރައީސް އިބްރާހީމް ނާޞިރު (ނޣޢވ) އަށް ފަހުގައެވެ. މައުމޫން އެންމެފަހުން ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގަތީ 2003ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި %90.02 ގެ އަޣުލަބިއްޔަތަކުންނެވެ.
ޢާއިލާ
މައުމޫން ޢަބްދުލްޤައްޔޫމްގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމް (މާފަތްގޭ ދޮން ސީދީ) އެވެ. އަދި މަންމާފުޅަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. މައުމޫނާ އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނަކީ ޢާއިލާގެ 10ވަނަ ބޭފުޅާއެވެ. މިޞްރުގެ ޤާހިރާގައި ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވި ދުވަސްވަރު، 1954ވަނަ އަހަރު މައުމޫންގެ މަންމާފުޅު އަވަހާރަވިއެވެ. ބައްޕާފުޅު އަވަހާރަވީ 1982 ގައި ޢުމުރުފުޅުން 87 އަހަރުގައެވެ. ޢަބްދުލްޤައްޔޫމް އިބްރާހީމަށް އޭނާގެ ދަރިފުޅު މައުމޫން ވެރިކަމާ ޙަވާލުވުމާއި، މައުމޫންގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ދެކިވަޑައިގަތުމުގެ އުފާ ލިބިވަޑައިގެންފައިވެއެވެ.
1965ވަނަ އަހަރު މައުމޫން ޢަބްދުލްޤައްޔޫމާއި ނަސްރީނާއާ ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ. އޭރު ނަސްރީނާއަކީ ދިވެހިރާއްޖެއިން ޤާހިރާއަށް ތަޢުލީމު ޙާޞިލުކުރުމަށް ގޮސް ހުރި ދަރިވަރެކެވެ. އެ ކަމަނާގެ ޢުމުރުފުޅުން އޭރު 15 އަހަރުފުޅެވެ. އަދި މައުމޫންގެ ޢުމުރުފުޅުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 1969 ޖުލައި 14ވަނަ ދުވަހު މިޞްރުގެ ޤާހިރާގައި މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތެވެ. ކައިވެންޏަށް މާ ގިނަ ދުވަސްތަކެއްނުވެ ނައިޖީރިއާގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގައި އިސްލާމިކް ސްޓަޑީޒް ލެކްޗަރަރއެއްގެ މަޤާމު މައުމޫން އަދާކުރެއްވިއެވެ.
1970ވަނަ އަހަރު މި ދެމަފިރީންނަށް އެއްމާބަނޑު ދެ އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިންނެވުމުން މައުމޫން، އެ ކަމަނާ މާލެއަށް ފޮނުއްވިއެވެ. މި ދެމަފިރީންގެ ފުރަތަމަ ފިރިހެން ބޭފުޅާކަމަށްވާ އަޙްމަދު ފާރިސް މައުމޫން އުފަންވީ 1971 މާރިޗު 31ވަނަ ދުވަހު މާލޭގައެވެ. އޭގެ 9 އަހަރު ފަހުން ހަގު ދަރިކަލުން މުޙައްމަދު ޣައްސާން މައުމޫން އުފަންވީ 1980 ޖޫން 12ވަނަ ދުވަހުއެވެ.
| އިބްރާހީމް މާފަތް ތަކުރުފާނު | ގަލޮޅު ސިއްތި | މޫސާ ދީދީ | މަރްޔަމް ދީދީ | ||||||||||||||||||||||||||||||||||
| ޢަބްދުލްޤައްޔޫމް އިބްރާހީމް | ޚަދީޖާ މޫސާ | ||||||||||||||||||||||||||||||||||||
| މައުމޫން އަބްދުލްޤައްޔޫމް | |||||||||||||||||||||||||||||||||||||
ތަޢުލީމު ޙާޞިލުކުރެއްވުން
މައުމޫން ޢަބްދުލްޤައްޔޫމް ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅު ފަޟީލަތުއްޝައިޚުލްމަރްޙޫމު ޢަބްދުލްޤައްޔޫމް އިބްރާހީމްގެ އަރިހުންނެވެ. އެއަށްފަހު މަދްރަސަތުލްމަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރެއްވުމަށް ފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައިވިދާޅުވިއެވެ. އޭގެފަހުގައި މިޞްރަށް ވަޑައިގެން ޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫނުގައި އިސްލާމީ ޝަރީޢާއާއި ޤާނޫނުގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވިއެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށް ޓަކައި ތީސީސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެ ޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން އަޒްހަރުން ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވިއެވެ. ނަމަވެސް ދިމާވި ކަމަކާ ހުރެ އެ ކަން ކުރިޔަށް ގެންދެވޭ ގޮތެއްނުވިއެވެ.
މީގެއިތުރުން މައުމޫން ވަނީ ޤާހިރާގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް ކައިރޯއިން ވެސް ތަޢުލީމު ޙާޞިލުކުރައްވައިފައެވެ.
ޚިދުމަތް
1969ވަނަ އަހަރުން ފެށިގެން 1971ވަނަ އަހަރާ ހަމައަށް މައުމޫން ހުންނެވީ ނައިޖީރިއާގެ އަޙްމަދު ބެއްލޯ ޔުނިވަރސިޓީގެ ޢަބްދުﷲ ބަޔޭރޯ ކޮލެޖުގައި އިސްލާމިކް ސްޓަޑީޒްގެ ލެކްޗަރަރއެއްގެ މަޤާމުގައެވެ. އެ ޔުނިވަރސިޓީގައި މަސައްކަތްކުރެއްވުމަށް ފަހު 1971ވަނަ އަހަރުގެ ކުރީކޮޅު މައުމޫން ރާއްޖެ ވަޑައިގަތެވެ. ރާއްޖެ ވަޑައިގަތުމަށް ފަހު 1971އިން 1972އަށް މާލޭ އަމީނިއްޔާ ސްކޫލްގައި އިނގިރޭސިބަހާއި، ހިސާބާއި، އިސްލާމް މާއްދާ ކިޔަވައިދެއްވިއެވެ. 1972ވަނަ އަހަރު ސަރުކާރުގެ ޝިޕިންގ ޑިޕާޓްމަންޓަށް ބަދަލުކުރެވި އެ ޑިޕާޓްމަންޓުގައި މެނޭޖަރެއްގެ މަޤާމު އަދާކުރެއްވިއެވެ.
1974ވަނަ އަހަރު، ސަރުކާރުގެ ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ އަންޑަރސެކްރެޓަރީގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން އެ ތަނުގެ ޑިރެކްޓަރުކަން ކުރެއްވިއެވެ. ހަމަ އެ އަހަރުގެ ފަހުކޮޅު، ބޮޑުވަޒީރު އަޙްމަދު ޒަކީގެ އޮފީހުގެ ސްޕެޝަލް އަންޑަރސެކްރެޓަރީގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ. 1975ވަނަ އަހަރުގެ މާރިޗު މަހު އަޙްމަދު ޒަކީ މަޤާމުން ވަކިކުރައްވައި، ބޮޑުވަޒީރުގެ މަޤާމު އުވައިލެއްވުމާ ގުޅިގެން މައުމޫންގެ އެ މަޤާމު ނިމުމަކަށް އައެވެ. އެއަށްފަހު ކޮޅުނބުގައި ދުވަސްކޮޅަކު އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، އޭނާ ޢައްޔަންކުރެއްވީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ ނާއިބުގެ މަޤާމަށެވެ. 1975ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ އަންޑަރސެކްރެޓަރީގެ މަޤާމަށް ވެސް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރައްވައިފައިވެއެވެ.
1976ވަނަ އަހަރު ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރުގެ ނާއިބުކަމުގެ މަޤާމަށް މައުމޫން ޢަބްދުލްޤައްޔޫމް ޢައްޔަންކުރެއްވިއެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެންބަރު 24 ގައި އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބަކަށް މައުމޫން ހަމަޖެއްސެވިއެވެ. އެ މަޤާމުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ 1977ވަނަ އަހަރުގެ މާރިޗު މަހުގައެވެ. އެއަށްފަހު 1978 ނޮވެންބަރު 11ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ.
ފުރުއްވި މަޤާމުތައް
- އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބުކަން
- ސްރީލަންކާގައި ހުންނަ ދިވެހި ސަފީރުގެ އޮފީހުގެ ވެރިޔާކަން
- އަމީނިއްޔާ ސްކޫލްގެ މުދައްރިސްކަން
- އދ. ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަން
- މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން
- ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން
- ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން
- އެމްއެމްއޭގެ ގަވަރުނަރުކަން
- މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޜަރީކަން
ވާދަކުރެއްވި ރިޔާސީ އިންތިޚާބުތައް

1978 ގެ ރިޔާސީ އިންތިޚާބު
1978ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މައުމޫން ޢަބްދުލްޤައްޔޫމްގެ ނަންފުޅާއި އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ ނަންފުޅު މަޖިލީހަށް ހުށަހެޅުނެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި ނާޞިރަށް 41 ވޯޓު ލިބިވަޑައިގެންނެވި އިރު މައުމޫނަށް ލިބިވަޑައިގަތީ 5 ވޯޓެވެ. ނަމަވެސް ޞިއްޙީ ސަބަބުތަކަށް ޓަކައި ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިނުލެއްވުމަށް ރައީސް ނާޞިރު ނިންމެވިއެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީހުން ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން ހުށަހެޅިއެވެ. އެއީ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަދި ކުރީގެ ނާއިބު ރައީސް ޢަބްދުއްސައްތާރު މޫސާދީދީއާއި، މިނިސްޓަރ އޮފް ހެލްތު މުއުމިނާ ޙަލީމާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް މައުމޫން ޢަބްދުލްޤައްޔޫމެވެ. އެ ބޭފުޅުންގެ ތެރެއިން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮވި ބޭފުޅަކީ މައުމޫން ޢަބްދުލްޤައްޔޫމެވެ.
1978 ޖުލައި 28ވަނަ ދުވަހު ނެގުނު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި މައުމޫން ޢަބްދުލްޤައްޔޫމް ވަނީ %92.96 ވޯޓު ހޯއްދަވައިފައެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް މައުމޫން އިންތިޚާބުވެވަޑައިގަތެވެ.
1983، 1988، 1993، 1988 ގެ އަހަރުގެ ރިޔާސީ އިންތިޚާބުތައް
1983ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ވެސް ހޮވުނީ މައުމޫން ޢަބްދުލްޤައްޔޫމެވެ. 1983 ސެޕްޓެންބަރު 30ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުގައި 57,913 ވޯޓު (%95.62) ހޯއްދަވައިގެން ރިޔާސީ ދެވަނަ ދައުރަކަށް މައުމޫން ހޮވިވަޑައިގަތެވެ.
1988ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މައުމޫން ވަނީ 69,373 ވޯޓު ހޯއްދަވައިފައެވެ. މިއީ ވޯޓުލީ މީހުންގެ %96.47 އެވެ. އޭނާއާ ދެކޮޅަށް ލިބިފައިވަނީ 2,537 ވޯޓެވެ.
1993ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް މައުމޫނާ އެކު އޭނާގެ ޅިޔަނު އިލްޔާސް އިބްރާހީމް ވާދަކުރެއްވިއެވެ. ނަމަވެސް މަޖިލީހުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވީ މައުމޫނެވެ. އެ ފަހަރުގެ ރިޔާސީ އިންތިޚާބުގައި %92.8 ވޯޓު ހޯއްދަވައި 1993 އޮކްޓޫބަރު 1ވަނަ ދުވަހު ރިޔާސީ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތެވެ.
1998 އޮކްޓޫބަރު 16ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި، 86,504 ވޯޓު (%90.90) ހޯއްދަވައިގެން ފަސްވަނަ ދައުރަކަށް މައުމޫން އިންތިޚާބުވެވަޑައިގަތެވެ.

2003 ގެ ރިޔާސީ އިންތިޚާބު
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން (50 މެންބަރުން) ގެ ވޯޓާ އެކު، ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް މައުމޫން ޢަބްދުލްޤައްޔޫމް ހޮވުނެވެ. އެ އިންތިޚާބުގައި 102,909 ވޯޓު (%90.28) ކާމިޔާބުކުރައްވައިގެން، ރިޔާސީ ހަވަނަ ދައުރެއް މައުމޫން ކަށަވަރުކުރެއްވިއެވެ.
2008 ގެ ރިޔާސީ އިންތިޚާބު
2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ފެހި ޤާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބެވެ. އަދި އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ރިޔާސީ އިންތިޚާބު ވެސްމެއެވެ.
2007ވަނަ އަހަރުގެ އޮގަސްޓު މަހު، ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، 2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ފަރާތުން ވާދަކުރައްވާނެކަން މައުމޫން އިޢުލާނުކުރެއްވިއެވެ. ޑީއާރުޕީގެ އަސާސީ ޤަވާޢިދު ބުނާގޮތުން، ޕާޓީގެ ލީޑަރަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަމަށް ވާތީ، މައުމޫނަކީ އޭރު ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ.
އާ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވޭނީ ގިނަވެގެން ދެ ދައުރުގައި ކަމަށް ބަޔާންކޮށްފައި އޮތުމާ އެކު، ހަތްވަނަ ދައުރަކަށް މައުމޫން ކުރިމަތިލެއްވުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ދައުރުގެ ޙުދޫދުތައް ހިނގާނީ އައު ޤާނޫނުއަސާސީގެ ދަށުން ފުރިހަމަކުރާ ދައުރުތަކަށް އެކަނި ކަމަށެވެ. އަދި މައުމޫން ޢަބްދުލްޤައްޔޫމަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޝަރުޠު ފުރިހަމަވާ މީހެއްކަމަށެވެ.
2008 ގެ ރިޔާސީ އިންތިޚާބުގައި މައުމޫންގެ ރަނިންގ މޭޓެއްގެ ގޮތުގައި އިޚްތިޔާރުކުރެއްވީ އޭރުގެ މިނިސްޓަރ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އަޙްމަދު ތަސްމީން ޢަލީއެވެ.
2008 އޮކްޓޫބަރު 8ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މައުމޫން ޢަބްދުލްޤައްޔޫމް ހިމެނޭ ގޮތުން ޖުމުލަ 6 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. މައުމޫނާ އެކު ދެން ވާދަކުރެއްވީ ޤާސިމް އިބްރާހީމް، ޑރ. ޙަސަން ސަޢީދު، މުޙައްމަދު ނަޝީދު، އިބްރާހިމް އިސްމާޢީލް، ޢުމަރު ނަޞީރު، މި 5 ބޭފޫޅުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި 71,731 ވޯޓާ އެކު ވޯޓުލީ މީހުންގެ %40.63 ހޯއްދަވައި ފުރަތަމަ ބުރު ކާމިޔާބުކުރެއްވީ މައުމޫނެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް %50 ވޯޓު ލިބިފައިނުވާތީ އިންތިޚާބުގެ ދެވަނަ ބުރު ބާއްވައިފައިވެއެވެ.
2008 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވީ 2008 އޮކްޓޫބަރު 28ވަނަ ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެ ކެންޑިޑޭޓުންކަމަށްވާ މައުމޫން ޢަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދެވެ. ދެވަނަ ބުރުގައި 97,222 ވޯޓު (%54.21) ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު މުޙައްމަދު ނަޝީދެވެ. 82,121 ވޯޓު (%45.79) އާ އެކު މައުމޫނަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ.
ރިޔާސީ ދައުރު (1978 - 2008)

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ 11 ނޮވެންބަރު 1978 (10 ޛުލްޙިއްޖާ 1398) ވީ ހޮނިހިރު ވިލޭރޭގެ މެންދަމު 00:00 ގައެވެ. އެ މަނިކުފާނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އޭރުގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލްއުސްތާޛުއްޝައިޚުލްމަރްޙޫމު މޫސާ ފަތުޙީ އަލްއަޒްހަރީއެވެ. އޭގެފަހުން ވިދިވިދިގެން 5 އަހަރުގެ 6 ދައުރަށް، ރައްޔިތުންގެ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މައުމޫން ވަނީ ހޮވިވަޑައިގެންފައެވެ. އަދި އެ މަނިކުފާނު ވަނީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
ރައީސް މައުމޫންގެ ޒަޢާމަތު ވެގެންދިޔައީ ދިވެހިރާއްޖެއަށް ތަފާތު ރޮނގުރޮނގުން ކުރިއެރުމާއި ތަރައްޤީ ލިބުނު އަހަރުތަކަކަށެވެ. އެ މަނިކުފާނު ވެރިކަމާ ޙަވާލުވީ އަހަރު، 1978 ގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ބޮލަކަށް ޖެހޭ މިންވަރަކީ 180 އެމެރިކާ ޑޮލަރަށް ވުރެ މަދު ޢަދަދެކެވެ. ނަމަވެސް އެ މަނިކުފާނުގެ ވެރިކަން ނިމުނު އިރު، 2008 ގައި، އެ ޢަދަދު ވަނީ 4500 އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.
މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމާ ޢަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި ހުރީ ސަރުކާރުގެ އެންމެ 4 ސްކޫލެވެ. ލިޔަންކިޔަން ދަންނަ މީހުންނަށް ވުރެ، ލިޔަންކިޔަން ނުދަންނަ މީހުން ގިނައެވެ. 2008 ގައި އެމަނިކުފާނު ވެރިކަމުން ވަކިވެވަޑައިގެންނެވި އިރު، ސަރުކާރުގެ 221 ސްކޫލް ހިނގަމުންދިޔައެވެ. 1978 ގައި، 65 ޔުނިވަރސިޓީ ގްރެޖުއޭޓުން ތިބި އިރު، އެ މަނިކުފާނުގެ ރިޔާސަތުގައި އެ ޢަދަދު 4000 އަށް އިތުރުވެފައިވެއެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އޮތީ ހުޅަނގުގެ ޤައުމުތަކާ ފައިހަމަކުރެވޭ މިންވަރުގައެވެ. 99 އިންސައްތައާ ގާތްކުރާ ޢަދަދެއްގައެވެ. ޞިއްޙީ ދާއިރާއަށް ބަލާ އިރު، ރައީސް މައުމޫންގެ ރިޔާސަތު ފެށުނު އިރު ތިބީ 23 ޑޮކްޓަރުންނާއި 74 ނަރުހުންނެވެ. 2008 ނިމުނު އިރު، 600 ޑޮކްޓަރުންނާއި، 1300 ނަރުހުންނާއި، 800 ކޮމިއުނިޓީ ހެލްތް ވޯރކަރުން ޚިދުމަތުގައި ތިއްބެވިއެވެ. ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ހުރީ ހަމަ އެންމެ ހޮސްޕިޓަލެކެވެ. އެ މަނިކުފާނުގެ ޒަޢާމަތު ނިމުނު އިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 22 ހޮސްޕިޓަލް ޤާއިމުވެފައި ހުއްޓެވެ. 1978 ގައި ރާއްޖޭގައި އޮތީ އެންމެ 15 ރިޒޯޓެވެ. އެ އަހަރު ރާއްޖެ އައީ 15,000 ފަތުރުވެރީންނެވެ. 2008 ގައި ރާއްޖޭގައި ހުރި ރިޒޯޓުގެ އަދަދު 100 އާ ގާތްކުރާ ޢަދަދަކަށް އިތުރުވިއިރު، އެ އަހަރު 600,000 އަށް ވުރެ ގިނަ ފަތުރުވެރީން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތު ދެމެހެއްޓެވުމަށް ޓަކައި ވެސް ރައީސް މައުމޫން ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަފާތު އިސްލާމީ ފަންނުތައް ކިޔަވައިދެއްވުމަށް ޓަކައި އުފެއްދެވި މަރުކަޒު [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ] ހުޅުވުނީ ހިޖުރީ 15ވަނަ ޤަރުނުގެ މުނާސަބަތުގައި ހިޖުރީ އާ އަހަރުގެ ފުރަތަމަ ދުވަހުއެވެ. އެއީ، 1980ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 9ވަނަ ދުވަހުއެވެ. އޭގެފަހުން ޢަރަބި ތަޢުލީމު ދޭ ދެވަނަ މަދަރުސާ [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލް)] ހުޅުވިގެންދިޔައެވެ. ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅިން ފިލުވައިލެއްވުމަށް ޓަކައި 1980 ޖަނަވަރީ 1 ގައި ފެށްޓެވި އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ، އެ މަނިކުފާނު ހިންގެވި މަޝްރޫޢުތަކުގެ ތެރެއިން ވަރަށް ކާމިޔާބު މަޝްރޫޢެކެވެ.
ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން، ހިޖުރައިން 1400ވަނަ އަހަރުގެ ރަމަޟާން މަހުގެ 1ވަނަ ދުވަހުގެ ރެއިން ފެށިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، އޭރުގެ މުލީއާގޭގައި ރައީސް މައުމޫން ފެށްޓެވި ޤުރްއާން ކިޔެވުމާއި ދީނީ މައުޟޫޢަށް ވާހަކަ ދެއްކުމުގެ ޕްރޮގްރާމަކީ މިގޮތުން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވިއެވެ. އޭރު ރާއްޖޭގައި ދީނީ ޢިލްމުވެރިން މަދުކަމާ އެކު، އެ ޕްރޮގްރާމްގައި ގިނަ ތަޤްރީރުތަކެއް ކުރެއްވީ ޚުދު އެ މަނިކުފާނެވެ. އަދި ރާއްޖެއިން ބޭރުގެ ވާޢިޡުންނާއި ޤާރީން ގެންނަވައި، މި ޕްރޮގްރާމް މުއްސަނދިކުރެއްވިއެވެ.
އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން، ރާއްޖޭގެ ކޮންމެ ރަށެއްގައި މިސްކިތް ބިނާކުރައްވައި، ކީރިތި ޤުރްއާން ތަޖުވީދު މަގުން ކިޔެވުމުގެ ފަންނު ދިރުވުމަށް ޚިދުމަތްކުރެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މީޑިއާ މެދުވެރިކުރައްވައި ތަފާތު ޕްރޮގްރާމްތައް އަމިއްލަފުޅަށް ކުރިއަށް ގެންދެވިކަން އެއީ ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުއްވުމަށް ހުޅުއްވި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަކީ ވެސް އެ މަނިކުފާނު ދީނީ ރޮނގުން ކުރެއްވި މަތިވެރި ޚިދުމަތެކެވެ. ރައީސް މައުމޫނަކީ، ދީނީ އަދި ޢިލްމީ ގިނަ ފޮތްތަކެއް ލިޔުއްވައި ޝާއިޢުކުރެއްވުމުގެ އިތުރުން [ދީނުގެ މަގު]ގެ ނަމުގައި ދީނީ ހަފްތާ މަޖައްލާއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވަމުން ގެންދެވި ޢިލްމުވެރިއެކެވެ. އޭގެއިތުރުން، ވެރިކަމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ވެސް އެ މަނިކުފާނު ގެންދެވީ މެދުނުކެނޑި މުދައްރިސެއްގެ ދައުރު އަދާކުރައްވަމުންނެވެ. އިސްލާމީ ޝަރީޢަތާއި އުޞޫލުލްފިޤްހުގެ ޢިލްމުގެ ފިލާވަޅުތައް ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ ދަރިވަރުންނަށް ޤަވާޢިދުން ނަންގަވައިދެއްވަމުން ގެންދެވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތީ މާލޭ ސަރަޙައްދުގައި ކަމަށްވުމާ އެކު، މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސް މައުމޫންގެ ޒަޢާމަތުގައި ދެއްވި އަހަންމިއްޔަތުކަން ވެސް އެއީ އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކުރެވޭ މުހިންމު ޚިދުމަތެކެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ، މާލެއިން ހިއްކެންހުރި ސަރަޙައްދުތައް ހިއްކުމަށް ކުރެއްވި މަސައްކަތްޕުޅުތަކެވެ. މިގޮތުން ހިއްކި ސަރަޙައްދުން އެތައް ބަޔަކަށް ގޯތި ދެއްވައި، ޞިނާޢީ އެކި މަޝްރޫޢުތަކަށް ބިން ޚާއްޞަކުރެއްވިއެވެ. މީގެއިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް އެމަނިކުފާނު ފެށްޓެވި އެންމެ އަގުބޮޑު އެއް މަޝްރޫޢަކީ ހުޅުމާލޭ މަޝްރޫޢެވެ. 1997ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16ވަނަ ދުވަހު އެ މަނިކުފާނު އިފްތިތާޙުކޮށްދެއްވި މި މަޝްރޫޢު ވެގެންދިޔައީ، ދިވެހިންގެ އެތައް ބަޔަކަށް އެތައް ހިތްހަމަޖެހުމަކާއި، ފޮނި އުންމީދުތަކެއް ގެނެސްދިން މަޝްރޫޢަކަށެވެ. ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށުން އިފްތިތާޙުވެގެންދިޔައީ، އޭގެ 6 އަހަރުފަހުން 2004ވަނަ އަހަރުގެ މޭ މަހުގެ 12ވަނަ ދުވަހުއެވެ. ރައީސް މައުމޫން ސިފަކުރައްވާފައިވާ ގޮތުން ނަމަ، އެ ދުވަހަކީ ރާއްޖޭގެ ގިނަ ބަޔަކު ދެކެމުން އައި ފިނިފެންމަލުގެ ހުވަފެން ޙަޤީޤަތަކަށްވެގެންދިޔަ ދުވަހެވެ.
ރައީސް މައުމޫންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ އަލިގަދަކޮށް ފާހަގަވެގެންދިޔަ އެއް މަސައްކަތްޕުޅަކީ، ސަރަޙައްދީ އެއްބައިވަންތަކަމަށާއި، އިސްލާމީ އުންމަތުގެ ޙައްޤުތައް ޙިމާޔަތްކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ރައީސް މައުމޫނަކީ، ސަރަޙައްދީ ޖަމްޢިއްޔާ [ސާރކް]ގެ އެއް ބާނީއެވެ. އޭގެއިތުރުން، އެ މަނިކުފާނަކީ، ބައިނަލްއަޤްވާމީ ބޮޑެތި ބައްދަލުވުންތަކުގައި ފަލަސްޠީނުގެ މައްސަލައިގައި މެދުނުކެނޑި ވަކާލާތުކުރެއްވި ބޭފުޅެކެވެ.
1987 ގައި ރައީސް މައުމޫން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދެވީ، އެ އަހަރު ވެންކޫވަރގައި އޮތް ކޮމަންވެލްތް ސަމިޓުގައާއި، އަދި އެ އަހަރު އދ.ގެ ޢާންމު މަޖިލީހުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެއާއި އެހެނިހެން ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ނުރައްކަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމާ ގުޅިގެންނެވެ. އެ ކަން ފާހަގަވެގެންދިޔައީ، ޤައުމެއްގެ އެންމެ އިސްވެރިޔަކު މި މައްސަލައާމެދު އެންމެ މަތީ ފެންވަރުގައި އެންމެ ފުރަތަމަ އަޑުއުފުއްލެވި ފަހަރު ކަމުގައެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރުވި ކަމަކީ 1988 ނޮވެންބަރު 3ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ޙަމަލާއެވެ. އެ ޙަމަލާއިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތައް ވެސް ފާހަގޮށްލެވެއެވެ. އެއީ، އިސްލާމްދީނާއި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އެ މަނިކުފާނު ވެވަޑައިގެންނެވި ވަރަށް މަތިވެރި ޤުރްބާނީއެކެވެ. މީގެއިތުރުން އެ މަނިކުފާނުގެ ވެރިކަމުގައި ދިމާވި ބޮޑެތި ކަންތައްތަކުގެ ތެރޭގައި 1987 އެޕްރީލް 11ވަނަ ދުވަހު ކުރިމަތިވި ބޮޑު ރާޅު އެރުމުގެ ހާދިސާއާއި، 2004 ޑިސެންބަރު 26ވަނަ ދުވަހުގެ ސުނާމީ ކާރިސާ ހިމެނެއެވެ.
ފާހަގަކުރެވޭ ދަތުރުތަކާއި ބައިވެރިވެވަޑައިގައިގެންނެވި ބައްދަލުވުން


މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އެ މަނިކުފާނުގެ 30 އަހަރުގެ ރިޔާސަތުގައި ދުނިޔޭގެ 35 އަށް ވުރެ ގިނަ ޤައުމަށް ޒިޔާރަތްކުރައްވައިފައެވެ. ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅަކީ ލީބިޔާގެ "1 ސެޕްޓެމްބަރު އިންޤިލާބު" ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ކުރެއްވި ދަތުރުފުޅެވެ. އެމަނިކުފާނަކީ ލީބިޔާ، ސެނެގާލް، ދެކުނު އެފްރިކާއަށް ޒިޔާރަތްކުރެއްވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސެވެ. ވެރިކަން ނިމުނު އިރު، މައުމޫން ވަނީ އެކި ފަންތީގައި 16 ފަހަރަށް ވުރެ ގިނައިން އިންޑިއާށް ޒިޔާރަތްކުރައްވައިފައެވެ. މިއީ ރާއްޖޭގެ ރައީސަކު އެހައިތަނަށް އިންޑިއާއަށް އެންމެ ގިނައިން ދަތުރުކުރެއްވުމުގެ ރެކޯޑެވެ.
- މައުމޫން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ ލީބިޔާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅުކުރެއްވީ އެ ޤައުމުގައި ބޭއްވުނު 10ވަނަ ސެޕްޓެމްބަރ ރިވޮލިއުޝަން ފާހަގަކުރުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ.
- 1981 ގައި ސަޢޫދީ ޢަރަބިއްޔާގައި ބޭއްވި 3ވަނަ އިސްލާމިކް ސަމިޓް ކޮންފެރެންސް އޮފް އޯގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް މައުމޫން އެ ޤައުމަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން އައި.އެސް.ސީގެ ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ ތެރޭގައި 1984 ގައި މޮރޮކޯ ގައި ބޭއްވި ބައްދަލުވުމާއި، 1987 ގައި ކުވައިތުގައި ބޭއްވި ބައްދަލުވުމާއި, 1991 ގައި ސެނެގާލްގައި ބޭއްވި ބައްދަލުވުމާއި، 1994 ގައި މޮރޮކޯގައި ބޭއްވި ބައްދަލުވުން އަދި 1997ގައި ޕާކިސްތާނުގައި ބޭއްވުނު ބައްދަލުވުން ހިމެނެއެވެ.
- 1981 ގައި އޭޝިއާގެ ބައެއް ޤައުމުތަކަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިގޮތުން މި ދަތުރުފުޅުގައި ވަޑައިގަތީ ސިންގަޕޫރާއި މެލޭޝިޔާއަށެވެ.
- 10 މޭ 1982 ގައި ލަންޑަނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ދަތުރުފުޅަކީ ހުޅަނގުގެ ޤައުމަކަށް މި މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
- އޮކްޓޫބަރު 1982 ގައި ފިޖީ ގައި ބޭއްވި ކޮމަންވެލްތުގެ އިސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
1982ވަނަ އަހަރު ސްރީލަންކާއަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ ބޭނުންފުޅަކަށްވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ރިޔާސީ ދައުރަށް ފަހު

2008 ނޮވެންބަރު 11ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ މުޙައްމަދު ނަޝީދު ކުރެއްވުމާ ގުޅިގެން މައުމޫން ޢަބްދުލްޤައްޔޫމް ބަދަލުވެވަޑައިގަތީ މާލޭގައި ހުންނަ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅަށެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރުމާއި، ދިވެހީންނަށް އިޖުތިމާޢީ އެކި ރޮނގުތަކުން ފައިދާކުރަނިވި ޚިދުމަތްތަކެއް ކުރެއްވުމުގެ މަޤްޞަދުގައި 2010 ޖަނަވަރީ 26ވަނަ ދުވަހު ރައީސް މައުމޫން ވަނީ [މައުމޫން ފައުންޑޭޝަން] ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވައިފައެވެ. އަދި އެ ފައުންޑޭޝަންގެ މުއައްސިސްކަމާއި ޗެއަރމަން ކަމުގެ މަޤާމު މިއަދު ވެސް ގެންދަވަނީ ފުރުއްވަމުންނެވެ.
ރައީސްކަމުން ވަކިވެވަޑައިގެންނެވި އިރު މައުމޫން ހުންނެވީ ޑީއާރުޕީގައެވެ. ނަމަވެސް 2011ވަނަ އަހަރު އެ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ.
ދިމާވި އެކި ސަބަބުތަކާ ހުރެ ޕީޕީއެމްގެ ތެރޭގައި އެކި މައްސަލަތައް ކުރިމަތިވިއެވެ. ޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި ޖެހުނު މައްސަލަތަކަށް ފަހު ޕީޕީއެމުން ވަކިވެވަޑައިގެން "މޯލްޑިވްސް ރިފޯމް މޫވްމަންޓް" ގެ ނަމުގައި މައުމޫން އިސްވެ ހުރެ އައު ޕާޓީއެއް ވަނީ އުފައްދަވައިފައެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ޤާނޫނު ލާޒިމުކުރާ ޢަދަދު ކަމަށްވާ 3,000 މެމްބަރުން އެ ޕާޓީ އަށް ހަމަކުރެވިފައި ނުވާތީ، 2025 ޖަނަވަރީ 29ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުވައިލައި، ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައެވެ.
ލިޔުއްވައިފައިވާ ބައެއް ފޮތްތައް
- أُصُولُ الْفِقْه - އިސްލާމީ ފިޤްހުގެ މަޞްދަރުތަކާއި އެ މަޞްދަރުތަކުން ޙުކުމް ދެނެގަނެވޭނެ ހަމަތައް
- އަހަރެމެންގެ ދީނަކީ މިއީ (ތަރުޖަމާ)
- ހެޔޮކަމާއި ތަޤްވާގެ މައްސަރު
- އިސްލާމްދީނަކީ ރީތިކަމުގެ ދީނެވެ.
- އަންހެނަކު އިސްލާމީ ޤައުމެއްގެ އެންމެ މަތީ މަޤާމު އަދާކުރުމަކީ ޝަރްޢީ ގޮތުން ހުއްދަކަމެއްތޯ؟
- ޙައްޖާއި ޢުމްރާވުމުގައި ކިޔާ ބައެއް ދުޢާ މާނައާ އެކު
- އަޙްކާމުލްޙައްޖު ވަލްޢުމްރާ (1ވަނަ ބައި އަދި 2ވަނަ ބައި)
އަގުވަޒަންކުރުންތަކާއި އިނާމުތައް

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ބޭރުގެ ތިން ޔުނިވަރސިޓީއަކުން ވަނީ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެމަނިކުފާނަށް އަރުވައިފައެވެ. 1988ވަނަ އަހަރު ޔުނެޕުން ވަނީ ރައީސް މައުމޫނަށް [ގްލޯބަލް 500]ގެ އިނާމު އަރުވާފައެވެ. އަދި، ތިމާވެށީގެ ރޮނގުން ޖަރުމަނުވިލާތުގެ [ޑީ.އާރު.ވީ] އިނާމާއި، އިޓަލީވިލާތުގެ [މޭން އޮފް ސީ] އިނާމު ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އޭގެއިތުރުން، އިންޑިއާ [ޓެރީގެ ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ލީޑަރޝިޕް އެވޯޑު] 2008ވަނަ އަހަރު އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ބޭރުގެ ޢިއްޒަތްތެރިންނަށް އިނގިރޭސި ދައުލަތުން ދެއްވާ އެންމެ މަތީ ލަޤަބު [ޖީ.ސީ.އެމް.ޖީ] އަދި ދެކުނު ކޮރެއާގެ އެންމެ މަތީ ޝަރަފު [ގްރޭންޑް އޯޑަރ އޮފް މުގުންގާވާ] އާއި، ސްރީލަންކާގެ އެންމެ މަތީ ޝަރަފު [މިތުރަ ވިބޫޝަނަ] ވެސް ރައީސް މައުމޫނަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ އިތުރުން، ޑަބްލިޔޫ.އެޗް.އޯ.ގެ [ހެލްތް ފޯރ އޯލް] ރަން މެޑަލާއި، [އަލްއަޒްހަރުގެ ޝީލްޑް] ވެސް އެ މަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެންނާއި އޭގެ ކުރިން ވެސް، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ތަފާތު އެތައް ރޮނގަކުން އެ މަނިކުފާނު ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، 2013ވަނަ އަހަރު، ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް "ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަން (ނ.ޣ.ޢ.ވ)" އެ މަނިކުފާނަށް ވަނީ އަރުވައިފައެވެ.
| ކުރިން ހުންނެވީ: އިބްރާހީމް ނާޞިރު | ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 1978-2008 | ފަހުން ވަޑައިގަތީ: މުޙައްމަދު ނަޝީދު |
ރިފަރެންސް
- ރޯއިސްޓަން އެލިސް ލިޔުއްވާފައިވާ އަ މޭން ފޯރ އޯލް އައިލެންޑްސް - ISBN 981-204-852-9
- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
އިތުރު ފާލަންތައް


Lua error in މޮޑިއުލް:Navbox at line 15: table index is nil.