މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތައް
ބަލިވެއިނުމާއިއެކު އަންހެނުންގެ ހަށިގަނޑަށް ވަރަށް ގިނަ ބަދަލުތައް އާދެއެވެ. ރަހިމުގައި އަށަގަންނަމުންދާ ކުޑަދަރިފުލަށް މައިމީހާގެ ހަށިގަނޑު ހޭނެމުންދާއިރު ބޮލުގައި ރިހުމާއި، ވަރުބަލިވުމާއި، ބުރަކަށީގައި ރިހުމާއި، ނިދިނައުމާއި، ބޯއެބުރުމާއި، ހޫނުވުން އަދި މިނޫނަސް ތަފާތު އުދަގޫތައް ކުރިމަތިވެއެވެ. މިގޮތުން ކުރިމަތިވާ އުދަގޫތަކަކީ ބަލިވެއިނުމުން ތަބީއީގޮތެއްގައި ކުރިމަތިވާ ކަންތައްތަކެވެ. އެކިމީހުންނަށް މިއުދަގޫތައް ކުރިމަތިވާ މިންވަރު ތަފާތެވެ. ތިރީގައި މިބަޔާންކޮށްލަނީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ބައެއް އުދަގޫތަކާއި، އެކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
ބުރަކަށީގައި ރިހުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބުރަކަށީގައި ރިހުން
ބުރަކަށީގައި ރިހުމަކީ ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. ވަރަށް ގިނަ އަންހެނުންނަށް ބަލިވެއިނުމާއި ގުޅިގެން ބުރަކަށީގައި ރިހުމުގެ އުދަގުލާއި ކުރިމަތިލާން ޖެހެއެވެ. ބުރަކަށީގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
- ފުންނާބު އުސް ފައިވާން ނުވަތަ ބޫޓަށް ނޭރުން
- ބަރުތަކެތި އުފުލާ ނުހެދުން
- އެއްޗެއް އުފުލުމަށް ނުވަތަ ނެގުމަށް އުނަގަނޑު ނުލެއްބުން: މިގޮތަށް ލައްބާނަމަ ބުރަކަށި ސީދަލަށް ބެހެއްޓުމަށްފަހު ދެކަކޫ ލެއްބުން
- މާގިނައިރު ކޮއްޅަށް ނުހުރުން: މިގޮތަށް ހުންނަނަމަ އެއްފައި މައްޗަށް ނަގައި ފައިދަށަށް ގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ލައިގެން ހުރުން
- ގޮނޑިއެއް ފަދަ އެއްޗެއްގައި އިށީދެ އިންނަނަމަ ފަހަތަށް ބާލީހެއްލައި އޭގައި ލެގިލައިގެން އިނުން
- ނިދާއިރު ވާތްފަރާތަށް ބުރަވެއޮވެ ނިދުމާއި،ދެފައި ދޭތެރެއަށް ބާލީހެއް ލައިގެން އޮތުން
- ގޭތެރޭގައި މަސައްކަތްކުރާ އިރު ވީވަރަކުން ގުދުނުވެ އުޅުން
- ރިއްސުން ހުންނަ ހިސާބު ހޫނު ނުވަތަ ތެތް ފޮތިގަނޑަކުން މަސާޖުކުރުން
- ތާފަނާ ފެނުން ދުވާލަކު ދެފަހަރު ފެންވެރުން
- ހަރު ގޮދަނޑިއެއްގައި ނިދަން އާދަކުރުން
- މަދުވެގެން ހަފްތާއަކު 3ފަހަރު ކަސްރަތު ކުރުން
ބޮލުގައި ރިހުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބޮލުގައި ރިހުން
ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން(Preeclampsia)، ނޭފަތު ގައި ހުންނަ ވައިވައްދާ ހުސްތަންތަން(Nasal air sinuses)ގައި އިންފްލެމޭޝަން އުފެދުން، ވަރުބަލިވުން ފަދަ ކަންކަމަކީ ވެސް ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަބަބުތަކެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެކަށޭނަވަރަކަށް އަރާމުކުރުން، ބަރާބަރަށް ކެއުމާއި، ފެންބުއިން، ބޮލުގައި ރިހުން ކުޑަކޮށްދެއެވެ.
ހަމަމިހެން އެސްޕިރިން ފަދަ ތަދުކެޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ބޮލުގައި ރިއްސަން ފެށުމުން ފޮތިގަނޑެއް ތެންމާލުމަށް ފަހު ނިއްކުރިމަތީގައި ބާއްވާށެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުއިކަމެއް ގެނެސްދޭނެއެވެ. ތާފަނާ ފެނުން ފެންވެރުމާއި، ކަރާއި،ކަދުރާ،މޫނާއި،ބޯ މަސާޖުކުރުމަކީ ވެސް ބޮލުގައި ރިހުން ކުޑަކޮށްދޭނެ ކަންކަމެވެ.
ބޮލުގައި ރިހުން ހުރުމާއިއެކު، މޭނުބައިކުރުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުންކޮށިވުން މިއިންކަމެއް މެދުވެރި ވެއްޖެނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ދަށްބަނޑުގައި ރިހުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބަނޑުގައި ރިހުން
ބަލިވެއިނުމާއި ވިދެގެން ރަހިމުބޮޑުވަމުން އަންނައިރު ރަހިމު ހިފެހެއްޓުމަށްޓަކައި އޭގެ ވަށައިގެންލެވިފައިވާ ލިގަމެންޓް(Ligament)ތައް ދެމި،ވާންވެ،ބާރުވާގޮތް ވެއެވެ. މިކަމުގެ ސަބަބުން މައިމީހާއަށް ދަށްބަނޑުގައި ރިހުން އިހްސާސް ކުރެވެއެވެ. އާންމުގޮތެއްގައި ރިހުން ހުންނަނީ ބަނޑުގެ އެއްފަރާތެއްގައެވެ. ގިނަމީހުންނަށް މިމައްސަލަ ކުރިމަތިވަނީ 24-18ވަނަ ހަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ.
ތިރީގައި މިބަޔާންކޮށްލަނީ މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
- ބަނޑުގައި ރިއްސަށް ފެށުމުން ކުރިއަށް ލެބިލުން
- ވީވަރަކުން އަރާމުކުރުން
- ތަނެއްގައި އޮށޯވެ އޮންނައިރު އެއްގޮތަކަށް އަބަދު ނޯވެ، އޮންނަގޮތް ބަދަލުކުރުން
- ބަނޑުގައި ރިހުން މެދުނުކެޑި ހުރިނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުން
އާދަޔާޚިލާފަށް ވަރުބަލިވުން
[އުނިއިތުރު ގެންނަވާ]މިއީ އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ޚާއްޞަގޮތެއްގައި ފުރަތަމަ ތިންމަހާއި، ފަހުތިންމަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސްވެއެވެ. މިކަން ދިމާވަނީ ބަލިވެއިނުމާއި ވިދިގެން ހަށިގަނޑުގައި ޕްރޯޖެސްޓަރޯން(Progesterone) ހޯރމޯންގެ މިންވަރު މަތިވުމާއި، އަދި އުފެދެމުން އަންނަ ދަރިފުޅަށް މައިމީހާގެ ހަށިގަނޑު ތައްޔާރުވަމުން އަންނައިރު އިތުރު ހަކަތަ މައިމީހާގެ ހަށިގަނޑަށް ބޭނުންވާތީއެވެ.
ރޭގަނޑުގެ ނިދި ބަރާބަރަށް ލިބުނަސް ދުވާލުމުން ވަރުބަލިކަން އިހްސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ އާދައިގެ ކަމެކެވެ. ރަގަޅަށް ނިދާލާ އަރާމުކޮށްލުމުން ހިތްހަމަޖެހުމާއި ބާރު ހަށިގަނޑަށް ގެނުވައިދެއެވެ. ވަރުބަލިކަން އިހްސާސްވާނަމަ އަބަދުވެސް އަރާމުކުރަން ހަދާންކުރާށެވެ. ރޭގަނޑުމަދުވެގެން 8ގަޑި އިރުގެ ނިދި ހަމަކުރުމާއި، ދުވާލުވެސް 2ގަޑިއެއްހާއިރު ނިދާލުމަކީ ރަގަޅުކަމެކެވެ. ހާސްވެ، ހިތްނުތަނަވަސްވެ،ފިކުރުބޮޑުވާގޮތް ދިމާވާނަމަ ހިތްހަމަޖެހޭފަދަ ކަމެއް ކުރެވިދާނެއެވެ. ހަމަމިހެން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމަކީ ވެސް ވަރުބަލިކަން ކުޑަކޮށްދޭނެ ކަންކަމެވެ.
ލޭމަދުވުން(Anemia)ކުރިމަތިވުމަކީ ވެސް ވަރުބަލިކަން މެދުވެރިވުމަށް އެހީވެދޭ ކަމެކެވެ. އެހެންކަމުން ފުރަތަމަ ތިންމަހާއި،ފަހުތިންމަހުގެ ތެރޭގައި ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވޭތޯ ބެލިދާނެއެވެ. އަދި މިގޮތަށް ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދަނގަޑު ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. ނިދާއިރު ނުވަތަ އޮށޯވެއޮންނައިރު ވާތްފަރާތަށް ބުރަވެ އޮތުމަކީ ރަގަޅުކަމެކެވެ. އެއީ މިކަމުގެ ސަބަބުން އުފެދެމުން އަންނަ ދަރިފުޅަށް ބޭނުންވާ ކާނާއާއި، އޮކްސިޖަން ފޯރުކޮށްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދޭތީއެވެ. ހަމަމިހެން ބަލިވެއިނުމަށްފަހު ލޭގެ ޕްރެޝަރ މަތިނަމަ މިގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ.
އަވަސްއަވަހަށް ކުޑަކަމުދާންޖެހުން
[އުނިއިތުރު ގެންނަވާ]ބަލިވެއިނުމާއި ގުޅިގެން މާގިނައިން ކުޑަކަމުދާންޖެހުމަކީ ވަރަށް އާންމުކަމެކެވެ. މާބަނޑު ދުވަސްވަރު ގުރުދާ(Kidney)ގައި ލޭދައުރުކުރާ މިންވަރު %35ން %60އިންސައްތަ އަށް މަތިވެއެވެ. މިއާއިގުޅިގެން ކުޑަކަމުދާތަކެތި އުފެދޭ މިންވަރުވެސް %25އިންސައްތަ އިތުރުވެގެންދެއެވެ. ގިނަގިނައިން ނުވަތަ އިރުއިރުކޮޅާ ކުޑަކަމުދާންޖެހުމުގެ އަސްލަކީ މިއީއެވެ.
ބަލިވެ އިންނަތާކުރީކޮޅު މިގޮތަށް ކުޑަކަމުދާންޖެހުމުގެ ސިއްރަކީ މައިމީހާގެ ރަހިމު ބޮޑުވަމުން އަންނައިރު އުފެދޭ ޕްރެޝަރުގެ ސަބަބުން މަސާނާ(Bladder) ފިތޭގޮތް މެދުވެރިވެ، ކުޑަކަމުދާތަކެތި އުފެދޭ މިންވަރު އިތުރުވުމެވެ. މަސާނާ ހުސްކޮށް ހުރިނަމަވެސް ކުޑަކަމުދާން ބޭނުންވާކަހަލަ އިހްސާސްއެއް ކުރެވެއެވެ. އެއީ ބޮޑުވަމުންދާ ރަހިމުގެ ސަބަބުން މަސާނާފިތި، ފުރިފައިވާ ކަމުގެ އިހްސާސެއް ގެނެސްދޭތީއެވެ. ރަހިމުބޮޑުވެ، މައްޗަށް އުފުލި ބަނޑުގައިވާ ހުސްތަނަށް ވާސިލްވާއިރު މަސާނާ އަށް ފިތޭ މިންވަރު ދަށްވެ،މިކަމަށް ލުއިކަމެއް ލިބެއެވެ. ނަމަވެސް ވިހަންކައިރިވެގެން އަންނައިރު ( ފަހުމަސްތަކުގައި ) މިކަމުގެ އުދަގޫ އަނެއްކާވެސް ފެންނަށް ފަށައެވެ. އެއީ ކުޑަދަރިފުޅުގެ ބޯ މަސާނާގައި ޖެހި މަސާނާފިތޭތީއެވެ. ޚާއްޞަކޮށް ފަހުކޮޅުގައި ރޭގަނޑު އެތައް ފަހަރަކު ކުޑަކަމުދާން ބޭނުންވެގެން ހޭލެވުމަކީ ވެދާނެކަމެކެވެ.
ވިހަންކައިރިވެގެން އަންނައިރު ފަހުމަސްތަކުގައި ކެއްސުން، ހުނުން، ކިބިހިއެޅުން، ބަރުތަކެތި އުފުލުން، ޖޮގިން ފަދަ ކަސްރަތުކުރުން މިފަދަ ހާލަތްތަކުގައި ބައެއް މީހުންނަށް ނުހިފެހެއްޓިގެން ކުޑަކަމުދެވޭގޮތް ވެއެވެ.
މިގޮތަށް ކުޑަކަމުދާންޖެހުން ކުރިމަތިވާނަމަ ކީޖެލް އެކްސަސައިޒް(Kegel exercise)އޭ ކިޔޭ ކަސްރަތެއް ކުރެވިދާނެއެވެ. މިކަސްރަތުގެ ސަބަބުން ޕެލްވިސްއާއި، ކުޑަކަމުދާ ހޮޅި(Urethra)ގެ ވަށައިގެންވާ މަސްތަކުގެ ބާރުގަދަވެ، ކުޑަކަމުދާތަކެތި ބޭރުވުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.ކޮފީ،ކަޅުސައި ފަދަ ބުއިންތައް ބޭނުންކުރުން ވީވަރަކުން މަދުކުރާށެވެ. ދުވާލު ގިނަގިނައިން ދިޔާތަކެތި ބޯށެވެ. ނަމަވެސް ހަވީރު 4 ގެ ފަހުން މިގޮތަށް ދިޔާތަކެތި ނުބޯށެވެ. އޭރުން ރޭގަނޑުގެ ގަޑިތަކުގައި ކުޑަކަމުދާންޖެހޭ މިންވަރު ކުޑަކޮށްދެއެވެ.
ކުޑަކަމުދިއުމުގެ ތެރޭގައި ރިއްސުން، ދިލަނެގުން، ކުޑަކަމުދާތަކެތީގެ ތެރޭގައި ދޮސް، ނުވަތަ ލޭ ހުރުން، ރޭގަނޑުގެ ވަގުތުތަކުގެ ތެރޭގައި އެއްފަހަރު ކުޑަކަމުދިއުމަށްފަހު އިރުކޮޅެއްފަހުން ދެވަނަ ފަހަރަށް ވެސް ކުޑަމަކުދާންޖެހުން، މިއިން ކަމަކުންކުރެ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ މުހިއްމު ކަމެކެވެ. އެހެނީ އިސްވެ ބަޔާންކުރެވުނު ކަންތައްތަކަކީ ކުޑަކަމުދާ ނިޒާމް (Urinary tract)ގައި ބައްޔެއް ހުރުމުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ. ކުޑަކަމުދާތަކެތި އުފައްދާ ބޭރުކުރާ ނިޒާމްގައި ބައްޔެއް ހުރިކަން އެގިއްޖެނަމަ ވަގުތުން ފަރުވާކުރަން ހަދާންކުރާށެވެ. އެހެނީ މިފަދަ ހާލަތުގައި ފަރުވާކުޑަކޮށްފިނަމަ ދުވަސްނުފުރާ ވިހެއުން ފަދަ ކަމެއް ކުރިމަތިވެދާނެއެވެ.
ހެދުނުގެ ބަލި ނުވަތަ މޭނުބައިކުރުމާއި،ހޮޑުލެވުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހެދުނުގެ ބަލި
ބަލިވެއިންނަތާ ކުރީކޮޅު މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަކީ ވަރަށް ޢާންމުކަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. އިގިރޭސިބަހުން މޯރނިންގ ސިކްނެސް(ހެދުނުގެ ބަލި)އޭ ކިޔަނީ މިސަބަބާހުރެއެވެ.ނަމަވެސް ހައިބަނޑާ ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. ހެދުނުގެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ހައިޕަރެމީސިސް ގްރެވިޑޭރަމް(Hyperemesis gravidarum) އޭ ކިޔައެވެ.
ބުނެވޭގޮތުގައި މިއީ ބަލިވެ އިނުމާއިގުޅިގެން ހަށިގަނޑުގައި އެކުލެވޭ ހޯރމޯންތަކަށް އަންނަ ބަދަލަކާއިގުޅިގެން ކުރިމަތިވާކަމެކެވެ. އާންމު ގޮތެއްގައި މޭނުބައިކުރުމާއި، ހޮޑުލެވުން ނުވަތަ ހެދުނުގެ ބަލި ފުރަތަމަ 3މަސް ފާއިތުވެ ދިއުމުން ( ބަލިވެއިނުމާއެކު އިތުރުވާ ހޯރމޯންތަކުގެ މިންވަރު ދަށްވުމުން ) ރަގަޅުވެއެވެ.
މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީއަކަށް ވާނެއެވެ.
- ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8 ފަހަރު )
- ތެޔޮ،ހަވާދު އެކުލެވޭ ކުޅި ކާނާއާއި، ދުރުހެލިވުން
- އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން: މިގޮތުން އިގުރުސައި، އަދި ކުދީނާ ސައި ބޭނުންކުރެވިދާނެއެވެ.
- ކޮފީ،ކަޅުސައި ފަދަ ބުއިންތަކާއި، ދުރުހެލިވުން
- ޕްރޮޓީން އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުން : މިގޮތުން ބަދަން،ޕީނަޓް ބަޓަރު ފަދަ ކާނާ ބޭނުންކުރެވިދާނެ އެވެ.
- އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން
- މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި، ވީވަރަކުން ދުރުހެލިވުން
- ޕާން،ބަނަސް،ފާރޮށި،ޗީޒް ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުންކުރުން : މިފަދަ ކާނާ އެދުކައިރީގައި އަތުޖެހޭ ފަށުގައި ބެހެއްޓިދާނެއެވެ. ހެދުނުހޭލާ އެދުން ތެދުވުމުގެ ކުރިންނާއި، މެންދަމު ހޭލެވިއްޖެ ނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. ހަމަމިހެން މޭނުބައިކުރަން އުޅޭހެން ހީވާނަމަ ވެސް މިކާނާ ބޭނުންކުރެވިދާނެއެވެ.
- މަތީގައި ބަޔާންކުރެވުނު ކަމަކުން މޭނުބައިކުރުމާއި، ހޮޑުލެވުމަށް ބަދަލެއް ނާންނަމަ ވިޓަމިން-ބީ(B6) ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.
މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ފެން ހުސްވާގޮތް (ފެންމަދުވުން) މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. ހަމަމިހެން ބަރުދަން ލުއިވުން، ކުޑަކަމުދާތަކެތި ކުލަގަދަވެފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަވެ، އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް(Prenatal vitamins)ވެސް ނެގިދާނެއެވެ.
ބޯއެބުރުމާއި ހޭނެތުން
[އުނިއިތުރު ގެންނަވާ]ބޯއެބުރުމާއި، ހޭނެތުން ފަދަ ކަންކަމަކީ މާބަނޑު ދުވަސްވަރު ކުރިމަތިވެދާނެ ކަންކަމެވެ. މިކަން ދިމާވަނީ މައިމީހާގެ ރަހިމުއާއި، ފަޔާއި، ދިމާލަށް ތިރިއަށް ލޭދައުރުވާން ފެށުމުންނެވެ. މިގޮތަށް ލޭދައުރުވަނީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ލޭހޮޅިތައް ފުޅާވުމުންނެވެ. ލޭމަދުވުން، ލޭގައި ހަކުރުގެ މިންވަރު ދަށްވުން، ސިކުނޑިއަށް ބޭނުންވާވަރަށް އޮކްސިޖަން ނުލިބުން،ލޭގެ ޕްރެޝަރ ދަށްވުން،ރަގަޅު ކާނާ ނުކެއުން ފަދަ ކަންކަމަކީ ބޯއެބުރުމާއި، ހޭނެތުން ކުރިމަތި ވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.
މިކަންކަމުން ސަލާމަތްވުމަށް ނުވަތަ މިކަންކަން ކުޑަކުރުމަށް ތަނެއްގައި އޮށޯވެ އޮންނައިރު ވާތްފަރާތަށް ބުރަވެ، އޮވެވިދާނެއެވެ. މިގޮތަށް އޮތުމުން ހިތް،އަދި ސިކުނޑި އަށް ލޭފޮނުވާދޭ މިންވަރު އިތުރުވެ، ބޯއެބުރުން ކުޑަކޮށްދެއެވެ. ހަމަމިއާއެކު، ގިނައިރުތަކެއް ވަންދެން އެއްތަނެއްގައި އިށީދެ ނުވަތަ ކޮޅަށްހުރުމުގެބަދަލުގައި ކޮޅުކޮޅަށް ހިގާލާ ހަރަކާތްތެރި ވުމުން ކުރިން މިބުނެވުނު ކަންތައްތަކާއި ދުރުހެލިކޮށްދެއެވެ.އަދި ރަގަޅުކާނާ ބޭނުންކުރުމަށް އަހައްމިއްޔަތު ކަމެއް ދޭށެވެ.
ބަނޑުގައި ވައިހެދުން
[އުނިއިތުރު ގެންނަވާ]މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދި، ވައިބޭރުކުރެވޭ މިންވަރު އިތުރުވުމަކީ ވެދާނެކަމެކެވެ. މިގޮތަށް ވައިހެދެނީ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ. ބައެއް މީހުންނަށް ވައިބޭރުކުރެވޭ ވަގުތު ކޮންމެވެސް ވަރަކަށް ތަދު އިހްސާސް ކުރެވެއެވެ.
މިކަމުން ސަލާމަތްވުމަށް ކުދީނާފަތު ސައި ނުވަތަ ފެނަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ހަމަމިހެން ވައިއުފެދުމަށް އެހީވެދޭ ކާނާގެ ބާވަތްތައް ބޭނުން ނުކުރާށެވެ. މިގޮތުން ބަނބުކެޔޮ، ބީންސް،ބްރޯކޮލީ، ކެބެޖް، ކޮލިފްލާވަރ ފަދަ ކާނާ ބޭނުންކުރުން މަދުކުރާށެވެ. މިފަދަ ކާނާގައި ހިމެނޭ ރަފިނޯސް ކިޔާ މާއްދާއެއްގެ ސަބަބުން ވައިއުފެދުމަށް މެދުވެރިވެއެވެ. ކޯލާ، ޕެޕްސީފަދަ ގޭސް އެކުލެވޭ ބުއިންތަަކާއި ދުރުހެލިވާށެވެ.
ބަނޑުހިކުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބަނޑުހިކުން
މިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސް ފަރާތް(Rectum)ފިތޭގޮތްވުން، ޕްރޯޖެސްޓަރޯން(Progesterone)ހޯރމޯން އިތުރުވުމާއި ގުޅިގެން ކާތަކެތި ހަޖަމުކުރާ ނިޒާމް(Digestive tract)ގައި ކާތަކެތި ހަރަކާތްކުރުން ދަށްކޮށްލުން، މިއީ ބަނޑުހިކުން މެދުވެރިކުރުވާ ބައެއް ސަބަބުތަކެވެ. އިސްވެދެންނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު އިތުރުވެ، ފެން ހަށިގަނޑަށް ދަމާމިންވަރު ގިނަވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫވެއެވެ. ބަނޑުހިކުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ.
އަންނަނިވި ކަންތައްތައް ބަނޑުހިކުމުގެ މައްސަލައިން ސަލާމަތްކުރުމުގައި އެހީއަކަށް ވެއެވެ.
- ރޯމޭވާ،ތަރުކާރީ،ގްރެއިން ސެރެލްސް،ޕާން ފަދަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން
މިކާތަކެތި ބޭނުންކުރާ އިރު މޭވާ، ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ.މިގޮތުން ޕްރޫން ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.
- ކޮންމެ ދުވަހަކު މަދުވެގެން 8 ނުވަތަ 10ތަށި ފެންބުއިމަށް އާދަކުރުން
- ކޮފީ،ސައި،ކޯލާ ފަދަ ބުއިންތަކާއި ދުރުހެލިވުން
- ކަސްރަތުކުރުން، ކުޅިވަރުކުޅުން،ފެތުން،ބަނޑުހިކުން ކުޑަކޮށްދެއެވެ.
- މާމުއި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުން
- ކޮންމެ ދުވަހަކު މަދުވެގެން ބައިގަޑިއިރު ހިގާލުން
ފުރަގަސްފަރާތު ބަލި
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުރަގަސް ފަރާތު ބަލި
މިކަން ކުރިމަތިވަނީ ފުރަގަސް ފަރާތު ދޮރު(Anal-canal)ގެ ވަށައިގެންވާ ލޭނާރުތައް ދުޅަވެ ފުއްޕުމުގެ ސަބަބުންނެވެ.މިގޮތަށް ދުޅަވެ،ފުއްޕަން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ. ބަނޑުހިކުންކުރިމަތިވެފައި ވާނަމަ ފުރަގަސް ފަރާތު ބަލި އިތުރަށް ގޯސްވެ، ފުރަގަސްފަރާތް ފައިބާގޮތް މެދުވެރިވެއެވެ. މީގެ އިތުރުން ފުރަގަސްފަރާތު ދޮރުގައި ކަހާހިރުވުމާއި،ރިއްސުން، ބޮޑުކަމުދާއިރު ލޭއައުމަކީ ފުރަގަސްފަރާތު ބަލި ހުންނަނަމަ ފެނިދާނެ އަލާމާތްތަކެވެ. ވިހެއުމަށް ފަހު ކުރުމުއްދަތެއްގެ ތެރޭގައި ފުރަގަސްފަރާތު ބަލީގެ މައްސަލަ ރަގަޅުވެއެވެ.
މިކަމުން ސަލާމަތް ވުމަށް ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދޭން ހަދުމަކުރާށެވެ.
- ގިނަގިނައިން ދިޔާ އެއްޗެތި ބުއިމާއި، ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން
- މާގިނަ އިރުކޮޅަށް ނުވަތަ އިށީދެ ނުއިނުން
- ތާފަނާ ފެނުން ދުވާލަކު 3 ނުވަތަ 4ފަހަރު ފެންވެރުން
- ކަސްރަތު ކުރުން
- ފުރަގަސްފަރާތު ބައްޔަށް ޚާއްޞަކޮށްގެން އުފައްދާފައި ހުރި ކްރީމެއް ބޭނުންކުރެވިދާނެއެވެ.
ފައިގެ ލޭނާރުތައް ފުއްޕުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލޭނާރު ފުއްޕުން
މާބަނޑު ދުވަސްވަރު މައިމީހާގެ ރަހިމުގެ ފަހަތުގައިވާ ބޮޑެތި ވެއިން(Veins) ،(ހަށިގަނޑުގެ އެކިއެކި ޓިޝޫތަކުން ހިތަށް ލޭގެންގޮސްދޭ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ) ތަކުގައި ޕްރެޝަރ އިތުރުވުމުން އެލޭނާރުތަކުން ހިތަށް ލޭގެންގޮސްދިނުން ކުޑަވާގޮތްވެއެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން މިލޭނާރުތަކަށް ފިއްތާތީއެވެ. މިއާއި ގުޅިގެން ފައިގެ ހަމުގެ ދަށުގަޔާއި، ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ލޭނާރުތައް ފުޅާވެ، ފުއްޕާގޮތްވެއެވެ. މިގޮތަށް ދުޅަވެ،ފުއްޕާފައި ހުންނަ ލޭނާރުތައް ހަންގަނޑުން ބޭރަށް ފާހަގަވެ، އެގެން ހުރެއެވެ. ބައެއް ފަހަރު މިފަދަ ލޭނާރުތައް ހުންނަނީ ބޮޑިވަރެއްހެން އޮޅިފައެވެ. މިފަދަ ލޭނާރުތައް ހުންނަނީ ގަދަ ދަނބު ނުވަތަ ނޫކުލައަށެވެ. ލޭނާރުތައް އާންމުކޮށް ފުއްޕަނީ ކުޑަކަޅުވާ ހިމެނޭ ހިސާބުގައެވެ. ނަމަވެސް އުކުޅުވަޅުން ފެށިގެން ތަބިކައްޓާއި، ދޭތެރޭގެ ކޮންމެ ހިސާބެއްގައި ވެސް މިގޮތަށް ލޭނާރުތައް ފުއްޕާފައި ހުރެދާނެއެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. ނަމަވެސް ކެހުމާއިއެކު ފާރު އުފެދޭގޮތް ބައެއް ފަހަރު ދިމާވެއެވެ.
ބަލިވެއިންނަ ދުވަސްވަރު ކުރިމަތިވާ މިމައްސަލައިން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
- ފަޔަށް ބާރު އިސްޓާކީން، ސްޓޮކިން،ރަބަރު ބެލްޓް ފަދަ ތަކެތި ބޭނުންނުކުރުން
- އެއްތަނެއްގައި މާގިނައިރު ކޮޅަށް ނުހުރުން : މިގޮތަށް ހުންނަށް ޖެހިއްޖެނަމަ ހަރަކާތްކޮށްލާ ކޮށްލާ ހުރުން
- ތަނެއްގައި އިށީދެ އިންނައިރު ދެފަޔާއި،ފައިތިލަ މައްޗަށް ނަގައިގެން އިންނަށް އާދަކުރާށެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވައިގެން އިނުމަކީ ރަގަޅުކަމެއް ނޫނެވެ. އޮފީހެއްގައި މަސައްކަތްކުރާނަމަ މޭޒުދަށުގައި ކުޑަގޮނޑިއެއް ނުވަތަ ފޮށިގަނޑެއް ފަދަ އެއްޗެއް ބެހެއްޓުމަށްފަހު އެއެއްޗެއްގެ މަތީގައި ފައިބަހައްޓައިގެން އިންނަށް އާދަކުރާށެވެ. ގޭތެރޭގައި އުޅޭއިރުވެސް ތަނެއްގައި އިށީދެއިންނައިރު ކުޑަގޮނޑިއެއް ނުވަތަ ބާލީހެއް ފަދަ އެއްޗެއް ފައިދަށަށް ލެވިދާނެއެވެ.
- ހިގާލުން ފަދަ ކަމަކުން ކަސްރަތު ލިބިގަތުން
- އަރާމުކުރުމަށް އެދުގައި އެއްއަރިއަކަށް ވާތްފަރާތަށް ބުރަވާގޮތަށް އޮތުން
ފައިވާޅުވުމާއި، އަކުނިވަޔަށް ދެމުން
[އުނިއިތުރު ގެންނަވާ]ގިނަމީހުންނަށް މިކަން ދިމާވަނީ ބަލިވެއިންނަ ފަހު 3 މަހުގެ ތެރޭގައެވެ. ނަމަވެސް ބައެއް މީހުންނަށް ބަލިވެ އިނުމުގެ ކުރީކޮޅުގައިވެސް މިކަމުގެ އުދަގޫފޯރައެވެ. ބެލެވޭގޮތުގައި މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ހަށިގަނޑުގައި ހުންނަށްޖެހޭ ކެލްސިއަމްގެ މިންވަރު ދަށްވުމުން ކުރިމަތިވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާވަރަށް ކެލްސިއަމް ހޯދުމަށްޓަކައި ކެލްސިއަމް ގިނަކާނާއާއި، ފެޓްނުހުންނަ ކިރާއި، ކިރުބޭނުންކޮށްގެން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރެވިދާނެއެވެ.
ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިން(Prenatal vitamins)އިން ވެސް ކެލްސިއަމް ހަށިގަނޑަށް ލިއްބައިދެއެވެ. މާބަނޑު އަންހެނާ ބޭނުންކުރާ ކާނާއިން އެކަށޭނަވަރަށް ކެލްސިއަމް ނުލިބޭނަމަ ޑޮކްޓަރަކާއި މަޝްވަރާކޮށް ކެލްސިއަމް ބޭހެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ގިނަގިނައިން ފެންބުއިމަކީ ވެސް ވަރަށް ފައިދާހުރި ކަމެކެވެ.
ފައިގެ މަސްތައް ބާރަށް ދެމުން،ނުވަތަ ވާންކުރުމާއި، މަސާޖުކުރުމަކީ ފަޔާއި، ފައިތިލަވާޅުވުން ކުޑަކޮށްދޭ ކަމެކެވެ. ހޫނު،ނުވަތަ ތެތް ފޮތިގަނޑެއް ފަދަ އެއްޗެއް މަސްތަކުގެ ވަށައިގެން އޮޅާލާފައި ބޭއްވުމަކީ ވެސް ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އެޅުމަށް އެހީވެދޭ ކަމެކެވެ.
މޫނާއި،ފަޔާއި،ފައިތިލަ ފޮއްސިވެ ދުޅަވުން
[އުނިއިތުރު ގެންނަވާ]8މަސް ފުރުމަށް ފަހު ވިހެއުމާއި، ދޭތެރޭގައި މޫނާއި،ފަޔާއި،ފައިތިލަ ފޮއްސިވެ ދުޅަވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިކަން ގިނައިން ކުރިމަތިވަނީ ހޫނުދުވަސްތަކުގަޔާއި، އިރުއޮއްސޭ ވަގުތުގައެވެ. އާދައިގެ ގޮތެއްގައި ބަލިވެއިނުމުން ހަށިގަނޑުގައި ދިޔާތަކެތި ރައްކާކުރާ މިންވަރު އިތުރުވެގެން އާދެއެވެ. އެހެން ކަމުން މިގޮތަށް ފޮއްސިވާނަމަ ގިނަގިނައިން ފެންބުއިމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ވީވަރަކުން އަރާމުކުރެވޭތޯ ބަލާށެވެ.
ތަނެއްގައި އޮށޯވެއޮންނަނަމަ ފައިދަށަށް ބާލީހެއް ފަދަ އެއްޗެއްލުމަށް ފަހު އޭގެ މަތީގައި ފައިބާއްވައިގެން އޮންނާށެވެ. އިސްވެ ބަޔާންކުރެވުނު ހިސާބެއްގައި ކުއްލިއަކަށް އާދަޔާޚިލާފަށް ދުޅައުފެދި ފޮއްސިވެފައި ހުރިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ހަދާންކުރާށެވެ. އެއީ ފަހަރެެއްގައި މިގޮތަށް ދުޅަވެފައިވަނީ ބަލިވެއިނުމާއި،ގުޅިގެން މައްޗަށްދާ ލޭގެ ޕްރެޝަރ(Pregnancy-induced hypertension) ގެ ސަބަބުން ކަމަށް ވެދާނެތީއެވެ. ދުޅަތިރިކުރުމަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކާއި ނުލައި އެއްވެސް ބާވަތެއްގެ ބޭސް ބޭނުން ނުކުރާށެވެ.
ނިދިނައުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނިދިނައުން
މިއީވެސް ވަރަށް ގިނަ އަންހެނުން މާބަނޑު ދުވަސްވަރު ކުރާ ޝަކުވާއެކެވެ. އާންމުކޮށް ނިދިނައުމުގެ މައްސަލަ ކުރިމަތިވަނީ ފުރަތަމަ 3މަހާއި، ފަހު 3މަހުގެ ތެރޭގައެވެ. ބަލިވެއިންނަތާ ކުރީކޮޅު ކުރިމަތިވާ މޭނުބައިކުރުމާއި، ހޮޑުލެވުން،އަދި ވަރުބަލިވުން ފަދަ ކަންކަމަކީ ނިދި ފުރިހަމައަށް ލިބުމަށް ހުރަސްއަޅާ ކަންކަމެވެ. ފަހުކޮޅު ނިދިނައުން މެދުވެރިކުރުވާ ސަބަބުތަކުގެ ތެރޭގައި ވިހެއުމަށް ނަފްސާނީ ގޮތުން ބިރުގަތުން، ވަރުބަލިވުން ރަހިމުގެ ސައިޒުބޮޑުވުމުން ލިބޭ ހާސްކަން ފަދަ ކަންތައްތައް ހިމެނެއެވެ.
މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
- ރޭގަނޑު ނިދިމުގެ ކުރިން ތާފަނާފެނުން ފެންވެރުން
- ރޭގަނޑު ނިދުމުގެ ކުރިން ކޮންމެވެސް ވަރަކަށް ހޫނު ކިރުތައްޓެއް ބުއިން ނުވަތަ ހޫނު ފެންތައްޓަކަށް ލުބޯއެއް ފިތާލުމަށް ފަހު ބުއިން
- ކޮފީ ސައި ފަދަ ބުއިންތަކާއި ދުރުހެލިވުން
- އަރާމު ލިބޭ ކަހަލަ ކަސްރަތުތައް ކުރުން
- ނިދަން އޮށޯންނައިރު ދެފައިދޭތެރެއާއި، ބަނޑުދަށަށް ބާލީހެއްލުމާއި، ވާތްފަރާތަށް ބުރަވެ ނިދުން
- ނިދާ ބޭސް ބޭނުންނުކުރާށެވެ. އެހެނީ މިފަދަ ބޭސްތަކުން ކުޑަދަރިފުޅުގެ ހަށިގަނޑަށް ނުރައްކާތެރިވުމަކީ ވަރަށް ގާތްކަމެކެވެ.
ނޭވާ ކުރުވުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނޭވާ ކުރުވުން
ކުޑަދަރިފުޅު މައިމީހާގެ ހަށިގަނޑުގައި އުފެދިބޮޑުވަމުން އަންނައިރު އެތެރޭގެ ހުރިހާގެ ގުނަވަނެއްގެ ޕްރެޝަރ މައްޗަށް ދާގޮތްވެއެވެ. ފުއްޕާމޭގެ ޕްރެޝަރ މަތިވުމުން ނޭވާކުރުވެ، ނޭވާ ހިފަހައްޓަން އުދަގޫވާގޮތް މެދުވެރިވެއެވެ.
މިއީ ރަހިމުބޮޑުވުމުން، ބަނޑުގައިވާ ގުނަވަންތައް ފިތުމާއި، ޑައިފްރަމް ފުއްޕާމޭޔާއި ދިމާލަށް ގޮސް ފުއްޕާމެޔަށް ފިއްތުމުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. މިހެން ދިމާވާނަމަ ފުންކޮށް ދިގުކޮށް ނޭވާލާށެވެ. ރޭގަނޑު މިމައްސަލަ ކުރިމަތިވާނަމަ ވާތްފަރާތަށް ބުރަވެ އޮވެ ނިދުމަކީ ރަގަޅުކަމެކެވެ. އެހެނީ މިގޮތަށް އޮވެ ނިދުމުން ނޭވާލަން ފަސޭހަވުމުގެ އިތުރުން ބަނޑުގައިވާ ދަރިފުޅަށް ކާނާއާއި، އޮކްސިޖަން ގެންގޮސްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދެއެވެ. ނޭވަޔަށް އުދަގޫކުރުން ނުވަތަ ނޭވާހިއްލުމުގެ މައްސަލަ ހުންނަނަމަ މާބަނޑުވުމުން ނޭވާހިއްލުން ބޮޑަށް ގޯސްވެއެވެ. ވިހަންކައިރިވާ ވަރަކަށް ފުއްޕާމޭގެ ޕްރެޝަރ ދަށްވެ، ފަސޭހަ ކަމާއި އެކު ނޭވާލުމަށް މަގުފަހިވެއެވެ.
ނޭފަތުން ލޭއައުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނޭފަތުން ލޭއައުން
ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި ކަރުގައިވާ ޓިޝޫތަކަށް ހޯރމޯންގެ އަސަރު ކުރުމާއި، ވިދިގެންނެވެ. ލޭއަންނަގޮތް މެދުވެރިވަނީ ހޯރމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ.މިއީ އެހާ ސީރިއަސް މައްސަލަތަކެއް ނޫނެވެ. މިފަދަކަންކަން ބައެއްފަހަރު ފާހަގަނުވެވެސް ހިގައިދާނެއެވެ.
ޓިޝޫ ނުވަތަ ރުމާ ފަދަ އެއްޗަކުން ނޭފަތް ފޮޅާލާއިރު ލޭއައުމަކީ އެކަށީގެންވާކަމެކެވެ. މިގޮތަށް ދިމާވެއްޖެނަމަ ޝަހާދަތް އިގިލި އާއި ބޮޑުވައި އިގިލި އިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. އިރުކޮޅަކު މިގޮތަށް ހުރުމުން ލޭއައުން ހުއްޓެއެވެ. ނަމަވެސް މިބީދައިން އަމަލުކުރުމަށްފަހު ވެސް ލޭއައުން ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާކަމެކެވެ.
މާބަނޑު ދުވަސްވަރު ނޭފަތުއެތެރެ ފުރި ބެދޭގޮތްވުމަކީ ދިމާވެދާނެކަމެކެވެ. ގިނައިން ފެންބުއިމާއި، ނިދާކޮޓަރީގައި ހިއުމިޑިފަޔރއެއް ބެހެއްޓުން، މިފަދަކަންކަމުން ސަލާމަތްވުމަށް އެހީއަކަށް ވާނެއެވެ. ނޭފަތުގެ ހިދުރީގެ އެތެރޭ ކައިރީގައި ޕެޓްރޯލިއަމްޖެލް ފަދަ ތެޔޮކޮށްދޭ އެއްޗެއް އުގުޅުމަކީ ވެސް ރަގަޅުކަމެކެވެ. މިއިންކަމަށް ބޭހެއް ބޭނުން ކުރަން ފެށުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާކުރުން ރަގަޅެވެ.
ހިރުގަނޑުން ލޭއައުން
[އުނިއިތުރު ގެންނަވާ]ބަލިވެއިނުމާއި ގުޅިގެން %50އިންސައްތަ އަންހެނުންނަށް ހިރުގަނޑުން ލޭއައުމުގެ މައްސަލަ ކުރިމަތިވެއެވެ. މާބަނޑުދުވަސްވަރު ހަށިގަނޑުގައި ޕްރޯޖެސްޓަރޯންއާއި، އެސްޓްރަޖަން އިތުރުވުމުގެ ސަބަބުން ހިރުގަނޑު ދުޅަވެ، ދަތް އުގުޅާއިރު ލޭއަންނަގޮތް ވެއެވެ. ހަމަމިހެން ހަށިގަނޑުގައި އެކުލެވޭ ވިޓަމިންސީގެ މިންވަރު ދަށްވުމަކީ ވެސް ހިރުގަނޑުގައި ރިހި، ފަސޭހައިން ލޭއައުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ބަލިވެއިނުމަށްފަހު ދަތާއި، ހިރުގަނޑުގައި ބައްޔެއް ހުރިކަން ފާގަހަވެއްޖެނަމަ ލަސްނުކޮށް ފަރުވާކުރުމަކީ އެދެވިގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ފަރުވާކުޑަކޮށްފިނަމަ ހިރުގަނޑުގައި އުފެދިގައި ހުރިބަލީގެ އަސަރު އޭގެ ވަށައިގެންވާ ޓިޝޫތަކަށް ފޯރާގޮތްވެއެވެ.މިކަމުގެ ސަބަބުން ދުވަސްނުފުރާ ވިހެއުން، ފަދަ ކަމެއް ކުރިމަތި ވުމަކީ ގާތްކަމެކެވެ. ފަހުގެ ދިރާސާއަކުން ހާމަކޮށްފައިވާ ގޮތުގައި މިފަދަ ބަލިތައް ހުރިކަން އެގި ފަރުވާނުކޮށް ދޫކޮށްލާ މީހުންނަށް ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ހަތްގުނަ އިތުރެވެ.
- ހިރުގަނޑުން ލޭއަންނަކަމުގައި ވާނަމަ މަޑުބުރަހަކުން ދަތްއުގުޅުމަށް އާދަކުރާށެވެ.
- ދުވާލަކު ދެފަހަރު 5މިނިޓް ވަންދެން ދަތްއުގުޅުމާއި،ދަތްތަކުގެ ދޭތެރޭގައި ހަރުލާފައި ހުންނަ ހަޑިކޮޅު(ކާއެތިކޮޅު) ރަގަޅަށް ސާފުކުރުން
- މައުތުވޮޝްއެއް ބޭނުންކުރުމަކީ އަގަޔާއި، ހިރުގަނޑުގެ ބަލިތަކުން ދުރުކޮށްދޭނެ ކަންކަމެވެ.
- ކޮންމެ ދުވަހަކުވެސް ސާފު ފެނުން ރަގަޅަށް އަގަދޮންނާށެވެ.
- ދަތެއްގައި ރިހުން، ދަތެއް ހެލުން، ހިރުގަނޑުން ގިނައަދަދަކަށް ލޭއައުން، މިއިން ކަމެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ.
- ނޭފަތާއި، ހިރުގަނޑުން ލޭއަންނަކަމުގައި ވާނަމަ ގިނަގިނައިން ފެންބުއިމާއި، އޮރެންޖް ޖޫސް، އަދި ވިޓަމިންސީ އެކުލެވޭ ކާނާ ބޭނުންކުރުމަށް އާދަކުރާށެވެ. އެހެނީ މިފަދަ ކާނާގެ ސަބަބުން ކުދިކުދި ލޭހޮޅިތަކުގެ ބާރު ގަދަކޮށް ލޭއައުން ކުޑަކޮށްދެއެވެ.
މެއިން ދިލަނެގުން
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މޭ އެންދުން
މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ހޯރމޯންތަކުގެ ސަބަބުން(ޚާއްޞަކޮށް ޕްރޯޖެސްޓަރޯން) ކާތަކެތި ހިގާ ހޮޅި އާއި، މައިދާގެ މަސްތައް ދޫވެ، ކާތަކެތި އެސިޑާއި އެކު އަބުރާ ކާތަކެތި ހިގާހޮޅިއަށް ދިއުމުން ކުރިމަތިވާ ކަމެކެވެ. ދިލަނަގާހެން ހީވާކަހަލަ އިހްސާސެއް ކުރެވެނީ އެސިޑްތައް ކާތަކެތި ހިގާހޮޅީގެ އެތެރޭ ކައިރިފަށުގައި ބީހި، އޭގެ އަސަރުކުރުމުންނެވެ. މެއިން ދިލަނެގުމުގެ އިހްސާސް ބޮޑަށް ހުންނަނީ މޭމަތިން ހިތް އޮންނަ ހިސާބުގައެވެ. އިގިރޭސިބަހުން މެއިން ދިލަނެގުމަށް ހާރޓްބާން(Heartburn)އޭ ކިޔަނީ މިސަބަބާހުރެއެވެ. މެއިން ދިލަނެގުމަށް ފަރުވާއަކަށް އެންޓަސިޑްފަދަ ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން ރަގަޅެވެ.
މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
- ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8ފަހަރު )
- ނިދަންއޮންނައިރު ބޯދަށަށް އިތުރު ބާލީހެއްލައި ބޯ ކުޑަކޮށް އުފުލައިގެން އޮތުން
- ހަވާދާއި،ފެޓް ހިމެނޭ ކާނާ ބޭނުންކުރުމާއި ދުރުހެލިވުން
- ކާންއިށީދެ އިންނައިރު ހަށިގަނޑު ތެދަށް ބަހައްޓައިގެން އިނުން
- ކަޅުސައި،ކޮފީފަދަ ބުއިންތަކާއި ދުރުހެލިވުމާއި، ޗޮކްލެޓް ފަދަ ކާނާ މާގިނައިން ބޭނުން ނުކުރުން
- ކައިނިމޭގޮތަށް އޮށޯތުމަކީ ރަގަޅުކަމެއް ނޫނެވެ.
އައްސިވުން
[އުނިއިތުރު ގެންނަވާ]ބަލިވެ އިނުމަށްފަހު ރަހިމު ބޮޑުވެގެން އަންނައިރު ފަޔަށް ގޮސްފައި ހުންނަ ނާރުތަކުގައި ޖެހި، އެނާރުތައް ފިތޭގޮތް މެދުވެރިވެއެވެ. މިކަމުގެ ސަބަބުން ފަޔާއި، ފައިގެ އިގިލިތައް އައްސިވާގޮތްވެއެވެ. މިގޮތަށް އުފެދޭ އައްސިވުން ވިހެއުމަށް ފަހު މަޑުމަޑުން ފިލާދެއެވެ. ކަސްރަތުކުރުމަކީ އައްސިވުން ކުޑަކޮށްދޭ ކަމެކެވެ.
ބައެއް އަންހެނުންނަށް ކާޕަލް ޓަނެލް ސިންޑްރޯމް(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުން ދެއަތްތިލައާއި، އިގިލިތައް އައްސިވާގޮތް ވެއެވެ. ކާރޕަލް ޓަނެލް އަކީ އަތުކުރި ނުވަތަ ކުޑަހުޅުގައި އިންނަ ޓަނެލް އެކެވެ. ބޮޑުވައި އިގިލި،ޝަހާދަތް އިގިލި، މެދު އިގިލި، އަދި ކަށި އިގިލިގެ ހަރަކާތްތައް ކޮންޓްރޯލް ކުރާ ނާރު(Median nerve) ދަނީ މިޓަނެލްގެ ތެރެއިންނެވެ. ކާޕަލް ޓަނެލް ސިންޑްރޯމް ޖެހުމުން މިޓަނެލް ދުޅަވެ، ކުރިން ދެންނެވުނު ނާރުފިތި އަތްތިލައާއި އިގިލިތައް އައްސިވާގޮތްވެއެވެ.
ކާޕަލް ޓަނެލް ސިންޑްރޯމް ހުންނަނަމަ ރޭގަނޑު ނިދާއިރު އަތްމަތީގައި ބޯއަޅާލައިގެން ނިދުމަކީ ރަގަޅުކަމެއް ނޫނެވެ. މިގޮތަށް އޮވެ ނިދުމުން ޓަނެލްއަށް ޕްރެޝަރ އިތުރުވެ، އައްސިވުން ގަދަވެއެވެ.
ހޫނުވުން
[އުނިއިތުރު ގެންނަވާ]މާބަނޑުވުމަށް ފަހު ހަށިގަނޑުގައި ހިގާ މެޓަބޮލިޒަމް(Metabolism)ގެ މަސައްކަތް އިތުރުވުން ހަށިގަނޑުގައި ހޫނު އުފައްދާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ލޭހޮޅިތައް ފުޅާވެ، ހޫނުމިން މައްޗަށް ދެއެވެ. ހޫނު ދުވަސްވަރެއްނަމަ މިގޮތަށް ހަށިގަނޑުގައި އުފެދޭ ހޫނުގެ މިންވަރުވެސް އިތުރުވެއެވެ.
މިގޮތަށް ހޫނުވުމުގެ މައްސަލައިން މުޅިން މިންޖެއް ނުވެވޭނެއެވެ. ނަމަވެސް މިކަން ކުޑަކުރުމަށް ގިނަގިނައިން ފެންވެރުމާއި، ގަޔަށް ދޫ ކޮޓަނުން ފަހާފައި ހުންނަ އަންނައުނު ބޭނުންކުރެވިދާނެއެވެ.
އަންހެނާގެ ޖިންސީގުނަވަނުން ދިޔަ ބޭރުވުން
[އުނިއިތުރު ގެންނަވާ]ވެޖައިނާ އިން ދިޔަ ބޭރުވާ މިންވަރު އިތުރުވުމަކީ މާބަނޑު ދުވަސްވަރުގައި ވެދާނެ ކަމެކެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަން(Vagina) ހިމެނޭ ހިސާބުގައިވާ ހަމާއި، މަސްތަކުގައި ލޭދައުރުވުންއިތުރުވުމުން ކުރިމަތިވާ ކަމެކެވެ. މިގޮތަށް ބޭރުވާ ދިޔައަށް ކިޔަނީ ލިއުކޯރިއާ(Leukorrhea)އެވެ. މިދިޔަތައް ހުންނަނީ ހުންނަނީ ހުދުކޮށް ނުވަތަ ސާފުކޮށް ބޯކޮށެވެ. މިދިޔަތައް ކޮންމެ ދުވަހަކުވެސް ފެނުން ރަގަޅަށް ސާފުކުރާށެވެ.
ވެޖައިނާ ހިމެނޭ ހިސާބުގައި ރިއްސުން، ކެހުން، ފާރުވުން، ވެޖައިނާއިން ބޭރުވާ ދިޔައިގައި ލޭހުރުން، ނުބައިވަސްދުވުން، މިއިން ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާހޯދުމަކީ އެދެވިގެންވާ ކަމެކެވެ. މިގޮތަށް ދިޔަ ބޭރުވާ ދުވަސްވަރު ކަފަބޭނުންކޮށްގެން ހަދާފައި ހުންނަ ޖަގިޔާފަދަ ތަކެތި ބޭނުންކުރާށެވެ. ދިޔަތައް ސާފުކުރުމަށް ޕެޑް ނުވަތަ ޓެމްޕަންސް ބޭނުންކުރުން ރަގަޅެއް ނޫނެވެ.
އުރަމައްޗަށް އަންނަ ބަދަލުތައް
[އުނިއިތުރު ގެންނަވާ]ބަލިވެ އިންނަތާ 8-6ވަނަ ހަފްތާއާއި، ދެމެދުގެ ހިސާބެއްގައި އުރަމަތި ބޮޑުވާން ފަށައެވެ. އުރަމަތީގައި އެކުލެވޭ ފެޓް އިތުރުވެ، ކިރުބޭރުކުރާ ގޮށްތައް ގިނަވެއެވެ. ބަލިވެއިނުމަށްފަހު އުރަމަތީގެ ސައިޒާއި، ބަރުދަން މަޑުމަޑުން އިތުރުވަމުން އާދެއެވެ. ބަލިވެއިނުމާއި ގުޅިގެން އުރަމަތި ބޮޑުވާންދިމާވާ މައިގަނޑު ސަބަބަކީ އެސްޓްރަޖަން އާއި، ޕްރޯޖެސްޓަރޯން ހޯރމޯން ހަށިގަނޑުގައި އިތުރުވުމެވެ.
ބަލިވެއިނުމާއި ގުޅިގެން އުރަމަތި ބޮޑުވެ،ފުރިފައި ހުންނަހެން ހީވާނެއެވެ. އަދި އުރަމަތީގައި ބީހުމުން ރިއްސާގޮތް މެދުވެރިވެއެވެ. އާންމުގޮތެއްގައި މިގޮތަށް ރިއްސަން ފަށަނީ 6-4ހަފްތާއާއި ދޭތެރޭގައެވެ. މިރިއްސުން ފުރަތަމަ 3 މަސް ނިމެންދެން ދެމިހުރެއެވެ. އުރަމަތީގެ ލޭދައުރުވުން އިތުރުވެ، ހަންގަނޑުގެ ދަށުގައިވާ ލޭނާރުތައް ފާހަގަވާން ހުރެއެވެ. މިގޮތަށް ރިހުން ހުންނަ ނަމަ މާބަނޑު ދުވަސްވަރު ބޭނުންކުރުމަށް ޚާއްސަކޮށް ހަދައިފައި ހުންނަ ބުރާ ބޭނުންކުރެވިދާނެއެވެ. މިގޮތުން ނައިލޯނުން ހަދާފައި ހުންނަ ބްރާ އަށްވުރެ ކޮޓަން ބްރާ ބޭނުންކުރުން ރަގަޅެވެ.
ވައްގަނޑާއި، އޭގެ ވަށައިގެންވާ އަދިރިހަންގަނޑު(Areola)ގެ ކުލަ އިތުރަށް ގަދަވެއެވެ. ވައްގަނޑު އާންމުކޮށް ހުންނަވަރަށްވުރެ ބޮޑަށް ބޭރަށް ނިކުމެއެވެ. ކުރިން ބުނެވުނު އަދިރިހަންގަނޑުގައި މޮންޓްގޯމެރީ ޓިއުބާކްލްސް (Montgomery tubercles)އޭ ކިޔޭ ކުދިކުދި ތެޔޮމާއްދާއެއް ބޭރުކުރާ ގޮށްތަކެއް އުފެދެއެވެ. ގާތްގަނޑަކަށް 20-12އާއި ދެމެދުގެ އަދަދަކަށް މިކަހަލަ ގޮށްތައް އުފެދެއެވެ. މިގޮށްތަކުން ބޭރުކުރާ މާއްދާގެ ސަބަބުން ގާތުންކިރުދޭ ދުވަސްވަރު އޭރިއޯލާގައި އިންފެކްޝަން އުފެދުމުން ހިމާޔަތްކޮށްދެއެވެ.
12ވަނަ ހަފްތާއާއި، 14ވަނަ ހަފްތާއާއި ދެމެދު އުރަމަތިން ކޮލަސްޓްރަމް(Colustrum)ބޭރުކުރަން ފަށައެވެ. ނަމަވެސް ބައެއް އަންހެނުންނަށް މިމުއްދަތު ތަންކޮޅެއް ލަސްވެއެވެ. ފުރަތަމަކޮޅު ބޭރުވާ ކޮލަސްޓްރަމް ހުންނަނީ ބޯކޮށް ރީދޫކުލައަށެވެ. ވިހަންގާތްވުމުން ނިކުންނަ ކޮލަސްޓްރަމް ހުންނަނީ ސާފުކޮށް މަޑުހުދުކުލަ އަށެވެ. އުރަަމައްޗަށް ފިތާލުމުންވެސް މިދުވަސްވަރު ކޮލަސްޓްރަމް ބޭރުވެއެވެ. ކޮލަސްޓްރަމް ބޭރުވާނަމަ ބްރެސްޓް ޕެޑް ފަދަ އެއްޗެއް ބޭނުންކުރާށެވެ.
ވައްގަނޑާއި، އުރަމަތި ސާފުކުރުމަށް ހަމައެކަނި ތާފަނާ ނުވަތަ ސާފުފެން ބޭނުންކުރާށެވެ. އެހެނީ ސައިބޯނި ފަދަ އެއްޗެތި ބޭނުންކޮށްގެން ސާފުކުރުމުން ވައްގަނޑާއި، އޭގެ ވަށައިގެންވާ ހަންގަނޑު ހިކި،ކުރަކިވާގޮތް ވެއެވެ. މިގޮތަށް ކުރަކިވެ، ފާރުއުފެދި،ރިއްސާނަމަ ލެނޯލިން އެކުލެވޭ މޮއިސްޗަރައިޒިންގ ކްރީމެއް އުގުޅާށެވެ.
ހަންގަނޑަށް އަންނަ ބަދަލުތައް
[އުނިއިތުރު ގެންނަވާ]މާބަނޑު ދުވަސްވަރު ހަންގަނޑުގައި ރަތް،ފިޔާތޮށި ނުވަތަ ދަބުކުލައިގެ ރޮގުތަކެއް ފާޅުވާން ފަށައެވެ. މިރޮގުތައް އާންމު ގޮތެއްގައި ހުންނަނީ އުރަމައްޗާއި، ބަނޑާއި، ފިދުމަސްގަނޑާއި، ފައިގެ ފަލަމަސްގަނޑުގައެވެ. މިފަދަ ރޮގުތައް ފާޅުވަނީ ހަންގަނޑަށް ދެމި،ވާންވުމުން ހަމުގެ އެތެރޭ ފަށަލަ(Dermis)ތެރޭގައި ހުންނަ ކޮލެޖަން ފައިބާރސް (Collagen fibres)ތައް ވަކިވެ، ހަންގަނޑުގެ ދަށުގައި ހުންނަ ލޭއެކުލެވޭ ޓިޝޫ(Vascular tissues)ތައް ފެންނަށް ހުރުމުންނެވެ. މިރޮގުތަކަށް ކިޔަނީ ސްޓްރިއާ ގްރެވިޑޭރަމް(Striae gravidarum)އެވެ.
މިރޮގުތަކުގެ ކުލަ ވިހެއުމަށް ފަހު ހުދުކުލައަށް ބަދަލުވެއެވެ. ހުދުކުލައަށް ބަދަލުވުމުން މިރޮގުތަކަށް ކިޔަނީ ސްޓްރިއާ އަލްބިކަންސް(Striae albicans)އެވެ.ނަމަވެސް މިގޮތަށް ރޮގުތައް ފާޅުވާން ފަށާއިރު އޭގެކުލަ ބިނާވެފައި އޮންނަނީ އެމީހެއްގެ ހަންގަނޑުގައި ހުންނަ ކުލައެއްގެ މައްޗަށެވެ.
ބަލިވެއިންނަ %50އިންސައްތަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. ގިނަމީހުންނަށް މިމައްސަލަ ކުރިމަތިވަނީ ފަހުމަސްތަކުގެ ތެރޭގައެވެ. މިކަމުން ސަލާމަތްވުމަށް ޑޮކްޓަރެއްގެ ލަފަޔާއިއެކު ޚާއްޞަ ކްރީމެއް ނުވަތަ ލޯޝަނެއް ބޭނުންކުރެވިދާނެއެވެ. މިފަދަ ރޮގުތައް ވިހެއުމަށްފަހު މަޑުމަޑުން ފަނޑުވާން ފަށައެވެ.
މޫނުގެ ކުލަބަދަލުވުމަކީ ވަރަށް އާންމުކަމެކެވެ. މިގޮތަށް ބަދަލުވާއިރު ނިއްކުރިއާއި، ނޭފަތް ކޯ،އަދި ލޯ ވަށައިގެން މުށިކުލައިގެ ތިކިތަކެއް ފާޅުވެއެވެ. މޫނުގެ ހަންގަނޑަށް އަންނަ މިބަދަލުތަކަށް ކްލޯސްމާ (Chloasma)އޭ ކިޔައެވެ. ހަންގަނޑުން ކަޅުމީހުންނަށް ކްލޯސްމާގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތުބޮޑެވެ. ހަންގަނޑަށް އަންނަ މިބަދަލުތަކަކީ ބަލިވެއިނުމާއި ގުޅިގެން ބޭރުކުރާ ހޯރމޯންތަކުގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެވެ.
އަވީގައި ގިނަވަގުތު ހޭދަކުރުމަކީ މިފަދަރޮގުތައް ނުވަތަ ފާހަގަތައް އިތުރުވެ،ގިނަވާކަމެކެވެ. އެހެންކަމުން ތޮއްޕާއި، އަވިއައިނުފަދަ ތަކެތި އަވީގައި އުޅޭއިރު ބޭނުންކުރެވިދާނެއެވެ. ވަރަށް ގިނަ އަންހެނުންގެ ހަށިގަނޑުގައި ފޫޅުން ތިރިއަށް ކުރިމަތިފަރާތާއި ދިމާލަށް ދަށްބަނޑުގައި އަދިރި މުށިކުލައިގެ ރޮގެއް ފާޅުވެއެވެ. މިރޮގަށް ކިޔަނީ ލިނެއާ ނިގްރާ(Linea nigra)އެވެ. ވިހެއުމަށް ފަހު މިރޮގުވެސް މަޑުމަޑުން ފަނޑުވެ ނެތިދެއެވެ.
މޫނުމަތީގައި އޮށާޅަ ނެގުމުގެ މައްސަލަ ވެސް ބައެއް އަންނުންނަށް ކުރިމަތިވެއެވެ. އޮށާޅަ ނެގުމުގެ މައްސަލައިން ސަލާމަތްވުމަށް އާދައިގެ މޫނު ދޮންނަށްް ބޭނުންކުރާ އެއްޗަކުން ކޮންމެ ދުވަހަކު ދެތިންފަހަރު މޫނުސާފުުކުރާށެވެ. އޮށާޅައިން ސަލާމަތްވުމަށް އާންމުކޮށް ބޭނުންކުރާ ޓެޓްރަސައިކްލިން ފަދަ ބޭސްތައް އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.