Jump to content

ގުރުދާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
kidney
Latin ren
Gray's subject #253 1215
Artery renal artery
Vein renal vein
Nerve renal plexus
MeSH Kidney
Dorlands/Elsevier k_03/12470097

މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ނުވަތަ (އިނގިރޭސި ބަހުން: Kidneys) އަކީ ވެއެވެ.އެއީ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ފެހި-އޮށެއްގެ ބައްޓަމަށް އަތް މުށްކެވުމުން މުށެއްވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ލަމްބާރ ވާޓެބްރާ ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ޕެރިނެފްރިކް ފެޓް (އިނގިރޭސި ބަހުން: perinephric fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ފެޓްގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި އެޑްރީނަލް ގްލޭންޑް (އިނގިރޭސި ބަހުން: Adrenal Gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.


ކަނާތު ގުރުދާ، ގުރުތާ، އަދި އެޑްރީނަލް ގްލޭންޑް ދައްކައިދޭ ކުރެހުމެއް


ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ލޭހޮޅި ނުވަތަ (އިނގިރޭސި ބަހުން: Renal artery) ނުވަތަ ރީނަލް އާޓަރީގެ ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅީ ނުވަތަ އެއޯޓާ ނުވަތަ(އިނގިރޭސި ބަހުން: Aorta)ގެ ބަނޑާވީ ހިސާބުގައިވާ ބައި ނުވަތަ އެބްޑަމިނަލް އެއޯޓާ ނުވަތަ(އިނގިރޭސި ބަހުން: Abdominal aorta) އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. މިގޮތަށް ގުރުދާ އަށް ލޭ ވާޞިލްވުމަކީ ނުވަތަ ފޯރުކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގުރުދާގެ މައިގަނޑު މަސައްކަތަކީ ލެއިން ހަށިގަނޑަށް ބޭނުންނުވާ ފެނަށް ގިރޭ ނުވަތަ(އިނގިރޭސި ބަހުން: Water soluble) މާއްދާތަށް ފުރާނާ ލައިގެން ވަކިކުރުމެވެ. ގުރުދާގެ މެދެއް ހާ ހިސާބުން އެތެރޭ ފަރާތުން ގުރުދާ އިން މަސާނާ އަށް ގުޅިފައިވާ ހޮޅި ނުވަތަ ގުރުތާ،ނިކުމެފައި ވެއެވެ. މިހޮޅި ތިރިއަށް ގޮސްގުޅެނީ މަސާނާ އަށެވެ.ގުރުދާ އަކީ ތަފާތު ވަޒީފާތައް ނުވަތަ މަސައްކަތްތައް ފުރިހަމަކުރާ ގުނަވަނެކެވެ. މިގޮތުން ގުރުދާ އަދާކުރާ ވާޖިބު ތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތި އުފެއްދުން، ހަށިގަނޑުގައި ބައެއް ކަހަލަ މަޢުދަންތައް ނުވަތަ(އިނގިރޭސި ބަހުން: Electrolytes) ، ނުވަތަ އިލެކްޓްރޮލައިޓް ގެ މިންވަރު ކޮންޓްރޯލް ކުރުން، އަދި ހަށިގަނޑުގައި އެސިޑް-ބޭސް ގެ ހަމަ ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ގުރުދާ އަދި ހަށިގަނޑުގެ އެހެން ބައިތަކުން އުފައްދާ ބައެއް ހޯރމޯންތަކުގެ އެހީގައި ގުރުދާއިން ސޯޑިއަމް، ޕަޓޭސިއަމް، އަދި ކެލްސިއަމް ފަދަ އިލެކްޓްރޮލައިޓްތައް ބޭރުކޮށް އަލުން އަނބުރައި ހަށިގަނޑަށް އެނަގައެވެ. ނުވަތަ ހަށިގަނޑުގެތެރެއަށް އެމާއްދާތައް ދަމައެވެ.އިންސާނާގެ ހަށިގަނޑުން ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 1.5 ލިޓަރުގެ ކުޑަކަމުދާ ތަކެތި އުފައްދައެވެ. މިއަދަދު ނުވަތަ މިންވަރު ހަށިގަނޑުގެ ޙާލަތު ހުންނަ ނުހުންނަ ގޮތަކަށް ބަލައި ބަދަލުވުމަކީ ވެދާނެ ގޮތެކެވެ. އެއީ ގުރުދާ އިން ލޭގައި ހިމެނޭ ވިހަ މާއްދާތައް ފުރާނާލައިގެން ވަކިކުރުން ގުޅިފައި އޮންނަނީ ގުރުދާ އަށް ވާޞިލްވާ ނުވަތަ ފޯރުކޮށްދެވޭ ލޭ، ނުވަތަ ގުރުދާގައި ލޭދައުރުވުމާއި ކަމަށްވާތީ އެވެ. ހަށިގަނޑުގައި ދިޔާތަކެތި އެކުލެވޭ މިންވަރަށް ބަދަލު އައުމަކީ ވެސް ގުރުދާގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމެކެވެ. ގުރުދާގައިވާ ގްލޮމެރިއުލަސް ގައި ލޭދައުރުވާ މިންވަރަށް ގުރުދާގެ ތެރޭގައި އުފައްދާ ހޯރމޯންތަކާއި، އަދި ގުރުދާއިން ބޭރުން އުފައްދާ ބައެއް ހޯރމޯންތަކުގެ ސަބަބުން ބަދަލު ގެނުވައެވެ. ބައެއް ކަހަލަ ބޭސް ތަކުގެ ސަބަބުން ވެސް ސީދާކޮށްނާއި، ނުސީދާކޮށް ކުޑަކަމުދާ ތަކެތި އުފެއްދުމަށް ބުރޫ އަރުވައެވެ.

ކުޑަކަމުދާ ނިޒާމް ބައިތައް ދައްކައިދޭ ކުރެހުމެއް

އޯގަނައިޒޭޝަން[އުނިއިތުރު ގެންނަވާ]

ކޮންމެ ގުރުދާއެއްގެ ދިގުމިނުގައި ގާތްގަނޑަކަށް 10-11 ސެންޓިމީޓަރު، ފުޅާމިނުގައި 5.5 ސެންޓިމީޓަރު، އަދި ބޯމިނުގައި 3 ސެންޓިމީޓަރު ހުރެއެވެ. އަދި ބަރުދަނުގައި 150 ގްރާމް ހުރެއެވެ. ދެ ގުރުދާއެއްކޮށް މުޅި ހަށިގަނޑޫގެ ބަރުދަނުގެ 0.5 އިންސައްތަ ހިއްޞާ ކުރެއެވެ. ކޮންމެ ގުރުދާއެއްގެ މެދުން ހަށިގަނޑުގެ އެތެރެއާވީ ފަރާތުން އަޑިކޮޅެއް ނުވަތަ ހުޅުވުމެއް އިދެއެވެ. މިތަނަން ކިޔަނީ ހައިލަމް ނުވަތަ(އިނގިރޭސި ބަހުން: Hilum) އެވެ. ގުރުދާ އާޓަރީ، ގުރުދާ ވެއިން، ނާރުތައް، އަދި ގުރުތާ ފަދަ ޓިޝޫތައް ގުރުދާއަށް ގުޅިފައިވަނީ މިބުނި ބައިގެ ތެރެއިންނެވެ.ގުރުދާގެ ބޭރުން އިންނަ ބަޔަށް ކިޔަނީ ރީނަލް ކޯޓެކްސް ނުވަތަ (އިނގިރޭސި ބަހުން: Renal cortex) އެވެ. އޭގެ އެތެރެއިން އިންނަ ބަޔަށްކިޔަނީ ރީނަލް މިޑުލާނުވަތަ (އިނގިރޭސި ބަހުން: Renal medulla) އެވެ. ރީނަލް މިޑުލާ ގައި 20-10 އާއި ދެމެދުގެ މިންވަރަކަށް ގުރުދާ ޕިރަމިޑް(އިނގިރޭސި ބަހުން: Renal pyramids) ހުރެއެވެ. ކޮންމެ ގުރުދާ ޕިރަމިޑްއެއްގެ ކޮޅު ނިމިފައި އިންނަނީ ރީނަލް ކެލިކްސް ނުވަތަ (އިނގިރޭސި ބަހުން: Renal calyx) އަށެވެ. އަދި ރީނަލް ކެލިކްސް ވަނީ ގުރުދާ ޅިނދުއާ ގުޅިފައެވެ. ގުރުތާ ނިކުމެފައިވަނީ ގުރުދާ ޅިނދު އިންނެވެ.

ގުރުދާއަށް ލޭ ފޯރުވައިދިނުން[އުނިއިތުރު ގެންނަވާ]

ގުރުދާ އަށް މިނިޓެއްގެ ތެރޭގައި 1.25 ލިޓަރުގެ ލޭ ގުރުދާ އަށް ލޭގެނެސްދޭ ލޭހޮޅި(އިނގިރޭސި ބަހުން: Renal artery) ތެރެއިން ގެނެސް ދެއެވެ. މިއީ އިންސާނާގެ ހަށިގަނޑުއިވާ އެންމެ ބޮޑު ލޭހޮޅި، ނުވަތަ އެއޯޓާ (އިނގިރޭސި ބަހުން: Aorta) ގެ ބަނޑާވީ ހިސާބުގައިވާ ބައި ނުވަތަ އެބްޑަމިނަލް އެއޯޓާ (އިނގިރޭސި ބަހުން: Abdominal aorta) އިން ކުރިފަޅައިގެން ގުރުދާއަށް އައިސްފައިވާ ލޭ ނާރެކެވެ. ގުރުދާގެ ތެރޭގައި ގުރުދާ އާޓަރީ(އިނގިރޭސި ބަހުން: Renal artery)، އިންޓަލޯބަރ އާޓަރީ (އިނގިރޭސި ބަހުން: Interlobar artery) ތަކަށް ކަފިވެގެން ދެއެވެ. އަދި ފަހުން މިބުނި އާޓަރީ ތަކުން އާކުއޭޓް އާޓަރީ(އިނގިރޭސި ބަހުން: Arcuate artery) ތައް އުފެދި އެއިން ކޯޓިކަލް އާޓަރީ(އިނގިރޭސި ބަހުން: Cortical artery) އުފެދިގެން ދެއެވެ.

ނެފްރޯން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނެފްރޯން
ނެފްރޯންގެ އޮނިގަނޑު ދައްކައިދޭ ކުރެހުމެއް

ނެފްރޯން އަކީ ގުރުދާ ގައިވާ އެންމެ ކުޑަ ފަންކްޝަނަލް ޔުނިޓް އެވެ. ކޮންމެ ގުރުދާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ނެފްރޯން ވެއެވެ. ފެނާއި މައުދަންތައް ގުރުދާގައި ހުރުން ތަންޒީމްކޮށް ބަލަހައްޓަނީ ނެފްރޯން ތަކުންނެވެ. މިބުނި މާއްދާތައް ތަންޒީމްކޮށް ހަމަހިފަހައްޓައިދީ ބަލަހައްޓަނީ ލޭފުރާނާލުން ކުރިމަތިކުރުވައިގެންނާއި، ބޭނުންވާ ބައެއް މާއްދާތައް ހަށިގަނޑަށް އަލުން ދަމައިގެންނާއި، އަދި ބޭނުން ނުވާ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުން ފަދަ ކަންތައްތައް ފުރިހަމަކޮށްގެންނެވެ.


ނެފްރޯން އެއްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ. ނެފްރޯންގެ އެއްކޮޅު އިންނަނީ ބެދިފައެވެ. އަނެއްކޮޅު އިންނަނީ ހުޅުވިފައެވެ.

 • ބޯމަންސް ކެޕްސޫލް:(އިނގިރޭސި ބަހުން: Bowman's capsule) މިއީ ނެފްރޯންގެ ބެދިފައިވާ ކޮޅުގައި ގްލޯމެރިޔޫލަސް ވަށައިގެން ލެވިފައި އިންނަ ފަށަލަ އެކެވެ. ނުވަތަ ކެޕްސޫލެކެވެ.
 • ގްލޯމެރިޔުލަސް:(އިނގިރޭސި ބަހުން: Glomerulus) މިއީ ބޯމަންސް ކެޕްސޫލްގެ އެތެރޭގައި އިންނަ ކުދިކުދި ލޭހޮޅިތަކުގެ ވިއުގައެކެވެ.
 • ޕްރަކްސިމަލް ކޮންވަލޫޓެޑް ޓިބިއޫލް:(އިނގިރޭސި ބަހުން: Proximal convoluted tubule) މިއީ ބޯމަންސް ކެޕްސޫލް އަށް ފަހު އިންނަ ހޮޅިއެކެވެ. މިހޮޅި އިންނަނީ އޮޅިފައެވެ. މިހޮޅިގެ ތެރޭގައި މައިޓަކަންޑްރިއާ އަދި މައިކްރޯވިލައި ހުރެއެވެ.


 • ލޫޕް އޮފް ހެންލީ:(އިނގިރޭސި ބަހުން: Loop of henle) މިއީ ޕްރަކްސިމަލް ކޮންވަލޫޓެޑް ޓިބިއޫލް އަދި ޑިސްޓަލް ޓިބިއޫލް އާއި ދެމެދުގައިވާ ނެފްރޯންގެ ބައެވެ. މިބައި އިންނަނީ ޔޫ އަކުރެއްގެ ބައްޓަމަށެވެ.
 • ޑިސްޓަލް ކޮންވަލޫޓެޑް ޓިބިއޫލް:(އިނގިރޭސި ބަހުން: Distal convoluted tubule) މިއީ ނެފްރޯން ގައި ލޫޕް އޮފް ހެންލީ އަދި ކަލެކްޓިންގ ޓިބިއޫލް އާއި ދެމެދުގައިވާ ބަޔެވެ.
 • ކަލެކްޓިންގ ޓިބިއޫލް:(އިނގިރޭސި ބަހުން: Collecting tubule) މިއީ ނެފްރޯންގެ އެންމެ ބޭރަށް އިންނަ ބައެވެ. މިބައި އިންނަނީ ގުރުދާގެ ޅިނދު ނުވަތަ ޕެލްވިސް އަށް ހުޅުވިފައެވެ. އެހެން ކަމުން ގުރުދާގެ ތެރެއިން ކުޑަކަމުދާ ތަކެތި ބޭރުވަނީ ގުރުދާ ޅިނދު ހުރަސްކޮށް ގުރުތާއަށް ވާޞިލްވެ، މަސާނާއަށް ފޯރައި، އެއަށްފަހު މަސާނާއިން ކުރިފަޅައި ނިކުމެފައިވާ ކުޑަކަމުދާ ހޮޅި ހުރަސްކޮށެވެ.
ގުރުދާގެ ބައިތައް:
1. ގުރުދާ ޕިރަމިޑް
2. އީފެރަންޓް ހޮޅި
3. ގުރުދާ އާޓަރީ
4. ގުރުދާ ވެއިން
5. ގުރުދާގެ ހައިލަމް
6. ގުރުދާ ޅިނދު
7. ގުރުތާ
8. ކުދި ކެލިކްސް
9. ގުރުދާގެ ކެޕްސޫލް
10. ގުރުދާގެ ތިރީ ކެޕްސޫލް
11. ގުރުދާގެ މަތީ ކެޕްސޫލް
12. އޭފެރަންޓް ހޮޅި
13. ނެފްރޯން
14. ކުދި ކެލިކްސް
15. މައި ކެލިކްސް
16. ގުރުދާ ޕެޕިލާ
17. ގުރުދާ ކޮލަމް

ގުރުދާގެ ބައިތައް[އުނިއިތުރު ގެންނަވާ]

ރީނަލް ކޯޓެކްސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރީނަލް ކޯޓެކްސް

ރީނަލް ކޯޓެކްސް (އިނގިރޭސި ބަހުން: Renal cortex) އަކީ ގުރުދާގެ ބޭރަށް އިންނަ ބައެވެ. ނުވަތަ އޭގެ ތޮށި ގަނޑެވެ. ތޮށިގަނޑުގެ ބޭރު ތުނި ދުލިފަށެއް އިނދެއެވެ. އެއީ ރީނަލް ކެޕްސޫލް (އިނގިރޭސި ބަހުން: Renal capsule) އެވެ. އެހެން ކަމުން ރީނަލް ކޯޓެކްސް އިންނަނީ މިބުނި ދުލިފަށް އަދި ރީނަލް ކޯޓެކްސް އަށް ވުރެ އެތެރެއިން އިންނަ ގުރުދާގެ ބައި ރީނަލް މިޑުލާ (އިނގިރޭސި ބަހުން: Renal Medulla) އާއި ދޭތެރޭގައެވެ. ރީނަލް މިޑުލާ (އިނގިރޭސި ބަހުން: Renal Medulla) އަކީ ގުރުދާ އެތެރޭގައިވާ މަދެވެ.


ރީނަލް މިޑުލާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރީނަލް މިޑުލާ

ރީނަލް މިޑުލާ (އިނގިރޭސި ބަހުން: Renal Medulla) އަކީ ގުރުދާ އެތެރޭގައިވާ ގުރުދާ ގެ މަދެވެ. ރީނަލް މިޑުލާ ގައި 18-8 އަކާއި ދެމެދުގެ މިންވަރަކަށް ގުރުދާ ޕިރަމިޑް ތައް ހުރެއެވެ. ގުރުދާ ޕިރަމިޑްތަކުގެ ބުޑު ނުވަތަ ބޭސް ހުންނަނީ ގުރުދާގެ ތޮށިގަނޑު ނުވަތަ ގުރުދާގެ ބޭރުބައި ނުވަތަ ރީނަލް ކޯޓެކްސް އާއި ދިމާލަށް ވާގޮތަށެވެ. އަދި ގުރުދާ ޕިރަމިޑް ތަކުގެ ކޮޅު ހުންނަނީ ގުރުދާގެ އެތެރެ ފަރާތަށް ނުވަތަ ރީނަލް މިޑުލާ ނުވަތަ އޭގެ މަދުއާއި ދިމާވާ ގޮތަށެވެ.


ނެފްރޯން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނެފްރޯން

ނެފްރޯން އަކީ ގުރުދާ ގައިވާ އެންމެ ކުޑަ ފަންކްޝަނަލް ޔުނިޓް އެވެ. ކޮންމެ ގުރުދާއެއްގައި އެއް މިލިއަނަށްވުރެ ގިނަ ނެފްރޯން ވެއެވެ. ފެނާއި މައުދަންތައް ގުރުދާގައި ހުރުން ތަންޒީމްކޮށް ބަލަހައްޓަނީ ނެފްރޯން ތަކުންނެވެ. މިބުނި މާއްދާތައް ތަންޒީމްކޮށް ހަމަހިފަހައްޓައިދީ ބަލަހައްޓަނީ ލޭފުރާނާލުން ކުރިމަތިކުރުވައިގެންނާއި، ބޭނުންވާ ބައެއް މާއްދާތައް ހަށިގަނޑަށް އަލުން ދަމައިގެންނާއި، އަދި ބޭނުން ނުވާ މާއްދާތައް ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރުން ފަދަ ކަންތައްތައް ފުރިހަމަކޮށްގެންނެވެ.

ގުރުދާ ޕިރަމިޑް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގުރުދާ ޕިރަމިޑް

ގުރުދާ ޕިރަމިޑް (އިނގިރޭސި ބަހުން: Renal pyramids) އަކީ ގުރުދާގެ ތެރޭގައި ކޯން-ބައްޓަމަށް ހުންނަ ޓިޝޫ އެކެވެ. ރީނަލް މިޑުލާ ގައި 18-8 އަކާއި ދެމެދުގެ މިންވަރަކަށް ގުރުދާ ޕިރަމިޑް ތައް ހުރެއެވެ. ރީނަލް ޕިރަމިޑް ތަކުގެ ބުޑު ނުވަތަ ބޭސް ހުންނަނީ ގުރުދާގެ ބޭރުބައި ނުވަތަ ރީނަލް ކޯޓެކްސް އާއި ދިމާލަށް ވާގޮތަށެވެ. އަދި ރީނަލް ޕިރަމިޑް ތަކުގެ ކޮޅު ހުންނަނީ ގުރުދާގެ އެތެރެ ފަރާތަށް ދިމާވާ ގޮތަށެވެ. ރީނަލް ޕިރަމިޑްތަކުގެ އެތެރެ ފެންނަ ފެނުމަށް ހީވާނީ ރޮނގު ތަކެއް ދަމާފައި ހުންނަ ހެންނެވެ. މިގޮތަށް ފެންނަން ހުންނަނީ އޭގެ ތެރޭގައި ޖެހިޖެހިގެން އެތުރިފައި ހުންނަ ނެފްރޯން ތަކުގެ ސަބަބުންނެވެ.

ގުރުދާ ޅިނދު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގުރުދާ ޅިނދު

ގުރުދާ ޅިނދު ނުވަތަ ރީނަލް ޕެލްވިސް (އިނގިރޭސި ބަހުން: Renal pelivis)އަކީ ގުރުދާގެ ތެރޭގައި ފައްކާ-ބައްޓަމަށް ފުޅާވެފައި އިންނަ ގުރުތާ ގެ ފެށޭ ބައެވެ. އެހެން ކަމުން ގުރުދާ އިން ގުރުތާ ކުރިފަޅައި ނިކުންނަނީ ރީނަލް ޕެލްވިސް އިންނެވެ. ރީނަލް ޕެލްވިސް އަކީ ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ފުރާނަލަދޭ ފުރޭންޏެއް ފަދަ ޓިޝޫ އެކެވެ.

ކުދި ކެލިކްސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުދި ކެލިކްސް

ކުދި ކެލިކްސް (އިނގިރޭސި ބަހުން: Minor calyx)ތައް ހުންނަނީ ގުރުދާ ޕިރަމިޑް ތަކުގެ ކޮޅު ވަށާލާފާއެވެ. ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ގުރުދާ ޕެޕިލާ ހުރަސްކޮށް، ކުދި ކެލިކްސް ތަކަށް ވާޞިލްވެ، އެއަށްފަހު މައި ކެލިކްސް ތަކަށް ވާޞިލް ވެއެވެ. އަދި އެއަށްފަހު ގުރުދާ ޅިނދުއަށް ވާޞިލްވެ، އެތަނުން ގުރުތާ އަށް ގޮސް އެންމެ ފަހުން މަސާނާ އަށް ފޯރަނީ އެވެ.

މައި ކެލިކްސް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައި ކެލިކްސް

މައި ކެލިކްސް (އިނގިރޭސި ބަހުން: Major calyx)ތައް ހުންނަނީ ގުރުދާ ޕިރަމިޑް ތަކުގެ ކޮޅު ވަށާލާފާއެވެ. ގުރުދާގައި އުފެދޭ ކުޑަކަމުދާ ތަކެތި ގުރުދާ ޕެޕިލާ ހުރަސްކޮށް، ކުދި ކެލިކްސް ތަކަށް ވާޞިލްވެ، އެއަށްފަހު މައި ކެލިކްސް ތަކަށް ވާޞިލް ވެއެވެ. އަދި އެއަށްފަހު ގުރުދާ ޅިނދުއަށް ވާޞިލްވެ، އެތަނުން ގުރުތާ އަށް ގޮސް އެންމެ ފަހުން މަސާނާ އަށް ފޯރަނީ އެވެ.

ގުރުދާ ޕެޕިލާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގުރުދާ ޕެޕިލާ

ގުރުދާ ޕެޕިލާ (އިނގިރޭސި ބަހުން: Renal papilla)އަކީ ރީނަލް މިޑުލާގައި ހުންނަ ގުރުދާ ޕިރަމިޑްތައް ކުޑަކަމުދާ ތަކެތި، ގުރުދާ ޅިނދުގެ ތެރެއަށް ހުސްކޮށްލާ ތަނެވެ. މިހިސާބުގައި ހުންނަނީ ޓްރާންސިޝަނަލް އެޕިތީލިއަމް އެވެ.

ގުރުދާ ކޮލަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގުރުދާ ކޮލަމް

ގުރުދާ ކޮލަމް (އިނގިރޭސި ބަހުން: Renal Column)އަކީ ރީނަލް ކޯޓެކްސް އިން ރީނަލް މިޑުލާގެ ތެރެއަށް ގޮސްފައި ހުންނަ ރީނަލް ކޯޓެކްސް ގެ ބައެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ގުރުދާ ޕިރަމިޑް ތަކުގެ ދެމެދުގައި ހުންނަ ރީނަލް ކޯޓެކްސް ގެ ބައެކެވެ. ކޮންމެ ކޮލަމެއްގެ ތެރޭގައި ކުދި ލޭހޮޅިތައް، ކުދިކުދި ހޮޅިތައް އަދި ފައިބަރަސް މެޓީރިއަލް ތައް އެކުލެވިގެން ވެއެވެ.

ގުރުދާ އިން އަދާކޮށްދޭ ވަޒީފާތައް[އުނިއިތުރު ގެންނަވާ]

ލޭގެ ޕްރެޝަރުގެ ހަމަ ހިފެހެއްޓުން[އުނިއިތުރު ގެންނަވާ]

ލޭގެ ޕްރެޝަރު ދަށްވުމުން ގުރުދާ އިން ރީނިން ބޭރުކުރަން ފަށައެވެ. ރީނިން އަކީ އެންޖީއޯޓެންސިނަޖަން އެންޖީއޯޓެންސިން1 އަށް ބަދަލުކުރުމުގައި އެހީވެދޭ ހޯރމޯން އެކެވެ. އަދި އެއަށްފަހު އެންޖީއޯޓެންސިން1 އެންޖީއޯޓެންސިން2 އަށް ބަދަލުވެއެވެ. ފަހުން މިބުނި ބަދަލުވުން ހިގާހިނދު އެންޖީއޯޓެންސިން ކޮންވާރޓިންގ އެންޒައިމް ކިޔާ އެންޒައިމެއްގެ އެހީހޯދައެވެ. އެންޖީއޯޓެންސިން2 އެޑްރީނަލް ކޯޓެކްސް އިން އަލްޑަސްޓަރޯން ދޫކުރުމަށް ބާރުއަޅައެވެ.

ގުރުދާގެ ހޮޅިތަކުން ސޯޑިއަމް އަބުރައި ގުރުދާގެ ތެރެއަށް ދެމުމަށް އަލްޑަސްޓަރޯން ބާރުއަޅައެވެ. އަދި މިގޮތަށް ސޯޑިއަމް ގުރުދާގެތެރެއަށް ދެމުމުން ފެނުގެ މިންވަރު މަތިވެ، އެފެން ވެސް ގުރުދާގެ ތެރެއަށް ދަމައެވެ. ނަތީޖާއެއްގެ ގޮތުން ލޭގެ ވޮލިއުމް މަތިވެ، ޕްރެޝަރު މަތިވެގެން ދެއެވެ.

ހޯރމޯން ދޫކުރުން[އުނިއިތުރު ގެންނަވާ]

ރީނިން[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރީނިން

ރީނިން ނުވަތަ (އިނގިރޭސި ބަހުން: Renin) އަކީ ގުރުދާގައިވާ ޖަކްސްޓަގްލޯމެރީޔުލަރ އެޕަރޭޓަސް ގައި ހުންނަ ޖަކްސްޓަގްލޯމެރީޔުލަރ ސެލް(Juxtaglomerular cell) ތަކުން އުފައްދައި ބޭރުކުރާ އެންޒައިމް އެކެވެ. މިއެންޒައިމް ބޭރުކުރަން ފަށަނީ ލޭގެ ވޮލިއުމް ދަށްވުން ނުވަތަ ސޯޑިއަމް ކްލޮރައިޑް ލޭގައި ދަށްވާ ޙާލަތްތަކުގައެވެ. މިއެންޒައިމް އަށް އެންޖީއޯ ޓެންސިނަޖިނޭސް(Angiotensinogenase) އޭ ވެސް ކިޔައެވެ.

އިރިތްރޯ ޕޮއިއިޓިން[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިރިތްރޯ ޕޮއިއިޓިން

އިރިތްރޯ ޕޮއިއިޓިން ނުވަތަ (އިނގިރޭސި ބަހުން: Erythropoietin) އަކީ ގްލައިކޯޕްރޮޓީން ހޯރމޯން އެކެވެ. މިއީ ކަށީގެ މަދުގައި ހުންނަ ލޭގެ ރަތް ސެލްތަކުގެ ޕްރިކޯސަރ ތަކަށް ހުންނަ ސައިޓޯކީން(Cytokine) އެކެވެ. އިރިތްރޯ ޕޮއިއިޓިން އަށް ހީމަޓަޕޮއިއިޓިން(Haematopoietin) އަދި ހީމަޕޮއިއިޓިން(Hemapoietin) އޭ ވެސް ކިޔައެވެ. އިރިތްރޯ ޕޮއިއިޓިން އުފެދެނީ ގުރުދާ ގައި ހުންނަ އެކްސްޓްރާ ގްލޯމެރީޔުލަރ މިސަންޖިއަލް ސެލް (Extarglomerular mesangial cell) ތަކުންނެވެ. މިއީ ލޭގެ ރަތް ސެލްތައް އުފެއްދުން ތަންޒީމް ކޮށްދޭ މައި ހޯރމޯން އެވެ.

ކެލްސިޓްރިއޯލް[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކެލްސިޓްރިއޯލް

ކެލްސިޓްރިއޯލް ނުވަތަ (އިނގިރޭސި ބަހުން: Calcitriol) އަކީ ހަށިގަނޑުގައި ހުންނަ ވިޓަމިންޑީ ގެ ހަރަކާތްތެރި ވައްތަރު އެވެ. މިހޯރމޯން އަށް ވަން-ޓްވެންޓީ ފައިވް ޑައިހައިޑްރޯކޯލިކެލްސިފެރޯލް(1-25 Dihydrocholecalciferol) އަދި ވިޓަމިންޑީ3(Vitamin D3) އޭވެސް ކިޔައެވެ. މިހޯރމޯން ހަށިގަނޑުގައި އުފެދެނީ ގުރުދާ ގެ ތެރޭގައެވެ. އެގޮތުން ގުރުދާ ގެ ތެރޭގައި ކެލްސިޑިއޯލް(Calcidiol) ކެލްސިޓްރިއޯލް އަށް ބަދަލުވަނީ ޚާއްޞަ އެންޒައިމެއްގެ އެހީގައެވެ. ބޭސް އުފައްދާ ކާރުޚާނާ ތަކުން މިހޯރމޯން ބޭހެއްގެ ގޮތުގައި އުފައްދައި ބާޒާރުގައި ވިއްކަން ހުރެއެވެ.


ތްރޮމްބޯ ޕޮއިއިޓިން[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތްރޮމްބޯ ޕޮއިއިޓިން

ތްރޮމްބޯ ޕޮއިއިޓިން ނުވަތަ (އިނގިރޭސި ބަހުން: Thrombopoietin) އަކީ ފުރަމޭ އަދި ގުރުދާ އިން އުފައްދާ ގްލައިކޯ ޕްރޮޓީން ހޯރމޯން އެކެވެ. މިހޯރމޯން އަކީ ކަށީގެ މަދުގައި ޕްލޭޓްލެޓްތައް އުފެއްދުން ތަންޒީމްކުރާ ހޯރމޯން އެކެވެ. ކަށީގެ މަދުގައި ހިމެނޭ މެގަކެރީއޯސައިޓް(Megakaryocyte) ތައް އުފެދި ބައިބައިވެގެން ދިއުމަށް ބާރު އަޅައެވެ. ޕްލޭޓްލެޓްތައް އުފެދިގެން އަންނަނީ މިބުނި ސެލްތައް ބައިބައިވެގެން އައުމުގެ ތެރޭގައެވެ.

ލޭސާފުކުރުމާއި، ބޭކާރުބައި ބޭރުކުރުން[އުނިއިތުރު ގެންނަވާ]

އަހަރެމެން ކާނާއެއް ކެއުމުން އޭގައި ހުންނަ ހަށިގަނޑަށް ބޭނުންހުރި ބައި ހަށިގަނޑަށް ނެގުމަށްފަހު ބޭކާރު ބައި ލޭގެ ތެރެއަށް ފޮނުވާލައެވެ. މިގޮތުން ލޭގެ ތެރެއަށް ފޮނުވާލެވޭ ބޭކާރުބައި ކުޑަކަމުދާ ތަކެތީގެ ޒަރީޢާއިން ހަށިގަނޑުން ބޭރުކުރެއެެވެ. ގުރުދާ ގެ އެހީގައި ލޭގައި އެކުލެވޭ މިބުނި ބޭކާރު މާއްދާތައް ސާފުނުކުރެވޭނަމަ މައްސަލަތަކާ ކުރިމަތިވެ ހަށިގަނޑަށް ގެއްލުންވާގޮތް މެދުވެރި ވެއެވެ.

ލޭފުރާނައި ސާފުކުރުމުގެ މަސައްކަތް ހިންގަނީ ގުރުދާގައިވާ އެންމެ ކުދި ޔުނިޓްތައް ކަމުގައިވާ ނެފްރޯން(Nephron) ތަކުގައެވެ. ކޮންމެ ގުރުދާއެއްގައި މިލިއަނެއްހާ ނެފްރޯން ހުރެއެވެ.

ތަފާތު މަޢުދަންތަކުގެ ނިސްބަތް ކޮންޓްރޯލްކުރުން[އުނިއިތުރު ގެންނަވާ]

މިގޮތުން ލޭގެ ތެރޭގައި ހުންނަ ބޭކާރު ބައިތައް ގުރުދާގެ ތެރެއަށް އަންނަ އައުމުގައި ހަށިގަނޑަށް އަލުން ބޭނުންކުރެވިދާނެ ކެމިކަލްތައް ވެސް އާދެއެވެ. މިސާލަކަށް މެގްނީޒިއަމް، ސޯޑިއަމް، ފޮސްފަރަސް، ޕޮޓޭސިއަމް ގުރުދާގެ ތެރެއަށް އައުމުން އެތަކެތި ލޭގައިހުރި މިންވަރު ވަޒަންކޮށް މަދުކަމުގައިވާ ނަމަ އެކެމިކަލްތައް އަބުރާ ހަށިގަނޑަށް ދަމައެވެ. ހަށިގަނޑުގައި މިބުނި މަޢުދަންތަކުގެ ނިސްބަތް ކޮންޓްރޯލްކޮށް ހަމަހިފަހައްޓަނީ މިއުސޫލުގެ ދަށުންނެވެ.

އެހެނިހެން ވަޒީފާތައް[އުނިއިތުރު ގެންނަވާ]

 • ހަށިގަނޑުގައި ހިމެނޭ ފެނާއި ލޮނުގެ ނިސްބަތުގެ ހަމަހަމަކަން ހިފެހެއްޓުން
 • ލޭގެ އާ ރަތް ސެލްތައް އުފެދުމަށާއި، ކަށިތައް ވަރުގަދަވުމަށް އެހީތެރިވެދިނުން

ގުރުދާ އުފެދިގެން އަންނަގޮތް[އުނިއިތުރު ގެންނަވާ]

ގުރުދާ އުފެދިގެން އަންނައިރު މައިގަނޑު 3 މަރުޙަލާއެއް ކަނޑަތުކުރެއެވެ. ގުރުދާ އުފެދިގެން އަންނަނީ ބަނޑުގައި ކުޑަ ދަރިފުޅު އުފެދެން ފަށާއިރު ހެދޭ ފުރަތަމަ 3 ފަށަލައިގެ ތެރެއިން މެދު ފަށަލަ ނުވަތަ މެޒަޑާރމް(އިނގިރޭސި ބަހުން: Mesoderm) އިންނެވެ.


ޕްރޯނެފްރަސް[އުނިއިތުރު ގެންނަވާ]

ބަނޑުގައި ދަރިފުޅު އަށަގަންނަން ފަށާތާ 22 ވަނަ ދުވަހު އިންޓަމީޑިއޭޓް މެޒަޑާރމްގެ ބޯލާކޮޅުން ޕްރޯނެފްރަސް ޖޯޑެއް ދައްކާލައެވެ. މިހިސާބުގައި އެޕިތީލިއަލް ސެލްތައް އެތުރިފައި ހުންނަނީ ނެފްރޮޓޯމް(އިނގިރޭސި ބަހުން: Nephrotome) އޭ ކިޔާ ކުދިކުދި ހޮޅިތަކެއްގެ ސިފަޔަށެވެ. އަދި އެއްހޮޅި އަނެއް ހޮޅި އާ ދެމެދުވާ ބަޔަށް ނުވަތަ ހޮޅިތައް ގުޅުވައިދޭ މަގަށް ޕްރޯނެފްރިކް ޑަކްޓް(އިނގިރޭސި ބަހުން: Pronephric duct) އޭ ކިޔައެވެ.

މެޒަނެފްރަސް[އުނިއިތުރު ގެންނަވާ]

ކޮންމެ ޕްރޯނެފްރިކް ޑަކްޓް އެއް ކުޑަ ދަރިފުޅުގެ ފައިލާ ކޮޅަށް ބޮޑުވަމުން ދެއެވެ. އަދި ތޮރަކޯ ލަމްބާ އޭރިއާގައި ހުރި އިންޓަމީޑިއޭޓް މެޒަޑާރމް އެޕިތީލިއަލް ހޮޅިތަކަކަށް ބަދަލުވެއެވެ. ކުދިކުދި މިހޮޅިތަކަށް މެޒަނެފްރިކް ޓިބިއުލްސް(އިނގިރޭސި ބަހުން: Mesonephric tubules) އޭ ކިޔައެވެ. ކޮންމެ މެޒަނެފްރިކް ޓިބިއުލް އަކަށް އަޔޯޓާ އިން ލޭ ފޮނުވައިދެއެވެ. އަދި މިލޭތައް ގޮސް ނިމެނީ އޭގައި އިންނަ ކެޕިލަރީ ޓަފްޓް އަކަށެވެ. މެޒަނެފްރިކް ޓިބިއުލް ކެޕިލަރީ ޓަފްޓް ގެ ވަށައިގެން ތުނި ދުލިފަށަލަ އެއް ލައްވައެވެ. އެއީ ލޭ ފުރާނާ ލުމަށްޓަކައެވެ. މިގޮތުން މެޒަނެފްރިކް ޓިބިއުލް ތަކުގައި ފުރާނާލޭ އެޅެނީ މެޒަނެފްރިކް ޑަކްޓް ތަކަށެވެ. އެއީ ކުރިން ޕްރޯނެފްރިކް ޑަކްޓް ތަކެވެ.

މެޓަނެފްރަސް[އުނިއިތުރު ގެންނަވާ]

ބަނޑުގައި ދަރިފުޅު އަށަގަންނަތާ 5 ވަނަ ހަފްތާގެ ތެރޭގައި މެޓަނެފްރިކް ޑަކްޓް އުފެދި އަދި ފަހުން ގުރުތާ އުފެދިގެން ދެއެވެ. އަދި އޭގެ ފަހުން ގުރުދާގެ އެތެރޭގެ ހޮޅިތަކުގެ ނިޒާމް އުފެދިގެން ދެއެވެ.

ގުރުދާގެ ބަލިތައް[އުނިއިތުރު ގެންނަވާ]

އުފެދުމުގައި ހުންނަ ބަލިތައް[އުނިއިތުރު ގެންނަވާ]

މިއީ އުފެދުމުގައި ދެގުރުދާ ގުޅި އަސްފައިގެ ބައްޓަމަށް ދެގުރުދާ ހުރުމެވެ. މިއީ ދެގުރުދާ ގުޅިގެން އުފެދުމުގެ ތެރޭގައި ކުރިމަތިވާ އެންމެ އާންމު ޢައިބެކެވެ. އާބާދީގެ ކޮންމެ 600ން 1 މީހަކަށް މިބަލި ޖެހޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ. ޓާރނަރ ސިންޑްރޯމް ހުންނަ މީހުންގެ 15 އިންސައްތަ މީހުންނަށް މިބަލި ކުރިމަތިވާ ކަމަށް ދިރާސާ ތަކުން ދައްކައެވެ.


މިއީ އުފެދުމުގައި އާދަޔާ ޚިލާފަށް ގުރުދާގައި ވައިކޮތަޅު ހެދިފައި ހުރުމެވެ. އެގޮތުން ދެ ގުރުދާގައި އާދަޔާ ޚިލާފަށް ގިނައިން ވައިކޮތަޅު ނުވަތަ ސިސްޓް އުފެދެއެވެ. މިބަލި ޖެހުމުން ފުރަމޭ،ޗިސްމޭ، ސިކުނޑި، އަދި ހިތް އަށް އަސަރު ފޯރައެވެ. ގުރުދާ ވައިކޮތަޅު ހެދުން މިބަލީގެ މައިގަނޑު ދެވައްތަރެއް ހުރެއެވެ.

ވައިކޮތަޅު ހެދިފައިވާ ދެގުރުދާ ދައްކައިދޭ މަންޒަރެއް

އެކިގޮތްގޮތުން ޖެހޭބަލިތައް[އުނިއިތުރު ގެންނަވާ]

މިއީ ހަކުރު ބަލީގެ ސަބަބުން ގުރުދާ ހަލާކުވެ ދިއުމެވެ. މިބައްޔަށް ކިމެލްސްޓީލް-ވިލްސަން ސިންޑްރޯމް، އަދި އިންޓަކެޕިލަރީ ގްލޯމެރިޔުލޯ ނެފްރައިޓިސް އޭ ވެސް ކިޔައެވެ. މިބަލީގެ ސަބަބުން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުގައި ހުންނަ ކުދިކުދި ލޭހޮޅި ނުވަތަ ކެޕިލަރީ ތައް ހަލާކު ކޮށްލައެވެ. ވަރަށް ގިނަ މީހުންނަށް މިބަލީގެ ސަބަބުން ޑައަލަސިސް ހަދަން ޖެހެއެވެ.


މިއީ ގުރުދާގައި ހިމެނޭ ކުދިކުދި ގްލޯމެރިޔޫލަސް ނުވަތަ ކުދިކުދި ލޭހޮޅި ތަކުގައި އިންފްލެމޭޝަން އުފެދުމެވެ. މިބަލި ޖެހުމުން ކުޑަކަމުދާ ތަކެތީގައި ލޭހުރުން، ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން ހުރުން، ފަދަ ކުރިމަތި ކުރުވައެވެ. ނެފްރެޓިކް ސިންޑްރޯމް، ނެފްރިޓިކް ސިންޑްރޯމް، ވަގުތީ ސިފައެއްގައި ގުރުދާ ފޭލްވުން، ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިއިން ކޮންމެ ކަމަކީ މިބައްޔާއި ގުޅިގެން ކުރިމަތިވެދާނެ މައިގަނޑު ބައެއް ކަންތައްތަކެވެ. މިބަލީގެ ތަފާތު ވައްތަރުތައް ހިމެނޭ އިރު މައިގަނޑު ގޮތެއްގައި މިބަލީގެ ވައްތަރުތައް ވަނީ ދެބަޔަކަށް ބަހާލެވިފައެވެ.


މިއީ ގުރުދާ އިން ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސްތަކާ ކުރިމަތިވެ، ކުޑަކަމުދާ ތަކެތި ޖަމާވުމުން ގުރުދާގެ ޕެލްވިސް ފުޅާވެ ފުފޭ ގޮތް ވުމެވެ. އެންމެ ސާދާ ބަހުން ބުނާނަމަ މިއީ ގުރުދާ އިން ކުޑަކަމުދާ ތަކެތި ބޭރުނުވެ، އޭގައި ޖަމާވެފައި ހުރުމެވެ. ލަފްޒީ މާނައަށް ބަލާއިރު މީގެ މާނައަކީ ގުރުދާގައި ފެންޖަމާވުމެވެ.


ގުރުދާގެ ކެންސަރުގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު އެވެ. އަނެއް ވައްތަރަކީ ގުރުދާ ސެލް ކެންސަރު ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރު އަށް ނެފްރޯބްލާސްޓޯމާ އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.


މިއީ ކުޑަކަމުދާ ނިޒާމްގެ އިންފެކްޝަން މައްޗަށް ގޮސް ގުރުދާގެ ޕެލްވިސް އަށް އޭގެ އަސަރު ނުވަތަ އިންފެކްޝަންގެ އަސަރު ފޯރުމެވެ. ޕައިއެލޯ ނެފްރައިޓިސް މިބަހުގައިވާ ޕައިއެލޯ ނިސްބަތްވަނީ ޕައިއެލަމް' އަށެވެ. މާނައަކީ ގުރުދާ ގެ ޕެލްވިސް އެވެ. ނެފްރޯސް މިބަހުގެ މާނައަކީ ގުރުދާ އެވެ. ނެފްރޯސް އަކީ ގްރީކް ބަހުން ގުރުދާއަށް ކިޔާ ނަމެވެ.


މިއީ ދިފާޢީ ނިޒާމް އަށް ޖެހޭ ބައްޔެއް ކަމުގައިވާ ސިސްޓެމިކް ލޫޕަސް އިރިތްމަޓޯސަސް(އެސްއެލްއީ) ކިޔާ ބައްޔެއްގެ ޖެހުމުން އޭގެ ސަބަބުން ގުރުދާ އަށް އަސަރުކޮށް ގުރުދާގައި އިންފްލެމޭޝަން އުފެދުމެވެ. މިބުނި ބަލީގެ ސަބަބުން ގުރުދާގެ އިތުރުން ހަންގަނޑު، ހުޅުތައް، އަދި ނާރުތަކުގެ ނިޒާމްއަށް އަސަރު ފޯރުވައެވެ.

އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި އުފެދޭ ހިލައަކީ ތަފާތު މަޢުދަން ތަކާއި، ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ.

ގުރުދާ ފޭލްވުން އަކީ ހަށިގަނޑުގައިވާ ދެގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައުމެވެ. ބައޯކެމިކަލް ގޮތުން ގުރުދާ ފޭލްވިކަން އަންގައިދެނީ ލޭގައި ކްރިއެޓިނިން ހިމެނޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެފައި ވާނަމަ އެވެ. ފިޒިއޮލޮޖިކަލް ގޮތުން ބަލާއިރު ގުރުދާ ފޭލްވުން ކަމުގައި ބެލެވެނީ ގްލޯމެރިޔުލަރ ފިލްޓްރޭޝަން ރޭޓް ދަށްވުމަށެވެ. ގުރުދާ ފޭލްވުން ދެބަޔަކަށް ބަހާލެވެއެވެ. އެއީ ވަގުތީ ސިފައެއް ގައި ގުރުދާ ފޭލްވުން އަދި ދާއިމީ ސިފައެއްގައި ގުރުދާ ފޭލްވުން މިދެވައްތަރެވެ.

ދުނިޔޭގެ ގުރުދާގެ ދުވަސް[އުނިއިތުރު ގެންނަވާ]

ދުނިޔޭގެ ގުރުދާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރޗް މަހުގެ ދެވަނަ އަންނަ ބުރާސްފަތި ދުވަސް އެވެ. ފުރަތަމަ ފަހަރަށް ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކޮށްފައި ވަނީ 2006 ވަނަ އަހަރު އެވެ. ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކުރަނީ ޢާންމުން ގުރުދާ ބަލިތަކާމެދު ހޭލުންތެރިކޮށް ބަލީގައި މީހުން ދުނިޔެ ދޫކޮށް ދިއުމުގެ ފުރުޞަތު ކުޑަކޮށް ގުރުދާގެ ބަލިތަކުން ރައްކާތެރި މުޖުތަމަޢެއްގެ ބިނާކުރުމުގެ މަގްޞަދު ގައެވެ. ދުނިޔޭގެ ގުރުދާ ދުވަސް ފާހަގަކުރަން ނިންމީ އިންޓަނޭޝަނަލް ސޮސައިޓީ އޮފް ނެފްރޮލޮޖީ އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކިޑްނީ ފައުންޑޭޝަން ގުޅިގެންނެވެ.

ގުރުދާ ބަލީގެ އިންޒާރު ދެނިވި ޢަލާމާތްތައް[އުނިއިތުރު ގެންނަވާ]

ގުރުދާގެ އޮނިގަނޑު ދައްކައިދޭ ނަމޫނާއެއް
 • ފެން ޖަމާވުން ( ފޮއްސިވުން )
 • ނޭވާ ކުރުވުން
 • ކުޑަކަމުދާ ތަކެތީގައި ލޭހުރުން ނުވަތަ ފުސް ކުލައަށް ހުރުން
 • ވިސްނުމުގެ ހާލަތު ބަދަލުވުން


 • ލޭ އަދި ކުޑަކަމުދާ ތަކެތީގެ ޓެސްޓް ނަތީޖާތައް ތަބީޢީ ގޮތެއްގައި ނުހުރުން
 • ބޮލުގައި ރިހުން
 • ލޭގެ ޕްރެޝަރު މަތިވުން
 • އާދަޔާ ޚިލާފަށް ވަރުބަލިވުން


 • އަތްފައި އަދި ލޮލުގެ ބޮނޑި ދުޅަވެ ފޮއްސިވުން
 • ރޭގަނޑު އާދަޔާ ޚިލާފަށް ކުޑަކަމުދެވުން
 • ކާހިތްނުވުން އަދި ބަރުދަން ލުއިވުން
 • ގައިގައި ކަހައި ހިރުވުން

ގުރުދާ ބަދަލުކުރުން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގުރުދާ ބަދަލުކުރުން

ވަރަށް ގިނަ ބަލިތަކުގެ ސަބަބުން ގުރުދާ އަށް މައްސަލަތައް ކުރިމަތި ކުރުވައެވެ. ގުރުދާ އަށް މައްސަލަތަކާއި ކުރިމަތިވެއްޖެ ނަމަ އޭގެ ވަޒީފާތައް އަދާކުރުމަށް ބުރޫ އަރައެވެ. މިގޮތުން އާދަޔާ ޚިލާފަށް ބޮޑަށް ގުރުދާގެ ވަޒީފާތަކަށް ބުރޫ އަރައިފިނަމަ ގުރުދާގެ މަސައްކަތް ހުއްޓުމަކަށް އައިސް، ގުރުދާ ބަދަލު ކުރަން ޖެހެއެވެ. އަދި ގުރުދާ ބަދަލުކުރުމުން ހަށިގަނޑަށް ލެވުނު ނުވަތަ ހަށިގަނޑުގައި އިންދުނު އާގުނަވަނުގެ އެހީގައި ބަލިމީހާ އަށް ދިރިއުޅެވިދާނެ އެވެ.

ތާރީޚް ހެކިދޭގޮތުން އެންމެ ފުރަތަމަ ގުރުދާ ބަދަލު ކޮށްފައިވަނީ ގުރުދާ ގައި ވައިކޮތަޅު ހެދުން ކުރިމަތިވެފައިވާ އުމުރުން 44 އަހަރުގެ ރުތު ޓަކަރ ކިޔާ އެމެރިކާ އަންހެނެއްގެ އެވެ. އެއީ 17 ޖޫން 1950 ގައެވެ. މިއޮޕަރޭޝަން ކުރެވުނީ ޗިކާގޯގެ އިލިނޮއިސް ގެ އެވަރގްރީން ޕާރކް ގައި ހުންނަ މޭރީ ހޮސްޕިޓަލް ގައެވެ.

ގުރުދާ ބަދަލު ކުރަން ޖެހެނީ ގުރުދާ ބަލީގެ ފަހު މަރުހަލާ ނުވަތަ (އިނގިރޭސި ބަހުން: End-stage renal disease) އަށް ބަލިމީހާގެ ޙާލަތު ވާޞިލްވެއްޖެ ނަމައެވެ. މާނައަކީ ގްލޯމެރިޔޫލަރ ފިލްޓްރޭޝަން ރޭޓް ނުވަތަ ގުރުދާ ގްލޯމެރިޔޫލަސް ތަކުން ލޭ ސާފުކުރާ މިންވަރު 20-25 އިންސައްތަ އަށްވުރެ ދަށަށް ހިގައްޖެ ނަމައެވެ. ގުރުދާ ބަލީގެ ފަހު މަރުހަލާ އަށް ބަލިމީހާގެ ޙާލަތު ގެންގޮސްފާނެ ކަންތައްތަކުގެ ތެރޭގައި ހަކުރުބަލި، އިންފެކްޝަންތައް، ލޭގެ ޕްރެޝަރު މަތިވުން، އަދި ގްލޯމެރިޔޫލޯ ނެފްރައިޓިސް ފަދަ ބަލިތައް ހިމެނެއެވެ. މީގެ އިތުރުން ގުރުދާ ގައި ވައިކޮތަޅު ހެދުން އަދި މިނޫނަސް އުފެދުމުގައި ގުރުދާ އަށް ޖެހޭ ތަފާތު ބަލިތައް ހިމެނެއެވެ.

ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ދެނެގަތުން[އުނިއިތުރު ގެންނަވާ]

ގުރުދާ ބަދަލުކުރުމުގެ ކުރިން ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމަށްޓަކައި ތަފާތު ޓެސްޓްތައް ކުރެވެއެވެ. މިޓެސްޓް ތަކުގެ ބޭނުމަކީ އެމީހަކީގެ ހަށިގަނޑުގެ ޙާލަތު ހުރިނެތް ގޮތް ދެނެގަތުމާއި، އަދި މުސްތަގުބަލްގައި ނުވަތަ ގުރުދާ ބަދަލު ކުރުމުގެ ސަބަބުން ދިމާވެދާނެ، ކުރިމަތިވެދާނެ މައްސަލައެއް ހުރިތޯ ކުރިން ހޯދައި ދެނެގަތުމެވެ. މިގޮތުން ކުރެވޭ ޓެސްޓްތަކާއި ބެލޭނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

 • ހަށިގަނޑު ބޭރުފުށުން ބެލުން: މިއީ ހަށިގަނޑުގައި ބޭރުފުށުން ފެންނަ ހުންނަ ކަންކަން ބަލައި ހޯދައި ދެނެގަތުމެވެ. ނުވަތަ ޢާއްމު ނަޒަރަކުން ހަށިގަނޑުގެ ބޭރު ފުށުގެ ޙާލަތު ބަލާލުމެވެ.
 • މޭމަތީގެ އެކްސްރޭ: މިއީ ބަލިމީހާގެ ފުއްޕާމެޔާއި ނޭވާލާ ނިޒާމް ޙާލަތު ދެނެގަތުމަށް ނެގޭ އެކްސްރޭ އެކެވެ.
 • އީސީޖީ: މިއީ ހިތް މަސައްކަތްކުރާ ގޮތާއި، އަދި ހިތުގެ ޙާލަތު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ.
 • ސްކޭން ކުރުން:


އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]