Jump to content

ބަނޑުހިކުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ބަނޑުހިކުން ނުވަތަ ބަނޑުހަރުވުން (އިނގިރޭސި ބަހުން: Constipation) މާނަކުރަނީ އެކިމީހުން އެކިގޮތަށެވެ. ގިނަބަޔަކު ދެކޭ ގޮތުގައި ބަނޑުހަރުވުމަކީ ކޮންމެދުވަހަކު ބޮޑުކަމުފާހާނާކުރަން ނުޖެހުމެވެ. އަނެއްބަޔަކު ދެކޭގޮތުގައި ބަނޑުހަރުވުމަކީ ބޮޑުކަމުނަޖިސް ހަރުކޮންހުރުން، އުނދަގުލުން ބޮޑުކަމުދާންޖެހުން ނުވަތަ ބޮޑުކަމުފާހާނާ ކޮށްނިމުމަށްފަހު އެއްކޮންހުސްނުވެހުރުމެވެ.ތަފާތު ގޮތްގޮތަށް ބަނޑުހަރުވުން މާނަ ކުރެވެނީ ބަނޑުހަރުވާން މެދުވެރިވާ ސަބަބު ތަފާތުވީމާކަމަށްބެލެވިދާނެއެވެ. ހަމައެފަދައިން ބަނޑުހިކުމުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ތަފާތެވެ. ބަނޑުހަރުވާން ދިމާވާ ގޮތަކީ ގިނައިރު ނުވަތަ އިތުރު އެހެން ސަބަބަކާހުރެ ބޮޑުކަމުނުގޮސްހުރުމުން ބޮޑުކަމުނަޖިސް ފުރަގަސްފަރާތު ގޮހޮރުގައި ޖަމާވެ ނަޖިހުގެތަތްކަން ބޮޑުވުމަށްފަހު ނުވަތަ ހަރުވުމަށްފަހު ބޮޑުކަމުފާހާނާކުރާވަގުތުގައި ނަޖިސް ބޭރުނުކޮށްދިނުމެވެ.

ބަނޑުހިކުން މިބަސް ބުނެވެނީ އާންމުކޮށް ދެވޭ ވަރަށްވުރެ މަދުން ބޮޑުކަމުދެވުން، ނުވަތަ ބޮޑު ކަމުދާ ތަކެތި ހަރުކޮށް ހުރުމުގެ ސަބަބުން ބޮޑުކަމުދާން އުދަގޫވެ، ދެވޭ މިންވަރު މަދުވުމަށް ނިސްބަތްކޮށެވެ. ދެދުވަހުން 1 ފަހަރު ނަމަވެސް އެއްވެސް އުދަގުލެއްނެތި ފަސޭހަ ކަމާއެކު ބޮޑުކަމުދެވޭނަމަ އެއީ ބަނޑުހިކުން ކަމުގައި ނުބެލެވޭނެއެވެ.

އުމުރުންދުވަސްވާރަކުން ގޮހޮރުގެ ހަރަކާތްތައް %95 މީހުންގެ މަދުވެ ބޮޑުކަމުފާހާނާކުރަން ޖެހެނީ ހަފްތާއަކު ތިންފަހަރު ނުވަތަ ދެފަހަރުއެވެ. އާދައިގެ މަތިން ބޮޑުކަމުފާހާނާކޮށް އުޅެނީ ރެއާދުވާލު އެއްފަހަރު އެވެ. އަދި %50 އަށްވުރެވެސް މަދުބަޔަކަށް އެއްދުވަހު ދެފަހަރު ބޮޑުކަމުފާހާނާ ކުރެވިއްޖެއްޔާ ޖެހިގެން އަންނަދުވަހު ހަމަ އެއަދަދަށް ފާހާނާކޮށްލުމަކީ ދަތިކަމެކެވެ.

ޑޮކްޓަރީގޮތުން، ބަނޑުހަރުވެފައިވާކަމަށް ނިންމަނީ ހަފްތާއަކު މަދުވެގެން ތިންފަހަރު ބޮޑުކަމުނުދެވޭނަމައެވެ. ވަރަށްބޮޑަށް ކޮންސްޓިޕޭޓް ވުމަކީ ހަފްތާއަކު އެއްފަހަރު ބޮޑުކަމުދާންޖެހުމެވެ. ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ބޮޑުކަމުނުގޮސް ހުރުމުން އެމީހަކަށް މާބޮޑުއުނދަގޫތަކެއް ނުކޮށްފާނެއެވެ. އެހެންނަމަވެސް ނަފްސާނީގޮތުން ކޮންމެވެސްވަރެއްގެ ބަދަލެއްއައުމަކީ ވަރަށްއެކަށީގެންވާ ކަމެކެވެ.

ކުއްލިއަކަށް ބަނޑުހަރުވުމުން ނުވަތަ ބަނޑުހަރުވާން ފެށިތާ ގިނަދުވަސް ތަކެއް ނުވާނަމަ ވީހާވެސް އަވަހަކަށް ބަނޑުހަރުވާން މެދުވެރި ސަބަބު ހޯދަންވާނެއެވެ. އެއީ ބޮޑުގޮހޮރުގައި ޓިއުމަރެއްފަދަ އެއްޗެއްއުފެދުމުގެ ސަބަބުން ބަނޑު ހަރުވުމުގެ ފުރުސަތުބޮޑުވީމައެވެ.އަދި ބަނޑުހަރުވުމާއި ވިދިގެން ފުރަގަސްފަރާތުން ލޭ އައިސް ބަނޑުގައި ރިއްސާފަ މޭނުބައިކޮށް ހޮޑުލެވި ބަރުދަންލުއިވާ ކަމަށްވާނަމަވެސް ވަރަށް އަވަހަށް ބަނޑުހަރުވާން މެދުވެރިވި ސަބަބު ހޯދާ އެކަމަށް ހައްލެއްލިބޭތޯ އުޅެންވާނެއެވެ. ދާއިމީކޮށް ބަނޑުހަރުވަނީނަމަ އާދައިގެމަތިން ޓެސްޓްތައްހަދައިގެން ކުރިއަށް ގެންދެވިދާނެއެވެ. އެހެންނަމަވެސް މާބޮޑަށް ބަނޑުހަރުވުމުން އަވަސް ނުވަތަ ވަގުތީ ފަރުވާ އެއް ދޭންޖެހިދާނެއެވެ.


ބަނޑު ހިކުން މެދުވެރިވާ ސަބަބުތައް[އުނިއިތުރު ގެންނަވާ]

ބަނޑުހަރުވާން މެދުވެރިވާ މައިގަނޑު ސަބަބަކީ ކެއުމަށްފަހު ބަނޑުތެރޭގައި(ސްޓޮމަކްތެރޭގައި) ހަޖަމްވާ ކާނާ ނުވަތަ ނަޖިސް ގޮހޮރުގެ ތެރޭގައި ދަތުރުކުރުން ލަސްވުމެވެ. މިގޮތުން ގޮހޮރުގެ ކޮންމެ ހިސާބެއްގައިވެސް ނަޖިސް ދަތުރުކުރުން ލަސްވާގޮތް މެދުވެރިވެދާނެއެވެ. %95 އަށްވުރެ ގިނަފަހަރު ލަސްވަނީ ކޯލޯން ނުވަތަ ބޮޑުގޮހޮރުގެތެރޭގައެވެ.

ގިނަފަހަރު ބަނޑުހަރުވާނީ ކެވޭ ބޭހެއްގެ ސަބަބުންނެވެ. ހާއްސަކޮށް ތަދުކަނޑުވަން ހުންނަ ނާރކޮޓިކް އެކުލެވޭ ބޭސް(މިސާލަކަށް:-ކޮޑެއިން،އޮކްސީކޮޑޯން،ހައިޑްރޮމޯރފޯން)، ޑިޕްރެޝަން އަށް އުފައްދާފައިވާ ބޭސް(އެމިޓރިޕްޓިލީން،އިމިޕްރަމިން) ،ނިފިޑިޕިން ފަދަ ކެލްސިއަމްޗެނެލް ބްލޮކަރސް އާއި ދަގަނޑުގެބައި އެކުލެވޭ ބޭސްތައް ހިމެނެއެވެ. މިފަދަ ބޭސްތައްބޭނުންކުރަން ޖެހިއްޖެ ހިނދެއްގައި ބަނޑުހަރުވިނަމަވެސް ބޭސް ބޭނުންކުރުން މެދުކެނޑިގެންނުވާނެއެވެ. މާބޮޑަށް ބަނޑުހަރުވުމުގެ ކުރިން ވަގުތީފަރުވާއެއް ނުވަތަ ކެއުމަށްބަދަލުގެނެސްގެން އެމައްސަލަ ހައްލުވޭތޯ ބަލާށެވެ. އެއަށްފަހުގައިވެސް މާބޮޑުއުނދަގޫތަކެއް ވާނަމަ ބޭހަށް ބަދަލުގެނެވިދާނެއެވެ.މިސާލަކަށް ތަދުކަނޑުވަންބޭނުންކުރާ ބޭހެއްކަމުގައިވާ ބްރޫފަންގެ ބަދަލުގައި ތަދުކަނޑުވަން ކޮޑެއިން އެކުލެވޭބޭހެއްބޭނުންކުރެވިދާނެއެވެ.

ބޮޑުކަމުފާހާނާ ކުރަން އިހްސާސް އައުމަށްފަހު ގިނަފަހަރު ފާހާނާ ނުކޮށް ހިފެހެއްޓުން ނުވަތަ ލަސްކުރުން އާދަޔަކަށްވެއްޖެ ނަމަވެސް ބަނޑުހަރުވެއެވެ. އެއީ ބޮޑުކަމުފާހާނާ ކުރުމަކީ ސިއްޙަތުރަގަޅަށް ހުންނަމީހެއްގެ އަމިއްލަ އިޙްތިޔާރުގައިވާ ކަމެކެވެ. ބޮޑުކަމުފާހާނާ ކުރަންޖެހޭވަގުތު ފާހާނާ ނުލިބުމުގެ ސަބަބުން ވަރަށްގިނަ މީހުން އެކަންކުރުން ލަސްކޮށްހަދައެވެ. އެގޮތަށްކަންތައް ކުރުމުން ބަނޑުހިކޭނެއެވެ.

ބަނޑުހަރުވުމާއިވަރަށް ބޮޑަށް ގުޅިފައިވާ އަނެއްކަމަކީ ކެއުންބުއިން ބައްޓަންކުރެވިފައިވާ ގޮތް ނުވަތަ ޑައަޓް ކުރުމާއެވެ. ފައިބަރ އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުމުން ބޮޑުކަމުނަޖިސް މަޑުވެ ނަޖިސްހުންނަންޖެހޭ އެންމެ ރަގަޅު ގޮތުގައި ބަހައްޓައިދެއެވެ. ފައިބަރ މަދުން އެކުލެވޭ ކާނާބޭނުން ކުރާނަމަ ބަނޑުހަރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގުދުރަތީގޮތުން އެންމެ ގިނައިން ފައިބަރ އެކުލެވޭ ތަކެއްޗަކީ ތަރުކާރީ،މޭވާ އަދި ގޮދަނުގެ ބާވަތްތަކެވެ.

ވަކިވަރަކަށްވުރެ ދިގުމުއްދަތަކަށް ބަނޑުދިޔާކުރާބޭސް ނުވަތަ ޖުއްލާބު ބޭނުންކުރުމުންވެސް ބަނޑުހަރުވާގޮތް މެދުވެރިވެއެވެ. މިސާލަކަށް:- ސެނާ، ކަސްޓަރ ތެޔޮ ނުވަތަ އެކިބާވަތް ބާވަތުގެ ފަތްޕިލާވެލި ހިމެނެއެވެ. ހަށިގަނޑުގައި ވާ ބައެއް ހޯރމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންވެސް ބަނޑުހަރުވެއެވެ. ތައިރޮއިޑް ގްލޭންޑުން އުފައްދައިދޭ ހޯރމޯން ވަރަށްމަދުނަމަ ނުވަތަ ޕެރަތައިރޮއިޑް ގްލޭންޑުން އުފައްދައިދޭ ހޯރމޯން ވަރަށް ގިނަނަމަ ބަނޑުހަރުވެދާނެއެވެ. މައްސަރު ދުވަސްކޮޅު ގައާއި ބަނޑުބޮޑުދުވަސްކޮޅުގައި އިސްޓްރޮޖަން އާއި ޕްރޮގެސްޓެރޯން ލޭގެތެރޭގައި ހުންނަ މިންވަރު މައްޗަށްދިއުމުން ބަނޑުހިކެއެވެ. ޖެހިފައިވާ ބައްޔެއްގެ ސަބަބުން ގޮހޮރަށް އަސަރުކޮށް ގޮހޮރުގެ މަސައްކަތަށް ބުރޫއަރައި ބަނޑުހަރުވާން މެދުވެރިވެދާނެއެވެ. މިސާލަކަށް:- ހަކުރުބަލި ، ގޮހޮރުގައި ކެންސަރު ނުވަތަ ސްޓްރިކްޗަރ ފަދަ ބައްޔެއްހުރުން ހިމެނެއެވެ. އަދި މައިބަދަޔަށް އަނިޔާއެއްލިބުމުންނާއި އަތްފައި ތުރުތުރުއަޅާ ބަލި ނުވަތަ ޕާރކިންސަނިޒްމް ފަދަ ކަމެއް ސިކުނޑިއާއި ނާރުތަކުގެނިޒާމުގައިވާނަމަ އެކަމެއްގެ ސަބަބުން ބަނޑުހަރުވާނެއެވެ. ހަމައެހެންމެ ބޮޑުގޮހޮރަށް އަންނަ ބަދަލެއްކަމުގައިވާ ކޮލޯނިކް އިނާރޝިއާ ގެ ސަބަބުން (ގޮހޮރުގެ ނާރުތަކަށާއި މަސްތަކަށް ވަރަށްބޮޑުބަދަލެއް އައިސް ގޮހޮރުގެމަސައްކަތައްބުރޫ އެރުމުގެ ސަބަބުން) ބޮޑުކަމުނަޖިސް އެންމެ ފުރިހަމަ ގޮތުގައި ބޭރުކޮށްދިނުމަށް ހުރަސް އަޅައެވެ. ކަށިވަތުގެ ނުވަތަ އުނަގަނޑާއި ފުރަގަސްފަރާތުދޮރު ވަށައިގެންވާ މަސްތަކަށް އަންނަބަދަލެއްގެ ސަބަބުން ބޮޑުކަމުދިއުމަށް ދަތިވާމީހުން ވެސްމަދެއްނޫނެވެ.


އެހެން ބައެއް ސަބަބުތައް[އުނިއިތުރު ގެންނަވާ]

 • ބޮޑުކަމުދާން ޖެހޭހިނދު ނުގޮސް ހިފަހައްޓައިގެން ހުރުން: މިގޮތަށް ހުރުމުން ނަޖިސް ބޮޑު ގޮހޮރު ގައި ޖަމާވެ، ހަރުލައި އެއިން ފެން ހަށިގަނޑަށް ދެމި ނަޖިސް ހަރުވެ ބޭރުކުރަން އުދަގޫވެއެވެ
 • ބޮޑު ގޮހޮރުގެ ހަރަކާތް ހިނގުން ލަސްވުން: ގޮހޮރުގެ ހަރަކާތް ހިނގުން ލަސްވުން މެދުވެރި ވާ ސަބަބުތަކުގެ ތެރޭގައި ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން މަދުވުން، ޕްރޮޓީން އެކުލެވޭ ކާނާ ބޭނުންކުރުން ގިނަވުން، އަދި ދިޔާތަކެތި ބުއިން މަދުވުން ފަދަ ކަންތައް ތައް ހިމެނެއެވެ.
 • އެހެނިހެން ސަބަބުތަކުގެ ތެރޭގައި ހާސްވެ ފިކުރު ބޮޑުވުން، ހެލިފެލިވެ އުޅުން މަދުވުން، މާބަނޑުވުން، ބަރާބަރަށް ނުކެއުން އަދި ބައެއް ބާވަތުގެ ބޭސް ބޭނުން ކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުޑަކުދިންނާއި ބަނޑުހިކުން[އުނިއިތުރު ގެންނަވާ]

ބަނޑުހަރުވެ ބޮޑުކަމުދިއުމަށް ދަތިވުމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ. އަދި ކުޑަކުދިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކަން ޖެހެނީ ވެސް އެމައްސަލާގައެވެ. ދިރާސާތަކުން ދައްކާގޮތުގައި ކުޑަކުދިންގެ ތެރެއިން 10 އިންސައްތަ ކުދިން ބަނޑުހަރުވުމުގެ ވޭނާއި ތަދު އިހްސާސް ކުރަން ޖެހެއެވެ. މީގެތެރެއިން ޑޮކްޓަރެއްގެ އިރުޝާދާއި އެކު ފަރުވާ ލިބިގަންނަނީ 3 އިންސައްތަ ކުދިންނެވެ.

ބަނޑުހަރުވުމަކީ ބޮޑުކަމުދިއުން މަދުވުމާއެކު ބޮޑުކަމުދާ ނަޖިހުގައި އެކުލެވޭ ފެނުގެ ބައި މަދުވެ ހިކިފައި އަދި ހަރުކޮށް ހުރުމެވެ. އެކި ކުދިން ބޮޑު ކަމުދިއުމުގައި ތަފާތު ތަކެއް ހުންނާނެ އެވެ. ކޮންމެ ދުވަހަކު ދެފަހަރު ނުވަތަ 3 ފަހަރު ދާކުދިން ތިބޭއިރު އަނެއްބައި ކުދިން ދެދުވަހުން 1 ދުވަހު ނުވަތަ 3 ދުވަހުން 1 ދުވަހު ވެސް ބޮޑުކަމުދެއެވެ. ނަމަވެސް އެއީ އެކުދިން އާދަކޮށް ބޮޑުކަމުދާގޮތްނަމަ އެއީ ބަނޑުހަރުވުމެކޭ ނުބުނެވޭނެ އެވެ.

ކުއްޖާގެ އުމުރުން 3 ނުވަތަ 4 އަހަރު ވަރުވަންދެން ވަކި ތަރުތީބެއް ނުވަތަ ވަކި އާދަތަކެއް ނުހުރެޔޭ ބުނެވިދާނެ އެވެ. ވިހެއީއްސުރެ މިއުމުރާ ޖެހެންދެން އެކި ކުދިންގެ ބޮޑު ކަމުދިއުމަށް ބަދަލުތަކެއް އާދެއެވެ. ކުޑަކުދިން ބަނޑުހަރުވުމަކީ އާންމު ގޮތެއްގައި ހަށިގަނޑުގައި ހުންނަ ބޮޑު ބައްޔަކުން ވާކަމެއް ނޫނެވެ. ނަމަވެސް އެކަން މެދުވެރިކުރުވާ ސަބަބުތައް ވަރަށް ގިނައެވެ.

 • އުމުރުން 18 އަހަރުން މަތީގެ ކުދިން ބޮޑުކަމުދިއުމަށް އިށީނުމަށް ދެކޮޅު ހަދަނީ އެއުމުރުގައި ކުޅުމައިގެން އަވަދިނެތި މާބޮޑަށް އުޅެން ހަދައިގެންނެވެ. ކުޅުން ހުއްޓާލުމަށްފަހު ބޮޑުކަމުދިއުމަށް އެމީހުން ނުރުހެއެވެ. ވުމާއެކު މިއީ އެއުމުރުގެ ކުދިން ބޮޑުކަމު ދިއުމަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
 • ސުކޫލަށް ދާކުދިން ބަނޑުހަރުވުމަށް ދިމާވާ މައްސަލަ ތަކުގެ ތެރޭގައި ސުކޫލްގެ ފާޚާނާ އަށް ބޮޑުކަމުދާން ބޭނުން ނުވުން ހިމެނެއެވެ. ސަބަބަކީ ސުކޫލްގެ ފާޚާނާގެ ސާފުތާހިރުކަމާމެދު ޝައްކުވުމާއި، އަދި އަމިއްލަވަންތަކަން އިހްސާސް ނުކުރެވޭތީ އެވެ.
 • ކުޑަކުދިން ފާޚާނާއަށް ދާން ބިރުގަންނަ ކަހަލަ ކަމެއް ކުރިން ދިމާވެފައިވާނަމަ ބޮޑުކަމުދިއުމުގެ އިހްސާސް ކުރެވުނަސް އެކަން ހިފަހައްޓައި ކޮންޓްރޯލްކުރަން މަސައްކަތްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފުރަގަސް ފަރާތު ހޮޅިން ސިކުނޑިއަށް ފޮނުވާ މިއިހްސާސް ތަކަށް ބީރުކަންފަތެއް ދިނުމަށް ސިކުނޑިއަށް އާދަވެއެވެ. ވުމާއެކު ބޮޑުކަމުދާ އެއްޗެހި ފުރަގަސް ފަރާތު ހޮޅީގެ ތެރޭގައި ހުރެ، އޭގައިވާ ފެނުގެ ބައި މަދުވުމާއެކު ނަޖިސް ހަރުވެ ހިކެން ދިމާވާނެއެވެ. މިހެންވުމުން ކުޑަކުއްޖާއަށް މިތަކެތި ބޭރުކުރުމަކީ މާއުދަގޫ ައަދި ތަދު އިހްސާސް ކުރަންޖެހޭ ކަމަކަށް ވެއެވެ. އޭގެ ސަބަބުން ބޮޑުކަމު ނުގޮސް ހުރުމަށް މާބޮޑަށް މަސައްކަތް ކުރެއެވެ.
 • ކާއެއްޗެހި ބަދަލުވުން ނުވަތަ ކާމިންވަރު ބަދަލުވުމަކީ ބޮޑުކަމުދިއުމަށް އަސަރު ކުރާ ކަމެކެވެ. ނަރު ހުންނަ ކާނާގެ ބާވަތްތައް ކެއުމަކީ ބޮޑެތި މީހުންނަށް ބޮޑުކަމުދިއުމަށް ފަސޭހަކޮށްދޭ ކަމަކަށް ވިޔަސް، އެއީ ކުޑަކުދިންގެ ބަނޑު ރަގަޅުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ނުދައްކައެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ ކާނާގެ ހުރިހާ ބައިތަކެއް ހިމެނޭ ހަމަހަމަ ކާނާ އެއް ބޭނުންކުރުމަކީ ބަނޑުހަރުވެ ބޮޑޫކަމުދިއުމުގެ މައްސަލަތައް ދިމާނުވާ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ.
 • ގާތުންކިރުދޭ ކުދިންނަށް ބޮޑުކަމުދިއުމުގައި ދިމާވާ މައްސަލަތައް ފޯމިއުލާ ކިރުދޭކުދިންނާ އަޅާބަލާއިރު މަދުކަމަށް ފާހަގަ ކުރެވެއެވެ. ގާތުންކިރުދޭކުދިން ހަފްތާއަކު 40-5 ފަހަރާއި ދެމެދުގެ އަދަދަކަށް ބޮޑުކަމުދާއިރު، ފޯމިއުލާ ކިރު ދޭކުދިން ބޮޑުކަމުދަނީ ހަފްތާއަކު 28-5 ފަހަރާއި ދެމެދުގެ އަދަދަކަށެވެ. އަދި ފޯމިއުލާ ކިރުގެ ވައްތަރުތައް ބަދަލު ކުރުމުން ވެސް ބައެއް ފަހަރު ތުއްތު ކުދިންނަށް ބަނޑުހަރުވެ މައްސަލަތައް ދިމާވެއެވެ.
 • ކުޑަކުދިންނާއި އަދި ޅަކުދިން ގިނައިން ފޮނި ކާތަކެތި ކެއުމުގެ ސަބަބުން ވެސް ބަނޑުހަރުވާ ގޮތް ވެއެވެ.
 • ކުޑަކުއްޖާ ބަލިވުމުގެ ސަބަބުން ނުކެވި، އަދި ހޮސްޕިޓަލްގައި އެދުމަތިކޮށް ދިގުމުއްދަތަކަށް ފަރުވާ ކުރުމަކީ ވެސް ބަނޑުހަރުވުމަށް މެދުވެރިވާ ސަބަބެކެވެ.
 • ކުޑަކުއްޖާގެ ހަށިގަނޑުގައި ހުންނަ ބައްޔެއްގެ ސަބަބުން ވެސް ބަނޑު ހަރުވެއެވެ. މިގޮތުން ފާޙަގަކޮށްލެވޭ ޙާލަތްތަކުގެ ތެރޭގައި:-
  • ތައިރޮއިޑް ގްލޭންޑް އިން އުފައްދާ ހޯރމޯން ލޭގެ ތެރޭގައި ހުންނަން ޖެހޭ މިންވަރަށްވުރެ މަދުވުން(އިނގިރޭސި ބަހުން: Hypothyroidism) އިންވެސް ކުޑަކުދިންނަށް ބަނޑުހަރުވުން މެދުވެރި ކުރުވައެވެ.
  • ހަކުރު ބަލި ހުންނަ ކުދިންނަށް ބަނޑުހަރުވުމަކީ ޢާންމު ކަމެކެވެ.
  • ސެރެބްރަލް ޕަލްސީ ފަދަ ސިކުނޑީގެ ބަލިތަކާއި، ސްޕައިނަލް ކޯޑްގެ ބަލިތައް ޖެހިފައިވާ ކުދިންނަށް ބަނޑުހަރުވުމަކީ އާންމު މައްސަލަ އެކެވެ.
  • ހަށިގަނޑުގައި ހިމެނޭ ކެލްސިއަމް އަދި ޕޮޓޭސިއަމްގެ މިންވަރު މަދުވާނަމަވެސް ބަނޑު ހަރުވެދާނެއެވެ.
  • ކުޑަކުއްޖާ ވިހެއީއްސުރެ ބޮޑުކަމުދާން އުދަގޫވެ ބަނޑުހަރުވާނަމަ އެއީ އުފެދުމުގައި ފުރަގަސް ފަރާތު ހޮޅީގައި އެކުލެވެންޖެހޭ އިހްސާސް އުފުލާ ނާރުތަކެއް އުފެދިފައި ނެތުން(އިނގިރޭސި ބަހުން: Hirs sprung disease) ގެ ސަބަބުން ކަމަށް ވެސް ވެދާނެ އެވެ. އެފަދަ ޙާލަތެއްގައި އެކަން ޔަގީންކޮށް ފަރުވާކުރުން މުހިއްމެވެ.
 • ތަފާތު ބޭސްތައް ދިނުމަކީ ވެސް ކުޑަކުދިންނަށް ބަނޑުހަރުވުން މެދުވެރިވާ ކަމެކެވެ.

އުމުރުން ދުވަސްވުމާއި ބަނޑުހިކުން[އުނިއިތުރު ގެންނަވާ]

އުމުރުން 60 އަހަރުން މަތީ މީހުންގެ މެދުގައި ބަނޑުހިކުން އާންމުކަން ފާހަގަ ކުރެވެއެވެ. އެއީ މިއުމުރުގައި ހެލިފެލިވެއުޅުން މަދުވުން، އަބަދު އެއްތަނެއްގައި އިށީދެ ނުވަތަ އޮށޯވެތިބުން، ތަފާތު ބަލިތަކަށް ބޭސް ބޭނުންކުރާ މިންވަރު މިއުމުރުގައި އިތުރުވުމުގެ ސަބަބުންނެވެ. އުމުރުން ދުވަސްވުމުން ކާތަކެތި ބޭނުންކުރެވެ މިންވަރު މަދުވުމާއި، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުގައިވާ މަޑުމަސްތަކުގެ މަސައްކަތް ހިނގުން ދަށްވެ، ގޮހޮރު ފަހަނައަޅައި ބޮޑުކަމުދާ ތަކެތި ދިއުން ލަސްވުން ފަދަ ކަންކަމަކީ ވެސް މިއުމުރުގައި ބަނޑުހިކުން މެދުވެރިވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އަދި މިއުމުރުގެ މީހުންގެ މެދުގައި ފުރަގަސް ފަރާތުގައި ބޮޑުކަމުދާތަކެތި ތާށިވުން ފަދަ ކަންތައް ކުރިމަތިވުން އާންމުކަން ފާހަގަ ކުރެވެއެވެ.

މާބަނޑުވުމާއި ބަނޑުހިކުން[އުނިއިތުރު ގެންނަވާ]

މިއީ ބަލިވެއިންނަ %50އިންސައްތަ އަންހެނުން ކުރާ ޝަކުވާއެކެވެ. ބަލިވެއިނުމާއި ވިދިގެން ރަހިމު ބޮޑުވެ، ފުޅާވުމުން ފުރަގަސް ފަރާތް(Rectum)ފިތޭގޮތްވުން، ޕްރޯޖެސްޓަރޯން(Progesterone)ހޯރމޯން އިތުރުވުމާއި ގުޅިގެން ކާތަކެތި ހަޖަމުކުރާ ނިޒާމް(Digestive tract)ގައި ކާތަކެތި ހަރަކާތްކުރުން ދަށްކޮށްލުން، މިއީ ބަނޑުހިކުން މެދުވެރިކުރުވާ ބައެއް ސަބަބުތަކެވެ. އިސްވެދެންނެވުނު ގޮތަށް ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ހިގުން ނުވަތަ ހަރަކާތްކުރުން ދަށްވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު އިތުރުވެ، ފެން ހަށިގަނޑަށް ދަމާމިންވަރު ގިނަވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރުގައި ހުރި ތަކެތި ހަރުވެ، ބޭރުވާން އުދަގޫވެއެވެ. ބަނޑުހިކުމުގެ މައިގަނޑު ސިއްރަކީ މިއީ އެވެ.

އަންނަނިވި ކަންތައްތައް ބަނޑުހިކުމުގެ މައްސަލައިން ސަލާމަތްކުރުމުގައި އެހީއަކަށް ވެއެވެ.

 • ރޯމޭވާ،ތަރުކާރީ،ގްރެއިން ސެރެލްސް،ޕާން ފަދަ ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުން

މިކާތަކެތި ބޭނުންކުރާ އިރު މޭވާ، ނުވަތަ ތަރުކާރީ އެކުލެވޭ ޖޫސް ބޭނުން ކުރެވިދާނެއެވެ. މިގޮތުން ދުވާލަކު 1 ނުވަތަ 2ތަށި ޖޫސް ބޯށެވެ.މިގޮތުން ޕްރޫން ޖޫހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ.

 • ކޮންމެ ދުވަހަކު މަދުވެގެން 8 ނުވަތަ 10ތަށި ފެންބުއިމަށް އާދަކުރުން
 • ކޮފީ،ސައި،ކޯލާ ފަދަ ބުއިންތަކާއި ދުރުހެލިވުން
 • ކަސްރަތުކުރުން، ކުޅިވަރުކުޅުން،ފެތުން،ބަނޑުހިކުން ކުޑަކޮށްދެއެވެ.
 • މާމުއި ފަދަ ތަކެތި ކޮންމެ ދުވަހެއްގެ ކާނާގައި ހިމެނުން
 • ކޮންމެ ދުވަހަކު މަދުވެގެން ބައިގަޑިއިރު ހިގާލުން

ބަނޑުހިކުން މެދުވެރިވުމުން ފެނިދާނެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

 • ބަނޑުގައި ރިހުން
 • ބަނޑުގައި ވައިހެދި ފުފުން
 • މާގިނައިން ފުރަގަސްފަރާތުން ވައިބޭރުކުރެވުން
 • ކާހިތްނުވުން
 • މޭނުބައިކުރުން
 • ބޮލުގައި ރިހުން
 • ބޮޑުކަމުދެވެން އުޅޭހެން އިހްސާސް ކުރެވުން
 • ބޮޑުކަމުދެވުނަސް ގޮހޮރު ހުސްނުވާހެން ހީވުން
 • ބޮޑުކަމުދިއުމުގެ ތެރޭގައި ފުރަގަސްފަރާތު ދޮރުގައި ރިހުން
 • ފުރަގަސް ފަރާތު ދޮރުގެ ވަށައިގެންވާ ހިސާބު ހިރުވައި ފާރުވުން

ބަނޑުހިކުން ދެނެގަތުން[އުނިއިތުރު ގެންނަވާ]

ބަނޑުހަރުވާން ނުވަތަ ބޮޑުކަމުފާހާނާ ކުރުމަށް ދަތިވާންޖެހޭ ސަބަބުތައް ގިނަކަމުން ބަނޑުހަރުވެގެން ޑޮކްޓަރަށް ދެއްކުމުން ރަގަޅު ފުރިހަމަ ފަރުވާއެއްދިނުމުގެ ކުރިން ބަލިމީހާއާއި ބެހޭ ވަރަށްގިނަ މައުލޫމާތު އޮޅުންފިލުވާނެއެވެ. އަދި މީގެ އިތުރުން އެތެރެހަށީގެ ބައްޔެއްހުރިތޯ އާއި ފުރަގަސްފަރާތު ބައްޔެއްހުރިތޯ ވަރަށް ރަގަޅަށް ބަލާނެއެވެ. އެއަށްފަހު ލޭގެ އާއި ބޮޑުކަމުނަޖިހުގެ ޓެސްޓުތަކަކަށްފަހު ބަނޑުހަރުވާން މެދުވެރިވި ސަބަބު ޔަގީން ނުވާނަމަ އެކްސްރޭ ނަގައިގެން (މިސާލަކަށް:-އާދައިގެ ބަނޑުގެ އެކްސްރޭއެއް، ބޭރިއަމް އެނީމާ، ޑެފިކޮގްރަފީ) ކުރިޔަށްގެންދާނެއެވެ.އަދި މިދެންނެވި ޓެސްޓުތަކުގެ އިތުރުން ޕްރޮކްޓޮސްކޮޕީ ނުވަތަ ކޮލޮނޮސްކޮޕީ ހަދާފާނެއެވެ.


ބަނޑުހިކުމުން ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

ބަނޑުހަރުވުމުން ފަރުވާ ދެވިދާނެގޮތްތައް ގިނަކަމުން އެންމެފަސޭހަ އަދި ރަގަޅު ގޮތަކީ ފަރުވާދޭން ފެށުމުގެ ކުރިން ބަނޑުހަރުވާން މެދުވެރިވިސަބަބު ހޯދުމެވެ. ބަނޑުހަރުވެއްޖެކަން އެގުމުން ކެއުންބުއިމަށް ބަދަލުގެންނާށެވެ. ފެންބުއިން އިތުރުކޮށްލުމަށްފަހު ކެއުމުގައި ތަރުކާރީ އާއި މޭވާ އިތުރު ކޮށްލާށެވެ. ރެއާދުވާލު އެއްމެ މަދުވެގެންވެސް ތިންއިރު ތަރުކާރީ/މޭވާ ކާންވާނެއެވެ. ހާއްސަކޮށް ބަނޑުދިޔާކޮށްދޭފަދަ މޭވާ ނުވަތަ ތަރުކާރީ (މިސާލަކަށް:-ފަޅޯ، ޕްލަމް،އެޕްރިކޮޓް،ލެޓިއުސް،ކިއުކަމްބަރ، ކެބެޖް،)އެއްއިރު ނަމަވެސް ކާންވާނެއެވެ. ވަކިވައްތަރެއްގެ ފަތްޕިލާވެލި(މިސާލަކަށް:- މާބުޅާފަތް،ކޮޕީފަތް، މުރަގަފަތް) ބޭނުންކުރެވިދާނެއެވެ.އަދި ހަމައެހެންމެ ފައިބަރ ގިނައިން އެކުލެވޭ ތައްޔާރީ ކާނާވެސް އެއްމެރަގަޅުވާނެއެވެ. "ޕްރޫން ނުވަތަ ޕްރޫންގެ ޖޫހަކީ ބަނޑުހަރުވާތީ ވަރަށްކުރިއްސުރެވެސް ވަރަށްއާއްމުކޮށް ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އަދި މަދުމަދުން މި ބޭނުންކުރުމުން ބޮޑުގޮހޮރު ހަލާކުވާފަދަ މައްސަލައެއްޖެހުނު ކަމަކަށް އެނގިފައެއްނުވެއެވެ. އެހެންނަމަވެސް ވަރަށް އާއްމުކޮށް ބޭނުންކުރެވޭ އެއްޗެއްކަމުގައިވާ ފަތްޕިލާވެލީގެ ބާވަތްތައް ދާއިމީކޮށް ގިނަމުއްދަތަކަށް ބޭނުން ކުރުމުން ގިނަފަތުގައި ހުންނަނީ ސްޓިމިއުލެންޓް ލެކްޒެޓިވް އެއްކަމުގައިވާތީ ބޮޑުގޮހޮރު ފާރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ." ބައެއްބަލިމީހުންނަށް (މިސާލަކަށް:- ގޮހޮރުގައި ސްޓްރިކްޗާރ އުފެދި ގޮހޮރުގެވަކިހިސާބެއް ކޮންމެވެސްވަރަކަށް ބެދިފައިވާ މީހުން) ފައިބަރ ގިނައިންއެކުލެވޭ ކާނާބޭނުން ކުރުމުން އިތުރުއެހެން ސިއްޙީ މައްސަލަތައް ދިމާވެދާނެތީ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ނުވަތަ ސިއްޙީއެހީތެރިއެއްގެ ލަފާހޯދަންވާނެއެވެ.

ޑޮކްޓަރަށް ދައްކައިގެން އެކިވައްތަރުގެ ލެކްޒެޓިވްސް ނުވަތަ ބަނޑުދިޔާކޮށްދޭ ބޭސް ބޭނުންކުރެވިދާނެވެ. ކޮންވަތަރެއްގެ ބޭހެއްތޯ ނުވަތަ ބޭސް ބޭނުންކުރަންޖެހޭނީ ކިހާމުއްދަތަކަށްތޯ އޮޅުންފިލުވަންވާނެއެވެ. އެއީ ލެކްޒެޓިވްސް ތަކުގެތެރޭގައި ލުބްރިކަންޓް ލެކްޒެޓިވްސް، ބޮޑުކަމުނަޖިސް މަޑުކުރަންދޭ އެމޮލިއެންޓް ލެކްޒެޓިވްސް ،ހައިޕަރއޮސްމޮލަރ ލެކްޒެޓިވްސް، ހާއްސަކޮށް މެގްނޭޒިއަމް އެކުލެވޭ ސެލައިން ލެކްޒެޓިވްސް އަދި ސްޓިމިއުލަންޓް ލެކްޒެޓިވްސް(މިސާލަކަށް:- ސެނނާ،ބިސޮކޮޑީލް) ހިމެނޭތީއެވެ.

މާބޮޑަށް ބަނޑުހަރުވުމުން އެނީމާ ނުވަތަ ބޮޑުބުންބާކުރަން ޖެހިދާނެއެވެ. ބުންބާކުރުމަށްޓަކައި،ތައްޔާރު ކުރެވިފައިވާބޭހެއް ހިމަހޮޅިއެއްގެއެހީގައި ފުރަގަސްފަރާތުގޮހޮރަށް ފޮނުވާލާނެއެވެ. އަދި މިފަދަ ބޭހެއް ލިބެންނެތްނަމަ ފެނުގެތެރެއަށް ސައިބޯނި ގިރުވައިގެން ބޭސްފެން ތައްޔާރުކުރެވިދާނެއެވެ. މިގޮތަށް ބުންބާކުރުމުގެ ކުރިން ފުރަގަސްފަރާތުގޮހޮރުގައި ބޮޑުކަމުނަޖިސް ހުރިކަން ޔަގީންވާންވާނެއެވެ.

ވަގުތީ ގޮތުން ނުވަތަ އަވަސް ފަރުވާއެއްގެ ގޮތުގައި ފުރަގަސްފަރާތަށްލައްވާ ބޭސްގުޅައެއްކަމުގައިވާ ސަޕޯސިޓްރީ ބޭނުންކުރެވިދާނެއެވެ. ސަޕޯސިޓްރީ ބޭނުންކުރަން ފަސޭހަވެފައި ނަތީޖާވެސް ވަރަށް ރަގަޅުވާނެއެވެ. އަދި ހާއްސަކޮށް ބޭސްގުޅަލައްވާ ވަގުތު އިނގިލިކޮންމެވެސް ވަރަކަށް ފުރަގަސްފަރާތުން އެތެރެއަށް ލައްވާލެވިއްޖެއްޔާ ބޮޑުކަމުފާހާނާ ކުރަންޖެހޭލެއް އަވަސް ވާނެއެވެ. ބޮޑުކަމުނަޖިސް ފުރަގަސްފަރާތުގޮހޮރުގައި ބޭރުނުވެ ހުންނަތާ ގިނައިރުވުމުން ބޮޑުކަމުނަޖިހުން ހިލައުފެދުމަކީ ދިމާވާ މައްސަލައެކެވެ. ވީމާ ސަޕޯސިޓްރީ ލެއްވުމުގެކުރިން ނުވަތަ އެނީމާ ދިނުމުގެ ކުރިން ހިލަތައްނަގާފާނެއެވެ.

ބަނޑުހަރުވެފައި ތިބޭ މީހުން ހަމައެކަނި ކަސްރަތުކޮށްގެން މާބޮޑު ފަސޭހަކަމެއް ލިބޭކަމަކަށް އެއްވެސް ދިރާސާއަކުން ނުދައްކައެވެ. އެހެންނަމަވެސް އެއްވެސް ކަސްރަތެއް ނުކޮށް ކަންނެތް ދިރިއުޅުމެއް އުޅޭމީހުންނަށް ބަނޑުހަރުވުގެ މައްސަލަ ދިމާވުމުގެ ފުރުސަތުބޮޑެވެ. ފުރަގަސްފަރާތް ވަށައިގެންނާއި ކަށިވަތުގައިވާ މަސްތައް ވަރުގަދަކޮށްބެހެއްޓުމަށާއި ފުރަގަސްފަރާތުގޮހޮރުގައިވާ ސްފިންކްޓަރ ޓްރޭންކުރުމަށްޓަކައި "ބަޔޮފީޑްބެކް" އޭ ކިޔާ ކަސްރަތު ޕްރޮގްރާމެއްވެސް ވަނީތައްޔާރުކުރެވިފައެވެ.

ދާއިމީކޮށް ބަނޑުހަރުވާ މީހުން ވަރަށްގިނަ ގޮތްގޮތަށްފަރުވާ ހޯދުމަށްފަހު ރަގަޅު ނުވުމުން އެކަމަށްހާއްސަ އޮޕަރޭޝަނެއްކުރުމުން އެ މައްސަލަ ހައްލުވާނެއެވެ.

ބަނޑުހަރުވުމުން ބައެއްމީހުން ކުރާކަންތައްތަކުގެ ތެރޭގައި ގްރީންޓީ ނުވަތަ ފެހިސައިފަތުފެންބުއިން، ކިރުކޮފީތައްޓެއް ބޯލުން، ދެތިންދުވަހެއް ވަންދެން ބައި ޖޯޑުގެ ގާނާފައި ހުންނަ ރޯ ކެރެޓްގެ ތެރެއަށް ދެ މޭޒުމަތީސަމްސަލުގެ ޒައިތޫނި ތެޔޮ އަޅައިގެން ކެއުން، ސަނާމުކީ ފަތްހިއްކާފައި ކުދިކުދި ކޮންގުޅަހަދައިގެން ބޭނުންކުރުން، ކިރުތައްޓަކަށް މާމުއި އަޅައިގެން ބުއިމުގެއިތުރުން ގެރިކިރުބޮއެ ހަދައެވެ.

ބަނޑުހިކުމުން ރައްކާތެރިވެދާނެ ބައެއް ކަންތައްތައް[އުނިއިތުރު ގެންނަވާ]

 • ބޮޑުކަމުދާން ބޭނުންވާ ހިނދު ހިފަހައްޓައިގެން ހުރުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ބޮޑުކަމުދިއުމާއި، އަދި ކޮންމެ ދުވަހަކު ބޮޑުކަމުދިއުމަށް ވަކި ވަގުތެއް އާދަކުރެވޭތޯ ބަލާށެވެ. މިސާލަކަށް ބޮޑުކަމުދާން އޮންނަ ވަގުތަކީ ހެދުނުގެ ނާސްތާއަށްފަހު އޮންނަ ވަގުތު ކޮޅު ކަމުގައި ކަނޑައަޅައި އެގޮތަށް ޢަމަލުކުރެވިދާނެ އެވެ. ބޮޑުކަމު ނުގޮސް ހުރުމުން ނަޖިސް ގޮހޮރުގައި ހަރުލާގޮތް ނުވަތަ ޖަމާވާގޮތް ވެއެވެ. މިގޮތަށް ނަޖިސް ހަރުލައިފައި ހުރުމުން އެއިން ފެން ހަށިގަނޑަށް ދެމި ހިކި ހަރުވެ ބޮޑުކަމުދާ ތަކެތި ބޭރުވާން އުދަގޫވެއެވެ.
 • ގިނަގިނައިން ފެން އަދި ދިޔާތަކެތި ބޯން އާދަކުރާށެވެ. މިގޮތުން ދުވާލަކު 8 ނުވަތަ 10 ތަށި ފެންބުއިމާއެކު ތަރުކާރީ އަދި މޭވާ ޖޫސް ބޭނުންކުރާށެވެ. ޚާއްޞަކޮށް ޕްރޫން ޖޫސް އަދި މާމުއި ފަދަ ތަކެތި ބޭނުންކުރުމަކީ ބަނޑުހިކުމުން ރައްކާތެރިވުމުގައި އެހީއަކަށް ވާނެއެވެ. ޚާއްޞަކޮށް ހެދުނު ގަޑީގައި ގިނައިން ފެން ބުއިމަކީ ވަރަށް ބޭނުންތެރި ރަގަޅު ކަމެކެވެ.
 • ދިޔާ ތަކެތީގެ ގޮތުގައި ކަޅުސައި، ކޮޕީ، ކޯލާ ފަދަ ކެފޭއިން އެކުލެވޭ ތަކެތި ބުއިމާއި ދުރުހެލިވާށެވެ. ހަމަމިހެން ބަނގުއާވީގެ އަސަރު އެކުލެވޭ ދިޔާތަކެތި ބޭނުން ނުކުރާށެވެ. އެއީ މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުން ފެންހުސްވުން ފަދަ ކަމެއް މެދުވެރިވެދާނެ ތީއެވެ.
 • ފައިބަރ އެކުލެވޭ ކާނާ ބޭނުންކުރުމަށް ޚާއްޞަ އަހައްމިއްޔަތެއް ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.
 • ކަސްރަތުކުރުން : ތަފާތު ވައްތަރުގެ ކަސްރަތު ކުރުމަކީ ވަރަށް ފައިދާ ހުރި ކަމެކެވެ.
 • ހަކުރު އަދި ފެޓް އެކުލެވޭ ކާނާގެ ބާވަތްތަކާއި ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
 • ކާން އޮންނަ ވަގުތު ތަކުގައި ބަރާބަރަށް ގަޑިން ގަޑިއަށް ކާން އާދަކުރާށެވެ.