Jump to content

ރަގަޅު ކާނާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ރަގަޅު ކާނާއަކީ ފުރިހަމަ ޞިއްޙަތެއްގައި ދިރިހުރުމަށްޓަކައި ކޮންމެ އިންސާނަކަށްމެ ލާޒިމް އެއްޗެކެވެ. ކުޑަ ދަރިފުޅު ހެދި ބޮޑުވަމުން އަންނަ ދުވަސްވަރު ބަރާބަރަށް ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ލިބެންޖެހެއެވެ. އެހެން ނޫނީ އެކުއްޖާއަށް ދުޅަހެޔޮ ގޮތުގައި ބޮޑުވުމުގެ ފުރުޞަތު ހަނިވެގެންދެއެވެ.

ކާނާ ބެހިގެންވާ މައިގަނޑު ބައިތަކަކީ:

  • ކާބޯ ހައިޑްރޭޓް
  • ޕްރޮޓީން
  • ފެޓް
  • މޭވާއާއި ތަރުކާރީ
  • ކިރާއި ކިރު އެކުލެވޭ އުފެންދުންތައް
  • ވިޓަމިން
  • އަދި މަޢުދަން ގެ ބާވަތް ތަކެވެ.

މިދެންނެވި ބައިތައް ހަށިގަނޑަށް ފުރިހަމައަށް ކާތަކެތީގެ ޒަރީޢާއިން ހަމަހަމަ ގޮތެއްގައި ފޯރުކޮށް ދެވޭނަމަ އެމީހެއްގެ ހަށިގަނޑު ދުޅަހެޔޮވެފައި، ރަގަޅުވާނޭކަން ޔަގީނެވެ.

ކާބޯހައިޑްރޭޓް

[އުނިއިތުރު ގެންނަވާ]

ކާބޯ ހައިޑްރޭޓުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި، ދަގަނޑު، ވިޓަމިން-ބީ، އަދި ފައިބަރު ލިއްބައިދެއެވެ. ކާބޯ ހައިޑްރޭޓް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ގޮދަން، ފިއްތި ގޮދަން، ހިމަގޮދަން، ޒުވާރި، ދޮނަޅަ، ޕާސްޓާ، ނޫޑްލްސް، އަދި އަލުއްވާއި، ބިސްކޯދު ފަދަ ބާވަތްތައް ހިމެނެއެވެ.

ޕްރޮޓީން އަކީ ހަށިގަނޑު ހެދިބޮޑުވުމުގައި ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަށިގަނޑުގައިވާ އެކިއެކި ގުނަވަންތައް، މަސްތައް، އެންޒައިމް ތަކާއި، ހޯރމޯންތައް އުފެދުމުގައި ޕްރޮޓީން ބައިވެރިވެއެވެ. ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަހާއި، ކަނޑުމަސް، ކިރު، ހިކި ތޮޅި، ޕީނަޓް ބަޓަރު، ބިސް، އަދި ބަދަން ފަދަ ބާވަތްތައް ހިމެނެއެވެ.

ފެޓް ނުވަތަ ސަރުބީ ހަށިގަނޑަށް ބޭނުންވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންކަމުން މާގިނައިން ފެޓް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ރަގަޅުކަމެއް ނޫނެވެ. ފެޓް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކިރު، ތަރުކާރީ ތެޔޮ، ޕީނަޓް ބަޓަރު، އަދި މާޖިރީން ފަދަ ކާނާގެ ބާވަތްތައް ހިމެނެއެވެ.

ރޯމޭވާ ތަރުކާރީ

[އުނިއިތުރު ގެންނަވާ]

މޭވާއާއި ތަރުކާރީ އަކީ ހަށިގަނޑަށް ބޭނުންވާ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް ފޯރުކޮށްދޭ މައިގަނޑު އެއް މަޞްދަރެވެ. އެހެން ކަމުން ދުވާލަކު މަދުވެެގެން ދެފަހަރު މޭވާއާއި ތަރުކާރީ ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މޭވާއާއި ތަރުކާރީގައި ވިޓަމިން-އޭ، ވިޓަމިން-ސީ، ދަގަނޑު، ފައިބަރުމ ޕޮޓޭސިއަމް، އަދި ފޮލިކް އެސިޑް ފަދަ މާއްދާތައް ހިމެނެއެވެ. ތަރުކާރީ ބޭނުންކުރުމުގައި ރޯކޮށް ހުއްޓައި ބޭނުންކުރެވިދާނެއެވެ. ނުވަތަ އިރުކޮޅަކު ފެނުގައި ކައްކައިގެން ވެސް ބޭނުންކުރެވިދާނެއެވެ. މާގިނައިރު ކެއްކުމުން ތަރުކާރީގައި ހިމެނޭ ފައިދާހުރި މާއްދާތައް ފެނުގެ ތެރެއަށް ބޭރުވެގެންދާކަމަށް ކާނާގެ މާހިރުން ވިދާޅުވެއެވެ. ކިރާއި ކިރު އެކުލެވޭ އުފެންދުންތަކުން ހަށިގަނޑަށް ޕްރޮޓީން، ކެލްސިއަމް، ވިޓަމިން-އޭ، އަދި ވިޓަމިން-ޑީ ލިއްބައިދެއެވެ.

ތަފާތު ވިޓަމިން ތަކަކީ ވެސް ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކެކެވެ. ވިޓަމިން-އޭ އަކީ ވަރަށް ގިނަ ބަލިތަކުން ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދޭ އެންޓި އޮކްސިޑެންޓެކެވެ. މީގެ އިތުރުން ލޮލުގެ ފެނުން ރަގަޅު ކޮށްދީ، ހަންގަނޑު ރައްކާތެރިކަންމަތީ ބެހެއްޓުމަށާއި، ކަށިތަކުގެ ހެދި ބޮޑުވުމަށް ވެސް ވިޓަމިން-އޭ ބޭނުންވެއެވެ. ވިޓަމިން އޭ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކެރެޓް، ކައްޓަލަ، ބިސް، ބްރޮކޮލީ، ސްޕިނެޗް އަދި ބައެއް ކަހަލަ ފަތުގެ ބާވަތްތައް ހިމެނެއެވެ.

ވިޓަމިން-ބީ އަކީ އޭގައި ތަފާތު ވައްތަރުތައް ހިމެނޭ ވިޓަމިނެކެވެ. މިގޮތުން ވިޓަމިން-ބީ6 އަކީ ލޭގެ ރަތް ސެލްތައް އުފެދުމަށާއި، ސިކުނޑިއާއި، ނާރުތައް އުފެދި ފުރިހަމަވުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ދޮންކޭލަކީ ވިޓަމިން-ބީ6 ހިމެނޭ ކާނާގެ މިސާލެކެވެ. ވިޓަމިން-ބީ12 އަކީ ލޭގެ ރަތް ސެލްތައް އުފެދުމަށާއި، ނާރުތަކުގެ ނިޒާމް ފުރިހަމަ ކަންމަތީ ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. ވިޓަމިން-ބީ12 ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކަނޑުމަސް، އަދި ކިރު ހިމެނެއެވެ. ވިޓަމިން-ބީގެ ތެރޭގައި ހިމެނޭ ރައިބޯފްލެވިން އަދި ސިއެމިން އަކީ ވެސް ކުޑަދަރިފުޅުގެ ހަށިގަނޑުގައި އެކިއެކި ބައިތައް އުފެދުމުގައި އެހީތެރިވެދޭ މާއްދާތަކެކެވެ.

ވިޓަމިން-ބީގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްވައްތަރަކީ ފޮލިކް އެސިޑެވެ. ފޮލިކް އެސިޑަކީ ސިކުނޑި އާއި، އޭގެ ވަށައިގެންވާ ފަށަލަތައް، އަދި މައިބަދައިގެ ތެރޭގައިވާ ސްޕައިނަލް ކޯޑްގައި އުފެދޭ ޢައިބުތަކުން ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަމަމިހެން އުފެދުމުގައި ހުންނަ ހިތުގެ ބަލިތަކާއި އެހެނިހެން ޢައިބު ތަކުން ނަޖާވުމުގައި ވެސް ފޮލިކް އެސިޑްގެ މުހިއްމު ދައުރެއްވާކަމަށް ގަބޫލު ކުރެވެއެވެ. ފޮލިކް އެސިޑް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ސްޕިނެޗް ފަދަ ފަތްޕިލާވެލީގެ ބާވަތްތަކާއި، ތޮޅި، ފަޅޯ، ފުށް، ހަނޑޫ، ޕާސްޓާ، ގެރިމޭ، ކުކުޅު އަދި ކުކުޅު ބިހުގެ ގޮބޮޅި ފަދަ ބާވަތްތައް ހިމެނެއެވެ.

ވިޓަމިން-ސީ އަކީ ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދީ ބަލިތަކުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާއެކެވެ. ހަންގަނޑާއި، ކަށިތައް، ދަތްތަކާއި ހިރުގަނޑު ސަލާމަތް ކަންމަތީ ބެހެއްޓުމުގައި ވިޓަމިން-ސީ ބައިވެރިވެއެވެ. ވިޓަމިން-ސީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އޮރެންޖް، ފަޅޯ، ސްޓޯބެރީ، ކަރާ، ޓޮމާޓޯ، މިރުސް، ކައްޓަލަ، ބޮޑި ކޮޕީ، އަދި ބްރޮކޮލީ ފަދަ ބާވަތްތައް ހިމެނެއެވެ.

ދަތްތަކާއި ކަށިތަކުގެ ދިރުމަށް ވިޓަމިން-ޑީ ބޭނުންވާއިރު މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅުގެ ސެލްތަކާއި، ޓިޝޫތައް އަދި ފުއްޕާމޭ ހެދިބޮޑުވުމަށް ވިޓަމިން-އީ ބޭނުންވެއެވެ. ކިރާއި، ޔޯގަޓް، ޗީޒް އަދި ޕާން ގައި ވިޓަމިން-ޑީ ހިމެނިގެންވާއިރު، ގޮދަން، ފެހިފަތާއި ތަރުކާރީ، އަދި ބަދަން ފަދަ ބާވަތްތަކުގައި ވިޓަމިން-އީ އެކުލެވިގެންވެއެވެ.

ރަގަޅު ކާނާގެ ތެރޭގައި ހިމެނޭ މަޢުދަންތަކުގެ ތެރެއިން ދަގަނޑަކީ ވަރަށް ބޭނުންތެރި މާއްދާއެކެވެ. ހަށިގަނޑުގެ އެކި ބައިތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި ބޭނުންވާ މާއްދާއެއް ކަމުގައިވާ ހީމޯގްލޯބިން އުފައްދަނީ ދަގަނޑުންނެވެ. ހަމަމިހެން ކަށިތަކާއި ދަތްތަކުގެ ދިރުމަށް ވެސް ދަނގަޑު ބޭނުންވެއެވެ. ދަނގަޑު އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަލުވި، ހިކި މޭބިސްކަދުރު، ފެހިކަން ގަދަ ތަރުކާރީ، އަދި އެއްގަމުގެ މަހުގެ ބާވަތްތައް ހިމެނެއެވެ.

ކެލްސިއަމް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި މަޢުދަނެކެވެ. ދަތްތަކާއި ކަށިތައް އުފެދި ފުރިހަމަ ވުމުގައި ކެލްސިއަމް ބައިވެރިވެއެވެ. މީގެ އިތުރުން ނާރުތަކާއި މަސްތަކުގެ ވަޒީފާ ފުރިހަމަ ކުރުމުގައި ވެސް މުހިއްމު ދައުރެއް ކެލްސިއަމް އަދާކުރެއެވެ. ކެލްސިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކިރާއި ކިރު އެކުލެވޭ އުފެންދުންތައް، ހިކިތޮޅި، ބަދަން، އަދި ފެހިކަން ގަދަ ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ. ރަގަޅު ކާނާގެ ތެރޭގައި ހިމެނޭ އެހެން ބައެއް މަޢުދަންތަކުގެ ތެރޭގައި ޒިންކް، ޕޮޓޭސިއަމް، އަޔޮޑިން، އަދި ފޮސްފަރަސް ފަދަ ބާވަތްތައް ހިމެނެއެވެ.

ކާނާގެ ތެރޭގައި މިދެންނެވި ހުރިހާ ބާވަތްތަކެއްގެ އިތުުރުން ދިޔާތަކެތި ހިމަނަންޖެހެއެވެ. މިގޮތުން ސާފު ބޯފެނާއި، ތަފާތު ބާވަތްތަކުގެ މޭވާ އަދި ތަރުކާރީ ޖޫސް، ކިރު ހިމަނަންޖެހެއެެވެ. ދިޔާތަކެތި ބޭނުންކުރުމަކީ ގުރުދާއާއި ކުޑަކަމުދާ ނިޒާމްގެ މައްސަލަަތައް ކުޑަކޮށްދީ، ހަޖަމުކުރާ ނިޒާމުގެ މައްސަަލަތަކަށް ލުއިކަން ގެނެސްދޭކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގެ އެތެރޭގެ އެކިއެކި ގުނަވަންތައް ބަރާބަރަށް އޭގެ ވަޒީފާ އަދާކުރުމަށް ވެސް ދިޔާތަކެތި ބޭނުންވެއެވެ. ދުވާލަކު މަދުވެގެން 8 ނުވަތަ 10 ތަށީގެ ދިޔާތަކެތި ބުއިމަކީ ރަގަޅު ކަމެކެވެ. ދިޔާތަކެތި ބޯއިރު ކޮފީއާއި ކަޅުސައި ފަދަ ކެފޭއިން އެކުލެވޭ ބުއިންތައް މަދުކުރަންޖެހެއެވެ. އެއީ މިފަދަ ތަކެތީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ފެނުގެ މިންވަރު ދަށްކުރުވާތީއެވެ.

ފުޑް ޕިރަމިޑް

[އުނިއިތުރު ގެންނަވާ]

ބައިނަލް އަގްވާމީ ފެންވަރެއްގައި ކާނާގެ ބައިތައް 6 ބަޔަކަށް ބަހާލެވިފައިވާ ފުޑް ޕިރަމިޑެއް ހެދިފައިވެއެވެ. މިޕިރަމިޑްގެ އެކިބައިތަކުގައި ރަގަޅުކާނާގެ ހުރިހާ ބައިތަކެއް ހިމަނާފައިވެއެވެ. މިޕިރަމިޑް ބަހާލެވިފައިވާ ކާނާގެ މައިގަނޑު ބައިތަކަކީ ގޮވާމުގެ ބާވަތްތައް، ތަރުކާރީގެ ބާވަތްތައް، މޭވާގެ ބާވަތްތައް، ކިރާއި ކިރު އެކުލެވޭ އުފެންދުންތައް، ތެލާޢި ސަރުބީ ހިމެނޭ ބާވަތްތައް، އަދި މީގެ އިތުރުން ޕްރޮޓީން އެކުލެވޭ ބާވަތްތައް ހިމެނެއެވެ.