ހެދުނުގެ ބަލި

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހެދުނުގެ ބަލި(އިނގިރޭސި ބަހުން: Morning sickness) އަކީ ބަލިވެއިންނަތާ ކުރީކޮޅު މާބަނޑު އަންހެނުންނަށް ކުރިމަތިވާ މޭނުބައިކުރުމާއި، އެކު ހޮޑުލެވުމަށް ކިޔާ ނަމެކެވެ. ބަލިވެ އިންނަ %90 އިންސައްތަ އަންހެނުންނަށް މިކަމުގެ އުދަގޫ ފޯރައެވެ. ގިނަމީހުންނަށް މިކަން ކުރިމަތިވަނީ ހެދުނުކޮޅުއެވެ. އިގިރޭސިބަހުން މޯރނިންގ ސިކްނެސް(ހެދުނުގެ ބަލި)އޭ ކިޔަނީ މިސަބަބާހުރެއެވެ.ނަމަވެސް ހައިބަނޑާ ހުރިކަމުގައި ވާނަމަ ދުވާލުގެ ކޮންމެ ވަގުތަކުވެސް މިއުދަގޫތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ. ހެދުނުގެ ބަލީގެ އެންމެ ނުރައްކާތެރި ހާލަތަށް ހައިޕަރެމީސިސް ގްރެވިޑޭރަމް(Hyperemesis gravidarum) އޭ ކިޔައެވެ.

ހެދުނުގެ ބަލި ނުވަތަ ހޮނޑުލެވި ބޯ އަބުރާގޮތްވެފައިވާ މީހެއް

ބުނެވޭގޮތުގައި މިއީ ބަލިވެ އިނުމާއިގުޅިގެން ހަށިގަނޑުގައި އެކުލެވޭ ހޯރމޯންތަކަށް އަންނަ ބަދަލަކާއިގުޅިގެން ކުރިމަތިވާކަމެކެވެ. އާންމު ގޮތެއްގައި މޭނުބައިކުރުމާއި، ހޮޑުލެވުން ނުވަތަ ހެދުނުގެ ބަލި ފުރަތަމަ 3މަސް ފާއިތުވެ ދިއުމުން ( ބަލިވެއިނުމާއެކު އިތުރުވާ ހޯރމޯންތަކުގެ މިންވަރު ދަށްވުމުން ) ރަގަޅުވެއެވެ.

މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކުރުމަށް އަންނަނިވި ކަންތައްތައް އެހީއަކަށް ވާނެއެވެ.

  • ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8 ފަހަރު )
  • ތެޔޮ،ހަވާދު އެކުލެވޭ ކުޅި ކާނާއާއި، ދުރުހެލިވުން
  • އެއްފަހަރު ކެއުމާއި، އަނެއްފަހަރު ކެއުމާއި ދޭތެރޭ ގިނަގިނައިން ދިޔާތަކެތި ބުއިން: މިގޮތުން އިގުރުސައި، އަދި ކުދީނާ ސައި ބޭނުންކުރެވިދާނެއެވެ.
  • ކޮފީ،ކަޅުސައި ފަދަ ބުއިންތަކާއި، ދުރުހެލިވުން


  • ޕްރޮޓީން އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުން : މިގޮތުން ބަދަން،ޕީނަޓް ބަޓަރު ފަދަ ކާނާ ބޭނުންކުރެވިދާނެ އެވެ.
  • އިގުރު އެކުލެވޭ ކާނާ ބޭނުންކުރުން
  • މޭނުބައިކުރުވާ ކާނާއާއި، ވަސްތަކާއި، ވީވަރަކުން ދުރުހެލިވުން
  • ޕާން،ބަނަސް،ފާރޮށި،ޗީޒް ފަދަ ސްޓާޗް އެކުލެވޭ ކާނާ ބޭނުންކުރުން : މިފަދަ ކާނާ އެދުކައިރީގައި އަތުޖެހޭ ފަށުގައި ބެހެއްޓިދާނެއެވެ. ހެދުނުހޭލާ އެދުން ތެދުވުމުގެ ކުރިންނާއި، މެންދަމު ހޭލެވިއްޖެ ނަމަ މިފަދަ ކާނާ ބޭނުންކުރުމަކީ ފައިދާހުރި ކަމެކެވެ. ހަމަމިހެން މޭނުބައިކުރަން އުޅޭހެން ހީވާނަމަ ވެސް މިކާނާ ބޭނުންކުރެވިދާނެއެވެ.
  • މަތީގައި ބަޔާންކުރެވުނު ކަމަކުން މޭނުބައިކުރުމާއި، ހޮޑުލެވުމަށް ބަދަލެއް ނާންނަމަ ވިޓަމިން-ބީ(B6) ބޭނުންކުރުމަށް ޑޮކްޓަރެއްގެ ކިބައިން ލަފާހޯދިދާނެއެވެ.

މާގިނައިން ހޮޑުލެވޭނަމަ ހަށިގަނޑުން ފެން ހުސްވާގޮތް (ފެންމަދުވުން) މެދުވެރިވުމަކީ އެކަށީގެންވާކަމެކެވެ. މިފަދަ ހާލަތުގައި ލަސްނުކޮށް ޑޮކްޓަރަކާއި، މަޝްވަރާކޮށް އެކަމުގެ އިރުޝާދު ހޯދިދާނެއެވެ. ހަމަމިހެން ބަރުދަން ލުއިވުން، ކުޑަކަމުދާތަކެތި ކުލަގަދަވެފައި ހުރުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެކަމެކެވެ.މޭނުބައިކުރުމާއި، ހޮޑުލެވުން ކުޑަވެ، އެކަމުގެ އަސަރު ފިލަން ފެށުމުން ގަވާއިދުން ކާތަކެތި ބޭނުންކުރަން ފެށިދާނެއެވެ. އަދި ބަލިވެއިންނަ ދުވަސްވަރު ނަގަންޖެހޭ ވިޓަމިންސް(Prenatal vitamins)ވެސް ނެގިދާނެއެވެ.