މޭ އެންދުން

ވިކިޕީޑިއާ އިންވިކިޕީޑިއާ
މެއިން ދިލަނެގުން ކުރިމަތިވެފައިވާ މީހެއް

މޭއެންދުން (އިނގިރޭސި ބަހުން: heartburn)އަކީ މޭކަށިގަނޑުގެ އެތެރެއިން ކަރާއި، ކަދުރާ އާއި ދިމާލުގައި ހުންނަ އިހްސާސެކެވެ.ނުވަތަ މިއީ ބަނޑުގެ މަތީ ބައިން ފެށިގެން މެޔާއި ދިމާލަށް އަރާ ތަދެކެވެ. މޭއެންދުމާއެކު ބައެއް މީހުންނަށް ކަރުތެރޭގައި ހިތި ނުވަތަ ހުތް ރަހައެއް ލާތީ އުޅެންޖެހެއެވެ. އެހެން ގޮތަކަށް ބުނާނަމަ އަނގަތެރެ އަދި ކަރުތެރޭގައި ހިތި ރަހައެއް ލާނެއެވެ. އާންމުކޮށް މޭއަންދަންފަށަނީ ކެއުމަށް ފަހުގައެވެ. އަދި މިގޮތަށް މޭއެންދުން އެތައް ގަޑިއިރަކަށް ދެމިގެންދެއެވެ.

އާންމު ގޮތެއްގައި މިކަން އިހްސާސް ކުރެވޭނީ މާގިނައިން ކެވޭ ފަހަރު ނުވަތަ ކައިގެން އޮށޯވެގެން އޮންނައިރުގައެވެ. މިތަދު ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ފިލައި ދިއުމަކީ ވެދާނެ ގޮތެކެވެ. އަދި ބައެއް ފަހަރު އެތައް ގަޑިއިރަކަށް ދެމިގެންދާގޮތް ވެސް ވެއެވެ.

މޭއަންދަން ދިމާވާގޮތް[އުނިއިތުރު ގެންނަވާ]

މޭއަންދަން ދިމާވަނީ ބަނޑުގައި ހުންނަ ތަކެތި އަލުން އަނބުރާ ކާތަކެތި ހިގާ ހޮޅިއަށް އަރާގޮތް ވުމުންނެވެ. ކާތަކެތި ހިގާ ހޮޅި އަކީ އަނގަ އިން ވަންނަ ކާތަކެތި ބަނޑު ނުވަތަ މައިދާ އާއި ހަމައަށް ދިއުމުގައި މެދުވެރިއެއް ރޯލް އަދާކުރާ ހޮޅިއެވެ. މިގޮތަށް ބަނޑަށްދާ ކާތަކެތި އަލުން ކާތަކެތި ހިގާ ހޮޅި އަށް އެރުމަށް ކިޔަނީ ރިފްލަކްސް އެވެ. ބަނޑާއި ކާތަކެތި ހިގާ ހޮޅި އާއި ގުޅިފައިވާ މަސްގަނޑަށް މައްސަލަ އެއް ދިމާވުމުން، އެމަސްގަނޑު ބަލިކަށިވެ، ނުވަތަ އާދަޔާ ޚިލާފަށް ބާރު ދޫވުމުން ބަނޑުގައި ހުންނަ ތަކެތި އަލުން އަނބުރާ ކާތަކެތި ހިގާ ހޮޅިއަށް އެރުން ހުއްޓުވުމުގެ ގާބިލިއްޔަތު ގެއްލެނީ އެވެ.

މިގޮތުން ކުޑަކުޑަކޮށް ނުވަތަ މާއަވަސް އަވަހަށް މޭއެންދުމަކީ މާ ސީރިއަސް މައްސަލައެއް ނޫނެވެ. ހުރިހާ އެންމެނަށް ވެސް ކޮންމެވެސް ވަރަކަށް މޭއެންދުން ތަޖުރިބާ ކުރަން ޖެހެއެވެ. ނަމަވެސް ހަފްތާއަކުން ނުވަތަ ދެހަފްތާއިން އެއް ފަހަރު ކަހަލަ ގޮތަކަށް މޭއަންދާނަމަ ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ޖެހެއެވެ. އަދި ބޭހުން ރަގަޅު ނުވާނަމަ އިތުރު ޓެސްޓްތައް ހަދައިގެން ވާނުވާ ބަލަން ޖެހެއެވެ. ސަބަބަކީ ފަރުވާނުކޮށް މާގިނަ ދުވަސް ވެއްޖެނަމަ ސީރިއަސް ބައްޔަކަށް މިކަން ބަދަލުވެދާނެތީ އެވެ.

މޭއެންދުމަށް މެދުވެރިވާ އެންމެ މުހިއްމު އެއްކަމަކީ ކާތަކެތި ހިގާ ހޮޅީގެ ނިމޭ ހިސާބުގައި ލެވިފައިވާ އެއްފަރާތަށް ހުޅުވޭ ދޮރުގައި މައްސަލައެއް ޖެހުމެވެ. ކާތަކެތި އެތެރެވުމަށްފަހު މިދޮރު އަބަދުވެސް ހުންނަން ޖެހޭނީ ބަންދުކުރެވިފައެވެ. ބޭނުމަކީ ކާތަކެތި ހަޖަމުކުރުމަށް ގޮހޮރުގެ ތެރޭގައި އުފައްދާ އެސިޑް ފަދަ ތަކެތި ބޭރުވިޔަ ނުދިނުމެވެ. ނަމަވެސް ކޮންމެ ވެސް ސަބަބަކާހުރެ މިދޮރު ބަންދުނުވެ ހުޅުވިފައި ހުންނަނަމަ މިދެންނެވި ކެމިކަލްތައް ނުވަތަ އެސިޑް ކާތަކެތި ހިގާހޮޅިން މައްޗަށް އެރުމުގެ ސަބަބުން އެހޮޅި ހަޖަމުކުރަން ފެށުމުން މެއިން ދިލަނަގާގޮތް ނުވަތަ މޭއަންދާގޮތް ވަނީއެވެ.

މޭއެންދުން ކުރިމަތިވާ ސަބަބު ތަކުގެ ތެރޭގައި ކާތަކެތި ހިގާ ހޮޅީގެ ތެރެއަށް ނުވަތަ ފުއްޕާމޭ އޮންނަ ބައިގެ ތެރެއަށް ގޮހޮރުން ބައެއް މައްޗަށް އަރައި ހާނިއާ އެއް ގޮތަށް ދުޅަވުން، ހިމެނެއެވެ. މިއަށް ކިޔަނީ ހައޭޓަސް ހާނިއާ ނުވަތަ ޑައަފްރަގްމަޓިކް ހާނިއާ އެވެ.

މެއިން ދިލަނެގުން ގޯސްކޮށްފާނެ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ކާނާގެ ބާވަތްތައް[އުނިއިތުރު ގެންނަވާ]

ގިނައިން ތެޔޮ އެކުލެވޭ ކާނާއާއި، ހަވާދާއި ކުޅިކާނާއާއި، ސަޔާއި ކޮފީ ޗޮކްލެޓް ފިޔަ އާއި ޓޮމާޓޯ ސޯސް ފަދަ ބާވްތަތަކަކީ ވައިހެދުން އިތުރުކޮށް މެއިން ދިލަނެގުން ކުރިމަތި ކުރުވާނެ ކާނާގެ ބާވަތްތަކެވެ. އަދި ކޯލާ ފަދަ ބުއިން ތަކަކީ ވެސް ރަގަޅު އެއްޗިއްސެއް ނޫނެވެ.

އެއްފަހަރާ ގިނައިން ކެއުން[އުނިއިތުރު ގެންނަވާ]

އެއްފަހަރާ މާގިނައިން ބަނޑުފުރެންދެން ކެއުމަކީ މޭއެންދުން ކުރިމަތިކުރުވާނެ ކަމެކެވެ.

ކައިނިމިގެން ވަގުތުން އޮށޯވެއޮތުން ނުވަތަ ނިދުން[އުނިއިތުރު ގެންނަވާ]

ކެއުމަށްފަހު ވަގުތުން އޮށޯވެ އޮތުމަކީ ހަޖަމުކުރުމަށް ނަގާ ވަގުތު އިތުރުވެ، މެއިން ދިލަނެގުން ކުރިމަތި ކުރުވާނެ ކަމެކެވެ،

ބައެއް ބާވަތު ބޭސް ބޭނުންކުރުން[އުނިއިތުރު ގެންނަވާ]

ނިދާ ބޭސް، ލޭދަށްކުރާ ބޭސް، މޫޑު ދަށްކުރުމަށްދެވޭ ބޭސް ތަކަކީ މިފަދަ އަސަރު ހުންނަ ބޭސްތަކެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން[އުނިއިތުރު ގެންނަވާ]

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގޮހޮރުގެ އެސިޑް މައްޗަށްދާ ކަމަކަށްވާތީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން މިމައްސަލަ ދިމާވެއެވެ.

ކާތަކެތި[އުނިއިތުރު ގެންނަވާ]

މޭއެންދުން އަދި ބަނޑުގައި ވައިހެދުން އުފެދިދާނެ ކަމަށް ފާހަގަކުރެވިފައިވާ ކާތަކެތީގެ ބާވަތްތައް ތިރީގައި މިވަނީއެވެ.

  • ހަވާދާއި ކުޅިކާނާ
  • ތެލުލާފައި ހުންނަ ތަކެއްޗާއި ސަރުބީ ގިނަ ތަކެތި
  • ޓޮމާޓޯއިން އުފައްދާފައި ހުންނަ ތަކެތި
  • ކެޗަޕާއި ރެވި
  • ފިޔާ ،އަސޭމިރުސް
  • ރާހުތް، ވިނެގާ
  • އަސޭމިރުސް، ޗޮކްލެޓް
  • ހުތް މޭވާ ޖޫސް
  • ފިޒީ ޑްރިންކްސް
  • ސައި އަދި ކޮފީ
  • އަލްކޮހޯލް ގެބާވަތްތައް

މާބަނޑު ދުވަސްވަރު[އުނިއިތުރު ގެންނަވާ]

މާބަނޑުދުވަސްވަރު ވަރަށް ގިނަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވެއެވެ. މިއީ ބަލިވެއިނުމާއި ގުޅިގެން ހަށިގަނޑުގައި އިތުރުވެގެންދާ ހޯރމޯންތަކުގެ ސަބަބުން(ޚާއްޞަކޮށް ޕްރޯޖެސްޓަރޯން) ކާތަކެތި ހިގާ ހޮޅި އާއި، މައިދާގެ މަސްތައް ދޫވެ، ކާތަކެތި އެސިޑާއި އެކު އަބުރާ ކާތަކެތި ހިގާހޮޅިއަށް ދިއުމުން ކުރިމަތިވާ ކަމެކެވެ. ދިލަނަގާހެން ހީވާކަހަލަ އިހްސާސެއް ކުރެވެނީ އެސިޑްތައް ކާތަކެތި ހިގާހޮޅީގެ އެތެރޭ ކައިރިފަށުގައި ބީހި، އޭގެ އަސަރުކުރުމުންނެވެ. މެއިން ދިލަނެގުމުގެ އިހްސާސް ބޮޑަށް ހުންނަނީ މޭމަތިން ހިތް އޮންނަ ހިސާބުގައެވެ. އިގިރޭސިބަހުން މެއިން ދިލަނެގުމަށް ހާރޓްބާން(Heartburn)އޭ ކިޔަނީ މިސަބަބާހުރެއެވެ. މެއިން ދިލަނެގުމަށް ފަރުވާއަކަށް އެންޓަސިޑްފަދަ ބޭހެއް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާހޯދުން ރަގަޅެވެ.

މިކަމުން ސަލާމަތްވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.

  • ލުއިކޮށް ގިނަގިނައިން ކެއުން ( ދުވާލަކު 6 ނުވަތަ 8ފަހަރު )
  • ނިދަންއޮންނައިރު ބޯދަށަށް އިތުރު ބާލީހެއްލައި ބޯ ކުޑަކޮށް އުފުލައިގެން އޮތުން
  • ހަވާދާއި،ފެޓް ހިމެނޭ ކާނާ ބޭނުންކުރުމާއި ދުރުހެލިވުން


  • ކާންއިށީދެ އިންނައިރު ހަށިގަނޑު ތެދަށް ބަހައްޓައިގެން އިނުން
  • ކަޅުސައި،ކޮފީފަދަ ބުއިންތަކާއި ދުރުހެލިވުމާއި، ޗޮކްލެޓް ފަދަ ކާނާ މާގިނައިން ބޭނުން ނުކުރުން
  • ކައިނިމޭގޮތަށް އޮށޯތުމަކީ ރަގަޅުކަމެއް ނޫނެވެ.


ފަރުވާ[އުނިއިތުރު ގެންނަވާ]

މޭއެންދުމަށް އާންމުކޮށް ފަރުވާ ދެނީ ބަނޑުގައި ހުންނަ އެއްޗެތިން އުފެދޭ އެސިޑް ނުވަތަ ގޭސް މަދުކުރުމަށެވެ. ބަނޑުގައި އާދަޔާ ޚިލާފަށް ގޭސް އުފެދި އެގޭސްތައް ކާތަކެތި ހިގާ ހޮޅިއަށް އަރަން ފެށުމުން އެހޮޅީގެ ތެރޭގައި އިންނަ ދުލިފަށް ތުނިވެ، އަދި ފާރުވާން ދިމާވެއެވެ. މިފަރުވާ އިން ބަނޑުގައި ހުންނަ އުދަގޫތަކާއި ވޭންތައް ކުޑަވުމުގެ އިތުރުން ކާތަކެތި ހިގާހޮޅީގެ ތެރޭގައި އިންނަ ދުލިފަށް އަލުން ފަސޭހަވުމަށް މަގުފަހިވާނެއެވެ.

ނަމަވެސް މިކަމަށް ދޭ ބައެއް އެންޓެސިޑް ބޭހުން މޭއެންދުމަށް ލުޔެއް ލިބުނަސް ކާތަކެތި ހިގާ ހޮޅިއަށް ލިބިފައިވާ ގެއްލުން ފަސޭހައެއް ނުވެއެވެ. މޭއެންދުމަށް ޑޮކްޓަރުން ދެބާވަތެއްގެ ބޭސް ލިޔެދެއެވެ. އެއީ ޕްރޮޓޯން ނުވަތަ އެސިޑް ޕަމްޕް އިންހިބިޓާރސް އަދި އެޗް2 ރިސެޕްޓަރ އެންޓަގޮނިސްޓް އެވެ. ޕްރޮޓޯން ޕަމްޕް އިންހިބިޓާރސް އަކީ ބަނޑުގައި އެސިޑް އުފެދޭ މިންވަރު މަދުކޮށްދޭ އެއްޗެކެވެ. އެޗް2 ރިސެޕްޓަރ އެންޓަގޮނިސްޓްގެ ސަބަބުން ގޭސް އުފެއްދުން އެއްކޮށް ހުއްޓުވައެއް ނުދެއެވެ. ނަމަވެސް އެކަން ކުޑަކޮށްދެއެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިކަމަށް ބޮޑަށް ރަގަޅީ ޕްރޮޓޯން ޕަމްޕް އިންހިބިޓާރސް ގުރޫޕްގައި ހިމެނޭ ބޭސްތަކެވެ.


ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

މޭއެންދުމުގެ އުދަގުލާއި ނުވަތަ ވައިގެ އުދަގުލާއި ކުރިމަތިވެއްޖެނަމަ ކުރެވިދާނެ އެންމެ މުހިއްމު ކަމަކީ ޑޮކްޓަރުން ދެއްވާ ބޭސް ގަވާއިދުން އޭގައިވާ މުއްދަތަށް ބޭނުންކުރުމެވެ. ސަބަބަކީ ކުޑަކޮށް ރަގަޅުވެލާއިރަށް ބޭސް ހުއްޓާލިޔަސް، އަނެއްކާ ވެސް އުދަގޫތައް ކުރިމަތިވުން އޮންނާނީ ވަރަށް ގާތުގައެވެ. ކުރެވިދާނެ އަނެއް ކަމަކީ ނިދާއިރު ކުޑަކޮށް ބޯދަށަށް އުސްކޮށް އޮތުމެވެ. ބަނޑަށްވުރެ ބޮލަށް އުސްނަމަ މޭއެންދުން އިހްސާސް ވާލެއް ކުޑަވާނެއެވެ.

މޭއެންދުން ނޯޓްކުރަން ޑައިރީއެއް ކަހަލަ އެއްޗެއް ބާއްވާށެވެ. އޭގައި މޭއަންދަނީ ކިހާ އަވަސް އަވަހަށް ކަމާއި، އެކަމުގައި ކިހާ ވަގުތެއް ނަގާކަން ނޯޓްކުރެވިދާނެއެވެ. ވަކި އެއްޗެއް ކެއުމުން މޭއަންދާނަމަ އެކަންވެސް އޭގައި ނޯޓްކުރެވިދާނެއެވެ. އަދި އެފަދަ ތަކެތި ބޭނުންކުރުމާ ދުރުހެލިވާށެވެ.

ކާގަޑީގައި މާގިނައިން ނުކައި މަދު އެތިކޮޅަކުން ފުއްދާލެވޭތޯ ބަލާށެވެ. އަދި ލަސްލަހުން ރަގަޅަށް ހަފައިގެން ކާށެވެ. ނިދާގަޑި ކައިރިވުމުން ނުކާށެވެ. ނިދަން އޮށަންނަން ވާނީ އެންމެ މަދުވެގެން ކެއިތާ 2 ގަޑިއިރު ފަހުންނެވެ. ނިދަން ނޫނަސް ކައިގެން ޓީވީ ބަލަން ނަމަވެސް އޮށޯވެގެން ނޯންނާށެވެ. ތަންކޮޅެއް ފަލަނަމަ ހިކެން މަސައްކަތް ކުރާށެވެ. ސަބަބަކީ ފަލަ މީހުންނަށް މާފަސޭހައިން މޭއެންދުން ނުވަތަ ވައިގެ އުދަގޫ ވާނެތީ އެވެ.

ޑޮކްޓަރީ ބޭސް ބޭނުން ކުރުމުގައި ފަރުވާތެރިވާށެވެ. އެސްޕިރިން އަދި އެހެނިހެން ތަދުކަނޑުވާ ބާރުގަދަ ބޭސްތަކާ ދުރުހެލިވާށެވެ. މިފަދަ ބޭހުން ބަނޑުގެ މައްސަލަތައް ކުރިމަތިވާލެން އިތުރުވަނެއެވެ. މާބާރުކޮށް ހުންނަ ހެދުން ލުމަކީވެސް ރަގަޅު ކަމެއް ނޫނެވެ.