Jump to content

ހަޖަމުކުރާ ނިޒާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހަޖަމުކުރާ ނިޒާމް ނުވަތަ (އިނގިރޭސި ބަހުން: Gastrointestinal tract) ނުވަތަ ޑައިޖެސްޓިވް ސިސްޓަމް،(އިނގިރޭސި ބަހުން: Digestive system)އަދި އެލިމެންޓަރީ ކެނަލް (އިނގިރޭސި ބަހުން: Alimentary canal)ގެ ނަންދީފައިވާ މި ނިޒާމަކީ އިންސާނާގެ ހަށިގަނޑުގައި އިންސާނާ ކާ ކާނާގެ ބާވަތްތައް ހަޖަމުކޮށްދޭ ނުވަތަ ހަޖަމުކުރުވާ ނިޒާމެވެ. ހަޖަމުކުރާ ނިޒާމްގެ މައިގަނޑު މަސައްކަތަކީ ކާތަކެތި ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޮޑު ކަމުދާ ތަކެތީގެ ސިފައިގައި ބޭރު ކުރުމެވެ.

އާދައިގެ ފިރިހެނެއްގެ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ބައިތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 6.5 މީޓަރު (20ފޫޓް) އެވެ. އަދި ހަޖަމުކުރާ ނިޒާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ހަޖަމުކުރާ ނިޒާމްގެ މަތީބައި(އިނގިރޭސި ބަހުން: Upper gastrointestinal tract)،އަދި ހަޖަމުކުރާ ނިޒާމްގެ ތިރީބައި(އިނގިރޭސި ބަހުން: Lower gastrointestinal tract)އެވެ. އެމްބްރިޔޮލޮޖިކަލް ގޮތަށް ބަލާއިރު ހަޖަމުކުރާ ނިޒާމް 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ކުރީބައި(އިނގިރޭސި ބަހުން: Foregut)، މެދުބައި(އިނގިރޭސި ބަހުން: Midgut)، އަދި ފަހަތު ބައި(އިނގިރޭސި ބަހުން: Hindgut) އެވެ.

ހަޖަމުކުރާ ނިޒާމްގެ ބައިތައް ދައްކައިދޭ ކުރެހުމެއް

ހަޖަމުކުރާ ނިޒާމްގެ މަތީބައި[އުނިއިތުރު ގެންނަވާ]

ހަޖަމުކުރާ ނިޒާމްގެ މަތީބައި ނުވަތަ (އިނގިރޭސި ބަހުން: Upper Gastrointestinal tract)އެކުލެވިގެންވަނީ އަނގަ،އަރުތެރެ ، ކާތަކެތި ހިގާ ހޮޅި،އަދި މައިދާ ނުވަތަ ބަނޑު ގެ މައްޗަށެވެ.

އަނގަ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަނގަ

އަނގަ ނުވަތަ (އިނގިރޭސި ބަހުން: Mouth) ލެއްޕިފައި އިންނަނީ ދެތުންފަތުގެ އެހީގައެވެ. ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތަކެތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Buccal mucosa)ގައި ކުޅުބޭރުކުރާ ގޮށް(އިނގިރޭސި ބަހުން: Salivary glands)ވެއެވެ. މީގެ އިތުރުން ދޫ(އިނގިރޭސި ބަހުން: Tongue)އަދި ދަތްތައް(އިނގިރޭސި ބަހުން: Teeth)ވެއެވެ.

އަރުތެރެ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަރުތެރެ

އަރުތެރެ ނުވަތަ (އިނގިރޭސި ބަހުން: Pharynx) އަކީ އަނގަ އަދި ނޭފަތުގެ ހޮއިގެ ފަހަތުން ކާތަކެތި ހިގާ ހޮޅި، އަޑު ފޮށި އަދި ވައި ނޮޅިގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.

އަރުތެރެ އަކީ ހަޖަމުކުރާ ނިޒާމް އަދި ނޭވާލާ ނިޒާމް ގައި ވެސް ޝާމިލްވާ ޓިޝޫއެކެވެ. ކާނާ އަދި ވައި އަރުތެރެ ހުރަސްކޮށް ދައުރުވާތީ ކާތަކެތި ކާއިރު ވައި ނޮޅި ނިވާކޮށް ފޮރުވާލުމަށްޓަކައި އެޕިގްލޮޓިސް އޭ ކިޔޭ ކަނެކްޓިވް ޓިޝޫ ފޮއްޗެއް ވައި ނޮޅި ގެ މަތިން އިދެއެވެ. މިގޮތަށް ނިވާކޮށް ފޮރުވާލުމުން ކާތަކެތި ނޭވާލާ ނިޒާމް އަަށް ދިއުން މަނާކޮށް ދެއެވެ. އަދި މީގެ އިތުރުން ވާހަކަ ދެއްކުމުގައި ތަފާތު އަޑުތައް ލެއްވުމުގައި އަރުތެރެ މުހިއްމު ދައުރެއް އަދާކުރެއެވެ.

ކާތަކެތި ހިގާ ހޮޅި[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކާތަކެތި ހިގާ ހޮޅި

ކާތަކެތި ހިގާ ހޮޅި ނުވަތަ (އިނގިރޭސި ބަހުން: Esophagus) އަކީ އަރުތެރެ އިން މައިދާއަށް ކާތަކެތި ގެންގޮސްދޭ ހޮޅިއެވެ. ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަނީ އަޑުފޮއްޓާ ކައިރީ އަރުތެރެ(އިނގިރޭސި ބަހުން: Laryngopharynx)ނިމޭ ހިސާބުންނެވެ. ނުވަތަ އަރުތެރޭގެ މިބުނިބައިން ދެމިފައިވާ ހޮޅިއެއްގެ ސިފައިގައެވެ. ކާތަކެތި ހިގާ ހޮޅި އިންނަނީ ކަރު ހިމެނޭ ހިސާބުގައި ހުންނަ މައިބަދައިގެ 6 ނަމްބަރު ކަށިކޮޅާ ހިސާބުންނެވެ. ކާތަކެތި ހިގާ ހޮޅި އިން ފެށިގެން މައިދާ ނުވަތަ ބަނޑު އާއި ހަމައަށް ކާތަކެތި ފޯރަނީ ޕެރިސްޓަލްސިސް އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ.

މައިދާ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައިދާ

މައިދާ ނުވަތަ (އިނގިރޭސި ބަހުން: Stomach) އަކީ ތޮޅިއެއްގެ ބައްޓަމަށް އެތެރެ ހުސްކޮށްއޮންނަ މަޑު މަސް އިން އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު، އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުޙަލާ ފުރިހަމަ ކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް، ގެސްޓްރޯ(އިނގިރޭސި ބަހުން: Gastric/Gastro)މިބަސްތަކުން ދޭހަކޮށްދެނީ ބަނޑާއި ގުޅުންހުރި، ނުވަތަ މައިދާއާ ގުޅުންހުރި މިހެންނެވެ.


ހަޖަމުކުރާ ނިޒާމްގެ ތިރީބައި[އުނިއިތުރު ގެންނަވާ]

ހަޖަމުކުރާ ނިޒާމްގެ ތިރީބައި ނުވަތަ (އިނގިރޭސި ބަހުން: Lower Gastrointestinal tract) އެކުލެވިގެންވަނީ ކުޑަ ގޮހޮރު(އިނގިރޭސި ބަހުން: Small intestineބޮޑު ގޮހޮރު(އިނގިރޭސި ބަހުން: Large intestine)އަދި ފުރަގަސް ފަރާތު ދޮރު(އިނގިރޭސި ބަހުން: Anus)ގެ މައްޗަށެވެ.

ކުޑަ ގޮހޮރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަ ގޮހޮރު

ކުޑަ ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Small intestine) އަކީ ހަޖަމުކުރާ ނިޒާމް ގައި މައިދާ އަދި ބޮޑު ގޮހޮރު އާ ދެމެދުގައިވާ ގުނަވަނެކެވެ.

ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑުއަޑީނަމް

ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ (އިނގިރޭސި ބަހުން: Duodenum) އަކީ މައިދާ އާއި ކުޑަ ގޮހޮރުގެ މެދުބައި ޖެޖޫނަމް ގުޅުވައިދޭ ހޮޅިއެވެ. މިއީ ކުޑަ ގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ ބައި ވެސް މެއެވެ. އިގިރޭސި ސީ (C) އަކުރުގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް ހަށިގަނޑަށް ބޭނުން ބައި ނަގައިދޭ ތަނެވެ.

ކުޑަ ގޮހޮރު ގެ މެދުބައި ނުވަތަ ޖެޖޫނަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖެޖޫނަމް

ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ (އިނގިރޭސި ބަހުން: Jejunum) އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން މެދަށް އިންނަ ބަޔެވެ. ނުވަތަ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ފަހު ބައި އިލިއަމް އާއި ދެމެދުގައިވާ ބަޔެވެ. ފުރާ ފުރިހަމަ އިންސާނެއްގެ ކުޑަ ގޮހޮރުގެ ދިގުމިނަކީ 7-4 މީޓަރު ވަރެވެ. އޭގެތެރެއިން 2.5 މީޓަރު ހުންނަނީ ޖެޖޫނަމް ގައެވެ. ޖެޖޫނަމްގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. ކާތަކެތި ޖެޖޫނަމްގެ ތެރޭގައި ދައުރުވުން ފަސޭހަކުރުމަށްޓަކައި ގުދުރަތީ ގޮތުން ޖެޖޫނަމްގެ ފާރުގައި މަސްފަށަލައެއް ލެވިފައި ވެއެވެ.

ކުޑަ ގޮހޮރު ގެ ފަހުބައި ނުވަތަ އިލިއަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިލިއަމް

ކުޑަ ގޮހޮރުގެ ފަހު ބައި ނުވަތަ (އިނގިރޭސި ބަހުން: Ileum) އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން އެންމެ ފަހު ބަޔެވެ. އިންސާނުންގެ އިލިއަމްގެ ދިގުމިނުގައި 4-2މީޓަރު ވަރު ހުރެއެވެ. ބޮޑު ގޮހޮރު ގެ ބައެއް ކަމުގައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް(އިނގިރޭސި ބަހުން: Ileocecal valve) އިންނެވެ. އިލިއަމްގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ.

ބޮޑު ގޮހޮރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބޮޑު ގޮހޮރު

ބޮޑު ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Large intestine) އަކީ ހަޖަމުކުރާ ނިޒާމްގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Colon)އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރު ގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ އިލިއެކް ސަރަހައްދު(އިނގިރޭސި ބަހުން: Iliac region) އިންނެވެ. ބޮޑު ގޮހޮރުގައި ހިމެނޭ މައިގަނޑު ދެބަޔަކީ ސީކަމް އަދި ފަލަ ގޮހޮރު އެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ.

ސީކަމް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސީކަމް

ސީކަމް ނުވަތަ (އިނގިރޭސި ބަހުން: Cecum) އަކީ ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް އާއި މައްޗަށްއަރާ ފަލަ ގޮހޮރު ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރު ގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް(އިނގިރޭސި ބަހުން: Ileocecal valve) އިންނެވެ.

ފަލަ ގޮހޮރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަލަ ގޮހޮރު

ފަލަ ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Colon) އަކީ ބޮޑު ގޮހޮރު ގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު (އިނގިރޭސި ބަހުން: Colon) އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ފަލަ ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައްޗަށްއަރާ ފަލަ ގޮހޮރު

މައްޗަށްއަރާ ފަލަ ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Ascending colon) އަކީ ފަލަ ގޮހޮރު ގައި [[ސީކަމް[[ އިން ފެށިގެން މައްޗަށް އަރަމުން ގޮސް ހެޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އާއި ދެމެދުގައިވާ ބަޔެވެ. މައްޗަށްއަރާ ފަލަ ގޮހޮރު ގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ އިލިއެކް ސަރަހައްދު(އިނގިރޭސި ބަހުން: Iliac Region)އިން ކަމަށްވުމާއި އަދި ސީކަމް އަކީ ބޮޑު ގޮހޮރު ފެށޭ ބައި ކަމަށްވުމާއި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެންކަމަށްވާތީ މަށްޗަށްއަރާ ފަލަ ގޮހޮރަކީ ފަލަ ގޮހޮރުގެ ބަޔަކަށްވާތީ ، މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ މަސައްކަތް ކޮންޓްރޯލްކުރަނީ ވޭގަސް ނާރު(އިނގިރޭސި ބަހުން: Vagus Nerve) ގެ ސިމްޕަތެޓިކް ނާރު ފައިބަރު ތަކުންނެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުރަސް ފަލަ ގޮހޮރު

ހުރަސް ފަލަ ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Transverse colon) އަކީ ފަލަ ގޮހޮރުގައި ހެޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure)އާއި، ސްޕްލެނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އާއި ދެމެދުގައިވާ ބައެވެ. އެހެންކަމުން ހުރަސް ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުން ވާތް ފަރާތަށް ވާގޮތަށެވެ. ހުރަސް ފަލަ ގޮހޮރު ގެ ކުރިމަތިން މައިދާއާއި ހުރަސް ފަލަ ގޮހޮރު ވަނީ ގްރޭޓަރ އޮމެންޓަމް(އިނގިރޭސި ބަހުން: Greater Omentum)ކިޔާ ޕެރިޓޯނިއަލް ފޯލްޑް އަކުން ގުޅިފައެވެ. ހުރަސް ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރުގައި ހިމެނޭ އެންމެ ދިގު އަދި އެންމެ ހަރަކާތްކުރާ ބައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތިރިއަށްފައިބާ ފަލަ ގޮހޮރު

ތިރިއަށްފައިބާ ފަލަ ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Descending colon) އަކީ ފަލަ ގޮހޮރު ގައި ސްޕްލެނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އިން ފެށިގެން ތިރިއަށް ފައިބަމުން ގޮސް ސިގްމޮއިޑް ގޮހޮރު ގެ ފެށުމާއި ހަމައަށްވާ ބައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިގްމޮއިޑް ގޮހޮރު

ސިގްމޮއިޑް ގޮހޮރު ނުވަތަ (އިނގިރޭސި ބަހުން: Descending colon) އަކީ ފަލަ ގޮހޮރުގެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރު ގައި ތިރިއަށްފައިބާ ގޮހޮރު ގެ ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތް އާއި ދެމެދުގައިވާ ބައެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު އެސް(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސް ގެ ފަށަލައެއް ވެއެވެ. މި މަސް ފަށަލަ ކުރުގެޅި ވާންވުމުން، ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތް އަށް އެޅޭގޮތް ވެއެވެ.

ފުރަގަސް ފަރާތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުރަގަސް ފަރާތް

ފުރަގަސް ފަރާތް ނުވަތަ (އިނގިރޭސި ބަހުން: Rectum) އަކީ ބޮޑު ގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު ދޮރު އާއި ދޭތެރޭގައި އިންނަ ބައެކެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.

ފުރަގަސް ފަރާތު މަގު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުރަގަސް ފަރާތު މަގު

ފުރަގަސް ފަރާތު މަގު(އިނގިރޭސި ބަހުން: Anal canal) އަކީ ހަޖަމުކުރާ ނިޒާމް ގެ އެންމެ ފަހަތަށް އިންނަ ބައެވެ. ފުރަގަސް ފަރާތު މަގު އިންނަނީ ޕެލްވިކް ޑައިއަފްރަމްގެ ތިރިން ފުރަގަސް ފަރާތްއާއި ފުރަގަސް ފަރާތު ދޮރު އާއި، ދެމެދުގައެވެ. ފުރަގަސް ފަރާތު މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 4-2.5 ސެންޓި މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އެހެންކަމުން މިބައި ފެށިފައި އިންނާނީ ފުރަގަސް ފަރާތު މަގު އާއި ފުރަގަސް ފަރާތް ގުޅޭ ކަނުން ނުވަތަ ހިސާބުންނެވެ. ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރު އަށެވެ. އަދި މިބައިގެ މަތިން އިންނާނީ ފުރަގަސް ފަރާތް އެވެ. އަދި ތިރިން ގޮސް ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރު އަށެވެ.

ފުރަގަސް ފަރާތު ދޮރު[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުރަގަސް ފަރާތު ދޮރު

ފުރަގަސް ފަރާތު ދޮރު ނުވަތަ (އިނގިރޭސި ބަހުން: Anus) އަކީ ފުރަގަސް ފަރާތް(Rectum) އިން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ. ނުވަތަ ބޮޑުކަމުދާ ތަކެތި ބޭރުވާ ލޯ ވަޅުއެވެ. ފުރަގަސް ފަރާތު ދޮރު ހުޅުވިި ފޭވެ، ކައިރިވެ، ދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ސްފިންކްޓަރ މަސްތައް އިންނެވެ. ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑު ކަމުދިއުމުގެ ތެރޭގައި ބޮޑު ކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސް ކޮށް ހަށިގަނޑުން ބޭރު ކުރުމެވެ.

އިތުރު ގުނަވަންތައް[އުނިއިތުރު ގެންނަވާ]

ހަޖަމުކުރާ ނިޒާމްގެ ބައެއް ގުނަވަންތައް

ހަޖަމުކުރާ ނިޒާމްގައި ހިމެނޭ އެހެނިހެން ގުނަވަންތަކުގެ ތެރޭގައި އަންނަނިވި ގުނަވަންތައް ހިމެނެއެވެ.

ފުރަމޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފުރަމޭ

ފުރަމޭ ނުވަތަ (އިނގިރޭސި ބަހުން: Liver)އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް(އިނގިރޭސި ބަހުން: Metabolism) ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(އިނގިރޭސި ބަހުން: Glycogen) ރައްކާކުރުން، ޕްލާޒްމާ ޕްރޮޓީން(އިނގިރޭސި ބަހުން: Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.

ފުރަމޭގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިން ބައިލް(އިނގިރޭސި ބަހުން: Bile) ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ހެޕަޓިކް، ހެޕަޓޯ(އިނގިރޭސި ބަހުން: Hepatic/Hepato) ފަދަ ބަސްތަކުން ދޭހަކޮށްދެނީ ފުރަމޭ އާގުޅުންހުރި މިހެންނެވެ.

ފިތް[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިތް

ފިތް ނުވަތަ (އިނގިރޭސި ބަހުން: Gall bladder) އަކީ އިންސާނާގެ ފުރަމޭގެ ތެރޭއަށް ފެތިފައި އިންނަ ނާސްޕަތީ ބައްޓަމަށް އިންނަ ގުނަވަނެކެވެ. މި ގުވަނުވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުރެއެވެެ.10-7 ސެންޓިމީޓަރުގެ ދިގުމިން އެވްރެޖްގޮތެއްގައި ހުންނަ ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ ފުރަމޭ އަދި ކުޑަ ގޮހޮރު ގެ ފުރަތަމަ ބަޔާއި ގުޅިފައެވެ.

ޗިސްމޭ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޗިސްމޭ

ޗިސްމޭ ނުވަތަ (އިނގިރޭސި ބަހުން: Pancreas) އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގްލޭންޑް އެއް ވެސް މެއެވެ. ޗިސްމޭ އަކީ އެކްސަކްރިން އަދި އެންޑަކްރިން ގްލޭންޑް އެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީއެވެ. އެންޑަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް އުފައްދައި ދޫކުރާތީ އެވެ.


ހިސްޓޮލޮޖީ[އުނިއިތުރު ގެންނަވާ]

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު ހަޖަމުކުރާ ނިޒާމްގެ ބައިތައް އުފެދިފައިވަނީ ޖެހިޖެހިގެން އިންނަ 4 ފަށަލަ އެއް ގުޅިގެންނެވެ. މިގޮތުން އެކުލެވިގެންވާ ފަށަލަތައް ތިރީގައި މިވަނީ އެވެ.


ތެތް ދުލިފަށް[އުނިއިތުރު ގެންނަވާ]

ތެތް ދުލިފަށް ނުވަތަ (އިނގިރޭސި ބަހުން: Mucosa) އަކީ އެންމެ އެތެރެއިން ލެވިފައިވާ ފަށަލަ އެވެ. ހަޖަމުކުރާ ނިޒާމްގެ ގުނަވަނެއް ހުރަހަށް ކަނޑާ ލުމަށްފަހު ނުވަތަ ބުރިކޮށްލުމަށްފަހު ހިސްޓޮލޮޖިކަލް ގޮތުން މައިކްރޮސްކޯޕެއްގެ އެހީގައި ހުރަހަށް ކަނޑާލެވުނު ބައި ބަލާނަމަ އެންމެ އެތެރެއިން ފެންނަ ފަށަލަ( މިސާލަކަށް ކާތަކެތި ހިގާހޮޅި ނަމަ ކާތަކެތި ހިގާ މަގާ އެންމެ ކައިރިއަށް ) އަކަށް ވާނީ މިފަށަލައެވެ. އިންސާނުންގެ ހަށިގަނޑަށް އެތެކުރާ ކާތަކެތި ހަޖަމުކުރާ ނިޒާމްގެ ތެރެއިން ދައުރުވާއިރު އެކާތަކެތި ބީހޭނީ އެންމެ މައްޗަށް އިންނަ މިފަށަލައިގައެވެ. ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުން ނުވަތަ ދެމުން އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުން ތަފާތު މާއްދާތައް ހަޖަމުކުރާ ނިޒާމްގެ މަގުގެ ތެރެއަށް ( ބަނޑު ތެރެއަށް، ގޮހޮރުގެ ތެރެއަށް ) ދޫކުރުން ފަދަ މަސައްކަތްތައް ކުރަނީ މިފަށަލައިންނެވެ. ތެތް ދުލިފަށުގެ ފަށަލަ ވެސް އަދި އިތުރު 3 ބަޔަކަށް ބެހެއެވެ. އެއީ އެފިތީލިއަމް، ލެމިނާ ޕްރޮޕްރިއާ، އަދި މަސްކިއުލާރިސް މިއުކޯސާ އެވެ. ނުވަތަ ތެތް ދުލިފަށުގައި ހިމެނޭ މަސްފަށަލަ އެވެ.


ތެތްދުލިފަށުގެ ދަށުގައިވާ ފަށަލަ[އުނިއިތުރު ގެންނަވާ]

ތެތް ދުލިފަށުގެ ދަށުގައިވާ ފަށަލަ ނުވަތަ (އިނގިރޭސި ބަހުން: Submucosa) އެކުލެވިގެންވަނީ ތުނޑުތުނޑު ލާފައި ހުންނަ ކަނެޓިކްޓިވް ޓިޝޫގެ ފަށަލަ އަކުންނެވެ. މިބުނި ފަށަލައިގެ ތެރޭގައި ބޮޑެތި ލޭހޮޅިތަކާއި، ލިމްފް ހޮޅިތައް އަދި ތެތް ދުލިފަށާއި މަސް ފަށަލަ އަށް ކަފިވެގެން ގޮސްފައިވާ ނާރު ތައް ވެއެވެ. މިފަށަލައިގެ ތެރޭގައި މެއިސްނާރސް ޕްލެކްސަސް އަދި އިންޓީރިކް ނާރވަސް ޕްލެކްސަސް ހިމެނެއެވެ.


ބޭރު މަސް ފަށަލަ[އުނިއިތުރު ގެންނަވާ]

ބޭރު މަސް ފަށަލަ ނުވަތަ (އިނގިރޭސި ބަހުން: Muscularis externa) އަކީ މަޑު މަހުން އުފެދި އޭގެ ތެރޭގައި ދެބަޔަކަށް މަސްތައް އެތުރިފައިވާ ފަށަލައެކެވެ. މިގޮތުން އެތެރޭގެ މަސް ފަށަލަ ހުންނަނީ ވަށްކޮށެވެ. ނުވަތަ ސާކިއުލާރ ކޮށެވެ. ބޭރަށް ހުންނަ މަސްފަށަލަ ހުންނަނީ ދިގަށެވެ. ނުވަތަ ލޮންޖިޓިއުޑިނަލް ކޮށެވެ. ކުރިން ބުނެވުނު ކާތަކެތި ހަޖަމުކުރާ ނިޒާމްގެ މަތީބައިތަކުން ތިރިއަށް ފޮނުވުމަށް ހިންގާ ހަރަކާތް ޕެރިސްޓަލްސިސް ފުރިހަމަ ކުރުމުގައި މިމަސްފަށަލަ ބައިވެރި ވެއެވެ. އަދި މުހިއްމު ދައުރެއް އަދާކުރެއެވެ.

ހަޖަމުކުރާ ނިޒާމްގެ ހިސްޓޮލޮޖީ ދައްކައިދޭ ކުރެހުމެއް

އެންމެ ބޭރު ފަށަލަ[އުނިއިތުރު ގެންނަވާ]

އެންމެ ބޭރުފަށަލަ ނުވަތަ (އިނގިރޭސި ބަހުން: Serosa) އެޑްވެންޓިޝާ ނުވަތަ ސިރޯސާ އެކުލެވިގެންވަނީ އެޕިތީލިއަމް ގެ ބައިވަރު ފަށަލަ ތަކުންނެވެ.

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]