ގުރުދާގައި ހިލައުފެދުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އާބާދީގެ ކޮންމެ 20 މީހަކުން 1 އަށް އުމުރުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ގުރުދާގައި ހިލައުފެދުން (އިނގިރޭސި ބަހުން: Renal Stone) ކުރިމަތިވާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ގުރުދާގައި އުފެދޭ ހިލައަކީ ތަފާތު މަޢުދަން ތަކާއި، ކްރިސްޓަލް ތައް އެއްވެގެން އުފެދޭ ހަރު މާއްދާ އެކެވެ. ކުޑަކަމުދާއިރު ލޭއައުން، ދަށްބަނޑުން އެއްފަޅިއެއްގައި ރިހުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމުން ފެނިދާނެ ބައެއް އަލާމާތްތަކެވެ.

ގުރުދާގައި ހިލައުފެދެނީ ކުޑަކަމުދާ ތަކެތީގެ މިންވަރު މަދުވުން، ނުވަތަ ހިލައުފެދުމަށް އެހީވެދޭ މާއްދާއެއް ކުޑަކަމުދާ ތަކެތީގެ ތެރޭގައި ގިނަވުމުންނެވެ. ގުރުދާގައި އުފެދޭ ހިލައިގައި އެންމެ އާއްމުކޮށް ހިމެނޭ އެއް މާއްދާއަކީ ކެލްސިއަމް އެވެ. މިގޮތުން ކެލްސިއަމް ހުންނަނީ ފޮސްފޭޓް، ނުވަތަ އޮކްސަލޭޓް އާއި ގުޅި ލާމެހިފައެވެ. ގުރުދާގައި ހިލައުފެދުމަށް އެހީވެދޭ އެހެން މާއްދާ ތަކުގެ ތެރޭގައި ޔުރިކް އެސިޑް އަދި ސިސްޓައިން ހިމެނެއެވެ.

ދިޔާތަކެތި ބޭނުންކުރާ މިންވަރު މަދުވުމުން ހަށިގަނޑުން ފެންމަދުވުން، ވަރުބަލި ވަންދެން ކަސްރަތު ކުރުމަށްފަހު ހަށިގަނޑުން ގެއްލިގެންދާ ފެނުގެ ބައި އަބުރައި ހަށިގަނޑަށް ނުލިބުން ފަދަ ކަންކަމަކީ ގުރުދާގައި ހިލައުފެދުމަށް މަގުފަހިކުރާ ކަންތައްތައް ކަމުގައި ބެލެވިފައި ވެއެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތީގެ ކޮންމެ ވެސް ހިސާބެއްގައި ހުރި ކަމެއްގެ ކުޑަކަމުދާ ތަކެތި ބޭރުވުމަށް ހުރަސް އެޅުން، އަދި ކުޑަކަމުދާ ނިޒާމްގައި އިންފެކްޝަން އަށަގަތުން ފަދަ ކަންކަމަކީ ވެސް ގުރުދާގައި ހިލައުފެދުން މެދުވެރިކޮށްފާނެ ކަންތައްތަކެވެ.

އަންހެނުންނަށްވުރެ ފިރިހެނުންގެ މެދުގައި ގުރުދާގައި ހިލައުފެދުން އާންމުކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ކަޅު މީހުންނަށްވުރެ ދޮންމީހުންގެ މެދުގައި ގުރުދާގައި ހިލައުފެދުން އާންމުކަމަށް ވެސް ފާހަގަ ކުރެވިފައި ވެއެވެ. މީގެ އިތުރުން އެއްފަހަރު ގުރުދާގައި ހިލައުފެދިއްޖެނަމަ އެމީހަކަށް ދެވަނަ ފަހަރަށް ވެސް ގުރުދާގައި ހިލައުފެދުމުގެ ފުރުޞަތު ބޮޑުކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.

ގުރުދާގައި ހިލައުފެދުން ކުރިމަތިކޮށްދާނެ ބައެއް ޙާލަތްތައް ތިރީގައި މިވަނީ އެވެ.

  • ގައުޓް: މިބަލި ކުރިމަތިވަނީ ކުޑަކަމުދާ ތަކެތީގެ ތެރޭގައި ޔުރިކް އެސިޑް ގިނަވުމުންނެވެ. ނަތީޖާއެއްގެ ޔުރިކް އެސިޑް ހިލަ ގުރުދާގައި އުފެދޭގޮތް ވެއެވެ.
  • ކުޑަކަމުދާ ތަކެތީގައި ކެލްސިއަމް ގިނަވުން: ގުރުދާގައި ހިލައުފެދުން ކުރިމަތިވާ މީހުންގެ 50 އިންސައްތަ މީހުންނަށް ހިލައުފެދުން ކުރިމަތިވަނީ ކުޑަކަމުދާ ތަކެތީގެ ތެރޭގައި ކެލްސިއަމްގެ މިންވަރު އިތުރުވެގެންނެވެ. ނަތީޖާއެއްގެ ގޮތުން ކެލްސިއަމް ފޮސްފޭޓް ނުވަތަ އޮކްސަލޭޓް އާއި އެއްވެގެން ފޮސްފޭޓް ހިލަ ނުވަތަ އޮކްސަލޭޓް ހިލަ އުފެދުން މެދުވެރި ކުރުވައެވެ.
  • އެހެނިހެން ބަލިތައް: ގުރުދާގައި ހިލައުފެދުން މެދުވެރިކުރުވާ އެހެން ބަލިތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގެ ތެރޭގައި އޮކްސަލޭޓް ގިނަވުން، ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް އާދަޔާ ޚިލާފަށް އިތުރުވުން، އަދި ބައެއް ކަހަލަ ގުރުދާގެ ބަލިތައް ހިމެނެއެވެ.
  • ގޮހޮރުގައި އިންފްލެމޭޝަން އުފެދޭ ބަލިތަކާއި، ގޮހޮރުގެ ބައިޕާސް ހަދައިފައި ތިބޭމީހުންނަށް ގުރުދާގައި ހިލައުފެދުމުގެ މައްސަލަ ކުރިމަތިވާލެއް އިތުރުކަން ފާހަގަ ކުރެވިފައި ވެއެވެ.
  • ބައެއް ކަހަލަ ބޭސްތައް: