ގުރުދާގެ ކެންސަރު

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ

ގުރުދާގެ ކެންސަރު(އިނގިރޭސި ބަހުން: Nephroblastoma)ގެ ތަފާތު ވައްތަރު ތައް ހުރެއެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް ވައްތަރަކީ ވިލްމްސް ޓިއުމަރު(އިނގިރޭސި ބަހުން: Wilms Tumour) އެވެ. އަނެއް ވައްތަރަކީ ގުރުދާ ސެލް ކެންސަރު(އިނގިރޭސި ބަހުން: Hypernephroma) ގެ ނަމުން މަޝްހޫރު ވެފައިވާ ވައްތަރެވެ. ވިލްމްސްޓިއުމަރު އަށް ނެފްރޯބްލާސްޓޯމާ އޭ ވެސް ކިޔައެވެ. މިޓިއުމަރު އެންމެ ފުރަތަމަ ހޯދީ ޖަރުމަނުގެ ސާޖަރީ ޑޮކްޓަރެއް ކަމުގައި ޑރ ވިލްމްސް އެވެ. އެހެންކަމުން މިޓިއުމަރަށް މިބުނި ޑޮކްޓަރުގެ ނަމުން ނަންދެވުނެވެ. އާންމު ގޮތެއްގައި ވިލްމްސް ޓިއުމަރު ކުރިމަތިވަނީ ކުޑަކުދިންނަށް ކަން ފާހަގަ ކުރެވެއެވެ.

ކޮންމެ މީހެއްގެ ވެސް ދެގުރުދާ އޮވެއެވެ. މިއީ ތޮޅިއޮށެއްގެ ސިފައިގައި އޮންނަ ގުނަވަނެކެވެ. މިއީ އެތެރެހަށީގައި ބުރަކައްޓާއި ކައިރީގައި އޮންނަ ގުނަވަނެކެވެ. ގުރުދާ ކޮށްދޭ އެއް މަސައްކަތަކީ ލޭގެ ތެރޭގައި އުފެދޭ ބޭނުމެއްނެތް ބައިތައް ފުރާނައިދީ، ކުޑަކަމުދާ ނަޖިހަށް ބަދަލުކުރުމެވެ. ކުޑަކަމުދާ ނަޖިސް ގުރުދާ އިން ފޮނުވަނީ ގުރުތާ ނުވަތަ ޔުރެޓަރ ކިޔާ ދެހޮޅީގެ މަގުން މަސާނާ އަށެވެ. މަސާނާއަށް ޖަމާވާ ކުޑަކަމުދާ ނަޖިސް ހަށިގަނޑުން ބޭރުވަނީ ކުޑަކަމުދާ ހޮޅިންނެވެ. ގުރުދާކޮށްދޭ އަނެއް މަސައްކަތަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރާ މާއްދާއެއް އުފައްދައި ދިނުމާއި، ލޭގެ ރަތް ސެލް، އުފައްދާ މިންވަރު، ވަކި މިންގަނޑެއްގައި ހިފަހައްޓައި ދިނުމެވެ.

ގުރުދާގައި ދެބާވަތެއްގެ ކެންސަރެއް އުފެދެއެވެ. އެއީ ހައިޕަރނެފްރޯމާ، އާއި ވިލްމުސް ޓިއުމަރު ކިޔާ ބާވަތުގެ ކެންސަރެވެ. ހައިޕަރނެފްރޯމާ އާންމުގޮތެއްގައި ބޮޑެތިމީހުންނަށް (ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް) ޖެހޭއިރު، ވިލްމުސް ޓިއުމަރު ގިނައިން ޖެހެނީ ކުޑަކުދިންނަށެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.


ހައިޕަރނެފްރޯމާ[އުނިއިތުރު ގެންނަވާ]

ހައިޕަރނެފްރޯމާ ޖެހޭ ވަކި ސަބަބެއް އަދި ހޯދިފައި ނެތްނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މިބާވަތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 5 ގުނަ އިތުރެވެ. ޞިއްޙީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ބައެއް ކެމިކަލްގެ ސަބަބުން ވެސް މިކެންސަރު ޖެހޭކަން ވަނީ ފާހަގަ ކުރެވިފައެވެ. މިބާވަތުގެ ކެންސަރު ގިނައިން ޖެހެނީ އުމުރުން 50 އަހަރަށްވުރެ މަތީ ފިރިހެނުންނަށެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ބަލީގެ ފުރަތަމަ މަރުހަލާގައި ވެސް ބަލިކަމުގެ އިހްސާސް އެމީހަކަށް ކުރެވުން
  • ބަރުދަން ލުއިވުން
  • ކާހިތްނުވުން
  • ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
  • ސަބަބެއް ނޭނގި ހުންއައުން
  • ބަނޑުގައި ރިހުން

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005