Jump to content

އަލްއުސްތާޛު ޢަބުދުﷲ ޙަމީދު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަލްއުސްތާޛު ޢަބްދުﷲ ޙަމީދު

އަލްއުސްތާޛު ޢަބުދުﷲ ޙަމީދު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ ރައީސްކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ ފަހަރު ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައިވަނީ 14 ފެބުރުއަރީ 1988 ން ފެށިގެން 22 ފެބުރުއަރީ 1990 ގެ ނިޔަލަށެވެ. ދެވަނަ ފަހަރު މަޖުލީހުގެ ރައީސްކަން ކުރައްވާފައިވަނީ 11 ނޮވެމްބަރ 1993ން 13 ސެޕްޓެމްބަރ 2004 ގެ ނިޔަލަށެވެ.

އަލްއުސްތާޛު ޢަބުދުﷲ ޙަމީދު ގެ ބައްޕަ އަކީ އައްޝައިޚް ޢަބުދުލް ޤައްޔޫމް ދޮންސީދީ އެވެ.ދޮންސީދީ އަކީ، ސާލިމުލް ޙަބްޝީ ޒަންޖަބާރީގެ، ނާއިބު މުޙައްމަދު ޢަފީފުއްދީނުލް ޙަބްޝީ (ބަބުރުނައިބު ކަލޭފާނު) ގެ، ކަޅުޢަލިމަނިކުގެ، ޢުމަރުމަނިކު (ދޮންމަނިކު) ގެ، ދޮންތުއްތު (ނުވަތަ އަލްވަޒީރު އިބްރާހީމް މާފަތްތަކުރުފާނު) ގެބޭފުޅެކެވެ. ޢައްޝައިޚް ޢަބްދުލްޤައްޔޫމްގެ މަންމައަކީ، ޢަރަބި ކަރައިގެ ބަޢުލަވީ ދަރިކޮޅުން ވަޑައިގަތް އައްސައްޔިދު މޫސާގެ އައްސައްޔިދު މުޙައްމަދު، ޢައްޝައިޚުލް ފަޤީހު މުޙައްމަދުލް މަރަދުވިއްޔު (މުދިންގޭ ބޮޑުކަތީބު)ގެ ދަރިކަނބަލުން އާމިނާފާނާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގެންނެވި އައްސައްޔިދު އިބްރާހީމް ދޮށީ ކަލޭގެ ފާނަށް، މާވާ ގަނޑުވަރު ޙުސައިން ދީދީގެ ޅަދީދީގެ ބަނޑުން ލިބިވަޑައިގެންނެވި އައްސައްޔިދު ޢަބްދުﷲ (ގަލޮޅުސީދީ) ގެ (ކަހަނބުގޭ)ސިއްތިއެވެ. އިބްރާހީމް މާފަތް ތަކުރުފާނުގެ މަންމައަކީ ދިއްފުށީ ޙުސައިން ހަނދޭގިރި ތަކުރުފާނުގެ މާކޮށާރު ޢަލިމަނިކުގެ މާކޮށާރު އިބްރާހީމް މަނިކުގެ މާކޮށާރު އާއިޝާ މަނިކެއެވެ. އަލްއުސްތާޛު ޢަބުދުﷲ ޙަމީދު ގެ މަންމައަކީ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނު ޚަދީޖާ މޫސާ (ކައްދައިދީ) އެވެ. އެއީ ދިޔަމިގިލީ ދަރިކޮޅުގެ ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން 2 އާއި އާމިނާކަނބައިދިކިލެގެ ގެދަރިކަލުން ސުލްތާން އިބްރާހިމް އިސްކަންދަރު 2، ފަސްމަންދޫ ކޮއިގެ ފާތިމާ މާވާކިލެގެފާނުގެ ޢާއިޝާ މަނކުފާނާއި ކައިވެނި ބައްލަވައި ލިބިވަޑައިގެންނެވި މުޙައްމަދު މަނިކުފާނު ނުވަތަ ސުލްތާން މުހައްމަދު ޣިޔާސުއްދީން (ހާޖީ ބަންޑާރައިން/ޝަހީދުކުޅަ ބަންޑާރައިން) އަށް ސިއްކަ ތަކުރުފާނުގެ އާމިނާމަނިކުފާނުގެ ކިބައިން ފުރަސޫތާވި އިބްރާހިމް ފާމުލަދޭރި ކިލެގެފާނު މުލަކު ކުޑަަރަނިޔައެދުރުގޭ މަރިޔަމް މަނިކުފާނާއި ކައިވެނި ކުރައްވައިގެން ލިބިވަޑައިގަތް ޢާއިޝަތުދީދީ (ދޮށީދީދީ)،ކޮނޑޭ އަލިމަނިކުފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ކޮނޑޭ ދީދީ (ދޮންދީދީ)، ދެއްވަދޫ ގަނޑުވަރު ދޮންދަލޭކާ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނު (ތުއްކަލާ) އާއި ކުރައްވާ ކައިވެނިން ލިބިވަޑައިގެންނެވި މަރިޔަމް ދީދީ މާލޭ ބޮއިގަސްދޮށުގޭ މޫސާ ކަލޭގެފާނާއި ކައިވެނި ކުރައްވައިގެން ލިބުނު ޚަދީޖާ ދީދީ (ބޮއިގަސްދޮށުގޭ ކަތްދައިދީ) އެވެ.

އަދަބީ ޚިދުމަތް

[އުނިއިތުރު ގެންނަވާ]

އަލްއުސްތާޛު ޢަބުދުﷲ ޙަމީދު އަކީ މަޖީދިއްޔާ ސުކޫލްގެ މުސްކުޅި ދަރިވަރެކެވެ. ގާނޫނީ ވަކީލެކެވެ. އިގިރޭސި އުރުދޫ ބަސް ދެނެލައްވައެވެ. ދިވެހި ބަހުގެ އަދީބެކެވެ. ކުޅަދާނަ މުގައްރިރެކެވެ. ޅެންވެރި އެކެވެ.

އަދާކުރައްވާފައިވާ ވަޒީފާތައް

[އުނިއިތުރު ގެންނަވާ]
  • 1958 - ޅ.އަތޮޅުވެރިކަން
  • 1959 - މަޙްކަމަތުއް ޝަރުޢިއްޔާގެ ވަކީލްކަން
  • 1969 - ރައްޔިތުން މަޖުލީހުގެ ކ.އަތޮޅުގެ މެންބަރުކަން
  • 1974 - ރައްޔިތުން މަޖުލީހުގެ ބ.އަތޮޅުގެ މެންބަރުކަން
  • 1979 - ރައްޔިތުން މަޖުލީހުގެ ފ.އަތޮޅުގެ މެންބަރުކަން
  • މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ނާއިބުކަން
  • 29 ޖެނުއަރީ 1979 - ބަސްކޮމިޓީގެ ރައީސްކަން
  • 10 ނޮވެމްބަރު 1982 -މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއަރޒްކަން
  • 14 ފެބުރުއަރީ 1988 - 22 ފެބުރުއަރީ 1990 - ރައްޔިތުން މަޖުލީހުގެ ރައީސްކަން
  • 22 ފެބުރުއަރީ 1990 - 30 މެއި 1990 - މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކަލްޗަރަލް އެފެއާޒްކަން
  • 30 މެއި 1990 - މިނިސްޓަރ އޮފް އެޑިޔުކޭޝަން
  • 11 ނޮވެމްބަރު 1993 - ރައްޔިތުން މަޖުލީހުގެ ރައީސްކަން
  • 6 ނޮވެމްބަރު 1996 - މިނިސްޓަރ އޮފް އެޓޮލް އެޑްމިނިސްޓްރޭޝަންކަން
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ރައީސްކަން
  • ޒުވާނުންގެ މަޖުލީހުގެ މެންބަރުކަން

ޙާސިލު ކުރައްވާފައިވާ ކާމިޔާބީތައް

[އުނިއިތުރު ގެންނަވާ]
  • ދިވެހިބަހަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 1991
  • ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ދިވެހިބަހުން ވާހަކަދެއްކުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު - 2000
  • ދިވެހި ދަޢުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތް - 2008

އަވަހާރަވުން

[އުނިއިތުރު ގެންނަވާ]

އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ހިތްޕުޅުގެ އާލާސްކަންފުޅެއްގައި ފަރުވާދެމުން ދަނިކޮށް، އިންޑިޔާގެ ބެންގަލޫރުގައި، 18 އޯގަސްޓް 2015 ގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 76 އަހަރެވެ. ޢަބްދުﷲ ޙަމީދުގެ މައްޗަށް ކަށުނަމާދުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ޢިޝާ ނަމާދަށް ފަހު، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައެވެ. އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006