އަލްއަމީރު އިބްރާހީމް ޢަލީ ދީދީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީ ދީދީ އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަކީ އެއްގަމުގޭ އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނުގެ އައްނަބީލް ތުއްތު ޢަލީ ދީދީގެ ދަރިކަލުން އިބްރާހީމް ޢަލިދީދީ އެވެ. މަންމާފުޅަކީ ވެލިދޫގޭ ސިއްތި ނުވަތަ މުލީގޭ ތުއްތު ދީދީގެ ސިއްތި އެވެ. ތުއްތު ޢަލީދީދީގެ ސީދީ އަކީ ވެސް މިކިލެގެފާނު އެވެ. އިބްރާހީމް ޢަލީދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 4 ޝަޢުބާން 1309ހ، 11 ޖޫން 1889މ ގައި ފުރަމާލޭގައެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު 5 ކާވެނިފުޅު ބައްލަވައިގަތެވެ. ފުރަތަމަ ކާވެނި ބައްލަވައިގަތީ އައްސުލްޠާން ޙާޖީ ޢިމާދުއްދީންގެ ދަރިކަނބަލަކާ އެވެ. ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވި ބޭފުޅުންނަކީ

 • އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ (އޯކިޑްމާގޭ ތުއްތުގޮމާ)
 • އައްނަބީލާ ޖަމީލާ އިބްރާހީމް ދީދީ(އެއްގަމުގެ)
 • އައްނަބީލާ ޢާއިޝަތު އިބްރާހީމް ދީދީ (މާންދޫގޭ ތިއްތި ގޮމާ)
 • އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ (އެއްގަމުގެ) އެވެ.

ތަޢުލީމް ޙާޞިލްކުރެއްވުން[އުނިއިތުރު ގެންނަވާ]

މާލެއިން އިބްތިދާއީ ތަޢުލީމް ހޯއްދެވުމަށްފަހު، މަތީ ތަޢުލީމް ހޯއްދެވީ ސިލޯނުގެ ސެންޓް ތޯމަސް ކޮލެޖްއިންނާއި، އިންޑިޔާ އިންނާއި،މިޞްރުގެ ޖާމިޢަތުލް އަޒުހަރު އިންނެވެ. މިކިލެގެފާނު އަކީ ޢަރަބި، އުރުދޫ، އިގިރޭސި، މިބަސް ބަހުގެ ތެރެއަށް ވަރަށް ރަގަޅަށް ވެދެވަޑައިގެން ހުންނެވުމާއެކު، ތާރީޚް ޢިލްމާއި، ބޭސްވެރިކަމުގެ ޢިލްމްގައި، ދިވެހިންގެ ތެރެއިން އަރާހުންނެވި ޙަކީމެކެވެ. އެކިއެކި ޢިލްމްގެ ތެރެއިން ދަނޑުވެރިކަން، ހެވިކަން، މަތީ ފެންވަރަށް ދެނެވަޑައިގަންނަވައެވެ. އަދި އެމަނިކުފާނަކީ ނަކަތްތެރިކަމާއި ގުރުއާންގެ ފައިދާ ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ގަވައިދާއި އެއްގޮތަށް ދިވެހިރާއްޖޭގައި ބިންގާއެޅުނު ކްރިކެޓްގެ ފުރަތަމަ އުސްތާޛެވެ.

ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން އޭނާ ޚިދުމަތް ކުރައްވަން ފެއްޓެވީ ކިޔަވައި ދިނުމާއި، ބޭސްވެރިކަމުގެ ރޮނގުގައެވެ. އެގޮތުން ތުއްތު ޢަލީ ދީދީގެ ސީދީ އަށް ދިވެހިންގެ މެދުގައި ވަރަށް ޚާއްޞަ މަގާމެއް ދެވިފައި ވެއެވެ.

ގައުމީ ޚިދުމަތް[އުނިއިތުރު ގެންނަވާ]

އިބްރާހީމް ޢަލީދީދީ ދައުލަތަށް ޚިދުމަތް ކުރައްވާން ފެއްޓެވީ ގާނޫނީ ސަރުކާރެއް ދިވެހި އުއްމަތުގައި ފުރަތަމަ ހިންގަން ފެށުމަށް، ހަރަކާތްތެރިވެ ވަޑައިގަތް އެއްބޭފުޅެއްގެ ގޮތުންނެވެ. އާ ގާނޫނީ ސަރުކާރު ގާއިމްވެގެންދިޔަ އިރު ވަޒީރުއްޞިއްޙާ، އަދި ވަޒީރުލް އައުޤާފް ލިބިވަޑައިގަތީ އެމަނިކުފާނު އަށެވެ. މިދެމަގާމްގެ އިތުރަށް އެމަނިކުފާނު ފުރުއްވި މަގާމްތަކުގެ ތެރޭގައި ރައްޔިތުން މަޖުލިސްގެ މެންބަރުކަން، ރައްޔިތުން މަޖްލިސްގެ ރައީސްކަން، ސްރީލަންކާގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓެޓިވް ކަން، ދައުލަތް ހިންގާ މަޖުލީހުގެ މެންބަރުކަން، ވަލީ ކޮމެޓީގެ މެންބަރުކަން، ހިމެނެއެވެ. އެންމެ ފަހުން ވަޒީރުލް އަޢުޒަމްގެ މަގާމްގައި ހުންނަވައި އެމަގާމުން އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން ސުމުއްވުލް އަމީރު ފާމުލަދޭރި ކިލެގެފާނު އަކީ ދައުލަތުގެ މުސްތަޝާރެވެ. މިމަނިކުފާނަށް ކިލެގެ ކަމުގެ ޢިއްޒަތް ލިބިވަޑައިގަތީ 10 ޖުމާދިލް އޫލާ 1365ހ ގައެވެ.

ރާއްޖޭގެ ތައުލީމީ ފަންޑު އުފައްދަވާ އިލްޒާމީ ތައުލީމްގެ ގާނޫނު ދިވެހިރާއްޖޭގައި ހިންގަވަން ފެއްޓެވީ އެކިލެގެފާނު އެވެ. ފަހަކަށް އައިސް ދިވެހި ގައުމަށް ދިމާވި ކޮންމެ ސިޔާސީ ނުރައްކަލެއްގައި ޖެހިލުމަކާއި ނުލައި ރައުޔު ފާޅުކޮށް، ކުރިމަތިލައްވަން ކެރިވަޑައިގަތް ވެރިއެއްގެ ގޮތުންނާއި، އަދި ރައްޔިތުން ބަސް ގަބޫލުކުރި ބޭފުޅެއްގެ ގޮތުން ގައުމުގައި ފާހަގަވެގެން ވިއެވެ. ގާނޫނީ ވަކީލެއްގެ ގޮތުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ދެމިހުރުމުގެ ބާރު ވެރީންގެ ތެރޭގައި ވެސް އެމަނިކުފާނު ހިމެނިވަޑައިގަތެވެ. އެމަނިކުފާނުގެ އުމުރުފުޅުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް އުޖޫރައަކާ ނުލާ ބޭސްކޮށްދެއްވުމުގެ ޢާންމު ޚިދުމަތުގައި ދެމިހުންނެވި އެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަކީ އިސްކޮޅުން ބޮޑު ބޭފުޅެކެވެ. މީހުންގެ މައްޗަށް ވަރަށް އޯގާތެރި ހަރުދަނާ ޝަޚްޞިއްޔަތެކެވެ. ދޫފުޅު ހިނގާ އަދި ލިޔުއްވުމުގެ ޚާއްޞަ ރޮނގެއް ގެންގުޅުއްވި ބޭފުޅެކެވެ. ހަރުދަނާ ވިސްނުންފުޅާއި މަތިވެރި އަޚްލާގެއްގެ އަބުރުވެރި އެކެވެ.

ގާނޫނު އަސާސީ ފާސްވުމާއި ގުޅިގެން ހިނގި މޮޓަރު ބޯޓު ގަޑުބަޑު ގައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ކޮޅުބު އަށް ފޮނުވާލެވުނެވެ. އޭގެ ފަހުން މާލެ ގެނެސް އއ. ތޮއްޑޫ އަށް އަރުވާލެވުނެވެ. ދެން މާލެ ގެންނެވުމަށްފަހު އޭރު އޮތް ރައްޔިތުން މަޖުލީހުގެ މެންބަރުކަން ދެއްވި އެވެ.

އަލްއަމީރު ޙަސަން ފަރީދު ދީދީ ދައުލަތް ހިންގެވި ދުވަސްވަރު މަޖްލިސްތަކުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ޖާގަ ހޯއްދެވި އެވެ. ދިވެހިރާއްޖެ ގާނޫނު އަސާސީ އުވާލުމަށް އެދުވަސްވަރު އެއްކުރެވުނު ޚާއްޞަ މަޖުލީހުގެ މެންބަރުންގެ ތެރެއިން ގާނޫނު އަސާސީ އުވާލުމަށް ފެނިވަޑައިނުގަތް ހަމައެކަނި މެންބަރަކީވެސް އެކިލެގެފާނު އެވެ.

އަލްއަމީރު މުޙައްމަދު އަމީން ދައުލަތް ހިންގެވުމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު ވަޒީރުން މަޖުލީހުގެ މެންބަރުންގެ ތެރެއިންނާއި، މަޙްކަމާތަކުގެ ވެރިންގެ ތެރޭގައި އިބްރާހީމް ޢަލީދީދީ ވަރަށް ޚާއްޞަ މަގާމްތައް ފުރުއްވި އެވެ. އެއްފަހަރަށްވުރެ ގިނަފަހަރު ވަޒީރުއްދާޚިލިއްޔާގެ ގާއިމް މަގާމް ފުރުއްވި އެވެ. އަދި އޭރު އެކިލެގެފާނަކީ ރައްޔިތުން މަޖުލީހުގެ ބ.އަތޮޅު މެންބަރެވެ. މިގޮތުގައި ކަން ހިގަމުންދަނިކޮށް އައްސުލްޠާން ޙަސަން ނޫރައްދީން ރަދުން ރަސްކަމުން އިސްތިއުފާ ދެއްވުމުން އުފެދުނު ވަލީ ކޮމިޓީގެ މެންބަރަކަށް ވެސް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހޮވި ވަޑައިގަތެވެ. ދައުލަތުގެ ވަޒީފާ އަދާކުރެއްވުމުގެ ތެރޭގައި ކޮޅުނބުގައި ހުންނަވާ ދިވެހި ދައުލަތުގެ ރެޕްރެޒެންޓޭޓިވްގެ މަގާމް ފުރުއްވި އެވެ.

އަލްއަމީރު މުޙައްމަދު އަމީން ދީދީގެ އެންމެ އަރިސް އެއްބޭފުޅަކީ ވެސް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެވެ. ފުރަތަމަ ޖުމުހޫރީ ސަރުކާރުގައި އެކިލެގެފާނު ވަކި މަގާމެއް ނުފުރުއްވައެވެ. 1372 ވަނަ އަހަރު ޛުލްޙައްޖާ މަހުގެ 11 ވަނަ ދުވަހު ވެރިކަމަށް އައި ބަދަލުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ވެރިކަމާއި ޙަވާލުވި ދެބޭފުޅުންގެ ތެރެއިން އިސްބޭފުޅަކީ ވެސް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެވެ.

އަލްއަމީރު އިބްރާހީމް ޢަލީ ދީދީ އަކީ ސަރުކާރަށް ތަފާތު ޚިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ގާނޫނީ ސަރުކާރެއް ރާއްޖޭގައި ހިންގަވަން ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައެވެ. އިގިރޭސިންނާއި ދިވެހިންނާއި ދެމެދު 1887 ވަނަ އަހަރު ބަދަލުކުރެވުނު ލިޔުމަށް އަލްއަމީރު އިބްރާހީމް ޢަލީ ދީދީ ގެ ވަޒީރުލް އަޢުޒަމް ކަމުގައި އިސްލާހު ގެނައުމުގެ އެގްރީމެންޓެއްގައި 23 އެޕްރީލް 1948 ގައި ސޮއި ކުރެވުނެވެ. މި ލިޔުމުގައި އިގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ކޮޅުބުގައި ހުންނެވި ހައިކޮމިޝަނަރ ސަރ ވޯލްޓަން ހެންކިސަން އެވެ. އޭރު ރާއްޖޭގެ ރަދުން ނެތުމާޢެކު ރަދުންގެ ފަރާތުން ސޮއި ކުރެއްވީ އަލްއަމީރު އިބްރާހީމް ޢަލީ ދީދީ އަދި އަލްއަމީރު މުޙައްމަދު އަމީން އެވެ. މީގައި ސޮއިކުރުމުގެ ކުރިން ދިވެހި ސަރުކާރުން އިގިރޭސި ސަރުކާރަށް ޖިޒީ ފޮނުވަން ޖެހެއެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

 • ފުރަތަމަ ގާނޫނު އަސާސީ ހެދި މަޖުލީހުގެ މެންބަރުކަން
 • 1932 : ވަޒީރުއް އައުޤާފްކަން
 • 1932 ؛ ވަޒީރުއްޞިއްޙާ ކަން
 • 1954 : ވަޒީރުއް ދާޚިލިއްޔާކަން
 • ވަޒީރުލް މަޢާރިފްކަން
 • ވަޒީރުލް މާލިއްޔާކަން
 • ވަޒީރުއް ޒިރާޢާކަން
 • ވަޒީރުލް އަޢުޒަމްކަން
 • ރައްޔިތުން މަޖުލީހުގެ ޒަޢީމްކަން
 • ވަޒީރުއް ދާޚިލިއްޔާގެ ގާއިމްކަން
 • ބޭސް ކްލާހުގެ މުދައްރިސްކަން
 • ސިލޯނުގައި ހުންނަ ސަފީރުކަން
 • މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
 • ދައުލަތުގެ މުސްތަޝާރުކަން

ބޮޑުވަޒީރުކަން[އުނިއިތުރު ގެންނަވާ]

އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ފުރަތަމަ ބޮޑު ވަޒީރަކީ އަދި ވަޒީރުއް ދާޚިލިއްޔާ އަކީ ވެސް އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އެވެ. ކުރިން ބުނެވުނު ފަދައިން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަށް ބޮޑު ވަޒީރުކަން ދެއްވީ 3 ރަޖަބު 1373 ގައެވެ. އެމަނިކުފާނު އެކުލަވާލެއްވި ކެބިނެޓް ތިރީގައި މިވަނީ އެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި މިކެބިނެޓަށް އެކިފަހަރު މަތިން ބަދަލު އައެވެ. އެގޮތުން 17 ޝަޢުބާން 1374 ގައި 4 މެންބަރަކު އިތުރުކުރެވުނެވެ. އެއީ ދައުލަތުގެ ވަޒީރުންގެ ގޮތުގައެވެ. އެ 4 މެންބަރުންގެ ނަން ތިރީގައިމިވަނީ އެވެ.

 • އަލްފާޟިލް އަޙުމަދު ޒަކީ
 • އަލްފާޟިލް އިބްރާހީމް ނާޞިރު
 • އަލްފާޟިލް މާޖެހިގޭ މުޙައްމަދު ދީދީ
 • އަލްފާޟިލް ކޮލިގޭ ޢުމަރު މަނިކު

ބޭސްވެރިކަން[އުނިއިތުރު ގެންނަވާ]

އަލްއަމީރު އިބްރާހީމް ޢަލީ ދީދީ އަކީ އެމަނިކުފާނު ޙާޞިލްކުރައްވާފައިވާ ޔޫނާނީ ބޭސްވެރިކަން ގިނަ ބަޔަކަށް ދަސްކޮށްދެއްވި ބޭފުޅެކެވެ. ހިލޭ ސާބަހަށް އެކި މީހުންނަށް ބޭސް ކޮށްދެއްވި އެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ދިވެހި ރައްޔިތުންގެ އިތުބާރާއި ލޯބި ވަރަށް ބާރު ހުރިގޮތެއްގައި ލިބިވަޑައިގެން، ހުންނެވި ދިވެހި ދަރިއެއްގެ ގޮތުގައި ޙަޔާތް ވޭތި ކުރައްވައި، އެކިލެގެފާނު އަވަހާރަވީ 28 ޛުލްޙިއްޖާ 1395ހ، 10 ޖެނުއަރީ 1975 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ގަލޮޅު ގަބުރުސްތާނުގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

 • ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަޖިލިސް
 • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ-1 – 1981 - ދިވެހިނާދީ /ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
 • ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
 • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006