ހިލާލީ ދަރިކޮޅު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހިލާލީ ދަރިކޮޅު އަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރަސްކަން ކުރެއްވި ދެވަނަ ދަރިކޮޅެވެ. މިއީ އެޗްސީޕީ ބެލްގެ މޮނޮގްރާފް ގައި ބަޔާންކުރައްވާފައި ގޮތެވެ. ނަމަވެސް ރާއްޖޭގައި ރަސްކަން ކުރެއްވި ދަރިކޮޅު ތަކުގެ މައްޗަށާއި އެދަރިކޮޅުތައް ފެށިގެން އައިގޮތުގެ މައްޗަށް ބަލާއިރު، ހިލާލީ ދަރިކޮޅު އަކީ ރާއްޖެ އިސްލާމް ވުމަށްފަހު ރަސްކަން ކުރެއްވި 3 ވަނަ ދަރިކޮޅު ކަމުގައި ބަޔާން ކުރަން ޖެހެއެވެ.

ހިލާލީ ދަރިކޮޅު އަކީ ވެސް ރާއްޖެއިން ބޭރުން އައި ދަރިކޮޅަކުން ރާއްޖޭގައި އުފެދުނު ގޮތްޕެކެވެ. މިދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްޠާން ޙަސަން އަލްހިލާލީ އެވެ. މިރަދުން އަކީ ރަސްކަމުގެ ސިލްސިލާގެ 30 (29) ވަނަ ރަދުންނެވެ. ހިލާލީ ދަރިކޮޅު ނިސްބަތްވާ ޙަސަން އަލްހިލާލީ އަކީ މަލާބާރުން އައިސް ކ.ހުޅުލޭ (ކުޑަރަށް ) ގައި ވަޒަންވެރިވެގެން ހުރި ހިލާލީ ދަރިކޮޅު ގެ ހިލާލީ ބަދުރުއްދީން އޭ ކިޔުނު މީހެއްގެ އަންހެންދަރިއެއްގެ މާމަ ދަރިއެކެވެ. ފަހަރު ގައި ހިލާލީ ދަރިކޮޅު އަކީ ޔަމަން ކަރައިން އައި ދަރިކޮޅަކަށް ވެސް ވެދާނެއެވެ. ސަބަބަކީ މިހާރު ވެސް ޔަމަނުގައި އަލްހިލާލީ އޭ ކިޔޭ މަޝްހޫރު ދަރިކޮޅެއް އޮންނާތީ އެވެ. ޔަމަން އާއި ދިވެހިރާއްޖެ އަކީ 14 ވަނަ ގަރުނުގައި ވަރަށް ބޮޑަށް ގުޅިފައި އޮތް ދެގައުމެވެ.

ހިލާލީ ދަރިކޮޅުން ރަސްކަންކުރެއްވި ރަސްކަލުން[އުނިއިތުރު ގެންނަވާ]

Interregnum 1558 - 1573

ދޫދޫ މަތިން އަންނަ ވާހަކަތަކުގައި ބަޔާންވާގޮތުން ހިލާލީ ކަލޯއަށް އެއްމާބަނޑު ދެކުދިން ލިބުނެވެ. އެއީ ޙަސަން އަދި ޙުސައިން އެވެ. ހިލާލީ ކަލޯސުލްޠާން ޙަސަން އަލްހިލާލީގެ އާއިލާ މާލެއަށް އައިސް، މާލޭގައި ވަޒަންވެރިވީ ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ ގެ ރަސްކަމުގައެވެ. އެއީ ހިޖުރައިން 790 ވަނަ އަހަރު އެވެ. އުޘްމާނު ރަސްގެފާނުގެ ރަސްކަމަށް މަހަކާއި ފޮއި ދުވަސްވީތަނާ ހިލާލީ ކަލޯސުލްޠާން ޙަސަން އަލްހިލާލީ ރާއްޖޭގެ ރަސްކަން ފިރައިގެންފައި އުޘްމާން ރަސްގެފާނު ނުވަތަ ސުލްޠާން ޢުޘްމާނު އަލްފެހެންދުވީ ތ.ގުރައިދޫ އަށް އަރުވާލައްވައި އައްސުލްޠާން ޙަސަން އަލްހިލާލީ (ޙަސަން ބަދުރުއްދީން ) ސިރީބަވަނަ މަހާރަދުންގެ ނަންފުޅުގައި ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގަތީ އެވެ.

ހިލާލީ ދަރިކޮޅުގެ 29 ރަސްކަލުން 34 ފަހަރުމަތިން 168 އަހަރާއި 4 މަހާއި 15 ދުވަހު ރަސްކަން ކުރެއްވި އެވެ. ހިލާލީ ދަރިކޮޅުގައި ނުހިމެނޭ 5 ރަސްކަލަކު އެޗސީޕީ ބެލް މިދަރިކޮޅުގައި ހިމަނުއްވާފައި ވެއެވެ. އެ 5 ރަސްކަލުން ތިރީގައި މިވަނީ އެވެ.

ބަޔާންކުރެވުނު 5 ރަސްކަލުން ރަސްކަން ކުރެއްވި މުއްދަތަކީ 7 އަހަރާއި 3 މަސް ދުވަހެވެ. މި ރަސްކަލުންގެ މުއްދަތާއި ކުރިން ދެންނެވުނު މުއްދަތާއި އެކު ހޭދަވި 175 އަހަރާއި 7 މަހާއި 15 ދުވަހަކީ ރާއްޖޭގެ ތާރީޚްގައި ދެކެފައިވާ ގަރާރުކަމެއްނެތް އަދިރި ދުވަސް ތަކެކެވެ.

ހިލާލީ ދަރިކޮޅުގެ ދުވަސްވަރު ހިނގި ބައެއް ކަންތައްތައް[އުނިއިތުރު ގެންނަވާ]

ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވާން ފެށީވެސް މިދަރިކޮޅުގެ ރަސްކަމުގައެވެ. އަދި ޕޯޗުގީޒުންނާއި މަލާބާރީންނަށް ރާއްޖެއިން ލިބޭ އާންމުދަނީގެ ބައެއް ޖިޒީއެއްގެ ގޮތުގައި ދެވުނީ ވެސް މިދަރިކޮޅުގެ ރަސްކަމުގައެވެ. ދިވެހިރާއްޖެ އިސްލާމް ވުމަށްފަހު އިސްލާމީ ރަސްކަލަކު އިސްލާމްދީން ދޫކުރައްވައި ކްރިސްޓިއަން ދީން ޚިޔާރުކުރެއްވީ ވެސް މިދަރިކޮޅުގެ ރަސްކަމުގައެވެ. މިދަރިކޮޅުގެ ރަސްކަން ނިމިގެން ދިޔައީ ޕޯޗުގީޒުންގެ ވެރިކަން ދިވެހިރާއްޖެއަށް ވެރިކުރުވާފައެވެ.

  • ސުލްޠާން ޙަސަން (ފަސްވަނަ) ގެ ރަސްކަމުގައި 1486 ވަނަ އަހަރު ޕޯޗުގީޒުން އިންޑިޔާ ކަނޑަށް ފުރަތަމަ ފަހަރަށް އައެވެ.
  • ސުލްޠާން ކަޅު މުޙައްމަދު ގެ ރަސްކަމުގެ ދެވަނަ ދައުރުގައި 8 ޖުލައި 1497 ގައި ޕޯޗުގީޒުން އިންޑިޔާ ކަނޑު ފަތަހަ ކުރުމަށާއި، އިންޑިޔާގެ އައްސޭރިއަށް ވެރިވުމަށް ވަސްކޮޑި ގަމާ ފޮނުވައި، އޭނާ އިންޑިޔާ އައެވެ. ހަމަ މިރަދުންގެ ރަސްކަމުގެ ދެވަނަ ދައުރުގައި މީލާދީން 1501 ގައި ޕޯޗުގީޒުންގެ ސަރުކާރުގެ އިސް އޮފިސަރެއް ކަމުގައިވާ ދުވާޓޭ ބަރަބޯސާ ދިވެހިރާއްޖެ އަށް ޒިޔާރަތްކުރި އެވެ.
  • ސުލްޠާން ކަޅު މުޙައްމަދު ގެ ދެވަނަ ދައުރުގައި މީލާދީން 1502 ގައި ޕޯޗުގީޒުންގެ ހަނގުރާމަ މަތީ އުޅަނދެއްގެ ވެރިޔަކަށް ހުންނެވި، ވިންސެންޓް ސޮޑްރޭ ރާއްޖޭގެ ވިޔާފަރި އޮޑިތަކެއް އަތުލައިގެން އޭގައި ހުރި ވިޔަފާރި މުދާތައް ފޭރުނެވެ.
  • ސުލްޠާން ކަޅު މުޙައްމަދު ރަސްކަމުގެ ދެވަނަ ދައުރުގައި މީލާދީން 1505 ގައި ޕޯޗުގީޒުންގެ 4 އުޅަނދުގައި 300 ސިފައިން ގޮވައިގެން ޑޮންލޮރެންސޯޑި އަލްމޭޑާ ދިވެހިރާއްޖެ ހިފުމަށް ގޯވާއިން ފުރައިގެން ދަތުރުކުރިއެވެ. މިދަތުރުގައި މޫސުމް ގޯސްވެ، ކަނޑުގެ އޮއިބާރު ކަމުން ޕޯޗުގީޒުންގެ އުޅަނދުތައް ބެހިގެން ދިޔައީ ސްރީލަންކާގެ ގާލީ އަށެވެ. އެއަށްފަހު އެތަނުގައި ޕޯޗުގީޒުންގެ ބާރު ހިގަން ފެށިއެވެ.
  • ސުލްޠާން ކަޅު މުޙައްމަދު ރަސްކަމުގެ ތިންވަނަ ދައުރުގައި ޕޯޗުގީޒުންގެ އިސް އޮފިސަރެއް ކަމަށްވާ ޑޮމް ޕިޔަރެސް ޕޯޗުގީޒު ސަރުކާރަށް ދިވެހިރާއްޖޭގެ މުހިއްމުކަން ރިޕޯޓަކުން ހުށަހެޅިއެވެ. ހަމަ މިދުވަސްވަރުގެ ތެރޭގައި މީލާދީން 1517 ވަނަ އަހަރު ޕޯޗުގީޒު ސަރުކާރުގެ ސަފީރެއްގެ ގޮތުގައި ރާއްޖޭގައި ހުރި ޖޯޑޯ ސިލްވީރާ ބަންގާޅު ރަސްގެފާނު އައްސުލްޠާން އަލާޢުއްދީނު ޙުސައިން ޝާހު ގެ އަރިހަށް ބަދަލު ކުރެވުނެވެ. ހަމަ އެއަހަރު ޕޯޗުގީޒު މީހެއް ކަމުގައިވާ ޖެރޯނީ ނިސް ޑިސޯސާ ރާއްޖޭގެ ރަށްތަކަށް އަރައި ފޭރުމުގެ ޢަމަލުތަކެއް ހިންގިއެވެ. ހަމަ އެއަހަރު ޖުވާޑިޔޯ ނުވާ ރާއްޖެ އައެވެ.
  • ސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނުގެ ތިންވަނަ ދައުރުގައި މީލާދީން 1518 ވަނަ އަހަރު ޖުވާގޯ މެސްޗިރާ ޑިން ހިރޯ ޕޯޗުގީޒުންގެ ފަރާތުން ދިވެހިރާއްޖެ އައިސް ކިއްލާ އަކާއި ވިޔަފާރި މަރުކަޒެއް ހަދަން މަސައްކަތް ކުރިއެވެ. ކަޅު މުޙައްމަދު ރަސްގެފާނު އާއި މީނާއާއި ދެމެދު ދެބަސްވުން ތަކެއް ހިނގައި، މަލާބާރު ރަސްގެފާނު ( ޢަލީ ރާޖާ ) ގެ އެހީތެރިކަމަށް އެދުމުން، އެރަސްގެފާނު އުޅަނދެއްގައި 12 ފަހުލަވާނުން ފޮނުއްވިއެވެ. އެބައިމީހުން އައިސް މާލޭގައި ތިބި ޕޯޗުގީޒުން މަރައި އެބައިމީހުންގެ މުދާތައް ފޭރުމަށްފަހު އެބުރި ރަށަށް ދިޔައީ އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ފަތްތޫރަ -ޖެނުއަރީ 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު