ސުލްޠާން ޙާޖީ ޙަސަން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ސުލްޠާން ޙާޖީ ޙަސަން ސުލްޠާން ޙާޖީ ޙަސަން އަކީ ދެފަހަރެއްގެ މަތީން ދިވެހި ރަސްކަމުގެ ތަޚްތުގައި ރެދަލި ކުރެއްވި ރަސްކަލެކެވެ.

ރަސްކަން ކުރެއްވި މުއްދަތު[އުނިއިތުރު ގެންނަވާ]

ސުލްޠާން ޙާޖީ ޙަސަން ފުރަތަމަ ފަހަރު ރަސްކަން ކުރެއްވީ މީލާދީން 1442 ން 1467 އަށެވެ. އެއީ ހިޖުރައިން 846 ން 871 އަށެވެ. މިރަދުން ފުރަތަމަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 846 ވަނަ އަހަރުއެވެ. ފުރަތަމަ ފަހަރު 25 އަހަރު ވަންދެން ރަސްކަން ކުރެއްވި އެވެ.

ސުލްޠާން ޙާޖީ ޙަސަން ދެވަނަ ފަހަރު ރަސްކަން ކުރެއްވީ މީލާދީން 1467 ން 1468 އަށެވެ. އެއީ ހިޖުރައިން 872 ވަނަ އަހަރުއެވެ. މިރަދުން ދެވަނަ ފަހަރު ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 872 ވަނަ އަހަރުއެވެ. ދެވަނަ ފަހަރު ރަސްކަން ކުރެއްވީ އަހަރު ދުވަސް ވަންދެނެވެ. އެހެންކަމުން ޖުމްލަ 26 އަހަރު ދިވެހި ރާއްޖޭގެ ރަސްކަން މިރަދުން ކުރައްވާފައި ވެއެވެ.

ރަސްކަމުގެ ދުވަސްވަރު[އުނިއިތުރު ގެންނަވާ]

އައްސުލްޠާން އަލްޙާއްޖި ޙަސަން ސިރީ ރާދަވީރު މަހާ ރަދުންނަކީ އަބޫބަކުރު ރަސްގެފާނު (ސުލްޠާން އަބޫބަކުރު (އެއްވަނަ)) ގެ ދަރިކަލެކެވެ. ދަންނަ މުޙައްމަދު ރަސްގެފާނު (ސުލްޠާން މުޙައްމަދު)ގެ ރަސްކަމުގައި މިރަދުން ފަނޑިޔާރު ކަމުގައި ހުންނެވިކަމަށް ބުނެވެއެވެ. މިއީ ވަރަށް އަނިޔާވެރި ރަސްކަލެއް ކަމަށް ބުނެވެއެވެ. މައްކާގެ މަޝްހޫރު ފަޤީހު ސުލައިމާން ވެސް ރާއްޖޭގައި އުޅުއްވީ ވެސް މިރަދުންގެ ރަސްކަމުގައެވެ.

ހައްޖަށް ވަޑައިގަތުން[އުނިއިތުރު ގެންނަވާ]

25 އަހަރު ރަސްކަން ކުރެއްވުމަށްފަހު މިރަދުން ޙައްޖަށް ވަޑައިގަތީ ހިޖުރައިން 871 ވަނަ އަހަރު އެވެ. ޙައްޖުން އެނބުރި ވަޑައިގެން ދެވަނަ ފަހަރު ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގެންނެވިއެވެ. އެއީ ހިޖުރައިން 872 ވަނަ އަހަރު އެވެ.

އައްސުލްޠާން އަލްޙާއްޖި ޙަސަން (ތިންވަނަ) ޙައްޖުން އެބުރި ވަޑައިގަތީ 70 އަޅުން ގޮވައިގެންނެވެ. މިއަޅުން އޭނާ ގެންގުޅުއްވާން ފެއްޓެވީ ދިވެހި ޚާދިމުންގެ ބަދަލުގައި އޭނާގެ ގަނޑުވަރު ގައެވެ. ދުވަސްކޮޅެއްވީތަނާ މީގެ ތެރެއިން އަޅަކު ދިވެހި ރައްޔިތަކު މަރާލައިފި އެވެ. އެއިރު ފަނޑިޔާރު ކަމުގައި ހުންނެވި، އަލްޤާޟީ ޙަސަން ޝީރާޒީ ބާރުއެޅުއްވީ އެއަޅުކަލޭގެޔާމެދު އިންޞާފު ކުރެއްވުމުގެ މައްޗަށެވެ. ނަމަވެސް ރަދުން އެގޮތް ގަބޫލުފުޅެއް ނުކުރެއްވި އެވެ. ރަދުންނާއި ފަނޑިޔާރު ކަލޭގެޔާއި ދެމެދު ވަރަށް މަތީ ދަރަޖައަކަށް ދެބަސްވެވިއްޖެ އެވެ. ބުނެވެނީ މިދެބަސްވުމުގެ ނަތީޖާއެއްގެ ގޮތުން ރަދުންގެ އަމުރުފުޅަށް ފަނޑިޔާރު ކަލޭގެ ފާނުންގެ ހަށިގަނޑުގައި ކަފަ ބަދެފައި ރޯކޮށްލީ އެވެ. މިކަމާމެދު ފަޤީހް ސުލައިމާން ވެސް ރަދުންނަށް ވަރަށް ނަޞޭޙަތްތެރިވިކަމަށް ބުނެވެއެވެ.

ގިނަ ދުވަސްތަކެއް ނުވެ، އިންޞާފުވަންތަ ކަލެއްގެ އަދުލުވެރި، މަންޒަރެއް ތަމްސީލުވެގެން ހިގައްޖެއެވެ. ވަރަށް ބިރުވެރި ނާމާން އާލާސް ކަންފުޅަކަށްފަހު ރަދުން އަވަހާރަ ވެއްޖެއެވެ. މިރަދުން ފަސްދާނު ލެވިފައިވަނީ ލޮނު ޒިޔާރަތް ކޮޅުގައި އޮންނަ ގާސަންދޯކު ގައެވެ.

އަވަހާރަވުން[އުނިއިތުރު ގެންނަވާ]

އައްސުލްޠާން އަލްޙާއްޖި ޙަސަން އަވަހާރަވީ ހިޖުރައިން 872 ވަނަ އަހަރު އެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ތަންގީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚްގެ ތަންތަންކޮޅު - މުޙައްމަދު އަމީން

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
ސުލްޠާން އަބޫބަކުރު (އެއްވަނަ)
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން ސައްޔިދު މުޙައްމަދު
ކުރިން ހުންނެވީ:
ސުލްޠާން ސައްޔިދު މުޙައްމަދު
ދިވެހިރާއްޖޭގެ ރަދުން
-
ފަހުން ވަޑައިގަތީ:<br./>ސުލްޠާން މުޙައްމަދު (ދެވަނަ)