ސީކަމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Cecum
Superior ileocecal fossa. (Cecum labeled at bottom left.)
Gray's subject #249 1177
Precursor Midgut
MeSH Cecum
Dorlands/Elsevier c_01/12204134


ސީކަމް(އިނގިރޭސި ބަހުން: Cecum) އަކީ ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް އާއި، މައްޗަށްއަރާ ފަލަ ގޮހޮރު ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރުގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި، ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް(އިނގިރޭސި ބަހުން: Ileocecal valve) އިންނެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ އިލިއެކް ސަރަހައްދު(އިނގިރޭސި ބަހުން: Iliac region) އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމުން ސީކަމް އިންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުން ކުރިމަތިން އުނަގަނޑުގެ ތިރީބައިގައެވެ.


ސީކަމް އަކީ ކޮތަޅެއް ފަދަ ތިރިއަށް ބެދިފައި އިންނަ ގުނަވަނެއް ކަމުން ސީކަމްގެ މަތިން މައްޗަށް ގޮސްފައި އިންނާނީ މައްޗަށްއަރާ ފަލަ ގޮހޮރު އެވެ. ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމް ބޮޑު ގޮހޮރުގެ ތެރެއަށް ހުޅުވިފައި އިންނަނީ ސީކަމް އާއި، މައްޗަށްއަރާ ފަލަ ގޮހޮރު ގުޅޭ ޖަންކްޝަން ގައެވެ. އެޕެންޑިކްސް ސީކަމްގެ ތެރެއަށް ހުޅުވިފައި އިންނަނީ ސީކަމްގެ ފަހަތުން ހަށިގަނޑުގެ މެދާ ކައިރިވީ ފަރާތުގައި އިލިއޯސީކަލް ވޭލް އަށްވުރެ 1 އިންޗި ތިރިންނެވެ.


އާންމު ގޮތެއްގައި މުޅި ސީކަމް އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. ކުރިމަތިން، އަރިމަތިން ސީކަމް އިންނަނީ އެންޓިރީއާ އެބްޑަމިނަލް ވޯލްގެ މަސްތަކުގައި ޖެހިފައެވެ. ނަމަވެސް އެންޓިރީއާ އެބްޑަމިނަލް ވޯލް އާއި ސީކަމް ވަކިކޮށްދޭ ހުރަހެއް ލެވިފައި ވެއެވެ. އެއީ ކުޑަ ގޮހޮރުގެ ކޮއިލް ތަކާއި، ގްރޭޓަރ އޯމެންޓަމް އެވެ. ހަށިގަނޑުގެ މެދާވީ ފަރާތުން ސީކަމް އިންނަނީ ކުޑަ ގޮހޮރުގެ ކޮއިލް ތަކުގައި ޖެހިފައެވެ. ފަހަތުން ސީކަމް އޮންނަނީ ތަފާތު ދެމަސްގަނޑެއްގައި ޖެހިފައެވެ. އެއީ ސޯސް މޭޖަރ މަސްގަނޑު އަދި އިލިއަކަސް މަސްގަނޑު އެވެ. މީގެ އިތުރުން ސީކަމް ގެ ފުރަގަހުން ގޮސްފައިވާ ބައިތަކުގެ ތެރޭގައި އެކްސްޓަރނަލް އިލިއެކް އާޓަރީ، ޖެނިޓޯ ފެމޯރަލް ނާރު، ފެމޯރަލް ނާރު، އަދި ފައިގެ ފަލަމަސްގަނޑަށް ގޮސްފައިވާ ލެޗުރަލް ކިޔޫޓެނިއަސް ނާރު ހިމެނެއެވެ.