އަރުތެރެ

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަރުތެރެ
Head and neck.
Pharynx
Gray's subject #244 1141
MeSH Pharynx
Dorlands/Elsevier p_16/12633198

އަރު ނުވަތަ އަރުތެރެ(އިނގިރޭސި ބަހުން: Pharynx) އަކީ އަނގަ އަދި ނޭފަތުގެ މަގު ގެ ފަހަތުން، ކާތަކެތި ހިގާ ހޮޅި، އަޑު ފޮށި އަދި ވައި ނޮޅިގެ މަތިން އިންނަ ބަޔެކެވެ. އަރަކީ ކަރު(އިނގިރޭސި ބަހުން: Neck) އަދި ކަރުތެރެ(އިނގިރޭސި ބަހުން: Throat) ގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. އަދި މިއީ ކާތަކެތި ހިގާ ހޮޅި އާއި، އަނގައާއި، ދެމެދުގައިވާ ބައިވެސް މެއެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ހޮޅިއެކެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.

އަރުތެރެ މަތިން ޖެހިފައި އިންނަނީ ބޮލުގެ ނާށިގަނޑުގެ ބުނޑުގައެވެ. ތިރިން ގޮސް ކަރުހިމެނޭ ހިސާބުގެ މައިބަދައިގެ 6 ވަނަ ކަށިކޮޅު ހުންނަ ހިސާބުން އަރު އިންނަނީ ކާތަކެތި ހިގާ ހޮޅި އާއި ގުޅިފައެވެ. އަރަކީ ފައިބަރު އަދި މަހުން އުފެދިފައިވާ ހޮޅިއެކެވެ.


އަރުތެރޭގެ ވަޒީފާ[އުނިއިތުރު ގެންނަވާ]

އަރުތެރެ އަކީ ހަޖަމުކުރާ ނިޒާމް އަދި ނޭވާލާ ނިޒާމް ގައިވެސް ޝާމިލްވާ ޓިޝޫއެކެވެ. ކާނާ، އަދި ވައި އަރުތެރެ ހުރަސްކޮށް ދައުރުވާތީ، ކާތަކެތި ކާއިރު، އަޑު ފޮށި ނިވާކޮށް ފޮރުވާލުމަށްޓަކައި، (ކާތަކެތި ވައި ނޮޅި އަށް އެޅުން މަނާކުރުމަށްޓަކައި) ރައްކަލަކަށްޓަކައި، އެޕިގްލަޓިސް އޭކިޔޭ ކަނެކްޓިވް ޓިޝޫ ފޮއްޗެއް އަޑު ފޮށި ގެ މަތިން އިނދެއެވެ. މިގޮތަށް ނިވާކޮށް ފޮރުވާލުމުން ކާތަކެތި ނޭވާލާ ނިޒާމް އަށް ދިއުން މަނާކޮށްދެއެވެ. ސަބަބަކީ ނޭވާލާ ނިޒާމް ގައި ހިމެނޭ ފުއްޕާމޭ އަށް ގޮސްފައިވާ ވައި ނޮޅި އިންނަނީ އަޑު ފޮށި ނިމިގެންކަމަށްވާތީ އެވެ. އަދި މީގެ އިތުރުން ވާހަކަ ދެއްކުމާއި ތަފާތު އަޑުއަޑު ލެއްވުމުގައި އަރުތެރެ މުހިއްމު ދައުރެއް އަދާކުރެއެވެ.

ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަރުތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަރުތެރޭގައި ހިގާ މަރުޙަލާ(އިނގިރޭސި ބަހުން: Pharyngeal phase) އަކީ އޭގެ ޒާތުގައި އަމިއްލައަށް ހިގާ މަރުޙަލާއެކެވެ. ސަބަބަކީ މިމަރުހަލާ ހިގަން ފަށަނީ ސްވަލޮވިންގ ރިފްލެކްސް(އިނގިރޭސި ބަހުން: Swallowing reflex) ގެ ނަތީޖާއެއްގެ ގޮތުން ކަމަށްވާތީއެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެއަށް އައުމުން އަރުތެރޭގައި ހުންނަ ސްވަލޮވިންގ ރިސެޕްޓަރު(އިނގިރޭސި ބަހުން: Swallowing receptor) ތައް ހީވާގިވެ މުރާލިވެއެވެ. އަދި އެއާއި ގުޅިގެން އުފެދޭ ސިގްނަލްތައް 5 އަދި 9 ވަނަ ކްރެނިއަލް ނާރުގެ އެހީގައި، ސިކުނޑިގައިވާ މެޑައްލާ އޮބްލަންގާޓާ ގައި އިންނަ ސްވަލޮވިންގ ސެންޓަރު(އިނގިރޭސި ބަހުން: swallowing center) އަށް ފޮނުވާލައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން 5،9،10،12 ވަނަ ކްރެނިއަލް ނާރުތަކުގެ އެހީގައި އަންނަނިވި ރިފްލެކްސް ތަކާއި ހަރަކާތްތައް އުފެދިގެން ދެއެވެ.

ޕްރޮޓެކްޓިވް ރިފްލެކްސްތައް[އުނިއިތުރު ގެންނަވާ]

މަޑު ޕަލޭޓް އުފުލުން[އުނިއިތުރު ގެންނަވާ]

މަޑު ޕަލޭޓް(އިނގިރޭސި ބަހުން: Soft palate) އުފުލެނީ ނޭފަތުން އަރުތެރެއަށް ހުޅުވިފައިވާ ހޮއި ނުވަތަ ހުޅުވުން ބައްދާލުމަށް ޓަކައެވެ. އެއީ ދިރުވުމުގެ ތެރޭގައި ކާތަކެތި ނޭފަތުގެ މަގުގެ ތެރެއަށް ވަނަނުދީ ހިފެހެއްޓުމަށްޓަކައެވެ.

އެޕިގްލަޓިސް އާއި ދިމާލަށް އަޑު ފޮށި އުފުލުން[އުނިއިތުރު ގެންނަވާ]

އެޕިގްލަޓިސް(އިނގިރޭސި ބަހުން: Epiglottis) އާއި ދިމާލަށް އަޑު ފޮށި އުފުލެނީ އަޑު ފޮށީގެ މަތީ ހުޅުވުން(ގްލަޓިސް) ބަންދުކޮށްލުމަށްޓަކައެވެ. މިހެން ހެދުމުން ކާތަކެތި އަޑުފޮށީގެ ތެރެއިން ވައި ނޮޅިއަށް ދިއުމަށް ހުރަސް އަޅައެވެ.

އަޑުއުފައްދާ ވާފަށް ތައް ކައިރިވުން[އުނިއިތުރު ގެންނަވާ]

އަޑުއުފައްދާ ވާފަށް(އިނގިރޭސި ބަހުން: Vocal cords) ތައް ކައިރިވުމުން ވެސް ގްލަޓިސް ބައްދާލައެވެ. އަޑުއުފައްދާ ވާފަށްތަކަށް ގެއްލުން ލިބިއްޖެނަމަ ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭވާތާށިވުން ކުރިމަތިވެދާނެއެވެ. މިގޮތަށް ވާނީ ކާތަކެތި ދިރުވުމުގެ ތެރޭގައި ނޭވާ ދައުރުވާ މަގަށް ކާތަކެތި ވާޞިލްވެއްޖެނަމައެވެ.

ވަގުތީގޮތުން ނޭވާލުން ހުއްޓުން[އުނިއިތުރު ގެންނަވާ]

ކާތަކެތި ދިރުވުމަށް އެހީވެދޭ މަރުކަޒު(އިނގިރޭސި ބަހުން: Swallowing center) ން ބައެއް ފަހަރު ނޭވާލުމަށް އެހީވެދޭ މަރުކަޒު ބަންދުކޮށްލާ ސިގްނަލްތައް ވެސް ފޮނުވައެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ވަގުތީ ގޮތުން މަދު ސިކުންތު ކޮޅަކަށް، ނޭވާލުން ހުއްޓުން މެދުވެރިކުރުވައެވެ. މިއީ ވެސް ކާތަކެތި ވައި ނޮޅިގެ ތެރެއަށް ވަނުމަށް ހުރަސްއަޅާނެ ކަމެކެވެ.

ޕަލަޓޯ ފެރިންޖީއަލް ފޯލްޑް ތައް ކައިރިވުން[އުނިއިތުރު ގެންނަވާ]

ޕަލަޓޯ ފެރިންޖީއަލް ފޯލްޑް(އިނގިރޭސި ބަހުން: Palato-pharyngeal fold) ތައް ކައިރިވުމުން ބޮޑެތި ކާއެތިކޮޅުތައް އަރުތެރެއަށް ވަނުމަށް ހުރަސް އަޅައެވެ. މާނައަކީ އަރުގެ ތެރެއަށް ދާނީ ރަގަޅަށް ހެފިފައި ހުންނަ ކާތަކެއްޗެވެ.


މައިލޯހައިއޮއިޑް މަސްކޮޅު ހުއްޓުމެއްނެތި ކޮންޓްރެކްޓްވުން[އުނިއިތުރު ގެންނަވާ]

މައިލޯހައިއޮއިޑް މަސްކޮޅު ހުއްޓުމެއްނެތި ކޮންޓްރެކްޓްވުމަކީ ދޫ ހަރު ޕަލޭޓް(އިނގިރޭސި ބަހުން: Hard palate)ގައި ޖައްސާފައި ބަހައްޓައިދޭނޭ ކަމެކެވެ. މިކަމުގެ ސަބަބުން ކާތަކެތި އަނބުރާ އަނގައިގެ ތެރެއަށް އައުން މަނާކޮށްދެއެވެ.

ފެރިންޖީއަލް ޕެރީސްޓަލްސިސް[އުނިއިތުރު ގެންނަވާ]

ބަޔާންކުރެވުނު ޕްރޮޓެކްޓިވް ރިފްލެކްސް(އިނގިރޭސި ބަހުން: Protective reflexes) ތަކާއި ގުޅިގެން ސްޕިރީއާ ފެރިންޖީއަލް މަސްކޮޅު ކޮންޓްރެކްޓްވެއެވެ. ނަތީޖާއެއްގެ ގޮތުން ޕެރީސްޓަލްސިސް(އިނގިރޭސި ބަހުން: Peristalsis)ގެ އެހީގައި ކާތަކެތި އަރުގެތެރެއިން ގޮސް ކާތަކެތި ހިގާ ހޮޅިއަށް ވާޞިލް ވެއެވެ. އަރުގެ ތެރެއިން ކާތަކެތި ހިގާ ހޮޅި އަށް ކާތަކެތި ދިއުމަށް ނަގަނީ އެންމެ 2-1 ސިކުންތު އެވެ.


އަރުތެރޭގެ ބައިތައް[އުނިއިތުރު ގެންނަވާ]

އިންސާނާގެ އަރު މައިގަނޑު 3 ބަޔަކަށް ބަހާލެވެއެވެ. މިގޮތުން ބެހިފައިވާ ބައިތަކަށް ނަންދެވިފައިވަނީ އެބަޔަކާއި ކައިރި ގުނަވަނަކާއި ގުޅުވައިގެންނެވެ. މިއުޞޫލުގެ ދަށުން އަރު ބެހިފައިވާ ބައިތައް ތިރީގައި މިވަނީ އެވެ.


ނޭފަތާގުޅޭ އަރުތެރެ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނޭފަތާގުޅޭ އަރުތެރެ

ނޭފަތާގުޅޭ އަރުތެރެ(އިނގިރޭސި ބަހުން: Nasopharynx) ހުންނަނީ ނޭފަތުގެ މަގުގެ ފަހަތުގައެވެ. ނުވަތަ ނޭފަތްގެ ފަހަތުގައެވެ. މަޑު ޕަލޭޓް އަށްވުރެ މަތީގައިވާ ނޭފަތާގުޅޭ އަރުތެރެ އިންނަނީ އަނގަޔާގުޅޭ އަރުތެރެ އަދި އަޑުފޮށްޓާގުޅޭ އަރުތެރެއާއި ޚިލާފަށް އަބަދުވެސް އޭގެ މަގު ހުޅުވިފައެވެ. ނޭފަތާގުޅޭ އަރުތެރެ ކުރިމަތިން ގުޅިފައިވަނީ ނޭފަތުގެ މަގު އަދި ނޭފަތުގެ ހިނދުރި އާއެވެ.

އަނގަޔާގުޅޭ އަރުތެރެ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަނގަޔާގުޅޭ އަރުތެރެ

އަނގަޔާގުޅޭ އަރުތެރެ(އިނގިރޭސި ބަހުން: Oropharynx) ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައެވެ. އަރުތެރޭގެ މިބައި އިންނަނީ މަޑު ޕަލޭޓް އިން ފެށިގެން ގޮސް ހައިއޮއިޑް ކަށިގަނޑު އާއި ހަމައަށެވެ. އެހެން ގޮތަކަށް ބުނާނަމަ އަނގަޔާގުޅޭ އަރުތެރެ އިންނަނީ މަޑު ޕަލޭޓް އާއި، އެޕިގްލަޓިސް ގެ މަތީ ބޯޑަރާއި ދެމެދުގައިވާ ހިސާބުގައެވެ. އަދި އަރުގެ މިބައި އިންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ 2 އަދި 3 ވަނަ ކަށިކޮޅާއި އެއްހަމައެއްގައެވެ.

އަޑުފޮށްޓާގުޅޭ އަރުތެރެ[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަޑުފޮށްޓާގުޅޭ އަރުތެރެ

އަޑުފޮށްޓާގުޅޭ އަރުތެރެ(އިނގިރޭސި ބަހުން: Laryngopharynx) ހުންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ކަށިކޮޅުތަކުގެ ތެރެއިން 6-3 ކަށިކޮޅާއި ދެމެދުގައެވެ.މިއީ އަރުގެ ނުވަތަ އަރުތެރޭގެ އެންމެ ތިރީބައެވެ. އެހެންކަމުން އަރުތެރެ އާއި ކާތަކެތި ހިގާ ހޮޅި ގުޅުވައިދޭ ބަޔަކީ މިއީއެވެ. މިބައިގެ މަތީ ބޯޑަރު ހުންނަނީ ހައިއޮއިޑް ކަށިގަނޑު(އިނގިރޭސި ބަހުން: Hyoid bone) އާއި އެއްހަމައެއްގައެވެ. އަޑުފޮށްޓާގުޅޭ އަރުތެރެ އިންނަނީ އެޕިގްލަޓިސްގެ މަތީ ބޯޑަރުން ފެށިގެން ތިރިއަށް ގޮސް ކްރިކޮއިޑް ކާޓިލޭޖް (އިނގިރޭސި ބަހުން: Cricoid cartilage)ގެ ތިރިއާއި ހަމައަށެވެ. މިބުނި ހިސާބަކީ ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަ ހިސާބެވެ. އެހެންކަމުން އަޑުފޮށްޓާގުޅޭ އަރުތެރެ ނިމިގެން ދެން ހަޖަމުކުރާ ނިޒާމްގައި އިންނާނީ ކާތަކެތި ހިގާ ހޮޅި އެވެ.


އަރުތެރޭގެ ފާރު[އުނިއިތުރު ގެންނަވާ]

އަރުތެރޭގެ ފާރު އުފެދިފައިވަނީ 4 ފަށަލައަކުންނެވެ.

  • އަރުތެރޭގެ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Pharyngeal mucosa): ނޭފަތާގުޅޭ އަރުތެރެގެ ތެތް ދުލިފަށުގައި ހުންނަނީ ސިލިއޭޓެޑް ސޫޑޯސްޓްރެޓިފައިޑް އެޕިތީލިއަމް އެވެ. އަދި އަރުތެރޭގެ އެހެން ބައިތަކުގައި ހުންނަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް އެވެ.
  • ފެރިންގޯބެސިލަރ ފޭޝިއާ(އިނގިރޭސި ބަހުން: Pharyngobasillar fascia): މިއީ އަރުތެރޭގެ ތެތް ދުލިފަށް ހިފަހައްޓައިދޭ ފޭޝިއާ އެކެވެ.
  • މަސް ފަށަލަ: މަސް ފަށަލައިގައި ހިމެނެނީ އުފެދުމުގައި ވަށްކޮށް އެތުރިފައި ބޭރުން ހުންނަ މަސް ފަށަލަ (ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްކޮޅުތައް)އަކާއި، އުފެދުމުގައި ދިގަށް އެތުރިފައި އެތެރެއިން ހުންނަ މަސް ފަށަލަ އެކެވެ/
  • ބަކޯފެރިންޖީއަލް ފޭޝިއާ(އިނގިރޭސި ބަހުން: Buccopharyngeal fascia): މިއީ ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްކޮޅުތަކުގެ ބޭރުން ލެވިފައިވާ ފޭޝިއާ އެކެވެ.


އަރުތެރޭގެ މަސްކޮޅުތައް[އުނިއިތުރު ގެންނަވާ]

އަރުތެރޭގައި ހިމެނެނީ ބޭރުން ވަށްކޮށް އެތުރިފައި ހުންނަ ޖޯޑު މަސްކޮޅާއި، އަދި އެތެރެއިން ދިގަށް އެތުރިފައި ހުންނަ 3 ޖޯޑުގެ މަސްކޮޅެވެ.

ވަށްކޮށް އެތުރިފައި ހުންނަ މަސްކޮޅުތައް[އުނިއިތުރު ގެންނަވާ]

  • ސްޕިރީއާ ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްގަނޑު
  • މިޑްލް ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްގަނޑު
  • އިންފިރީއާ ފެރިންޖީއަލް ކޮންސްޓްރިކްޓަރ މަސްގަނޑު

ދިގަށް އެތުރިފައި ހުންނަ މަސްކޮޅުތައް[އުނިއިތުރު ގެންނަވާ]

  • ސަލްޕިންގޯ ފެރިންޖީއަސް މަސްގަނޑު
  • ޕަލަޓޯ ފެރިންޖީއަސް މަސްގަނޑު
  • ސްޓައިލޯ ފެރިންޖީއަސް މަސްގަނޑު


އަރުތެރެއަށް ލޭފޯރުކޮށްދިނުން[އުނިއިތުރު ގެންނަވާ]

އަރުތެރެ އަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅިތަކުންނެވެ.

  • އެސެންޑިންގ ފެރިންޖީއަލް އާޓަރީ: މިއީ އެކްސްޓަރނަލް ކެރަޓިޑް އާޓަރީ އިން ނިކުމެފައިވާ ލޭނާރެކެވެ. މިލޭނާރު މައްޗަށް ގޮސްފައިވަނީ އަރުތެރެއާއި، އިންޓަރނަލް ކެރަޓިޑް އާޓަރީ އާއި ދެމެދުންނެވެ. އަރުތެރޭގެ ބޮޑު ބަޔަށް ލޭފޯރުކޮށްދެނީ މިލޭނާރުންނެވެ.
  • އެސެންޑިންގ ޕަލަޓައިން އާޓަރީ: މިއީ ފޭޝަލް އާޓަރީ އިން އައިސްފައިވާ ލޭނާރެކެވެ.
  • ސްޕިރީއާ ތައިރޮއިޑް އާޓަރީ
  • އިންފިރީއާ ތައިރޮއިޑް އާޓަރީ


އަރުތެރޭގެ މަސައްކަތް ކޮންޓްރޯލްކުރާ ނާރުތައް[އުނިއިތުރު ގެންނަވާ]

އަރުތެރޭގެ މަސައްކަތް ކޮންޓްރޯލް ކުރަނީ އަރުތެރޭގެ ނާރު ފުނި(އިނގިރޭސި ބަހުން: Pharyngeal nerve plexus) އިންނެވެ. މި ނާރު ފުނި އުފެދިފައިވަނީ މައިގަނޑު ބަޔަކުން އައިސްފައިވާ ނާރުތަކުންނެވެ. އެއީ ވޭގަސް ނާރު، ގްލަސޯފެރިންޖީއަލް ނާރު، އަދި ސްޕިރީއާ ސާވިކަލް ސިމްޕަތެޓިކް ގެންގްލީއަން އިންނެވެ. އަރުތެރޭގެ ނާރު ފުނިން ލޭފޯރުކޮށްދޭ ބައިތައް ތިރީގައި މިވަނީއެވެ.

  • އަރުތެރޭގެ މަސްކޮޅުތަކުގެ ތެރެއިން ސްޓައިލޯފެރިންޖީއަސް ފިޔަވައި ދެންހުރި ހުރިހާ މަސްކޮޅުތައް
  • ޕަލޭޓްގެ މަސްތަކޮޅުތަކުގެ ތެރެއިން ޓެންސަރ ވެލި ޕަލަޓިނި ފިޔަވައި ދެންހުރި ހުރިހާ މަސްކޮޅުތައް
  • އަރުތެރޭގެ ތެތްދުލިފަށް، އަދި އިޔޫސްޓާކިޔަން ހޮޅީގެ މަޑުކަށި ހިމެނޭ ބައިގެ، މަސައްކަތް ވެސް ބަލަހައްޓަނީ މިނާރު ފުނިންނެވެ.


އަރުތެރޭގެ ބަލިތައް[އުނިއިތުރު ގެންނަވާ]

  • އަރުތެރެ ދުޅަވުން


އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]