Jump to content

ފަލަ ގޮހޮރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ފަލަ ގޮހޮރު
Front of abdomen, showing surface markings for liver, stomach, and large intestine.
Gray's subject #249 1177
Dorlands/Elsevier c_47/12249855

ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Colon) އަކީ ބޮޑު ގޮހޮރުގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު އަށް ވެސް ބޮޑު ގޮހޮރު އޭ ކިޔައެވެ. އެއީ ބޮޑު ގޮހޮރުގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަބައިގައި ހުރި ފެން އަނބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރިތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވާތީ ފަލަ ގޮހޮރުގެ ފުރަތަމަ ބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ.

ފަލަ ގޮހޮރުގައި މައިގަނޑު ބައިތަކާއި، ފާހަގަ ކުރެވޭ ތަންތަން ތިރީގައި މިވަނީ އެވެ.

  • ފަލަ ގޮހޮރުގެ ފުރަތަމަ ބައި: މައްޗަށްއަރާ ފަލަ ގޮހޮރު: މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ.
  • ފަލަ ގޮހޮރުގެ ދެވަނަ ބައި: ހުރަސް ފަލަ ގޮހޮރު: މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތުން ވާތަށް ހުރަހަށެވެ.
  • ފަލަ ގޮހޮރުގެ ތިންވަނަ ބައި: ތިރިއަށްފައިބާ ފަލަ ގޮހޮރު: މިބައި އޮންނާނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ.
  • ފަލަ ގޮހޮރުގެ ހަތަރުވަނަ ބައި: މިއީ އެންމެ ފަހު ބައެވެ. މިބައި އޮންނާނީ ވާތްފަރާތުން ހަށިގަނޑުގެ މެދާއި ކައިރިއަށް ވާގޮތަށެވެ.
  • ހިޕަޓިކް ފްލެކްޝަރ: މިއީ މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭ ކަނެވެ.
  • ސްޕްލީނިކް ފްލެކްޝަރ: މިއީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭ ކަނެވެ.

މައްޗަށްއަރާ ފަލަ ގޮހޮރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މައްޗަށްއަރާ ފަލަ ގޮހޮރު

މައްޗަށްއަރާ ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Ascending colon) އަކީ ފަލަ ގޮހޮރު ގައި ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް، ހުރަސް ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށްވާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައިވާ ޅިނދުގެ އިލިއެކް ސަރަހައްދު އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރުގެ ފެށޭބައި ކަމަށްވުމާއި، އަދި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެން ކަމަށްވެފައި، މައްޗަށްއަރާ ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރުގެ ފުރަތަމަބައި ކަމަށްވާތީ މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މައްޗަށްއަރާ ފަލަ ގޮހޮރުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ވޭގަސް ނާރު(އިނގިރޭސި ބަހުން: Vagus nerve)ގެ ސިމްޕަތެޓިކް ނާރު ފައިބަރު ތަކުންނެވެ.

ހިޕަޓިކް ފްލެކްޝަރ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހިޕަޓިކް ފްލެކްޝަރ

ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އަކީ މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަނެވެ. މިކަން ނުވަތަ މިބައިގެ ފަހަތް ނޫން އެހެން ފަރާތްތައް ހުންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ. މަތިންނާއި އަރިމަތިން މިބައި އިންނަނީ ފުރަމޭގެ ކަނާތު ލޯބްގައިވާ ކޮލިކް އިމްޕްރެޝަން އޭ ކިޔާ އަޑިކޮޅުގެ ތެރެއަށް ފެތިފައެވެ. ނުވަތަ އެއަޑިކޮޅުގައި ޖެހިފައެވެ. ފަހަތުން މެދަށްވާގޮތަށް މިބައި އިންނަނީ ކަނާތު ގުރުދާގައި ޖެހިފައެވެ.

މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން ނުވަތަ ހިޕަޓިކް ފްލެކްޝަރ އަށް މިހެން ކިޔަނީ ފުރަމޭ އާއި ވިދިގެން މިބައި ހުންނާތީ އެވެ.

ހުރަސް ފަލަ ގޮހޮރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުރަސް ފަލަ ގޮހޮރު

ހުރަސް ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Transverse colon) އަކީ ފަލަ ގޮހޮރުގައި މައްޗަށްއަރާ ފަލަ ގޮހޮރު ނިމޭ ހިސާބުން ފެށިގެން ހުރަހަށް ހަށިގަނޑުގެ ކަނާތުން ވާތަށްވާ ގޮތަށް ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ފެށުމާއި ހަމައަށް އޮންނަ ބައެވެ. ހުރަސް ފަލަ ގޮހޮރުގެ ކުރިމަތިން މައިދާއާއި ހުރަސް ފަލަ ގޮހޮރު ވަނީ ގްރޭޓަރ އޯމެންޓަމް އޭ ކިޔާ ޕެރިޓޯނިއަމް ފޯލްޑް އަކުން ގުޅިފައެވެ. ހުރަސް ފަލަ ގޮހޮރު އަކީ ފަލަ ގޮހޮރު ގައި ހިމެނޭ އެންމެ ދިގު، އަދި އެންމެ ހަރަކާތްކުރާ ބައެވެ. މައްޗަށްއަރާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށްކިޔަނީ ހިޕަޓިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Hepatic flexure) އެވެ. ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އެވެ. އެހެންކަމުން ހުރަސް ފަލަ ގޮހޮރު އޮންނާނީ ހަށިގަނޑުގެ ހުރަހަށްވާގޮތަށް ހިޕަޓިކް ފްލެކްޝަރ އާއި ސްޕްލީނިކް ފްލެކްޝަރ އާއި ދެމެދުގައެވެ.

ސްޕްލީނިކް ފްލެކްޝަރ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްޕްލީނިކް ފްލެކްޝަރ

ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އަކީ ހުރަސް ފަލަ ގޮހޮރު އާއި ތިރިއަށްފައިބާ ފަލަ ގޮހޮރު ގުޅޭކަނެވެ. މިބައި އިންނަނީ ޑައަފްރަމް ގައި ޖެހިފައެވެ. އެހެންކަމުން މިބައި އިންނަނީ ހިޕަޓިކް ފްލެކްޝަރ އަށް ވުރެ މަތީ ލެވެލް އެއްގައެވެ. ކުރިމަތިންނާއި، އަރިމަތިން، އަދި މަތިން މިބައި އިންނަނީ ޕެރިޓޯނިއަމް އިން ނިވާކުރެވިފައެވެ.

ތިރިއަށްފައިބާ ފަލަ ގޮހޮރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ތިރިއަށްފައިބާ ފަލަ ގޮހޮރު

ތިރިއަށްފައިބާ ފަލަ ގޮހޮރު(އިނގިރޭސި ބަހުން: Descending colon) އަކީ ފަލަ ގޮހޮރުގައި ހުރަސް ފަލަ ގޮހޮރު ނިމިގެން ތިރިއަށް ގޮސް، ސިގްމޮއިޑް ގޮހޮރުގެ ފެށުމާއި، ހަމައަށްވާ ބައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ. ތިރިއަށްފައިބާ ފަލަ ގޮހޮރު އާއި ހުރަސް ފަލަ ގޮހޮރު ގުޅޭކަން އަށް ކިޔަނީ ސްޕްލީނިކް ފްލެކްޝަރ(އިނގިރޭސި ބަހުން: Splenic flexure) އެވެ.

ސިގްމޮއިޑް ގޮހޮރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިގްމޮއިޑް ގޮހޮރު

ސިގްމޮއިޑް ގޮހޮރު(އިނގިރޭސި ބަހުން: Sigmoid colon) އަކީ ފަލަ ގޮހޮރުގެ ބައެކެވެ. ނުވަތަ ފަލަ ގޮހޮރުގެ އެންމެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރުގައި ތިރިއަށްފައިބާ ފަލަ ގޮހޮރުގެ ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތް އާއި ދެމެދުގައިވާ ބައެކެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު އެސް(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސްގެ ފަށަލައެއް ވެއެވެ. މިމަސް ފަށަލަ ކުރުގެޅި، ވާންވުމުން، ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތް އަށް އެޅޭގޮތް ވެއެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ބޮޑު ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ގައި ހުންނަނީ ސިންގަލް ކޮލަމްނަރ އެޕިތީލިއަލް ސެލް އެވެ. މިސެލް ތަކުގެ ތެރޭގައި ވަރަށް ގިނަ ގޮބްލިޓް ސެލް ތައް ހުރެއެވެ. އަދި ކުދި ގްލޭންޑް ތަކެއް ބޮޑު ގޮހޮރުގެ ތެތް ދުލިފަށަލައިގައި ހުރެއެވެ. ގޮބްލިޓް ސެލް ތަކާއި، މިގްލޭންޑް ތައް ގުޅިގެން އަލްކަލައިން ތަބީޢަތުގައި ހުރި ދަވަ ދޫކުރެއެވެ. ބޮޑު ގޮހޮރުގެ ތެރޭގައި ވަކިވަކިން ހުންނަ ލިމްފް ފޮލިކަލް ތައް ވެސް ހުރެއެވެ. މިލިމްފް ފޮލިކަލް ތައް ހުންނަނީ ސީކަމް އަދި އެޕެންޑިކްސް ގައެވެ.