މަލިމް މުޙައްމަދުދީދީ
ވިކިޕީޑިއާ އިން
އައްނަބީލް މަލިމް މުޙައްމަދު ދީދީ އަކީ އަލްއަމީރު މޫސާ މާފަތް ކަލޭފާނު (މަލިމް މަނިއްޕުޅު)ގެ ބޭފުޅެކެވެ. މައިކަނބަލަކީ ދަހަރާގެ ތުއްތު ދީދީގެ ދޮންދީދީ އެވެ. އުފަންވެ ވަޑައިގަތީ 15 މާރޗް 1896 ( 13 ރަމަޟާން 1313 ) ވަނަ ދުވަހު ފުރަމާލޭގައެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ތައުލީމް ޙާޞިލްކުރެއްވުން
ކިޔަވާ ވިދާޅުވީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންއުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހުންނާއި، އޭރުގެ މަދަރުސަތުއް ޞަލާހިއްޔާ ( ފަހުން މަދަރުސަތުއް ސަނިއްޔާ މިހާރުގެ މަޖީދިއްޔާ ސްކޫލް) އިންނެވެ. އެހެންނަމަވެސް އެމަނިކުފާނު މަދަނީ ޢިލްމުތަކާއި، ދިވެހި ތާރީޚާއި ބެހޭ މަޢުލޫމާތާއި، މިހުރިހާ ޢިލްމަކުން ވެސް އަމިއްލައަށް މުޠާލިޢާ ކުރައްވައިގެންނާއި، ޢިލްމުވެރީންނާއި ވާހަކަފުޅު ދައްކަވައިގެން ވަރަށް ކާމިޔާބު ކުރައްވާފައި ވެއެވެ. ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންއުއްތަމަ ފަނޑިޔާރު ކިޔަވައި ދެއްވި ދަރިވަރުން ގެންދަވައިގެން ސިޔަރަތު ކުށްފިލުއްވި އިރު އެދަރިވަރުންގެ ތެރޭގައި މަލިމް މުޙައްމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ޢަރަބި ބަހާއި އުރުދޫބަސް ރަގަޅަށް ދެނެވަޑައިގަންނަވައެވެ.
[އުނިއިތުރު ގެންނަވާ] ލިޔުންތެރިކަން
އައްނަބީލް މަލިމް މުޙައްމަދު ދީދީ އަކީ ދިވެހި ބަހުގެ ލިޔުންތެރި އަދީބެކެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ކޮންމެ ލިޔުއްވުމަކީ އެއަށް އަމިއްލަ ވަކި ހައިސިއްޔަތެއް ލިބިފައިވާ ލިޔުއްވުމެކެވެ. އައްނަބީލް މަލިމް މުޙައްމަދު ދީދީ ވަނީ އެތަކެއް ފޮތެއް ލިޔުއްވާފައެވެ. ލިޔުންތެރިކަމުގެ ރޮނގުން ބަލާއިރު އަދަބީ ހަރަކާތްތައް އެމަނިކުފާނު ފައްޓަވާފައި ވަނީ އައްރަފީޤު މަޖައްލާ ނިކުތް ދުވަސްވަރުގައެވެ.ލިޔުއްވާފައިވާ ލިޔުންވުންތަކުގެ ތެރޭގައި އިހުގެ ކުޅިވަރާއި މިހާރުގެ ކުޅިވަރު ، ރައިވެރިބެއާއި ރުކާ ފަދަ ވާހަކަތަކާއި މިނޫންވެސް ލިޔުއްވުންތައް ހިމެނެއެވެ. އައްރަފީޤު މަޖައްލާއަށް ލިޔުއްވި އިރު އޭނާގެ ނަމަކަށް ބޭނުންކުރެއްވީ އަބޫގުއްޕާލުއް ދީފުރަމީ އެވެ.
[އުނިއިތުރު ގެންނަވާ] ލިޔުއްވާފައިވާ ފޮތްތައް
- އެކުވެރިންގެ ހަދިޔާ ވަކިބޭހުގެ ފައިދާ
- ޢިލްމުލް ފަރާއިޟު
- ތުއްތުކުދިންގެ ހަދިޔާ
- އިސްލާމުން ޙައްޖުވަނީ ކިހިނެއްތަ؟
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
އައްނަބީލް މަލިމް މުޙައްމަދު ދީދީ އަވަހާރަވީ 15 އެޕްރީލް 1967 ގައެވެ. އެއީ ހިޖުރައިން 5 މުޙައްރަމް 1387 އެވެ.