އިބްރާހީމް ޙިލްމީ
ވިކިޕީޑިއާ އިން
އަލްފާޟިލް އިބްރާހީމް ޙިލްމީ އަކީ ކަކާގޭ ސުމުއްވުލް އަމީރު ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ އައްނަބީލް އިސްމާޢީލް ދޮށިމޭނާ ކިލެގެފާނު ( ކަކާގޭ އިސްމާޢީލް ދީދީ ) ގެ ބޭފުޅެކެވެ. މަންމަ އަކީ މަލިކު ސެރިއްކަލް ( ރާގޯތި ) މުޙައްމަދު މާލިމީގެ އާމިނަތު މަނިކެ ( ފަހުން އާމިނާ ދީދީ ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 23 ޝައްވާލް 1327 ގައެވެ. އެއީ މީލާދީން 7 ނޮވެމްބަރ 1909 ވީ އާދީއްތަ ދުވަހުގައެވެ.
[އުނިއިތުރު ގެންނަވާ] ތައުލީމް ޙާޞިލްކުރެއްވުން
އަލްފާޟިލް އިބްރާހީމް ޙިލްމީ ކިޔަވާ ވިދާޅުވާން ފެއްޓެވީ އޭނާގެ އާއިލާގެ ބޭފުޅުންގެ އަރިހުންނެވެ. އަދި ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންއުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހުން އަރަބިބަހާއި ދީނީ ތަޢުލީމް ކިޔަވާ ވިދާޅުވިއެވެ. އޭގެ ފަހުން ޞަލާޙުއްދީނުގެ ދޮށީ ދަރިކަލުން ފަޟީލަތުއް ޝައިޚް މުޙައްމަދު ސަޢީދު ދީދީ އަލްއަޒްހަރީގެ އަރިހުން ވެސް އަރަބި ބަހާއި، ދީނީ ތަޢުލީމް ޙާޞިލް ކުރެއްވި އެވެ. ދެން ތަޢުލީމު ޙާޞިލް ކުރެއްވުމަށް ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ.
ދިވެހިރާއްޖެއިން ބޭރުގައި އަލްފާޟިލް އިބްރާހީމް ޙިލްމީ އެންމެ ފުރަތަމަ ތަޢުލީމު ޙާޞިލް ކުރެއްވީ އިންޑިޔާގެ ޕޮންޑިޗެރީގެ ސެންޓް ލޯރެންސް ކޮލެޖުންނެވެ. އޭރު ޕޮންޑިޗަރީ އަކީ ފަރަންސޭސީންގެ ބާރުގެ ދަށުގައި އޮންނަ ރަށެކެވެ. އެހެންކަމާއެކު އިގިރޭސި ބަހުގެ އިތުރަށް ފަރަންސޭސި ބަސް ވެސް ކިޔަވާވިދާޅު ވިއެވެ. ސެންޓް ލޯރެންސް ގެ ގްރޭޑް 7 ނިންމެވުމަށްފަހު ބަދަލުވެ ވަޑައިގަތީ އަލީގަޅު ޔުނިވަސިޓީ އަށެވެ.
އަލްފާޟިލް އިބްރާހީމް ޙިލްމީ އަލީގަޅު ޔުނިވަސިޓީ އަށް ވެދެވަޑައިގަތީ 1927 ވަނަ އަހަރު އެވެ. 1930 ވަނަ އަހަރު ފަސްޓް ޑިވިޝަންގައި މެޓްރިކިޔުލޭޝަން ފާސްކުރެއްވި އެވެ. އެއަހަރު މެޓްރިކިޔުލޭޝަން ގައި މުޅި އަލީ ގަޅު ޔުނިވަސިޓީން އެއްވަނަ ހޯދީ އަލްފާޟިލް އިބްރާހީމް ޙިލްމީ އެވެ. މެޓްރިކިޔުލޭޝަނާއި އޭގެ ފަހުން ޔުނިވަސިޓީގެ އެއްވަނައަހަރާއި ދެވަނަ އަހަރު، އިގިރޭސި ބަހުގެ އިތުރަށް އުރުދޫ ބަސް ކިޔަވާ ވިދާޅުވިއެވެ. އެހެންކަމުން އިބްރާހީމް ޙިލްމީ ދީދީ އަކީ އިގިރޭސި، ޢަރަބި އަދި އުރުދޫ ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.