ބާޑީގޭ މުޙައްމަދު އަޙުމަދުދީދީ
ވިކިޕީޑިއާ އިން
ބާޑީގޭ މުޙައްމަދު އަޙުމަދު ދީދީ އަކީ ލިޔުންތެރިކަމުގެ ރޮނގުން މަޝްހޫރުވެގެންވާ އަދީބެކެވެ. ދިވެހިރާއްޖޭގައި އުފެދުނު މޮޅެތި ދިވެހި ބޭސްވެރިންގެ ތެރެއިން އަރާހުންނެވި ޙަކީމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ނަސަބު
ބާޑީ މުޙައްމަދު އަޙުމަދު ދީދީ އަކީ ރޯނުގޭ ޢަލި ދީދީގެ ރޯނުގޭ ސަންފާ ދީދީގެ ރޯނުގޭ އަޙުމަދު ދީދީގެ ދަރިކަލެކެވެ. އުފަންވެ ވަޑައިގަތީ 16 އޮކްޓޯބަރ 1916 ވީ ހޯމަ ދުވަހުއެވެ. ބާޑީ މުޙައްމަދު ދީދީ 7 ކައިވެނި ކުރައްވައި، 11 އަންހެން ބޭފުޅުންނާއި، 5 ފިރިހެން ބޭފުޅުން ލިބިލެއްވި އެވެ. އަވާހަރަވިއިރު ކައިވެނި ބައްލަވައިގެން އުޅުއްވީ ރުއްކޮށީ އަބޫބަކުރު ކަލޭފާނުގެ ފާތުމާ ފުޅާއެވެ.
[އުނިއިތުރު ގެންނަވާ] ތައުލީމު ޙާޞިލްކުރެއްވުން
ބާޑީ މުޙައްމަދު ދީދީ ތަޢުލީމް ޙާޞިލްކުރެއްވީ މަދަރުސަތުއް ސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް ) އިންނެވެ. އެންމެ ކުރިއަރާފައިވާ ރޮނގަކީ ދިވެހި ބަހަށް ތަރުޖަމާކުރެއްވުމުގެ ރޮނގެވެ. ގިނައިން ތަރުޖަމާ ކުރައްވާފައިވަނީ އުރުދޫ ފޮތްތަކެވެ. އުރުދޫ ކިޔަވާ ވިދާޅުވާން ފެއްޓެވީ އަލްފާޟިލް ޙަސަން މޫސާ، އަދި އަލްފާޟިލް ފޫޅުމާގޭ ދޮންމަނިކުގެ ކިބައިންނެވެ. އެބަހުގެ އުސްތާޛުންގެ ތެރޭގައި ހިމެނިވަޑައިގެންނެވޭ ވަރަށް ކުރިޔަށް ވަޑައިގަތީ މައުލަވީ މުޙައްމަދު ޙަސަން ނަދުވީ ގެ ކިބައިންނެވެ.
[އުނިއިތުރު ގެންނަވާ] ބޭސްވެރިކަން
ބޭސްވެރިކަމުގެ ރޮނގުން ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ކިބައިން އުގެނި ވަޑައިގަތެވެ. އަދި އޭގެ އިތުރުން ޙަކީމު ޙުސައިން އަފީފް އޭނާއަށް ބޭސްވެރިކަން އުގަންނަވައި ދެއްވި އެވެ. އޭގެ އިތުރުން ވެސް ބައެއް އެދުރުން ކައިރިން އުގެނިވަޑައިގަތެވެ. ބޭސްވެރިކަމުގައި ވަރަށް ގިނަ ރޮނގުރޮނގުން ޚިދުމަތް ކުރެއްވި އެވެ.
ދައުލަތަށް ކުއްލިއަކަށް ދިމާވާ ހާދިސާ ތަކުގައި މާލެއާއި ރާއްޖެތެރޭގައި ބޭސްވެރިކަމުގެ ޚިދުމަތް ދެއްވިއެވެ. ވަރަށް ގިނަ ޙަކީމީ ބޭހުގެ ޢަރަބި، އުރުދޫ، ދިވެހި ނަންތައް ދެނެވަޑައިގަނެއެވެ.
[އުނިއިތުރު ގެންނަވާ] ބަހަށްކުރެއްވި ޚިދުމަތް
ބާޑީ މުޙައްމަދު ދީދީ ގެ ކުރުނަމެއްގެ ގޮތުން ބޭނުންކުރައްވަނީ ބ.މ.ދ އެވެ. ބާޑީ މުޙައްމަދު ދީދީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދިވެހި އަދަބުގެ ރޮނގުންނެވެ. ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމާއި، ވާހަކަ ލިޔުމުގައެވެ. ވާހަކަ ލިޔުއްވަން ފައްޓަވާފައިވަނީ ހިޖުރައިން 1357 ވަނަ އަހަރުގައެވެ. ދިވެހި ބަހަށް ފުރަތަމަ ތަރުޖަމާ ކުރެއްވި ވާހަކަ އަކީ އަލްފު ލައިލާ ވަލައިލާ އެވެ. ވާހަކަ ލިޔުމުގެ ހުރިހާ ވައްޓަފާޅިއެއް ހޯއްދެވީ އައްޝައިޚް ޙުސައިން ޞަލާޙުއްދީނު ގެ އަރިހުންނެވެ.
ބާޑީ މުޙައްމަދު ދީދީ ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ އެންމެ މަޝްހޫރުކަން ބޮޑު އެއްފޮތަކީ އިސްލާމީ ތާރީޚްގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތުގެ އެތަކެއް ޞަފްޙާތަކެވެ. އެފޮތުގައި އުމަވީ ދައުލަތުގެ ވެރިކަމުން ފެށިގެން އުޘްމާނީ ޚިލާފަތުގެ ނިމުމާއި ހަމައަށް ވަރަށް ޞަރީޙަކޮށް، ބަޔާންކުރެވިފައި ވެއެވެ. އެއީ ބަސް އެތުރުމާއި ބަލާޣާތުގެ ގޮތުން ވަރަށް ފުރިހަމަ ފޮތެކެވެ.
ބާޑީ މުޙައްމަދު ދީދީ ލިޔުއްވަން ފެއްޓެވީ މީގެ އަހަރުތަކެއް ކުރިން ކަމަށްވާތީ އެމަސައްކަތުގައި ހޭދަކުރެއްވި ގިނަ މަސައްކަތް ކުރައްވާފައިވަނީ ފުޅި ބައްތީގެ އަލީގައެވެ. އުމުރުފުޅުގެ މެދަކާއި ހިސާބުން އެއްލޯފުޅު ހަލާކުވެއްޖެއެވެ. އާދެ ކަރާސީނު ބައްތީގެ އަލީގައި އެކަށީގެންވާ ވަރަށްވުރެ ގިނައިން މަސައްކަތް ކުރެއްވުމުގެ ސަބަބުންނެވެ.
[އުނިއިތުރު ގެންނަވާ] ލިޔުއްވާފައިވާ ފޮތްތައް
ބާޑީ މުޙައްމަދު ދީދީ ތަރުޖަމާ ކުރައްވާ ލިޔުއްވާފައިވާ ފޮތްތައް ވަރަށް ވެސް ގިނައެވެ.
[އުނިއިތުރު ގެންނަވާ] ތާރީޚީ ފޮތްތައް
- ޢަރޫސް ފަރުޣާނާ
- މަލިކުލް ޢަޒީޒު ވަރުޖިނާ
- ފްލޯރާ ފްލޮރަންޑާ
- މިޞްރު ދަރުބާރުގެ ސިއްރު
- ގައުމީ އެކުވެރިކަމުގެ ރޫޙް
- ޙައްޖާޖު ބިން ޔޫސުފް
- ޙަސަން ބިން ޞަބާޙްގެ ސުވަރުގެ
- ފަރުޣާނާގެ ރާނީ
- ޝަހީދުންގެ ސާހިބާ
- ފައްޅީގެ މަޖާ ދިރިއުޅުން
- އިސްލާމީ ތާރީޚްގެ ބައެއް
[އުނިއިތުރު ގެންނަވާ] ޞިއްޙީ ދާއިރާގެ ފޮތްތައް
- ޢިލްމުއްޞިއްޙާ
- މުޙާފިޡުއް ޞިއްޙާ
- ޞިއްޙީ ޖައްވު
- ބޭސްވެރިކަން ކުރިއަރައިގެން އައިގޮތް
- ޢިލާޖުލް ޣުރުބާ
- އަޅުގަނޑުމެންގެ ކާނާ
- ވިޓަމިންސް ގެ ބޭނުން
[އުނިއިތުރު ގެންނަވާ] މުނިފޫހި ފިލުވުމުގެ ދާއިރާގެ ފޮތްތައް
- އަލްފު ލައިލާ ވަލައިލާ
- ޗާރު ދަރުވޭޝް
- ޚުފުޔާ ގަތުލު
- ހިތްތަކުގެ ލޯބި
- ފަސާނާ ޖަމީލް
- ޚާތިމް ތާއީ
- ޝޭރު ކާމިލް
- އީރަޖް ވާހަކަ
[އުނިއިތުރު ގެންނަވާ] ދިރިއުޅުމުގެ ދާއިރާގެ ފޮތްތައް
- ތަދުބީރުލް އަޙްސަން
- ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުން
- ކައިވެނީގެ މީރުކަން
- މިފްތާޙުލް އަމަލް
- ޢަމަލިއްޔާތު
- ޒަޚީރަތުލް ޢަމަލް
- ހަދަފުލް މުޚާލިފީން
ބުނެވޭގޮތުގައި ބާޑީ މުޙައްމަދު ދީދީ ތަރުޖަމާކުރެއްވި ގިނަ ފޮތްތައް ލިޔުއްވާފައިވަނީ ޚުދު މުޙައްމަދު ދީދީގެ އަތްޕުޅުންނެވެ. 1974 ވަނަ އަހަރު ބާޑީ މުޙައްމަދު ދީދީ އާއި ކުރެވިފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އެހާތަނަށް 15600 ޞަފްޙާ ލިޔެވިފައި ވާކަމަށާއި، އޭގެތެރެއިން 15000 ޞަފްޙާ ލިޔުއްވީ އަމިއްލަ އަތްޕުޅުން ކަމަށެވެ. މީގެ ތެރެއިން ވަރަށް ގިނަ ފޮތް ޗާޕުކުރެވިފައި ވެއެވެ.
ބާޑީ މުޙައްމަދު ދީދީ އަށްވަނީ ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް 1981 ވަނަ އަހަރު ސަރުކާރުން ދެއްވާފައެވެ. އެއިނާމަކީ އެހާތަނަށް އެއްވެސް ދިވެއްސަކު ޙާޞިލްކޮށްފައިވާ އިނާމެއް ނޫނެވެ.
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
ބާޑީ މުޙައްމަދު ދީދީ އަވަހާރަވީ 7 އަހަރު ދުވަސްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު 11 ފެބުރުއަރީ 1985 ވީ ހޯމަ ވިލޭރޭ 1.10 ގައެވެ. ފަސްދާނު ލެވިފައިވަނީ ހޯމަ ދުވަހު ހެދުނު 7 ޖެހިއިރު މާފަންނު ގަބުރުސްތާނުގައެވެ.
[އުނިއިތުރު ގެންނަވާ] މަރުޖިޢުތައް
- ފަތްތޫރަ - މާރޗް 1985 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު