ހުތް އަލީ ދީދީ
ވިކިޕީޑިއާ އިން
ހުތް އަލީ ދީދީ އަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. ހުތް ޢަލީ ދީދީ އަކީ ދިވެހި ބަހުން ފުރަތަމަ ޅެމެއް ހެއްދެވި ޅެންވެރިޔާ އެވެ. ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިސްލާހެއް ގެންނަވައި، ވަރަށް ތަނަވަސް ދޮރެއް ހުޅުވައި ދެއްވި އަދީބެކެވެ.
ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މައިކަނބަލަކީ ޅ.ނައިފަރު ކޮރު ޙަސަންގެ ސަންފަ އެވެ. އުފަން ރަށަކީ ޅ. ނައިފަރު އެވެ. އަވަހާރަވެ ފަސްދާނުލެވުނީ ހއ. ހޯރަފުށީގައެވެ. އެރަށު ކުޑަ މިސްކިތް ދޮށުގައި އޭނާގެ މަހާނަފުޅު ވެއެވެ. އޭގައިވާ ގޮތުން އަވަހާރަވީ 11 ޖުމާދިލް އާޚިރާ 1351 ގައެވެ. އޭރު އުމުރުފުޅަކީ 60 އަހަރު އެވެ. ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީ ދީދީ އަލްއަޒްހަރީ(ޖަލާލުއްދީން ޝައިޚުލް އިސްލާމް) އަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ.
ހުތް ޢަލީ ދީދީ އަކީ އިންޑިޔާ އިން އަރަބި، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި މައުލަވީ އެކެވެ. ޢާލިމެކެވެ. ދައުލަތުން އެކަމުން ހުއްދަ ދެއްވުމާއެކު، މާލޭގެ މައިޒާން ތަކާއި، މިސްކިތް ތަކުގައި ދީނީ އިރުޝާދު ދެއްވާ އުޅުއްވި މުރުޝިދެކެވެ. ދައުލަތުގެ ހުއްދައާއެކު އާންމުންނަށް ދީނީ ނަޞޭހަތް ދެއްވުމަށް ފުރަތަމަ ވަޢުޒު ވިދާޅުވި ބޭފުޅަކީ ވެސް ހުތް ޢަލިދީދީ އެވެ.
ޅެން އެންމެ ފުރަތަމަ ހައްދަވާން ފެއްޓެވި ޝާއިރަކީ އަލްމަރުހޫމް ހުތް އަލީ ދީދީ އެވެ. މީނާ އަކީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ދިރިއުޅުއްވި ބޭފުޅެކެވެ. އެހެންކަމުން ފުރަތަމަ ޅެމެއް ދުނިޔޭގެ އަލިކަމުގެ ތެރެއަށް އުފަންވީ ހިޖުރީ 14 ވަނަ ގަރުނުގެ ދެބައިން ކުރީބައިގައި ކަމަށް ބެލެވެއެވެ. ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެދުމުގައި އަރާހުންނެވި ޝާޢިރެކެވެ.
[އުނިއިތުރު ގެންނަވާ] ފުރަތަމަ ޅެން
އަލްމަރުހޫމް ހުތް އަލީ ދީދީ ފުރަތަމަ ހެއްދެވި ޅެން، ފެށިފައި އޮތީ ޢަރަބި ދެބައިތަކުންނެވެ. ރައިވަރުގެ ވަޒަނުން ނެއްޓި މިހާރުގެ ޅެންތައް ހުންނަ ވަޒަންތަކަށް ދިވެހި ބަހުން ފުރަތަމަ ޅެން ހައްދަވާފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކެވެ. އަދި މިފަދަ ދެވަނަ އަށް އުފަންވި ޅެމަކީ ވެސް އަލްމަރުހޫމް ހުތް އަލީ ދީދީ ގެ ޅެމެކެވެ. އަލްމަރުހޫމް ހުތް އަލީ ދީދީ މިބާވަތުގެ ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް ޅެންވެރިން މިގޮތަށް ޅެން ހައްދަވަން ފެއްޓެވި އެވެ. އޭގެ ތެރޭގައި ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ހެއްދެވި ޅެންތަކުގެ ތެރޭގައި ފާތިމަތުގެ ފާނުގެ ޅެން، ހުސައިނުގެފާނު ގެ ޅެން ފަދަ ޅެންތައް ހިމެނެއެވެ. އައްޝައިޚުލް މަރުޙޫމް ހުތް އަލީ ދީދީގެ ޅެންތައް ރާއްޖޭގައި ވަރަށް ގިނައިން ގެންގުޅެއެވެ.
ހުތް އަލިދީދީ ފުރަތަމަ ހެއްދެވި ޅެމުން ދެތިން ބައިތެއް ތިރީގައިމިވަނީ އެވެ.
ރައްބީ މިހެން ކުރައްވަތެވަޙީ، ގުރުއާނުގައި މާގަދަ ހުކުމް
އާދަމް ދަރިންނާ އެންމެ ހައި ތަކު ހެއްދެވީ ނީނާއި ޖިން
ނޫނޭ އެހެން ކަމަކަށްޓަކައި އަޅުކަންކުރާށޭ ދީނުގައި
ގާއިމް ވެދާނދޭ އެކަމުގައި އެކަމަށްޓަކައި ހިނދު ހެއްދެވީ
ޝައްކެއްނެތޭ ގުރުއާންގައި މާގަދަކުރެއްވި ހުކުމޭ މިއީ
ހީކޮށް ނުރައިބެއް މިކަމުގައި ނެތަމޭ ވެދާނާ ތަބަޢަވީ
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- ކަންޒުލް އަދަބު - މަލަސް 40 - އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ - 1 އޮކްޓޯބަރ 1992 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
- ޅެމާއި ޅެންވެރިކަން - މަލަސް 11 - މުހައްމަދު ޖަމީލް - 1މާރޗް 1988 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު

