ޖޯޖް ވޮޝިންގޓަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖޯޖް ވޮޝިންގޓަން
އެމެރިކާގެ ފުރަތަމަ ރައީސް
In office
އޭޕްރީލް 30 1789 – މާރޗް 4 1797
Vice Presidentޖޯން އެޑަމްސް
ކުރިން މަގާމްގައި ހުންނެވީ(ބޭފުޅަކު ނެތް)
Succeeded byޖޯން އެޑަމްސް
Personal details
އުފަން ތާރީހްފެބްރުއަރީ 22، 1732
ވެސްޓްމޯރ ލޭންޑް ކަންޓްރީ، ވާރޖިނިޔާ
Diedޑިސެމްބަރ 14 1799 (67 އަހަރުގައި)
މައުންޓް ވާރނޮން, ވާރޖީނިޔާ
Nationalityއެމެރިކަން
Spouse(s)މާރތާ ވޮޝިންގޓަން
Occupationދަނޑުވެރިކަން (ގަސް އިންދާ މީހެއް
ސިފައިންގެ މީހެއް (ލަޝްކަރީ ވެރިއެއް)
ދީންއެންގްލިކަން/އެޕިސްކޯޕަލް
Signature

ޖޯޖް ވޮޝިންގޓަން މަޝްހޫރު ވެފައިވަނީ އެމެރިކާގެ ބާނީ ގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުއަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަން އަކީ އިގިރޭސިންނާއި ދެކޮޅަށް މީލާދީން 1775ން 1783 އަށް ހިންގި އެމެރިކާގެ އިންގިލާބީ ހަގުރާމައިގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި އެމެރިކާ މިނިވަންކުރެއްވި މޭސްތިރި އެވެ.

އެމެރިކަން އިންގިލާބުގެ ކާމިޔާބަށްފަހު އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޖޯޖް ވޮޝިންގޓަން ރައީސް ކަމަށް އިސްވެ ވަޑައިގަތީ 30 އޭޕްރީލް 1789ގައެވެ. ޖެހިޖެހިގެން ދެ ދައުރުގައި ރައީސް ކަންކުރައްވައި ދެވަނަ ދައުރު ނިމުމުން ރައީސް ކަމުން ވަކިވެ ވަޑައިގަތީ 4 މާރޗް 1797 ގައެވެ. ފުރަތަމަ ދައުރަށްފަހު ދެވަނަ ދައުރަށް ރައީސަކު ހޮވުމަށް 1792ގައި އެމެރިކާގައި ބޭއްވުނު އިންތިޚާބުގައި ޖޯޖް ވޮޝިންގޓަން އަށް ކާމިޔާބު ލިބިވަޑައިގަތީ އެމެރިކާ އުފައްދަވައި ގައުމެއްގެ ގޮތުގައި ދުނިޔެއަށް ހާމަކުރުމުގައި ޖޯޖް ވޮޝިންގޓަން އަދާކުރި ދައުރާއި، ޖުމްހޫރިއްޔަތަށް އޭނާގެ ހިތުގައި އޮތް ލޯއްބެއްގެ ބޮޑު ކަމުން ކަމަށް ބުނެވެއެވެ. މިސަބަބުތަކާހުރެ ޖޯޖް ވޮޝިންގޓަން ވަނީ އެމެރިކާގެ ސިޔާސީ މައިދާނުގައި ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވެފައެވެ.


ދިރިއުޅުމުގެ ކުރީކޮޅު[އުނިއިތުރު ގެންނަވާ]

ޖޯޖް ވޮޝިންގޓަން އުފަންވެ ވަޑައިގަތީ 22 ފެބުރުއަރީ 1732 ގައި އެމެރިކާގެ ވާޖީނިއާގެ ވެސްޓްމޯރލޭންޑް އޭ ކިޔުނު އަވަށަކަށެވެ. ޖޯޖް ވޮޝިންގޓަން އަކީ އުގަސްޓިން ވޮޝިންގޓަން ގެ ދޮށީ ފިރިހެން ދަރިފުޅެެވެ. މަންމައަކީ މޭރީ ބޯލް ވޮޝިންގޓަން އެވެ. ޖޯޖް ވޮޝިންގޓަން ބޮޑުވަމުން އައީ ދަނޑުވެރިއެއްގެ ގޮތުގައެވެ. 1747ގައި ބުލޫރިޖްގެ ހުޅަގަށް އޮންނަ ބާރޯން ފަޔަރފޮކްސް ލޭންޑް ސާރވޭ ކުރުމުގެ ފުރުޞަތު ޖޯޖް ވޮޝިންގޓަން އަށް ލިބުނެވެ. 1749 ގައި 'ކަލްޕެޕަރ ކައުންޓީގެ ސާރވޭޔަރ އެއްގެ މަގާމް ލިބުނެވެ. އެއްބަފާ ބޭބެ ލޯރެންސްގެ އެހީގައި އޯހިއޯ ކަމްޕެނީ އެއް ފުރުޞަތު ހޯދި އެވެ. އެއަށްފަހު ޖޯޖް ވޮޝިންގޓަން ދިރިއުޅެމުން ގެންދިޔަ އަވަށުގެ މިލިޓަރީ އޮފިސަރެއްގެ މަގާމް ލިބުނެވެ. އަދި 1752 ގައި އުމުރުން އެންމެ 20 އަހަރުގައި އެއަވަށުގެ މޭޖަރެއްގެ ވަޒީފާ ލިބިގެންދިޔައެވެ.


ފަރަންސޭސި އަދި ހިންދުސްތާނީ ހަގުރާމަ[އުނިއިތުރު ގެންނަވާ]

ޖޯޖް ވޮޝިންގޓަން ގެ އުމުރުން 22 އަހަރުގައި އެމެރިކާގެ އެތެރޭގައި ހިނގި 7 އަހަރުގެ ހަގުރާމައިގެ މައްސަލައިގެ ތެރެއަށް ވަންނަން ޖެހުނެވެ. މިމައްސަލަ ފެށިގެން އައީ 1753ގައި އޯހިއޯ ކަންޓްރީ ސަރަހައްދުގައި ފަރަންސީސިން ފާރެއް ނުވަތަ އަސްކަރީ ބޭސް އެއް (ފޯރޓެއް)ފަދަ ތަނެއް ބިނާކުރަން ފެށުމުންނެވެ. އޭރު އެސަރަހައްދަކީ ޖޯޖް ވޮޝިންގޓަން އުޅެމުން އައި ވާޖީނިއާގެ ތަނެއްގެ ގޮތުގައި އެމީހުންވެސް ދައުވާ ކުރަމުން އައިތަނެކެވެ. ނަތީޖާއެއްގެ ގޮތުން ވާޖީނިއާގެ ގަވަރުނަރަކަށް ހުންނެވި ޑިންވިޑީ ޖޯޖް ވޮޝިންގޓަން އަށް އޯހިއޯ ކަންޓްރީ އަށް ގޮސް ފަރަންސޭސިންނަށް އެސަރަހައްދު ދޫކޮށް ދިއުމަށް އެންގުމަށް އެދުނެވެ. ޖޯޖް ވޮޝިންގޓަން ގެ މިއެންގުމަށް ފަރަންސޭސިން އިދިކޮޅު ހެދުމަށް ޖޯޖް ވޮޝިންގޓަން ތައްޔާރު ކުރި ރިޕޯޓް ވަނީ ވާޖީނިއާ އަދި އިގިރޭސި ވިލާތުގެ ގިނަ ބަޔަކު ކިޔައި ފައެވެ. 1754 ގައި އަލަށް އުފެއްދި ވާޖީނިއާ ރެޖިމެންޓްގެ ލެފްޓިނެންޓް ކާނަލްއެއްގެ މަގާމްގައި ހުއްޓައި ވާޖީނިއާގެ ގަވަރުނަރު ޑިންވިޑީ ދެވަނަ ފަހަރަށް ޖޯޖް ވޮޝިންގޓަން އޯހިއޯ ކަންޓްރީ އަށް ފޮނުވިއެވެ. އެފަހަރު ހިނގި ކުރިމަތިލުން ތަކަށްފަހު ފޯރޓް ނެސެސިޓީ އޭ ކިޔުނު ހަގުރާމަ ހިނގި އެވެ. އަސްކަރީ މި ހަނގުރާމައިގައި ޖޯޖް ވޮޝިންގޓަން ފަރަންސޭސިންގެ އަތްދަށު ވިއެވެ. އެފަހަރު ފަރަންސޭސިން ޖޯޖް ވޮޝިންގޓަން ދޫކޮށްލެއްވީ އަހަރެއްގެ ތެރޭގައި އަނބުރާ އޯހިއޯ ކަންޓްރީ އަށް ނާދެވޭގޮތަށް އެއްބަސްކޮށްފައެވެ. އެފަހަރު އެބުރި ވާޖީނިއާ އަށް ދިއުމުން ލެފްޓިނެންޓް ކާނަލްއެއްގެ ރޭންކުން ކެޕްޓަނެއްގެ ރޭންކަށް ދަށްކުރަން އުޅުމުން އެކަމާ ޖޯޖް ވޮޝިންގޓަން އެެއްބަސްވެ ވަޑައި ނުގަނެ، އަސްކަރީ ޚިދުމަތުން އިސްތިއުފާ ދިނެވެ.

1755 ގައި ޖޯޖް ވޮޝިންގޓަން ވާޖީނިއާގެ އަސްކަރީބާރުގެ ކޮމާންޑަރ އިންޗީފްގެ މަގާމަށް އިސްކުރެވުނެވެ. އަދި 300 މީހުންގެ އެހީގައި 300 މޭލުގެ ދިގުމިންހުރި ފަރުބަދަމަތީގެ ހިސާބު ބެލެހެއްޓުމަށް ހަވާލު ކުރެއްވި އެވެ. 1758ގައި ދެވަނަ ފަހަރަށް އަސްކަރީ ޚިދުމަތުން ވަކިވެ ވަޑައިގަތް ޖެހިގެން ފާއިތުވި 16 އަހަރުވަންދެން ހޭދަކުރެއްވީ ވާޖީނިއާގެ ދަނޑުވެރި އެއްގެ ގޮތުގައެވެ. އަދި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައެވެ.


ހަގުރާމަ ތަކުގެ މެދުގައި[އުނިއިތުރު ގެންނަވާ]

6 ޖެނުއަރީ 1759ގައި ޖޯޖް ވޮޝިންގޓަން ވާޖީނިއާގެ ނިއު ކެންޓް ކައުންޓީގައިވާ ޕަަމަންކީ ކޯރުގެ އައްސޭރި ފަށުގައި ހަދާފައިވާ ވައިޓް ހައުސް ޕްލާންޓޭޝަންގައި ދިރިއުޅުނު ހުވަފަތް އަންހެނެއް ކަމުގައިވާ މާރތާ ޑެންޑްރިޖް ކަސްޓިސް އާއި ކައިވެނި ބައްލަވައި ގަތެވެ. ކާވެންޏަށް ފަހު ދެމަފިރިން މައުންޓް ވާނޮން އަށް ބަދަލުވިއެވެ. އެތާގަައި އެއާއިލާ އިން އުފާވެރި ދިރިއުޅުމެއް ހޭދަކުރިއެވެ.

މައުންޓް ވާނޮން ގައި މާރތާ އަދި ޖޯޖް ވޮޝިންގޓަން މާރތާ އަށް ލިބިފައިވާ ދެދަރިން ކަމުގައިވާ ޖޯން ޕާރކޭ ކަސްޓިސް އަދި މާރތާ ޕާރކޭ ކަސްޓިސް ބަލައި ބޮޑު ކުރުމުގައި އުޅުނެވެ. އެއަށްފަހު އެމީހުންގެ ދެކާފަ ދަރިން ބަލައި ބޮޑު ކޮށްފައި ވެއެވެ. އެެއީ އެލީނާ ޕާރކޭ ކަސްޓިސް އަދި ޖޯޖް ވޮޝިންގޓަން ޕާރކޭ ކަސްޓިސް އެވެ.

ޖޯޖް ވޮޝިންގޓަން އާއި މާރތާ ޑެންޑްރިޖް ކަސްޓިސް އަށް ދަރިޔަކު ލިބިފައެއް ނުވެއެވެ. އެއީ ޖޯޖް ވޮޝިންގޓަން އަށް ކަށިވިދުރި ޖެހުމަށްފަހު އެއާއި ވިދިގެން ކެއްސުން ބަލި ޖެހިފައިވާތީ ކަމަށް ވެދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މާރތާ ޑެންޑްރިޖް ކަސްޓިސް އާއި ޖޯޖް ވޮޝިންގޓަން ކައިވެނި ކުރުމަށްފަހު އޭނާގެ އަމިއްލަ ދިރިއުޅުމުގެ ޙާލަތު ރަގަޅުވެ ތަނަވަސްވެގެން ދިޔައެވެ. ކައިވެންޏާއި ގުޅިގެން މާރތާގެ ބިމުން 18000 އޭކަރުގެ ތަން ޖޯޖް ވޮޝިންގޓަން އަށް ލިބިގެންދިޔައެވެ. އެއަށްފަހު ޖޯޖް ވޮޝިންގޓަން ގެ އަމިއްލަ ނަމުގައި އިތުރު ބިން ހޯދިއެވެ. 1775 ގައި ޖޯޖް ވޮޝިންގޓަން އޭނާގެ ބިމުގެ ބޮޑުމިން ދެގުނަ އިތުރަށް ބޮޑު ކުރިއެވެ. އަދި އޭނާގެ މަސައްކަތްތެރިންގެ ގޮތުގައި 100 ވަރަކަށް މީހުން އޭރު ގެންގުޅުނެވެ. އެއަށްފަހު ވާޖީނިއާ ޕްރޮވިންސްގެ ލެޖިސްލޭޗަރ ގެ މަގާމް ޖޯޖް ވޮޝިންގޓަން އަށް ލިބުނެވެ. 1769 ގައި ޖޯޖް ވޮޝިންގޓަން އާއި އޭނާގެ ރަހުމަތްތެރިޔާ ޖޯޖް މޭސަން ގުޅިގެން ވާޖީނިއާ އަށް އިގިރޭސި ވިލާތުން މުދާއެތެރެކުރުން ބޮއިކަޓް ކުރުމަށް ޕްރޮޕޯސަލް އެއް ހުށަހެޅިއެވެ. މިޕްރޮޕޯސަލްގައި ވަނީ ޓައުންޝެންޑް އެކްޓްސް ގެ ގާނޫނު ނުވަތަ އެއްބަސްވުން ކެންސަލްކުރަންދެން އިގިރޭސި ވިލާތުން މުދާއެތެރެކުރުން ބޮއިކަޓް ކުރުމަށެވެ. 1770 ވަނަ އަހަރު ބަރުލަމާނުން މިއެކްޓް ކެންސަލް ކުރިއެވެ.

21 ސެޕްޓެމްބަރު 1771 ގައި ޖޯޖް ވޮޝިންގޓަން ބަލްޓިމޯރުގެ ވިޔަފާރިވެރިޔާ ޖޭއާރު ޖޮނަތަން ޕްލޯމަންގެ ފަރާތުން ނެއިލް ޖޭމްސަން އަށް ސިޓީއެއް ލިޔުނެވެ. އެވިޔަފާރި ވެރިޔާގެ ބޯޓެއް ހުއްދަ ނޫން މުދާ އެތެރެކުރުމާއި ގުޅިގެން ހިފެއްޓުމުން އެކަމުން މިންޖުކޮށްދިނުމަށް ދިނުމަށް އެހީތެރިވުމަށް ލިޔުނު ސިޓީއެކެވެ. އޮގަސްޓް 1774 ގައި ވާޖީނިއާގެ ފުރަތަމަ ބައްދަލުވުމުގައި ޖޯޖް ވޮޝިންގޓަން ބައިވެރިވެ ވަޑައިގަތެވެ. މިބައްދަލުވުމުގައި ފުރަތަމަ ކޮންޓިނެންޓަލް ކޮންގްރެސް އަށް ވާޖީނިއާ ތަމްސީލު ކުރުމަށްދާ މަންދޫބަކަށް ޖޯޖް ވޮޝިންގޓަން އައްޔަން ކުރެވުނެވެ.


އެމެރިކާ އިންގިލާބު[އުނިއިތުރު ގެންނަވާ]

ޖޯޖް ވޮޝިންގޓަން އޭނާގެ އަޝްކަރީ ޔުނިފޯމްގައި.

އެޕްރީލް 1775 ގައި އެމެރިކާގެ އެތެރޭގެ ހަމަ ނުޖެހުންތައް ފެށުމަށްފަހު ބޭއްވުނު ދެވަނަ ކޮންޓިނެންޓަލް ކޮންގްރެސް އަށް ޖޯޖް ވޮޝިންގޓަން އަސްކަރީ ޔުނީފޯމްގައެވެ. މިއިން ދައްކައިދިނީ ޖޯޖް ވޮޝިންގޓަން ހުރީ ހަގުރާމައަށް ކުރިމަތިލުމަށް ތައްޔާރު ވެގެން ކަމެވެ. ޖޯޖް ވޮޝިންގޓަން އަށް އިހްތިރާމާއި، އަސްކަރީ ތަޖުރިބާއާއި، އަސްކަރީ ތަޙައްމަލު ކުރުން އަދި ވަރުގަދަ މުވާޠިނަކަށް ވުމުގެ ޝަރަފް ލިބިފައިވުމުގެ ނަތީޖާއަކީ އެމެރިކާގެ ދެކުނުން ޚާއްޞަކޮށް ވާޖީނިއާ އިން ޖޯޖް ވޮޝިންގޓަން އަށް ފުރިހަމަ ތާއީދު ލިބިފައި ވުމެވެ.

14 ޖޫން 1775ގައި ކޮންޓިނެންޓަލް ކޮންގްރެސް އިން ކޮންޓިނެންޓަލް އާރމީ ނުވަތަ ސިފައިންގެ ފޯރސް އެކުލަވާލެވުނެވެ. އަދި ޖެހިގެން އައި ދުވަހު ޖޯން އެޑަމްސް އާއި ޖޯޖް ވޮޝިންގޓަން ވާދަކޮށް ކޮމާންޑަރ އިންޗީފަކަށް ޖޯޖް ވޮޝިންގޓަން އިންތިޚާބު ކުރެވުނެވެ. އަދި ޖުލައި 1775ގައި މަސަކޫސެޓްސްގައި އޮތް އެމެރިކަން ފޯރސްގެ ކޮމާންޑަރު ކަމާއި ހަވާލުވެ ވަޑައިގަތެވެ.

ޖޯޖް ވޮޝިންގޓަން އާއި އޭނާގެ އަސްކަރީ ފޯރސް ގެ މަސައްކަތުން ބޮސްޓަނުން އިގިރޭސިން ފައްސަވައި ލެއްވި އެވެ. އަދި ނިއުޔޯކް ސިޓީ އާއި ދިމާލަށް ފޯރސް އާއިގެން ދަތުރު ކުރިއެވެ. އޮގަސްޓް 1776 ގައި އިގިރޭސި ވިލާތުގެ ވިލިއަމް ހޯވް ކަނޑާއި، އެއްގަމު މަގުން ގޮސް ނިއުޔޯކް ސިޓީ ހިފުމަށްޓަކައި ޚާއްޞަ ކެމްޕޭނެއްގެ ފެއްޓިއެވެ.

ޖޯޖް ވޮޝިންގޓަން ގެ ބެލުމުގެ ދަށުން އޮތް ކޮންޓިނެންޓަލް އާރމީ ފޯރސް ވިލިއަމް ހޯވްގެ ލަޝްކަރާއި ދެކޮޅަށް ހިންގި ފުރަތަމަ ކުރިމަތިލުން ނުވަތަ ދިގު ރަށުގެ ހަގުރާމަ އާއި، އަދި އެހެނިހެން ބައެއް ކުދިކުދި ކުރިމަތިލުން ތަކުގައި ޖޯޖް ވޮޝިންގޓަން ގެ ކޮންޓިނެންޓަލް އާރމީ ބަލިވުމުން އެލަޝްކަރުގެ މުސްތަގުބަލާމެދު ޝައްކު އުފެދިގެން ދިޔައެވެ. އަދި މިހަގުރާމައިގައި ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ނިއުޔޯކުން ބޭރުކޮށްލިއެވެ.

11 ސެޕްޓެމްބަރު 1777 ގައި ބްރޭންޑީވައިން ހަގުރާމަ އިން ވެސް ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ބަލިވިއެވެ. އެއަށްފަހު ވިލިއަމް ހޯވްގެ ލަޝްކަރު ފިލަޑެލްފިއާ އަށް ގޮސް އެތަން ވެސް ހިފިއެވެ. އަދި އެމީހުންގެ މިކާމިޔާބީ އާއެކު ކޮންޓިނެންޓަލް އާރމީގެ ކޮމާންޑަރު ކަމަށް ޖޯޖް ވޮޝިންގޓަން ދުރުކުރުމަށް ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް ޖޯޖް ވޮޝިންގޓަން ތާއީދުކުރާ އެތައް ބަޔެއްގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

ޑިސެމްބަރު 1777ގައި ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރު ފޯޖް ވާދީ ގައި ކެމްޕޭން ކުރިއެވެ. 6 މަސް ދުވަހު އެތާ ހޭދަކުރި ކުރުމުގެ ތެރޭގައި ފިނިމޫސުމުގައި 2500 ވަރަކަށް މީހުން ތަފާތު އެއްޗިއްސަށް ހުށަހެޅިގެންނާއި، ބަލިބަލީގައި ނެތިގޮސްފައި ވެއެވެ. ހަތް އަހަރުގެ ހަގުރާމައިގެ ގޮތުގައި މަޝްހޫރުވި މި ކުރިމަތިލުންތައް ނިމިފައިވަނީ 17 އޮކްޓޯބަރު 1781 ގައި ޔޯކް ޓައުންގައެވެ. ބުނެވޭގޮތުގައި ހަތް އަހަރުގެ ހަގުރާމައިގައި ކުރެވުނު 9 ހަގުރާމައިގެ ތެރެއިން ޖޯޖް ވޮޝިންގޓަން ގެ ލަޝްކަރަށް ކާމިޔާބު ކުރެވުނީ އެންމެ 3 ހަގުރާމަ އެވެ.

1783ގައި ޕެރިސް އެއްބަސްވުން ގައި ސޮއި ކުރިއެވެ. އެއަހަރު ނޮވެންބަރު 25 ގައި އިގިރޭސިން ނިއުޔޯކް ސިޓީ އިން ފޭބި އެވެ. އަދި 23 ޑިސެމްބަރު 1783 ގައި ކޮންގްރެސް އޮފް ކޮންފެޑެރޭޝަންގެ ކޮމާންޑަރ އިންޗީފްގެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އެއަށްފަހު އެބުރި މައުންޓް ވާނޮން އަށް ވަޑައިގަތެވެ. އަދި 1787 ގެ ހޫނު މޫސުމްގައި ފިލަޑެލްފިއާގައި އޮތް ކޮންސްޓިޓިއުޝަނަލް ކޮންވެންޝަން އަށް ވަޑައިގަތެވެ. އަދި އެކޮންވެންޝަންގެ ރައީސްކަމަށް އިސްކުރެވުނެވެ.

އެމެރިކާގެ ރިޔާސަތުގައި ( 1789ން 1797އަށް )[އުނިއިތުރު ގެންނަވާ]

ވޮޝިންގޓަން ގެ ކެބިނެޓް
އޮފީސް ނަން މުއްދަތު
ރައީސް ޖޯޖް ވޮޝިންގޓަން 1789 – 1797
ނައިބު ރައީސް ޖޯން އެޑަމްސް 1789 – 1797
ސެކްރެޓަރީ އޮފް ސްޓޭޓް ތޯމަސް ޖެފަރސަން 1790 – 1793
އެޑްމަންޑް ރަންޑޯލްފް 1794 – 1795
ޓިމޮތީ ޕިކެރިންގ 1795 – 1797
ސެކްރެޓަރީ އޮފް ޓްރެޝަރީ އެލެގްޒެންޑަރ ހެމިލްޓަން 1789 – 1795
އޮލިވަރ ވޮލްކޮޓް 1795 – 1797
ސެކްރެޓަރީ އޮފް ވަރ ހެންރީ ނޮކްސް 1789 – 1794
ޓިމޮތީ ޕިކަރިންގ 1795 – 1795
ޖޭމްސް މެކް ހެންރީ 1796 – 1797
އެޓަރނީ ޖެނެރަލް އެޑްމަންޑް ރަންޑޯލްފް 1789 – 1794
ވިލިއަމް ބްރެޑްފޯޑް 1794 – 1795
ޗާލްސް ލީ 1795 – 1797
ޕޯސްޓް މާސްޓަރ ޖެނެރަލް ސެމުއެލް އޮސްގުޑް 1789 – 1791
ޓިމޮތީ ޕިކަރިންގ 1791 – 1795
ޖޯސެފް ހެބަރޝަމް 1795 – 1797
ގިލްބަރޓް ސްޓުއަރޓް 1795 ގައި ކުރަހާފައިވާ ވޮޝިންގޓަން ގެ ތަސްވީރެއް.

1789 ގައި އިންތިޚާބީ ކޮލެޖުގެ ފަރާތުން ބޭއްވި އިންތިޚާބުގައި އެމެރިކާގެ ފުރަތަމަ ރައީސް ކަމަށް ޖޯޖް ވޮޝިންގޓަން އިންތިޚާބު ކުރެވުނެވެ. ނާއިބު ރައީސްކަމަށް އިސްކުރެވުނީ ޖޯން އެޑަމްސް އެވެ. ޖޯޖް ވޮޝިންގޓަން އެމެރިކާގެ ރައީސް ކަމުގެ ހުވާކުރެއްވީ 30 އޭޕްރީލް 1789 ގައި ނިއުޔޯކް ސިޓީގެ ފެޑެރަލް މާލަމް ގައެވެ. އެމެރިކާގެ ފުރަތަމަ ކޮންގްރެސްގެ ބައްދަލުވުމުގައި ރައީސް ޖޯޖް ވޮޝިންގޓަން ގެ މުސާރައިގެ ގޮތުގައި އަހަރަކު 25 ހާސް އެމެރިކާ ޑޮލަރު ދިނުމަށް ވޯޓް ދެވުނެވެ. އަދި މިހުށަހެޅުން ޖޯޖް ވޮޝިންގޓަން ގަބޫލު ފުޅު ކުރެއްވި އެވެ.

އެތެރޭގެ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ޖޯޖް ވޮޝިންގޓަން އަކީ އެއްވެސް ޕާޓީ އަކަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. އެހެން ކަމުން ޖޯޖް ވޮޝިންގޓަން އުއްމީދު ކޮށްގެންހުރީ ޕާޓީތައް އުފެދޭނެ ކަމަކަށް ނޫނެވެ. ނަމަވެސް ޖޯޖް ވޮޝިންގޓަން ގެ އެންމެ ގާތް މުރުޝިދުން ސިޔާސީ ޕާޓީތައް ހެދުމުގެ ފްރޭމް ވޯކް ތައްޔާރު ކުރުމުގައި ދެބަޔަކަށް ބެހިގެން ދިޔައެވެ. ސެކްޓެރީ އޮފް ޓްރެޜަރީގެ މަގާމްގައި ހުންނެވި އެލްގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓް ޕާޓީ އުފެއްދެވި އިރު، ސެކްޓްރީ އޮފް ސްޓޭޓް ތޯމަސް ޖެފަރސަން ޖެފަރސަނިއަން ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. 1791 ގައި ރަލުގެ ބުއިންތަކުން ޓެކްސް ނެގުމަށް ކޮންގްރެސްގައި ވާހަކަ ދެއްކުމާއި ގުޅިގެން ޕެންސިލްވީނިޔާގައި މުޒާހަރާތައް ބާއްވައިފައި ވެއެވެ.

ބޭރުގެ ގުޅުން[އުނިއިތުރު ގެންނަވާ]

1793ގައި ފަރަންސޭސި އިންގިލާބީ ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓް އެޑްމަންޑް ޗާރލްސް ޖެނެޓް އެމެރިކާއަށް ސިޓީ އަކާ އެކު ފޮނުވުނެވެ. މިއީ އެމެރިކާއާއި ފަރަންސީސީންގެ ގުޅިގެން އިގިރޭސީންނާއި ދެކޮޅަށް ހަރަކާތްތެރި ވުމަށް އެކި އެކި ސިޓީތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކަން ސޮސައިޓީތަކެއް އުފެއްދުމަށް ފޮނުވުނު ސިޓީ އެކެވެ. އަދި އޭގެ ދަށުން އިގިރޭސި ވިޔަފާރި ވެރިންގެ މުދާ އުފުލާ ބޯޓްތައް އަތުލައި ގަތުމުގައި ދެގައުމަށް ފަސޭހަތައް ލިބިގެންދެއެވެ.

އިގިރޭސީންނާއި އެމެރިކާ އާއި ދެމެދު އޮތް ގުޅުން ރަގަޅުކޮށް އިންގިލާބުގެ ދުވަސްވަރު ވެގެންދިޔަ ދަރަނި ފޫބައްދައި އެކަމުން ސަލާމަތްވުމަށްޓަކައި ޖޯޖް ވޮޝިންގޓަން އާއި އެލެގްޒެންޑަރ ހެމިލްޓަން ގުޅިގެން ޖޭ އެއްބަސްވުން ފަރުމާ ކުރެއްވި އެވެ. ޖޯން ޖޭ މެދުވެރިއެއްގެ ދައުރު އަދާކުރެއްވި މި އެއްބަސްވުމުގައި އިގިރޭސި ވިލާތާއި އެމެރިކާ އިން ސޮއިކުރީ 17 ނޮވެންބަރު 1794 ގައެވެ.


ވަދާޢީ ޚިތާބު[އުނިއިތުރު ގެންނަވާ]

ޖޯޖް ވޮޝިންގޓަން ގެ ވަދާޢީ ޚިޠާބަކީ އެމެރިކާގެ ސިޔާސީ ތާރީކްގައި ނެރެވުނު އެންމެ އަގުހުރި އެއް ޚިތާބެވެ. ޖޯޖް ވޮޝިންގޓަން އަމިއްލަ އަށް ތައްޔާރު ކުރެއްވި މިޚިތާބު ހެދުމަށް ސެކްޓްރީ އޮފް ޓްރެޜަރީ އެލެގްޒެންޑަރ ހެމިލްޓަން ގެ އެހީތެރިކަން ހޯދާފައި ވެއެވެ. އެޚިތާބުގައި ގައުމީ އެއްބައި ވަންތަ ކަމުގެ ބޭނުންތެރިކަމާއި މުހިއްމު ކަމަށް އަލިއަޅުވާލައްވައި ނަޞޭހަތްތެރި ވެފައި ވެއެވެ.

ޖޯޖް ވޮޝިންގޓަން ގެ މިޚިތާބުގައި އެމެރިކާގެ ދާޚިލީ ކަންތައް ތަކުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމުގެ ނުރައްކާތެރިކަމާމެދު އަލިއަޅުވާލައްވައި އެކަމަށް އިންޒާރު ދެއްވައިފައި ވެއެވެ. އަދި މިޚިތާބުގައި އެމެރިކާ މީހުންނަށް އެމީހުންގެ ބޭނުންތަކަށް އެމީހުންގެ ވިސްނުމާއި ފިކުރު އަމާޒު ކުރުމަށް ގޮވާލެއްވި އެވެ. ތަފާތު ގައުމުތަކާއި އެކު ރަހުމަތްތެރިކަން އުފައްދައި ވިޔަފާރީގެ ގުޅުން ގާއިމު ކުރުމަށް ގޮވާލެއްވި އެވެ.

އަލަށް އުފެއްދެވި ސްޓޭޓްތައް[އުނިއިތުރު ގެންނަވާ]

  • އުތުރު ކެރޯލީނާ - 21 ނޮވެންބަރު 1789 – 12 ވަނަ ސްޓޭޓް
  • ރޯޑް އައިލޭންޑް - 29 މެއި 1790 – 13 ވަނަ ސްޓޭޓް
  • ވާމޮންޓް - 4 މެއި 1791 – 14 ވަނަ ސްޓޭޓް
  • ކެންޓާކީ - 1 ޖޫން 1792 – 15 ވަނަ ސްޓޭޓް
  • ޓިނެއްސީ - 1 ޖޫން 1796 – 16 ވަނަ ސްޓޭޓް

ރިޓަޔަރ ކުރުމާއި، އަވަހާރަވުން[އުނިއިތުރު ގެންނަވާ]

މައުންޓް ވަރނޮން

4 މާރޗް 1797 ގައި ރިޔާސަތުގެ ދެވަނަ ދައުރު ފުރިހަމަ ކުރައްވައި ރައީސް ކަމުން ވަކިވެ ވަޑައިގަތުމަށްފަހު އެބުރި މައުންޓް ވާނޮން އަށް ވަޑައިގެންނެވި އެވެ. އެއަހަރުގެ ތެރޭގައި 2250 އަކަ ފޫޓްގެ ޑިސްޓިލަރީ އެއް ބިނާކުރެއްވި އެވެ. ދެއަހަރު ފަހުން ވޮޝިންގޓަން ގެ ޑިސްޓިލަރީ ( ބަގުރާ ފަދަ ބުއިން އުފައްދާ ތަންތަން ) އިން 11 ހާސް ގެލަންގެ މިފަދަ ބުއިންތައް އުފައްދާފައި ވެއެވެ. ވޮޝިންގޓަން ޑިސްޓިލަރީ އަކީ އެމެރިކަން ވިސްކީ ޓްރެއިލްގެ ބައެކެވެ.މައުންޓް ވާނޮން ގައި 30 މާރޗް 2007ގައި އަލަށްހުޅުވި ވޮޝިންގޓަން ޑިސްޓިލަރީ އިން އަހަރަކު 5 ހާސް ގެލަންގެ ވިސްކީ އުފައްދާނެ ކަމަށް ބެލެވެއެވެ.

1789 ގައި އެމެރިކާގެ ދެވަނަ ރައީސް ޖޯން އެޑަމްސް އެމެރިކާގެ އާރމީ ގެ ލެފްޓިނެންޓް ޖެނެރަލް ކަމުގެ މަގާމަށް ޖޯޖް ވޮޝިންގޓަން އިސްކުރެއްވި އެވެ. 12 ޑިސެމްބަރު 1799 ގައި ޖޯޖް ވޮޝިންގޓަން އޭނާގެ ފާރމްގައި ފިންޏާއި ސްނޯގެ ތެރޭގައި އެތައް އިރަކު ހޭދަ ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ދުވަހު ހެދުނުވިއިރު ޖޯޖް ވޮޝިންގޓަން އަށްވަނީ ރޯގާޖެހި، ހުން އައިސް ކަރުގައި އިންފެކްޝަން އަށަގަނެފައެވެ. އަދި މިރޯގާ ލެރިންޖައިޓިސް އަށް ބަދަލުވެ، އެެއަށްފަހު ނިއުމޯނިޔާ ޖެހުނެވެ. ޖޯޖް ވޮޝިންގޓަން އަވަހާރަވީ 14 ޑިސެމްބަރު 1799 ގެ ހަވީރުގެ ވަގުތެއްގައެވެ.

ޖޯޖް ވޮޝިންގޓަން ގެ ހަށިގަނޑު ވަޅުލެވިފައިވަނީ މައުންޓް ވާނޮން ގައެވެ. ޖޯޖް ވޮޝިންގޓަން ގެ މަރަށްފަހު މާރތާ ވޮޝިންގޓަން ވަނީ އެދެމީހުންގެ ހަދާންތައް އަންދާލާފައެވެ. އޭގެތެރެއިން ސަލާމަތް ކުރެވިފައިވަނީ އެންމެ 3 ސިޓީ ކަމުގައި ބުނެވެއެވެ. ޖޯޖް ވޮޝިންގޓަން އަވަހާރަވުމަށްފަހު މައުންޓް ވާނޮން ލިބުނީ އޭނާއަށް ބޮޑު ބޭބެ ކިޔުއްވާ ބުޝްރޯޑް ވޮޝިންގޓަން އަށެވެ.

ތަރިކަ[އުނިއިތުރު ގެންނަވާ]

1778 ގައި އެމެރިކާގެ ބައްޕަގެ ޝަރަފް ޖޯޖް ވޮޝިންގޓަން އަށް ދެވުނެވެ. ޖޯޖް ވޮޝިންގޓަން ގެ ޝަޚްޞިއްޔަތަކީ އެމެރިކާގެ ތާރީޚް ދުށް އެންމެ ފާހަގަކޮށްލެވޭ އެންމެ ހިތްވަރުގަދަ އެއް ޝަޚްޞިއްޔަތެވެ. އެއީ ސިޔާސީ އިޖްތިމާޢީ އަދި ޢާއިލީ ދިރިއުޅުމުގައި ވެސް އެތައް ބަޔަކު ނަމޫނާ އެއް ކަމުގައި ބަލާ ފަރާތަކަށްވަނީ ވެފައެވެ.

އާޘާރުތަކާއި ހަދާންތައް[އުނިއިތުރު ގެންނަވާ]

މިއަދު ޖޯޖް ވޮޝިންގޓަން ގެ މޫނާއި، ޞޫރަ އެމެރިކާގެ ގައުމީ ނިޝާނެއްގެ ގޮތުގައި ދަނީ ބޭނުން ކުރެވެމުންނެވެ. އެއް ޑޮލަރާއި، 4/1 ޑޮލަރު ގައި ޖޯޖް ވޮޝިންގޓަން ގެ މޫނު ކުރަހާފައި ވެއެވެ. އެމެރިކާގައި ހުންނަ ރަޝްމޯ މެމޯރިއަލް ފަރުބަދައިގެ ގާގަނޑުގައި ޖޯޖް ވޮޝިންގޓަން މޫނުގެ ސިފަޔަށް ކަނޑައި ނެގިގެން ބުނދެއް ތައްޔާރު ކުރެވިފައިވެއެވެ. މީގެ އިތުރުން މިފަރުބަދައިގައި ތިއޯޑޯރ ރޫޒަވެލްޓް، ތޯމަސް ޖެފަރސަން، އަދި އަބްރަހަމް ލިންކަންގެ މޫނުވެސް ކަނޑައި ނެގިފައިވެއެވެ. ޖޯޖް ވޮޝިންގޓަން ގެ ހަދާނުގައި ވޮޝިންގޓަން މޮނިއުމަންޓް، އަދި ވާޖީނިއާ ގެ އެލެގްޒެންޑްރިޔާ ގައި ބިނާކުރެވިފައިވާ ޖޯޖް ވޮޝިންގޓަން މެސޮނިކް ނޭޝަނަލް މެމޯރިއަލް ފަދަ ތަންތަނަކީ ޖޯޖް ވޮޝިންގޓަން ގެ ޝަރަފުގައި އެމެރިކާގައި ތައްޔާރު ކުރެވިފައިވާ ފާހަގަ ކޮށްލެވޭ ލޭންޑް މާރކް ތަކެވެ.

ވަރަށް ގިނަ ތަންތަނަށް ނަންނަން ޖޯޖް ވޮޝިންގޓަން ގެ ނަމާއި ގުޅުވައިގެން ދެވިފައި ވެއެވެ. އެގޮތުން އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީ، ސްޓޭޓް އޮފް ވޮޝިންގޓަން، ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ދަ ޖޯޖް ވޮޝިންގޓަން ޔުނިވަސިޓީ، އަދި ވޮޝިންގޓަން ޔުނިވަސިޓީ ފަދަ ތަންތަނަށް ނަންދެވިފައިވަނީ ވެސް ޖޯޖް ވޮޝިންގޓަން ގެ ނަމާއި ގުޅުވައިގެންނެވެ.


ވޮޝިންގޓަން އާއި އަޅުން ގެންގުޅުން[އުނިއިތުރު ގެންނަވާ]

ޖޯޖް ވޮޝިންގޓަން ކުރެއްވި ދަނޑުވެރިކަމުގެ މަސައްކަތުގައި 1760 ވަނަ އަހަރު ދުންފަތް ހެއްދުން ހުއްޓަވާލައްވައި، ގޮދަން ހެއްދުމަށް މަސައްކަތް ބަދަލު ކުރެއްވި އެވެ. އެގޮތުން މައުންޓް ވާނޮން ގައި ގޮދަން ފުށް ތައްޔާރު ކުރުމާއި، ބަގުރާގެ ބާވަތްތައް ހެދުމާއި، ހެދުން ވިޔުން ކުރިޔަށް ގެންގޮސްފައި ވެއެވެ. ޖޯޖް ވޮޝިންގޓަން އަވަހާރަވިއިރު މައުންޓް ވާނޮން ގައި އޭނާގެ އަޅުންގެ ގޮތުގައި 317 މީހުން ތިއްބެވެ.

އެމެރިކަން އިންގިލާބުގެ ކުރިން އަޅުންނަށް މާބޮޑު އަޅާލުމެއް ޖޯޖް ވޮޝިންގޓަން ދެއްވާފައެއް ނުވެއެވެ. ނަމަވެސް 1778 ވަނަ އަހަރު އަޅުންގެ ރުހުމަކާ ނުލައި އެމީހުން އެހެންމީހުންނަށް ވިއްކުން ޖޯޖް ވޮޝިންގޓަން ހުއްޓަވާލެއްވި އެވެ. ރައީސް ކަމަށް އެރުމަށްފަހު ވެސް ޖޯޖް ވޮޝިންގޓަން ވަނީ އޭނާގެ ބައެއް އަޅުން ފިލަޑެލްފިއާގައި ހުރި ރަސްމީ ގަނޑުވަރުގައި ގެންގުޅެފައެވެ.

ދީނީ ގަބޫލުފުޅު ކުރެއްވުން[އުނިއިތުރު ގެންނަވާ]

ބުނެވޭ ގޮތުގައި ޖޯޖް ވޮޝިންގޓަން އަކީ މަސީޙީ ދީން ގަބޫލު ކުރައްވާ ބޭފުޅެކެވެ. އޭގެ ހެއްކެއްގެ ގޮތުން ތާރީޅް ޢިލްމުވެރިން ސިފަކޮށްފައިވަނީ ބައެއް ފަހަރު މަސީޙީންގެ ފައްޅި އަށް ދިއުމާއި، އަދި މަސީޙީންގެ އާދަކާދަ ތަކުގައި ބައެއް ފަހަރު ޖޯޖް ވޮޝިންގޓަން ބައިވެރިވެ ވަޑައިގެންފައި ވުމެވެ. އަނެއް ބަޔަކު ބުނަނީ އޭނާ އަކީ އެންގްލިކަން ނުވަތަ އެޕިސްކޯޕަލް އެއް ކަމަށެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

މައުންޓް ވާނޮން ގައި މާރތާ އަދި ޖޯޖް ވޮޝިންގޓަން މާރތާ އަށް ލިބިފައިވާ ދެދަރިން ކަމުގައިވާ ޖޯން ޕާރކޭ ކަސްޓިސް އަދި މާރތާ ޕާރކޭ ކަސްޓިސް ބަލައި ބޮޑު ކުރުމުގައި އުޅުނެވެ. އެއަށްފަހު އެމީހުންގެ ދެކާފަ ދަރިން ބަލައި ބޮޑު ކޮށްފައި ވެއެވެ. އެެއީ އެލީނާ ޕާރކޭ ކަސްޓިސް އަދި ޖޯޖް ވޮޝިންގޓަން ޕާރކޭ ކަސްޓިސް އެވެ.

ޖޯޖް ވޮޝިންގޓަން އާއި މާރތާ ޑެންޑްރިޖް ކަސްޓިސް އަށް ދަރިޔަކު ލިބިފައެއް ނުވެއެވެ. އެއީ ޖޯޖް ވޮޝިންގޓަން އަށް ކަށިވިދުރި ޖެހުމަށްފަހު އެއާއި ވިދިގެން ކެއްސުން ބަލި ޖެހިފައިވާތީ ކަމަށް ވެދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ހަމަ މިހެން ޖޯޖް ވޮޝިންގޓަން އަށް ބޮޑުބޭބެ ކިޔުއްވާ ދެކުއްޖަކު ބަލާ ބޮޑުކުރެއްވި އެވެ. އެއީ ބުޝްރޯޑް ވޮޝިންގޓަން އަދި ބާރވެލް ބަސެޓް އެވެ. ބުޝްރޯޑް ވޮޝިންގޓަން އަކީ އެމެރިކާގެ އެސޯޝިއޭޓް ޖަސްޓިސް އޮފް ސްޕްރީމް ކޯޓްގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ. ބާރވެލް ބަސެޓް އަކީ ވާޖީނިއާގެ ކޮންގްރެސްމޭންގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ.

އަދިވެސް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

ކުރިން ހުންނެވީ:
(none)
އެމެރިކާގެ ރައީސް
އޭޕްރިލް 30، 1789(a)މާރޗް 4، 1797
ފަހުން ވަޑައިގަތީ:<br./>ޖޯން އެޑަމްސް
ކުރިން ހުންނެވީ:
(none)
ދުނިޔޭގައި ދިރިއުޅޭ އުމުރުން އެންމެ ގިނަ ދުވަސްވީ އެމެރިކާގެ ރައީސް
އޭޕްރީލް 30، 1789ޑިސެމްބަރ 14، 1799
ފަހުން ވަޑައިގަތީ:<br./>ޖޯން އެޑަމްސް