އަރުތެރެ ދުޅަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަރުތެރެ ދުޅަވުން (އިނގިރޭސި ބަހުން: Pharyngitis) އަކީ ބެކްޓީރިޔާ، ނުވަތަ ވައިރަސް އެއްގެ ސަބަބުން ނުވަތަ އެހެން ގޮތަކުން ވިޔަސް އަރުތެރެ ގައި އިންފެކްޝަން އަށަގަނެ ހަލާކުވުމެވެ. އެގޮތުން ހަލާކުވަނީ އަރުތެރޭގައިވާ ބައިތަކުގައި ލެވިފައިވާ ތެތްދުލިފަށް އެވެ.

ސްޓްރެޕްޓޮކޮކަސް،ނުވަތަ ސްޓެފައިލޮކޮކަސް ބެކްޓީރިޔާގެ ސަބަބުން އަރުތެރެ ހަލާކުވުމަކީ އަރިދަފުސް ރޯގާ އާއި ގުޅިގެން ވެދާނެ ގޮތެކެވެ. ތުއްތު ކުދިންނާއި، ކުޑަކުދިންނަށް އަރުތެރެ ދުޅަވުން ކުރިމަތިވާލެން ގިނަކަން ފާހަގަ ކުރެވެއެވެ.

ސްޓްރެޕްޓޮކޮކަސް ބެކްޓީރިޔާ ގެ ސަބަބުން އަރުތެރެ ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، އަރުތެރެ ރަތްވެ، ދުޅަވުން، ޓޮންސިލް ގައި ދޮސް އަށަގަނެ ބޭރުވުން، އަނގައިން ދަވަ ބޭރުވުން، އާދަޔާ ޚިލާފަށް ބޮޑަށް އަރުތެރެ ފާރުވުން، ގޮށްލުން އަދި ހުންއައުން ހިމެނެއެވެ. ބައެއް ފަހަރު ކުޑަކުދިންނަށް މޭނުބައިކުރުން، ބަނޑުގައި ރިހުން ، ބޮލުގައި ރިހުން، ފަދަ އުދަގޫތައް ކުރިމަތި ކުރުވައެވެ. ހުންއައުން 3 ދުވަހުގެ ތެރޭގައި ރަގަޅުވިޔަސް، އެހެނިހެން އުދަގޫތައް 5 ދުވަހުގެ މުއްދަތަށް ދެމިގެން ދެއެވެ.

ވައިރަސް އެއްގެ ސަބަބުން އަރުތެރެ ދުޅަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، އަރުތެރޭގައި ދުޅަވެ ރަތްވެފައިވާ ޓިޝޫގެ ވަށައިގެން ހުދުކުލައިގެ ފަށަލައެއް ލެވުން، ހުންއައުން، ބޮލުގައި ރިހުން، އަދި އަރުތެރެ ފާރުވުން ހިމެނެއެވެ. މިއުދަގޫތައް 14-4 ދުވަހާއި ދެމެދުގެ މުއްދަތަކަށް ދެމިގެން ދެއެވެ.

އަރުތެރެ ދުޅަވުން ކުރިމަތިކުރުވާ ބަލިތަކުގެ ތެރޭގައި ކަރުފޮޅު، ކެއްސުން ބަލި، ސިފިލިސް އަދި މެނިންޖައިޓިސް ހިމެނެއެވެ.