ހުންއައުން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ހުންއައުން(އިނގިރޭސި ބަހުން: Pyrexia) އަކީ ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުމެވެ. ނުވަތަ ހަށިގަނޑުގެ ފިނިހޫނު މިން އާންމު މިނަށްވުރެ މަތީގައި ހުރުމެވެ. ހުންއަންނަ އެންމެ އާންމު އެއްސަބަބަކީ ބެކްޓީރިޔާގެ ސަބަބުން ޖެހޭ އިންފެކްޝަން އަކަށް ހަށިގަނޑު ހުށަހެޅުމެވެ.

އިންފެކްޝަންގެ ޙާލަތުގައި ހުންގަދަވަނީ ކީއްވެ؟ އިންފެކްޝަންގެ ޙާލަތުގައި ބެކްޓީރިޔާ ތަކުން ބޭރުކުރާ ވިހަތައް މޮނަސައިޓް ، މެކްރަފޭޖް، ފަދަ ސެލްތަކުން ދިރުވާލައެވެ. އެއަށްފަހު މިބުނި ސެލްތަކުން އިންޓަލޫކިން-1 ކިޔާ ޕްރޮޓީން އެއް ދޫކުރުމަށް ބާރުއަޅައެވެ. ފަހުން މިބުނި ޕްރޮޓީން ހައިޕޯތަލަމަސް އަށް ގޮސް ޕްރޮސްޓަގްލާންޑިން އުފައްދައި، ހުންއައުން މެދުވެރި ކުރުވައެވެ.

ހުންއައުމުން ލިބިދާނެ ފައިދާތައް ހުންއައުން ލިބޭ ގެއްލުމުގެ އިތުރުން ބައެއް ކަހަލަ ފައިދާތައް ވެސް ހުރެއެވެ.

  • ވަރަށްގިނަ ކުދިކުދި ޖަރާސީމްތައް އުފެދިބޮޑުވުން ހުންއައުމުން މަނާކުރެއެވެ.
  • އިންޓަލޫކިން-1 އަކީ ކަށީގެ މަދުން ނޫޓްރަފިލް އުފެއްދުން އިތުރުކުރާ ކަމެކެވެ. ނޫޓްރަފިލް އަކީ ކުދިކުދި ޖަރާސީމްތައް ޙަމަލާދޭ ސެލް އެކެވެ.
  • އިންޓަލޫކިން-1 އަކީ ލިމްފަސައިޓް ތަކުން ހަށިދަމަނަ ތައް އުފެއްދުމަށް ބާރުއަޅާ މާއްދާއެކެވެ. އެހެންކަމުން ހުންއައުމަކީ ހަށިގަނޑުގެ ދިފާޢީ ބާރު އިތުރުކޮށްދޭނެ ކަމެކެވެ.
  • ހުންއައުމަކީ ބައެއް ކަހަލަ ގަނޑު އަދި ޓިއުމަރު ފަދަ ތަކެތި ބޮޑުވުން ލަސްކޮށްދޭ ކަމެކެވެ.

ތަޢާރަފް[އުނިއިތުރު ގެންނަވާ]

އިންސާނާގެ ހަށިގަނޑުގެ ފިނިހޫނު މިނަކީ މީހާއާއި، އޭނާގެ ޢުމުރާއި، ކުރާ ކަމާއި، ދުވަހުގެ ވަގުތުގެ ގޮތުން ބަދަލު ވާއެއްޗެކެވެ. ޢާއްމު ގޮތެއްގައި ހަށިގަނޑުގެ ފިނިހޫނުމިން ހުންނަ މިންވަރަކީ 98.6 (37 ޑިގްރީ ސެންޓިގްރޭޑް) ޑިގްރީ ފެރަންހައިޓް އެވެ.

ހުން، އިނގިރޭސިބަހުން ނަމަ ”ފީވަރ“ މި ނަމަށް އިނގިރޭސި ބަހުން ކިޔާ އެހެން ނަންތަކެއް ވެސް ވެއެވެ. އެއީ، ”އެލިވޭޓެޑް ޓެމްޕްރޭޗަރ“ (މައްޗަށް ގޮސްފައިވާ ފިނިހޫނުމިން)، ”ހައިޕަރތަރމިއާ“ އަދި ”ޕައިރެކްސިއާ“ އެވެ.

ފިނިހޫނުމިން ބަދަލުވުން[އުނިއިތުރު ގެންނަވާ]

ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުވާ މިންވަރު ތަފާތުވެގެން ވެއެވެ. ހަމަސްދުވަހުގެ ތުއްތު ކުއްޖެއް ނަމަ ބަދަލުވާ މިންވަރު ވަރަށް ދަށެވެ. ކުއްޖާއަކީ ޢުމުރުން ހަމަހާއި ދެ އަހަރާއި ދެމެދުގެ ކުއްޖެއް ނަމަ ބަދަލުވާ މިންވަރަކީ ދުވާލަކު އެއް ޑިގްރީއެވެ. ޢުމުރުން ދެ އަހަރަށް ފަހުގައި ދުވާލަކު ފިނިހޫނުމިން ބަދަލުވާ މިންވަރު މަޑުމަޑުން ދެ ޑިގްރީއަށް އިތުރުވެއެވެ.

ބޮޑެތި މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުވާ މިންވަރު މަދެވެ. އެހެންނަމަވެސް އަންހެނެއްނަމަ އޭނާގެ މައްސަރުގެ ދުވަސްވަރުގައި ހަށިގަނޑުގެ ފިނިހޫނުމިން އެއް ޑިގްރީ އިތުރުވެއެވެ.

އަހަރުމެންގެ ހަށިގަނޑުގެ ފިނިހޫނުމިން އާއްމުގޮތެއްގައި އެންމެ މަތިވަނީ ހަވީރުގެ ވަގުތުގައެވެ. އަދި ހަރަކާތްތެރިވެ އުޅުމުގެ ސަބަބުން އެ އުފުލިދާނެއެވެ. ނުވަތަ ވަރުގަދަ އިހުސާސްތަކުގެ ސަބަބުން ވެސް ހަށިގަނޑުގެ ފިނިހޫނުމިން މަތިވެދާނެއެވެ. މީގެ އިތުރުން ކެއުމާއި، ހެދުން އަޅާ ގޮތުންނާއި، ބޭނުން ކުރާ ބޭހެއްގެ ސަބުންނާއި، މާހައުލުގެ ފިނިހޫނުމިނުގެ ސަބަބުންނާއި، ވައިގެ ތެއްކަމުގެ މިންވަރު މަތިވުމުގެ ސަބަބުން ވެސް ހަށިގަނޑުގެ ފިނިހޫނުމިން އުފުލިދާނެއެވެ. މިބުނެވިދިޔަ ކަންތައްތަކުން އާއްމުކޮށް އަސަރުކުރަނީ ކުޑަކުދިންނަށެވެ.

މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން 100.4 ޑިގްރީ ފެރެންހައިޓް (38 ޑިގްރީ ސެންޓި ގްރޭޑް) ގައި ހުރެއްޖެ ނަމަ އެއީ ޢާއްމު ޙާލަތު ކަމަށް ބެލެވިދާނެ އެވެ. ނުވަތަ އެމީހަކު އެހުރީ ހުން އައިސްފައި ނޫންކަމަށް ބެލެވިދާނެއެވެ. ނަމަވެސް ހަށިގަނޑުގެ ފިނިހޫނުމިން 100.5 ޑިގްރީ ފެރެންހައިޓް ނުވަތަ އެއަށް ވުރެ މަތީގައި ހުރިނަމަ ބެލެވޭނީ އެމީހަކު ހުން އައިސްފައި ހުރި ކަމަށެވެ. ހަށިގަނޑުގެ ފިނި ހޫނުމިން މާދަށަށް ދިއުމަކީ ވެސް ހުން އައުން ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް މިކަން ބިނާވެގެންވަނީ އެމީހާގެ މައްޗަށެވެ.

ހުމަކީ ނުވަތަ ހުން އައުމަކީ ބައްޔެއް ނޫނެވެ. އަދި ހުމަކީ އިންސާނާގެ ހަށިގަނޑުގެ ޢަދުއްވެއް ވެސް ނޫނެވެ. އެހެން ނަމަވެސް އެއީ އިންސާނާގެ ހަށިގަނޑުގެ އިންފެކްޝަންތަކާ ދެކޮޅަށްވާ ދިފާޢީ ބާރަށް ވަރަށް މުހިއްމު އެއްޗެކެވެ. ޖާރާސީމުގެ ސަބަބުން އުފެދޭ ކުދިކުދި ބަލިތަކުގެ ސަބަބުން ވެސް ތުއްތު ކުދިންނާއި ކުޑަކުދިން ވަރަށް ބޮޑަށް ހުން އާދެއެވެ. މީގެން އަހަރެމެންނަށް އަންގައިދެނީ ހަށިގަނޑުގެ ތެރޭގައި (އުފެދިފައިވާ އިންފެކްޝަންއާ ދެކޮޅަށް) ހަނގުރާމައެއް ކުރެވެމުން ދާކަމެވެ. ހުން، ހަނގުރާމަކުރަނީ ހުން އެ އައިސްފައިވާ މީހާއަށްޓަކައެވެ. އެމީހަކާ ދެކޮޅަކަށް ނޫނެވެ.

އާއްމު ގޮތެއްގައި ގިނަ ބެކްޓީރީއާތަކާއި ޖަރާސީމުތަކައް އެތަކެތީގެ އެންމެ ދުޅަހެޔޮ ކަމުގައި ވެވެނީ 98.6 ޑިގްރީ ފެރަންހައިޓްގައެވެ. ހަށިގަނޑުގެ ފިނިހޫނުމިން ކުޑަކޮށް މަތިވުމުން އެ ޖަރާސީމުތަކާއި ބެކްޓީރިއާތަކުގެ މައްޗަށް ގަދަ ވުމަށް ހަށިގަނޑަށް ބާރަކަށް ވެއެވެ. މީގެ އިތުރުން ހުން (އައުމުގެ ސަބަބުން) އިންސާނާގެ ދިފާޢީ ނިޒާމް ނުވަތަ އިމިއުން ސިސްޓަމް ހަރަކާތްތެރި ކުރުވައެވެ. އެއީ އިތުރު ވައިޓްބްލަޑް ސެލްތައް އުފެއްދުމަށާއި، އެންޓި ބޮޑީސް އުފެއްދުމަށާއި، އަދި ޖަރާސީމާ ދެކޮޅަށް ހަނގުރާމަ ކުރާ އެހެނިހެން އެޖެންޓުތައް (ހަށިގަނޑުގައި) އުފެއްދުމަށްޓަކައެވެ.

ހުން އައުމުގެ ސަބަބުން (އެބައިމީހުންގެ ދަރިންގެ) ސިކުނޑިއަށް ގެއްލުން ވެދާނެކަމަށްޓަކައި ވަރަށް ގިނަ ބެލެނިވެރިން ބިރުގަނެއެވެ. ހަށިގަނޑުގެ ފިނިހޫނުމިން 107.6 ޑިގްރީ ފެރަންހައިޓް (45 ޑިގްރީ ސެންޓިގްރޭޑް) އަށް މައްޗަށް ދިއުމުން މެނުވީ، އާއްމުގޮތެއްގައި ސިކުނޑިއަކަށް ގެއްލުމެއް ނުވާނެއެވެ. އަދި ހުންއައިސްފައިވާ ތިމާގެ ދަރިފުޅަށް ފަރުވާ ނުކޮށް ހުރެއްޖެނަމަ ހުން ހައްތަހާ މައްޗަށް ހިނގައިދާނެ ކަމަށްޓަކައި ވަރަށް ގިނަ ބެލެނިވެރިން ބިރުގަނެ އެވެ. މާގިނަ ނުވަތަ ބޯކޮށް ހެދުން ލެއްވިފައި ވުމުގެ ސަބަބުން ނުވަތަ ހޫނުތަނެއްގައި ވުމުގެ ސަބަބުން ހުން އައިސް އެކަމަށް ފަރުވާ ނުކުރެވިވާ ކުއްޖާގެ ފިނިހޫނުމިން ބައެއް ފަހަރު 105 ޑިގްރީ ފެރަންހައިޓްއަށް މަތިވެއެވެ.

ހުންއައިސްފައިވާ އެބައިމީހުންގެ ދަރިފުޅަށް ފިޓު ޖެހިދާނެ ކަމަށް ވެސް ވަރަށް ގިނަ ބެލެނިވެރިން ބިރުގަނެއެވެ. ނިސްބަތުން ބަލާނަމަ ގިނަ ކުދިންނަކީ ހުން އައުމުގެ ސަބަބުން ފިޓު ޖެހޭ ކުދިންނެއް ނޫނެވެ. ކޮންމެއަކަސް ހުންއައުމުގެ ސަބަބުން ބައެއް ކުދިންނަށް ފިޓުޖެހޭގޮތް ދިމާވެ އެވެ. ކުއްޖެއްގެ ހުން (ފިޓު ނުޖެހި) ގަދަ ވެފައިވާނަމަ ދެން އެކުއްޖަކަށް އެ ޖެހިފައިވާ ބަލީގެ ސަބަބުން ފިޓު ޖެހުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ކުއްޖަކަށް ހުން އައުމުގެ ސަބަބުން ފިޓު ޖެއްހިއްޖެ ނަމަވެސް އެކަމުގެ އަސަރު މާގިނަ ވަގުތައް ދެމި ނުހުރެ އެކަން ނިމިގެން ދެއެވެ. ނުވަތަ ފަސޭހަ ވެއެވެ.

ޢާއްމުގޮތެއްގައި ހަށިގަނޑުގެ ފިނިހޫނުމިން މަތިވަނީ އިންފެކްޝަނެއްގެ ސަބަބުން ކަމުގައި ވިޔަސް ހުން އަންނަ އެހެނިހެން ސަބަބުތަކުގެ ލިސްޓު ވަރަށް ދިގެވެ. އެގޮތުން، ޒަހަރެއްގެ ސަބަބުން، ނުވަތަ ކެންސަރުގެ ސަބަބުން އަދި އޮޓޯ އިމިއުން ބަލިތަކުގެ ސަބަބުން ވެސް ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދެއެވެ.

ހީޓް ސްޓްރޯކް[އުނިއިތުރު ގެންނަވާ]

”ހީޓް ސްޓްރޯކް“ (ހޫނުގަދަވުމުގެ ސަބަބުން ހޭނެތުން) އަކީ ވެސް ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ ނުރައްކާތެރި ވައްތަރެކެވެ. އެއީ އެ ޙާލަތުގައި ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުމުގެ ބާރު ނުވަތަ ކުޅަދާނަކަން ހަށިގަނޑަށް ނުލިބޭތީއެވެ. ދޮން ބޮޑުވެފައިވާ ކާރެއްގެ ތެރޭގައި ކުޑަކުއްޖަކު ބައިންދާއިފި ނަމަ މިހެން ވެދާނެއެވެ. ނުވަތަ ބޯނެ އެއްވެސް ބުއިމެއް ނެތި މާބޮޑަށް ނުވަތަ މާގިނަ އިރު ކަސްރަތު ކުރުމުން ވެސް މިހެން ވެދާނެ އެވެ.

ސަބަބު ނޭނގި ދުވަސްތަކެއް ނުވަތަ ހަފްތާތަކެއް ވަންދެން ހުން އައިސްފައި ހުރުމަށް ކިޔަނީ ”ފީވަރ އޮފް އަންޑިޓަރމައިންޑް އޮރިޖިން“ (”އެފް.ޔޫ.އޯ“) އެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

ހުން އައިސްފައިވަނީ ކުޑަކޮށްނަމަ އަދި އެހެން އެއްވެސް މައްސަލައެއް ނުވާނަމަ އެކަމަށް އެއްވެސް ފަރުވާއެއް ކުރާކަށް ނުޖެހޭނެއެވެ. ދިޔާ ތަކެތި ބުއިމާ އެކު އަރާމު ކުރުމުން ރަނގަޅުވާނެ އެވެ. ތިބާގެ ދަރިފުޅު ހަރާކާތްތެރިވެ ކުޅެހަދާނަމަ، އަދި ފުދޭވަރަށް ދިޔަތަކެތި ބޯނަމަ، އަދި ރަނގަޅަށް ނިދާނަމަ ހުމަށް ފަރުވާ ކުރުމުގެ ބޭނުމެއް ނެތެވެ. ދަރިފުޅަށް ހަމަޖެހުން ނުލިބޭނަމަ، އަދި ހޮޑުލަނާމަ، އަދި ހަށިގަނޑުން ފެންމަދުވާ ގޮތް ވާނަމަ ނުވަތަ ނިދުމަށް އުނދަގޫތަކެއް ދިމާވާނަމަ ހުން މަޑުކުރުމަށް މަސައްކަތް ކުރަން ވާނެ އެވެ. އަދި ބޭނުމަކީ ހުން މަޑުކުރުމެވެ. ހުން މުޅިން ނައްތާލުމެއް ނޫނެވެ. ހުން މަޑުކުރަން އުޅުމުގައި އެ ކުއްޖަކީ ހުން މާ ގަދަވެފައިވާ ކުއްޖެއްނަމަ މާބޮޑަށް ނިވާ ނުކުރާށެވެ. އަދި ލައްވާފައިވާ ބޭނުމެއް ނެތް ހެދުމެއްވާނަމަ ބާލުވާށެވެ. އެކުއްޖާ ވާ މާހައުލު ވާން ޖެހޭނީ އެކުއްޖާއަށް ހަމަޖެހުން ލިބޭ ފިނި ތަނަކަށެވެ. މިސާލަކަށް ކުއްޖާއަށް ވަރަށް ތުނި ހެދުމެއް ލެއްވިދާނެއެވެ. އަދި ގައިމަތީގައި ފޮތިގަނޑެއް އަޅަން ބޭނުންނަމަ ވަރަށް ތުނި ފޮތިގަނޑެއް އެޅިދާނެ އެވެ. ކުއްޖާ ވަނީ ހޫނު ނުވަތަ އެއްޗެހި ގިނަ ކޮޓަރިއެއްގައި ނަމަ ފަންކާޖަހާފައި ހުރުމުން ކުއްޖާއަށް ރަނގަޅު ވާނެއެވެ. އަދި ފިނި ބުއިންވެސް ބޮވިދާނެ އެވެ. ނުވަތަ ބައެއް ޙާލަތުގައި ހުން މަޑު ކުރުމަށް ބޭސް ބޭނުން ކުރެވިދާނެ އެވެ.

އެގޮތުން ’އެސެޓެމިނޯފެން‘ އަދި ’އިބުޕްރޮފެން‘ މިދެބޭހަކީ ހުން މަޑުކުރުމަށް އެހީވެދޭ ދެ ބޭހެއެވެ. ޢުމުރުން ހަމަހުން ދަށުގެ ކުދިންނަށް ’އިބުޕްރޮފެން‘ ބޭނުން ކޮށްގެން ނުވާނެއެވެ. ’އެސްޕިރިން‘ އަކީ ހުންއައިސްފައިވާ ބޮޑެތި މީހުން ބޭނުން ކުރުމަށް ރަނގަޅު ބޭހެކެވެ. ނަމަވެސް ކުޑަކުދިންނަށް ޑޮކްޓަރެއްގެ މަޝްވަރަޔާ ނުލާ ’އެސްޕިރިން‘ ދީގެން ނުވާނެ އެވެ. ހުމަށް ބޭނުން ކުރުމަށް ހުންނަ ބޭސްތަކުގެ ކޮންސަންޓެރޭޝަން އެކި ބޭހުގައި ތަފާތެވެ. އެހެންކަމުން ބޭހާއެކުވާ މަޢުލޫމާތު ގަނޑުކޮޅު އެ ބޭހެއް ބޭނުން ކުރުމުގެ ކުރިން ކިއުން ވަރަށް މުހިއްމެވެ. ޢުމުރުން ތިން މަހަށް ވުރެ ކުޑަކުއްޖަކަށް ޑޮކްޓަރެއްގެ މަޝްވަރާއާއި ނުލާ ހުންމަޑުކުރަމަށް އެއްވެސް ބޭހެއް ބޭނުން ނުކުރާށެވެ.

ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތައް[އުނިއިތުރު ގެންނަވާ]

ޢުމުރުން 90 ދުވަހަށް ވުރެ ކުޑަ ކުއްޖެއްގެ ހަށިގަނޑުގެ ފިނިހޫނުމިން 100.4 ޑިގްރީ ފެރަންހައިޓް (38 ޑިގްރި ސެންޓިގްރޭޑް) ނުވަތަ އެއަށް ވުރެ މައްޗަށް ގޮއްސިނަމަ، އަދި ޢުމުރުން ތިން މަހާ ބަރާމަހާ ދެމެދުގެ ކުއްޖެއްގެ ހަށިގަނޑުގެ ފިނިހޫނުމިން 102.2 ޑިގްރީ ފެރަންހައިޓް (39 ޑްގްރި ސެންޓިގްރޭޑް) ނުވަތަ އެއަށް ވުރެ މައްޗަށް ގޮއްސިނަމަ، އަދި ދެ އަހަރުން ދަށުގެ ކުއްޖެއް ހުން އައިސް ސައުވީސް ގަޑިއިރާއި ސާޅިސްއަށް ގަޑިއިރަށް ދެމި ހުރެއްޖެނަމަ، އަދި ދެއަހަރުން މަތީގެ ކުދިންނާއި ބޮޑެތިމީހުން ހުންއައިސްފައި ސަޅީސްއަށް ގަޑިއިރާ ހަތްދިހަދެ ގަޑިއިރަށް ދެމިހުރެއްޖެނަމަ އަދި އެއްވެސް މީހެއްގެ ހަށިގަނޑުގެ ފިނިހޫނުމިން 105 ޑިގްރީ ފެރަންހައިޓް (40.5 ޑިގްރި ސެންޓިގްރޭޑް) އަށް މަތިވެއްޖެނަމަ އެކަމަށް ޑޮކްޓަރެއްގެ ކިބައިން ފަރުވާ ހޯދުން މުހިއްމެވެ. މީގެ އިތުރުން ހުން އައިސް އާދަޔާ ޚިލާފަށް އުނދަގުވާނަމަ ނުވަތަ ވާނުވާ ނޭގޭނަމަ ނުވަތަ ނޭވާލުމަށް އުނދަގޫވާނަމަ ނުވަތަ ކަރުގައި ގަދަޔަށް ރިއްސާނަމަ ނުވަތަ އަތް ނުވަތަ ފައި ހަރަކާތް ނުކުރެވޭނަމަ އަދި (ފުރަތަމަ ފަހަރަށް) ފިޓު ޖެހިއްޖެ ނަމަ ނުވަތަ ކަންފަތުގައި ރިއްސާނަމަ ނުވަތަ ގަދަޔަށް ކެއްސާނަމަ ޑޮކްޓަރެއްގެ ފަރުވާ ހޯދަން ވާނެއެވެ

  • ނޯޓް: މާގަދައަށް ހުންއައުމަކީ ނުރައްކާތެރި ކަމެކެވެ. އޭގެ ސަބަބުން ހީޓް ސްޓްރޯކް ޖެހުން އަދި މަރުވުން ފަދަ ކަމެއް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

މަރުޖިއުތައް[އުނިއިތުރު ގެންނަވާ]

  • ކްލިކްފޯރއިސްލާމް ވެބްސައިޓްގައިވާ ލިޔުމަކުން