Jump to content

އަރިދަފުސް ރޯގާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަރިދަފުސް ރޯގާ (އިނގިރޭސި ބަހުން: Common Cold)އަކީ ދުނިޔޭގައި އެންމެ އާންމުކޮށް ފެތުރޭ އެއް ރޯގާ އެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ. އަރިދަފުސް ރޯގާ މައިގަނޑު ގޮތެއްގައި ޖެހެނީ ޕައިކޮނަރވައިރަސްތައް އަދި ކޮރޯނަވައިރަސްތައް]] ގެ ސަބަބުންނެވެ.

އަރިދަފުސް ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ހަލާކުވުން ނުވަތަ ފާރުވުން، ނޭފަތް ބެދުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ކިނބިހިއެޅުން، އަދި ކެއްސުން ހިމެނެއެވެ. މީގެ އިތުރުން ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ކާހިތްނުވުން، ނުތަނަވަސްވުން ފަދަ ކަންތައް ވެސް ކުރިމަތި ވެއެވެ.

އަރިދަފުސް ރޯގާ އަކީ ދުނިޔޭގައި އެންމެ އާންމުކޮށް ފެތުރޭ އެއް ރޯގާ އެވެ. މިއީ ވައިރަސް އަކުން ޖެހޭ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކާގެ ގަޔަށް އަރާ ބައްޔެކެވެ.

ރޯގާ އަކީ ނޭވާ ލުމާބެހޭ ނިޒާމަށް ޖެހޭ ބައްޔެކެވެ. ގިނަފަހަރު ރޯގާގެ ސަބަބެއްކަމުގައި ވަނީ ނޭވާލުމާބެހޭ ނިޒާމަށް ވައިރަސް އޭކިޔޭ ބާވަތުގެ ޖަރާސީމު ވަނުމެވެ. އިންސާނުންނަށް ޖެހޭބަލިތަކުގެ ދެބައިކުޅަ އެއްބައި އެއީ ރޯގާ އެވެ.

ރޯގާ ޖައްސާވައިރަސް ތަކުގެތެރޭގައި 200 އަށްވުރެ ގިނަ ވައިރަސް ހިމެނެއެވެ. ރޯގާގެ ޖަރާސީމު އަރަނީ އަނގައިންނާއި ނޭފަތުން ނިކުންނަ ކުދި ކުޅުތިކިތަކުގެ ޒަރިއްޔާއިންނާއި ގައިންގަޔަށް (ގިނައިން އަތުގައި އުނގުޅިފައިހުންނަ ޖަރާސީމުގެ އަސަރުން) ނުވަތަ ޖަރާސީމު އުނގުޅިފައިވާ ގޭތެރޭގެ އެއްޗެއް،ހިފާގެންގުޅޭއެއްޗެއް ނުވަތަ ކުޅޭއެއްޗަކުންނެވެ. ގިނަ މީހުނަށް ހީވެފަ އޮންނަގޮތާއި ޙިލާފަށް ފިނީގައިއުޅުމަކުން ނުވަތަ ވަރުބަލިވެގެންވަކި ރޯގާޖެހޭލެއް އަވަސްވާކަމަކަށް ދިރާސާތަކަކުން ނުދައްކައެވެ. ނަމަވެސް ހަށިގަނޑަށް ބާރުކުރާއެކި އެކި ކަންކަމާއި ގުޅިގެން ރޯގާ ޖެހުން ގާތްވެއެވެ


ސަބަބުތައް[އުނިއިތުރު ގެންނަވާ]

އަރިދަފުސް ރޯގާ މައިގަނޑު ގޮތެއްގައި ޖެހެނީ ޕައިކޮނަރވައިރަސްތައް އަދި ކޮރޯނަވައިރަސްތައް]] ގެ ސަބަބުންނެވެ. މިހާތަނަށް ހޯދިފައިވާ ގޮތުގައި ތަފާތު 200 އަށްވުރެ ގިނަ ވައިރަސްގެ ސަބަބުން އަރިދަފުސް ރޯގާ ޖެހެއެވެ. އަވަސް އަވަހަށް އަރިދަފުސް ރޯގާ ޖެހުމާއި އަރިދަފުސް ރޯގާ މުޖުތަމަޢުގެ ތެރޭގައި އާންމު އެއްސަބަބަކީ ތަފާތު އެތަކެއް ވައިރަސްތަކަކުން މިރޯގާ ޖެހިފައި، އަދި ހަށިގަނޑު އެފަދަ ކޮންމެ ވައިރަސް އަކާއި އިދިކޮޅަށް މަސައްކަތްކުރުމަށް ނުކުޅެދޭތީއެވެ. އާންމު ގޮތެއްގައި މެދުމަދަރުސީ އުމުރުން ފެށިގެން ދަށު އުމުރު ފުރާ ތަކުގެ ކުދިންނަށް އަހަރަކު 12 ފަަހަރު އަރިދަފުސް ރޯގާ ޖެހޭކަމަށް ފާހަގަ ކުރެވިފައިވާއިރު، ބޮޑެތި މީހުންނަށް އަހަރެއްގެ ތެރޭގައި ޖެހޭކަމަށް ފާހަގަ ކުރެވިފައިވަނީ 4 ނުވަތަ 5 ވަރަކަށް ފަހަރު އެވެ. ދިރާސާތަކުން ދައްކާގޮތުގައި އެންމެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. އަދި އެންމެ ގިނަ ބަޔަކާއި ކުދިން އޮފީސް ނުވަތަ ސުކޫލް ފަދަ ތަންތަނަށް ނުގޮސް ސަލާމް ސެޓްފިކެޓް ހައްދަން ޖެހެނީ އަރިދަފުސް ރޯގާ ޖެހުމުގެ ސަބަބުންނެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

އަރިދަފުސް ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ހަލާކުވުން ނުވަތަ ހިރުވައި ފާރުވުން، އަޑުކުރަކިވުން ނުވަތަ އަޑުބެދުން، ނޭފަތް ބެދުން، ނޭފަތުން ފެން ނުވަތަ އަރިދަފުސް އައުން، ކިނބިހިއެޅުން، އަދި ކެއްސުން ހިމެނެއެވެ. މީގެ އިތުރުން ލޯރަތްވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ކާހިތްނުވުން ނުވަތަ ކާހިތް ކެނޑުން، އަދި ނުތަނަވަސްވުން ފަދަ ކަންތައް ވެސް ކުރިމަތި ވެއެވެ. ބައެއް ފަހަރު އަދި ބައެއް މީހުންނަށް ހުންއައުން ކުރިމަތިވެއެވެ. އާންމު ގޮތެއްގައި މިއުދަގޫތައް ދެމިހުންނަނީ 10-5 ދުވަހާއި ދެމެދުގެ މުއްދަތަކަށެވެ. އަރިދަފުސް ރޯގާ ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން ބަލި ޖައްސާ ވައިރަހެއް ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވަނުމުންނެވެ. މިސާލަކަށް ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި ޖައްވުގެ ތެރެއަށް ބޭރުވެގެންދާ ވައިރަސް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ނޭވާލުމުގެ ނިޒާމަށް ވާޞިލްވާގޮތް ވެއެވެ.

 • ނޭފަތް ބެދުން، ފެން އައުން، ނޭފަތަށް އުނދަގޫ ވުން
 • ކިނބިހި އެޅުން
 • ކަރުގަ ރިއްސުން، ކެއްސުން
 • ހުން އައުން، ބޮލުގަ ރިއްސުން


އަރިދަފުސް ރޯގާ އަދި އިންފުލުއެންޒާ[އުނިއިތުރު ގެންނަވާ]

ވަރަށް ގިނަ މީހުންނަށް ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމުގައިވާ އިންފުލުއެންޒާ އާއި އަރިދަފުސް ރޯގާ އޮޅޭގޮތް ވެއެވެ. މިދެބައްޔަށް ބަލާއިރު އަރިދަފުސް ރޯގާ އަކީ ތަފާތު އެތަކެއް ވައިރަސް ތަކެއް ސަބަބުން ޖެހޭ ބައްޔެކެވެ. ނަމަވެސް އިންފުލުއެންޒާ ޖެހެނީ އިންފުލުއެންޒާ ވައިރަސްގެ ސަބަބުންނެވެ. އަރިދަފުސް ރޯގާގެ ސަބަބުން ވަރަށް އާދައިގެ ކުދިކުދި އުދަގޫތައް ކުރިމަތިވާއިރު، އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ތަހައްމަލު ކުރަން ދަތިވާކަން ފާހަގަ ކުރެވެއެވެ. އިންފުލުއެންޒާގެ ސަބަބުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ހުންއައުން، ހީކެރުވުން، ބޮލުގައި ރިހުން، ގައިގައި ރިހުން، ގައިގެ ވަރުދެރަވެ ވަރުދޫވުން، އަދި ހިކި ކެއްސުން ފަދަ އުދަގޫތައް ހިމެނެއެވެ. ނަމަވެސް ދެބަލީގެ އުދަގޫތަކާއި އަލާމާތްތައް އެއްގޮތްކަމުން ބޭރުފުށުން ބަލާ ބެލުންތަކުން މިދެބަލި ދެނެގަތުން ވަރަށް ގިނަފަހަރު އޮންނަނީ އުދަގޫކަމަކަށް ވެފައެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

އަރިދަފުސް ރޯގާ މުޅިން ރަގަޅުކުރެވޭ ހަގީގީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. މިއީ ޑޮކްޓަރަށް ދެއްކުމާ ނުލައި ގޭގައި ވެސް އަމިއްލައަށް ފަރުވާ ކުރެވިދާނެ ބައްޔެކެވެ. ޑޮކްޓަރަށް ދެއްކުމުން ވެސް ގިނަ ފަހަރު ލިޔެދެވޭ ބޭސްތަކަކީ ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް ދެވޭ ބޭސް ތަކެކެވެ. އަރިދަފުސް ރޯގާ ޖެހުމުން ފަރުވާގެ ގޮތުގައި އިރުޝާދު ދެވޭ ކަންތައްތަކުގެ ތެރޭގައި އަރާމްކުރުން، ގިނައިން ދިޔާތަކެތި ބުއިން، އާވިއެރުވުން، އަދި ކަރުތެރެ ދޮވުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ބައްޔާއި ގުޅިގެން ކުރިމަތިވާ ގައިގައި ރިހުން، ހުންއައުން ފަދަ ކަންތައްތަކަށް ފަރުވާއެއްގެ ގޮތުގަައި ޕެނަޑޯލް އަދި ބުރޫފަން ފަދަ ބޭސްތައް ޑޮކްޓަރުން ލިޔެދީ އުޅެއެވެ. އެސްޕިރިން އާއި އެސްޕިރިން އެކުލެވޭ ބޭސްތައް އަރިދަފުސް ރޯގާއަށް ފަރުވާގެ ގޮތުގައި ކުޑަކުދިންނަށް ބޭނުންކުރުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން ރޭޒް ސިންޑްރޯމް ފަދަ ނުރައްކާތެރި ބައްޔެއް ފެންމަތިވެގެން އަތުވެދާނެތީ އެވެ.


ރޯގާ ޖައްސާ ޖަރާސީމަށް އަސަރުކޮށްގެން ރޯގާރަނގަޅުކުރުވާ އެއްވެސް ބޭހެއް އަދި ހޯދިފައެއްނުވެއެވެ. އަދި އެއްވެސް ހާލެއްގައި ހަމައެކަނި ރޯގާ ޖެހިފައިވާ މީހަކަށް އެންޓިބައޮޓިކްސް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. "ވަރަށް ބޮޑަށް" ރޯގާ ޖެހިފައިވިޔަސް އެއަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ގިނަފަހަރު އެއްވެސް ބޭހެއް ނުކުރިއަސް ރޯގާ ރަނގަޅުވެގެން އާދެއެވެ. ރޯގާ ގެ ބޭސް ކަމުގައި މަޝްހޫރުވެފައިވާބޭސް ތަކަކީ އޭގައި އެކުލެވޭ އުނދަގޫތައް (މިސާލަކަށް ކިނބިހި އެޅުން، ނޭފަތުން ފެން އައުމާއި ބެދުން ) މަޑުކޮށް ލުއިކޮށްދޭ ބޭހެވެ. އަދި މިފަދަ ބޭސް ބޭނުންކުރުމުން ފުދޭނެއެވެ. އަދި ބެކްޓީރިއާއެއްގެ އަސަރު ހަށިގަނޑުންފެނިއްޖެ ހިނދެއްގައި ބޭސް ކުރާފަރާތުން އެންޓިބައޮޓިކްސް ވެސް ދީފާނެއެވެ. އަދި ގައިގަ ރިހުމާއި، ބޮލުގަ ރިހުން ނުވަތަ ހުން ހުރިނަމަ އެކަމަށް ބޭސް ބޭނުން ކުރެވިދާނެއެވެ.އެންޓިބަޔޮޓިކް ބޭނުންކުރުން[އުނިއިތުރު ގެންނަވާ]

އަރިދަފުސް ރޯގާ އަކީ މައިގަނޑު ގޮތެއްގައި ވައިރަސް ތަކުން ޖެހޭ ބައްޔަކަށް ވުމުން މިބައްޔަށް ފަރުވާ ކުރުމުގައި އެންޓިބަޔޮޓިކް އާންމު ގޮތެއްގައި ބޭނުމެއް ނުކުރެއެވެ. މިބައްޔަށް އެންޓިބަޔޮޓިކް ފަރުވާގެ ގޮތުގައި ބޭނުން ނުކުރުމުގެ އިތުރުން އެންޓިބަޔޮޓިކް ބޭނުންކޮށްފިނަމަ ބައެއް ފަހަރު ނުގުޅޭ އަސަރެއް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އެންޓިބަޔޮޓިކް ބޭނުންކުރުމަކީ ބޭހަށް ނުގުޑާ ޖަރާސީމް އަށަގަތުމަށް ވެސް މަގުފަހިވާ ކަމެއްކަމަށް ފާހަގަ ކުރެވިފައި ވެއެވެ. އެހެން ކަމުން އެންޓިބަޔޮޓިކް ބޭނުންކުރުން ރަގަޅީ ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައެވެ. މިސާލަކަށް ސައިނަސް ޖެހުން، އަދި މެދުތެރޭ ކަންފަތް ދުޅަވުން ފަދަ ކަންކަމަކީ ބެކްޓީރިޔާ ފަދަ ޖަރާސީމުން ކުރިމަތިވާ ބަލިތަކަށްވެފައި، އަދި މިފަދަ ބަލިތަކަކީ އަރިދަފުސް ރޯގާގައި ގިނަ ދުވަސްވުމުން ވަރަށް ފަސޭހައިން ޖެހޭ ބަލިތަކަކަށް ވާތީ އެފަދަ ހާލަތެއްގައި އެންޓިބަޔޮޓިކް ބޭނުންކުރުން އެދެވިގެން ވެއެވެ.


ޑޮކްޓަރަށް ދައްކަންދާނީ ކޮންއިރަކުން؟[އުނިއިތުރު ގެންނަވާ]

 • އަވަހަށް ނޭވާލެވޭނަމަ ނުވަތަ ނޭވާލާން އުނދަގޫ ނަމަ
 • ހުން އައިސް 3 ދުވަހަށްވުރެ އިތުރުވެއްޖެނަމަ
 • ނޭފަތުން ފެންއައުން 2 ހަފްތާ އަށްވުރެ އިތުރު ވެއްޖެ ނަމަ
 • ކަންފަތުގައި ރިއްސާނަމަ
 • ވަރަށް ބޮޑަށް ހީކަރުވާ ތުރުތުރު އަޅާނަމަ
 • ވަރަށްގަދައަށް ބޮލުގަ ރިއްސާ ނުވަތަ ކަނދުރާ ހަރަކާތް ކުރުމަށް އުނދަގޫވާނަމަ
 • ކަންފަތުގައި ރިއްސާނަމަ ނުވަތަ ލޮލުގައި މަޑުލައިފިނަމަ
 • ކަރުގައި ރިއްސާތާ 48 ގަޑިއިރަށްވުރެ އިތުރު ވެއްޖެނަމަ

މިއިން ހާލަތެއް ކުރިމަތިވެއްޖެ ނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ

ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދެއަތްދޮވެ ސާފުކުރުން، ކެއްސައި ކިނބިއަޅާ ހަދާއިރު އަނގަޔާއި ނޭފަތް ރުމާލަކުން ނިވާކުރުން، އަދި މިނޫނަސް ޞިއްޙީ ރަގަޅު އާދަތައް ހިފެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުން އަދި ސްޓްރެސް އާއި ދުރުހެލިވުމަކީ ވެސް މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެވެ.