Jump to content

އިބްރާހީމް ނާޞިރު

މި ސަފްޙާ ވަނީ ސެމީ ދިފާއުކުރެވިފައެވެ
ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Ibrahim Nasir އިން)
އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު


ދިވެހިރާއްޖޭގެ 2ވަނަ ރައީސުލްޖުމްހޫރިއްޔާ
ރައިސްކަން ލިބިވަޑައިގެންނެވީ11 ނޮވެމްބަރ 1968
ރައިސްކަމުން ދުރުވެވަޑައިގެންނެވީ11 ނޮވެމްބަރ 1978
ކުރިން ވެރިކަން ކުރެއްވީމުޙައްމަދު ފަރީދުދީދީ
ފަހުން ވެރިކަން ކުރެއްވީމައުމޫނު ޢަބްދުލް ޤައްޔޫމް
_________________________________
ޤައުމުދިވެހިރާއްޖެ
އުފަންވީފުވައްމުލައް
އުފަންވީ ތާރީޚް2 ސެޕްޓެމްބަރ 1926
އަވަހާރަވީސިންގަޕޫރު
އަވަހާރަވީ ތާރީޚް22 ނޮވެމްބަރ 2008 (އުމުރުން 82)
ވަޅުލެވިފައިވަނީމާލެ
އަނބިކަނބަލުންއައިޝާ ޒުބޭރު (ތުއްތު ދޮން ގޮމަ)
މަރިޔަމް ސައީދު ދީދީ
ނަސީމާ މުޙައްމަދު ކަލޭފާން
ދަރިކަލުންނާއި ދަރިކަނބަލުންއަހްމަދު ނާޞިރު
އަލީ ނާޞިރު
މުޙައްމަދު ނާޞިރު
އައިޝާ ނާޞިރު
އިސްމާއިލް ނާޞިރު

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.


ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ.

އިބްރާހީމް އަޙުމަދާއި އަޙުމަދު ޖަދުޢާން (2008)، އާފަތިސް ނޫހުގައި ލިޔުއްވައިފައިވާ ގޮތުގައި އިބްރާހީމް ނާޞިރު ތުއްޕުޅުއިރު އުޅުއްވީ ވަރަށް ދަތި ޙާލުކޮޅުގައެވެ. ނަމަވެސް ފަހުން އެ މަނިކުފާނު ގެންގުޅުއްވައި ބޮޑުފުޅުވަންދެން ގެންގުޅުއްވީ އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު ވެލާނާގޭ އިބްރާހީމްދީދީ އެވެ.

ރިޔަލުދޯނި ދުއްވުމާއި, ރޭގަނޑު މަސްވެރިކަންކުރުމާއި, ގޯތިތެރޭގައި ގަސްހެއްދުމަކީ އިބްރާހިމް ނާޞިރު ޝައުޤުވެރިކަން ހުންނަ ކަންކަން ކަމަށް އަޙުމަދު ޖަދުޢާނާއި އިބްރާހީމް އަޙުމަދު (2008) ހާމަކުރައްވައެވެ.

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަކީ ޞާޙިބުލް ފަޚާމާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އެވެ. ބައްޕަ އަކީ ވެލާނާގޭ މުޙައްމަދު ދީދީގެ އަހުމަދު ދީދީ އެވެ. މަންމައަކީ ޏ. ފުވައްމުލަކު އާއިޝާ ދީދި އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައެވެ. އެއީ ހިޖުރައިން 23 ޞަފަރު 1345 ވީ ބުރާސްފަތި ދުވަހުގައެވެ.


ޙަޔާތުގެ ކުރީކޮޅު

[އުނިއިތުރު ގެންނަވާ]

އިބްރާހީމް ނާޞިރަކީ، ތުއްޕުޅު އިރުގައި ވަރަށް ދަތި ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް ފަހުން އައިސް އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވާންދެން ބެލެހެއްޓެވީ، ވެލާނާގޭ އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީއެވެ. އެމަނިކުފާނުގެ ބޮޑުބޭބެއެވެ. އިބްރާހީމް ނާޞިރަކީ، ވަރަށް ސާދާ ބޭފުޅެކެވެ. ކިޔަވަން އުޅުއްވީ ސޯސަންވިލާގައެވެ. އެމަނިކުފާނުގެ މިޒާޖުގައިވާ ގޮތުގެ މަތީން އެމަނިކުފާނަކީ ތެދުވެރި، އިޚްލާޞްތެރި، މީހުނަށް އޯގާވެރި ބޭފުޅެކެވެ. ޚިޔާނާތްތެރިކަމާއި ދޮގުހެއްދެވުމަކީ އެމަނިކުފާނުގައި މުޅިން ނެތް ކަމެއްކަމަށް އެމަނިކުފާނު ދަންނަ ގިނަ މީހުން ބުނެ އުޅެއެވެ.

އިބްރާހީމް ނާޞިރު ތަޢުލީމް ޙާޞިލްކުރެއްވީ މަދަރުސަތުއް ސަނިއްޔާ އިންނެވެ. އޭގެ ފަހުން ސިލޯނުންނެވެ. މާލެ ވަޑައިގެން ސަރުކާރުގެ ބައެއް އާދައިގެ ވަޒީފާތައް އަދާކުރެއްވި އެވެ. އޭރު އިބްރާހީމް ނާޞިރު ހުންނެވީ އޭނާގެ ބޮޑުބޭބެ ވެލާނާގެ އިބްރާހީމް މުޙައްމަދު ދީދީ ގެ އަރިހުގައެވެ.



ބޮޑުވަޒީރުކަން ލިބިވަޑައިގަތުން

[އުނިއިތުރު ގެންނަވާ]

އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދިވެހިރައްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އެއިރު ހުންނެވި ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިއުފާދެއްވުމުންނެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ ޑިސެމްބަރު 11، 1957 ގައެވެ. ހަމަ މިދުވަހު ހަވީރު ރަދުންގެ އަމުރުފުޅަށް ރައްޔިތުންގެ މަޖްލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ. މިމަޖްލީހަށް ކިލެގެފާނުގެ އިސްތިއުފާގެ މައްސަލަ ހުށަހެޅިއްޖެއެވެ. މަޖްލީހުގެ އިއްތިފާގުން ފާސްވީ އިސްތިއުފާ ޤަބޫލުކުރުމަށެވެ. ހަމަ މި މަޖްލީހުގައި އިބްރާހީމް ނާޞިރު ހުށަހަޅުއްވައިގެން އިބްރާހީމް ޝިހާބު ތާއީދު ކުރައްވައިގެން ސުމުއްވުލް އަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނަށް "ޞާޙިބުއްރިފްޢާ" ގެ ލަޤަބު ލިބިވަޑައިގެންފިއެވެ. އަދި ސަރުކާރުގެ އެއްމެ މަތީ އެޑްވައިޒަރުގެ ޝަރަފުވެރިކަން ވެސް ދެއްވައިފިއެވެ. އަދި އޮތް މުސާރަފުޅުގައި (މަހަކަށް އެއްހާސް ފަސްސަތޭކަ ރުފިޔާ) ކާރުކޮޅު ވެސް ހަމަ އޮތް ގޮތަށް އޮވެގެން ޢިއްޒަތްތެރިކަމާއެކު ހުންނެވުމަށް ފާސްވެއްޖެއެވެ. އެހެން ނަމަވެސް ކިލެގެފާނު ބޮޑުވަޒީރު ކަމުގައި ވެސް އޭގެފަހުގައި ވެސް ކާރުކޮޅަކަށް ނާރުއްވައެވެ. ދެންނެވި ދިޔަ ރައްޔިތުންގެ މަޖްލީހުގައި އޮނަރަބްލް އިބްރާހީމް ޝިހާބު ހުށަހަޅުއްވާ ކުނޑިގޭ އަލްފާޟިލް ޢަބްދުއްލަޠީފު ތާއީދު ކުރައްވައިގެން އަލްފާޟިލް އިބްރާހީމް ނާޞިރު ބޮޑުވަޒީރަކަށް ޢައްޔަން ކުރައްވައިފިއެވެ. އަދި އެކަމުގެ ޤާނޫނީ ލަފާ ކީރިތި މަހާރަދުންނަށް ދަންނަވައިފިއެވެ. ކީރިތި މަހާރަދުން މިކަން ޤަބޫލު ކުރެއްވުމުން ޞާޙިބުއްސަޢާދާ އަލްފާޟިލް އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ވީއެވެ. މިހާރު އެމަނިކުފާނުގެ ނަންފުޅަކީ ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.

އޮނަރަބްލް ޝިހާބު ލިޔުއްވާ ގޮތުގައި އެމަނިކުފާނު ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ މަތިގެއަށް އެއްކުރެވުނު ޚާއްޞަ މަޖްލީހެއްގައި ކީރިތި މަހާރަދުންގެ ކުރިމަތިފުޅުމަތީގައެވެ. އެ މަޖްލީހުގައި އެ މަނިކުފާނުންގެ ކެބިނެޓުގެ މެންބަރުންވެސް ހުވާ ކުރިއެވެ. ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ ޑިސެމްބަރު 12، 1957 ގައެވެ.


ސަރުކާރުގެ ޚިދުމަތް

[އުނިއިތުރު ގެންނަވާ]

އިބްރާހީމް ނާޞިރު އާދައިގެ މަގާމަކުން ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި ނަމަވެސް، އޭނާވަނީ ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމްވެސް ފުރުއްވާފައެވެ. އޭނާއަކީ ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެއްވި ދެވަނަ ރައީސް އެވެ. ފުރަތަމަ ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލުވުމަށްފަހު ދިވެހިރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއޭ ކިޔާ މުޚާތަބުކުރެވުނީ އިބްރާހީމް ނާޞިރަށެވެ.

އިބްރާހީމް ނާޞިރަށް ބޮޑު ވަޒީރުކަން ލިބިވަޑައިގަތީ މުޙައްމަދު ފަރީދުގެ ރަސްކަމުގައެވެ. ވަޒީރުލް އަޢުޒަމް ކަމުގެ މަގާމްގައި ހުންނެވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޞިއްޙީ ހާލުކޮޅުހުރިގޮތުން 11 ޑިސެމްބަރު 1957 (19 ޖުމާދިލް އޫލާ 1377) ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ކީރިތި މަހާރަދުންގެ އަމުރުފުޅަށް 19 ޖުމާދިލް އޫލާ 1377 ގެ 2 ޖެހިއިރު ރައްޔިތުންގެ މަޖުލީހަށް 2 ސިޓީ ފުޅު ފޮނުއްވިއެވެ. އެއްސިޓީ ފުޅުގައިވަނީ ބޮޑުވަޒީރު ކަމުގައި ހުންނެވި ބޭފުޅާގެ ޞިއްޙީ ހާލަތު ދެރަވަމުންދާތީ އެމަގާމުން އޭނާވަކިވެ ވަޑައިގަތުމަށް އެދި ރަދުންނަށް ހުށަހަޅުއްވާފައެވެ. އަދި ވަޒީރުލް އަޢުޒަމްކަން ދޭނެ ބޭފުޅަކާމެދު ގާނޫނީ ލަފާފުޅަކަށް އެދިވަޑައިގެންފައެވެ. އަނެއް ސިޓީ ފުޅުގައި ވަނީ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު އަށް ދައުލަތުގެ މުސްތަޝާރުކަން ދިނުމަށް ލަފާފުޅަކަށް އެދިފައެވެ. އަދި މިޖަލްސާ އަށް ވަޒީރުލް އަޢުޒަމް ފޮނުއްވާ ސިޓީ ފުޅެއްވެސް އިއްވުނެވެ. އެއީ ޞިއްޙީ ހާލު ހުރިގޮތުން އިސްތިއުފާ ހުށަހެޅުއްވި ވާހަކަ އެވެ. މިޖަލްސާ އިން ނިންމެވީ އިބްރާހީމް ނާޞިރު އަށް ބޮޑު ވަޒީރުކަން ދެއްވަން މަޖުލީހަށް ފެންނަކަމުގެ ގާނޫނީ މަޝްވަރާ ރަދުންނަށް ދެއްވުމަށެވެ. މިގޮތުގެ މަތީން 20 ޖުމާދިލް އޫލާ 1377 ދުވަހު މެންދުރު 1 ޖެހިއިރު މަތިގޭގައި އެއްކުރެއްވި ޚާއްޞަ މަޖުލީހެއްގައި އިބްރާހީމް ނާޞިރު ބޮޑު ވަޒީރު ކަމުގެ ގާނޫނީ ހުވާ ކުރެއްވި އެވެ. މުޙައްމަދު ފަރީދު ރަސްކަމުގައި ހުންނެވިޔަސް، އިބްރާހީމް ނާޞިރު އަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވި ތާރީޚުން ފެށިގެން ރާއްޖޭގެ ކޮންމެ ދިމާއަކުން ކަމެއް ކުރިކަމުގައި ވިޔަސް އެއީ އެމަނިކުފާނުގެ ސިޔާދަތުގެ ދަށުން ހިގާދިޔަ ކަންތައްތަކެވެ. އިބްރާހީމް ނާޞިރު ބޮޑު ވަޒީރުކަމަށް އައުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ ކެބިނެޓް އަށް ބަދަލު ގެންނެވި އެވެ.


އިބްރާހީމް ނާޞިރު ސިޔާސީ މައިދާނުން ފެންނަން ފެށީ އަލްއަމީރު މުޙައްމަދު އަމީން ގެ ޖުމްހޫރީ ވެރިކަން އުވާލެވުނު އިންގިލާބާއި ގުޅިގެންނެވެ. މުޙައްމަދު އަމީންގެ ވެރިކަން ނިމި، އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑު ވަޒީރު ކަމުގައި ،މަޙްކަމަތުއް ދާޚިލިއްޔާ، އަދި މަހްކަމަތުލް އަމަން އާންމުގެ އިސް މަގާމްތަކެއް އިބްރާހީމް ނާޞިރު ފުރުއްވި އެވެ. އިބްރާހީމް ނާޞިރަށް ބޮޑު ވަޒީރުަކަން ލިބުނު އިރުވެސް އެމަގާމްތައް ގެންދެވީ ފުރުއްވަމުންނެވެ. އިބްރާހީމް ނާޞިރު އަކީ މުރާލި ބޭފުޅެކެވެ. ސަރުކާރުން ހިންގަވާ މަޝްރޫޢުތައް އަމިއްލަފުޅަށް ވަޑައިގެން ބެއްލެވި ޙިކުމަތް ތެރިއެކެވެ. ރާއްޖެ ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރެއްވި ޚިދުމަތްތެރި ބަސްމަދު ބޭފުޅެކެވެ. މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދެވަނަ ބޮޑު ވަޒީރުކަން ލިބުމަށްފަހު ރާއްޖެއަށް އައި އިމްރާނީ އަދި ތައުލީމީ އިގްތިޞާދީ ތަރައްގީގެ ދެވަނަ ފެށުމަކީ އެމަނިކުފާނު އެވެ. އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރު ކަމުގައި ގެންނެވި ކުރިއެރުން ތަކުގެ ތެރޭގައި ހުޅުލެއާއި ވިލިގިލީގައި ތިބި ގިރާވަރު މީހުން މާލެއަށް ބަދަލުކުރެއްވުމާއި، ހުޅުލޭގައި އެއަރޕޯޓެއްގެ ހެދުމުގެ މަސައްކަތް ފާހަގަ ކުރެވެއެވެ. ހުޅުލޭ އެއަރޕޯޓް ހެދުމުގެ މަސައްކަތް ފެއްޓެވީ 4 އެޕްރީލް 1960 ގައެވެ. އެއަރޕޯޓްގެ ހެދުމުގެ ވެރިއެއްގެ ގޮތުން ހުންނެވީ ހ.މީނާޒް އަލްއުސްތާޛު ޢަބުދުﷲ ޙަމީދު އެވެ. ހުޅުލޭ އެއަރޕޯޓް އަށް ފުރަތަމަ މަތިންދާ ބޯޓެއްގެ ޖެއްސީ ދަގަނޑު ފިލާގެ މައްޗަށް 19 އޮކްޓޯބަރު 1960 (19 ރަބީޢުލްއާޚިރު 1380ހ) ގައެވެ. އެއީ ސިލޯންގެ މަތިންދާ ބޯޓެކެވެ.

އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރު ކަމުގައި ހިގާދިޔަ އެންމެ ބޮޑު އެއް މައްސަލަ އަކީ އައްޑު އަތޮޅަށް އިގިރޭސިން ފޭބުމާއި ގުޅިގެން ދެކުނު 3 އަތޮޅުގައި ހިގާދިޔަ ދެކުނު ގަޑުބަޑު އެވެ. އިގިރޭސިން އައްޑު އަތޮޅަށް ފޭބުމާއި ގުޅިގެން ދިވެހި ސަރުކާރާއި އައްޑު އަތޮޅާއި ދެމެދު ގަޑުބަޑު ހަދައި، އައްޑު އަތޮޅާއި، ހުވަދު އަތޮޅު އަދި ފުވައްމުލައް ވަކި ދައުލަތެއްގެ ގޮތުގައި އިޢުލާންކޮށް ޔުނައިޓެޑް ސުވެޑީބު އައިލޭންޑް ގެ ނަމުގައި 13 މާރޗް 1959 (3 ރަމަޟާން 1378ހ) ގައި ނަންދެއްވި އެވެ. މިސަރުކާރުގެ ރައީސް އަކަށް ހުންނެވީ އައްޑު އަތޮޅު ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ އަފީފް އެވެ. އިގިރޭސިން އައްޑު އަތޮޅަށް ފޭބުމާއި ގުޅިގެން ދިވެހި ސަރުކާރާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތައް ނައްތާލުމަށް ސަރުކާރުން ވަފުދުތައް ވެސް ފޮނުއްވި އެވެ. ނަމަވެސް ކަންތައް ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. މިވަފުދުތައް ވަޑައިގެން ޢަބުދުﷲ އަފީފް އާއި ވެސް ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ. ނަމަވެސް އަލިމަގެއް ނުފެނި ގިނަ ދުވަސްތަކެއް ވަމުން ދިޔައެވެ. ބައެއް ބޭފުޅުންގެ ދިރާސާތަކުން ދައްކަނީ މިމައްސަލަ ޖެހެން ދިމާވި އެންމެ ބޮޑު ސަބަބަކީ ގަމުގައި ތިބި މީހުން މަރަދޫ ފޭދޫ އަށާއި، ފޭދޫ އަށް ބަދަލުކުރެއްވުމުގެ މައްސަލައިގައި އިގިރޭސިން އަޅައިދޭ ގެތަކުގެ ފެންވަރު ދަށްކަމާއި، ރުއްގަހަށް ބަދަލު ދިނުމުގެ މައްސަލަ އެވެ. ދުވަސްވަރަކީ ދެކުނު 3 އަތޮޅާއި ރާއްޖެއަށް ވެސް ހީނަރުކަން އައިސްފައިވާ ދުވަސްވަރެއްކަމުން މިޚިލާފުތަކުގެ ސަބަބުން ގަޑުބަޑުއަށް ބަދަލުވެ، ކުރިން ދެންނެވި ސަރުކާރުގެ ނަމުން ނަންކިޔައި ދިވެހި ސަރުކާރާއި ވަކިވެ، އަދި ބޮޑު މައްސަލަ އަކަށްވީ އެވެ.

ދެކުނު 3 އަތޮޅުގައި ބަޔާންވެ ދިޔަ ގޮތުގެ މަތީން ކަންހިންގުމާއި ގުޅިގެން، ވަޒީރުލް އަޢުޒަމް ދިވެހި ދައުލަތުން މިކަމާބެހޭ ފިޔަވަޅު އަޅަން ފެއްޓެވި އެވެ. ދިވެހި ސަރުކާރުން އެޅުއްވި އެއް ފިޔަވަޅަކީ އޭރުގެ ވަޒީރުލް އަޢުޒަމް އިބްރާހީމް ނާޞިރަށް މިމައްސަލަ ހަމަޖެއްސުމަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ވޯޓެއް ނެންގެވުމެވެ. މިވޯޓް ނެންގެވީ 1959 ގެ އެޕްރީލް މަހުގެ ތެރޭގައެވެ. މިވޯޓުން ވަޒީރުލް އަޢުޒަމަށް މައްސަލަ ހަމަޖެއްސެވުމުގެ ބާރު އެރުވުނެވެ. އަދި އޭރު ރައްޔިތުންގެ މަޖުލީހުން ވެސް އިބްރާހީމް ނާޞިރަށް މިމައްސަލަ ހަމަޖެއްސެވުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ދެއްވި އެވެ.

ދެކުނު 3 އަތޮޅުގައި އުފެދިފައިވާ ގަޑުބަޑުގެ މައްސަލަ ހަމަޖެއްސެވުމުގެ މަސައްކަތް ބޮޑު ވަޒީރު އިބްރާހީމް ނާޞިރު ފެއްޓެވި އެވެ. މިގޮތުން 3 ޖެނުއަރީ 1958 ގައި ކޮމިޝަނެއް އުފެއްދެވި އެވެ. އަދި 29 މާރޗް 1959 ވީ އާދީއްތަ ދުވަހު، ސިފައިން ފުވައްމުލަކު އަށް ފޮނުވިއެވެ. އިސްބޭފުޅަކަށް ހުންނެވީ ދައްޕަރު މޫސާ މަނިކު އެވެ. މިދަތުރުވީ ނާކާމިޔާބެވެ. އޭގެ ފަހުން 13 ޖުލައި 1959 ގައި މޯލްޑިވްސް ސްޓަރ ގައި ވަޒީރުލް އަޢުޒަމް 700 މީހުންނާއި އެކު ( އާންމުންނާއި ސިފައިންގެ ގާތްގަނޑަކަށް 50 މީހުން ) ހުވަދު އަތޮޅަށް ވަޑައިގެން ދެކުނު ގަޑުބަޑު ހަމަޖެއްސެވުމަށްފަހު، އެބުރި މާލެ ވަޑައިގަތީ 20 ޖުލައި 1959 ގައެވެ. އެހިސާބުން ހިތަދޫ ޢަބުދުﷲ އަފީފް ވެސް އިގިރޭސިން ޝީސެލްސް އަށް ގެންދެވުމާއި ގުޅިގެން އައްޑު އަތޮޅުގައި ވެސް ދިވެހި ސަރުކާރުގެ ދިދަ ނަގައިފި އެވެ. މިމައްސަލަ ފެށުމާއެކު ރަދުންގެ އަމުރަށް ސްރީލަންކާގައި ހުންނަ އިގިރޭސި ހައިކޮމިޝަނަށް އިބްރާހީމް ނާޞިރު ވަފުދުތައް ފޮނުވާ ހެއްދެވި އެވެ. އަދި 15 ޑިސެމްބަރު 1956ން ފެށިގެން 30 އަހަރުދުވަހުގެ މުއްދަތަށް ގަމުގެ މުޅި ސަރަހައްދު، އަދި ހިތަދޫ މާމެންދޫ އިން ފާހަގަކުރެވިފައިވާ 10 އޭކަރުގެ ސަރަހައްދެއް ބޭނުންކުރުމާއި ބެހޭ އެއްބަސްވުމުގައި އިގިރޭސި ދައުލަތާއެކު ސޮއި ކުރެއްވީ ބޮޑު ވަޒީރު އިބްރާހީމް ނާޞިރު އެވެ. އެއީ ކުރީގައި 100 އަހަރަށް ގަން ކުއްޔަށް ދިނުމާއި ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން 30 އަހަރަށް ބަދަލުކުރެއްވި އެގްރީމެންޓް އެވެ. މިއީ ގަމާއި ހިތަދޫގެ ސަރަހައްދެއް ކުއްޔަށް ދިނުމާއި ބެހޭގޮތުން ކުރެވުނު އެންމެ ފަހުގެ އެގްރީމެންޓް އެވެ.

އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބުމާއި ގުޅިގެން ތަފާތު ހަރަކާތްތައް ހިންގެވި އެވެ. މީގެ ތެރޭގައި އިގިރޭސި ސަފީރަކު ރާއްޖޭގައި ހުންނަވާގޮތަށް ހަމަޖެހި، 14 ޖުލައި 1960 ރާއްޖެ ވަޑައިގަތް އެޗްއޭ އާތިންތަންޑޭވީ 8 އޮކްޓޯބަރު 1960ން ފެށިގެން ރާއްޖޭގައި ހުންނަވަން ފެއްޓެވި އެވެ. ފަހުން މީނާ ބެހެއްޓީ ދޫނިދޫ ގައެވެ. ދޫނިދޫގައި މީނާ ހުންނަވަނިކޮށް ދެކުނު ގަޑުބަޑު ހިނގުމާއި ގުޅިގެން މާލޭގެ އަންހެނުން ދޫނިދޫ އަށް ގޮސް މީނާ ރާއްޖެއިން ފޮނުވައިލަން އުޅުމަކީ އިބްރާހީމް ނާޞިރުގެ ބޮޑު ވަޒީރު ކަމުގައި ހިނގި ކަމެކެވެ. މިއީ ތާރީޚްގައި ދިވެހި އަންހެނުންގެ ކެރޭކަން ދައްކުވައިދޭ ރަމްޒެކެވެ.

ދެކުނު 3 އަތޮޅުގެ މައްސަލަ ހަމަޖެއްސެވުމަށްފަހު އިބްރާހީމް ނާޞިރު މަސައްކަތްކުރެއްވީ ރާއްޖެއަށް މިނިވަންކަން ހޯދައި ދިނުމަށެވެ. މިގޮތުން ކޮޅުބުގައި ހުންނަ އިގިރޭސި ސަފީރުގެ އަރިހަށް ރާއްޖޭގެ ވަފުދުތައް ފޮނުއްވި އެވެ. 15 ނޮވެމްބަރު 1967 ގައި އޮތް ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ދިވެހިރާއްޖެގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ބެލުމަށް ބިލެއް މަޖުލީހަށް ހުށަހެޅުނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މަޖުލީހުގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުންނަށް ފެނުނީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމުހޫރީ ވެރިކަމެއް ކަމަށެވެ. ކުރިން ދެންނެވި ގޮތަށް ފާސްވުމާއި ގުޅިގެން 15 މާރޗް 1968 ގައި އާންމު ރައްޔިތުންގެ ޚިޔާލު އެކަމުގައި ހޯދުމަށް ވޯޓް ނެގުނެވެ. ނެގުނު އާންމު ވޯޓްގެ ނަތީޖާގައި ޖުމުހޫރީ ވެރިކަމެއް އޮތުމަށް 36997 ވޯޓް ލިބުނެވެ. ރަސްކަމެއް އޮންނަން ފެންނަކަމަށް ލިބުނީ 8551 ވޯޓް އެވެ. މިވޯޓްގެ ނަތީޖާއަށްފަހު 11 ނޮވެމްބަރު 1968 ގައި ދިވެހި ޖުމުހޫރިއްޔާ އިޢުލާންކޮށް، އެރޭ އޮތް ރައްޔިތުން މަޖުލީހުގެ ޖަލްސާއެއްގައި ކެބިނެޓް އިޢުލާންކޮށް ރައީސުލް ޖުމްހޫރިއްޔާގެ ކަމުގެ ހުވާ އިބްރާހީމް ނާޞިރު ކުރެއްވި އެވެ.

އަންހެނުންނަށް ފުރިހަމަ މިނިވަންކަން ދިނުން

[އުނިއިތުރު ގެންނަވާ]

އަންހެނުންނަށް އެއްވެސް ހިފެހެއްޓުމެއްނެތި މާފުޅާ ދާއިރާގައި އަޅާހިތްވާ ކޮންމެ ހެދުމެއް އަޅައިގެން އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބުނީ އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމަށް ފަހުއެވެ. ނާޞިރު ބޮޑުވަޒީރުކަމަށް ވަޑައިގަތް އިރު ދިވެހި އަންހެނުން ތިބީ ފިކުރީ ގޮތުން ވަރަށް ދަށުގައެވެ. ތަޢުލީމީ ގޮތުން އެއަށްވުރެ މާދަށުގައެވެ. ދުނިޔޭގެ އެއްވެސް ތަނެއް ނުފެނެއެވެ. އަޑެއް ނީވެއެވެ. ޓީ.ވީ. އަމުދުން ވެސް ނެތެވެ. މިފަދަ ދުވަސްވަރެއްގައި، ބޮޑުވަޒީރު ނާޞިރު ދިވެހި އަންހެނުންނަށް ސަރުކާރުންނާއި ޕްރައިވެޓް ސެކްޓަރުން އެމީހެއްގެ ލިޔާގަތާއި ޤާބިލިއްޔަތު ހުރި މިންވަރަކުން ވަޒީފާތައް ލިބުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ.

ދިވެހިރާއްޖެ މިނިވަންކުރެއްވުމުގައި

[އުނިއިތުރު ގެންނަވާ]

މިއަދު މިދެކޭ މިނިވަންކަމުގެ ޙަޤީޤި ބާނީ އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރެވެ. ދިވެހި ޤައުމަށް 1965 ގެ މިނިވަންކަން ލިބިފައިވަނީ ނާޞިރު ކުރެއްވި ބުރަ މަސަތްކަތްޕުޅުންނެވެ.

މިނިވަންކަމުގެ އުފާވެރި ހިނިތުންވުން ތަކުގައި މިއަދު ދިވެހިރާއްޖެ އޮތް ނަމަވެސް އެ މިނިވަންކަން ހޯއްދެވުމަށް ނާޞިރު މަސައްކަތްޕުޅު ކުރެއްވީ ވަރަށް ގޮތްދޫ ނުކުރައްވާ ސިޔާސަތެއްގައެވެ.

އިނގިރޭސި ދައުލަތާއި ދިވެހި ސަރުރާކާރާ ދެމެދު ދެކެވުނު މިނިވަންކަމުގެ ވާހަކަ ތަކުގެ މެދުވެރި އަކަށް އުޅުއްވި ޢަބުދުއްސައްތާރު މޫސާދީދީ ހަވީރު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ "ނާޞިރު އެދުވަސްވަރު އެވަރުން މަސައްކަތް ނުކުރެއްވި ނަމަ 1965 ގެ މިނިވަން ކަމެއް އެހާއަވަހަކަށް ރާއްޖެއަކަށް ނުލިބުނީސް" އެވެ.

ޢަބްދުއްސައްތާރު މިދުވަސްވަރުގެ ކަންތައް ހިގައިދިޔަ ގޮތް ސިފަކުރައްވަމުން ވިދާޅުވީ "އަޅުގަނޑާ ސީދާ ނާޞިރުވެސް ގުޅުއްވާނެ. އަޅުގަނޑަށް ޖެހޭނެ އެދުވަހެއްގެ އެދެކެވުނު ވާހަކަތައް ނާޞިރަށް ދަންނަވަން. ދެން ނާޞިރު ދެއްވާ ޖަވާބު ދެން އޮންނަ ޖަލްސާއެއްގައި އަޅުގަނޑު ދަންނަވަނީ. އޭރަކު މިހާރު މިހުންނަހެން މުއާޞަލާތީ ފަސޭހަތަކެއް ނުހުރޭ އަޅުގަނޑުމެން މެސެޖްތައް ފޮނުވަނީ ވަޔަރލެސްގެ ޒަރީޢާއިން"ނެވެ.

ފާހަގަކުރެވޭ ޚިދުމަތްތައް

[އުނިއިތުރު ގެންނަވާ]

އިނގިރޭސި ތަޢުލީމު ތަޢާރުފްކުރެއްވުން

[އުނިއިތުރު ގެންނަވާ]

[ރާއްޖޭގައި ޒަމާނުއްސުރެ ދެވެމުން އައި ތަޢުލީމީ ޚިދުމަތް، އެދުރުގެތަކުން، މަކުތަބުތަކުން މަދަރުސާތަކަށް ބަދަލުވެ މި ޒަމާނުގެ އިނގިރޭސި ތަޢުލީމާ ދިމާއަށް މިޞްރާބު ޖެހީ މީލާދީ ގޮތުން 1957 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރުގެ ފަރާތުން ބިދޭސީ ޓީޗަރަކު ފުރަތަމަ ފަހަރަށް ރާއްޖެ ގެންނެވުމާ ގުޅިގެންނެވެ. މރ. އެތަލް ރީޑިއަސް އާއި މިސިޒް އޭ.އެމް ފެނާންޑޯއާއި މިސް ރާމް އާއި މިސް އެމް.އެލް ނަމަތުންގަ ރާއްޖެ ގެނެވުނީ ހިޖްރީ ގޮތުން 1377 ވަނަ އަހަރު ޝަޢުބާން މަހު 4 ވަނަ ދުވަހު (23 ފެބްރުއަރީ 1958 ގައި) އެވެ. ސިލޯނުން ގެނެވުނު މި ހުރިހާ ޓީޗަރުންވެސް ކިޔަވައިދެއްވީ މަދުރަސަތުލް މަޖީދިއްޔާ އާއި މަދުރަސަތުލް އަމީނިއްޔާގައެވެ. 1960 ގެ އަހަރުތަކަށް އަޅައިގަތްއިރު ރާއްޖޭގެ އިސް މަސްއޫލުވެރިން ތަޢުލީމީ ކަންކަމަށް ވިސްނެވުމަށްފަހު ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ހުޅަނގުގެ ތަޢުލީމީ ނިޒާމަށް ބަދަލުކުރައްވައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވަން ފެއްޓެވުމަށެވެ. އެއީ ސަރުކާރު ހިންގުމަށް ބޭނުންވާ ޤާބިލު ހުނަރުވެރިން އުފެއްދެވުމުގެ މަޤްޞަދުގައި އެޅުއްވި ފިޔަވަޅެއްކަމަށް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވައެވެ. މި ގޮތުން ސަރުކާރުގެ 2 މަދުރަސާ ކަމަށްވާ މަދުރަސަތުލްމަޖީދިއްޔާ އާއި މަދުރަސަތުލްއަމީނިއްޔާގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދެއްވުމަށްޓަކައި ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަވަން ފެއްޓެވިއެވެ. އަދި 1961 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސްރީލަންކާގެ މރ. ޖޭ.ވީ ހިލް މަޖީދިއްޔާގެ ނާޒިރެއްގެ ގޮތުގައި މަސައްކަތްކުރައްވަން ފެއްޓެވިއެވެ. އަދި 21 މާޗް 1961 ން ފެށިގެން ޢަމަލީ ގޮތުން ރާއްޖޭގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުނެވެ. އެހެންވީމާ ރާއްޖެއަށް އިނގިރޭސި ތަޢުލީމު ތަޢާރުފުކުރެއްވި މޭސްތިރިއަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުކަމުގައި ދެންނެވުމަކީ ތާރީޚަށްޓަކައި ފާހަގަކުރާންޖެހޭނެ ކަމެކެވެ.](މިނިސްޓްރީ އޮފް އެޑިޔުކޭޝަން)

އައްޑު އަތޮޅު ގަން ސަތޭކަ އަހަރަށް ކުއްޔަށް ދީފައި އޮތް އޮތުން އުވައިލެއްވުން

[އުނިއިތުރު ގެންނަވާ]

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް އެނގުމަކާ ނުލައި ވަރަށް ސިއްރުވެރި ގޮތެއްގައި ސިލޯނުގައި އެއްބަސްވެވުނު އެއްބަސް ވުމެއްގެ ދަށުން ސ. ގަން 100 އަހަރަށް އިނގިރޭސީންނަށް ކުއްޔަށް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވުނީ 1956 ވަނަ އަހަރުގައި ކަމަށް [20 ވަނަ ޤަރުނުގައި ދިވެހިރާއްޖެ 4] (2006) މި ފޮތުގައި ބަޔާންކޮށްފައިވެއެވެ. މިކަމާބެހޭ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށް ކީރިތި މަހާރަދުން ތަޞްދީޤުކުރެއްވުމުގެ ކަންކަން ނިންމެވުމަށްޓަކައި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނީ މާފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި މިކަމާ ދެކޮޅަށް ފިސާރި ކެރި ހުންނަވައިގެން ވަކާލާތުކުރައްވަންފެއްޓެވީ އިބްރާހީމް ނާޞިރުކަން ފާހަކަކޮށްލެވެއެވެ. އެ އެގްރީމެންޓަކީ އެއް ގޮތަކަށްވެސް ކުރެވިގެންވާނޭ އެގްރީމެންޓެއް ނޫންކަމަށާއި އެކަން އެ ގޮތަށް ކުރެވިގެން ނުވާނޭކަމަށާއި އެ އެމް.އޯ.ޔޫ. ގެ ކޮޕީއެއް ލިބިގެންނޫނީ މަޖްލިސްގައި އެވާހަކަ ދެކެވިގެންވެސް ނުވާނޭކަމަށް އަޑު އުފުއްލަވައި އެކަން ނާކާމިޔާބުކޮށްލެއްވިއެވެ.

ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދެވުން

[އުނިއިތުރު ގެންނަވާ]

ދިވެހި ތަޢުލީމީ ޒުވާނުންތަކެއްގެ ހިތުގައި އިނގިރޭސީންގެ ޙިމާޔަތާމެދު އުފެދުނު އާ ވިސްނުމެއްގެ ސަބަބުން އިނގިރޭސީންގެ ޙިމާޔަތުންވަކިވެ މިނިވަން ޤައުމަކަށްވުމުގެ ޙަރަކަތްތައް ފެށިގެން ދިޔައެވެ. އިބްރާހީމް ނާޞިރު އިސްވެ ހުންނަވައިގެން ރަސްމީ ގޮތެއްގައި ފެއްޓެވި މި މަސައްކަތުގެ ނަތީޖާއަކަށްވީ ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމެވެ. އިނގިރޭސި ދައުލަތާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު މި ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ދައުލަތުގެ (އޭރުގެ) ވަޒީރުލްއަޢުޡަމް ޞާޙިބުއްދައުލާ އިބްރާހީމް ނާޞިރެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ ސިލޯނުގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ހައިކޮމިޝަނަރ ގެ ގެކޮޅުގައި އޮތް މި ތާރީޚީ ރަސްމިއްޔާތު ބޭއްވުނީ 1965 ވަނަ އަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހު 10:00 ގައެވެ.

އިންޑިއާގެ ވޯރާ ވިޔަފާރިވެރީންގެ އަތްދަށުން ދިވެހި އިޤްތިޞާދު ސަލާމަތްކުރެއްވުން

[އުނިއިތުރު ގެންނަވާ]

ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ލިޔުއްވައިފައިވާ ގޮތުގައި ވޯރާ ވިޔަފާރިވެރިން މާލެ އައީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން IV ގެ ރަސްކަމުގައެވެ. މީލާދީން 1857 ވަނަ އަހަރުގެ މެދުތެރޭގައެވެ. [ވޯރާއިން މާލެއަށް ގަދަކުރުވީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ]އެ މީހުން ރާއްޖެ އައިސް ކުރީ "ފޭރި ކާ ވިޔަފާރި" އެވެ.ދިވެހީންނަށް ދެމުން ދިޔައީ ބޮޑު ގެއްލުމެވެ. މި ގޮތަށް މިކަން ހިނގަމުން ދަނިކޮށް 1959 ވަނައަހަރު ވޯރާއިންގެ ވިޔަފާރި ހުއްޓާލުމަށް ނާޞިރު ކުރިމަތިލައްވައިފިއެވެ. ގާތްގަނޑަކަށް 105 އަހަރަށް ދެމިގެން ދިޔަ މި ވިޔަފާރި، ވޯރާއިންނަށް ތަފާތު ދަތިތައް ކުރައްވައި، 1 އޮގަސްޓް 1962 ގައި ނާޞިރު މުޅިން ހުއްޓުވައިލިއެވެ.]

ކެޑެޓް ކޯ އާއި ގަރލް ގައިޑް

[އުނިއިތުރު ގެންނަވާ]

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެޑޭޓް ޙަރަކާތާއި ގަރލްގައިޑް ޙަރަކާތް ފެއްޓެވީވެސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގެ ދައުރުގައެވެ. 1962 ގައި ފެއްޓުނު މި 2 ޙަރަކާތުގައި ފުރަތަމަ ކެޑޭޓުންނަށް ބަޑި ޙަވާލުކުރެއްވީ ދައުލަތުގެ ވެރިޔާގެ ގޮތުން ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދުލްއަޢުޡަމެވެ. ގައިޑުންގެ ފުރަތަމަ ކޭމްޕް ބޭއްވުނީ ހުޅުލޭގައި 1964 ވަނަ އަހަރު ނޮވެމްބަރ މަހު 11 ވަނަ ދުވަހުއެވެ. މި 2 ޙަރަކާތުގެވެސް އިސްވެރިޔަކީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)

[އުނިއިތުރު ގެންނަވާ]

ރާޢްޖޭގެ ވިޔަފާރީގައި ވަކި ހިއްޕައިލައިގެން ޤަރުނަކަށްވުރެ ގިނަ ދުވަހު ތިބި ވޯރާވިޔަފާރިވެރިން ރާއްޖެއިން ފައްސައިލުމަށްފަހު ރާއްޖޭގެ ވިޔަފާރި ހަރުދަނާ ކުރުމަށްޓަކައި އެކި ގޮތްގޮތަށް ބަދަލުވަމުން ދިޔައެވެ. މި ގޮތުން މޯލްޑިވްސް ގަވރންމެންޓް ބޮޑު ސްޓޯރ (MGBS) އާ ގުޅުން ހުރިތަނެއްގެ ގޮތުގައި ވަކި ވިޔަފާރި ގޮތްޕެއް ނާޞިރު ހެއްދެވިއެވެ. އަތިރީ މާފަންނުގޭ ޓްރޭޑިންގ އޭޖެންސީ (ATA) ގެ ނަމުގައި ވަކި ވިޔަފާރި އެކައުންޓެއްގެ ގޮތުގައި މި ވިޔަފާރި ފައްޓަވައި ފުޅާކުރެއްވި އެވެ. ނާސިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި މިޙަރަކާތަކީ މިއަދު ރާއްޖޭގެ ވިޔަފާރީގައި ބޮޑު ޙިއްޞާއެއް އަދާކުރާ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (STO) އެވެ.

ފަތުރުވެރިކަން

[އުނިއިތުރު ގެންނަވާ]

ދައުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ވިޔަފާރިއެއްގެ ގޮތުގައި ނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ތަޢާރުފު ވެގެން އައީ އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައެވެ. އިޓަލީގެ ރައްޔިތެއް ކަމުގައިވާ ޖޯޖް ކޯބިން ދިން ޚިޔާލަކާ ގުޅިގެން މަސް އޮޑި އަޙުމަދު ނަސީމާއި ކޮލި މުޙައްމަދު ޢުމަރު މަނިކުގެ އިސްނެންގެވުމުގެ މަތީން ފުރަތަމަ ހެދި ރިޒޯޓަކީ ކުރުނބާ ވިލެޖް (ވިހަމަނާ ފުށި) އެވެ. އަދި ނާޞިރު، ޤާނޫނެއްގެ ދަށުން، ބިން މިލްކު ކުރައްވައިގެން ބޮޑު ބަނޑޮހުގައި ރިސޯޓެއް ހުޅުވައިފިއެވެ. އަދި އަޙުމަދު ޙިލްމީ ދީދީ އަތްޕުޅުން "ފަރުކޮޅު ފުށި" ކުތްޔަށް ހިއްޕަވައިގެން އެރަށުގައި "ކުލަބް ނޭޗަރ" (ހެއްދެވިހާލަށް މީހުން އުޅޭ ރަށެއް)ގެ ގޮތުގައި ނާޞިރު އެރަށް ތަރައްޤީކުރައްވައިފިއެވެ. ފަރުކޮޅުފުށީގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު (ފަހުން) މި މަޒުމޫނުގެ ލިޔުންތެރިޔާ އަށްވެސް ލިބުނުކަން މިތާނގައި ފާހަގަކޮށްލަމެވެ.

ފިނިކުރިމަސް އެކްސްޕޯޓްކުރުން

[އުނިއިތުރު ގެންނަވާ]

އެ ޒަމާނުގައި ދިވެހިރާއްޖެއަށް ޢާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ހިކި ކަނޑުމަހެވެ. މަހުގެ ބާޒާރަކީ ހަމައެކަނި ސިލޯނެވެ. އެހެންކަމުން ލަންކާގެ ފަރާތުން އަޅަ ކޮންމެ ފިޔަވަޅަކުން ރާއްޖޭގެ އިޤްތިޞާދަށް ލޮޅުން އަރައެވެ. [މި ހިސާޞުން ދެން ޢަޒުމް ވަރުގަދަ ނާޞިރު ކުރިމަތިލެއްވީ ދިވެހީންގެ އަމިއްލަ ފައިމައްޗަށް ތެދުވާށެވެ. މަސް ވިއްކާނެ ބާޒާރެއް ހޯދާށެވެ. މި ގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ މަރުބޭނީ ކޯރޕަރޭޝަނާއެކު މަސްގަތުމުގެ އެގްރީމެންޓެއްގައި 7 އޭޕްރިލް 1972 ގައި ސޮއިކޮށްފިއެވެ. ދިވެހި މަސްވެރިން ބާނާ މަސް އެ ކުންފުނީގެ ބޯޓުތަކަށް ގަނެ އެ މަސް ފިނިކޮށްގެން ބޭރަށް ގެންދާށެވެ. އެކްސްޕޯޓް ކުރާށެވެ.

ފެލިވަރު ކޭނިންގ ފެކްޓްރީ

[އުނިއިތުރު ގެންނަވާ]

ދިވެހިރާއްޖެއަށް ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތަކީ ހިކިކަނޑުމަސް ކަމަށް ވެފައި އެ މަސް ގަންނަ ހަމަ އެކަނި ޤައުމަކީ ސިލޯން ކަމަށްވާތީ ދިވެހި އިޤްތިޞާދު އޮތީ ސިލޯން ގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ދެންނެވިދާނެއެވެ. މިހެން މިކަން އޮއްވައި 1970 ގެ އަހަރުތަކުގެ ކުރީކޮޅު، ވަރަށް ކުއްލި ގޮތެއްގައި ރާއްޖޭގެ ހިކި މަސް ލަންކާއަށް ނުގަންނަ ގޮތަށް އެ ޤައުމުން ނިންމި އެވެ. ދިވެހި ޤައުމަށް ކުރިމަތިވި މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ޢަޒުމް ވަރުގަދަ ނާޞިރު، ހިތްވަރާއެކު މަސައްކަތް ފެއްޓެވީ އެހެން މަގެއް ފެނޭތޯއެވެ. ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އެހެން ބާޒާރެއް ލިބޭތޯ މަސައްކަތް ފެއްޓެވި އެވެ. އަދި ރާއްޖޭގައި ރޯމަސްގަނެ ބޭރުކުރުމުގެ ފުރުޞަތު ބޭރުގެ ކުންފުނިތަކަށް ހުޅުވައިލެއްވި އެވެ. މި ދަޢުވަތަށް އިޖާބަދީ ރާއްޖެ އައި ފުރަތަމަ ކުންފުންޏަކީ ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަނެވެ.

ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ ވާދަވެރިކަން އިތުރުވި ދަނޑިވަޅުގައި މާތް ﷲ ގެ ރަޙުމަތްފުޅުން ރާއްޖެއަށް ބާނާ މަހުގެ ޢަދަދުވެސް އިތުރުވިއެވެ. އެހެންކަމުން ރާއްޖޭގައި އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވިއެވެ. މިކަމަށްޓަކައި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފާދިއްޕޮޅު ފެލިވަރުގައި ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް (Tuna Processing Plant) 2 ފެބްރުއަރީ 1978 ގައި ޤާއިމުކުރެވުނެވެ. މިއީ ޖަޕާނުގެ [ނިޕޮނ ސުއިޒާން ކައިޝާ ލިމިޓެޑާއި] ދިވެހި ސަރުކާރު ބައިވެރިވެގެން (ޖޮއިންޓް ވެންޗަރ އުޞޫލުން) ހުޅުވި ކާރުޚާނާއެކެވެ.

ހުޅުލޭ އެއަރޕޯޓް

[އުނިއިތުރު ގެންނަވާ]

ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން ދިވެހީންގެ ހިތްތަކުގައިވާ ވަޠަނިއްޔަތުގެރޫޙު ދިރިގެންދިޔައެވެ. މިކަންތައްތަކުގެ ތެރޭން އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތްވުމުގެ ރޫޙު ދިވެހީންގެ ކިބައިގައި އުފެދި އިތުރުވެ އާލާވިއެވެ.

މިދަނޑިވަޅުގައި ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ދުރުވިސްނިވަޑައިގަތުމާއެކު "ހުޅުލޭ މަތީންދާ ބޯޓު ތިރިކުރާ ތަން ދިވެހި ސަރުކާރުގެ ތަނެއްގެ ގޮތުގައި ހެދުމަށް ދައުލަތުން ޤަޞްދު ކުރައްވައިފިއެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 47)

1966 ވަނަ އަހަރު އޭޕްލީލުން 12 ވަނަ ދުވަހަކީ [ދިވެހީންގެ އަމިއްލަ އަތުން ތައްޔާރުކުރި ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރު] ހުޅުވުނު ދުވަހެވެ. މި ދުވަހުގެ މި ޙާދިސާ ސިފަކޮށްދެއްވަމުން މަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވަނީ [....އިރުމަތީ ފަރާތުގެ އުދަރެހުން އައި ރަޙުމަތުގެ ވާރޭވިލާ އަކަށްފަހު އެންމެންގެ ލޯތައް އެ ދިމާއަށް ހުއްޓުވައިލި މަތީންދާބޯޓު ފެންނާން] ފަށައިފިއެވެ. [އަޅުގަނޑުމެން ކޮށްކޮށް ތިބި އިންތިޒާރު އޭގެ މަތިވެރި އުންމީދުތަކާއެކުގައި މިއޮއް ފުދެނީއެވެ. ހުޅުލެމަތިން އިޞްޠިލާޢުގެ ހަމަ އެންމެ ބުރެއް ޖަހައިލުމަށްފަހު ރަންވޭގެ އުތުރުކޮޅުން ވަރަށް ކުޑަ ތަންކޮޅެއްގެ ބޭނުންކޮށްގެން ނުހަނު އޮމާންކަމާއެކު ބިމަށް އެ ތިރިކޮށްލީ އަޅުގަނޑުމެންގެ ބިން ހުޅުވައިދިން މަތިންދާ ބޯޓެވެ. އެ ބިން އިފްތިތާޙުކޮށްދެއްވި ވެރިޔާ ދިވެހި ޤައުމުގެ ލޮބުވެތި ޒަޢީމް ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ޝަރަފު ލިބުނު އެއަރސިލޯން މަތިންދާ ބޯޓެވެ.] (މަލަސް 49، ޞ:60-61)

ރާއްޖޭގެ އެއަރލައިން

[އުނިއިތުރު ގެންނަވާ]

ރާޢްޖޭގައި އަމިއްލަ ވައިގެ ބަނދަރެއް އުފެދުމާއެކު، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްފުޅާކުރެއްވުމަކީ އިޖްތިމާޢީގޮތުން ލިބޭ ފައިދާގެ އިތުރުން ދިވެހި ޤައުމަށް އިޤްތިޞާދީ ކުރިއެރުންތަކެއް އަންނާނޭ ކަމެއްކަމަށް ރައީސް ނާޞިރަށް ފެނިވަޑައިގެން 1966 ގައި 2 މަތީންދާ ބޯޓެއް ރާއްޖެއަށް ބައްލަވައިގަތެވެ. [އެއަރ މޯލްޑިވްސް] ގެ ނަމުގައި ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭ ކުންފުންޏެއް އުފައްދަވައިފި އެވެ. މިކަމުގައި އިސްކޮށް ޙަރަކަތްތެރިވުމަށް ޙަވާލުކުރެވިފައިވަނީ އެ ދާއިރާގެ ތަޖްރިބާކާރެއް ކަމުގައިވާ އަދި ރާއްޖޭގެ ފުރަތަމަ ކޯޕައިލޮޓް މުޙައްމަދު ނަޢީމާއެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997)

މަސްދޯނިފަހަރުގައި އިންޖީނުއެޅުން

[އުނިއިތުރު ގެންނަވާ]

މަސްވެރިކަމުގެ މުޅިން އާ ޖީލެއް ޤާއިމު ކުރުމަށްޓަކައި ދޯނި ފަހަރުގައި އިންޖީނު އެޅުމުގެ ޚިޔާލު ފާޅުކުރައްވައި މިކަމަށް އެހީ ހޯދުމަށް އޭރުގް މިނިސްޓަރ އޮފް ފިޝަރީޒް އަޙުމަދު ޙިލްމީ ދީ ޖަޕާނަށް ފޮނުއްވިއެވެ. ޖަޕާނުގެ ދީލަތި އެހީގައި 200 އިންޖީނު ހޯއްދަވައިގެން، އަމިއްލަ މީސް މީހުންގެ މަސްދޯނި ފަހަރުގައި އިންޖީނު އަޅައިދޭން ފެށީ 16 ސެޕްޓެމްބަރ 1974 ގައެވެ. މިއީ ދިގު މުއްދަތެއްގެ ތެރޭގައި އަގުއަދާކުރާ ގޮތަށް ސަރުކާރުން ދެއްވި ޚިދުމަތެކެވެ.

މޯލްޑިވްސް ޝިޕިންގ ލިމިޓެޑް

[އުނިއިތުރު ގެންނަވާ]

އާދަމް ޙަލީމް (2008) ބަޔާންކުރައްވާ ގޮތުގައި ރައީސް ނާޞިރުގެ ދައުރުގައި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ޚިދުމަތަކީ ބޯޓުފަހަރު ދުއްވުމުގެ ޞިނާޢަތެވެ. (shipping industry) . މޯލްޑިވްސް ޝިޕިންގ ލިމިޓެޑް ގެ ނަމުގައި ހިންގެވި، މި ޝިޕިންގ ލައިނަކީ އެ ދުވަސްވަރު މުޅި އޭޝިޔާގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިނެވެ. 1958 ގައި ސަރުކާރުން ބައްލަވައިގަތް [މޯލްޑިވް ސްޓާރ] އިން ފަށައިގަނެ ނާޞިރުގެ ވެރިކަމުގައި 34 އާގުބޯޓު މި ކުންފުންޏަށް ހޯދިއެވެ.


ރޭޑިއޯ ސްޓޭޝަން

[އުނިއިތުރު ގެންނަވާ]

އާދައިގެ [މާކޯނީ] ރޭޑިޔޯޓެލެފޯން ސެޓަކުން [މާލޭރޭޑިއޯ]ގެ ނަމުގައި ރޭޑިއޯގެ ޚިދުމަތް ވުޖޫދަށް އައީ 1962 ވަނަ އަހަރު ޑިސެމްބަރ މަހުގެ ތެރޭގައެވެ. [ސިނަކޯ ރޭޑިއޯ]، [އެމްއައިބީސީ]، [ރޭޑިއޯމޯލްޑިވްސް] ފަދަ ތަފާތު ނަން ނަމުގައި ތަރައްޤީވަމުން އައި، މިއަދުގެ [ދިވެހިރާއްޖޭގެ އަޑު] ގެ ބާނީއަކީ ވެސް ހަމަ ރައީސް ނާޞިރެވެ. (ޢަބްދުލްޙަކީމް ޙުސައިން މަނިކު، 1997)


ޓެލެވިޒަން މޯލްޑިވްސް

[އުނިއިތުރު ގެންނަވާ]

ޢަބްދުލްޙަކީމް ޙުސައިން މަނިކު (1997) ބަޔާންކުރައްވާ ގޮތުގައި ދިވެހިރާއްޖޭގައި ޓީވީގެ ޚިދުމަތް ފެއްޓެވުމުގެ ބާނީއަކީވެސް ރައީސް ނާޞިރެވެ. 1978 މާރޗް 29 ގައި އިފްތިތާޙުކުރެވުނު [ޓެލެވިޜަން މޯލްޑިވްސް] މާ ބޮޑަށް ކުރިއަރުވައި ނުލެއްވެނީސް ވެރިކަން ދޫކޮށްލައްވަން ނިންމެވީކަމަށް އޭނާ ވިދާޅުވިއެވެ.


މުއާޞަލާތީ ޚިދުމަތް

[އުނިއިތުރު ގެންނަވާ]

ރާއްޖޭގައި މުވާޞަލާތުގެ ކަންތައް ދާދި ފަހަކާ ޖެހެންދެން ބިނާވެފައި އޮތީ ދަތުރުފަތުރުގެ މައްޗަށް އެކަންޏެވެ. މިހެން މިކަން އޮއްވައި މާލެއާއި އަތޮޅުތަކާ ދެމެދު ރޭޑިއޯޓެލެޕޯންގެ ޚިދުމަތް ޤާއިމުކުރެވުނީ 21 ނޮވެމްބަރ 1962 ގައެވެ.

ރޭޑިއޯޓެލެފޯންގެ ޛަރީޢާއިން ދައްކާ ވާހަކަ ރޭޑިއޯއިން އަޑު އެހުމުގެ ފުރުޞަތު އޮންނާނެތީ، ދައުލަތުގެ ސިއްރު ހިފެހެއްޓުމަށްޓަކައި، ވަޔަރލެސް ޓެލެޕޯންގެ ޚިދުމަތް ޤައިމުކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން [މޯސްކޯޑް] ކޯހެއް ހިންގަވައި އަތޮޅުތަކަށް ވައިރލެސް އޮޕަރޭޓަރުން ތަމްރީނުކޮށް އެ ކުދީންނަށް އަތޮޅު އޮފީސްތަކުން 1976 ގައި ވަޒީފާދެއްވި އެވެ. މި ގޮތުން ވަޒީފާ ހަމަޖެހުނު ކުދީންގެ ތެރޭގައި މި ޤަލަމުގެ ވެރިޔާ ވެސް ހިމެނެއެވެ.

ޓެލެފޯންގެ ޛަރީޢާއިން ރާއްޖެއިން ބޭރާ ގުޅޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިއިނގިރޭސި ވިލާތުގެ ކޭބަލް & ވައިރލެސް ކުންފުނި މެދުވެރިކޮށް މި ޚިދުމަތް ޤާއިމުކުރީ 17 މެއި 1977 ގައެވެ.


އިންޑިޔާ ސަރުކާރާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 4 ފެބްރުއަރީ 1974 ގައި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ގެ ގޮތްޕެއް މާލޭގައި ހުޅުވުނެވެ. މިހާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އާ ޢިމާރާތް އެހުރި ތާނގައި މި ބޭންކް ހުޅުވުނުތާ މާ ގިނަ ދުވަހެއް ނުވަނީ ޙަބީބު ބޭންކް ލިމިޓެޑަށްވެސް ރާއްޖެއިން ޖާގަ ލިބިއްޖެއެވެ. މިއީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދިޔަ ޚިދުމަތެކެވެ.

ރައީސް ނާޞިރު ބޮޑުވަޒީރެއްގެ ގޮތުން ނާއި ރައީސުލްޖުމްހޫރިއްޔާގެ ގޮތުން ދިވެހި ޤައުމަށް ޚިދުމަތްކުރެއްވި ދުވަސްވަރު ކުރެއްވި ކަންކަން ވަރަށް ގިނައެވެ. އެ ހުރިހައި ކަމަކީ [ޚިދުމަތް] ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. މިސާލަކަށް [ދިވެހިބަސް އިންގިރޭސި(ލެޓިން) އަކުރުން] ލިޔުން މަޖްބޫރުކުރެއްވުމާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ މުޒާހަރާއެއް ބޭއްވުން ފަދަ ޙަރަކާތްތަކަކީ އެ މަނިކުފާނުގެ ދައުރުގައި ހިނގައިފައި ހުރި ކަންކަން ނަމަވެސް އެ ފަދަ [ޙަރަކާތް] ތަކަށް [ޚިދުމަތޭ] ކިޔަން އަޅުގަނޑަށް ފަސޭހައެއް ނޫނެވެ. އެއީ މި ދިރާސާ ފަށައިގަތުމުގައި އަޅުގަނޑު ގެނެސްދީފައިވާ މާނަކުރުމަށް ބަލާއިރު އެ މިންގަނޑަށް ނުފެތޭތީއެވެ. އަޅުގަނޑު ބަލައިލައިފައި މިވަނީ ރައީސް ނާޞިރު ކުރެއްވި ޚިދުމަތަކަށް ވާކަހަލަ ޚިދުމަތްތަކުގެ ތެރެއިން ވެސް މުހިއްމު ބައެއް ޚިދުމަތްތަކަށެވެ.

ވެރިކަމުގައި ހިނގި ޙާދިސާތައް

[އުނިއިތުރު ގެންނަވާ]

އިބްރާހީމް ނާޞިރު ވެރިކަމުގައި އެމަނިކުފާނާއި ވެސް ތަފާތު ސިޔާސީ ކަޅުވިލާތަކާއި ކުރިމަތި ވިއެވެ. އެގޮތުން 13 ޖޫން 1974 ގައި ހިގާދިޔަ ބޮޑު ބުރާސްފަތީގެ ހާދިސާ ފާހަގަ ކުރެވެއެވެ. އެދުވަހު ސަރުކާރާއި ދެކޮޅަށް ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ، ނުރުން ފާޅުކޮށް ހެދިއެވެ. އަދި އެއްވުމުގައި ސިފައިންގެ ދޮރުމައްޗަށް ބަޔަކު ގޮސް ހަޅޭލަވައި، ސިފައިންގެ ދޮރު ވައްޓާލައި ސިފައިންގެ އަށް ވަންނަން އުޅުނެވެ. މިއެއްވުން ރޫޅާލެވުނީ މައްޗަށް ބަނޑިޖަހައިގެންނެވެ. އެއަށްފަހު އިމަޖެންސީ ހިންގެވި އެވެ. ސިފައިންގެ ބެލުމުގެ ދަށަށް މާލެ ލައްވައިފި ކަމުގެ އިޢުލާނެއް އިވިގެން ދިޔައެވެ. ހަމަ ނުޖެހުމުގައި އިސްވި ހަރަކާތްތެރިވި މީހުންނާއި ވިޔަފާރި ވެރިން ވަގުތުން އޮޑިދޯނި ފަހަރުގައި ބ.ގޮއިދޫ އަށް ފޮނުވާލެއްވި އެވެ. ބޮޑެތި ކުށްވެރިން ބަންދުކުރީ ޖަލުގައެވެ. ދެވަނައަށް އައީ ކަޅު ބުރާސްފަތި އެވެ. އެއީ 6 މާރޗް 1975 އެވެ. އެދުވަހު އޭރުގެ ވަޒީރުލް އަޢުޒަމް އަހުމަދު ޒަކީ ދޫނިދޫގައި ބަންދުކުރެއްވި އެވެ. އަދި އަހުމަދުޒަކީ ބޮޑު ވަޒީރު ކަމާއި މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ކަމުގެ މަގާމުން 8 މާރޗް 1975 ގައި ވަކިކުރައްވައި ޏ. ފުވައްމުލަކަށް ފޮނުވާލެވުނެވެ.

ވެރިކަން ނިމުން

[އުނިއިތުރު ގެންނަވާ]

ރައިސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވީ މައުމޫނު އަބްދުލް ޤައްޔޫމްއެވެ. އޭރު މައުމޫނު އަބްދުލްޤައްޔޫމު ހުންނެވީ ޓްރާންސްޕޯރޓް މިނިސްޓްރުގެ މަޤާމުގައެވެ. އެމަނިކު ފާނު 10 އަހަރު ދުވަހު ރައީސްކަން ކުރެއްވުމަށްފަހު ރައްޔިތުން މަޖުލީހުން 3 ވަނަ ދައުރަކަށް ރައީސްކަމުގައި ހުންނަވަން ފެނިވަޑައިގަންނަވާކަމަށް ނިންމެވުމުން އެކަން ގަބޫލު ފުޅު ނުކުރައްވައި 7 ޑިސެމްބަރު 1978 ވީ ބުރާސްފަތި ދުވަހު އާޢިލާ އެކު ސިންގަޕޫރަށް ވަޑައިގަތީއެވެ. އެމަނިކުފާނު އަވަހާރަވަޑައިގެންނެވީ 22 ނޮވެމްބަރު 2008 ވަނަ އަހަރު ސިންގަޕޫރުގައެވެ. އެމަނިކުފާނު އަވަހާރުވީ އުމުރުން 82 އަހަރުގައެވެ

[1]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006
ކުރިން ހުންނެވީ:
މުޙައްމަދު އަމީން ދީދީ
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ
1968-1978
ފަހުން ވަޑައިގަތީ:
މައުމޫން ޢަބްދުލް ޤައްޔޫމް
ކުރިން ހުންނެވީ:
އިބްރާހިމް އަލި ދީދީ
ދިވެހިރާއްޖޭގެ ވަޒީރުލް އަޢުޛަމް
1957-1968
ފަހުން ވަޑައިގަތީ:
-
ކުރިން ހުންނެވީ:
މުޙައްމަދު ފަރީދުދީދީ
ދިވެހިދައުލަތުގެ އެންމެމަތީ ވެރިޔާ
1968-1978
ފަހުން ވަޑައިގަތީ:
މައުމޫން ޢަބްދުލް ޤައްޔޫމް