މިޞްރު
| ||||||||
މޮޓޯ: | ||||||||
ޤައުމީ ސަލާމް: Bilady, Bilady, Bilady | ||||||||
ވެރިރަށް | ޤާހިރާ | |||||||
އެންމެ ބޮޑު ޝަހަރު | capital | |||||||
ރަސްމީ ބަސް (ތައް) | Arabic1 | |||||||
ސަރުކާރު {{{leader_titles}}}
|
Semi-presidential republic {{{leader_names}}} | |||||||
Establishment {{{established_events}}} |
{{{established_dates}}} | |||||||
އަކަމިން • ޖުމްލަ • ފެން (%) |
1,001,449 އކކމ (30th) 0.632 | |||||||
އާބާދީ • 2007 އަންދާސީ. • 1996 ބޯހިމެނުން • އަކަބުރަ |
82,982,364 (11th) 59,312,914 އކކމ/74(120th) | |||||||
ޖީ.ޑީ.ޕީ (ޕީ.ޕީ.ޕީ) • ޖުމްލަ • ޕަރ ކެޕިޓާ |
2006 އަންދާސީ $329.791 billion (29th) $4,836 (110th) | |||||||
އ.ތ.ފ (2006) | 0.702 (111th) – medium | |||||||
ފައިސާ | Egyptian pound (EGP )
| |||||||
ވަގުތު ޒޯން • ހޫނު މޫސުމް (ދ.ރ.ވ) |
{{{time_zone}}} (ވ.ބ.ގ{{{utc_offset}}}) EEST (ވ.ބ.ގ+3) | |||||||
އިންޓަނެޓް މ.ދ.އ | .eg | |||||||
ފޯން ކޯޑު | +20
| |||||||
{{{footnotes}}} |
މިޞްރަކީ ޢަރަބި ދުނިޔޭގައި އޮތް އެއްމެ އާބާދީ ބޮޑު ޤައުމެވެ. މިޞްރުގެ ފުރިހަމަ ނަމަކީ އަރަބު ރިޕަބްލިކް އޮފް އިޖިޕްޓް އެވެ. މިޞްރަކީ ދުނިޔޭގެ ބޮޑު ދެބައްރުގެ ދެބައި އެގައުމެއްގައި ޙިއްޞާވާ ހަމަ އެކަނި ގައުމެވެ. އެއީ އެފްރިކާ ބައްރުގައި ހިމެނޭ ބަޔާއި، އޭޝިޔާ ބައްރު ގައި ހިމެނޭ ބައެވެ. މިޞްރުގެ ގިނަ ސިޓީތައް އެކުލެވިގެންވަނީ އެފްރިކާ ބައްރު ގައި ހިމެނޭ ބައިގައެވެ. އޭޝިޔާ ބައްރުގައި އޮންނަނީ އިސްރާއީލް އާއި 1973 ވަނަ އަހަރު ކުރި އޮކްޓޯބަރ 6 ހަގުރާމައިގައި އިސްރާއީލްގެ އަތްދަށުން މިނިވަން ކުރެވުނު ބައި ކަމުގައިވާ ސިނާއީ ޕެނިންސޫލާ އެވެ. މިއީ ދެ ސިޓީ ނުވަތަ ޝަހަރެއްގެ ގޮތުގައި އިދާރީ ގޮތުން ބެލޭ ތަނެކެވެ.
ބޮޑު މިނުގައި 386،560 އަކަ މޭލު ހުންނަ މިޞްރާއި ބޯޑަރު ކުރެވިފައިވާ ގައުމު ތަކަކީ ހުޅަގަށް އޮންނަ ލީބިޔާ، ދެކުނަށް އޮންނަ ސޫދާން، އިރުމަތިން އޮންނަ ފަލަސްތީން އަދި އިޒްރޭލް އެވެ. އުތުރުން މިޞްރު އޮންނަނީ މެދުތެރޭ ކަނޑުގެ އައްސޭރި އަށް ވާގޮތަށެވެ. މަޝްހޫރު ސުއޭޒް ކެނަލް އޮންނަނީ ކުރިން ބުނި އެފްރިކާ ބައްރުގައި އޮންނަ ބަޔާއި، އޭޝިޔާ ބައްރުގައި އޮންނަ ބަޔާއި ދެމެދު ގައެވެ. 1956 ވަނަ އަހަރު ހުޅުވުނު ސުއޭޒް ކެނަލް އަކީ ރަތް ކަނޑާއި، މެދުތެރޭ ކަނޑު ގުޅުވާލުމަށް ބިންކޮނެގެން ތައްޔާރު ކުރެވުނު ތަނެކެވެ.
ދުނިޔޭގެ އާބާދީ 15 ވަނަ އަށް އެންމެ ބޮޑު ގައުމަކީ މިޞްރެވެ. އަދި ނައިޖީރިޔާ އަށްފަހު އެފްރިކާގައި އޮތް ދެވަނަ އަށް އެންމެ އާބާދީ ބޮޑު ގައުމަކީ ވެސް މިޞްރެވެ. މިޞްރުގެ އާބާދީގައި ހިމެނޭ 76.5 މިލިއަން މީހުންގެ ބޮޑު ބައެއް ދިރި އުޅެނީ ނީލަ ކޯރުގެ ވަށައިގެންވާ ހިސާބުތަކުގައެވެ. އަރަބި ދުނިޔޭގެ ދަނޑުވެރިކަން މައިގަނޑު ގޮތެއްގައި ފެންނަން ހުރީ ވެސް މިހިސާބުންނެވެ. ބުނެވޭގޮތުގައި މިޞްރުގެ އާބާދީގައި ގެދޮރު ޢިމާރާތް ކޮށްފައިވަނީ ބިމުގެ އެންމެ 5 އިންސައްތައިގައެވެ. ބާކީ ބައި ބޭނުންކުރެވެނީ ދަނޑުބިމާއި، ހަނަފަސް ސަހަރާގެ ގޮތުގައެވެ.
މިޞްރުގެ އާބާދީގެ 3/1 ބައި ދިރިއުޅެނީ ބޮޑު ކައިރޯގެ ނަމުން ނަންދެވިފައިވާ ވެރިރަށް ގާހިރާ ގައެވެ. ބޮޑު ކައިރޯ އޭ ކިޔަނީ ވެރިރަށް ގާހިރާ ނުވަތަ ކައިރޯ އާއި ކައިރޯ އާއި ވިދިގެން ހުޅަގަށް އޮންނަ ޖީޒާ އަދި އުތުރަށް އޮންނަ ގަލްޔޫބިޔާ ސްޓޭޓް ހިމަނައިގެންނެވެ. ކައިރޯ އަކީ މެދު އިރުމަތި، އެފްރިކާ، އަދި އަރަބި ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ޝަހަރު އެވެ.
މިޞްރުގެ ތާރީޚާއި ޚަޟާރަތަކީ ދުނިޔޭގެ އެކިއެކި ޚަޟާރަތްތަކުން ވެސް ހޮވާލެވޭ ފަދަ ފާހަގަ ކުރެވޭ ޚަޟާރަތެކެވެ. ދުނިޔޭގެ ނިސްބަތުން މަޝްހޫރު ބައެއް އާޘާރު ތައް މިޞްރުގެ ބިމުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި މިޞްރުގެ ޖީޒާގައިވާ ޕިރަމިޑް ތަކާއި، އެހިސާބުގައިވާ ސްފިންކްސްގެ ނަންދީފައިވާ ބުދާއި، އަދި މިޞްރުގެ އުޤްޞަރު ސިޓީގައިވާ ކަރުނަކް ފައްޅި ފާހަގަ ކޮށްލެވެއެވެ. މިއަދު މިޞްރު ފާހަގަ ކުރެވެނީ މެދު އިރުމަތީގެ ޘަޤާފީ އަދި ސިޔާސީ މުހިއްމު މަރުކަޒެއްގެ ގޮތުގައެވެ.
ނަން
[އުނިއިތުރު ގެންނަވާ]ގަދީމީ ޒަމާނުގައި މިޞްރަށް ކިމްތު އޭ ކިޔައި އުޅުނެވެ. މީގެ މާނައަކީ ކަޅު ބިން މިއެވެ. މިޒަމާނުގައި ކިޔައި އުޅޭ ނަން މިޞްރު އައިސްފައިވަނީ ސާމީ ބަހުން ކަމަށް ބުނެވެއެވެ. މިޞްރު މިނަމުގައި މިޞްރަށް ނިސްބަތްކޮށް ކީރިތި ގުރުއާނުގައި ވެސް މިޞްރުގެ ނަން ވާރިދު ވެފައި ވެއެވެ. މިޞްރު މިލަފުޒާއި އިބްރީ ބަހުން ކިޔައި އުޅޭ މިޞްރާޔިމް އާއި ގުޅުމެއްވާކަމަށް ބެލެވެއެވެ. މިޞްރާޔިމްގެ މާނައަކީ ގައުމު ނުވަތަ ޝަހަރު އެވެ. އަރަބި ބަހުން ކިޔައި އުޅޭ މިޞްރުގެ މާނައަކީ ވެސް މިއީ އެވެ.
އިގިރޭސި ބަހުން މިޞްރަށް ކިޔާ އިޖިޕްޓް މިނަން ނެގިފައިވަނީ ލެޓިން ބަހެއްކަމަށްވާ އިޖިޕްޓޫސް މިބަހުންނެވެ. މިއީ ގަދީމީ ގްރީކު ބަހެއްކަމަށްވާ އިޖިޕްޓޯސް އިން ނެގިފައިވާ ބަހެކެވެ.
ތާރީޚް
[އުނިއިތުރު ގެންނަވާ]ބަރުލަމާނީ ނިޒާމަށް ފެތޭގޮތަށް މިޞްރުގެ ގާނޫނު އަސާސީ ތަންފީޒު ކުރެވުނީ 1923 ވަނަ އަހަރު އެވެ. އަދި 1924ގައި މިޞްރުގެ ބޮޑު ވަޒީރަކަށް ސަޢުދު ޒަޣުލޫލް އިސްކުރެވުނެވެ. 1952 ގައި މިޞްރުގެ ސިފައިންގެ ތެރެއިން ބޮޑުންގެ ބަޔަކު ގެނައި އިންގިލާބަށް ފަހު މިޞްރުގައި އޮތް ޒަމާންވީ ރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިޞްރު ޖުމުހޫރިއްޔަތެއްގެ ގޮތުގައި އިޢުލާން ކުރެވިގެން ދިޔައީ 18 ޖޫން 1953 ގައި މިޞްރުގެ ފުރަތަމަ ރައީސަކަށް ޖެނެރަލް މުހައްމަދު ނަޖީބް އިސްކުރެވުމުންނެވެ. 1954 ގައި ޖަމާލު ޢަބުދުއް ނާޞިރު އަޑީގައި ހުންނަވައިގެން މުޙައްމަދު ނަޖީބު އިސްތިއުފާ ދެއްވުމަށް ޕްރެޝަރުތައް ކުރިމަތި ކުރެއްވި އެވެ. ފުރިހަމަ ޖުމްހޫރިއްޔާ އެއްގެ ގޮތުގައި މުޅިން އިގިރޭސިން އަތްދަށުން މިޞްރު މިނިވަން ކުރެވުނީ 18 ޖޫން 1956 ގައެވެ. އެއީ ޖަމާލު ޢަބުދުއް ނާޞިރު މިޞްރުގެ ވެރިކަމަށް އިސްވެ ވަޑައިގަތް ދުވަސް މެއެވެ. ޖަމާލު ޢަބުދުއް ނާޞިރުގެ ވެރިކަމުގައި 26 ޖުލައި 1956 ގައި ސުއޭޒް ކެނަލް ރަސްމީގޮތުން ހުޅުވުނެވެ.
1967 ގައި އިޒްރޭލާއި މިޞްރާއި ދެމެދު ކުރެވުނު ހަދުވަހުގެ ހަގުރާމައިގެ 3 އަހަރު ފަހުން ޖަމާލު ޢަބުދުއް ނާޞިރު އަވަހާރަވެ ވަޑައިގަތެވެ. އޭގެ ފަހުން ވެރިކަމަށް އިސްވެ ވަޑައިގަތީ އަންވަރު ސާދާތު އެވެ.
1973 ގައި މިޞްރާއި ސީރިޔާ ގުޅިގެން އިޒްރޭލާއި ދެކޮޅަށް ހަގުރާމަ ކުރިއެވެ. އޮކްޓޯބަރ6 ގެ ހަގުރާމަ މިނަންދީފައިވާ ހަގުރާމަ ކުރެވުނީ އޭގެ 6 އަހަރު ކުރިން އިސްރާއީލް އަތްދަށުވި، ސިނާއީ ޕެނިންސޫލާގެ ބިންތަކާއި ގޯލާންގެ އުސްބިންތައް ހޯދުމަށްޓަކައެވެ. މިހަގުރާމައިގައި ފަތަހަ ލިބިފައިވަނީ ވެސް މިޞްރާއި ސީރިޔާ އަށެވެ. އޮކްޓޯބަރ 6 ގެ ހަގުރާމަ ވެގެންދިޔައީ މިޞްރަށް ލިބުނު ޢަސްކަރީ ކާމިޔާބުގެ އިތުރުން އޭރު މިޞްރުގެ ވެރިކަމުގައި ހުންނެވި ޢަންވަރު ސާދާތަށް ލިބުނު ސިޔާސީ ކާމިޔާބީއަކަށް ވެސް މެއެވެ.
1977 ވަނަ އަހަރު އަންވަރު ސާދާތު އިޒްރޭލަށް ކުރި ތާރީޚީ ޒިޔާރަތަށްފަހު މިޞްރާއި އިޒްރޭލާއި ދެމެދު ޞުލްހައިގެ އެއްބަސްވުމެއްގައި 1978 ވަނަ އަހަރު ސޮއި ކޮށްފައިވެއެވެ. މިއެއްބަސްވުމަށް ފަހު 1989 ވަނަ އަހަރާއި ހަމައަށް މިޞްރު އޮތީ އަރަބި ދައުލަތްތަކުގެ ޖަމްއިއްޔާ އަރަބު ލީގް އިން ވަކިކޮށްފައެވެ. ބަޑިޖަހައި ސާދާތު އަވަހާރަ ކޮށްލެވިފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން މިޞްރުގެ ވެރިކަމަށް އިސްވީ މިހާރުގެ ރައީސް ހުސްނީ މުބާރަކް އެވެ. 2003 ވަނަ އަހަރު ކިފާޔާގެ ނަމުގައި މިޞްރަށް ޒަމާނީ ޑިމޮކްރަސީ ގެނައުމެއް މޫވްމެންޓެއް އުފެދިގެން ދިޔައެވެ.
ސިޔާސަތު
[އުނިއިތުރު ގެންނަވާ]ކުރިން ވެސް ބުނެވުނު ހެން މިޞްރު ޖުމްހޫރިއްޔަތެއްގެ ގޮތުގައި އިޢުލާނު ކުރެވިގެން ދިޔައީ 18 ޖޫން 1953 ގައެވެ. މިޞްރުގެ ވެރިކަމަށް މިހާރު ހުންނެވި ރައީސް މުޙައްމަދު ހުސްނީ މުބާރަކު އިސްކުރެވުނީ 14 އޮކްޓޯބަރު 1981 ގައެވެ. އެއީ އޭރު ހުންނެވި ރައީސް އަންވަރު ސާދާތު ކައިރޯގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް ބަޑިޖަހައި އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.
ރިޔާސީ 5 ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުން ގެންދަވާ މުޙައްމަދު ހުސްނީ މުބާރަކަކީ މިޞްރުގެ ވެރިކަން ހިންގާ ސިޔާސީ ޕާރޓީ ނޭޝަނަލް ޑިމޮކްރަޓިކް ޕާޓީގެ ރައީސް ވެސް މެއެވެ. މިހާރުގެ ބޮޑު ވަޒީރު ޑރ އަހުމަދު ނަޒީފް އެމަގާމަށް އިސްކުރެވުނީ 9 ޖުލައި 2004 ގައެވެ. އެއީ އޭރުގެ ބޮޑު ވަޒީރު ޑރ ޢާޠިފް ޢުބައިދު އިސްތިއުފާ ދެއްވުމުންނެވެ. ޖެހިޖެހިގެން ފަސްވަނަ ރިޔާސީ ދައުރު ކާމިޔާބު ކުރައްވައި މިޞްރުގެ ވެރިކަމަށް އެންމެ ފަހުން މުބާރަކު އިސްވެ ވަޑައިގަތީ ސެޕްޓެމްބަރު 2005 ގައެވެ.
ޢަސްކަރީ ބާރު
[އުނިއިތުރު ގެންނަވާ]މިޞްރުގެ ޢަސްކަރީ ސިފައިންގެ ލަޝްކަރަކީ އެފްރިކާގައި އޮތް އެންމެ ބާރު ގަދަ ޢަސްކަރީ ބާރެވެ.އަދި އެއީ މެދު އިރުމަތީގައި އޮތް ޢަސްކަރީ ގޮތުން ދެވަނަ އަށް އެންމެ ބޮޑު ބާރުވެސް މެއެވެ. މިޞްރުގެ ޢަސްކަރީ ސިފައިންގެ ގޮތުގައި 450 ހާސް މީހުން ހަރަކާތްތެރި ވެއެވެ. ސްޕައި ސެޓެލައިޓެއް މިލްކުވެގެންވާ ހަމައެކަނި އަރަބި އަދި އެފްރިކާގެ ގައުމަކީ ވެސް މިޞްރެވެ. މިހާރު ހުރި އިޖިޕްޓް ސެޓް-1 ގެ އިތުރުން ކުރިއަށް 2 އަހަރުގެ ތެރޭގައި އިތުރު 3 ސްޕައި ސެޓެލައިޓް ގާއިމު ކުރުމަށް މިޞްރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިޞްރުގެ ވައިގެ ދިފާޢީ ބާރު ވަރުގަދަ ކުރުމުގެ ގޮތުން މިހާރު ވަނީ އެމެރިކާއިން އެފް-15 މަރުކާގެ ހަގުރާމަ މަތީ ބޯޓްތަކެއް ގަތުމަށް އެދިފައެވެ. އަދި މިބޯޓްތައް ލިބުމުން އިޒްރޭލާއީ އެއްހަމައަކަށް އާދެވޭނޭ ކަމަށް ބެލެވެއެވެ. އެހެންކަމުން އިޒްރޭލުން މަސައްކަތް ކުރަމުންދަނީ އެމެރިކާއިން މިބޯޓްތައް މިޞްރަށް ވިއްކުން ހުއްޓުވޭތޯ އެވެ.
އުމުރުން 18 އަހަރު ވެފައިވާ ކޮންމެ ފިރިހެނަކަށް ވަކި މުއްދަތެއްވަންދެން މިޞްރު ސިފައިންގެ ތެރޭގައި އުޅެން ޖެހެއެވެ. ނަމަވެސް ޢާއިލާގައި ހުރީ އެންމެ ފިރިހެން ކުއްޖެއްނަމަ އެމީހަކު މި ގަވާޢިދުން އިސްތިސްނާވެއެވެ. ކިޔަވާ ކުދިންނަށް ވެސް އުމުރުން 28 ވަންދެން ސިފައިން ގެއަށް ވަދެ ކުރަން ޖެހޭ ޚިދުމަތް ލަސްކޮށްލެވެއެވެ. ނަމަވެސް މިގޮތަށް ލަސްކޮށްލި ނަމަވެސް ކިޔަވައި ނިމުމުން އޮންނަ މުއްދަތެއް ސިފައިންގެ ތެރޭގައި ޚިދުމަތް ކުރަން ޖެހެއެވެ.
ސިޓީ، ސްޓޭޓް ތައް
[އުނިއިތުރު ގެންނަވާ]އިދާރީ ގޮތުން މިޞްރު ވަނީ ތަފާތު 27 ސްޓޭޓަކަށް ބަހާލެވިފައެވެ. މިގޮތުން ބަހާލައިފާ ސްޓޭޓްތައް ތިރީގައި މިވަނީ އެވެ.
2- އަސްވާން
5- ދިމްޔާޠު
7- ޝަރުގިޔާ
9- ޖީޒާ
10- ސުއޭޒް
11- އުގުޞަރު
12- މަނޯފިޔާ
13- ކައިރޯ
15- އަސްޔޫތު
16- އަސްޔޫޠު
17- ބަނީ ސުވައިފު
18- ޕޯޓް ސައިޑް
19- ފައްޔޫމް
20- އިސްމާއީލިއްޔާ
21- ޣަރުބިޔާ
22- ދެކުނު ސައިނާ
23- ވާދީ އަލް ޖަދީދު
24- ސޯހާޖު
25- އަލްމީނިޔާ
26- ގަލްޔޫބިޔާ
27- މަރުސާ މަޠުރޫޙް
އިގްތިޞާދު
[އުނިއިތުރު ގެންނަވާ]މިޞްރުގެ އިގްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ދަނޑުވެރިކަން، ފަތުރު ވެރިކަން، ޕެޓްރޯލް ބޭރުކޮށް ވިއްކުން، އަދި މީޑިއާ ގެ މައްޗަށެވެ. މިޞްރުގެ 3 މިލިއަނަށްވުރެ ގިނަ މީހުން ބޭރު ގައުމު ތަކުގައި މަސައްކަތް ކުރެއެވެ. އެންމެ ގިނަ ބަޔަކު މަސައްކަތްކުރަނީ ސަޢޫދީ އަރަބިއްޔާ ގައެވެ. މީގެ އިތުރުން ޚަލީޖްގެ އެހެނިހެން ގައުމުތަކާއި، ޔޫރަޕްގެ ގައުމު ތަކުގައި ވެސް މިޞްރު މީހުން އުޅެއެވެ.
1979 ވަނަ އަހަރުން ފެށިގެން އެމެރިކާއިން އެހީގެ ގޮތުގައި 2.2 ބިލިއަން އެމެރިކާ ޑޮލަރު މިޞްރަށް ދެމުން ގެންދެއެވެ. މިޞްރުގެ އިގްތިޞާދަށް އެންމެ ގިނަ ފައިސާ ވަދެގެން ދަނީ ފަތުރުވެރިކަމާއި، ސުއޭޒް ކެނަލް ހުރަސްކޮށް މިޞްރުގެ ތެރެއިން ދަތުރުކުރާ ބޯޓް ފަހަރުން ދައްކަންޖެހޭ ޗާޖްގެ ގޮތުގައި ކަން ވަނީ ފާހަގަ ކުރެވިފައެވެ. ތެލާއި ބޯޓް ދެލި އަދި ތަބީޢީ ގޭހަކީ ވެސް މިޞްރުގެ ބިމުން ލިބޭ ބާވަތްތަކެވެ.
ޢާންމު ގޮތެއްގައި ގޭހާއި ތެޔޮ ނަގަނީ މިޞްރުގެ ހުޅަގު ސަހަރާގެ ތެރެއިންނާއި، ނައިލް ޑެލްޓާގެ ސަރަހައްދާއި، ސުއޭޒް ކަނޑުއޮޅި އޮތް ސަރަހައްދުންނެވެ. 1991 ވަނަ އަހަރު އެކަނި ވެސް މިޞްރުގައި 1.1 މިލިއަން ކިއުބިކް މީޓަރު ގެ ގޭސް ރައްކާކޮށްފައި ހުއްޓެވެ. މިފަަހަކަށް އައިސް މިޞްރުގެ އިގްތިޞާދު ރަގަޅުވަމުން އަންނަކަން ދަނީ ފާހަގަ ކުރެވެމުންނެވެ.
ދީން
[އުނިއިތުރު ގެންނަވާ]ދީނަކީ މިޞްރު މީހުންގެ ހިތްތަކުގައި ވަރަށް މާތް ގަދަރެއް ދެވިފައިވާ އެއްޗެކެވެ. މުސްލިމުން ގިނަ މިގައުމުގެ މަގުތަކުން ކޮންމެ ދުވާލަކު 5 ނަމާދުގެ ބަންގީގެ އަޑުއިވި ހުރެއެވެ. މިޞްރުގެ ވެރިރަށް ކައިރޯ ފާހަގަ ވެފައިވަނީ މިސްކިތުގެ މުންނާރު ތަކާއި، ފައްޅީގެ ޓަވަރުތައް ގިނަ ޝަހަރެއްގެ ގޮތުގައެވެ.
މިޞްރުގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. އަނެއްބައި 10 އިންސައްތަ ހިއްޞާކުރަނީ މަސީޙީންނެވެ. މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަނީ ސުންނީނަށެވެ. ނަމަވެސް ޝީޢީންނާއި އަދި ސޫފީން ވެސް މަދުން ނަމަވެސް އުޅެއެވެ.
ސުކޫލް ތަކުގައި އިސްލާމް ދީން ކިޔަވައިދެނީ ޙަނަފީ މަޛުހަބަށެވެ. މިސްކިތްތަަކާއި ދީނީ ބިނާތައް ބަލަހައްޓަމުން ގެންދަނީ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒްގެ ފަރާތުންނެވެ. މިސްކިތް ތަކުގެ އިމާމުންނަކީ އަޒުހަރު ޔުނިވަސިޓީގައި ގާއިމްކޮށްފައިވާ އިމާމުންނަށް ޚާއްޞަ އިންސްޓިޓިއުޓަކުން ތަމްރީނު ކުރެވިފައިވާ ބައެކެވެ.
ޖިއޯގްރަފީ
[އުނިއިތުރު ގެންނަވާ]ބޮޑު މިނުގައި 386،560 އަކަ މޭލު ހުންނަ މިޞްރަކީ ދުނިޔޭގެ 30 ވަނަ އަށް އެންމެ ބޮޑު ގައުމެވެ. ކުރިން ވެސް ބުނެވުނު ހެން މިޞްރުގެ އާބާދީގެ 99 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ނީލަ ކޯރުގެ ވަށައިގެންވާ ހިސާބު ތަކުގައެވެ. މާނައަކީ މީހުން ދިރިއުޅެނީ ގާތްގަނޑަކަށް ބިމުގެ 5 އިންސައްތައިގައެވެ.
މިޞްރު ބެލެވިފައިވަނީ ދުނިޔޭގެ އެންމެ ހަނަފަސް އެއް ގައުމުގެ ގޮތުގައެވެ. ކައިރޯގެ ދެކުނުން އޮންނަ ހިސާބަށް އަހަރެއްގެ ތެރޭގައި 5-2 މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ދައްކައެވެ. ސިނާއީ ޕެނިންސޫލާ އަށާއި އެހެން ބައެއް ސިޓީތަކަށް މަދުން ނަމަވެސް ސްނޯ ފައިބާކަން ފާހަގަ ކުރެވެއެވެ. ހޫނު މޫސުމުގައި ފިނިހޫނު މިން 32-27 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައި ހުންނަ އިރު ރަތް ކަނޑުގެ އައްސޭރީގެ ހިސާބަށް ބައެއް ފަހަރު 42 ޑިގްރީ ސެލްޒިއަސް އަށް ހޫނު މައްޗަށް ދެއެވެ. ފިނި މޫސުމުގައި ފިނި ހޫނު މިން އުޅެނީ ޢާއްމު ގޮތެއްގައި 21-13 ޑިގްރީ ސެލްޒިއަސްއާއި ދެމެދުގައެވެ.
ޢަރަބް ރިޕަބްލިކް އޮފް އިޖިޕްޓް ނުވަތަ މިޞްރަކީ ހުޅަނގު އޭޝިޔާއަށާއި އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ. ޢަރަބި ބަހުން މި ޤައުމަށް ކިޔަނީ މިޞްރެވެ. ޢަރަބި ބަހުގެ މިޞްރީ ލަހެޖާއިން ކިޔަނީ މަޞްރެވެ. ޤިބްޠީ ބަހުން ކިޔަނީ ކީމިއެވެ. މިޞްރީ ބަހުން ކިޔަނީ ކެމެތެވެ.
މިޞްރުގެ ބިމުން ހުޅަނގު އޭޝިޔާގައި އޮންނަނީ ސައިނާއީ ޕެނިންސޫލާއެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއް
މިޞްރުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ.
އެންމެ ބޮޑު ޝަހަރަކީ ޤާހިރާއެވެ. ވެރިކަން ކުރަނީ ވެސް ޤާހިރާގައެވެ. މިޞްރަކީ ސެމީ-ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. މިޞްރުގެ އާބާދީއަކީ 77 މިލިއަނެވެ. އެހެން ނަމަވެސް މިއަހަރާ ހަމަޔަށް އައިސްފައިވާ އިރު މިޞްރުގެ އާބާދީގައި 82 މިލިޔަން މީހުން ތިބޭނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ. ބިމުގެ ބޮޑުމިނަކީ 1.0 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ eg. އެވެ. ކޯލިން ކޯޑަކީ +20 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އިޖިޕްޝަން ޕައުންޑެވެ.
ނަން
މިޞްރަށް ކިޔާ އެންމެ ޤަދީމީ އެއް ނަމަކީ ކެމެތެވެ. ނުވަތަ “ކަޅު ބިމެވެ”. މި ނަން ނިސްބަތް ކުރެވިފައިވަނީ ނީލަކޯރުގެ އައްސޭރީގައިވާ، ދަނޑުވެރިކަމަށް ރަނގަޅު ކަޅު ފަހަށެވެ. މިއީ ދެޝްރެއްތް ނުވަތަ ސަޙަރާގެ ރަތް ފަހާއި ތަފާތު ފަހެކެވެ.
ޤިބްޠީ ބަހުން މިޞްރަށް ކިޔާ ނަން ކަމުގައިވާ ކީމި މި ނަމުގެ މާނައެއް ކަމުގައި ބެލެވިފައިވަނީ ވެސް ހަމަ މި މާނައެވެ.
ޢަރަބި ބަހުން ކިޔާ ނަން ކަމުގައިވާ “މިޞްރު” މި ނަމަކީ ސާމީ އަޞްލުގެ ނަމެކެވެ. މިއީ ޢިބްރާނީ ބަހުން ކިޔާ މިޞްރާއީމް މި ނަމާގުޅުން ހުރި ނަމެކެވެ. މީގެ މާނައަކީ ބިމުގެ ދެބައެވެ. މި ނަން ނިސްބަތް ކުރެވިފައިވަނީ މިޞްރުގެ މަތީ ބަޔަށާއި ތިރީ ބަޔަށެވެ. ހަމަމ އެހެންމެ މީގެ އަނެއް މާނައަކީ ކުރިއަރާފައިވާ ޤައުމު މި މާނައެވެ.
އިނގިރޭސި ބަހުން ކިޔާނަން އިޖިޕްޓް ނެގިފައިވަނީ އިޤިބްޠު މި ނަމުންނެވެ. މިއީ މިޞްރުގެ ވަޒަންވެރިން ކަމުގައިވާ ޤިބްޠީންނަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ.
ޖުޣުރާފީ
މިޞްރުގެ އުތުރުގައި އޮތީ މެދުތެރޭ ކަނޑެވެ. އިރު އުތުރުގައި އޮތީ ޣައްޒާ އާއި އިސްރާއީލެވެ. އިރުމަތީގައި އޮތީ ރަތް ކަނޑެވެ. ދެކުނުގައި އޮތީ ސޫދާނެވެ. ހުޅަނގުގައި އޮތީ ލީބިޔާއެވެ.
މިޞްރަކީ މުޅި ދުނިޔޭގެ ނިސްބަތުން 38 ވަނައަށް އެންމެ ބޮޑު ޤައުމެވެ. މިޞްރުގެ ބޮޑު މިން މުޅި މެދުތެރޭ އެމެރިކާ ވަރުވެއެވެ. އިސްޕެއިނުގެ ދެ އިސްޕެއިން ވަރުވެއެވެ. އިނގިރޭސި ވިލާތުގެ ހަތަރުގުނަ ވަރުވެއެވެ. އެމެރިކާގެ ޓެކްސަސް އާއި ކެލިފޯނިޔާއާ އެއްކޮށްލީމާވާ ވަރުވެއެވެ.
މިޞްރަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޯރު ކަމުގައިވާ ނީލަކޯރު އެބިމެއްގެ ތެރެއިން ދެމިގެން ގޮސްފައިވާ ނަޞީބުވެރި ބިމެވެ.
ތާރީޚު
މިޞްރަކީ ދުނިޔޭގައި އިންސާނުން އެންމެ ކުރީން އުޅެން ފެށި ތަންތަނުގެ ތެރޭގައި ހިމެނޭ އެއް ތަނެވެ.
އެންމެ ފުރަތަމަ މިޞްރުގައި ރަސްކަމެއް ފެށިފައިވަނީ 3000 މ.ކ ގައެވެ. އެއީ ރަސްގެފާނު މީނާ ފެށްޓެވި ރަސްކަމެވެ. މި ރަސްގެފާނަށް ފަހު މިޞްރުގައި އެތައް ޢާއިލާއަކުން ވެރިކަން ކޮށްފައިވެއެވެ.
މިޞްރުގެ ވެރިކަމުގައި ވަރަށް މަޝްހޫރު ރަސްރަސްކަލުން ރެދަލި ކުރައްވާފައިވެއެވެ. މި ގޮތުން ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ކިލިއޯޕެޓްރާ އާއި މަޝްހޫރު ފިރްޢައުނުން ހިމެނެއެވެ.
މީލާދީން ހަތް ވަނަ ޤަރުނުގައި މިޞްރު ޢަރަބި މުސްލިމުންގެ ވެރިކަމުގެ ދަށަށް އައެވެ. އޭގެ ފަހުން މިޞްރުވެފައިވަނީ އިސްލާމީ ޙަޟާރަތުގެ މުހިއްމު ރަށަކަށެވެ.
މިޞްރުގެ ތާރީޚުގައި ދިމާވި އެންމެ ހިތްދަތި އެއްކަމަކީ މީލާދީން 14 ވަނަ ޤަރުނުގައި ކުރިމަތިވި ޠާޢޫންގެ ވަބާއެވެ. މި ބަލީގެ ސަބަބުން މުޅި މިޞްރުގެ އާބާދީގެ ތެރެއިން 40% މީހުންގެ ފުރާނަ ގެއްލިގެން ދިޔައެވެ.
މިޞްރު އިނގިރޭސީންގެ އަތްދަށުން މިނިވަންވެފައިވަނީ 28 ފެބްރުއަރީ 1922 ގައެވެ.
މިޞްރުގައި ޖުމްހޫރިއްޔާއެއް ޤާއިިމުކުރެވުނީ 18 ޖޫން 1953 ގައެވެ. މިޞްރުގެ ޤައުމީ ދުވަނީ 23 ޖުލައިއެވެ.
ޑެމޮގްރަފިކްސް
އާބާދީީގައި 77 މިލިޔަން މީހުން ތިބި މިޞްރަކީ އެފްރިކާ ބައްރުގައި އޮތް ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އަދި މެދުއިރުމަތީގައި އޮތް އެންމެ އާބާދީ ބޮޑު ޤައުމެވެ. ދުނިޔެއަށް ބަލާއިރު 16 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. 1798 ވަނަ އަހަރުގައި ނަޕޯލިޔަން މިޞްރަށް ޙަމަލާދެއްވި އިރު މިޞްރުގެ އާބާދީގައި ތިބި ކަމަށް ލަފާކުރެވިފައިވަނީ 3 މިލިޔަން މީހުންނެވެ.
މިޞްރުގެ އާބާދީގެ 98% މީހުންނަކީ މިޞްރީންނެވެ. ކޮންމެވެސް ވަރަކަށް ބަދަވީ ޢަރަބީން ވެސް މިޞްރުގެ އާބާދީގައި ޚާއްޞަކޮށް ސައިނާ ސަރަޙައްދުގައި ތިބިކަން ފާހަގަކުރެވެއެވެ.
މިޞްރުގެ އާބާދީގެ 80% އާއި 90% ދެމެދު މީހުންނަކީ މުސްލިމުންނެވެ. ނަޞާރާއިންގެ އާބާދީއަކީ 10% އާއި 20% މީހުންނެވެ.
ސަގާފަތު
މިޞްރުގެ ސަގާފަތަކީ 6000 އަހަރުގެ ލިޔެވިފައިވާ ތާރީޚެއް އޮތް ސަގާފަތެކެވެ. އާޓާއި ފަންނުގެ ރޮނގުގައި މިޞްރަށް ލިބިފައިވަނީ ވަރަށް ވެސް މަތިވެރި ވަނައެކެވެ. އަދަބިއްޔާތާއި ސަންގީތުގެ ރޮނގުގައި ވެސް މިޞްރަކީ ފާހަގަކޮށްލެވޭ ފަދަ ޤައުމެކެވެ.
އިޤްތިޞާދު
އިޤްތިޞާދީ ގޮތުން ބަލާއިރު މުޅި މެދު އިރުމަތީގައި ވެސް އޮތް އެންމެ ދުޅަހެޔޮ އެއް އިޤްތިޞާދަކީ މިޞްރުގެ އިޤްތިޞާދެވެ. މިޞްރުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 5896 ޑޮލަރެވެ.