އިއްދައިން ކެނޑުން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

އިއްދައިން ކެނޑުން(އިނގިރޭސި ބަހުން: Menopause) އަކީ އަންހެނުން އުމުރުން ދުވަސްވުމުގެ ސަބަބުން މައްސަރު ކަންތައް ޖެހުން ހުއްޓި، އަންހެނާގެ ކިބައިގައިވާ ދަރިމައިވުމުގެ ކުޅަދާނަކަން ގެއްލިގެން ދިއުމެވެ. އެއާއެކު ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް ގެނުވައި އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. ބައެއް އަންހެނުން އިއްދައިން ކެނޑުމަކީ އެމީހެއްގެ އަންހެންވަންތަކަން ގެއްލިގެން ދިއުން ކަމުގައި ސިފަކުރެއެވެ. އަދި އެއީ ބައްޔެއް ކަމުގައި ބެލެވެން ފަށައެވެ. ނަމަވެސް މިއީ ކުށްހީއެކެވެ. އެހެނީ އިއްދައިން ކެނޑުމަކީ ފަހަރެއްގައި ވެސް ބައްޔެއް ނޫނެވެ.


އިއްދައިން ކެނޑުމުގެ އުމުރު[އުނިއިތުރު ގެންނަވާ]

އިއްދައިން ކެނޑުމުގެ އުމުރަކީ ދަރިމައިވުން ހުއްޓި މައްސަރު ކަންތައް ޖެހުން ހުއްޓޭ އުމުރެވެ. މިއުމުރަށް ދިއުމުން އަންހެނުންގެ ކިބައިގައި ހުންނަ ދަރިމައިވުމުގެ ގާބިލިއްޔަތު ގެއްލިދެއެވެ. އެއީ އަންހެނާގެ ރަހިމްގެ ދެފަރާތުގައިވާ ދެ ބިސްރަވަ އިން ބިސްދޫކުރުން ހުއްޓާލާތީއެވެ. އަދި ހަމަމިހެން ޖިންސީ ހޯރމޯންތައް ކަމުގައި ބެލެވޭ އެސްޓްރަޖަން، އަދި ޕްރޯޖެސްޓަރޯން ވެސް އުފެއްދުން ހުއްޓާލައެވެ. އާންމުގޮތެއްގައި އިއްދައިން ކެނޑުން ކުރިމަތިވަނީ އުމުރުން 50-45 އަހަރާއި ދެމެދުގެ ދުވަސްވަރެއްގައެވެ. ފަހަރެއްގައި ތަންކޮޅެއްކުރިން ނުވަތަ ލަހުން ވެސް އިއްދައިން ކެނޑޫމަކީ ވެދާނެ ގޮތެކެވެ.

އިއްދައިން ކެނޑުން ކުރިމަތިވާގޮތް[އުނިއިތުރު ގެންނަވާ]

ބައެއް އަންހެނުންނަށް އެންމެ ފަހަރަކުން ޙައިޟުވުން ހުއްޓޭގޮތަށް އިއްދައިން ކެނޑުން މެދުވެރި ކުރުވައެވެ. ބައެއް އަންހެނުންނަށް ބިސްރަވަ އިން ބިސް އުފެއްދުން ހުއްޓުމާއި ގުޅިގެން އޭގެ އަސަރު މައްސަރުކަންތަކަށް ފޯރާގޮތްވެއެވެ. ފުރަތަމަ ވަކި މުއްދަތަކަށް ހައިޟުގެ ލޭ ބޭރުވާ މިންވަރު މަދުވެއެވެ. އެއަށްފަހު ގައިވައިދުން މަދުވަމުންގޮސް އެއްކޮށް ހުއްޓި ދެއެވެ. ބައެއް މީހުންނަށް ދެހައިޟުގެ ދޭތެރޭގައި ދުވަސް ގިނަވެ އެންމެ ފަހުން ގޮސް އެއްކޮށް ޙައިޟުވުން ހުއްޓިދެއެވެ. އަނެއް ބައިމީހުންނަށް މަޑުމަޑުން ޙައިޟުވުމަށް ބަދަލު އަންނަމުން ގޮސް އެއްކޮށް ހުއްޓި އިއްދައިން ކެނޑޭގޮތް މެދުވެރި ވެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ގޮތަކުން ނަމަވެސް އޮޕަރޭޝަން ކޮށްގެން ބިސްރަވަ ނަގައިފިނަމަ އެމީހަކު އެދުވަހުން ފެށިގެން އިއްދައިން ކެނޑުނީކަމުގައި ބެލެވިދާނެއެވެ.


އިއްދައިންކެނޑުމަށް ދިމާވާގޮތް[އުނިއިތުރު ގެންނަވާ]

އިއްދައިން ކެނޑުން ކުރިމަތިވާ މައިގަނޑު ސަބަބަކީ ރަހިމުގެ ދެފަޅީގައިވާ ބިސްރަވަ އިން ބިސްދޫކުރުން ހުއްޓާލުން ނުވަތަ ބިސް އުފެއްދުން މަދުވުމެވެ. ފުރާއުމުރުން ފެށިގެން އަންހެންކުދިންނަށް ކުރިމަތިވާ މައްސަރު ކަންތައް ނުވަތަ ޙައިޟުވުން ޖެހެނީ ސިކުނޑިގައިވާ ހައިޕޯތަލަމަސްއޭ ކިޔުނު ހިސާބުން ގޯނާޑޮޓްރޮޕިން ރިލީސިންގ ހޯރމޯން ދޫކުރަން ފެށުމުންނެވެ. މި ހޯރމޯން އަކީ ޕިޓޫއިޓަރީ ގްލޭންޑް އިން ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން، އަދި ލޫޓީއިނައިޒިންގ ހޯރމޯން ދޫކުރުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ް ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން، ބޭރުވުމަކީ ބިސްރަވައިގެ ތެރޭގައި ބިސް އެކުލެވިގެންވާ ކުދިކުދި ފޮލިކަލްތައް އުފެދި ބޮޑުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ކޮންމެ މަހަކު ފޮލިކަލް ސްޓިމިއުލޭޓިންގ ހޯރމޯން، އަދި ލޫޓީއިނައިޒިންގ ހޯރމޯން ގެ ސަބަބުން ފޮލިކަލް ތައް ފައްކާވެ، ބިސްދޫކުރުމުގެ ތެރޭގައި އެސްޓްރަޖަން، އަދި ޕްރޯޖެސްޓަރޯން ބޭރުކުރެއެވެ. ފަހުން މިބުނެވުނު ދެހޯރމޯން އަކީ ބަލިވެ އިނުމުގެ ތެރޭގައި ރަހިމު ފުޅާވެ، އޭގެ ފަށަލަ ބޯކުރުމުގައި ޒިންމާވާ ދެހޯރމޯންއެވެ. ލޫޓީއިނައިޒިންގ ހޯރމޯން ދޮންވެ ފައްކާވެފައިވާ ބިސް ފޮލިކަލް އިން ބޭރުކުރުމަށް ބާރުއަޅައެވެ. ބަލިވެ ނީދެއްޖެނަމަ އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯންގެ މިންވަރު ދަށްވެ، ރަހިމުގެ އެތެރެއިން ލެވިފައިވާ ދުލިފަށަލަ ފެޅި، ޙައިޟުގެ ލޭގެ ގޮތުގައި ބޭރުވެގެން ދެއެވެ.

އުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ބިސްރަވައިގެ ތެރޭގައި ހުންނަ ފޮލިކަލްގެ މިންވަރު މަދުވެ، އޭގެ ފެންވަރު ދަށްވެގެންދެއެވެ. މާނައަކީ ބިސް އުެފެއްދުންވެސް މަދުވެގެން ދިއުމެވެ. އެއާއެކު އެސްޓްރަޖަން އަދި ޕްރޯޖެސްޓަރޯން ވެސް އުފެއްދުން މަދުވެ، ހުއްޓުމަކަށް އަންނަގޮތް ވެއެވެ. އާޚިރު ނަތީޖާއަކީ މައްސަރު ކަންތަކަށް ބަދަލު އައިސް ހުއްޓެމުންގޮސް މުޅިން މައްސަރުކަންތައް ޖެހުން ހުއްޓިގެން ދިއުމެވެ. އިއްދައިން ކެނޑުން ކުރިމަތިވަނީ މިބީދައިންނެވެ.

އިއްދައިން ކެނޑުމުން އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް[އުނިއިތުރު ގެންނަވާ]

އިއްދައިން ކެނޑުމުން އަންހެނުންގެ ހަށިގަނޑަށް ތަފާތު ގިނަ ބަދަލުތައް އާދެއެވެ. އޭގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ އަދި ޞިއްހީ ބަދަލުތައް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ބަދަލުތައް ގުޅިފައިވަނީ އިއްދައިން ކެނޑުމާއި ކަމަށްވިޔަސް އަނެއް ބައި ބަދަލުތަކަކީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ކަންތައްތަކެވެ.

ނަސްލު އުފެއްދުމާއިބެހޭ ބައިތަކަށް އަންނަ ބަދަލުތައް[އުނިއިތުރު ގެންނަވާ]

  • ބިސްރަވަ : މިތަނުން ޖިންސީ ހޯރމޯން އުފެއްދުން ހުއްޓުމާއި ގުޅިގެން ބިސްރަވަ އިގެ ސައިޒުން ކުޑަވެ، އެއްވެސް ހަރަކާތެއް ނެތް ހަރުޖިސްމު އަކަށް މަޑުމަޑުން ބަދަލުވެއެވެ.
  • ބިސް ދަތުރުކުރާ ހޮޅި : ބިސް ދަތުރުކުރާ ހޮޅީގެ ސައިޒުން ކުޑަވެ، އޭގެ ސެލްތަކުގައި ހުންނަ ނަރުވާތައް ގެއްލި ނެތިދެއެވެ. ނަތީޖާއެއްގެ ގޮތުން މިހޮޅިއަށް ލިބިގެންވާ ޚާއްޞަ ހަރަކާތް ގެއްލި ބީވެގެންދެއެވެ. މިބުނި ހަރަކާތަކީ ކުރިން ބުނި ނަރުވާތަކުގެ އެހީގައި ބިސް ރަހިމް އާއި ދިމާއަށް ގެންދިއުމެވެ.
  • ރަހިމު : ރަހިމްގެ ސައިޒުން ކުޑަވެ، އޭގެ ބަތާނައަށް ވަޅޯކަން ނުވަތަ ނިކަމެތިކަން އާދެއެވެ. ބައެއް އަންހެނުންނަށް ރަހިމް އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ މަސް ފަށަލަ ތަކަށް ދޫކަންލިބި، ރަހިމް ތަންކޮޅެއް ތިރިއަށްޖެހި ތަލީވައި ގެ އުދަގޫތައް އިހްސާސް ކުރެވެއެވެ. ތަލީވައި ކުރިމަތިވުމުން ބައެއް ފަހަރު ކެއްސުން، ކިނބިހިއެޅުން، ބަރުއެއްޗެއް އުފުލުން، ނުވަތަ ބާރަށް ހުނުން ފަދަ ކަމެއް ކުރުމުގެ ތެރޭގައި ކުޑަކަމުދެވޭގޮތް ވުމަކީ ވެދާނެ ގޮތެކެވެ.
  • އަންހެނާގެ ޖިންސީ ގުނަވަން : އަންހެނާގެ ޖިންސީ ގުނަވަނުގެ އެތެރޭގެ ހަންފަށަލަ ތުނިވެ، އޭގެ ވާންކަން ކެނޑި، އެއަށް ލިބިގެންވާ ރޫފަ، ނުވަތަ ސިފަ ގެއްލިދެއެވެ. ހަމަމިހެން އެތެރޭގައި ހުންނަ ތެތްކަން ކުޑަވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން އެތެރެއިން ކަހައި ހިރުވާގޮތް ވެއެވެ. ޖިންސީ ގުނަވަނުގެ ތެރޭގައި ހުންނަ ގްލައިކޯޖަން ހުސްވެއެވެ. އެކަމުގެ ސަބަބުން ޖިންސީ ގުނަވަނުގެ ތެރޭގައި ހުންނަ އެސިޑިޓީ ބީވެ ގޮސް ތަފާތު އިންފެކްޝަންތަކަށް ފަސޭހައިން އަންހެނާ ހުށަހެޅޭގޮތް ވެއެވެ.
  • ފަރުޖު : އިސްމަތީގައިވާ އިސްތަށިތައް މަދުވެ، އޭގެ ކުލަ ހުދު ނުވަތަ މަޑު އަޅިކުލައަކަށް ބަދަލުވެގެން ދެއެވެ. ބޮޑު ދެތުންފަތުގެ މަތީގައި އޮންނަ ސަރުބީތައް ވިރިދެއެވެ. އެހެންކަމުގެ ފަރުޖުގެ ދޮރު ފުޅާވެ، އެއަށް ލިބިގެންވާ ވާންކަން ގެއްލިދެއެވެ.
  • އުރަމަތި: ކިރު ބޭރުކުރާ ގޮށްތައް ހިނދި، އޭގެ ވާންކަން ގެއްލި، ހަންގަނޑުގައި ރޫޖެހި އެލޭގޮތް ވެއެވެ.

މުޅިހަށިގަނޑަށް އާންމުކޮށް އަންނަ ބަދަލުތައް[އުނިއިތުރު ގެންނަވާ]

  • އަންހެންވަންތަ ސިފަތައް ގެއްލިދެއެވެ. އަޑުކުރަކިވެ، ހަށިގަނޑުގެ ލޫޅާފަތިކަން ގެއްލިދެއެވެ. ހަންގަނޑުގައި ހުންނަ އޮމާންކަން ގެއްލި ރޫޖެހޭގޮތްވެއެވެ. ހަންގަނޑު ހިކިވެ، ކުރަކިވާގޮތް ވެއެވެ.
  • އިސްތަށި ފައިބާން ފަށައެވެ. އަދި ދަތްދޮޅި މަތިމަސް ފަދަ ހިސާބު ތަކުގައި އިސްތަށި ފަޅައި ފިރިހެންވަންތަ ސިފަ ފާޅުވާން ފަށައެވެ.
  • ހަށިގަނޑުގެ ކަށިތައް ދެރަވެ ކަށި ފީވުން ކުރިމަތި ކުރުވައެވެ. ހުޅުތަކުގެ ރިހުން މެދުވެރި ކުރުވައެވެ. އަދި ލޭމައްޗަށްދިއުން ވެސް މެދުވެރިވެއެވެ.

ޚާއްޞަ ބައެއް އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ކުރިން ބުނެވުނު ކަންތައްތަކުގެ އިތުރުން އިއްދައިން ކެނޑުމަށްފަހު ކުރިމަތިވެދާނެ ޚާޢްޞަ ކަންތައްތަކެއް ވެއެވެ. މިކަންތައްތައް އާންމުކޮށް ފެންނަނީ ވަގުތީ ކަންތައްތަކެއްގެ ގޮތުގައެވެ. ހަމަމިހެން އެކިމީހުންނަށް އެކިމިންވަރަށެވެ. ބައެއް މީހުންނަށް ވަރަށް ބޮޑަށް މިފަދަ ކަންތައްތައް ކުރިމަތިވާއިރު އަނެއްބައި މީހުންނަށް މެދު މިންވަރަކަށް ނުވަތަ އެއްވެސް ވަރަކަށް ކުރިމަތި ނުވެވެސް ހިގައިދާނެއެވެ.

ފާހަގަކުރެވިފައިވާ ގޮތުގައި އިއްދައިން ކެނޑިފައިވާ މީހާގެ މިޒާޖު ހިތްހަމަނުޖެހި ރުޅިގަދަވެފައި ހުންނަވަރަކަށް މިފަދަ ކަންތައްތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. މިގޮތުން އިއްދައިން ކެނޑުމަށްފަހު އަންނިވި ކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

  • ހަށިގަނޑުން ހޫނުއެރުން: މިހޫނުކަން މޭމަތިން ފެށިގެން ކަރާއި، ކަދުރާ، މޫނު އަދި ބޮލަށް ފެތުރިގެންދެއެވެ. މިހޫނުކަން ގާތްގަނޑަކަށް މިނިޓެއްވާއިރަށް ފިނިވެ ދާހިއްލަން ފަށައެވެ. ދުވާލުގެ ކޮންމެ ވަގުތެއްގައި ވެސް މިގޮތަށް ހޫނުއެރުން ކުރިމަތިވެދާނެއެވެ.
  • ބޮލުގައި ރިހުން، ބޯއެނބުރުން، މޭތެޅުން، ވަރުބަލިވުން، ރޭގަނޑު ދާހިއްލުން އިތުރުވުން ފަދަ ކަންތައްތައް ކުރިމަތިވާ މިންވަރު އިތުރުވެ، އެކަމުގެ ޝަކުވާ ގިނަގިނައިން ކުރެވޭގޮތް ވެއެވެ.
  • ނިދަން އުދަގޫވުން ނުވަތަ ނިދިނައުން ކުރިމަތިވެ، މިޒާޖާއި އުޅުމަށް ބަދަލުއަންނަގޮތް ވެއެވެ. ބައެއް ފަހަރު ކަމަކާއި ހިތްހަމަނުޖެހި ގިނައިރުތަކެއް ވަންދެން ވެސް ހުރެދާނެއެވެ. މާބޮޑަށް ހާސްވެ ފިކުރުބޮޑުވެ، ކަންބޮޑުވާގޮތް ވެސް ވެދާނެއެވެ. ނުވަތަ ހިތްދަތިވެ، މާޔޫސް ވާގޮތް ވެސް ވެދާނެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމަކީ ވެސް ވެދާނެ ގޮތެކެވެ.
  • ދަރިން ނުލިބޭ ބައެއް އަންހެނުން އިއްދައިން ކެނޑުމަށްފަހު ބަލިވެ އިންކަމުގައި ބުނެއެވެ. މިގޮތަށް ބަލިވެ އިންކަމުގެ ވަހުމު އުފެދި އެޝަކުވާ ކުރެވޭގޮތްވަނީ ވައި އަދި ސަރުބީގެ ސަބަބުން ބަނޑުފުފޭގޮތް ވާތީއެވެ.
  • މާބޮޑަށް ބަރުދަން އިތުރުވެ ފަލަވާގޮތް ވެއެވެ. ހަމަމިހެން މިމުއްދަތުގައި ކުރިމަތިވާ ނަފްސާނީ ފިއްތުން ތަކުގެ ސަބަބުން ބައެއް އަންހެނުން ަހަކުރު ބަލި ފަދަ ބަލިތަކަށް ހުށަހެޅޭގޮތް ވެއެވެ.
  • އުމުރުން ދުވަސްވެގެންދާއިރު ކަށި ފީވުން، ހިތުގެ ބަލިތައްޖެހުން އަދި ލޭމައްޗަށްދިއުން ފަދަ ކަންތައްތައް ފެންމަތިވެގެން އާދެއެވެ.
  • މަސާނާ، ގުރުދާ، ކުޑަކަމުދާ ހޮޅި ގުރުތާ ފަދަ ކުޑަކަމުދާ ނިޒާމްގެ ބައިތަކުގައި އިންފެކްޝަން އަށަގަންނަގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަގިނައިން އަވަސްއަވަހަށް ކުޑަކަމުދާންޖެހުން، ކުޑަކަމުދާއިރު އުދަގޫވުން، ކުޑަކަމުދާއިރު ދިލަނެގުން ރިއްސުން ފަދަ ކަންތައްތައް ކުރިމަތިވެގެންދެއެވެ.

އިއްދައިން ކެނޑުމުގެ އުދަގޫތަކުން ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • އިއްދައިން ކެނޑުމަށްފަހު ކުރިމަތިވާ އުދަގޫތައް ނުވަތަ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދީ އެއީ ތަބީޢީ ކަމެއްކަން ވިސްނައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެއީ ކޮންމެ އަންހެނަކަށްވެސް ކުރިމަތިވާ ދުވަސްވަރެއްކަން އަންގައިދީ ވިސްނައިދެވިދާނެ އެވެ. އިއްދައިން ކެނޑުމަކީ އަންހެންވަންތަކަން ގެއްލިގެން ދިއުން ނޫންކަން އަމިއްލައަށް ވެސް ގަބޫލުކުރަންވާނެއެވެ. ގިނަ ފަހަރު މިގޮތަށް ބުނެކިޔައިދިނުން ފަރުވާއަކަށް ފުދެއެވެ.
  • އިއްދައިން ކެނޑުމަށްފަހު ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ބޭނުންކުރަން ސަމާލުކަން ދޭންވާނެއެވެ. ޚާއްޞަކޮށް ވިޓަމިން ޑީ ހިމެނޭ ކާނާގެ ބާވަތްތައް ގިނަކުރަން ވާނެއެވެ. ކަޅުސައި، ކޮފީ، ކޯލާ ފަދަ ބުއިންތަކާއި ދުރުހެލިވާށެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ނާރުތަކުގެ ނިޒާމް ހީވާގިވެ، ނިދިނައުން އަދި ހިތްހަމަނުޖެހުން ފަދަ ކަންތައްތައް ކުރިމަތިވާތީ އެވެ.
  • ކޮންމެވެސް ކުޅިވަރެއް ކުޅެން ނުވަތަ ލުއި ކަސްރަތެއް ކުރަން އާދަކުރާށެވެ. ކޮންމެ ދުވަހަކުވެސް ހިގާލުމަކީ ފައިދާހުރި ކަސްރަތެކެވެ. އެކަމުގެ ސަބަބުން ހީވާގިވެ، ކާހިތްވެ، ފަސޭހައިން ނިދޭގޮތް ވެއެވެ.
  • ހޫނު އެރުން ކުޑަކުރުމަށްޓަކައި ނިދާކޮޓަރި ފިނިކޮށްފައި ބެހެއްޓުން، ގަޔަށްދޫ ހެދުންލުން، އަދި ހޫނުއަރަން ފެށުމުން ފިނިބުއިންތައް ބޭނުން ކުރެވިދާނެއެވެ.
  • ބައެއް ކަހަލަ އުދަގޫތަކަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަންޖެހެއެވެ. މިގޮތުން ބައެއް ފަހަރު އެސްޓްރަޖަން ހޯރމޯންގެ ފަރުވާ ދެވެއެވެ. މިކަމުގެ ސަބަބުން، ހޫނުއެރުން، އަންހެނާގެ ޖިންސީގުނަވަނުގައި ހިރުވައި ކެހުން، އަދި ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް ކުޑަކޮށްދޭ ކަމުގައި ބުނެވެއެވެ.