ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
Tumor Mesothelioma2 legend

ކެންސަރު (އިނގިރޭސި ބަހުން: Cancer) އަކީ އެއްވެސް ސަބަބެއްނެތި، އެއްވެސް ބޭނުމެއްނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް (ކޮންޓްރޯލް ނުވާވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާއުފެދުމެކެވެ.

ކެންސަރު އަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ވަކިކުރި ނަމަވެސް އަލުން އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރުގެ ދުޅަ އޭގެ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް ފެތުރިގެން ދިއުން އަވަސްވާނެ އެވެ. އަދި އެފެތުރިގެން އޭގެ އަސަރު ފޯރާ ބައިތައް ވެސް ފަސޭހަ ކަމާއެކު ހަލާކު ކޮށްލައެވެ. ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ.

ކުރިން ބުނިހެން ހަށިގަނޑުގެ ސެލްތަކަކީ ވަކި އުސޫލެއްގެ ދަށުން ނެތި، އާވެދާ ސެލްތަކެކެވެ. މިގޮތަށް ސެލްތައް ދުވަސްވުމުން ނެތި، އާވަމުން ދަނީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުންނެވެ.އަދި ވަކި ތަރުތީބަކާއި ހަމަތަކެއްގެ ދަށުންނެވެ. ބައެއް ފަހަރު މިގޮތަށް އާވެދާ ސެލްތައް އެއްވެސް އުސޫލެއް، ނުވަތަ ގަވާއިދެއް ނުވަތަ ހަމައެއް ލަމައެއް ނެތި އާވެ، އިތުރުވެ، ގިނަވަމުން އާދެއެވެ. މިބުނި އުސޫލުން އިތުރުވެ، ބޮޑުވަމުންދާ ސެލްތަކުގެ ފުނިވަރަކަށް ކިޔަނީ ޓިއުމަރ(Tumour)އެވެ. ޓިއުމަރ ހަށިގަނޑުގައި ބޭނުމެއް ނެތް ގަނޑުއެއް، ނުވަތަ ދުޅައެއް އުފައްދައެވެ. އެހެންކަމުން ޓިއުމަރ އަކީ ހަށިގަނޑުގައި އުފެދޭ ދުޅައެކެވެ. އަދި ކެންސަރަކީ މިފަދަ ދުޅައިގެ ވައްތަރެކެވެ. ޓިއުމަރ އުފެދުމަށް ގަނޑުލުން މިހެން ކިއިދާނެ އެވެ. އަދި ޓިއުމަރ އަށް ގަނޑު މިހެން ވެސް ކިޔައި އުޅެއެވެ. (ނޯޓް: ދިވެހިން އާންމުކޮށް ގަނޑުލުން ކިޔަނީ ގޮށްލުން މިކަމަށް ނިސްބަތް ކޮށެވެ. ގޮށްލުމަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެތުރިފައިވާ ލިމްފް ގޮށްތައް ދުޅަވުމަށް ކިޔައި އުޅޭ ބަހެކެވެ. އެހެން ކަމުން ކެންސަރާއި ވިދިގެން ގަނޑުލުން އަދި އާންމުކޮށް ކިޔައިއުޅޭ ގޮށްލުން މިއީ މުޅިން ތަފާތު ދެކަމެކެވެ. ނަމަވެސް ލިމްފް ނޯޑްތަކަށް ކެންސަރު ޖެހި ދުޅަވުމަކީ ވެސް ވެދާނެ ގޮތެކެވެ. )

ކެންސަރުގެ އިލްމީ ތައުރީފަކީ އެއްވެސް ސަބަބެއް ނެތި، އެއްވެސް ބޭނުމެއް ނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް(ކޮންޓްރޯލްނުވާ ވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާ އުފެދުމެކެވެ.

މިބުނި އުސޫލުން އުފެދޭ ދުޅަ ނުވަތަ ޓިއުމަރ ދެބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ ބިނައިން ޓިއުމަރ (Benign Tumour) އަދި މެލިގްނަންޓް ޓިއުމަރ(Malignant Tumour)ވެ. މިދެވައްތަރުގެ ތެރެއިން ފުރަތަމަ ވައްތަރަކީ ކެންސަރެއް ނޫނެވެ. އާންމުކޮށް ކެންސަރޭ ކިޔަނީ މެލިގްނަންޓް ޓިއުމަރ އަށެވެ.އަދި ކެންސަރު ގެ އަސަރު ފޯރާފައިވާ ސެލްތަކަށް މެލިގްނަންޓް ސެލް(Malignant cells) އޭ ކިޔައެވެ. ޓިއުމަރ އަށް ކާނާ ލިބެނީ ޓިއުމަރ އުފެދިފައިވާ ހިސާބު ވަށައިގެން ހުންނަ ލޭހޮޅި ތަކުންނެވެ.

ކެންސަރުގެ ސެލް[އުނިއިތުރު ގެންނަވާ]

ކެންސަރު އުފެދެނީ ބައިބައިވެ އިތުރުވުން ކޮންޓްރޯލް ނުކުރެވޭ ސެލް ހަށިގަނޑުގައި އުފެދުމުގެ ސަބަބުންނެވެ. މިއީ ކެންސަރުގެ ސެލް(އިނގިރޭސި ބަހުން: Cancer cell) އެވެ. މިބާވަތުގެ ސެލް ހަށިގަނޑުގެ ޓިޝޫތަކުގެ ތެރެއަށް ވަދެ ޓިޝޫތައް ހަލާކު ކުރެއެވެ. ހަށިގަނޑުގައި ކެންސަރުގެ ސެލް އުފެދެމުންދާނީ، އާދައިގެ އެހެން ސެލްތަކާ ވެސް އެކުގައެވެ. ނަމަވެސް ކެންސަރުގެ ސެލް އިތުރުވަމުންދާ ނިސްބަތް ހަށިގަނޑުގެ އެހެން ސެލްތަކަށްވުރެ މާގިނައެވެ. އެހެންކަމުން ކެންސަރުގެ ސެލްތަކަށް އާލޭހޮޅިތައް އުފެދި، ހަށިގަނޑުގައިވާ ލޭގެ ވަރަށް ބޮޑު ބައެއް ޙިއްޞާ ކުރަމުންދަނީ މިސެލްތަކެވެ. ނަތީޖާއަކީ ހަށިގަނޑުގައިވާ އެހެން ސެލްތަކަށް ބޭނުންވާ ކާނާގެ މާއްދާތައް އެސެލްތަކަށް ނުލިބުމުގެ ސަބަބުން އާދަޔާ ޚިލާފަށް ހަށިަގނޑުން ލޭމަދުވެގެން ދިއުމެވެ. ކެންސަރުގެ ސެލްތަކުގެ ހަރަކާތްތައް އާދައިގެ އެހެން ސެލްތަކާ ބައެއް ގޮތްގޮތުން ތަފާތެވެ. އޭގެތެރޭގައި:-

  • ކެންސަރުގެ ސެލް ހަށިގަނޑުގެ ވަކިތަނެއްގައި ހިފެހެއްޓިފައެއް ނުހުރެއެވެ.
  • ހަށިގަނޑުގެ އެތެރޭގައިވާ ގުނަވަންތަކުގެ ޓިޝޫތަކުގެ ތެރެއަށް ކެންސަރު ސެލްތައް ވަދެ، މުޅި އެގުނަވަނެއްގެ ހަރަކާތުގެ ނިޒާމަށް ބުރޫއަރުވައެވެ.
  • ބައެއް ކެންސަރުގެ ސެލް، އެސެލްތައް ފުރަތަމަ އުފެދުނު ހިސާބުން ވަކިވެ، ލޭހޮޅިތަކުގެ ތެރެއިންނާއި، ލިމްފްްް ދަތުރުކުރާ ހޮޅިތަކުގެ ތެރެއިން ހަށިގަނޑުގެ ދުރު ހިސާބުތަކަށް ދަތުރުކޮށް، އެހިސާބުގައި ހާލިހަދާ އިތުރު ޓިއުމަރު ނުވަތަ ގަނޑު އެތަންތާގައި އުފައްދައެވެ. މިބާވަތުގެ ކެންސަރު އަށް ކިޔަނީ ފުރަތަމަ އުފެއްދި ކެންސަރު އިން އުފެއްދި ދެވަނަ ކެންސަރު ނުވަތަ ސެކަންޑްރީ ކެންސަރު އެވެ.

ކެންސަރ ސެލްތަކުން ހަށިގަނޑުގެ އެކި ހިސާބުގައި ޓިއުމަރު (ގަނޑު) އުފައްދާ އުޞޫލުން، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ތެރެއަށް ވެސް ދަތުރުކޮށް އެތަންތާގައި ވަކި ހިއްޕާލާ އޭގެ ސަބަބުން އެގުނަވަނެއް ހަލާކުކޮށްލާ އެންމެ ފަހުން އެމީހެއްގެ މަރާ ކުރިމަތިކުރުވައެވެ.

ހަށިގަނޑުގައި ކެންސަރު ފުރަތަމަ އުފެދޭ ތަނެއްގައި އެބަލި ފެތުރުން ބައެއް ފަހަރު ލަސްވާގޮތް ވެދާނެއެވެ. ނަމަވެސް ފުރަތަމަ އުފެދުނު ކެންސަރުގެ ސަބަބުން ހަށިގަނޑުގެ އެހެން ގުނަވަނެއްގައި އުފައްދާ ދެވަނަ ކެންސަރު މާހަލުވިކަމާއެކު ފެތުރިގެންދާގޮތް ދިމާވެއެވެ. މިސާލަކަށް ބަނޑުގެ ވަކި ތަނެއްގައި ކެންސަރު އުފެދި އިތުރު ތަނަކަށް ނުފެތުރި ކުޑަ ދުވަސްކޮޅަކު ހުރެދާނެއެވެ. ނަމަވެސް ބަނޑުގައި އުފެދުނު ކެންސަރުގެ ސެލްތަކުގެ ތެރެއިން ބައެއް ސެލް ފުރަމޭގެ ތެރެއަށް ނުވަތަ އެހެން ގުނަވަނަކަށް ދަތުރުކޮށް، އޭގެ ސަބަބުން އުފައްދާ ކެންސަރު މާހަލުވިކަމާއެކު ފެތުރިދާގޮތް ދިމާވެއެވެ. އަދި މިގޮތަށް އުފެދޭ ކެންސަރުގެ ނުރައްކާތެރިކަން ވެސް މާބޮޑުވާނެ އެވެ. ހަށިގަނޑުގައި ކެންސަރު ފެތުރުމުގެ އަވަސް ލަސްމިން ބިނާވެފައި އޮންނަނީ ކެންސަރ ސެލް އުފެދެން ފަށާފައިވާ ހަށިގަނޑުގެ ޓިޝޫގެ ވައްތަރާއި، އަދި ހަށިގަނޑުގައި އުފެދިފައިވާ ކެންސަރުގެ ބާވަތުގެ މައްޗަށެވެ. ގިނަފަހަރަށް ކެންސަރު ޖެހިފައިވާކަން ދެނެގަނެވެނީ ވެސް ފުރަތަމަ އުފެދުނު ކެންސަރު އިން އުފައްދާ ދެވަނަ ކެންސަރު ހަށިގަނޑުގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ. ހަށިގަނޑުގައި ކެންސަރު ސެލް އިތުރުވާން ފަށައިފިނަމަ، އާންމު ގޮތެއްގައި ދިމާވާ ކަމަަކީ ހަށިގަނޑުގެ އެކިތަންތާގައި ގޮށްލާ ދުޅަވާގޮތް ވުމެވެ. ނޫނީ ގަނޑު އުފެދުމެވެ. މިގޮތުން ހަށިގަނޑުގައި ކެންސަރުގެ ގަނޑާއި، ކެންސަރު ނޫން ގަނޑު އުފެދެއެވެ. ހަށިގަނޑުގައި އުފެދޭ ކެންސަރުގެ ގަނޑަށް ކިޔަނީ މެލިގްނަންޓް ޓިއުމަރ(އިނގިރޭސި ބަހުން: Malignant Tumour) އެވެ. ކެންސަރަށް ނުވާ ބާވަތުގެ ގަނޑަށް ކިޔަނީ ބެނައިން ޓިއުމަރ(އިނގިރޭސި ބަހުން: Benign Tumour) އެވެ. ވީމާ ކެންސަރަކީ ޓިއުމަރު(ގަނޑު)ގެ ބާވަތެކެވެ.

ހަށިގަނޑުގެ އެކި ތަންތާގައި އުފެދޭ ގަނޑުގެ ވަށައިގެންވާ ޓިޝޫތައް ހުންނަނީ ގަނޑާ އެކުވެފައެވެ. އެކަމުގެ ސަބަބުން ގަނޑު އުފެދިފައިވާ ހިސާބުގައި ހަމުގެ މަތީން އަތް ޖައްސާލައިފިނަމަ ހަރުކަމެއް ހުރެދާނެއެވެ. ނަމަވެސް ގަނޑުގައި ހިފައި ކޮޅުކޮޅަށް ޖައްސައެއް ނުހެދޭނެއެވެ.

ހަށިގަނޑުގައި ދުޅަވާ ކޮންމެ ގޮށަކީ އަދި ގަނޑަކީ ކެންސަރެއް ނޫނެވެ. އަދި ހަށިގަނޑުގައި އުފެދޭ ސިސްޓް އާއި ގޮށާއި، އެސްވަޅުފަދަ ތަންތަން ފަރުވާކޮށްގެން ރަގަޅު ކުރެވިދާނެ އެވެ. ނަމަވެސް ހަށިގަނޑުގައިވާ މިފަދަ ތަނެއް އޮޕަރޭޝަންކޮށްގެން ނަގައިފިނަމަ ކެންސަރުގެ އަސަރެއް އޭގައި އެކުލެވިގެންވޭތޯ ބެލުމުގެ ގޮތުން އޭގެ އެތިކޮޅެއް ނަގައިގެން (ބައިއޮޕްސީ) ޓެސްޓްކުރުމަކީ މުހިއްމު ކަމެކެވެ. އިންސާނާގެ ހަށިގަނޑުގައި އުފެދޭ ޓިއުމަރު ދެވައްތަރުގެ ތެރެއިން ކެންސަރު ގެ ގޮތުގައި ބެލެވެނީ ހަމައެކަނި މެލިގްނަންޓް ޓިއުމަރު ނުވަތަ ކެންސަރު ޖައްސާ ޓިއުމަރު އަށެވެ.

ކެންސަރު ފެތުރުން[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހުމުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ބަލީގެ އަސަރު ފެތުރިގެން ދިއުމެވެ. މިގޮތުން ކެންސަރުގެ އަސަރު ހަށިގަނޑުގައި ފެތުރެމުންދަނީ ތިރީގައި މިބަޔާންކުރާ އުޞޫލުތަކާ އެއްގޮތަކަށެވެ.

  • ހަށިގަނޑުގައި ކެންސަރު އުފެދުނު ފުރަތަމަ ހިސާބުގައި ބަލި ފެތުރެމުންދިއުން : ހަށިގަނޑުގައި ކެންސަރުގެ އަސަރު ފުރަތަމަ ފެށުނު ގުނަވަނާ އެގުނަވަނަކާއި، ގުޅިފައިވާ ޓިޝޫތައް ފިޔަވައި، އެހެން ހިސާބުތަކަށް ބަލި ފެތުރެމުންދިއުން
  • ލިމްފް މަގުން ކެންސަރު ފެތުރުން : ހަށިގަނޑުގެ ތެރޭގައި ދަތުރުކުރާ ލިމްފް ދިޔަވަރުގެ ތެރެއަށް ކެންސަރުގެ ސެލްތައް ފެތުރި، ލިމްފް ގްލޭންޑް ނުވަތަ ލިމްފް ނޯޑް ގައި ކެންސަރު ސެލްތައް ހަރުލާ އެތަންތާގައި މިބަލި ފެތުރެމުންދިއުން
  • ލޭގެ މަގުން ކެންސަރު ފެތުރުން: ލޭގެ ތެރެއަށް ކެންސަރުގެ ސެލްތައް ދަތުރުކޮށް، ލޭގެ ތެރޭގައި މިސެލްތައް ފެތުރެމުންދިއުމާއި، އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް މިސެލްތައް ދަތުރުކޮށް އެތަންތާގައި ސެލްތައް ހަރުލައި، ފުރަތަމަ އުފެދުނު ކެންސަރުން އުފައްދާ ދެވަނަ ކެންސަރު އުފެދުން. މިގޮތުން އުފެދޭ ދެވަނަ ކެންސަރު އެންމެ އާންމުކޮށް ޖެހޭ ކަމަށް ބެލެވޭ އެއް ގުނަވަނަކީ ފުއްޕާމޭ އެވެ. އެތެރެހަށީގެ ގުނަވަންތަކުގެ ތެރެއިން އެންމެ އާންމުކޮށް ޖެހެނީ ފުރަމޭ އަށެވެ. ނަމަވެސް ހަށިގަނޑުގެ އެތެރޭގެ ކޮންމެ ގުނަވަނަކަށް ވެސް ފަސޭހަކަމާއެކު ކެންސަރު ޖެހިދާނެ އެވެ.

ކެންސަރުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ކެންސަރުގެ ވައްތަރުތައް ބަހާލެވެނީ މައިގަނޑު 4 ބަޔަކަށެވެ. އެއީ:-

  • ކާސިނޯމާ : އެޕިތީލިއަލް ސެލްއަށް ޖެހޭ ބާވަތުގެ ކެންސަރު
  • ސާރކޯމާ : މަހާއި ކަށީގެ ބައިތަކަށާއި، ލޭހޮޅިތަކަށާއި، ލިމްފް ދަތުރުކުރާ ހޮޅިތަކަށް ޖެހޭ ބާވަތުގެ ކެންސަރު
  • ލުކީމިޔާ : ލެޔަށްޖެހޭ ކެންސަރު
  • ލިމްފޯމާ: ލިމްފް ގްލޭންޑް އާއި ލިމްފް ނޯޑް އަށް ޖެހޭ ކެންސަރު
Symptoms of cancer metastasis

ކެންސަރު ޖެހިދާނެކަމަށް ބެލެވޭ ސަބަބުތައް[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހުމުގައި ތިމާވެއްޓާއި ގުޅިގެން ދިމާވާ ކަންތައްތަކާއި، އެމީހަކު އުފެދުމުގައި ހުންނަ ވާރުތަވާގޮތް ހުންނަ ކަންތައްތައް އަކީ މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެންސަރު ޖެހިފައިވާ މީހުންގެ ތެރެއިން 90-80 އިންސައްތަ މީހުންނަށް ކެންސަރު ޖެހިފައިވަނީ ސީދާ ގޮތުންނާއި ނުސީދާގޮތުން ދިމާވެފައިވަ ތިމާވެއްޓާއި ގުޅުންހުރި ކަންތައްތަކުގެ ސަބަބުންނެވެ. ދުނިޔޭގެ ގައުމުތަކުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ސަބަބުތަކުގެ ތެރޭގައި، އިތުރުވަމުންދާ ޞިނާޢީ މަސައްކަތްތަކާއި ގުޅިގެން ދިމާވާ މައްސަލަތަކާއި، ތިމާވެއްޓާއި އެކުވެފައިވާ ދުމާއި، ކެމިކަލްތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައް ހިމެނެއެވެ. މީގެތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުފުން ފަދަ ކަންތައްތައް ހިމެނެއެވެ.

ތިމާވެށްޓާއި ގުޅުންހުރި ކަންތައްތައް[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހުމަކީ ތިމާވެއްޓާއި ގުޅުންހުރި ކަމެއްކަން މިއަދުވަނީ ސާބިތުވެފައެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:-

  • ކެމިކަލް : ބައެއް ބާވަތުގެ ކެމިކަލް އިން ކެންސަރު ޖެހެއެވެ. ކުރު މުއްދަތަކަށް ނަމަވެސް މިބާވަތުގެ ކެމިކަލްގެ އަސަރު ފޯރާ ހިސާބުގައި އުޅުމަކީ ފުއްޕޭމޭގެ ކެންސަރު އަދި އެހެން ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާނެ ކަމެކެވެ.
  • ދުންފަތުގެ އިސްތިއުމާލުކުރުން: ބިޑި، ސުއްޓާ ސިގިރޭޓް އަދި ގުޑުގުޑާއިން އުފެދޭ ދުމުންނާއި، އަދި ދުންފަތް ލައިގެން ދުފުމަކީ ކެންސަރުޖެހުމާއި ގުޅުންހުރި ކަމެއްތޯ ބެލުމަށް އެތަކެއް ބަޔަކު ވަނީ ވަރަށްގިނަ ދިރާސާތައް ކޮށްފައެވެ. މިހުރިހާ ދިރާސާތަކުން ދައްކަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ކެންސަރުޖެހޭ ސަބަބެއް ކަމުގައެވެ.

ދުންފަތް ލައިގެން ދުފާމީހުންނަށް ގިނައިން ޖެހެނީ އަނގައިގެ ކެންސަރު އެވެ. ދުފާމީހުންގެ އަނގައިގެ އެއްތަނެއްގައި ހަންޕުޑުގަނޑު ބާއްވައިގެން އުޅޭނަމަ، ނޫނީ އަނގަ ސާފުނުކޮށް ހަންޕުޑު ގަނޑާއެކު ނިދާނަމަ، ހަންޕުޑުގަނޑު ޖެހޭ ހިސާބުގައި ކެންސަރު އުފެދޭގޮތް ދިމާވެއެވެ. ބިޑި ސިގިރޭޓް ސުއްޓާ އަދި ގުޑުގުޑާ ބޯމީހުންނަށް ގިނައިން ޖެހެނީ ފުއްޕާމޭގެ ކެންސަރު އެވެ. އަދި ދުންފަތުގެ އިސްތިއުމާލު މަދުންކުރާ މީހުންނަށްވުރެ ގިނައިން ކުރާމީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. ބިޑި ސުއްޓާ ސިގިރޭޓް އަދި ގުޑުގުޑާއިން އުފެދޭ ދުމުގައި ނިކޮޓީން، ކާބަން މޮނޮކްސައިޑް އަދި ވިހަ ގޭސްތަކާއި އެކިއެކި ކެމިކަލްތައް އެކުލެވިފައި ވެއެވެ. އެހެން ކަމުން މިފަދަ ދުން ފުއްޕާމޭގެ ތެރެއަށް ހިނގައްޖެނަމަ، ފުއްޕާމޭގެ އެތެރޭގެ ދުލިފަށް ތަކުގައި ތަތްވެ މުށިކުލައިގެ ގެދަބުޅިއެއް ޖަހަން ފަށައެވެ. އަދި މިގެދަބުޅި ހިފާފައިވާ ހިސާބުގައި ކެންސަރު އުފެދޭގޮތް ވުމަކީ ވަރަށް ކައިރި ކަމެކެވެ. ބޭނުންކުރާ ކޮންމެ ސިގިރޭޓަކަށް 20 މިލިގްރާމް ތާރު ހަށިގަނޑުގެ ތެރެއަށް ފޮނުވާލައެވެ. އެހެން ކަމުން ދުވާލަކު 20 ސިގިރޭޓް ބޯމީހެއްނަމަ އަހަރަކު 150 ގްރާމް ތާރު އެމީހެއްގެ ހަށިގަނޑަށް އެތެރެވާނެ އެވެ. ތާރަކީ ވިހައެއްކަމުން މިއީ ފުއްޕާމެޔަށްހުރި ވަރަށް ބޮޑު ނުރައްކަލެކެވެ.

ރޭޑިޔޯއެކްޓިވް މާއްދާތަކާއި ގުޅުންހުރި ކަންތައްތައް[އުނިއިތުރު ގެންނަވާ]

އެކްސްރޭ ނަގާވަގުތު ފޮނުވައިދޭ އަލިންނާއި، ރޭޑިޔޯ އެކްޓިވް މެޝިންތަކުން ފޮނުވާ މިފަދަ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު އުފެދޭކަންވަނީ ކަށަވަރުވެފައެވެ. ހޯދުންތަކުން އެނގުނު ގޮތުގައި އެކްސްރޭ ނެގުމުގައި އުޅޭ ޓެކްނީޝަނުންނަށް ހަމުގެ ކެންސަރު އަދި ލޭގެ ކެންސަރު ޖެހިފައި އެބަހުރިއެވެ. މިގޮތުން މެޝިނަރީ ތަކުން ފޮނުވާ ރޭޑިއޭޝަން އިން ކެންސަރު ޖެހޭއިރު އިރުގެ ދޯދީގައި އެކުލެވިފައިވާ ރޭޑިއޭޝަނުން ހަމުގެ ކެންސަރު ޖެހެއެވެ.

  • ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާންގެ ހީރޯޝީމާ އަދި ނަގަސާކީ އަށް ރޭޑިޔޯ އެކްޓިވް ނުވަތަ އެޓޮމިކް ބޮން އެޅިއެވެ. އޭގެ ސަބަބުން ގިނަ ބަޔަކަށް ލޭގެ ކެންސަރު އަދި އެހެން ބާވަތްތަކުގެ ކެންސަރު ޖެހިފައި ވެއެވެ.
  • ތިމާވެއްޓާއި ގުޅިގެން ކެންސަރު ޖެހިދާނެ ކަމަށް ފާހަގަކުރި މިކަންތައްތަކުގެ ސަބަބުން އެތަނެއްގައި ނުވަތަ އެހިސާބުގަނޑެއްގައި އުޅޭ އެންމެންނަކަށް މިބައްޔެއް ނުޖެހެއެވެ. އެހެންކަމުން ބުނަންޖެހެނީ ތިމާވެއްޓާއި ގުޅިގެން ނަމަވެސް ނުވަތަ އެހެން ގޮތަކުން ނަމަވެސް ކެންސަރުޖެހެނީ އެމީހެއްގެ ހަށިގަނޑުގައި އެބަލި ޖެހޭނެ ގޮތްތަކެއް ހުންނަ މީހުންނަށެވެ.

ވައިރަސް އާއި ގުޅުންހުރި ކަންތައްތައް[އުނިއިތުރު ގެންނަވާ]

އެކި ގޮތްގޮތުން ހަށިގަނޑަށް ވަންނަ ވައިރަސްގެ ސަބަބުން ބައެއް ފަހަރު ކެންސަރު ޖެހެއެވެ. މިގޮތުން ހެޕަޓައިޓިސް ބީގެ ސަބަބުން ފުރަމޭގެ ކެންސަރު ޖެހެއެވެ. ހަމައެފަދައިން އެހެން ބައެއް ވައިރަސްގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ކެންސަރު ޖެހެއެވެ.

ހޯމޯންއާއި ގުޅުންހުރި ކަންތައްތައް[އުނިއިތުރު ގެންނަވާ]

ހޯމޯން އަކީ ހަށިގަނޑުގެ ގުނަވަނަކުން ނުވަތަ ހަށިގަނޑުގެ ވަކި ހިސާބަކުން ކުރަމުންދާ މަސައްކަތަށް ބަދަލުގެނައުމަށްޓަކައި، ނުވަތަ އަސަރުކުރުވުމަށްޓަކައި، ހަށިގަނޑުގެ އެތެރޭގެ އެހެން ގުނަވަނަކުން ނުވަތަ އެހެން ހިސާބަކުން އުފައްދައިދޭ މާއްދާ އެކެވެ. މިމާއްދާގެ ސަބަބުން ބައެއް ފަހަރު ކެންސަރު ޖެހުމަށް މަގުފަހިކޮށްދެއެވެ. މިގޮތުން ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރު އަދި އަންހެނުންގެ އުރަމަތީގެ ކެންސަރު އަކީ ހޯމޯންގެ ސަބަބުން ޖެހޭ ކެންސަރުގެ ބާވަތްތަކެވެ.

އާއިލީގޮތުން ދިމާވާ ކަންތައްތަކާއި އަމިއްލަ ޒާތީ ކަންތައްތައް[އުނިއިތުރު ގެންނަވާ]

އާއިލީ ކަންތައްތަކާއި އަދި އެމީހެއްގެ އަމިއްލަ ޒާތީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އުމުރު، ޖިންސް، ނަސްލު، މީހުންނާއި އިނުމުގެ ކަންތައްތަކަކީ ވެސް ކެންސަރު ޖެހުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަންތައްތަކެވެ. 50 އަހަރަށްވުރެ މަތީ ފިރިހެނުންނަށް އެއުމުރުގެ އަންހެނުންނަށްވުރެ ގިނައިން ކެންސަރުޖެހޭކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ފުއްޕާމޭ އާއި ކާތަކެތި ދަތުރުކުރާ ހޮޅިއަށް ގިނައިން ކެންސަރު ޖެހެނީ ފިރިހެނުންނަށެވެ. ޅައުމުރުގައި މީހުންނާއި އިނުމަކީ އަންހެނުންނަށް ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ.

ކެންސަރު ޖެހިފައިވާކަން ދެނެގަތުން[އުނިއިތުރު ގެންނަވާ]

ކެންސަރުޖެހޭތާ ކުރީކޮޅު ބަލި ދެނެގަތުމަކީ ބަލި ފަސޭހަކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެކެވެ. އެހެންކަމުން މިބަލި ދެނެގަތުމަށްޓަކައި ބަލީގެ ނިޝާންތަކާއި، އަލާމާތްތައް ދެނެގަތުން މުހިއްމު ވާނެއެވެ. ކެންސަރާމެދު ޝައްކުކުރެވޭ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކޮށް ފަރުވާ ހޯދުން މުހިއްމެވެ.

ކެންސަރުޖެހިފައިވާކަމަށް ޝައްކުކުރެވިދާނެ ބައެއް ނިޝާންތައް[އުނިއިތުރު ގެންނަވާ]

  • ލޭއައުން
    • ހޮނޑުލާއިރު ލޭހުރުން
    • ހަމުގެ ދަށުގައި ލޭފޭދިފައިހުރުން
    • ހަށިގަނޑުގެ ހުޅުވިފައިވާ އެއްވެސް ދޮރަކުން އާދަޔާ ޚިލާފަށް ލޭއައުން
    • ބޮޑުކަމުދާ ނަޖިސް އަދި ކުޑަކަމުދާ ނަޖިސް ގައި ލޭހުރުން
    • ޙައިޟުގެ ދުވަސްތައް ފިޔަވައި އެނޫން ދުވަސްތަކާއި، އަނބިފިރިކަމުގެ ގުޅުން ހިންގުމުން އަންހެނުންގެ ކުރިމަތި ފަރާތުން ލޭއައުން: އަދި އަންހެނުންގެ ކުރިމަތި ފަރާތުން އަންނަ އެއްޗެހީގައި ލޭހުރުން
    • ވިހެއުމަށްފަހު ލޭއައުމުގެ މުއްދަތު ދިގުލައިދިއުން
    • ހަމުގައި ހުންނަ އުން ފަދަ ތަންތަނުން ލޭއައުން
  • ހަށިގަނޑުގެ އެކިތަންތާގައި ގަނޑުލާ ހަރުވެފައިހުރުން
    • ކަރުގައިވާ ތައިރޮއިޑް ގްލޭންޑް، ބަނޑު، ތުންފަތުގެ އެތެރ، ކަރު، އުރަމަތި، އަތްފައި، މަސްގަނޑު، އަދި މިނޫން ވެސް ހަށިގަނޑުގެ އެކި ތަންތާގައި ގަނޑުލާ ހަރުތަންތަން އުފެދުން
    • ހަމުގައި އުފެދިފައިވާ ކަޅުތިލަ ބޮޑުވުމާއި، މިފަދަ ތަންތަނުން ލޭއައުމާއި، އަދި މިފަދަ ތަންތަނުގެ ކައިރީގައި ކުދިކުދި ކަޅުތިލަ އުފެދުން
  • ފާރުގަނޑެއް އުފެދި ފަސޭހަނުވެ ދިގުލައިހުރުން
    • ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ނަމަވެސް ފާރުގަނޑެއް އުފެދި، ފަސޭހަނުވެ، ދިގުލައި ދިއުމާއި، ފާރުގަނޑުގައި ހަރުކަމެއް ހުރުން
    • މިބާވަތުގެ ފާރުގަނޑު ގިނަފަހަރު އުފެދިފައި ހުންނަނީ ފިރިހެނުންގެ ޖިންސީ ގުނަވަން، އަދި އަނގައިގެ ތެރޭގައެވެ. މިއީ ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމެކެވެ.
  • ބަނޑުހިކުން: ބަނޑުހިކުމުގެ އުދަގޫވާއިރު ދޭތެރެދޭތެރެއިން ބަނޑުދިޔާވާގޮތް ވެސް ވެއެވެ.
  • ބަރުދަން ލުއިވުން : ކިތައްމެ ރަގަޅަށް ކެޔަސް ސަބަބު ބުނެދޭން ނޭނގި ހަށިގަނޑުގެ ބަރުދަން ލުއިވަމުން ދިއުން : ގިނަ ފަހަރަށް މިކަން ދިމާވަނީ ބޮޑެތި މީހުންނަށެވެ.
  • ކާހިތްކުޑަވުން ނުވަތަ ކާހިތްނުވުން ނުވަތަ ކާހިތް ކެނޑުން
  • ވަރުބަލިވުން: ވަރުބަލިކަން އެއްދުވަހުން އަނެއް ދުވަހަކަށް ބޮޑުވަމުން ދިއުމާއެކު، ގިނަ ވަގުތު ހުން ވައްތަރު ވެފައި ހުރުމާއެކު ލޭމަދުވުން
  • ހަށިގަނޑުގެ ތަންތަން ދުޅަވެ، ބައެއް ތަންތާގައި ރިހުން: އާންމުކޮށް ދުޅަވެ ރިހުން އުފެދޭ ތަންތަނުގެ ތެރޭގއި ކަރު، ބަނޑު، އަދި ފިރިހެނުންގެ އޮަށް ހިމެނެއެވެ.
  • ދިރުވާލުމަށް އުދަގޫވުން:މަޑުކާނާއާއި އޮއްޓަރުކާނާ ދިރުވުމަށް އުދަގޫވުމާއި، ކައިނިމިގެން ހޮނޑުލެވޭގޮތްވުމާއި، ހޮނޑުގައި ލޭހުރުން

ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ފާހަގަކުރެވޭ މީހުން[އުނިއިތުރު ގެންނަވާ]

  • ބިޑި، ސުއްޓާ، ސިގިރޭޓް އަދި ގުޑުގުޑާއިން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
  • ދުންފަތްލައިގެން ދުފާމީހުން
  • ވެހިކަލްގެ ދުމާއި، ނުސާފުވައި ބޭރުކުރާ ކާރުޚާނާ ތަކާއި ކައިރި ހިސާބުގައި ދިރިއުޅޭމީހުން
  • ސިމެންތި ޓިނާއި މިފަދަ ތަކެތި ތައްޔާރުކުރާ ކާރުޚާނާ ތަކުގައި މަސައްކަތްކުރާމީހުން
  • ގިނައިން އެކްސްރޭ ނެގޭ މީހުންނާއި، އެކްސްރޭ ނެގުމުގެ މަސައްކަތުގައި އުޅޭމީހުން
  • ގިނަ މީހުންނާއެކު ޖިންސީގުޅުން ހިންގާ އަންހެނުން
  • އިއްދައިން ކެނޑިފައިވާ މީހުން: ޚާއްޞަކޮށް ރަހިމުގެ ކެންސަރު ޖެހެއެވެ
  • ޅައުމުރުގައި މީހުންނާ އިނުމާއި މާ ޅައުމުރުގައި ވިހެއުން

ކެންސަރު ޖެހިފައިވާކަން ދެނެގަތުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި، ބައްޔަށް ޝައްކުކުރެވޭ އަލާމާތެއް ފެނުނު ނަމަވެސް އެކަމާމެދު ވަކިގޮތެއް ކަނޑައަޅާ ނިންމަންވާނީ ކަމުގެ ތަޖުރިބާކާރުންނެވެ. އެހެންކަމުން މިފަދަ ނިންމުމެއް ޑޮކްޓަރު ނިންމަވާއިރު ކޮންމެހެން ހޯދަން ބޭނުންވާނެ މައުލޫމާތު ތަކާއި، ބަލާނެ މައިގަނޑު ކަންތައްތައް، ކުރާނެ މައިގަނޑު ޓެސްޓްތައް، މިފަދަ ކަންތައްތައް ކުރިން އެނގިފައިއޮތުން މުހިއްމު ވާނެއެވެ.

  • ކެންސަރު ޖެހިފައިވާކަން ދެނެގަތުމުގެ ގޮތުން ކުރަން ބޭނުންވާނެ މައިގަނޑު ކަންތައްތަކަކީ:-
    • ބަލީގެ މައުލޫމާތު ހޯދުން
    • ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ދެނެގަތުން
    • ބައެއް ތަހްލީލުތައް ކުރުން

ބައްޔާއި ބެހޭގޮތުން ހޯދޭ މައުލޫމާތު ތަކާއި، ހަށިގަނޑުން ފެންނަ ފެނުންތަކާއި، އަދި ޓެސްޓްތަކުން ލިބޭ ނަތީޖާތަކަކީ ބަލިމީހާގެ ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައެޅުމުގައި ވަރަށް މުހިއްމު ކަމެކެވެ. ވީމާ ހޯދޭ މައުލޫމާތު ތަކަކީ ތެދު މައުލޫމާތުތަކަކަށް ހެދޭތޯ ސަމާލުކަން ދިނުން މުހިއްމެވެ.

ބައްޔާއި ބެހޭގޮތުން ހޯދޭ މައުލޫމާތު[އުނިއިތުރު ގެންނަވާ]

ބައްޔާއި ބެހޭގޮތުން ހޯދޭ މައުލޫމާތުތައް ބިނާވެފައި އޮންނާނީ ބަލިމީހާގެ އިހްސާސް ތަކާއި، ކެކުޅުންތަކާއި ބަދަލުވަމުން އަންނަ ބަލީގެ އަލާމާތްތަކާއި، އެމީހެއްގެ އަމިއްލަ ޞިއްޙަތާއި، މިފަދަ ކަންކަމުގެ މައްޗަށެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި:-

  • ބަލީގެ ސަބަބުންވާ އުދަނގޫތައް
  • ބަލި ފެށިގެން އައިގޮތާއި، މިހާރު ފާހަގަކުރެވޭ އަލާމާތްތައް
  • ބޭނުންކުރި ބޭހަކާ އެބޭހުން ލިބުނު ނަތީޖާ
  • އެއްވެސް ބައްޔެއްގައި ކުރިން އުޅުނުނަމަ އެކަމުގެ މައުލޫމާތު
  • ޢާއިލާގެ ޞިއްޙަތާއި ބެހޭ މަޢުލޫމާތު
  • ހިތް ހަމަޖައްސާލުމުގެ ގޮތުން ކުރާ އަމިއްލަ ޒާތީ ކަންތައްތައް
  • ދިރިއުޅުމަށްކުރާ މަސައްކަތް

ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ހޯދޭ މައުލޫމާތު[އުނިއިތުރު ގެންނަވާ]

ބައްޔާބެހޭ މައުލޫމާތު ނުވަތަ ބަލީގެ ހިސްޓްރީ ނެގުމަށްފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެވޭނީ ބަލީގެ ސަބަބުން ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބެލުމުގެ މައްޗަށެވެ. މިގޮތުން ބަލަންބޭނުންވާނެ ކަންތައްތަކުގެ ތެރޭގައި:-

  • ބަލާބެލުމަށް ބަލިމީހާގެ ޞިއްޙަތު ފެންނަނީ ކިހިނެއްތޯ؟
  • ހަށިގަނޑު ހިކި އަނަރޫވެފައިވޭތޯ؟
  • އުމުރާ އަޅާ ބަލާއިރު ބަރުދަން ރަގަޅުތޯ؟
  • ހަށިގަނޑުގައި ރިހުމެއް ނުވަތަ ތަދެއް ހުރިތޯ؟
  • ވިންދުޖެހުމާއި ނޭވާލުމުގެ އަވަސްލަސްމިން ރަގަޅުތޯ؟
  • ލޭގެ ޕްރެޝަރު ރަގަޅުތޯ؟
  • ހުން ހުރިތޯ؟
  • ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ދުޅަކަމެއް ހުރިތޯއާއި، އަދި އެއްވެސް ހިސާބަކުން މަސްތައް ވިރި ކަމީނާ ވެފައިވޭތޯ؟
  • ހަށިގަނޑުގެ އެކި ގުނަވަންތައް ގަވާޢިދުން މަސައްކަތްކުރޭތޯ
  • އެއްވެސް ގުނަވަނަކަށް އާދަޔާ ޚިލާފަށް ބަދަލެއް އައިސްފައިވޭތޯ

ކުރަން ބޭނުންވާ ބައެއް ތަހްލީލް[އުނިއިތުރު ގެންނަވާ]

ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށްފަހު، ދެން އެންމެ ބޮޑު އިސްކަމެއް ދޭންބޭނުންވާނެ އެއްކަމަކީ ބައްޔާއި ބެހޭގޮތުން ކުރަން ބޭނުންވާ ޓެސްޓްތައް ކުރުމަށެވެ. މިގޮތުން ކުރަންބޭނުންވާނެ ޓެސްޓްތަކުގެ ތެރޭގައި:-

  • ކުޑަކަމުދާ ނަޖިސް، ބޮޑުކަމުދާ ނަޖިސް، ކުޅު، ލޭގެ ބައެއް ޓެސްޓް
  • އެކިއެކި ގޮތްގޮތަށް ނެގޭ އެކްސްރޭ : މާބަނޑުމީހުން އެކްސްރޭ ނެގުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެގޮތަކީ އެކްސްރޭ ނަގާއިރު ފޮނުވައިދޭ ރޭޑިއޭޝަންގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށާއި، މައިމީހާގެ ޞިއްޙަތަށް ނުރައްކާ ވެދާނެ އެވެ.
  • ސީޓީ ސްކޭން އަދި އަލްޓްރާ ސައުންޑް ސްކޭން
  • ބައިއޮޕްސީ ޓެސްޓް : މިއީ ބަލި އުފެދިފައިވާ ހިސާބުން ކުޑަ އެތިކޮޅެއް ނަގައިގެން ކެންސަރުގެ އަސަރެެއް ހުރިތޯ ބެލުމަށް ކުރާ ޓެސްޓެކެވެ.
  • އެންޑޯސްކޯޕީ ކޮލޮނޯސްކޯޕީ: މިއީ ބަނޑުތެރޭގެ އެކިއެކި ކަންތައްތައް ދެނެގަތުމަށްޓަކައި ވަކި ޚާއްޞަ ހަތިޔާރެއް އަނގައިގެ މަގުން ބަނޑުތެރެއަށް ލައްވައިގެން ކުރާ ޓެސްޓެކެވެ.

Hi losers

ފަރުވާ[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހިފައިވާ ކޮންމެ މީހަކަށްމެ ދޭނެ ފަރުވާ ކަނޑައަޅާނީ ހަށިގަނޑުގައި ބަލި ފެތުރިފައިވާ ތަނަކާއި، އަދި ބަލިޖެހިފައިވާ މިންވަރެއްގެ މައްޗަށް ބިނާކޮށެވެ. ދެވޭ ފަރުވާ ތަކުގެ ތެރޭގައި:-

ކެންސަރަށް ފަރުވާ ބައެއް މީހުންނަށް ރޭޑިއޭޝަންގެ ފަރުވާ ދިނުމުން ކެންސަރުގެ ހުރިހާ ސެލްތައް މަރުނުވެ ހުންނަގޮތް ދިމާވެއެވެ. އަދި ކީމޯތެރަޕީގެ ފަރުވާ ދިނުމުން ވެސް އަސަރުކުރަނީ ކެންސަރުގެ ވަކި ވައްތަރެއްގެ ސެލްއަށެވެ. އަނެއްބައި ވައްތަރުތަކުގެ ސެލްތަކަށް މިފަރުވާއިން އަސަރެއް ނުކުރެއެވެ. އަދި ބައެއް ވައްތަރުގެ ކެންސަރަށް އަސަރުކުރަނީ އެއްބޭހަށްވުރެ ގިނަބޭސް އެއްކޮށް ފަރުވާ ދިނުމުންނެވެ. އެހެންކަމުން އެކިމީހުންނަށް ކެންސަރުގެ ފަރުވާ ކުރިޔަށް ގެންދަންޖެހެނީ އެކިގޮތަށެވެ. ބައްޔާއި ބެހޭ ރަގަޅު މަޢުލޫމާތު ހޯދަންޖެހެނީ މިސަބަބަށްޓަކައެވެ.

ބަލިޖެހޭތާ ކުރީކޮޅު ނުވަތަ ދެވަނަ ސްޓޭޖަށް ބަލި ފެތުރުމުގެ ކުރިން ފަރުވާ ފެށިއްޖެނަމަ ބަލި ފަސޭހަވުމުގެ ފުރުޞަތު ބޮޑެވެ. ބަލިފަސޭހަވާ މީހުންގެ އަދަދު ގިނައެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ކެންސަރު ޖެހިފައިވާ މީހަކަށް ފަރުވާ ފަށާނީ ޖެހިފައިވާ ކެންސަރުގެ ބާވަތަށާއި، ބަލީގެ އަސަރު ހަށިގަނޑަށްކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި، ބައްޔާއި ބެހޭގޮތުން ކުރެވެންހުރި ހުރިހާ ޓެސްޓްތަކެއްކޮށް ނިންމުމަށްފަހުގައެވެ.

އޮޕަރޭޝަންކުރުން[އުނިއިތުރު ގެންނަވާ]

އޮޕަރޭޝަން ކުރުމަށް ބޭނުންވަނީ ބަލީގެ އަސަރު ހަށިގަނޑުގެ އިތުރު ހިސާބުތަކަށް ފެތުރުނަ ނުދިނުމުގެ ގޮތުން ކެންސަރުގެ ސެލްތައް އުފެދިފައިވާ ހިސާބު މުޅިން ވަކިކޮށްލުމަށެވެ. ބަލީގެ އަސަރު ކޮށްފައިވާ ގުނަވަނަކާއި، އެގުނަވަނަކާއި ގުޅިފައިވާ ޓިޝޫތައް، އޮޕަރޭޝަންކޮށްގެން މިގޮތަށް ނަގަނީ ބަލީގެ އަސަރުކޮށްފައިވާ ނިސްބަތުގެ މައްޗަށް ބަލައި ހަށިގަނޑުގެ އެއް ހިސާބެއްގައި ބަލީގެ އަސަރު ފެތުރި ގަނޑުލައިފައިވާނަމަ އެވެ. ކެންސަރު ޖެހިފައިވާ ބައެއް މީހުންނަށް އޮޕަރޭޝަނަށްފަހު ކީމޯތެރަޕީ ވެސް ދޭންޖެހިދާނެ އެވެ. ނުވަތަ ކީމޯތެރަޕީއާއެކު ރޭޑިއޭޝަންގެ ފަރުވާވެސް ފަށަންޖެހިދާނެ އެވެ.

ރޭޑިއޭޝަން ދިނުން[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހިފައިވާ މީހުންނަށް ރޭޑިއޭޝަންގެ ފަރުވާ ދޭނީ ކެންސަރު ޖެހިފައިވާ ހިސާބު ފާހަގަކޮށް ހަމައެކަނި އެހިސާބަކަށެވެ. އަދި މިފަރުވާ ކުރިޔަށްގެންދާނީ ރޭޑިއޭޝަންގެ އަސަރު ބޭރަށްނުދާނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޚާއްޞަ އިމާރާތެއްގައެވެ. ރޭޑިއޭޝަންގެ ފަރުވާ ކޮންމެ މީހަކަށް ދޭއިރުވެސް އެފަރުވާ ފެއްޓުމުގެ ކުރިން އެމީހަކަށް ފަރުވާ ދޭނޭ ޖުމުލަ މިންވަރަކާއި، މިމިންވަރު ފުރިހަމަ ކުރުމަށްޓަކައި އެކި ފަހަރު މަތީން ފަރުވާ ކުރިޔަށް ގެންދާނެ ގޮތަކާއި، ފަރުވާދީ ނިންމާނޭ މުއްދަތެއް ކަނޑައަޅަން ބޭނުންވާނެ އެވެ. މިގޮތަށް ހަމަޖައްސަން ޖެހެނީ ރޭޑިއޭޝަންއާއި ގުޅިގެން ދިމާވާ އުދަގޫތައް ކުޑަކުރުމަށާއި، މިގޮތަށް ބައިބައިކޮށްގެން ދިނުމުން ލިބޭ ނަތީޖާ ރަގަޅުކަމަށް ފާހަގަކުރެވިފައިވާތީ އެވެ. އަދި ކެންސަރުގެ އަސަރުނުކުރާ ސެލްތަކަށް ލިބޭ ގެއްލުން މިގޮތަށް ދިނުމުން ކުޑަކުރެވެއެވެ. ރޭޑިއޭޝަންގެ ފަރުވާ ކުރިޔަށް ގެންދާއިރު ލޭގެ ބައެއް ޓެސްޓްތައް ހަދަން ޖެހިދާނެ އެވެ. އެހެން ކަމުން ޑޮކްޓަރު އަންގަވާގޮތެއްގެ މަތީން ޓެސްޓްތައް ހަދަމުން ގެންދިއުމާއި، އަދި ލޭ މަދުނުވާނެ ގޮތެއްގެ މަތީން ކެއިން ބުއިމުގެ ކަންތައް ހަމަޖެއްސުމަށް ބަލިމީހާއާއި ބަލިމީހާގެ އެހީތެރިން ސަމާލުކަން ދޭންވާނެ އެވެ.

ކީމޯތެރަޕީ ދިނުން[އުނިއިތުރު ގެންނަވާ]

ކީމޯތެރަޕީ އަކީ ބޭސް ބޭނުންކޮށްގެން ކެންސަރަށް ފަރުވާ ކުރުމެވެ. ހަށިގަނޑުގެ އެކި ތަންތާގައި ފެތުރޭ ކެންސަރަށާއި، ކެންސަރުގެ އޮޕަރޭޝަން އަށްފަހު، ފަރުވާ ދިނުމަށާއި، އަދި ރޭޑިއޭޝަންގެ ފަރުވާއާއި އެކުވެސް ކީމޯތެރަޕީ ދެވެއެވެ. ކެންސަރު ޖެހިފައިވާ މީހުންނަށް އެއް ބޭހަށްވުރެ ގިނަ ބޭސް ބޭނުންކޮށްގެން މިގޮތަށް ދެވޭ ފަރުވާގެ ނަތީޖާ ރަގަޅެވެ. އެކަމުގެ ސަބަބުން ކެންސަރު ޖެހޭ މީހުންނަށް ފަރުވާ ކުރުމުގައި އިތުރު އުއްމީދުތަކެއް މިހާރުވަނީ ލިބިފައެވެ.

ހޯމޯން ތެރަޕީ ދިނުން[އުނިއިތުރު ގެންނަވާ]

ހޯމޯން ދޫކުރާ ގުނަވަނަކަށް ކެންސަރު ޖެހިއްޖެނަމަ އެގުނަވަނަކަށް ބޭނުންވާ ހޯމޯނުން ކުރާ އަސަރުގެ އިދިކޮޅު އަސަރު ކުރާ ހޯމޯނެއް ދީގެން ކެންސަރަށް ފަރުވާ ކުރެވެއެވެ. މިސާލަކަށް ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހިއްޖެނަމަ ފަރުވާ ކުރުމުގައި އީސްޓްރަޖަން ކިޔާ އަންހެން ހޯރމޯން ބޭނުންކޮށްގެން ފަރުވާ ދެވެއެވެ. މިގޮތުން ހޯމޯން ބޭނުންކޮށްގެން ފަރުވާދޭ ކެންސަރުތަކުގެ ތެރޭގައި ހިމެނެނީ އުރަމަތީގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ރަހިމުގެ ކެންސަރު އަދި ތައިރޮއިޑް ގްލޭންޑްގެ ކެންސަރު އެވެ. ހޯމޯން ތެރަޕީ ދިނުމުން ކުރިމަތިވާ އުދަގޫތައް ކީމޯތެރަޕީ ދިނުމުންވާ އުދަގޫތަކަށްވުރެ ކުޑައެވެ.

ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް[އުނިއިތުރު ގެންނަވާ]

ކެންސަރު ޖެހިދާނެ ކަންތައްތަކުން ރައްކާތެރިވެ ތިބުމަކީ ކެންސަރުން ސަލާމަތްވެ ތިބުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަންތަކެވެ. މިކަމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މައިގަނޑު ގޮތެއްގައި 2 ބަޔަކަށް ބަހާލެވިފައި ވެއެވެ.

  • ފުރަތަމަ ބައިގައި ހިމެނެނީ ތިމާވެއްޓާއި ގުޅިގެން ކެންސަރު ޖެހިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމެވެ. އެކަންކަމާއި ގުޅިގެން ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑީ ކޮންބަޔަކަށްކަން ފާހަގަ ކުރުމެވެ. އަދި މިފަދަ މީހުންނަށް ރައްކާތެރިވެ ތިބެވޭނެގޮތްތައް ރާވައި ދިނުމެވެ.
  • ދެވަނަބައިގައި ހިމެނެނީ ހަށިގަނޑުގައި އުފެދިފައިވާ ކަމެއް ނުވަތަ ދިމާވެފައިވާ މައްސަލައެއް ޙައްލުނުކުރެވި ގިނަދުވަހަށް ދެމިހުންނަގޮތް ވެއްޖެނަމަ، ކެންސަރަށް ބަދަލުވެދާނެފަދަ ކަންކަމާ މެދު ކުރިއްސުރެ ވިސްނާ، އެކަންކަމަށް ސަމާލުކަން ދިނުމެވެ. ވީހާއަވަހަކަށް އެކަންކަމަށް ފަރުވާ ހޯދާ އެކަމެއް ފަސޭހަކުރެވޭތޯ ބެލުމެވެ. މީގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތާގައި ގަނޑު ނެގުމާއި، ގޮށްލާ ބޮޑުވުމާއި، ފާރުގަނޑު އުފެދި ފަސޭހަނުވެ ގިނަދުވަސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިއީ ކެންސަރުން ރައްކާތެރިވުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. މިފަދަ މައްސަލަތައް ދިމާވެދާނެ މުހިއްމު ގުނަވަންތަކުގެ ތެރޭގައި ރަހިމު، ފުއްޕާމޭ، އަނގަ، ބަނޑު، އުރަމަތި، އަދި ފުރަމޭ ހިމެނެއެވެ.

ކެންސަރުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ދެބަޔަކަށް ބަހާލެވެއެވެ. އެއީ ވަކިވަކި ގުނަވަންތަކުގެ ރައްކާތެރިކަމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތަކެވެ. އަދި އާންމު ރައްކާތެރި ކަމަށްޓަކައި ކުރަން ބޭނުންވާ ކަންތައްތަކެވެ.

އަނގައިގެ ކެންސަރާއި މެދު ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • އަބަދުވެސް އަނގަ ސާފުކޮށް ބެހެއްޓުން
  • ދުންފަތްލައިގެން ނުދުފުން
  • ދުފައިގެން އަނގަ ސާފުނުކޮށް ހަންޕުޑުގަނޑާއެކު ނުނިދުން
  • އަނގައިގެ ތެރޭގައި ފާރުކޮޅެއް އުފެދިއްޖެނަމަ ލަސްނުކޮށް ފަރުވާހޯދުން

ފުއްޕާމޭގެ ކެންސަރާއި މެދު ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުން
  • ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންވެސް އެއަމަލުކުރާ މީހުންނާއި ދުރުގައި ތިބުން

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި މެދު ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • މާޅައުމުރުގައި މީހުންނާއި ނުއިނުން
  • މާގިނައިން ނުވިހެއުން
  • ގިނަ މީހުންނާއި ޖިންސީ ގުޅުން ނުހިންގުން
  • މާގިނައިން ޖިންސީ ގުޅުން ނުހިންގުން
  • އުމުރުން ދުވަސްވީ މީހުން މަދުވެގެން އަހަރަކު 1 ފަހަރު ޕެޕްސްމިއަރ ޓެސްޓްހެދުން

ފިރިހެނުންގެ ޖިންސީގުނަވަނަށް ޖެހޭ ކެންސަރާއި މެދު ރައްކާތެރިވުން[އުނިއިތުރު ގެންނަވާ]

  • ޚިތާނުކުރުން
  • ފިރިހެންހަށި ރަގަޅަށް ސާފުކޮށްފައި ބެހެއްޓުން

ކެންސަރުން ރައްކާތެރިވުމަށްޓަކައި ޢާންމުގޮތެއްގައި ކުރެވިދާނެ ކަންތައްތައް[އުނިއިތުރު ގެންނަވާ]

  • ހަށިގަނޑު އަބަދުވެސް ސާފުކޮށް ބެހެއްޓުމަކީ ގިނަ ވައްތަރުތަކުގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.
  • ޖައްވުގެ ނުސާފުކަން ކޮންޓްރޯލް ކުރެވިއްޖެނަމަ އެއީ ކެންސަރުން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
  • ބޭހާއި ރީތިވުމަށް ބޭނުންކުރާ ލޯޝަނާއި، ކްރީމްއާއި ޕައުޑަރު ފަދަ ތަކެއްޗާއި، ތައްޔާރީ ކާނާގެ ބާވަތްތައް އުފައްދާއިރު، އެތަކެއްޗާއި އެއްކުރާ ކެމިކަލްތަކުގެ އެކިއެކި ބާވަތްތަކަކީ ކެންސަރު އުފެދިދާނެ ތަކެތިތޯ ބަލައި، ޓެސްޓްކުރުމަކީ ވެސް މިބަލިން ރައްކާތެރިވުމަށް ކުރެވިދާެނ މުހިއްމު ކަމެކެވެ.
  • ހަށިގަނޑުގެ ތެރެއަށް ރޭޑިއޭޝަން ދިއުން މަދުކުރުމަށް މަސައްކަތްކުރުން: މީގެ ތެރޭގައި އެކްސްރޭ ނެގުމުގެ އަދަދު މަދުކުރުން، އެކްސްރޭ ނެގުމުގެ މަސައްކަތުގައި އުޅޭ މީހުން ވެސް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ ހެދުމާއި، އަދި މިނޫންވެސް ހަތިޔާރު އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ބޭނުންކުރުން ހިމެނެއެވެ.
  • ކެންސަރު އުފެދިދާނެ ކަމަށް ގަބޫލުުކުރެވޭ އެކިއެކި ކެމިކަލްއާއި ގުޅުންހުރި ޞިނާޢީ މަސައްކަތްތަކުގައި އުޅޭމީހުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް ކުރިން އެޅުމަކީ މުހިއްމު ކަމެކެވެ. މީގެތެރޭގައި އަނގަޔާއި ނޭފަތް ނިވާކުރަން ބޭނުންކުރާ މާސްކް ފަދަ ތަކެއްޗާއި، ހެދުމާއި، އަދި މިނޫނަސް ހަތިޔާރު އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ބޭނުންކުރުން ހިމެނެއެވެ.
  • މަދިރި ފަދަ ކުދިކުދި ސޫފި މެރުމަށް ބޭނުންކުރާ ޑީޑީޓީ، އާއި، މެލެތިއޯން ފަދަ ބޭސްތަކާއި، ދަނޑުވެރިކަމުގައި ގަސްގަހަށް ޖެހުމަށް ބޭނުންކުރާ އެކިބާވަތުގެ ކެމިކަލް ބޭސްތައް ބޭނުންކުރާ މިންވަރު ވީވަރަކުން މަދުކުރުމަކީ ވެސް ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.
  • ބަނގުރާ ބުއިމަކީ ފުރަމޭގެ ކެންސަރު ޖެހޭކަމަކަށްވާތީ ރާބުއިން ހުއްޓާލުމަކީ މިބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.
  • އިރުގެ ދޯދީގައި ވެސް ރޭޑިއޭޝަންގެ އަސަރު އެކުލެވިފައިވާތީ އާންމު ގޮތެއްގައި ގިނަ ވަގުތު އަވީގައި އުޅެން ޖެހިއްޖެނަމަ، ރައްކާތެރިވުމުގެ ގޮތުން ކުޑަޔާއި، ތޮފި ފަދަ ތަކެތި ބޭނުންކުރުމަކީ ބޭނުންތެރި ކަމެކެވެ.
  • ދޭތެރެ ދުރުކުރުމަށް ބޭސް ބޭނުންކުރާ މީހުން، ގަވާއިދުން ބޭސް ބޭނުން ކުރުމާއެކު، ދިގުމުއްދަތެއްގައި ބޭސް ބޭނުންކުރާނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދުން ވެސް މުހިއްމު ވާނެއެވެ.

އަދިވެސް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]


މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005