އުރަމަތީގެ ކެންސަރު
އުރަމަތީގެ ކެންސަރު(އިނގިރޭސި ބަހުން: Breast Cancer) އަކީ ކެންސަރުގެ ވަރަށް އާންމު ވައްތަރެކެވެ. އަންހެނުންގެ އުމުރުން ދުވަސްވުމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމެކެވެ. އަދި ހަމައެފަދައިން އުމުރުން 30 އަހަރުނުވާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑައެވެ. އުރަމަތި އަކީ އެގުނަވަނެއްގެ ތެރޭގައި މަސްހުންނަ ގުނަވަނެއް ނޫނެވެ. ނަމަވެސް އުރަމަތީގެ ބޭރުން މޭކަށިގަނޑާ ވީ ފަރާތުގައި ކޮންމެވެސް ވަރަކަށް މަސް ހުރެއެވެ. މައިގަނޑު ގޮތެއްގައި އުރަމަތީގައި އެކުލެވިފައިވަނީ ލިމްފް ދަތުރުކުރާ ހޮޅިތަކާއި، ލޭދަތުރުކުރާ ހޮޅިތަކެވެ. އުރަމަތީގައިވާ ލިމްފް ދަތުރުކުރާ ގިނަ ހޮޅިތައް ގުޅިފައިވަނީ ކިހިލި ފަތްދޮށާއި، މެޔާއި، ކަލަރު ކަށިގަނޑުގެ މަތީގައިވާ ލިމްފް ގްލޭންޑްތަކާ އެވެ. ނަމަވެސް މީގެތެރެއިން ބައެއް ހޮޅިތައް ހަށިގަނޑުގެ އެހެން ހިސާބުތަކުގައިވާ ލިމްފް ގްލޭންޑްތަކާ ވެސް ގުޅިފައި ވެއެވެ. އުރަމަތީގެ ކެންސަރު ކިރު ދަތުރުކުރާ ހޮޅިތަކަށާއި، ކިރު އުފައްދައިދޭ ގޮބު ނުވަތަ ލޯބްތަކަށް ޖެހެއެވެ. ކިރުދަތުރުކުރާ ހޮޅިތަކަށް ކެންސަރު ޖެހުމަށް ކިޔަނީ ޑަކްޓައިލް ކާސިނޯމާ އެވެ. ކިރު އުފައްދައިދޭ ލޯބުތަކަށް ކެންސަރު ޖެހުމަށް ކިޔަނީ ލޮބިޔުލަރ ކާސިނޯމާ އެވެ.
އުރަމައްޗަށް ކެންސަރު ޖެހި އެކަމުގެ އަސަރު ބޭރަށް އެނގޭ ހިސާބަށް ދާއިރު ގިނަފަހަރަށް ހުންނަނީ ކިހިލިފަތުގައި ހުންނަ، ލިންފް ނޮޑިޔުލްސް ތަކަށް ކެންސަރު ސެލްތައް ދަތުރުކޮށްފައެވެ. އެހެންކަމުން މިގޮތަށް ކިހިލިފަތުގައިވާ ލިމްފް ނޮޑިޔުލްސްތަކުން ކެންސަރު ސެލް ފެނިއްޖެނަމަ އެއީ ހަށިގަނޑުގެ އެހެން ހިސާބުތަކަށް ވެސް ކެންސަރ ސެލް ދަތުރުކޮށްފައިވާ ކަމުގެ ހެއްކެކެވެ. ކެންސަރ ސެލް މިގޮތަށް ދަތުރުކޮށްފައި ހުންނަ އެންމެ އާންމު ތަންތަނަކީ ކަށި، ފުރަމޭ، ފުއްޕާމޭ، އެވެ. މިއީ ހަށިގަނޑުގެ އެންމެ ގިނައިން ލޭދައުރުވާ ގުނަވަންތަކެވެ.
ސަބަބު
[އުނިއިތުރު ގެންނަވާ]ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.
ގުޅުންހުރި ކަންތައްތައް
[އުނިއިތުރު ގެންނަވާ]ބޮލުގެ އެއްފަޅީގައި ރިހުން އަދި އުރަމަތީގެ ކެންސަރު
[އުނިއިތުރު ގެންނަވާ]2008 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަން ގައި ހުންނަ ހަޗިންސަން ސެންޓަރ ގެ ޕަބްލިކް ހެލްތު ޑިވިޝަން އިން ހެދި ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ގަދަޔަށް ބޮލުގައި ރިހުން ހުރުމާއެކު ބޮލުގެ އެއްފަޅީގައި ރިހުންގެ އުދަގޫ ހުންނަ މީހުންނަށް އެއުދަގޫ ކުރިމަތިނުވާ މީހުންނާއި އަޅާ ބަލާއިރު 30 އިންސައްތަ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަ އެވެ. މިދިރާސާގައި އިސްވެ ހަރަކާތްތެރިވި ކްރިސްޓޮފަރ ލީ ވިދާޅުވީ ބޮލުގެ އެއްފަޅީގައި ރިހުން ގެ މާޒީއެއް އޮތް މީހެއް ކަމަށްވާނަމަ އެއީ އުރަމަތީގެ ތަފާތު ބާވަތްތަކުގެ ކެންސަރުތަކުން ސަލާމަތްވުމަށް މަގުފަހިވެފައިވާ މީހެއްކަމަށެވެ. އެދިރާސާގައި ބުނެފައިވާގޮތުން އުރަމަތީގެ ކެންސަރާއި ދެކޮޅަށް މައިގްރޭން މަސައްކަތްކުރާ ގޮތް އަދި ޔަގީންކަމާއެކު ހޯދިފައެއް ނުވެއެވެ. ނަމަވެސް މިއީ ހޯރމޯންއާއި ގުޅުންހުރި ކަމެއްކަމަށް ރިޕޯޓްގައި ވެއެވެ.
އެމެރިކަން ކެންސަރ ސޮސައިޓީ އިން ބުނާގޮތުގައި ކޮންމެ އަހަރަކު އުރަމަތީގެ ކެންސަރު ޖެހިގެން 465 ހާސް މީހުން މަރުވެދެއެވެ.
ފަލަވުން އަދި އުރަމަތީގެ ކެންސަރު
[އުނިއިތުރު ގެންނަވާ]އާދަޔާ ޚިލާފަށް ފަލަ މީހުންނަށް ނުވަތަ ފަލަބަލި ޖެހިފައިވާ މީހުންނަށް ޖެހޭ އުރަމަތީގެ ކެންސަރު މާ ނުރައްކާތެރިކަމަށާއި، އަދި ރަގަޅުވުމުގެ ފުރުޞަތު ކުޑަކަމަށާއި،ރަގަޅުވިޔަސް އަނބުރާ ޖެހުމުގެ ފުުރުޞަތު އެފަދަ މީހުންނަށް އިތުރުކަމަށް 2008 ވަނަ އަހަރު ކުރީކޮޅު ހެދި ދިރާސާއަކުން ސާބިތު ވެފައިވެއެވެ. އެމެރިކާގެ ޔުނިވަސިޓީ އޮފް ޓެކްސަސްގެ އެމްޑީ އެންޑަސަން ކެންސަރ ސެންޓަރުގެ ބްރެސްޓް މެޑިކަލް އޮންކޮލޮޖީ ޑިޕާޓްމަންޓްގެ އެސޯސިއޭޓް ޕްރޮފެސަރ އިން މެޑިސިން ޑރ މަސިމޯ ކްރިސްޓޮފާނީ ހާމަކޮށްފައިވާ ގޮތުގައި ފަލަ މީހުންނަށްޖެހޭ ކެންސަރު އަކީ އޭނާގެ ފަލަކަމުގެ ނިސްބަތުން ބާރުވެސް ގަދަ އެއްޗެކެވެ.
މިދިރާސާ ހެދުމަށް ކްރިސްޓޮފާނީ އާއި އޭނާގެ ބައިވެރިން ބޭނުންކޮށްފައިވަނީ 606 އަންހެނުންނެވެ. އަދި 3 ގުރޫޕަކަށް ބަހާލިއެވެ. މި 3 ގުރޫޕްގައި ހިމެނެނީ ބަރުދަން ހުންނަންޖެހޭ އާދައިގެ މިންވަރަށް ހުރި މީހުން، ހުންނަންޖެހޭ ވަރަށް ވުރެ ލުއި މީހުން، އަދި އާދަޔާ ޚިލާފަށް ފަލަ މީހުން (ފަލަބަލި) ނެވެ.
ފަސް އަހަރުވީއިރު މިހުރިހާ މީހުންގެ ތެރެއިން އާދަޔާ ޚިލާފަށް ފަލަމީހުންގެ ތެރެއިން ސަލާމަތްވެފައިވަނީ 56.8 އިންސައްތަ މީހުންނެވެ. ތަންކޮޅެއް ފަލަ މީހުންގެ ތެރެއިން 56.3 ސަލާމަތްވިއިރު، އާދައިގެ ބަރުދަން ހުރި މީހުންގެ ތެރެއިން 67.4 އިންސައްތަ މީހުން ސަލާމަތްވެފައި ވެއެވެ. ދިހަ އަހަރުގެ ތެރޭގައި މިމީހުންގެ ހާލަތަށް އައި ބަދަލު ބެލިއިރު އާދަޔާ ޚިލާފަށް ފަލަމީހުންގެ ތެރެއިން ސަލާމަތްވެފައިވަނީ 42.7 މީހުންނެވެ. ކުޑަކޮށް ފަލަ މީހުންގެ ތެރެއިން 41.8 ސަލާމަތްވިއިރު، އަދި އާދައިގެ ބަރުދަން ހުރި މީހުންގެ ތެރެއިން 56.5 އިންސައްތަ މީހުން ސަލާމަތްވެފައި ވެއެވެ.
މިދިރާސާއަށްފަހު ޑރ ކްރިސްޓޮފާނީ ވިދާޅުވީ އުރަމަތީގެ ކެންސަރު އަށް ފަރުވާކުރާ އިރުވެސް ޑޮކްޓަރުން ބަލިމީހާ ފަލަވެދާނެތީ ވިސްނަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ބައްޔަށް އާންމުކޮށް ދޭ ބޭހެއްކަމަށްވާ ޓެމޮކްސިފެން ބޭނުންކުރުމުންވެސް ވަރަށްގިނަ މީހުން ފަލަވާތީ އެވެ.
ބަލިވެއިނުން އަދި އުރަމަތީގެ ކެންސަރު
[އުނިއިތުރު ގެންނަވާ]ބަލިވެ އިނުމަކީ އުރަމަތީގެ ކެންސަރާއި ދުރުކޮށްދޭ ކަމެއްކަމަށް ދިރާސާތަކުން ދައްކާފައި ވެއެވެ. އެމެރިކާގެ ސައިންސް ވެރިން ހާމަކޮށްފައިވާ ގޮތުގައި ބަނޑުގައި އޮންނަ ދަރިފުޅުގެ ސަބަބުން މައިމީހާގެ ހަށިގަނޑު އެހެން ބަލިތަކުން ދިފާޢުކޮށްދިނުމަށް ޚާއްޞަ ސިފައެއް އެކުލެވިގެންވާ ސެލްއެއް އުފައްދައިދޭ ކަމަށެވެ. މިދިރާސާގައި ބުނެފައިވަނީ ބަލިވެއިނުމަކީ ކެންސަރު ޖައްސާ ސެލްތަކާއި ދެކޮޅަށް މަސައްކަތްކުރާ ކަމެއްކަމަށާއި، ހަށިގަނޑުގައި ހަލާކުވެފައިވާ ޓިޝޫތައް މަރާމާތުކުރުމަށްވެސް ބަލިވެއިނުން އެހީތެރިވެދޭ ކަމަށެވެ.
ނިކޮޓީން އަދި އުރަމަތީގެ ކެންސަރު
[އުނިއިތުރު ގެންނަވާ]މިލިޔުމުގައި ދުވަހު ނޫސް ހަވީރުގައި މާރޗް 2010 ގައި ޑރ ޢަބުދުﷲ ޢުބައިދު ލިޔުއްވާފައިވާ ލިޔުމެއްގެ ބައެއް ހިމެނެއެވެ. |
ދުންފަތުގައި އެކުލެވޭ ނިކޮޓީންގެ ސަބަބުން އުރަމަތީގެ ކެންސަރުގެ ޓިއުމަރުތައް އާލާވެ، އުފެދުމަށް މަގުފަހިވާކަމަށް ދިރާސާތަކުން ވަނީ އެނގިފައެވެ. ސައިންސްވެރިން ކުރި ދިރާސާތަކުން ސާބިތުވިގޮތުގައި އިޕިތީލިއަލް ސެލްތަކާއި، ކެންސަރު ސެލްތަކުގައި ވެސް ނިކޮޓީން ހޯރމޯންތަކާއި، ތަފާތު ކެމިކަލްތަކާއި އެކުވުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެއް (ރިސެޕްޓަރ) ހުރެއެވެ. އަދި ނިކޮޓީން ހުރެއްޖެނަމަ މިނިޒާމްގެ ސަބަބުން ޓިއުމަރު އުފެދުން މަގުފަހިކުރާކަންވަނީ ހާމަވެފައެވެ.
އުރަމަތީ ކެންސަރުގެ ރިސްކުތައް
[އުނިއިތުރު ގެންނަވާ]- ޖިންސް ނުވަތަ އަންހެނަކަށްވުން : އުރަމަތީ ކެންސަރު ޖެހުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް އެތައް ގުނައެއް އިތުރެވެ.
- ޢުމުރު : އުމުރުން ވަރަށް ކުޑައިރު ގައި ވެސް އުރަމަތީގެ ކެންސަރު ޖެހުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އަންހެންމީހާގެ އުމުރުން މައްޗަށްދިޔަވަރަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ. މިގޮތުން ބަލާއިރު އުމުރުން 40-30 އަހަރާއި ދެމެދުގެ އަންހެނުންނަށް އުރަމަތީ ކެންސަރު ޖެހޭ ނިސްބަތަކީ ކޮންމެ 280 ން 1 މީހެކެވެ. އުމުރުން 40 ވުމުން އެނިސްބަތް ކޮންމެ 70 ން 1 މީހަކަށް ބަދަލުވެއެވެ. އަދި 50 އަހަރުވުމުން 40 ން 1 އަދި 60 އަހަރުވުމުން 30 ން 1 މީހަކަށް ބަދަލުވެއެވެ.
- އާއިލާގައި އުރަމަތީ ކެންސަރު ޖެހިފައިވާ މީހުން ތިބުން: އާއިލާގެ އަންހެނުންގެ ތެރޭގައި ވަކިން ޚާއްޞަކޮށް ފުރަތަމަ ދަރަޖައިގެ ގާތް މީހުންގެ ތެރޭގައި އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހުން ހިމެނޭނަމަ އެމީހަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. އޭގެތެރޭގައި ބައްޕަ ފަރާތުގެ މީހުންނާއި މަންމަ ފަރާތުގެ މީހުން ވެސް ހިމެނެއެވެ.
- މައްސަރު ކަންތައް ދިމާވާން ފެށިއިރު އުމުރުން ހަގުވުން: އާންމު ގޮތެއްގައި އަންހެން ކުދިން މައްސަރު ކަންތައް ޖެހެނީ އުމުރުން 12 ނުވަތަ 13 އަހަރުގެ ތެރޭގައެވެ. ނަމަވެސް ބައެއް އާއިލާ ތަކުގައި އުމުރުން 9 އަހަރު ވުމުން ވެސް މައްސަރު ކަންތައް ޖެހެން ފަށައެވެ. މިފަދަ ކުދިންނަކީ އެހެން ކުދިންނަށްވުރެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑު ބައެކެވެ.
- އިއްދައިން ކެނޑުނު އުމުރު މަތިވުން: އިއްދައިން ކެނޑުމުން ހަށިގަނޑުގެ ތެރޭގައި ދައުރުވާ ހޯރމޯން ތަކުގެ މިންވަރަށް ބަދަލު އާދެއެވެ. މިހޯރމޯންތައް ހަށިގަނޑުގެ ތެރޭގައި ދައުރުވާ މުއްދަތު އިތުރުވި ވަރަކަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވެއެވެ.
- ފުރަތަމަ ފަހަރަށް ބަލިވެ އިންނަ އުމުރު މަތިވުން: ދިރާސާތަކުން ދައްކާގޮތުގައި ފުރަތަމަ ފަހަރަށް ބަލިވެ އިންނައިރު އުމުރުން 30 އަހަރަށްވުރެ ތިރި ނަމަ އުރަމަތީ ކެންސަރު ޖެހުމުން ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ލިބިދޭނެއެވެ.
- އެއްގޮތަކަށް ވެސް ކުދިން ނުލިބުން
- ގާތުން ކިރުނުދިނުން
- އުރަމަތީގެ ކެންސަރު ނޫން އެހެނިހެން ގަޑުއުފެދުން
- މެޔަށް ނުވަތަ އުރަމައްޗަށް ރޭޑިޔޭޝަންގެ ފަރުވާ ދީފައިވުން
- ހަށިގަނޑުގެ ބަރުދަން މައްޗަށްދިއުން
- ހޯރމޯން މަދުވުމުގެ ސަބަބުން ބޭހުގެ ސިފައިގައި ދިގު މުއްދަތަށް ހޯމޯންގެ ފަރުވާ ލިބިފައިވުން
- އުރަމަތީގެ ކެންސަރާއި ގުޅުންހުރި ޖީންތަކަށް ބަދަލު އައިސްފައިވާކަން ޓެސްޓްތަކުން ސާބިތުވުން
- ބަލިވެއިނުން މަނާކުރާ ބޭސް ބޭނުންކުރުން:
- މަސްތުވާތަކެތި އަދި ބަނގުރާ ބޭނުންކުރުން
- ކަސްރަތު ނުކުރުން
ފުރުޞަތު ބޮޑުކަމަށް ފާހަގަކުރެވޭ މީހުން
[އުނިއިތުރު ގެންނަވާ]- އުރަމަތީގެ ކެންސަރު އެއްފަހަރު ޖެހި ފަސޭހަވެފައިވާ މީހުން
- އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހަކު ހުރި އާއިލާއެއްގައި ހިމެނޭ އަންހެނުން
- ޒުވާން ދުވަސްވަރު ކެންސަރު ޖެހި ރޭޑިއޭޝަން ދިނުމުގެ ތެރޭގައި އޭގެ އަސަރު އުރަމައްޗަށް ކޮށްފައިވާ މީހުން
- އުމުރުން މާދޮށިވާފަހުން ދަރިން ލިބޭމައިން
މިބަޔާންކުރެވުނު މީހުންނަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ތަޖުރިބާކާރުން ފާހަގަކޮށްފައިވާ މީހުން ކަމަށްވިޔަސް، މިކަމާމެދު ދެވޭ ޔަގީންކަން އަދިވެސް އެހާބޮޑެއް ނޫނެވެ.
އުރަމަތީގެ ކެންސަރުޖެހިފައިވާކަން ޝައްކުކުރެވޭނެ އެންމެ ފާޅުކަންބޮޑު އަލާމާތަކީ އުރަމަތީގައި ހަރުތަނެއް ނުވަތަ ގަނޑު އުފެދުމެވެ. މިބާވަތުގެ ހަރުތަންކޮޅު އުރަމަތީގައި ހުރިތޯ ބެލުމަށް ކުރެވޭ އެންމެ ޚާއްޞަ ކަމަކީ މެމޯގްރާފް އެކްސްރޭ އެއް ނެގުމެވެ. އުރަމަތީގައި ހަރުތަނެއް އުފެދިފައިވާނަމަ، ނުވަތަ ގަނޑުލައިފައި ހުރެއްޖެނަމަ، އެއީ ކެންސަރުގެ ސަބަބުން ދިމާވެފައިވާ ކަމެއްތޯ ދެނެގަތުމަށްޓަކައި ވީހާވެސް އަވަހަކަށް ޓެސްޓްކުރެވޭތޯ ބަލަންވާނެ އެވެ. މިއީ އުރަމަތީގެ ހަރުވެފައިވާ ތަނުން ކުޑަ އެތިކޮޅެއް ނަގައިގެން ކުރާ ޓެސްޓެކެވެ.
އަލާމާތްތައް
[އުނިއިތުރު ގެންނަވާ]- އުރަމަތީގައި ނުވަތަ އުރަމައްޗާއި ކައިރި ހިސާބެއްގައި ނޫނީ ކިހިލިފަތުގައި ބޯވެފައިވާ ތަންތަން، ނުވަތަ ހަރުތަންތަން ހުރުން ނުވަތަ ގަނޑުލާފައިހުރުން
- ވައްގަނޑުން އެއްޗެތި އައުމާއި، ވައްގަނޑަށް ތަދުވުން، ނުވަތަ ވައްގަނޑު އެތެރެއަށް ވަދެފައިހުރުން
- އުރަމަތީގެ ހަން އޮރެންޖްގެ ބޭރު ތޮށީގައި ހުންނަ ގޮަތަށް ބަދަލުވުން
- އުރަމައްޗާއި ވައްގަނޑުގެ ހަން ތުނިވުމާއި، އަދި އުރަމަތި ހޫނުވުން
މިބަޔާންކުރެވުނު އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެނުނު ނަމަވެސް އެއީ ކެންސަރުގެ އަލާމާތަކަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް ރަގަޅު ގޮތަކީ މިއިން އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމެވެ.
އުރަމަތީގެ ކެންސަރު ހުރިތޯ ބެލިދާނެ ގޮތްތައް
[އުނިއިތުރު ގެންނަވާ]ފެންވަރާ ވަގުތު ބަލާނެގޮތް
[އުނިއިތުރު ގެންނަވާ]ފެންވަރާ ވަގުތު މިކަންކުރާނީ ގައިގައި ސައިބޯނިލާ ވަގުތުގައެވެ. ކަނާތް ފަރާތު އުރަމަތީގެ ބެލުންތައް އަބަދުވެސް ބަލާނީ ވައަތުންނެވެ. ވައަތް ފަރާތު އުރަމަތީގެ ބެލުންތައް ބަލާނީ ކަނައަތުންނެވެ.
- ބަލަންބޭނުންވާ އުރަމައްޗާއި ވީފަރާތުގެ އަތްތިލަ ބޯމަތީގައި ނުވަތަ ކަދުރާ މަތީގައި ބާއްވާށެވެ.
- ބޯމަތީގައި ނުވަތަ ކަދުރާ މަތީގައި ބޭއްވި އަތްނޫން އަނެއް އަތުގެ އަތްތިލައިގެ އިގިލިތަކުގެ ހުދުހަމާވީ ފަރާތުން އުރަމަތީގައި ހަރުތަނެއްހުރިތޯ މަޑުމަޑުން އަތްއުގުޅައިގެން ބަލާށެވެ.
- މިގޮތަށް އެއް އުރަމަތި ބަލައި ނިމުމުން އަނެއް އުރަމަތި ވެސް ބަލާށެވެ.
އޮށޯވެއޮވެގެން ބަލާނެގޮތް
[އުނިއިތުރު ގެންނަވާ]އޮށޯވެގެން އުރަމަތި ބަލާއިރު އެކަންކުރާނީ ގައިގައި ހެދުމެއް ނެތި އެވެ. ނަމަވެސް މޭމަތީގައި ތުނި ފޮތިކޮޅެއް އަޅައިގެން ބެލިދާެނެއެވެ.
- އުޑުތިލަމަތިން އޮށޯންނާށެވެ.
- ބަލަން ބޭނުންވާ އުރަމައްޗާވީ ފަރާތުގެ ބޮނބިފަޅީގެ ދަށަށް ބާލީހެއް ނުވަތަ ދެތިން ހަތަރު ފަށަށް ފަތްޖަހާފައިވާ ތުވާއްޔެއް ލައްވާށެވެ.
- ބަލަން ބޭނުންވާ އުރަމައްޗާވީ ފަރާތުގެ އަތްތިލަ ނިއްކުރި މަތީގައި ބާއްވާށެވެ. ނުވަތަ ބޯދަށަށް ލައްވާށެވެ.
- ނިއްކުރި މަތީގައި ނުވަތަ ބޯދަށަށް ލެއްވި އަތްނޫން، އަނެއް އަތުގެ އަތްތިލައިގެ ހުދުހަމާވީ ފަރާތުން މަޑުމަޑުން ވައްބުރަށް ވާގޮތަށް އުރަމަތީގައި އަތްއުގުޅައި، ހަރުތަނެއް ހުރިތޯ ބަލާށެވެ.
- މިގޮތަށް ފުރަތަމަ ބެލުން ބަލައި، ނިންމުމަށްފަހު ނިއްކުރިމަތީގައި ނުވަތަ ބޯދޮށަށް ލެއްވި އަތްތިރިކޮށް އެދުމަތީގައި ބާއްވައި އަނެއް އަތުން ކުރިން ބެލިގޮތަށް އަލުން ވެސް ބަލާށެވެ.
- މިގޮތަށް އެއްފަރާތް ބަލައި ނިމުމުން އަނެއް ފަރާތް ވެސް ބަލާށެވެ.
މޫނުބަލާ ލޯގަނޑެއްގެ އެހީގައި ބަލާނެގޮތް
[އުނިއިތުރު ގެންނަވާ]މިގޮތުން ބޭނުންކުރާ ލޯގަނޑަކީ ހަށިގަނޑުގެ މަތީބައި އެކުގައި ފެންނަވަރުގެ ލޯގަނޑަކަށް ވާންވާނެ އެވެ. އަދި ހަށިގަނޑުގެ އެއްފަރާތުން ރަގަޅަށް އަލިވާފަދަ ގޮތަކަށް ބޮތްކެއް ފަދަ އެއްޗެއްގެ އަލި ހުންނަން ބޭނުންވާނެ އެވެ. މިބެލުންބަލާނީ ވެސް ހެދުމެއްނެތި އެވެ.
- މޫނުބަލާ ލޯގަނޑުގެ ކުރިމަތީގައި ކޮޅަށް ހުއްޓޭށެވެ.
- ދެފަރާތުގެ އުރަމަތިހުރީ އެއްސިފަޔަކަށްތޯ ބަލާށެވެ.
- ދެއުރަމަތީ ބޮޑުމިން ހުރީ އެއްވަރެއްގައިތޯ ބަލާށެވެ.
- ދެއުރަމަތީގެ އުސްތިރިމިނުގައި ތަފާތެއްހުރިތޯއާއި، އުފުލި ދުޅަވެ ނުވަތަ އަޑިވެފައިވާ ތަނެއް ހުރިތޯ ބަލާށެވެ.
- ވައްގަނޑު އިނީ ރަގަޅަށްތޯ، ނުވަތަ އުރަމަތީގެ ތެރެއަށް އަޑިއަށް ވަދެފައިތޯ، ނުވަތަ ވައްގަނޑު ކަނޑައިގެން ގޮސްފައި ހުރިތޯ ނުވަތަ މިނޫނަސް މިބާވަތުގެ އާދަޔާ ޚިލާފު ކަމެއް ވައްގަނޑުގައި ހުރިތޯ ބަލާށެވެ.
- އެއްއުރަމަތި ބަލައި ނިމުމުން އަނެއް އުރަމަތި ވެސް ބަލާށެވެ.
އަލިކަން ހުންނަގޮތުން ވެސް ބައެއް ފަހަރު އުރަމަތީގައި އައިބެއް ހުރިކަމަށް ފާހަގަ ކުރެވިދާނެ އެވެ. ވީމާ ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލާ ކޮންމެ ފަހަރަކުވެސް މި 3 ގޮތަށް ބަލައިލުން މުހިއްމެވެ. އުރަމަތީގައި ހަރުތަނެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ. މިބެލުންތައް ބަލަން އެންމެ ރަގަޅު ދުވަސްވަރަކީ މައްސަރު ކަންތައް ނިމޭތާ ދެދުވަހެއްގެ ތެރޭގައެވެ. އެއީ މައްސަރު ކަންތައް ފެށޭތާ ކައިރީގައި ބައެއް ކަހަލަ ބަދަލުތައް އުރަމައްޗަށް އަންނާތީ އެވެ.
ފަރުވާ
[އުނިއިތުރު ގެންނަވާ]ފަރުވާ ތަކުގެ ތެރޭގައި :-
- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- މިކަމަށް ޚާއްޞަ ބޭސްދިނުން / ކީމޯތެރަޕީ ދިނުން
- ހޯރމޯން ތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005