Jump to content

ފުއްޕާމޭގެ ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުއްޕާމެޔަކީ ނޭވާލާއިރު ހަށިގަނޑަށް ވަންނަ އޮކްސިޖަން ލޭގެތެރެއަށް ފޮނުވައިދީ، ހަށިގަނޑުގައި އުފެދޭ ކާބަންޑައި އޮކްސައިޑް ހަށިގަނޑުން ބޭރަށް ފޮނުވައި ދިނުމުގެ މަސައްކަތްކުރާ ގުނަވަނެކެވެ. ފުއްޕާމޭގެ ކެންސަރު(އިނގިރޭސި ބަހުން: Lung Cancer) ޖެހިއްޖެނަމަ ފުއްޕާމޭގެ މަސައްކަތް ގަވާއިދުން ކުރުން ހުއްޓާލައެވެ. އަދި ވަރަށް ހަލުވިކަމާއެކު ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ކެންސަރުގެ ސެލްތައް ފެތުރިގެންދެއެވެ. މައިގަނޑު ގޮތެއްގައި ދެބާވަތެއްގެ ކެންސަރު ފުއްޕާމޭގައި އުފެދެއެވެ. އޭގެތެރެއިން އެއްބާވަތަކީ ފުއްޕާމޭގެ ކުދި ސެލްތަކުން އުފައްދާ ކެންސަރު އެވެ. އަނެއްބާވަތަކީ ކުދި ސެލްނޫން އެހެން ސެލްތަކުން އުފައްދާ ކެންސަރު އެވެ. މިބައިތައް ވަކިކޮށް ދެނެގަނެވޭނީ މައިކްރޮސްކޯޕް އެއްގެ އެހީގައެވެ. ކުރިން މިބަޔާންކުރި ކޮންމެ ބާވަތެއްގެ ކެންސަރެއްވެސް ފުއްޕާމޭގައި އުފެދި ފެތުރެނީ ތަފާތު ގޮތްގޮތަށެވެ. އެހެންކަމުން ފުއްޕާމޭގެ ކެންސަރަށް ފަރުވާ ކުރުމުގައި މިކަންކަން ރަގަޅަށް ދެނެގަންނަށް ބޭނުންވާނެ އެވެ.

ނޭވާހިނގާހޮޅީގެ ތެރޭގައި ކެންސަރު އުފެދޭގޮތް ދިމާވެއްޖެނަމަ ނޭވާލުމަށް ދަތިވެ ބައެއް ފަހަރު ނޭވާލާހޮޅި ބެދޭގޮތް ވެއެވެ. މިގޮތަށް ދިމާވެއްޖެނަމަ ފަރުވާ ދިނުމަށްޓަކައި ކުރެވޭ ތަހްލީލްތަކުގެ ސަބަބުން ވަރަށް އަވަހަށް ބަލި ދެނެގަނެވޭނެ އެވެ. ނޭވާ ހިނގާ ހޮޅިއާއި ދުރު ހިސާބެއްގައި ފުއްޕާމޭގައި ކެންސަރު އުފެދިއްޖެނަމަ، އެކަމުގެ އުދަގޫ މާއަވަހަށް ކުރިމަތިނުވެ ހުރެދާނެ އެވެ. ނަމަވެސް ފުއްޕާމޭގެ ކެންސަރަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ކެންސަރެކެވެ. އެހެންކަމުން ނޭވާހިނގާ ހޮޅިޔާ ދުރު ހިސާބުގައި ފުއްޕާމޭގައި އުފެދޭ ކެންސަރުގެ އުދަގޫތައް އިހްސާސް ކުރެވެންފަށާއިރު ފުއްޕާމޭގެ ވަރަށް ބޮޑު ބަޔަކަށް ބަލީގެ އަސަރު ފެތުރޭގޮތް އޮންނަނީ ދިމާވެފައެވެ. މިގޮތަށް ދިމާވެއްޖެނަމަ ފުއްޕާމޭގެ ބޭރު ދުލިފަށަށް އޭގެ އަސަރުކޮށް އެހިސާބުގައި ފެންހެދޭގޮތް ދިމާވެއެވެ. ބައެއް ފަހަރު ފުއްޕާމޭގައި ކެންސަރު އުފެދެނީ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި އުފެދޭ ކެންސަރު ސެލްތައް ފުއްޕާމެޔަށް ދަތުރުކޮށްގެންނެވެ. ނަމަވެސް އަނެއް ބައި ފަހަރު ސެލް ފުރަތަމަ ވެސް އުފެދެނީ ފުއްޕާމޭގައެވެ.

ބަލިޖެހުމަށް މެދުވެރިވާ ސަބަބުތައް[އުނިއިތުރު ގެންނަވާ]

 • ބިޑި، ސުއްޓާ، ސިގިރޭޓް، އަދި ގުޑުގުޑާގެ ދުންބުއިމާއި، މިފަދަ އިސްތިއުމާލުކުރާ އިރު ބޭރުވާ ދުމުގެ އަސަރު ފޯރާ ހިސާބުގައި ތިބުން
 • ސިމެންތި ޓިނުގައި އެކުލެވިފައިވާ ކުޑި ފުއްޕާމެޔަށް ދިއުން
 • ބައެއް ބާވަތުގެ ގޭހުގެ އަސަރު އެކުލެވިފައިވާ މާހައުލުގައި ދިރިއުޅުން

ނޯޓް: ސިގިރޭޓް ބުއިން ހުއްޓާލާ މީހެއްގެ ފުއްޕާމޭ އެކަންނުކުރާ މީހެއްގެ ފުއްޕާމެޔާ އެއް ޙާލަތަކަށް ބަދަލުވަނީ ގާތްގަނޑަކަށް 15 އަހަރު ފަހުންނެވެ.

ބަލީގެ އަލާމާތްތައް[އުނިއިތުރު ގެންނަވާ]

 • ކެއްސުމާއި، ކެއްސާފައި އެއްޗެތި އައުމާއި، އަދި ކެއްސާފައި އަންނަ އެއްޗެތީގައި ލޭހުރުން
 • އެކި ޖަރާސީމުގެ ސަބަބުން ފުއްޕާމެޔަށްޖެހޭ ބަލިބަލި ފަސޭހަނުވެ ގިނަދުވަސްވުން
 • ނޭވާކުރުވުން
 • ކެއްސާއިރު މެޔަށް ތަދުވުން
 • ކާހިތްނުވުމާއި ބަރުދަން ލުއިވުން

މިއިން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމަކީ މުހިއްމު ކަމެކެވެ.

ފަރުވާ[އުނިއިތުރު ގެންނަވާ]

 • އޮޕަރޭޝަން ކުރުން
 • ރޭޑިއޭޝަން ދިނުން
 • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

އިތުރު މައުލޫމާތުތަކެއް[އުނިއިތުރު ގެންނަވާ]

 • ފަރުވާ ކުރިޔަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ފުއްޕާމޭގައި ބަލި ފެތުރިފައިވާ ކުޑަބޮޑު މިނުގެ މައްޗަށެވެ.
 • ބަލީގެ ކުރީކޮޅުގައި އެކަން ދެނެގަނެވިއްޖެނަމަ އޮޕަރޭޝަންކޮށްގެން ބަލީގެ އަސަރު ހުރި ހިސާބު ނެގިދާނެއެވެ. ނަމަވެސް މިއީ އެހާ ކާމިޔާބު ކަމެއް ނޫނެވެ. ސަބަބަކީ ފުއްޕާމެޔަކީ މުއްސަދި ގޮތެއްގައި ލޭއެތެރެވަމުންދާ ގުނަވަނަކަށްވާތީ ކެންސަރުގެ ސެލްތައް ވަރަށް ފަސޭހަކަމާއެކު ފުއްޕާމެޔަށް ދަތުރުކުރާތީ އެވެ.
 • މިއީ ފަސޭހަވުން އުދަގޫ ކެންސަރު އެކެވެ.
 • ފުއްޕާމެޔަށް ކެންސަރު ޖެހިއްޖެކަން އެނގެނީ އެބަލީގައި ބޮޑުވަރުވާ ފަހުންނެވެ. މާނައަކީ ފުއްޕާމޭގެ ބޮޑު ބަޔަކަށް ބަލީގެ އަސަރު ފެތުރޭ ފަހުންނެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

 • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005