Jump to content

ޕްރޮސްޓޭޓް ކެންސަރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

ޕްރޮސްޓޭޓް ކެންސަރު(އިނގިރޭސި ބަހުން: Prostate cancer) އަކީ ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ގުނަވަނެއް ކަމުން މިބާވަތުގެ ކެންސަރު ޖެހޭނީ ހަމައެކަނި ފިރިހެނުންނަށެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހެން ދިމާވަނީ ޕްރޮސްޓޭޓް ގްލޭންޑް ގައި ހިމެނޭ ސެލްތައް މިއުޓޭޓްވެ، ކޮންޓްރޯލް ނުވާ މިންވަރަށް އިތުރުވާން ފެށުމުންނެވެ. އަދި މިސެލްތައް ހަށިގަނޑުގެ އެހެން ބައިތަކަށް ދެއެވެ.

ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިމައިވުމުގެ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމް ގެ ބައެކެވެ. ދަރިފަނި ރަހިމާއި ހަމައަށް ގެންދިއުމާއި، ދަރިފަނި ދުޅަހެޔޮ ކަންމަތީ ދެމެހެއްޓުމަށްޓަކައި ޕްރޮސްޓޭޓް ގްލޭންޑް އިން އުފައްދާ ދިޔަވަރު މުހިއްމު ބައެއް ދައުރެއް އަދާކުރެއެވެ. ޕްރޮސްޓޭޓް ކެންސަރު އާންމުކޮށް ފެތުރެނީ ޕްރޮސްޓޭޓް ގްލޭންޑްގެ ބޭރު ފަށަލައިންނެވެ. އެއަށްފަހު ދުރަށްފެތުރި އެހެނިހެން ގުނަންތަކާއި، މައިބަދަ އާއި ކަށިތަކަށް މިކެންސަރު ފެތުރިދާނެއެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނުންގެ ދަރިއުފެދުމާއި ބެހޭ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިއީ ކުޑަ ކުޑަ ދޫނި ބިހެއްގެ ބޮޑުމިނުގައި ދޫނި ބިހެއްގެ ސިފައިވާ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން މަސާނާ އާއި ކުޑަކަމުދާ ހޮޅި އާއި ގުޅޭ ހިސާބުގައި އެހޮޅީގެ ވަށައި ލެވިގެންނެވެ. މިގްލޭންޑްގެ މަސައްކަތަކީ މަނީގައި ހިމެނޭ ދިޔަ އުފެއްދުމެވެ. ފިރިހެނުންނަށް ޖެހޭ ކެންސަރު %16 އަކީ ޕްރޮސްޓޭޓް ކެންސަރު އެވެ. އާންމުގޮތެއްގައި އުމުރުން 40 އަހަރަށްވުރެ ހަނގުމީހުންނަކަށް މިބާވަތުގެ ކެންސަރެއް ނުޖެހެއެވެ.

ޕްރޮސްޓޭޓް ކެންސަރު އަކީ ފިރިހެނުންގެ ތެރޭގައި ފާހަގަ ކުރެވޭ ޢާންމު ކަމެކެވެ.


ޕްރޮސްޓޭޓް ކެންސަރު ޖެހޭ ސަބަބު

[އުނިއިތުރު ގެންނަވާ]

ޕްރޮސްޓޭޓް ކެންސަރު ޖެހޭ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑީ ކޮން ބަޔަކަށް ކަން ދެނެގަނެވިދާނެ އެވެ. މިގޮތުން ފާހަގަ ކުރެވޭ ކަންކަމަކީ :-

  • ޢުމުރުން ދުވަސްވުން : ޕްރޮސްޓޭޓް ކެންސަރު ޖެހޭ މީހުންގެ %70 އަށްވުރެ ގިނަ މީހުންނަކީ 65 އަހަރަށްވުރެ މަތީ ޢުމުރުގެ މީހުންނެވެ.
  • ޢާއިލާ މެންބަރަކަށް މިބަލި ޖެހުން : މިގޮތުން ބައްޕަ، ބޭބެ، ކޮއްކޮ އަށް މިބަލި ޖެހިފައިވާނަމަ ތިމާ އަށް މިބަލި ޖެހުމުގެ ފުރުސަތު 11-2 ގުނައާއި ދެމެދުގެ މިންވަރަކަށް އިތުރުވެގެން ދެއެވެ.


އަލާމާތްތައް

[އުނިއިތުރު ގެންނަވާ]

ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުމުން ފެންނަ އަލާމާތްތަކާއި ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހުމުން ފެންނަ އަލާމާތްތައް ދާދި އެއްގޮތެވެ.

  • ކުޑަކަމުދާން ފަށައިގަންނަން އުދަގޫވުން
  • ކުޑަކަމުދާއިރު ކުރިންދާ ބާރުމިނުގައި ދެވޭގޮތްނުވުން ނުވަތަ ދަތިވުން
  • ކުޑަކަމުދާއިރު ކެނޑިކެނޑިގެން ދެވޭގޮތްވުން
  • ކުޑަކަމުގޮސް ނިމޭއިރު ނުވަތަ ނިމުމަށްފަހު ތިކިޖެހޭގޮތްވުން / ކުޑަކަމުދާ ވަގުތު މަސާނާ ހުސްނުވުން
  • އަވަސް އަވަހަށް (ޚާއްޞަކޮށް ރޭގަނޑު) ކުޑަކަމުދާން ޖެހުން
  • ރޭގަނޑު ނިދާފައި އޮންނަ ވަގުތު ކުޑަކަމުދާން ތެދުވާންޖެހުން
  • ކުޑަކަމުދާ ތަކެތީގައި ލޭ ނުވަތަ ދޮސް ހުރުން
  • ކުޑަކަމުދާއިރު ތަދުވުން ނުވަތަ ދިލަނެގުން
  • ޖިންސީ އެދުން ފުދޭއިރު ތަދުވުން
  • އުކުޅުވަޅުގައި ނުވަތަ އުނަގަނޑުގައި ފިލައިގެންނުދާ ތަދެއް ހުރުން
  • ލޭގެ ޕީއެސްއޭ (ޕްރޮސްޓެޓިކް ސްޕެސިފިކް އެންޓިޖަން) ޓެސްޓްގައި މިމާއްދާ ހުންނަންޖެހޭ މިންވަރަށްވުރެ އިތުރުވުން
  • ޅިނދުމައްޗަށާއި އުނަގަނޑު ކަށިގަނޑަށާއި، ފައިގެ ފަލަމަސްގަނޑުގެ މަތީބަޔަށް ތަދުވުނ
  • ކުޑަކަމުދާއިރު ތަދުވުން
  • ކުޑަކަމުދާ ނަޖިހުގައި ލޭހުރުން

މިއިން އަލާމާތެއް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކުރާށެވެ.

ފަހުން މިލިޔުނު 3 އަލާމާތް ފެންނަނީ ކެންސަރުގެ އަސަރު ބޮޑުވުމާއި ގުޅިގެންނެވެ. ޕްރޮސްޓޭޓް ގްލޭންޑް އަށް ކެންސަރު ޖެހި އޭގެ އެއްވެސް އަލާމާތެއް ނުފެނި ދިގުމުއްދަތެއް ވޭތިވެހިގައިދާނެ އެވެ. މިގްލޭންޑަށް ކެންސަރުޖެހޭ މީހުންގެ ތެރެއިން %90 މީހުންނަށް މިކަން އެނގެނީ މިގްލޭންޑްގައި އުފެދޭ ކެންސަރު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރުމާއި ގުޅިގެންނެވެ.

  • މިބަލި ހުރިތޯ ދައްކަންޖެހޭނީ ކުޑަކަމުދާ ނިޒާމްގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރަކަށެވެ. ނުވަތަ އޮޕަރޭޝަން ޑޮކްޓަރަކަށެވެ.
  • ޕްރޮސްޓޭޓް ގްލޭންޑްގެ އެއްވެސް މައްސަލައެއް ހުރިތޯ ބެލުމަށް ފުރަތަމަ ކުރެވޭ ކަމަކީ ފުރަގަސް ފަރާތުން އެތެރެއަށް އިނގިލި ލައްވައިގެން ބެލުމެވެ. މިގޮތުން ބަލާއިރު ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒަށް ނުވަތަ ސިފަޔަށް ބޮޑު ބަދަލެއް އައިސްފައިވާނަމަ އެކަން ދެނެގަނެވޭނެ އެވެ.
  • ޕްރޮސްޓޭޓް ކެންސަރު އިތުރަށް ތަހްލީލު ކުރުމަށްޓަކައި ލޭގެ ޓެސްޓް ހަދަން ޖެހެއެވެ.
  • ސްކޭން ކުރުން : މިއީ ޕްރޮސްޓޭޓް ގްލޭންޑްގެ ސައިޒު ދެނެގަތުމަށް ކުރެވޭ ކަމެކެވެ. ޕްރޮސްޓޭޓް ކެންސަރު ޖެހުމުން މިގުނަވަން ދުޅަވެ ބޮޑުވެއެވެ. ނަމަވެސް ޕްރޮސްޓޭޓް ބޮޑުވާން ދިމާވާ އެންމެ އާންމު ސަބަބަކީ ޕްރޮސްޓޭޓް ކެންސަރެއް ނޫނެވެ.
  • ބަޔޮޕްސީ ހެދުން : މިއީ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ އެންމެ ބޮޑަށް ޔަގީންކޮށްދޭނެ ޓެސްޓެވެ. މިއީ ޕްރޮސްޓޭޓުން ކުޑަ އެތިކޮޅެއް ނަގައިގެން ކުރާ ތަހްލީލެކެވެ.

ސްކްރީންކުރުން

[އުނިއިތުރު ގެންނަވާ]

ސްކްރީން ކުރުމަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަނީސް ބަލިހުރިތޯ ބެލުމަށް ތަހުލީލު ކުރުމެވެ. މިބަލީގެ ކުރީކޮޅު ބަލި ހުރިކަން ދެނެގަނެ ފަރުވާ ކުރަން ފެށުމުން ވަރަށް ބޮޑެތި ފައިދާތަކެއް ލިބެއެވެ. މިގޮތުން އެހެން ގުނަންތަކަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަވުމާއި، ޕްރޮސްޓޭޓް އަށް ބަލި ޖެހުމުގެ ސަބަބުން އަސަރުކުރާ މިންވަރު ކުޑަކުރެވެއެވެ. ފާއިތުވި 20 އަހަރުގެ ތެރޭގައި ބައްޔަށް ސްކްރީން ކުރުމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރެވޭ މިންވަރު %67 އިން %97 އަށް ވަނީ އިތުރުވެފައެވެ.

ސްކްރީން ކުރަންޖެހޭ މީހުން

[އުނިއިތުރު ގެންނަވާ]

ބައްޔަށް ސްކްރީން ކުރަންޖެހެނީ ކުރިން ވެސް ބަޔާންކޮށްފައިވާ ފަދައިން ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންނެވެ. އެމެރިކާގެ ކެންސަރ ސޮސައިޓީން ލަފާދެނީ އުމުރުން 50 އަހަރުންމަތީގެ ހުރިހާ ފިރިހެނުންވެސް ޕްރޮސްޓޭޓް ކެންސަރު އަށް ސްކްރީން ކުރުމަށެވެ.

ޕްރޮސްޓޭޓް ކެންސަރަށް ދެވޭ ފަރުވާ ތަކުގެ ތެރޭގައި :-

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • މިކަމަށް ޚާއްޞަ ބޭސްދިނުން / ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

ކުރީކޮޅުގައި ބަލި ހޯދިއްޖެނަމަ މިފަރުވާތަކުން ބަލި މުޅިން ފަސޭހަ ކުރެވިދާނެ އެވެ. މިބައްޔަށް ސްކްރީންކުރުން މުހިއްމު ވަނީ މިސަބަބާހުރެއެވެ. ނަމަވެސް ބަލި ދެނެގަނެވޭލެން ލަސްވެއްޖެނަމަ މިފަދަ ފަރުވާ ތަކުން ވެސް ކޮށްދެވޭނެ ކަމަކީ ބަލިމީހާގެ އުދަގޫތައް ލުއިކޮށް ދިނުމާއި، ބަލި އިތުރަށް ގޯސްވަމުންދާ މިންވަރު ކުޑަ ކުރުމެވެ.

މަރުޖިޢުތައް

[އުނިއިތުރު ގެންނަވާ]
  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005