ފުރަމޭގެ ކެންސަރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ފުރަމޭގެ ކެންސަރު(އިނގިރޭސި ބަހުން: Liver cancer) އަކީ ދުނިޔޭގައި އެންމެ އާންމު ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ. ފުރަމޭ ގެ ކެންސަރު ޖެހެނީ ފުރަމޭ ދުޅަވުން، އަދި ފުރަމޭ ހަލާކުވުން ފަދަ ކަމެއް މެދުވެރިވެގެންނެވެ. ފުރަމޭގެ ކެންސަރު ޖެހޭމީހުންގެ 20-10 އިންސައްތަ އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ.

ފުރަމޭ ދުޅަވުން ފަދަ ބަލިތައް އާންމު ނޫން ގައުމުތަކުގައި ފުރަމޭގެ ކެންސަރު ޖެހިފައި ގިނައިން ހުންނަނީ ހަށިގަނޑުގެ ކޮންމެވެސް އެހެން ބަޔަކަށް ކެންސަރު ޖެހި އޭގެ އަސަރު ފުރަމޭއަށް ކުރުން ފަދަ ގޮތަކަށެވެ. ފުރަމޭގެ ކެންސަރަށް ކުރެވޭ ފަރުވާ ބިނާވެފައި އޮންނަނީ ކެންސަރާއި ގުޅިގެން އުފެދޭ ޓިއުމަރު ނުވަތަ ގޮށްގަނޑު ގެ ސައިޒާއި، ޓިއުމަރު ހުރި ހާލަތެއްގެ މައްޗަށެވެ.

ފުރަމޭ އަކީ ނޭވާލުމަށް އެހީވުމަށް ބަނޑުގެތެރޭގައިވާ ޑައިފްރަމް އޭ ކިޔާ މަސްގަނޑުގެ ދަށުގައި ބަނޑޭކިިޔާ ބައިގެ މަތީ ބައިގެ ކަނާތްފަރާތުގައިވާ ގުނަވަނެކެވެ. ފުރަމޭގައިވާ ސެލްތަކަކީ ވަރަށް ޚާއްޞަ ސެލްތަކެކެވެ. އެސެލްތައް ބާވުމުން އެސެލްތައް އަލުން އާކުރުމުގެ ގާބިލިއްޔަތު ފުރަމެޔަށް ލިބިފައި ވެއެވެ. މިބަލި އޭޝިޔާގައި އާންމުވެފައިވަނީ ހެޕަޓައިޓިސްގެ ސަބަބުންނެވެ. ފުރަމޭގެ ކެންސަރު ދެގޮތަކަށް ޖެހިދާނެ އެވެ. އެއްގޮތަކީ ފުރަމޭ ގައި ކެންސަރު އުފެދުމެވެ. އަނެއް ގޮތަކީ ހަށިގަނޑުގެ އެހެން ކޮންމެެވެސް ތަނެއްގައި އުފެދޭ ކެންސަރުގެ ސެލްތައް ފުރަމޭގެ ތެރެއަށް ދަތުރުކޮށް އެތާގައި ހާލި ހެދުމެވެ. ފުރަމޭގެ ކެންސަރު ގިނައިން ޖެހެނީ ފިރިހެނުންނަށެވެ.

ސަބަބު[އުނިއިތުރު ގެންނަވާ]

  • ހެޕަޓައިޓިސް ބީ ނުވަތަ ހެޕަޓައިޓިސް ސީގެ ޖަރާސީމް ހަށިގަނޑުގެތެރެއަށް ވަނުން
  • ބަނގުރާ ބުއިމުގެ ސަބަބުން ފުރަމޭގައި ލަކުނުލުން
  • ގުދުރަތީ ބައެއް ކާނާގައި ވެސް ކެންސަރު އުފައްދާ ބައެއް މާއްދާތައް ހުރުމާއެކު މިފަދަ ކާނާ ގިނައިން ބޭނުންކުރުން

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

  • ބަނޑުގައި ރިހުން : މިރިހުން ބައެއް ފަހަރު ގަދަވެއެވެ. އަދި އަނެއްބައި ފަހަރު އަބަދު ހުންނަ ރިހުމަކަށް ބަދަލުވެގެން ދެއެވެ.
  • ވަރުދެރަވުމާއި ބަރުދަން ލުއިވުން
  • ކާހިތްނުވުން
  • ހަޖަމުގޯސްވުން
  • ބަނޑުހިކުން
  • ބަނޑުގައި އަތްޖައްސާލުމުން ހަރުތަނެއް އޮންނަކަން އިހްސާސްވުން
  • ބަނޑުގައި ފެންހެދުން
  • ލޭގެ އަލްފާ ފީޓޯޕްރޮޓީން ޓެސްޓްހަދާއިރު މިމާއްދާ އިތުރުވެފައިވުން

ފަރުވާ[އުނިއިތުރު ގެންނަވާ]

  • އޮޕަރޭޝަން ކުރުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން

ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މަރުޖިޢުތައް[އުނިއިތުރު ގެންނަވާ]

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005