Jump to content

ނަސްލު އުފައްދާ ނިޒާމް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން

އިންސާނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނެނީ ނަސްލު އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވާ ގުނަވަންތަކާއި، ޓިޝޫ ތަކެވެ. އިންސާނުންގެ ނަސްލު އުފައްދާ ނިޒާމް ދެޖިންސަށް ވެސް ތަފާތެވެ. އެގޮތުން ނަސްލު އުފައްދާ ނިޒާމް ގައި ހިމެނޭ ބައިތައް ތިރީގައި މިވަނީއެވެ.

އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ޞޫރައެއް
ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ޞޫރައެއް

އަންހެނުންގެ ނަސްލު އުފައްދާ ނިޒާމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަންހެނުންގެ ނަސްލު އުފައްދާ ނިޒާމް

އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިސްރަވަ

ބިސްރަވަ ނުވަތަ (އިނގިރޭސި ބަހުން: Ovary) އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސް އުފައްދާ ތަނެވެ. ކޮންމެ އަންހެނެއްގެ ދެ ބިސްރަވަ އިނދެއެވެ. ފިރިހެނުންގެ ހަށިގަނޑުގައި ބިސްރަވަ އާއި އެއްގޮތް ވަޒީފާއެއް އަދާކުރާ އެއްޗަކީ އޮށެވެ. އެއީ އޮށުގެ ތެރޭގައި ދަރިފަނި ނުވަތަ މަނަވީ ޙައިވާން ނުވަތަ މަނި އުފައްދާތީ އެވެ. ބިސްރަވަ އިން ބިސް އުފެއްދުމުގެ އިތުރުން ބައެއް ކަހަލަ ހޯރމޯންތައް އުފައްދައެވެ. މިގޮތުން ބިސްރަވަ އިން އުފައްދައިދޭ އެންމެ އާއްމު އަދި މުހިއްމު ދެ ހޯރމޯން އަކީ އެސްޓްރަޖަން(Oestrogen)އަދި ޕްރޮޖެސްޓަރޯން(Progesterone) އެވެ.

ބިސް ދަތުރުކުރާ ހޮޅި

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިސް ދަތުރުކުރާ ހޮޅި

ބިސް ދަތުރުކުރާ ހޮޅި ނުވަތަ(އިނގިރޭސި ބަހުން: Fallopion tube)މިއީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ބިސްރަވަ އާއި ރަހިމު ގުޅުވައިދޭ ހޮޅިއެވެ. ބިސްރަވައިގައި ބިސް އުފެދުމަށްފަހު ރަހިމަށް ވާޞިލްވަނީ މިހޮޅި ކަނޑަތުކޮށެވެ. ކޮންމެ އަންހެނެއްގެ ހަށިގަނޑުގައި މިފަދަ ބިސް ދަތުރުކުރާ ދެހޮޅި ވެއެވެ. ބިސް ދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައިވަނީ ރަހިމުގެ މަތިން ދެއަރިމަތިންނެވެ. ބިސް ދަތުރުކުރާ ހޮޅީގެ ދިގުމިނަކީ ގާތްގަނޑަކަށް 14-7 ސެންޓިމީޓަރެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަހިމު

ރަހިމު ނުވަތަ(އިނގިރޭސި ބަހުން: Uterus) އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މައި ގުނަވަނަކީ ރަހިމެވެ. ނުވަތަ މިއީ މިނިޒާމްގައި ހިމެނޭ އެންމެ މުހިއްމު އެއްގުނަވަނެވެ. ރަހިމުގެ މަތިން ކުރިންވެސް ބުނިހެން ދެފަރާތުގައި ދެ ބިސްދަތުރުކުރާ ހޮޅި ރަހިމާއި ގުޅިފައި ވެއެވެ. ރަހިމުގެ ތިރީ ބަޔަކީ ރަހިމުގެ ކަރެވެ. މިބައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވޭ ގޮތަށެވެ. ބިސްރަވައިގައި އުފައްދާ ބިސް ބިސްދަތުރުކުރާ ހޮޅި ކަނޑަތުކޮށް ރަހިމަށް ވާޞިލްވެ، ފިރިހެނާ ޖިންސީ ގުޅުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑަށް ދޫކޮށްލާ މަނަވީ ޙައިވާން އާ ބައްދަލުވެއްޖެނަމަ ބިސް ރަހިމުގައި ފާރުގައި މުޑުވަށްވެ، އިންދައެވެ. އަދި ރަހިމުގެ ތެރޭގައި ދަރިފުޅު އަށަގަނެ ބޮޑުވަމުން އާދެއެވެ.

ރަހިމުގެ ކަރު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރަހިމުގެ ކަރު

ރަހިމުގެ ކަރު ނުވަތަ (އިނގިރޭސި ބަހުން: Cervix) އަކީ ރަހިމުގެ ތިރީގައި ހިމަކޮށް އިންނަ ބައެވެ. ރަހިމުގެ ކަރު ހުޅުވިފައި އިންނަނީ އަންހެނާގެ ޖިންސީ ގުނަވަނަށެވެ. ރަހިމުގެ ކަރު އިންނަނީ ސިލިންޑަރެއް ނުވަތަ ކޯން އެއްގެ ބައްޓަމަށެވެ. ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ނިކުމެފައި އިންނަ ބަޔަށް ކިޔަނީ އެކްޓޮސާރވިކްސް(Ectocervix) އެވެ. މިބައިގެ ދިގުމިނުގައި 3 ސެންޓިމީޓަރު އަދި ފުޅާމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ރަހިމުގެ ކަރުން ރަހިމުގެ ތެރެއަށް ހުޅުވާދޭ ތަނަށް ކިޔަނީ އިންޓާރނަލް އޮސް(Internal Os) އެވެ. އަދި ރަހިމުގެ ކަރުން އަންހެނާގެ ޖިންސީ ގުނަވަނަށް ހުޅުވާދޭ ތަނަށް ކިޔަނީ އެކްސްޓާރނަލް އޮސް(External Os) އެވެ.

އަންހެނާގެ ޖިންސީ ގުނަވަން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަންހެނާގެ ޖިންސީ ގުނަވަން

އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ (އިނގިރޭސި ބަހުން: Vagina) ފެށިފައި އިންނަނީ ރަހިމުގެ ކަރު ނިމޭ ހިސާބުންނެވެ. މިއީ ބޭރަށް ހުޅުވިފައި އިންނަ ގުނަވަނެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ފިރިހެން ހަށި ވާޞިލް ކުރެވެނީ މިބަޔަށެވެ. އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ މަޑު މަހުން އުފެދިފައިވާ އިލާސްޓިކް ކެނަލް އެވެ. ރަހިމުގެ ކަރުން ފެށިގެން ބޭރަށް ފަރުޖާއި ހަމައަށް އައިސްފައިވާ މި ގުނަވަންގެ އެވްރެޖް ދިގުމިނުގައި 18-15 ސެންޓިމީޓަރު ނުވަތަ 7-6 އިންޗި ހުންނަކަމަށް ބުނެވެއެވެ. މިގުވަނަށް ލިބިފައިވާ އިލާސްޓިކް ކަމެއްގެ ސަބަބުން ޖިންސީ ގުޅުން ހިންގާއިރާއި، ވިހެއުމުގެ ތެރޭގައި މިގުނަވަނަށް ދެމި ފުޅާވެ، ބޮޑުވުމުގެ ގާބިލިއްޔަތު ލިބިފައި ވެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖީ-ވަޅު

ޖީ-ވަޅު ނުވަތަ ޖީ-ސްޕޮޓް ނުވަތަ (އިނގިރޭސި ބަހުން: G-Spot) ގެ ދިގު ނަމަކީ ގްރަފެންބާރގް ސްޕޮޓް އެވެ. މއީ އަންހެނުންގެ ޅިނދު ކަށިގަނޑު ގެ ފަހަތުގައި ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ތަންކޮޅެކެވެ. މިތަނަށް ވާޞިލްވެވޭނީ އަންހެނާގެ ޖިންސީ ގުނަވަނުގެ ކުރިމަތީ ފާރުންނެވެ. ބުނެވޭ ގޮތުގައި ޖީ-ސްޕޮޓް ހީވާގިކޮށް މުރާލިކުރުމަކީ އަންހެނުންނަށް ޖިންސީ އެދުންވެރިކަން އޭގެ އެންމެ މައްޗަށް ގެންގޮސްދޭ ކަމެކެވެ.

ޖީ-ސްޕޮޓް މިނަން ދެވިފައިވަނީ ޖަރުމަނުގެ އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރެއްކަމަށްވާ އާނެސްޓް ގްރަފެންބާރގް ގެ ނަމާ ގުޅުވައިގެންނެވެ. 1950 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖީ-ސްޕޮޓް އަކީ އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ތަންކޮޅެއްކަން ހޯއްދެވީ މިބުނި ޑޮކްޓަރެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަރުޖު

ފަރުޖު ނުވަތަ (އިނގިރޭސި ބަހުން: Vulva) އަކީ ބޭރަށް ފެންނަން އިންނަ އަންހެނާގެ ޖިންސީ ގުނަވަނެވެ.ނުވަތަ އަންހެނާގެ ޖިންސީ ގުނަވަން ބޭރަށް ހުޅުވިފައި ތަނެވެ. އާންމު ގޮތެއްގައި ފަރުޖޭ ބުނުމުން މީހުން މާނަ ކުރަނީ އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ކަމަށެވެ. ނަމަވެސް ހަގީގަތަކީ އަންހެނާގެ ޖިންސީ ގުނަވަނަކީ އެތެރެއިން ލެވިފައިވާ ނުވަތަ އެތެރޭގައިވާ ބައެކެވެ. އަދި ފަރުޖަކީ ހަށިގަނޑުން ބޭރުގައި ފެންނަ އިންނަ ޖިންސީ ގުނަވަނުގެ ނުވަތަ ނަސްލު އުފައްދާ ނިޒާމްގެ ބައެކެވެ.

ފަރުޖު ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަރުޖު ހިމެނޭ ހިސާބުގައި ޖަމާވެފައިވާ ފެޓް އެކުލެވޭ ޓިޝޫތައް، ނުވަތަ ފެޓް ބޮޑިވަރު، ބޮޑު ދެތުންފަތް، ކުޑަ ދެތުންފަތް، ކުޑަކަމުދާ ހޮޅީގެ ލޯވަޅު، ޖިންސީ ގުޅުން ހިންގާ ލޯވަޅު، ބިކުރުގެ ދުލިފަށް އަދި ފަރުޖާއި ފުރަގަސް ފަރާތު ދޮރާއި ދެމެދުގައިވާ ހިސާބު ހިމެނެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޅަނދިލި

ކުޅަނދިލި ނުވަތަ (އިނގިރޭސި ބަހުން: Clitoris) އަކީ ވެސް ފަރުޖު ހިމެނޭ ހިސާބުގައިވާ ބައެކެވެ. ކުޅަދިނލި އިންނަނީ ކުޑަ ދެތުންފަތް މަތިން ގުޅިފައިވާ ހިސާބާއި ކައިރީގައެވެ. ކުޑަކަމުދާ ހޮޅީގެ ލޯވަޅަށްވުރެ މަތީގައެވެ. ބުނެވޭގޮތުގައި ފިރިހެނާގެ ހަށިގަނޑުގައިވާ ފިރިހެން ހައްޓާއި އެންމެ އެއްގޮތް އެއްޗެއްކަމަށް އަންހެނުންގެ ހަށިގަނޑުން ފެންނަށް އިނީ ކުޅަދިނލި އެވެ. ކުޅަދިނލީގެ ބޯ ކޮޅުގައި 8000 ނާރވް ނުވަތަ ނާރު ފައިބަރު ތައް ވާކަމަށް ބުނެވެއެވެ. ނަތީޖާއެއްގެ ގޮތުން ކުޅަދިނލި ހީވާގިކޮށް މުރާލިކުރުމުން ޖިންސީ އެދުންވެރިކަން ހިލި، ޖިންސީ އުފާ އިތުރުވާކަމަށް ވެއެވެ.

ކުޅަނދިލި ބުރުގާ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޅަނދިލި ބުރުގާ

ކުޅަނދިލި ބުރުގާ ނުވަތަ ކުޅަދިނލީގެ ބޯކޮޅު ވަށައިގެންވާ ހަންކޮޅު ނުވަތަ (އިނގިރޭސި ބަހުން: Clitoral prepuce)މިއީ ކުޅަނދިލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ލެވިފައިވާ ހަންކޮޅެކެވެ. މިހަންކޮޅު ބޮޑުވެގެން އަންނަނީ ކުޑަ ތުންފަތުގެ ބައެއްގެ ގޮތުގައެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުގައި މިހަންކޮޅާއި އެއްގޮތް އެއްޗެއްކަމަށް ބުނެވެނީ ޚިތާނު ނުކުރާ މީހުންގެ ފިރިހެންހަށީގެ ބޮލުގެ ކޮޅުގައި އޮޅިފައިވާ ހަންކޮޅެވެ.

މިހަންކޮޅު ގެ ވަކި ސައިޒެއް ނުވަތަ ބައްޓަމެއް ނުވެއެވެ. ބައެއް މީހުންގެ ވަރަށް ބޮޑު ހަންކޮޅެއް ކުޅަނދިލީގެ ވަށައިގެން އިންނައިރު އަނެއްބަޔެއްގެ ވަރަށް ކުޑަ ހަންކޮޅު ހުންނަކަން ފާހަގަވެއެވެ. އެއްބަޔެއްގެ ހަންކޮޅު ފަހަތަށް ޖެހި ކުޅަނދިލީގެ ބޯ އެއްކޮށް ފެންނަން އިންނައިރު އަނެއްބަޔެއްގެ ހަންކޮޅުން ކުޅަދިނލި އިންނަނީ އެއްކޮށް ނިވައި ކުރެވިފައެވެ.

ބިކުރުގެ ދުލިފަށް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބިކުރުގެ ދުލިފަށް

ބިކުރުގެ ދުލިފަށް ނުވަތަ (އިނގިރޭސި ބަހުން: Hymen) ޖިންސީ ގުނަވަނުގެ ބޭރު ދޮރު(އިނގިރޭސި ބަހުން: External vaginal opening) ގެ މަތީގައި ތަބީޢީ ގޮތުން ލެވިފައިވާ ތެތް ދުލިފަށެކެވެ. ބިކުރުގެ ދުލިފަށް ވަރަށް ގިނަ ބައްޓަންތަކަށް ހުރެއެވެ. އެންމެ އާންމު ވައްތަރަކީ ހަނދު ފަޅި އެއްގެ ބައްޓަމަށް ހުންނަ ވައްތަރެވެ.

އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ޞޫރައެއް

ފަރުޖުގެ ތުންފަތް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފަރުޖުގެ ތުންފަތް

ފަރުޖުގެ ތުންފަތް ނުވަތަ (އިނގިރޭސި ބަހުން: Labium) މިއީ އަންހެނާގެ ކުރިމަތި ފަރާތުގައި ޖިންސީ ގުނަވަން އަދި ފަރުޖު ހިމެނޭ ހިސާބުގައިވާ ދެތުންފަތެވެ. ބޭރު ބޮޑު ތުންފަތް ވާއިރު އެއަށްވުރެ އެތެރެއިން ވަނީ ކުޑަ ތުންފަތެވެ. ބޮޑު ތުންފަތް އެކުލެވިގެންވަނީ ހަން އަދި ފެޓް އެކުލެވޭ ޓިޝޫ އިންނެވެ. ބާލިޣުވުމަށްފަހު ބޮޑު ތުންފަތުގެ ހަންގަނޑުގައި އާންމުކޮށް އިސްތަށި ފަޅައެވެ. އަންހެނަކު ކޮޅަށް ހުންނައިރު ފަރުޖުގެ ބޮޑު ބައެއް ބޮޑު ތުންފަތުން ނިވާކޮށްދެއެވެ. ޢާންމު ގޮތެއްގައި ބޮޑު ތުންފަތުގެ ހަމުގެ ކުލަ އާދައިގެ ހަމުކުލަ އާއި އެއްގޮތެވެ. ނަމަވެސް ބައެއް މީހުންގެ މިބައިގެ ހަމުގެ ކުލަ ފިޔާތޮށި ނުވަތަ މުށި ކުލައަކަށްވެސް ހުރެދާނެއެވެ.

ކުޑަ ދެތުންފަތަކީ ބޮޑު ދެތުންފަތުގެ އެތެރެއިން ޖިންސީ ގުނަވަނުގެ ދޮރުގެ ވަށައިގެން ލެވިފައިވާ އެއްޗެކެވެ. ކުޑަ ދެތުންފަތް ދެފަރާތުން މައްޗަށް އައިސް ގުޅޭ ހިސާބުގެ މަތީގައި ވަނީ ކުޅަދިއްޔެވެ. ކުޅަދިނލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ވަށައިގެން ހަންކޮޅެއް ލެވިފައި ވެއެވެ.

ކުޑަކަމުދާ ހޮޅި

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަކަމުދާ ހޮޅި

ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ބާރތޮލިން ގްލޭންޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބާރތޮލިން ގްލޭންޑް

ބާރތޮލިން ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Bartholin’s gland) އަކީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ދޮރުގެ ދެފަރާތުގައި އިންނަ ކުޑަ ކުޑަ ދެ ގްލޭންޑް އެވެ. އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ބާރތޮލިން ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ކައުޕާރސް ގްލޭންޑް(އިނގިރޭސި ބަހުން: Cowpers gland) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ތެތް ކަމެއް ހުންނަ ދިޔައެއް މި ގްލޭންޑުން ބޭރުކުރާ ކަމަށް ބުނެވެއެވެ.

ބާރތޮލިން ގްލޭންޑް ފުރަތަމަ ހޯއްދެވި ކަމަށް ބުނަނީ 17 ވަނަ ގަރުނުގެ ތެރޭގައި ޑެންމާރކްގެ އެނަޓަމީ ޢިލްމު ވެރިއެއް ކަމަށްވާ ކެސްޕަރ ބާރތޮލިން (1738-1655) އެވެ. ބައެއް މީހުން މިގްލޭންޑް ހޯއްދެވީ 1629-1585 އަށް ދިރިއުޅުއްވި ކެސްޕަރ ބާރތޮލިން ދިއިލްޑަރ ކަމަށް ބުނެއެވެ. އެއީ ކުރިން ބުނި ކެސްޕަރ ބާރތޮލިންގެ ކާފަ އެވެ.

ސްކީންސް ގްލޭންޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްކީންސް ގްލޭންޑް

ސްކީންސް ގްލޭންޑް ނުވަތަ (އިނގިރޭސި ބަހުން: Skene’s gland) އަކީ އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ފާރުގައި ހުންނަ ގްލޭންޑް ތަކެކެވެ.އަދި އެ ގްލޭންޑްތައް ހުންނަނީ ކުޑަކަމުދާ ހޮޅި ތިރިން ނިމޭ ހިސާބު ކައިރީގައެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މިގްލޭންޑްތަކަށް ލޭއެޅި ފުރިބާރުވެއެވެ. އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައިވާ މިގްލޭންޑް އާއި އެއްގޮތްކަމެއް ހުންނަ ގްލޭންޑް އަކަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑް އެވެ. މިގްލޭންޑް ތަކަށް ޕެރިޔުރެތުރަލް ގްލޭންޑް އަދި ޕެރަޔުރެތުރަލް ގްލޭންޑް އޭ ވެސް ކިޔައެވެ.

ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމް

ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބައިތައް ތިރީގައި މިވަނީ އެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އުރަވަޅި

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތަކުގެ ތެރޭގައި ހިމެނޭ އުރަވަޅި ނުވަތަ(އިނގިރޭސި ބަހުން: Scrotum)އަކީ އޮށް އެއެއްޗެއްގެ ތެރޭގައި އޮންނަ ކޮތަޅެވެ. ފިރިހެނާ ބާލިޣުވުމުން އުރަވަޅީގެ ހަންގަނޑުގައި އިސްތަށި ފަޅައެވެ. އުރަވަޅީގެ ވަޒީފާ އަކީ އޮށުގެ ފިނިހޫނުމިން ވަކި މިންވަރެއްގައި ބެހެއްޓުމެވެ. އާއްމު ގޮތެއްގައި އޮށުގެ ފިނިހޫނުމިން ހަށިގަނޑުގެ އެހެން ހިސާބު ތަކަށްވުރެ ދަށްވާނެއެވެ. އޮށުގައި ހުންނަން ޖެހޭ ނަމޫނާ ފިނިހޫނުމިނެއް ކަމަށް ބެލެވެނީ 34.4 ޑިގްރީ ސެލްޒިއަސް އެވެ. ހަށިގަނޑު ޢާންމު ފިނިހޫނުމިން 36.7 ޑިގްރީ ސެލްޒިއަސް އަށް އޮށުގެ ފިނިހޫނުމިން ހިގައްޖެ ނަމަ ފިރިހެނާގެ ދަރިފަނި ނުވަތަ މަނަވީ ޙައިވާނަށް ގެއްލުން ލިބެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އޮށް

އޮށް ނުވަތަ(އިނގިރޭސި ބަހުން: Testis) އަކީ އުރަވަޅީގެ ތެރޭގައި އޮންނަ އެއްޗެކެވެ. ކޮންމެ އުރަވަޅި އެއްގެ ތެރޭގައި ދެ އޮށް އޮވެއެވެ. ދަރިފަނި ނުވަތަ މަނި އުފެދެނީ މިއޮށުގެ ތެރޭގައެވެ. ފިރިހެނެއްގެ އޮށްމަތީގައި ޖެހުމަކީ އެމީހަކަށް ވަރަށް ތަދު އިހްސާސް ވާނޭ ކަމެކެވެ. ސަބަބަކީ އޮށަކީ ވަރަށް ނާޒުކު އެއްޗަކަށް ވާތީއެވެ. އޮށުން ދަރިފަނި އުފައްދަން ފެށުމާއެކު އޮށްވެސް ބޮޑުވާން ފަށައެވެ. ބާލިޣު ވުމަށްފަހު އޮށުގެ ސައިޒު އޭގެ ކުރިން ހުންނަ ވަރަށްވުރެ 500 ގުނަ މަތިވެގެން ދެއެވެ. އެވްރެޖް މީހެއްގެ އޮށުގެ ދިގުމިނުގައި 2 އިންޗި، ފުޅާ މިނުގައި 0.8 އިންޗި، އަދި ވަށަމިނުގައި 1.2 އިންޗި ހުރެއެވެ.

ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ދައްކައިދޭ ސޫރައެއް

ސާރޓޮލި ސެލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސާރޓޯލީ ސެލް

ސާރޓޯލީ ސެލް ނުވަތަ(އިނގިރޭސި ބަހުން: Sertoli cell)ތަކަކީ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކުގެ ކައިރިފަށުގައިވާ އެޕިތީލިއަމް ގައި ހުންނަ ސެލްތަކެކެވެ. މިސެލްގެ ބޭރު ފަށަލައިގައި ފޮލިކިއުލާރ ސްޓިމިއުލޭޓިންގ ހޯރމޯން(FSH) އަށް ރިސެޕްޓަރ ތަކެއް ވެއެވެ. އަދި މިބުނި ހޯރމޯންގެ ސަބަބުން މި ސެލްތައް ހީވާގިވެ، މުރާލި ކުރުވައެވެ. ބޮޑުވަމުން އަންނަ ސްޕާރމް ސެލްތަކަށް ކާންދީ ބޮޑުކުރުމުގައި ސާރޓޮލި ސެލްތައް ބައިވެރިވެއެވެ.

މަނި އުފެދޭ ހޮޅިތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި އުފެދޭ ހޮޅިތައް

މަނި އުފެދޭ ހޮޅިތައް ނުވަތަ(އިނގިރޭސި ބަހުން: Seminiferous tubules)މިއީ އޮށުގެ ތެރޭގައި ހުންނަ މަނި އުފައްދައިދޭ ކުދިކުދި ހޮޅިތަކެކެވެ. މިހޮޅިތަކުގެ ކައިރިފަށުގައިވާ އެޕިތީލިއަމް ގައިވާ ސާރޓޯލީ ސެލް(Sertoli cell) ހުރެއެވެ. ސާރޓޯލީ ސެލްގެ ދެމެދުގައި ސްޕަމަޓޯޖެނިކް ސެލް(Spermatogenic cell) ތައް ވެއެވެ. އަދި މިސެލްތައް ބައިބައިވަމުން ގޮސް ސްޕާރމް ސެލް ތައް އުފެދެއެވެ. މިހޮޅިތައް ހުންނަނީ އޮށުގެ އަރިމަތިން ފެށިގެން ގޮސް ހުރިހާ ދިމާލަކުން ރީޓީ ޓެސްޓިސް އާއި ގުޅިފައެވެ. ދެވައްތަރެއްގެ މިފަދަ ހޮޅިތައް ވެއެވެ. އެއީ އޮޅިފައިވާ ހޮޅިތަކާއި އަދި ސީދާ ހޮޅިތަކެވެ.

ރީޓީ ޓެސްޓިސް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ރީޓީ ޓެސްޓިސް

ރީޓީ ޓެސްޓިސް ނުވަތަ(އިނގިރޭސި ބަހުން: Rete testis) އަކީ އޮށުގެ އެތެރެއިން މެދުގައި ކުދިކުދި ހޮޅިތަކެއް ގުޅިގެން އުފެދިފައިވާ ވިއުގަ އެކެވެ. ރީޓީ ޓެސްޓިސް ހުރަސްކޮށް މަނި އުފެދޭ ހޮޅިތަކުން މަނި އިފެރެންޓް ޑަކްޓްތަކަށް ގެންގޮސް ދެއެވެ. ރީޓީ ޓެސްޓިސްގެ ތެރޭގައި މަނީގެ ކޮންސެންޓްރޭޝަން މަތިވެގެން ދެއެވެ. މަނި ކޮންސެންޓްރޭޓްނުވެ، މަނި ގުދަނަށް ވާޞިލްވެއްޖެނަމަ ދަރިން ލިބުމުގައި މައްސަލަ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

އިފެރެންޓް ޑަކްޓް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިފެރެންޓް ޑަކްޓް

އިފެރެންޓް ޑަކްޓް ނުވަތަ(އިނގިރޭސި ބަހުން: Efferent duct)މިއީ އޮށުގެ ތެރޭގައިވާ ރީޓީ ޓެސްޓިސް އާއި މަނި ގުދަން ގުޅުވައިދޭ ކުދިކުދި މަގު ތަކެކެވެ. ނުވަތަ ކުދިކުދި ހޮޅިތަކެކެވެ. މާނައަކީ މަނިގުދަނަށް އޮށުގައި އުފެދޭ މަނި ދަނީ މިއިފެރެންޓް ޑަކްޓް ތަކުގެ އެހީގައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި ގުދަން

މަނި ގުދަން ނުވަތަ(އިނގިރޭސި ބަހުން: Epididymis)މިއީ އޮށުގެ ފަހަތުގައި ތަތްވެފައި އިންނަ އޮޅިފައިވާ ހޮޅިއެކެވެ. މަނި ގުދަންއިފެރެންޓް ޑަކްޓްތަކާއި މަނި ހޮޅި ގުޅުވާދެއެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ މަނި ގުދަން މައިގަނޑު 3 ބަޔަކަށް ބެހިގެން ވެއެވެ. އެއީ އަންނަނިވި ބައިތަކެވެ.

  • ބޯ(Head / Caput)
  • ހަށިގަނޑު(Body/Corpus)
  • ނިގޫ(Tail/Cauda)

އޮށުގެ ތެރޭގައި އުފެދޭ މަނި އެންމެ ފުރަތަމަ ވަންނަނީ މަނި ގުދަނުގެ ބޮލަށެވެ. އެއަށްފަހު އޭގެ ޖިސްމަށް ވާޞިލްވެ، އެންމެ ފަހުން އޭގެ ނިގުލާ ހަމައަށް ދެއެވެ. މަނި ޚަޒާނާ ކުރެވިފައި ހުންނަނީ މަނި ގުދަނުގެ ނިގުލުގައެވެ. މީގެ އިތުރުން މަނި ގުދަނުގެ ތެރޭގައި މަނި އިތުރަށް ފުރިހަމަވެގެން ދެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި ހޮޅި

މަނި ހޮޅި ނުވަތަ(އިނގިރޭސި ބަހުން: Vas deferens) އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަނި ދައުރުކޮށްދޭ މަގެކެވެ. ކޮންމެ ފިރިހެނެއްގެ ނަސްލު އުފައްދާ ނިޒާމްގައި މިފަދަ ދެ މަނިހޮޅި ވެއެވެ. ވަށައިގެން މަޑުމަހުގެ ފަށަލައެއް ލެވިފައިވާ މިހޮޅި އަކީ ކަނާތް ފަރާތު އަދި ވާތް ފަރާތުގައިވާ މަނި ހޮޅީގެ ފެށޭބައި(Epididymis) އިޖެކިއުލޭޓަރީ ޑަކްޓް އާއި ގުޅުވައިދޭ މަގެވެ. މާނައަކީ މަނި ހޮޅީގެ ފެށޭ ހިސާބުން ފެށިގެން ގޮސް އިޖެކިއުލޭޓަރީ ޑަކްޓް އާއި ހަމައަށް މަނި ގެންގޮސްދޭ ހޮޅިއެވެ. މަނިހޮޅީގެ ދިގުމިނުގައި ގާތްގަނޑަކަށް 30 ސެންޓިމީޓަރު ހުރެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މަނި ގޮށް

މަނި ގޮށް ނުވަތަ(އިނގިރޭސި ބަހުން: Seminal vescile)މިއީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މަސާނާގެ ފުރަގަހުން ތިރީގައި ފުރަގަސް ފަރާތާއި މަސާނާއި ދެމެދު އިންނަ ދެގްލޭންޑް އެވެ. 5ސެންޓިމީޓަރުގެ ދިގުމިން ހުންނަ މިގްލޭންޑް އިން މަނި ދިޔައިގެ 70 އިންސައްތަ ދޫކުރެއެވެ. މިގޮތުން ދޫކުރާ ނުވަތަ ބޭރުކުރާ ދިޔައިގެ ތެރޭގައި ޕްރޮޓީންތައް، އެންޒައިމްތައް، ފްރަކްޓޯޒް، ދަވަ، ވިޓަމިންސީ، ފްލެވިން، އަދި ޕްރޮސްޓަގްލަންޑިން ފަދަ މާއްދާތައް ހިމެނެއެވެ.

އިޖެކިއުލޭޓަރީ ޑަކްޓް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިޖެކިއުލޭޓަރީ ޑަކްޓް

އިޖެކިއުލޭޓަރީ ޑަކްޓް ނުވަތަ(އިނގިރޭސި ބަހުން: Ejaculatory duct) އަކީ މަނިބޭރުވެގެން ދިއުން(Ejaculation) ކުރިމަތިވާ ހިނދު މަނި ހޮޅި(Vas deferens) ގައި ހުރި މަނި ކުޑަކަމުދާ ހޮޅި އަށް ގެންގޮސްދޭ ޑަކްޓް ނުވަތަ މަގެވެ. ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި މީގެ ދެޑަކްޓް ހުރެއެވެ. އިޖެކިއުލޭޓަރީ ޑަކްޓް އުފެދިފައިވަނީ މަނިހޮޅި އާއި، މަނި ގޮށުން ނިކުމެފައި އިންނަ ޑަކްޓް ގުޅިގެންނެވެ. މިގޮތުން ދެބައި ގުޅިގެން އުފެދޭ ޑަކްޓް ޕްރޮސްޓޭޓް ގްލޭންޑްގެ ތެރެއިން ގޮސް ކުޑަކަމުދާ ހޮޅިއަށް ނިމެއެވެ. އަދި ކުޑަކަމުދާ ހޮޅިން ލާފައި ގޮސް ހަށިގަނޑުން މަނި ބޭރުވެއެވެ.

ޕްރޮސްޓޭޓް ގްލޭންޑް އަށް ކުރިމަތިވާ ބިނައިން ޕްރޮސްޓެޓިކް ހައިޕަޕްލޭސިއާ ރަގަޅު ކުރުމަށް ކުރެވޭ އޮޕަރޭޝަންގެ ތެރޭގައި ބައެއް ފަހަރު މިޑަކްޓަށް ގެއްލުން ލިބޭގޮތް ވެއެވެ. މިގޮތަށް ގެއްލުން ލިބިއްޖެނަމަ، އެތެރެއަށް ވެރުން ނުވަތަ ފަހަތަށް ވެރުން(Retrograde ejaculation) ކުރިމަތި ކުރުވައެވެ.

ޕްރޮސްޓޭޓް ގްލޭންޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕްރޮސްޓޭޓް ގްލޭންޑް

ޕްރޮސްޓޭޓް ގްލޭންޑް ނުވަތަ(އިނގިރޭސި ބަހުން: Prostate gland)އަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އިންނަނީ މަސާނާގެ ތިރިން، ފުރަގަސް ފަރާތު ގެ ކުރިމައްޗަށް ވާގޮތަށެވެ. މިގްލޭންޑް އިން މަނި ދިޔަ (Seminal fluid) 30 އިންސައްތަ ބޭރުކުރެއެވެ.

ޕްރޮސްޓޭޓް ގްލޭންޑްގައި ކޮންމެވެސް ވަރަކަށް މަޑު މަސް(Smooth muscle) ހުރެެއެވެ. މަނި ބޭރުވެގެންދިއުން ކުރިމަތިވާ ހިނދު މަނިތައް ބޭރަށް ފޮނުވުމުގައި މިމަސްކޮޅުތައް އެހީތެރިވެއެވެ. މިގްލޭންޑް އިންނަނީ ކުރިން ވެސް ބުނިހެން މަސާނާގެ ތިރިން ކުޑަކަމުދާ ހޮޅި ވަށާލާފައެވެ. މާނައަކީ ކުޑަކަމުދާ ހޮޅި ގޮސްފައި އިންނާނީ ޕްރޮސްޓޭޓް ގްލޭންޑް ހުރަސް ކޮށެވެ.

ކުޑަކަމުދާ ހޮޅި

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަކަމުދާ ހޮޅި

ކުޑަކަމުދާ ހޮޅި ނުވަތަ ހީސް ހޮޅި ނުވަތަ(އިނގިރޭސި ބަހުން: Urethra)އަކީ ކުޑަކަމުދާ ނިޒާމްގެ އެންމެ ފަހު ބައެވެ. ނުވަތަ ހަށިގަނޑުން ބޭރަށް ހުޅުވިފައި އިންނަ ކުޑަކަމުދާ ނިޒާމްގެ ބަޔަކީ ވެސް މިއީ އެވެ. މިބައި އިންނަނީ މަސާނާ އިން ފެށިގެން ގޮސް ހަށިގަނޑުގެ ބޭރަށް ހުޅުވިފައެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަކަމުދާ ހޮޅި އިންނަނީ ފިރިހެން ހަށީގެ ތެރެއިން ގޮސް ބޭރަށް ހުޅުވިފައެވެ. އަންހެނުންގެ ހަށިގަނޑުގައި މަސާނާ އިން ފެށިގެން ގޮސް ސީދާ ބޭރަށް ހުޅުވިފައެވެ. މިހޮޅިން ކުޑަ ކަމުދާ ތަކެތި ބޭރުކޮށްދެއެވެ. ފިރިހެނުންނަށް ބަލާއިރު ފިރިހެނާގެ ދަރިފަނި ނުވަތަ މަނި ހަށިގަނޑުން ބޭރުވަނީ ވެސް ކުޑަކަމުދާ ހޮޅި ހުރަސް ކޮށެވެ.

ބަލްބޯ ޔުރެތުރަލް ގްލޭންޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބަލްބޯ ޔުރެތުރަލް ގްލޭންޑް

ބަލްބޯ ޔުރެތުރަލް ގްލޭންޑް ނުވަތަ(އިނގިރޭސި ބަހުން: Bulbo-urethral gland)ތައް ނުވަތަ ކައުޕާރސް ގްލޭންޑް ތަކަކީ ފިރިހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ކުދިކުދި ގްލޭންޑް ތަކެކެވެ. ނުވަތަ މިނިޒާމްގައި ހިމެނޭ ދެގްލޭންޑް އެވެ. ފިރިހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ކައުޕާރސް ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް އަންހެނުންގެ ހަށިގަނޑުގައި އިންނަނީ ބާރތޮލިން ގްލޭންޑް އެވެ.

ބަލްބޯ ޔުރެތުރަލް ގްލޭންޑްތައް ހުންނަނީ ފިރިހެންހަށީގެ ބުނޑުގައި(ފެށޭ ހިސާބުގައި)، ކުޑަކަމުދާ ހޮޅީގެ ފުރަގަހުން އެއް އަރިމައްޗެއްގައެވެ. މިގްލޭންޑްތަކާ ކުޑަކަމުދާ ހޮޅި ގުޅައިދެނީ ކުޑަ މަގަކުންނެވެ. މިމަގު ދިގުމިނުގައި 2.5 ސެންޓިމީޓަރު ހުރެއެވެ. ކުޑަކުޑަ އޮށެއްގެ ސައިޒަށް ގުޅިފައި އިންނަ މިދެގްލޭންޑް އުމުރުން ދުވަސްވާ ވަރަކަށް އޭގެ ސައިޒުން ކުޑަވެއެވެ.

ފިރިހެން ހަށި

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެން ހަށި

ފިރިހެން ހަށި ނުވަތަ(އިނގިރޭސި ބަހުން: Penis)މިއީ ފިރިހެނާގެ ޖިންސީ ގުނަވަނެވެ. ފިރިހެނުން ކުޑަކަމުދާއިރު ކުޑަކަމުދާ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގާއިރު މަނި ބޭރުވެގެންދަނީ ޖިންސީ ގުނަވަންގެ މެދުން ބޭރަށް ހުޅުވިފައިވާ ކުޑަކަމުދާ ހޮޅީގެ ދޮރުންނެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އަންހެނާގެ ޖިންސީ ގުނަވަނަށް ފިރިހެނާގެ ހަށިގަނޑުން ވާޞިލްވާ ގުނަވަނަކީ މިއީއެވެ.

ފިރިހެން ކުއްޖަކު ބާލިޣުވާ އުމުރަށް އެޅުމުން އޮށާއި، ފިރިހެން ހަށި އަދި ނަސްލު އުފައްދާ ނިޒާމްގެ އެހެން ބައިތައް ވެސް ހެދިބޮޑުވާން ފަށައެވެ. އެގޮތުން އުމުރުން 18 އަހަރުން ވަންދެން ފިރިހެން ހަށި ދިގުވަމުން ދެއެވެ. ފިރިހެން ހަށި ފުޅާވެ ފަލަވަން ފަށަނީ އުމުރުން 11 އަހަރުން ފެށިގެންނެވެ.

ފިރިހެނާގެ ޖިންސީ ގުނަވަން ދައްކައިދޭ ޞޫރައެއް

ފިރިހެން ހަށީގެ ބޯ

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެން ހަށީގެ ބޯ

ފިރިހެން ހަށީގެ ބޯ ނުވަތަ(އިނގިރޭސި ބަހުން: Glans penis)މިއީ ފިރިހެން ހަށީގެ ކޮޅެވެ. މިތަނަށް ފިރިހެން ހަށީގެ ހެލްމެޓް އޭ ވެސް ކިޔައެވެ.ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅުގެ ސަބަބުން ޚިތާނު ނުކުރާ މީހުންގެ މިބައި އިންނަނީ ކޮންމެވެސް ވަރަކަށް ނޫނީ އެއްކޮށް ފޮރުވިފައެވެ. ޚިތާނު ކޮށްފައި ތިބޭ މީހުންގެ ފިރިހެން ހަށީގެ ބޯ އަބަދުވެސް ފެންނަށް އިންނާނެއެވެ.

ޚިތާނު ނުކޮށް ތިބޭ މީހުން ވެސް ، އަމިއްލައަށް ޖިންސީ އެދުން ފުއްދުން، ޖިންސީ ގުޅުން ހިންގުން، ނުވަތަ ފިރިހެން ހަށި ވަރުޖެހި ސީދާވުން، ފަދަ ޙާލަތްތަކުގައި ފިރިހެން ހަށީގެ ބޯ ރީތިކޮށް ފެންނަން އިންނާނެއެވެ. އެއީ މިފަދަ ޙާލަތްތަކުގައި ބޯ ނިވައިކޮށްދޭ ހަންކޮޅަށް ވާންވެ، ފަހަތަށް ޖެހިގެންދާތީއެވެ.

ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު

ފިރިހެން ހަށީގެ ބޯ ނިވައިކޮށްދޭ ހަންކޮޅު ނުވަތަ(އިނގިރޭސި ބަހުން: Foreskin)މިއީ ހަމާއި، ތެތްދުލިފަށް އެކުލެވިގެން އުފެދިފައިވާ ފަށަލައެވެ. ފިރިހެން ހައްޓަށް ވަރުޖެހި ސީދާ ނުވެ ހުންނަ ހިނދު ކުޑަކަމުދާ ހޮޅީގެ ދޮރު މިހަންކޮޅުގެ ސަބަބުން ނިވައިކޮށްދެއެވެ. ޚިތާނު ކުރުމުގެ ތެރޭގައި މިހަންކޮޅު ވަކިކޮށް ނަގައެވެ. މިހަންކޮޅުގެ ބޭރުން އިންނަނީ ހަމަ ފިރިހެންހަށީގައިވާ ހަމެކޭ އެއްފަދަ ހަންކޮޅެކެވެ. އެކަމަކު އެތެރެ ފުށުން ލެވިފައި އިންނަނީ ތެތް ދުލިފަށެވެ.

ސްޕަމެޓިކް ކޯޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސްޕަމެޓިކް ކޯޑް

ސްޕަމެޓިކް ކޯޑް ނުވަތަ(އިނގިރޭސި ބަހުން: Spermatic cord)މިއީ ބަނޑުގެ ތިރިން ފެށިގެން އުރަވަޅި އަށް ފައިބައިފައިވާ ނަސްލު އުފައްދާ ނިޒާމްގެ ބައިތައް ހިމެނޭ ކޯޓެއް ފަދަ އެއްޗެކެވެ. ސްޕަމެޓިކް ކޯޑްގެ ތެރެއިން ތިރިއަށް އުރަވަޅިއާއި ދިމާލަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ތަފާތު ނާރުތައް، ލޭހޮޅިތައް، ލިމްފް ހޮޅިތައް، އަދި މަނި ހޮޅި ހިމެނެއެވެ. ސްޕަމެޓިކް ކޯޑް އުފެދިފައިވާ އިރު އޭގެ ބޭރުން 3 ފަށަލަ ލެވިފައިވެއެވެ. އެއީ އެކްސްޓާރނަލް ސްޕަމެޓިކް ފެޝިއާ، ކްރިމަސްޓެރިކް މަސަލް އަދި ފެޝިއާ، އަދި އިންޓާރނަލް ސްޕަމެޓިކް ފެޝިއާ ހިމެނެއެވެ.

ނަސްލު އުފައްދާ ނިޒާމްގެ ބައިތަކަށް ޖެހޭ ބައެއް ބަލިތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އޭޑްސް ބަލި

އޭޑްސް ބައްޔަކީ އެޗް އައި ވީ ވައިރަސް ގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.އިންސާނީ ތާރީޚް މިހާތަނަށް ދުށް އެންމެ ނުރައްކާތެރި ވަބާގެ ގޮތުގައި ސިފަކުރެވޭ މިބަލީގެ އާޚިރު ނަތީޖާ އަކީ މަރުވުމެވެ.

ޓްރައިކޮމޮނައިއެސިސް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޓްރައިކޮމޮނައިއެސިސް

މިއީ ޕްރޮޓޮޒޯއާ ގެ ވައްތަރެއް ކަމުގައިވާ ޓްރައިކޮމޮނަސް ވެޖައިނާލިސް(Trichomonas vaginalis) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަންހެނުންނާއި ފިރިހެނުންގެ ފުރަގަސް ފަރާތުގައި މިޖަރާސީމް ބައެއް ފަަހަރު ދިރިއުޅެއެވެ. ބަލިޖެހިފައި ތިބޭ ފިރިހެނުންގެ ޕްރޮސްޓޭޓް ގްލޭންޑް، ކުޑަކަމުދާ ހޮޅި، އަދި އަންހެނާގެ ޖިންސީ ގުނަވަން، ކުޑަކަމުދާ ހޮޅި، އަދި މަސާނާ ގައި މިޖަރާސީމް ދިރިއުޅެއެވެ. އަންހެނުންގެ ހަށިގަނޑުގައި މިޖަރާސީމް ބޮޑަށް އަށަގަންނަނީ އަންހެނާގެ ޖިންސީ ގުނަވަން ނުވަތަ ވެޖައިނާ ގައެވެ. ފިރިހެނުންގެ ނަމަ ކުޑަކަމުދާ ހޮޅީގައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކިހުނުވުން

ކިހުނުވުމަކީ ބެކްޓީރިއާގެ ވައްތަރެއް ކަމުގައިވާ ނައިސީރިއާ ގޮނޮރިއާ(Neisseria gonorrhea) އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ.

ޝެންކްރޮއިޑް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޝެންކްރޮއިޑް

ޝެންކްރޮއިޑް އަކީ ހީމޯފިލަސް ޑޫކްރައި(Haemophilus ducreyi) ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބަލިޖެހޭތާ 14-4 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަށް ފަށައެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިފިލިސް

ސިފިލިސް ޖެހެނީ ސްޕައިރޫކީޓްގެ ވައްތަރެއްކަމަށްވާ ޓްރެޕޮނީމާ ޕެލީޑަމް (Treponema Pallidum)ކިޔާ ކުޑަކުޑަ ޖަރާސީމެއްގެ ސަބަބުންނެވެ. ސިފިލިސް އޭ ކިޔަނީ މިކުޑަކުޑަ ޖަރާސީމްގެ ސަބަބުން ހަށިގަނޑު ގައި އިންފެކްޝަން އަށަގަތުމަށެވެ.

ޖެނިޓަލް ވޯރޓްސް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖެނިޓަލް ވޯރޓްސް

މިއީ ހިއުމަން ޕެޕިލޯމާ ވައިރަސް(Human papilloma virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިބަލި ޖެހުނަސް ގިނަފަހަރު އޭގެ އަލާމާތްތައް ނުފެނި ދެއެވެ. ނަތީޖާއެއްގޮތުން ބަލިހުރެ، އެކަން ނޭގި އެހެންމީހުންނަށް ޖިންސީ ގުޅުމުގެ ޒަރީޢާއިން ބަލި އެރުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ޢަލާމާތްތައް ފެންނަނަމަ ބަލިޖެހިފައިވާ މީހާއާ ޖިންސީ ގުޅުން ހިންގާތާ ދެތިން ހަތަރު ހަފްތާގެ ތެރޭގައި ބަލީގެ ޢަލާމާތްތައް ފެންނާނެއެވެ.

ޖެނިޓަލް ހާރޕީޒް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖެނިޓަލް ހާރޕީޒް

މިއީ ހާރޕީޒް ސިމްޕްލެކްސް ވައިރަސް (Herpes simplex virus) ގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިވައިރަސްގެ ދެވައްތަރެއް ވާއިރު އާންމު ގޮތެއްގައި ޖެނިޓަލް ހާރޕީޒް ޖެހެނީ ދެވަނަ ވައްތަރުގެ ވައިރަސްގެ ސަބަބުންނެވެ.

ގްރެނިއުލޯމާ އިންގްއަނަލް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރެނިއުލޯމާ އިންގްއަނަލް

މިއީ ކްލެބްޒިއެލާ ގްރެނިއުލޯމެޓިސް(Klebsiella granulomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ މިބަލި ޢާންމުކޮށް ޖެހޭ ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން 50-20 އަހަރާއި ދެމެދުގެ އެއްޖިންސުން ޖިންސީ ގުޅުން ހިންގާ ފިރިހެނުންނަށެވެ. މިބައްޔަށް ގްރެނިއުލޯމާ ވިނީރިއަމް އަދި ޑޮނޮވަނޯސިސް އޭ ވެސް ކިޔައެވެ. އަންހެނުންނަށް ވެސް މިބަލި ކުރިމަތި ވެދާނެއެވެ.

ލިމްފޯގްރެނިއުލޯމާ ވިނީރިއަމް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލިމްފޯގްރެނިއުލޯމާ ވިނީރިއަމް

މިއީ ކްލަމީޑިއާ ޓްރެކޮމެޓިސް(Chlamydia trachomatis) އޭ ކިޔާ ޖަރާސީމެއްގެ ސަބަބުން ޖިންސީ ގުނަވަނަށް ޖެހޭ ބައްޔެކެވެ. ހޫނު ގަދަ ގައުމުތަކުގައި މިބަލި ޢާންމުކަން ފާހަގަ ކުރެވިފައި ވެއެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެންނަށް ފަށަނީ 12-7 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

އަދިވެސް ބައްލަވާ ލައްވާ

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]