ކާތަކެތި ހިގާ ހޮޅި
ކާތަކެތި ހިގާ ހޮޅި | |
---|---|
Head and neck. | |
Digestive organs. (Esophagus is #1) | |
Latin | œsophagus |
Gray's | subject #245 1144 |
Artery | esophageal arteries |
Vein | esophageal veins |
Nerve | celiac ganglia, vagus[1] |
Precursor | Foregut |
MeSH | Esophagus |
Dorlands/Elsevier | e_16/12343479 |
ކާތަކެތި ހިގާ ހޮޅި(އިނގިރޭސި ބަހުން: Esophagus) އަކީ އަރުތެރެ އިން މައިދާއަށް ކާތަކެތި ގެންގޮސްދޭ ހޮޅިއެކެވެ. ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަނީ އަޑުފޮށްޓާގުޅޭ އަރުތެރެ ނިމޭ ހިސާބުންނެވެ. ހަމަ މިހެން ކާތަކެތި ހިގާ ހޮޅި ފެށިފައި އިންނަނީ ކަރު ހިމެނޭ ހިސާބުގައި ހުންނަ މައިބަދައިގެ 6 ނަންބަރު ކަށިކޮޅާ ހިސާބުންނެވެ.ނުވަތަ އަރުތެރެގެ ތިރީ ބޯޑަރާއި ހަމައިންނެވެ. ކާތަކެތި ހިގާ ހޮޅި އިން ފެށިގެން މައިދާ އާއި، ހަމައަށް ކާތަކެތި ފޯރަނީ ނުވަތަ ވާޞިލްވަނީ ޕެރީސްޓަލްސިސް(އިނގިރޭސި ބަހުން: Peristalsis) އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ. ކާތަކެތި ހިގާ ހޮޅި އަކީ މަހުން އުފެދިފައިވާ ހޮޅިއެކެވެ.
އެނަޓަމީ
[އުނިއިތުރު ގެންނަވާ]ކާތަކެތި ހިގާ ހޮޅީގެ ދިގުމިނަކީ 25 ސމ ނުވަތަ 10 އިންޗި އެވެ. މިއީ ފުޅާ، އަދި ފަތިކޮށް އިންނަ ފުޅާވެ، ފުފުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ހޮޅިއެކެވެ. ކާތަކެތި ހިގާ ހޮޅީގެ 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ކަރުތެރޭގައި އިންނަ ބައި(އިނގިރޭސި ބަހުން: Cervical part)، މޭގެތެރޭގައި އިންނަ ބައި(އިނގިރޭސި ބަހުން: Thoracic part)، އަދި ބަނޑުގެ ތެރޭގައި އިންނަ ބައި(އިނގިރޭސި ބަހުން: Abdominal part) މިއެވެ. ކާތަކެތި ހިގާ ހޮޅި ނިމިފައި އިންނަނީ ކާތަކެތި ހިގާ ހޮޅި އާއި މައިދާ އާއި، ގުޅޭތަން ނުވަތަ ކާޑިއެކް އޮރިފިސް(އިނގިރޭސި ބަހުން: Cardiac orifice)، އިންނެވެ. މިއީ މޭއޮންނަ ހިސާބުގައި ހުންނަ މައިބަދައިގެ 11 ވަނަ ކަށިކޮޅު ހުންނަ ހިސާބެވެ. ކާޑިއެކް އޮރިފިސް އިންނަނީ 1 އިންޗި ވަރު ހަށިގަނޑުގެ ވާތް ފަރާތަށް ޖެހިފައެވެ.
ކުރިމަތީގައިވާ ހަށިގަނޑުގެ ޓިޝޫތައް
[އުނިއިތުރު ގެންނަވާ]- ކާތަކެތި ހިގާ ހޮޅީގެ ކުރިމަތިން ކަރުހިމެނޭ ހިސާބުގެ މައިބަދައިގެ 6 ވަނަ ކަށިކޮޅާއި، މޭއޮންނަ ހިސާބުގެ މައިބަދައިގެ 4 ވަނަ ކަށިކޮޅާއި ދެމެދު، އިންނަނީ ވައި ނޮޅި އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 5 ވަނަ ކަށިކޮޅާއި ހަމައިން ކާތަކެތި ހިގާ ހޮޅީގެ ކުރިމަތިން ގޮސްފައިވަނީ ކަނާތު ޕަލްމޮނަރީ އާޓަރީ، އަދި ވާތު ވައި ނޮޅީގެ ކަފި އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 5 ވަނަ ކަށިކޮޅާއި، 8 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅީގެ ކުރިމަތިން ގޮސްފައިވަނީ ޕެރިކާޑީއަމް(އިނގިރޭސި ބަހުން: Pericardium) އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 8 ވަނަ ކަށިކޮޅާއި، 10 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅީގެ ކުރިމަތިން ގޮސްފައިވަނީ ޑައަފްރަމް(އިނގިރޭސި ބަހުން: Diaphragm) އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 10 ވަނަ ކަށިކޮޅާއި، 11 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅީގެ ކުރިމަތިން ގޮސްފައިވަނީ ފުރަމޭ ގެ ވާތު ލޯބް، އަދި އެންޓިރީއާ ގެސްޓްރިކް ނާރު(އިނގިރޭސި ބަހުން: Anterior gastric nerve) އެވެ.
ފަހަތުގައިވާ ހަށިގަނޑުގެ ޓިޝޫތައް
[އުނިއިތުރު ގެންނަވާ]ކާތަކެތި ހިގާ ހޮޅި އިންނަނީ ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ 6 ވަނަ ކަށިކޮޅުން ފެށިގެން، މޭއޮންނަ ހިސާބުގެ މައިބަދައިގެ 11 ވަނަ ކަށިކޮޅާއި ހަމައަށެވެ. މާނައަކީ ކާތަކެތި ހިގާ ހޮޅި އިންނާނީ މައިބަދައިގެ މިބުނި ކަށިކޮޅުތަކުގެ ކުރިމަތިންނެވެ. މީގެ އިތުރުން މައިބަދައިގެ އެއްކަށިކޮޅު އަނެއް ކަށިކޮޅާއި ގުޅުވައިދޭ އެންޓިރީއާ ލޮންޖިޓޫޑިނަލް ލިގަމެންޓް(އިނގިރޭސި ބަހުން: Anterior longitudinal ligament) ތައް ވެސް ހުރެއެވެ. އަދި މިބުނި ކަށިކޮޅުތަކާއި، އަދި ކަށިކޮޅުތައް ގުޅުވައިދޭ އެއްސުން ނުވަތަ ލިގަމެންޓް ތަކާއި، ކާތަކެތި ހިގާހޮޅި ވަކިކޮށްދިނުމަށް އެދެމެދުން އެކި ހިސާބުތަކުން އަންނަނިވި ޓިޝޫތައް ގޮސްފައިވެއެވެ.
- ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ 6 ވަނަ ކަށިކޮޅުން ފެށިގެން ގޮސް، މޭއޮންނަ ހިސާބުގެ މައިބަދައިގެ 3 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅި އާއި، މިކަށިކޮޅުތައް ވަކިކޮށްދޭ ހުރަހަކީ ޕްރީވާޓެބްރަލް މަސްކޮޅު(އިނގިރޭސި ބަހުން: Prevertabral muscle) ތައް، އަދި ޕްރީވާޓެބްރަލް ފެޝީއާ އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 4 ވަނަ ކަށިކޮޅުން ފެށިގެން ގޮސް، މޭއޮންނަ ހިސާބުގެ މައިބަދައިގެ 7 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅި އާއި، މިކަށިކޮޅުތައް ވަކިކޮށްދޭ ހުރަހަކީ 3 ވަނަ ޕޯސްޓިރީއާ އިންޓަކޯސްޓަލް އާޓަރީ(އިނގިރޭސި ބަހުން: Posterior intercostal artery) އިން ފެށިގެން ގޮސް، 7 ވަނަ ޕޯސްޓިރީއާ އިންޓަކޯސްޓަލް އާޓަރީ އާއި ދެމެދުގައިވާ ލޭހޮޅި ތަކެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 5 ވަނަ ކަށިކޮޅާއި ، ކާތަކެތި ހިގާ ހޮޅި ،ވަކިކޮށްދޭ ހުރަހަކީ ތޯރަސިކް ޑަކްޓް(އިނގިރޭސި ބަހުން: Thoracic duct) އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 8 ވަނަ ކަށިކޮޅާއި، މޭއޮންނަ ހިސާބުގެ މައިބަދައިގެ 9 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅި އާއި، މިކަށިކޮޅުތައް ވަކިކޮށްދޭ ހުރަހަކީ ހެމިއެޒައިގަސް ވެއިން(އިނގިރޭސި ބަހުން: hemiazygos vein) ތަކެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 7 ވަނަ ކަށިކޮޅުން ފެށިގެން ގޮސް، މޭއޮންނަ ހިސާބުގެ މައިބަދައިގެ 9 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅި އާއި، މިކަށިކޮޅުތައް ވަކިކޮށްދޭ ހުރަހަކީ ތިރިއަށްފައިބާ އެއޯޓާގެ މޭމަތީގައި އޮންނަ ބައެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 10 ވަނަ ކަށިކޮޅުން ފެށިގެން ގޮސް، މޭއޮންނަ ހިސާބުގެ މައިބަދައިގެ 11 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅި އާއި، މިކަށިކޮޅުތައް ވަކިކޮށްދޭ ހުރަހަކީ ޑައަފްރަމް، އަދި ޕޯސްޓިރީއާ ގެސްޓްރިކް ނާރު(އިނގިރޭސި ބަހުން: Posterior gastric nerve) އެވެ.
އަރިމަތީގައިވާ ހަށިގަނޑުގެ ޓިޝޫތައް
[އުނިއިތުރު ގެންނަވާ]- މޭއޮންނަ ހިސާބުގެ މައިބަދައިގެ 1 ވަނަ ކަށިކޮޅުން ފެށިގެން ގޮސް، މޭއޮންނަ ހިސާބުގެ މައިބަދައިގެ 4 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅީގެ އަރިމަތިން ކަނާތް ފަރާތުގައިވާ ކަނާތު ފުއްޕާމޭ އަދި އޭގެ ވަށައިގެންވާ ދުލިފަށް އެވެ. ހަމަ މިހިސާބުގައި ކާތަކެތި ހިގާ ހޮޅީގެ އަރިމަތިން ވާތް ފަރާތުގައި ވަނީ ތޯރަސިކް ޑަކްޓް(އިނގިރޭސި ބަހުން: Thoracic duct)، ވާތު ފުއްޕާމޭ އަދި އޭގެ ވަށައިގެންވާ ދުލިފަށް އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 4 ވަނަ ކަށިކޮޅާއި ،ހިސާބުން ކާތަކެތި ހިގާ ހޮޅީގެ އަރިމަތިން ކަނާތް ފަރާތުގައި ވަނީ އާރޗް އޮފް އެޒައިގަސް ވެއިން އެވެ. ހަމަ މިހިސާބުގައި ކާތަކެތި ހިގާ ހޮޅީގެ އަރިމަތިން ވާތް ފަރާތުގައި ވަނީ އެއޯޓާގެ އަރޗް އެވެ.
- މޭއޮންނަ ހިސާބުގެ މައިބަދައިގެ 5 ވަނަ ކަށިކޮޅުން ފެށިގެން ގޮސް، މޭއޮންނަ ހިސާބުގެ މައިބަދައިގެ 10 ވަނަ ކަށިކޮޅާއި ދެމެދު، ކާތަކެތި ހިގާ ހޮޅީގެ އަރިމަތިން ކަނާތް ފަރާތުގައިވަނީ ކަނާތު ފުއްޕާމޭ އަދި އޭގެ ވަށައިގެންވާ ދުލިފަށް އެވެ. ހަމަ މިހިސާބުގައި ކާތަކެތި ހިގާ ހޮޅީގެ އަރިމަތިން ވާތް ފަރާތުގައި ވަނީ ތިރިއަށްފައިބާ އެއޯޓާގެ މޭމަތީގައި އޮންނަ ބަޔާއި، ވާތު ފުއްޕާމޭ އަދި އޭގެ ވަށައިގެންވާ ދުލިފަށް އެވެ.
ކާތަކެތި ހިގާ ހޮޅީގެ ވަޒީފާ
[އުނިއިތުރު ގެންނަވާ]ކާތަކެތި ހިގާ ހޮޅި އިން ފެށިގެން މައިދާ އާއި، ހަމައަށް ކާތަކެތި ފޯރަނީ ނުވަތަ ވާޞިލްވަނީ ޕެރީސްޓަލްސިސް(އިނގިރޭސި ބަހުން: Peristalsis) އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅި އަކީ ކާތަކެތި ދިރުވުމުގެ ފަހު މަރުޙަލާ ހިގާ ތަނެވެ.
ކާތަކެތި ހިގާ ހޮޅީގެ އެތެރޭގެ ތެތް ދުލިފަށް އިން މިޔޫކަސް ނުވަތަ ދަވަ ދޫކުރެއެވެ. މިދަވައިގެ ސަބަބުން ކާތަކެތި ހިގާ ހޮޅީގެ އެތެރެ ތެޔޮކޮށްދީ، މައިދާ އިން މައްޗަށް ކާތަކެތި ހިގާ ހޮޅިއަށް އަންނަ މައިދާ ޖޫސް އިން ނުވަތަ އެސިޑް އިން ލިބިދާނެ ގެއްލުމަކުން ކާތަކެތި ހިގާ ހޮޅި ހިމާޔަތްކޮށް ރައްކާކޮށްދެއެވެ. ކާތަކެތި ހިގާ ހޮޅީގެ އެތެރެ ތެޔޮވުމަކީ ކާތަކެތި ދިރުވުމަށް ނުވަތަ މައިދާ އާއި ހަމައަށް ވާޞިލްވުމަށް މަގުފަހިކޮށްދީ، ފަސޭހަކޮށްދޭ ކަމެކެވެ.
ކާތަކެތި ހިގާ ހޮޅި އަކީ މަހުން އުފެދިފައިވާ ހޮޅިއަކަށް ވުމާއެކު މަހުގެ ތަބީޢަތަށް ބަލައި ކާތަކެތި ހިގާ ހޮޅި 3 ބަޔަަކަށް ބަހާލެވިދާނެއެވެ. އެގޮތުން މަތީ 3/1 ގައި ހުންނަނީ ސްޓްރިއޭޓެޑް މަސް އެވެ. އަދި ތިރީ 3/1 ގައި ހުންނަނީ މަޑު މަސް އެވެ .އަދި މެދު 3/1 ގައި ހުންނަނީ ބަޔާންކުރެވުނު ދެވައްތަރު މަސް އެކުގައެވެ.
ކާތަކެތި ދިރުވުމުގައި ކާތަކެތި ހިގާ ހޮޅީގައި ކަޑަތުކުރާ މަރުޙަލާ އަކީ އަހަރެމެންގެ ބާރަކާއި ނުލައި އޭގެ ޒާތުގައި ހިގާ މަރުހަލާއެކެވެ. އެހެންކަމުން ކުރިންބުނި ޕެރީސްޓަލްސިސް އޭ ކިޔޭ ހަރަކާތުގެ އެހީގައި ކާތަކެތި މައިދާއަށް ފޯރުކޮށްދެއެވެ.
ޕެރީސްޓަލްސިސް
[އުނިއިތުރު ގެންނަވާ]ދެވައްތަރެއްގެ އީސަފަޖީއަލް ޕެރިސްޓަލްސިސް(އިނގިރޭސި ބަހުން: Esophageal Peristalsis) ހުރެއެވެ.
- ސެކަންޑަރީ ޕެރީސްޓަލްސިސް(އިނގިރޭސި ބަހުން: Secondary Peristalsis): މިހަރަކާތް ފެށެނީ ކާތަކެތި ހިގާ ހޮޅި އަށް ވަތް ހުރިހާ ކާތަކެތި ޕްރައިމަރީ ޕެރީސްޓަލްސިސް އިން މައިދާއާއި ހަމައަށް ފޮނުވާނުލެވުނު ނަމައެވެ. މިހަރަކާތް އުފެދެނީ ކާތަކެތީގެ ސަބަބުން ކާތަކެތި ހިގާ ހޮޅި ފުޅާވެ، ތަނަވަސް ވެގެން ދިއުމުންނެވެ. އަދި މައިދާ އަށް ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހުރި ކާތަކެތި އެއްކޮށް ހުސްވަންދެން މިހަރަކާތް ކުރިއަށް ދެއެވެ.
ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ހިންގާ ޕެރީސްޓަލްސިސް ގެ ހަރަކާތް ހިންގަނީ ސިކުންތަކު 3 ސމ އަށް ކާތަކެތި ދައުރުވާ ރޭޓުންނެވެ. މާނައަކީ ކޮންމެ ސިކުންތަކު 3 ސމ ގެ މިނެއް ކުރިއަށް ކާތަކެތި ފޮނުވާލައެވެ. އެހެންކަމުން ކާތަކެތި ހިގާ ހޮޅީގެ ދިގުމިނަކީ 25 ސމ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 10-8 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ. އަދި ސީދަލަށްހުރެ ކާއިރު މިއަށްވުރެ އަވަހަށް ވެސް ކާތަކެތި ކާތަކެތި ހިގާ ހޮޅީގެ ތެރޭގައި ބިމަށް ދަމާބާރު ނުވަތަ ގްރެވިޓީގެ ސަބަބުން ދައުރުވެއެވެ. އެގޮތުން ސިކުންތެއްގެ ތެރޭގައި 4 ސމ މިނެއް ކަޑަތުކުރެއެވެ. މާނައަކީ ކަމަށްވުމުން،މުޅި ކާތަކެތި ހިގާ ހޮޅި އެއްކޮށް ކަޑަތުކުރުމަށް 8-5 ސިކުންތާއި ދެމެދުގެ ވަގުތެއް ނަގައެވެ.
ކާތަކެތި ހިގާ ހޮޅިއަށް ލޭފޯރުކޮށްދިނުން
[އުނިއިތުރު ގެންނަވާ]ކާތަކެތި ހިގާ ހޮޅިއަށް ލޭފޯރުކޮށްދެނީ އަންނަނިވި ލޭހޮޅިތަކުންނެވެ.
- އިންފިރީއާ ތައިރޮއިޑް އާޓަރީ(އިނގިރޭސި ބަހުން: Inferior thyroid artery):މިއީ ސަބްކްލޭވިއަން އާޓަރީ(އިނގިރޭސި ބަހުން: Subclavian artery) އިން އުފެދިފައިވާ ތައިރޯސާވިކަލް ޓްރަންކް އިން ނިކުމެފައިވާ ލޭހޮޅި އެކެވެ.
- ތިރިއަށްފައިބާ އެއޯޓާގެ މޭމަތީގައި އޮންނަ ބައި، އަދި އޭގެ ބްރަންކިއަލް ގޮފިތައް
- ވާތު އިންފިރީއާ ފްރެނިކް އާޓަރީ(އިނގިރޭސި ބަހުން: Left inferior phrenic artery): މިއީ އެބްޑަމިނަލް އެއޯޓާ އިން ނިކުމެފައިވާ ލޭހޮޅި އެކެވެ.
- ވާތު ގެސްޓްރިކް އާޓަރީ(އިނގިރޭސި ބަހުން: Left gastric artery): މިއީ އެބްޑަމިނަލް އެއޯޓާ އިން ނިކުމެފައިވާ ސީލީއެކް އާޓަރީ އިން ނިކުމެފައިވާ ލޭހޮޅި އެކެވެ.
ކާތަކެތި ހިގާ ހޮޅީގެ ހަރަކާތް ކޮންޓްރޯލްކުރާ ނާރުތައް
[އުނިއިތުރު ގެންނަވާ]ކާތަކެތި ހިގާ ހޮޅީގެ ހަރަކާތް ކޮންޓްރޯލްކުރަނީ ނާރުތަކުގެ ނިޒާމް ގައި ހިމެނޭ އަންނަނިވި ނާރުތަކުންނެވެ.
- ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ ވޭގަސް ނާރު އިން ނިކުމެފައިވާ ރިކަރަންޓް ލެރިންޖިއަލް ނާރު އަކީ ކާތަކެތި ހިގާ ހޮޅީގެ ކަރު ހިމެނޭ ހިސާބުގައިވާ ބައިގެ ހަރަކާތް ކޮންޓްރޯލް ކުރާ ނާރެވެ. އަދި ހަމަ ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ އީސަފަޖީއަލް ނާރު ފުނި(އިނގިރޭސި ބަހުން: Peristalsis)ން ކާތަކެތި ހިގާ ހޮޅީގެ މޭއޮންނަ ހިސާބުގައިވާ ބައިގެ ހަރަކާތް ކޮންޓްރޯލް ކުރެއެވެ. އަދި ހަމަ ޕެރަސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ އެންޓިރީއާ ގެސްޓްރިކް ނާރު އަދި ޕޯސްޓިރީއާ ގެސްޓްރިކް ނާރު އިން ބަނޑުހިމެނޭ ހިސާބުގައިވާ ކާތަކެތި ހިގާ ހޮޅީގެ ބައިގެ ހަރަކާތް ކޮންޓްރޯލް ކުރެއެވެ.
- ސިމްޕަތެޓިކް ނާރވަސް ސިސްޓަމް އިން އައިސްފައިވާ ސިމްޕަތެޓިކް ޓްރަންކް އަދި ގްރޭޓަރ ސްޕްލެންކްނިކް ނާރު އިން ވެސް ކާތަކެތި ހިގާ ހޮޅީގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމުގައި ބައިވެރިވެއެވެ.
ކާތަކެތި ހިގާ ހޮޅީގެ ބަލިތައް
[އުނިއިތުރު ގެންނަވާ]މޭމަތީގައި ދިލަ ތަދެއް އުފެދިފައި ހުރުމަކީ ވަރަށް ގިނަބަޔަކު ތަޖުރިބާކުރާ ކަމެކެވެ. މިއީ ހަގީގަތުގައި މޭ އެންދުން މޭއެންދުން ކުރިމަތިވަނީ މައިދާގައި ހުރި އެސިޑް، މައްޗަށް ގޮސް ކާތަކެތި ހިގާ ހޮޅި އަށް ވާޞިލްވުމުންނެވެ. ބައެއް މީހުންނަށް ކާތަކެތި ހިގާ ހޮޅީގައި އެއްޗެއް ތާށިވެފައި ހުންނަ ކަހަލަ އިހްސާސެއް ވާގޮތް މެދުވެރި ވެއެވެ. ކާތަކެތި ހިގާ ހޮޅި އަށް ކުރިމަތިވާ ބަލީގެ ބައެއް ޙާލަތްތައް ތިރީގައި މިވަނީ އެވެ.
- މޭ އެންދުން
- ކާތަކެތި ހިގާ ހޮޅި ދުޅަވުން
- ކާތަކެތި ހިގާ ހޮޅީގެ ކެންސަރު
- ކާތަކެތި ހިގާ ހޮޅި ބެދުން
- ގެސްޓްރޯ އީސަފަޖީއަލް ރިފްލެކްސް ބަލި
އިތުރު ފޮޓޯތައް
[އުނިއިތުރު ގެންނަވާ]-
Layers of the esophagus.
-
Mid esophageal mass
-
Stomach
-
Accessory digestive system.
-
Organs of the digestive tract.
-
Section of the neck at about the level of the sixth cervical vertebra.
-
Transverse section of thorax, showing relations of pulmonary artery.
-
Sagittal section of nose mouth, pharynx, and larynx.
-
Section of the human esophagus. Moderately magnified.
-
Microscopic shot of a cross section of human gastro-esophageal junction wall.