Jump to content

ކުޑަ ގޮހޮރު

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
(މިސްރާބުކުރެވުނީ Small intestine އިން)

Small intestine
ކުޑަގޮހޮރު ދައްކައިދޭ ތަސްވީރެއް
Latin intestinum tenue
Gray's subject #248 1168
Nerve celiac ganglia, vagus
MeSH Small+intestine
Dorlands/Elsevier i_11/12456563

ކުޑަ ގޮހޮރު(އިނގިރޭސި ބަހުން: Small intestine) އަކީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ. މިގުނަވަން އޮންނަނީ އެތެރެހަށީގައި މައިދާ އާއި ބޮޑު ގޮހޮރު އާއި ދެމެދުގައެވެ. އެހެންކަމުން ކުޑަ ގޮހޮރު ފެށިފައި އިންނާނީ މައިދާ ނިމޭ ހިސާބުންނެވެ. އަދި ނިމިފައި އިންނާނީ ބޮޑު ގޮހޮރު ފެށޭ ހިސާބަށެވެ. އިންސާނުންގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި ގާތްގަނޑަކަށް 7 މީޓަރު ނުވަތަ 21 ފޫޓް ހުރެއެވެ. ބައެއް އިލްމު ވެރިން ވިދާޅުވާ ގޮތުން ކުޑަ ގޮހޮރުގެ ދިގުމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ 7-4 މީޓަރާއި ދެމެދުގެ މިންވަރެކެވެ.

ކުޑަ ގޮހޮރު އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެބައިތައް ތިރީގައި މިވަނީއެވެ.

އާންމު ގޮތެއްގައި ބޮޑު ގޮހޮރުއަށްވުރެ ކުޑަ ގޮހޮރު 5-4 ވަރަކަށް ގުނަ ބޮޑުވެފައި ދިގެވެ. ކުޑަ ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިނުގައި އެވްރެޖްގޮތެއްގައި ހުންނަނީ ގާތްގަނޑަކަށް 3-2.5 ސެންޓި މީޓަރާއި ދެމެދުގެ މިންވަރެކެވެ. މިމިން ބޮޑު ގޮހޮރުގައި އުޅެނީ 7.6 ސެންޓި މީޓަރުގައެވެ.


ކުޑަ ގޮހޮރުގެ ބައިތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޑުއަޑީނަމް

ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ޑުއަޑީނަމް(އިނގިރޭސި ބަހުން: Doudenum) އަކީ މައިދާ އާއި ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް އާއި ގުޅުވައިދޭ ހޮޅިއެވެ. މިއީ ކުޑަ ގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ އިންނަ ބައިވެސް މެއެވެ. އިގިރޭސި އަކުރު ސީ ( C ) ގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް އެއިން ހަށިގަނޑަށް ބޭނުންވާ ބައި ނަގައިދޭ މަރުކަޒެވެ. އިންސާނުންގެ ޑުއަޑީނަމް ގެ ދިގުމިނުގައި އެވްރެޖް ގޮތެއްގައި ހުންނަނީ 26 ސެންޓި މީޓަރެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޖެޖޫނަމް

ކުޑަ ގޮހޮރުގެ މެދު ބައި ނުވަތަ ޖެޖޫނަމް(އިނގިރޭސި ބަހުން: Jejunum) އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން މެދަށް އިންނަ ބަޔެވެ. ނުވަތަ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް އާއި ފަހު ބައި އިލިއަމް އާއި ގުޅުވައިދިނުމަށް އެދެމެދުގައިވާ ބަޔެވެ. ފުރާ ފުރިހަމަ އިންސާނެއްގެ ކުޑަ ގޮހޮރުގެ ދިގުމިނުގައި 7-4 މީޓަރު ވަރު ހުރެއެވެ. އޭގެ ތެރެއިން 2.5 މީޓަރު ހުންނަނީ ޖެޖޫނަމް ގައެވެ. ޖެޖޫނަމްގެ އެތެރޭގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. ކާތަކެތި ޖެޖޫނަމްގެ ތެރޭގައި ދައުރުވުން ފަސޭހަ ކުރުމަށްޓަކައި ގުދުރަތީ މަސް ފަށަލަ އެއް ޖެޖޫނަމްގެ އެތެރޭގެ ފާރުގައި ވެއެވެ.

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިލިއަމް

ކުޑަ ގޮހޮރުގެ ފަހު ބައި ނުވަތަ އިލިއަމް(އިނގިރޭސި ބަހުން: Ileum) އަކީ ކުޑަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން އެންމެ ފަހަތަށް އިންނަ ބަޔެވެ. އިންސާނުންގެ އިލިއަމްގެ ދިގުމިނުގައި ގާތްގަނޑަކަށް 3.5 މީޓަރު ވަރު ހުރެއެވެ.މިމިންވަރު 4-2 މީޓަރާއި ދެމެދުގެ މިނެއްގައި ހުރުމަކީ ވެދާނެ ގޮތެކެވެ. ބޮޑު ގޮހޮރުގެ ބައެއް ކަމުގައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ އިލިއޯސީކަލް ވޭލް(އިނގިރޭސި ބަހުން: Ileo-caecal valve) އިންނެވެ. އިލިއަމްގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ.


ކުޑަ ގޮހޮރުގެ ވަޒީފާ

[އުނިއިތުރު ގެންނަވާ]

ކާނާ ހަޖަމުކުރުން

[އުނިއިތުރު ގެންނަވާ]

ޕްރޮޓީންތައް ޕެޕްޓައިޑް ތަކާއި، އަމީނޯ އެސިޑް (އިނގިރޭސި ބަހުން: Amino acid) ތަކަށް ބަދަލުވުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަނީ މައިދާގެ ތެރޭގައެވެ. ނަމަވެސް މިމަސައްކަތް ކޮންމެވެސް ވަރަކަށް ކުޑަ ގޮހޮރުގެ ތެރޭގައި ވެސް ހިންގައެވެ. ކުޑަ ގޮހޮރަކީ ގިނަ ކެމިކަލް މާއްދާތަކެއް ހަޖަމުވެގެންދާ މަރުކަޒެވެ.

  • ޕެޕްޓައިޑް ތައް ބައިވެ، އަމީނޯ އެސިޑް ތައް އުފެދެނީ ކުޑަ ގޮހޮރުގެ ތެރޭގައެވެ. ކުރިން ބުނިހެން ކެމިކަލްތައް ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ މައިދާ އިން ކަމަށްވިޔަސް އޭގެ މަރުހަލާއެއް ކުޑަ ގޮހޮރުގައި ވެސް ފުރިހަމަ ކުރެއެވެ. ޗިސްމޭ އިން ދޫކުރާ ޕްރޮޓީން ބައިކުރާ އެންޒައިމް(އިނގިރޭސި ބަހުން: Proteolytic enzyme) ތައް ކަމަށްވާ ޓްރީޕްސިން(އިނގިރޭސި ބަހުން: Trypsin) އަދި ކީމަޓްރީޕްސިން(އިނގިރޭސި ބަހުން: Chymotrypsin) ގެ އެހީގައި ޕްރޮޓީންތައް ކުދި ޕެޕްޓައިޑް ތަކަށް ބަދަލުކޮށްލައެވެ. ޗިސްމޭ އިން ދޫކުރާ ކާބޮކްސީޕެޕްޓައިޑޭސް(އިނގިރޭސި ބަހުން: Carboxypeptidase) ޕޮލިޕެޕްޓައިޑް މޮލިކިޔޫލް ތަކުން އަމީނޯ އެސިޑް ވަކިކުރުމަށް އެހީވެދެއެެވެ.
  • ފެޓް ތައް ބައިވެ، ފެޓީ އެސިޑް(އިނގިރޭސި ބަހުން: Fatty acid) އަދި ގްލިސަރޯލް(އިނގިރޭސި ބަހުން: Glycerol) އުފެދެނީ ވެސް ކުޑަ ގޮހޮރުގެ ތެރޭގައެވެ. ޕެންކްރީއެޓިކް ލައިޕޭސް ކުޑަ ގޮހޮރުގެ ތެރެއަށް ވާޞިލް ވެއެވެ. ޕެންކްރީއެޓިކް ލައިޕޭސް(އިނގިރޭސި ބަހުން: Pancreatic lipase) އަކީ ޓްރައިގްލައިސަރައިޑް (އިނގިރޭސި ބަހުން: Triglyceride) މޮނަގްލައިސަރައިޑް(އިނގިރޭސި ބަހުން: monoglyceride) އަދި ފެޓީ އެސިޑް އަށް ބަދަލުކުރުވާ މުރާލި ހީވާގި އެންޒައިމް އެކެވެ. ބައިލް ސޯލްޓް ހުރުމަކީ މިއެންޒައިމްގެ މަސައްކަތް ހަލުވިކުރުވާ ކަމެކެވެ.
  • ކާބޯހައިޑްރޭޓް ތައް ގުލްކޯޒް އަށް ބަދަލުވަނީ ކުޑަ ގޮހޮރުގެ ތެރޭގައެވެ. ކުޑަ ގޮހޮރުގެ ތެރޭގައި ޕެންކްރީއެޓިކް އަމިލޭސް(އިނގިރޭސި ބަހުން: Pancreatic amylase) ގެ އެހީގައި ސްޓާރޗް، މޮލްޓޯސް(އިނގިރޭސި ބަހުން: maltose) ، މޮލްޓޯޓްރިއޯސް(އިނގިރޭސި ބަހުން: maltotriose) އަދި އަލްފާ-ލިމިޓް ޑެކްސްޓްރިން އަށް ބަދަލުކުރުވައެވެ.

ކާނާ ހަށިގަނޑަށް ނެގުން

[އުނިއިތުރު ގެންނަވާ]

ކުޑަ ގޮހޮރުގެ ބައިތަކުގެ އެތެރޭގެ ތެތް ދުލިފަށަލައިގައި ހިމެނޭ ވިލަސް(އިނގިރޭސި ބަހުން: villus) ތައް އަކީ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުމަށްޓަކައި ސާރފޭސް އޭރިއާ މަތިކޮށްދޭ ބައިތަކެކެވެ. ކޮންމެ ވިލަސް އެއްގައި ލެކްޓިއަލް(އިނގިރޭސި ބަހުން: Lacteal) ތަކާއި، ކުދި ލޭހޮޅި(އިނގިރޭސި ބަހުން: Capillary) ތައް އެކުލެވިގެން ވެއެވެ. ހަޖަމުވެފައި ހުންނަ ފެޓް ލެކްޓިއަލް ތަކުގެ އެހީގައި ލިމްފަޓިކް ނިޒާމް އަށް ވާޞިލްވެ، އޭގެ ފަހުން ލޭދައުރުކުރާ ނިޒާމް އަށް ވާޞިލް ވެއެވެ. ފެޓް ފިޔަވައި ދެން ހަޖަމުވެފައި ހުންނަ ކާނާގެ ބައިތައް ހަށިގަނޑަށް ނަގަނީ ކުރިން ބުނި ކުދި ލޭހޮޅި ތަކުންނެވެ.

ހަށިގަނޑަށް ކާނާގެ ގިނަ ބައިތައް ދަމަނީ ޖެޖޫނަމްގެ ތެރޭގައެވެ. ނަމަވެސް ބައެއް މާއްދާތައް އެހެން ބައިތަކުން ވެސް ހަށިގަނޑަށް ނަގައެވެ. ތިރީގައި މިވަނީ ވަކި ބައިތަކުން ނަގާކަމަށް ފާހަގަކުރެވޭ ބައެއް މާއްދާތަކެވެ.

ހޯރމޯންތައް ދޫކުރުން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސިކްރީޓިން

ސިކްރީޓިން ނުވަތަ (އިނގިރޭސި ބަހުން: Secretin) އަކީ ކުޑަ ގޮހޮރު ގެ ފުރަތަމަ ބައިގައި ހުންނަ އެސް ސެލް(S Cell) ތަކުން ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. މިހޯރމޯން ގެސްޓްރިކް އެސިޑް ، ބައިކާބޮނޭޓް އާ ބަފަރކޮށްގެން، ކުޑަ ގޮހޮރު ގެ ފުރަތަމަބައި ގައި ހުންނަ ތަކެތީގެ ޕީއެޗް ކޮންޓްރޯލް ކުރުމުގައި އެހީތެރި ވެއެވެ. ސިކްރީޓިން ދޫކުރަން ފަށަނީ ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޕީއެޗް ދަށްވެއްޖެ ހާލަތެއްގައި އެތާގެ ޕީއެޗް ހަމަހަމަކަން މަތީ ބަހައްޓައިދީ ކޮންޓްރޯލް ކުރުމަށްޓަކައެވެ.

ކޯލިސިސްޓަކައިނިން

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކޯލިސިސްޓަކައިނިން

ކޯލިސިސްޓަކައިނިން ނުވަތަ (އިނގިރޭސި ބަހުން: Cholecystokinin) އަކީ ކުޑަ ގޮހޮރު ގެ ފުރަތަމަ ބައި ގައި ހުންނަ އައި ސެލް(I Cell) ތަކުން އުފައްދައި ދޫކުރާ ޕެޕްޓައިޑް ހޯރމޯން އެކެވެ. އިންސާނާގެ ހަށިގަނޑުގައި ޕްރޮޓީން އަދި ސަރުބީ ހަޖަމުކުރުމަށް ބާރުއަޅައި، ވާގިވެރިވެ ދިނުމުގައި ޒިންމާވާ ހޯރމޯން އަކީ ވެސް މިއީއެވެ. މިހޯރމޯންގެ ސަބަބުން ޗިސްމޭ އިން ހަޖަމުކުރާ އެންޒައިމް ތައް އަދި ފިތް އިން ބައިލް ބޭރުވުން މެދުވެރި ކުރުވައެވެ. ކުރިން މިހޯރމޯން އަށް ޕެންކްރިއޯޒައިމިން(Pancreaozymin) އޭ ކިޔާފައި ވެއެވެ.

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް

[އުނިއިތުރު ގެންނަވާ]

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް(އިނގިރޭސި ބަހުން: Intestinal mucosa) އުފެދިފައިވަނީ ކަލަމްނަރ އެޕިތީލިއަލް ސެލް(އިނގިރޭސި ބަހުން: Simple columnar epithelial cell)ގެ ފަށަލަ އަކާއި، ލަމިނާ ޕްރޮޕްރިއާ(އިނގިރޭސި ބަހުން: Lamina propria) އޭ ކިޔޭ ކަނެކްޓިވް ޓިޝޫގެ ފަށަލަ އަކާއި، އަދި މަސްކިޔުލަރިސް މިޔުކޯސާ(އިނގިރޭސި ބަހުން: Muscularis mucosa) އޭ ކިޔޭ މަސް ފަށަލަ އަކުންނެވެ. މިދުލިފަށުގެ ސަތަހައިގައި އިގިލިތަކެއް ހެން ނިކުމެފައި ހުންނަ ނިކުތުން ތަކެއް ހުރެއެވެ. މިއަށް ކިޔަނީ ވިލަސް(އިނގިރޭސި ބަހުން: Villus) އެވެ. އަދި ހަމަ ތެތްދުލިފަށުގެ ސަތަހައިގައި ކުދި ހޮޅިތަކެއްގެ ސިފަޔަށް ހުންނަ ގްލޭންޑް ތަކެއް ހުރެއެވެ. މިގްލޭންޑް ތައް ކުޑަ ގޮހޮރުގެ ތެރެއަށް ހުޅުވިފައި ހުންނަނީ ކުރިން ބުނެވުނު ވިލަސް ތަކުގެ ދޭތެރެ ދޭތެރޭގައެވެ. މިގްލޭންޑް ތަކަށް ކިޔަނީ ކްރިޕްޓް އޮފް ލެއިބަރކުން(އިނގިރޭސި ބަހުން: Crypt of Lieberkuhn) އެވެ.

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުގައި ލިމްފް ނޮޖޫލް(އިނގިރޭސި ބަހުން: Lymph nodule) ތައް ހުރެއެވެ. ކުޑަ ގޮހޮރުގައި މައިގަނޑު ގޮތެއްގައި މި ލިމްފް ނޮޖޫލް ތައް ވަކިވަކިން ހުރި ނަމަވެސް، ކުޑަ ގޮހޮރުގެ ފަހުބައި އިލިއަމްގައި މި ނޮޖޫލްތައް ޖަމާވެ، ޕެޔާރސް ޕެޗް(އިނގިރޭސި ބަހުން: Peyer's patch) ތައް އުފެދިގެން ދެއެވެ.

ކުޑަ ގޮހޮރުގެ ފުރަތަމަ ބައި ޑުއަޑީނަމް ގެ ތެރޭގައި ބްރަނާރސް ގްލޭންޑް (އިނގިރޭސި ބަހުން: Brunner's gland)އޭ ކިޔޭ ދަވަ ބޭރުކުރާ ގްލޭންޑް ތަކެއް ހުރެއެވެ. އިލިއަމްގައި ހުންނަ ކްރިޕްޓް ތަކުގައި ގޮބްލިޓް ސެލް(އިނގިރޭސި ބަހުން: Goblet cell) އޭ ކިޔޭ މިޔޫސިން(އިނގިރޭސި ބަހުން: Mucin) ބޭރުކުރާ ސެލް ތަކެއް ހުރެއެވެ. އަދި އެންޓީރަކްރޮމަފިން(އިނގިރޭސި ބަހުން: enterochromaffin cell) އޭ ކިޔޭ ސިރަޓޯނިން(އިނގިރޭސި ބަހުން: Serotonin) ބޭރުކުރާ ސެލްތަކެއް ހުރެއެވެ.

ކުޑަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށުގެ ކޮންމެ އަކަ މިލިމީޓަރެއްގައި 40-20 އާއި ދެމެދުގެ އަދަދަކަށް ވިލަސް ހުރެއެވެ. އަދި ކޮންމެ ވިލަސް އެއްގެ އުސްމިނުގައި 1-0.5 މިލިމީޓަރު ވަރު ހުރެއެވެ.

ކުޑަ ގޮހޮރު ޖޫސް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަ ގޮހޮރު ޖޫސް

ދުވާލަކު ގާތްގަނޑަކަށް 1 ލިޓަރުގެ ކުޑަ ގޮހޮރު ޖޫސް(އިނގިރޭސި ބަހުން: Intestinal juice) އުފައްދައެވެ. ކުޑަ ގޮހޮރު ޖޫސް ގައި އެކުލެވިގެންވާ ބައިތައް ތިރީގައި މިވަނީ އެވެ.

އަލްކަލައިން ދިޔަ

[އުނިއިތުރު ގެންނަވާ]

ކުޑަ ގޮހޮރު ޖޫހުގައި އަލްކަލައިން ތަބީޢަތުގައި ހުރި ދިޔައެއް އެކުލެވެއެވެ. މިއީ ކުޑަ ގޮހޮރުގެ އެތެރޭ ތެތް ދުލިފަށުގެ ސަތަހައިގައި އެކުލެވޭ ކްރިޕްޓް އޮފް ލެއިބަރކުން(އިނގިރޭސި ބަހުން: Crypt of Lieberkuhn) އިން ބޭރުކުރާ ދިޔައެކެވެ. މިިދިޔައިގައި މައިގަނޑު ގޮތެއްގައި ހުންނަނީ ސޯޑިއަމް ކްލޮރައިޑް އަދި ސޯޑިއަމް ބައިކާބޮނޭޓް އެވެ. އެކަމަކު ހަޖަމުކުރާ އެންޒައިމް ތަކެއް މިދިޔައިގެ ތެރޭގައަކު ނުހުރެއެވެ. މިދިޔަ ކުޑަ ގޮހޮރުގެ ތެރެއަށް ކްރިޕްޓް ތަކުން ދޫކުރާތާ އިރުކޮޅެއްގެ ތެރޭގައި ވިލަސް ތަކުން އަނެއްކާ ވެސް މިދިޔަ ހަށިގަނޑަށް ނުވަތަ ވިލަސް ގެ ތެރެއަށް ދަމައިގަނެއެވެ.

މިޔޫކަސް ނުވަތަ ދަވަ(އިނގިރޭސި ބަހުން: Mucus) ބޭރުވަނީ މިޔޫސިންގެ ގޮތުގައެވެ. އެއަށްފަހު ދިޔާވެ، މިޔޫކަސް ނުވަތަ ޖެލް ފާޑުގެ ދަވަ އަށް ބަދަލުވެއެވެ. ގޮބްލިޓް ސެލް(އިނގިރޭސި ބަހުން: Goblet cell) ތަކާއި އެޕިތީލިއަލް ސެލްތަކުން ބޭރުކުރާ ދަވަތަކުން ދަވައިގެ ފޮށާ(އިނގިރޭސި ބަހުން: Mucus blanket) އެއް އުފެދިގެން ދެއެވެ. މީގެ ބޭނުމަކީ ކުޑަ ގޮހޮރުގެ އެޕިތީލިއަމް ނިވާކޮށް، ތެޔޮކޮށްދީ ރައްކާކޮށްދިނުމެވެ. ނަމަވެސް ބްރަނާރސް ގްލޭންޑް(އިނގިރޭސި ބަހުން: Brunner's gland ތަކުން ބޭރުކުރާ ދަވަތައް ކުޑަ ގޮހޮރުގެ ފުރަތަމަ ޑުއަޑީނަމްގެ އެތެރޭގެ ތެތްދުލިފަށް ގެސްޓްރިކް އެސިޑް ނުވަތަ ހައިޑްރޯކްލޮރައިޑް އިން ހިމާޔަތްކޮށްދެއެވެ.

މިޔޫކޯސަލް ސެލް

[އުނިއިތުރު ގެންނަވާ]

އާންމު ގޮތެއްގައި މިޔޫކޯސަލް ސެލް (އިނގިރޭސި ބަހުން: Mucosal cell) ތައް ހުއްޓުމެއްނެތި ކުޑަ ގޮހޮރުގެ ތެރެއަށް ފައިބަފައިބާ ހުރެއެވެ. އަދި ކުޑަ ގޮހޮރު ޖޫހާއި މިސެލްތައް އެއްވެގެން ދެއެވެ. މިސެލްތަކުގައި ހަޖަމުކުރާ އެންޒައިމްތައް ހުރެއެވެ.

ކުޑަ ގޮހޮރުގެ އެންޒައިމްތައް

[އުނިއިތުރު ގެންނަވާ]
މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ކުޑަ ގޮހޮރުގެ އެންޒައިމްތައް

ކުޑަ ގޮހޮރުގެ އެންޒައިމް (އިނގިރޭސި ބަހުން: Intestinal enzyme)ތައް މައިގަނޑު ގޮތެއްގައި ހުންނަނީ މިޔޫކޯސަލް ސެލް(އިނގިރޭސި ބަހުން: Mucosal cell) ތަކުގެ ބޭރު ފަށަލައިގައެވެ. ޚާއްޞަކޮށް ވިލަސް(އިނގިރޭސި ބަހުން: Villus) ތަކުގެ ކޮޅު ނިވާކޮށްދޭ ކުދިކުދި ވިލަސް(އިނގިރޭސި ބަހުން: Microvillus) ތަކުގައެވެ. އާންމު ގޮތެއްގައި ކުޑަ ގޮހޮރުގެ ތެރޭގައި ހަޖަމުކުރުމުގެ މަސައްކަތް ހިންގަނީ މިބުނި ކުދިކުދި ވިލަސް ތަކުގެ ތެރޭގައެވެ. ކުޑަ ގޮހޮރު އެންޒައިމް ތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.

  • އެންޓިރަކައިނޭސް(އިނގިރޭސި ބަހުން: Enterokinase): މިއެންޒައިމް އަކީ ޓްރީޕްސިނަޖަން ކުޑަ ގޮހޮރުގެ ތެރޭގައި ހީވާގިކޮށް، ޓްރީޕްސިން އަށް ބަދަލުކުރުވާ އެންޒައިމެކެވެ. މިއީ ކުޑަ ގޮހޮރު ޖޫސް ގެތެރޭގައި މިނިވަންކަންމަތީ ހުންނަ ހަމައެކަނި އެންޒައިމް ވެސް މެއެވެ. މިއެންޒައިމް ބޭރުވުމަށް ބާރުއަޅައިދޭ މާއްދާ އަކީ ކޯލިސިސްޓަކައިނިން ހޯރމޯން އެވެ.
  • ޕެޕްޓައިޑޭސް(އިނގިރޭސި ބަހުން: Peptidase) ތައް: މިއީ ބޮޑެތި އަދި ކުދި ޕެޕްޓައިޑް ތަކުން އަމީނޯ އެސިޑް ވަކިކުރުމަށް އެހީވެދޭ ޕްރޮޓީން ބައިކުރާ އެންޒައިމް ތަކެކެވެ. މީގެ ބައެއް އެންޒައިމްތައް މިޔޫކޯސަލް ސެލް ތަކުގެ ސައިޓަޕްލާޒަމް ގައި ވެސް ހުރެއެވެ. އެހެން ކަމުން މިއީ ޕްރޮޓީން ހަޖަމުކުރުމުގެ ފަހު މަރުހަލާގައި ބައިވެރިވާ އެންޒައިމް ތަކެކެވެ.
  • ޑައިސަކަރައިޑޭސް(އިނގިރޭސި ބަހުން: Disaccharidase) އަދި އޮލިގަސަކަރައިޑޭސް(އިނގިރޭސި ބަހުން: Oligosaccharidase) ތައް: މިއީ ޑައިސަކަރައިޑް އަދި އޮލިގަސަކަރައިޑް ތައް މޮނަސަކަރައިޑް ތަކަށް ބަދަލުކުރުވާ އެންޒައިމް ތަކެކެވެ. އެހެން ކަމުން މިއީ ކާބޯހައިޑްރޭޓް ހަޖަމުކުރުމުގެ ފަހު މަރުހަލާގައި ބައިވެރިވާ އެންޒައިމް ތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ އަންނަނިވި އެންޒައިމް ތަކެވެ.
    • މޮލްޓޭސް(އިނގިރޭސި ބަހުން: Maltase): މިއީ މޮލްޓޯސް ،އަދި މޮލްޓޯޓްރިއޯސް ، ގުލްކޯޒް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
    • ލެކްޓޭސް(އިނގިރޭސި ބަހުން: Lactase): މިއީ ލެކްޓޯސް، ގުލްކޯޒް، އަދި ގަލަކްޓޯސް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
    • ސޫކްރޭސް(އިނގިރޭސި ބަހުން: Sucrase): މިއީ ސޫކްރޯސް، ގުލްކޯޒް ، އަދި ފްރަކްޓޯސް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
    • އަލްފާ ލިމިޓް ޑެކްސްޓްރިނޭސް(އިނގިރޭސި ބަހުން: Alpha limit dextrinase): މިއީ އަލްފާ ލިމިޓް ޑެކްސްޓްރިން ، ގުލްކޯޒް އަށް ބަދަލުކުރުވާ އެންޒައިމެކެވެ.
  • އިންޓެސްޓިނަލް ލައިޕޭސް(އިނގިރޭސި ބަހުން: Intestinal lipase): މިއީ އަނގަ، މައިދާ އަދި ޗިސްމޭ ފަދަ ގުނަވަން ތަކުން ދޫކުރާ ލައިޕޭސް ތަކުގެ މަސައްކަތް ފުރިހަމަކުރުމަށް އެހީތެރިވެދޭ އެންޒައިމެކެވެ.
  • ތަފާތު ނޫކްލީއޭސް(އިނގިރޭސި ބަހުން: Nuclease) ތައް: މިވައްތަރުގެ އެންޒައިމް ތަކުގެ ތެރޭގައި ނޫކްލީއަޓައިޑޭސް ތަކާއި، ނޫކްލީއަސައިޑޭސް ތައް ހިމެނެއެވެ.

ކުޑަ ގޮހޮރުގެ ބަލިތައް

[އުނިއިތުރު ގެންނަވާ]
  • ގޮހޮރު ބެދުން
  • ގޮހޮރުގެ ފާރު
  • ގޮހޮރުގެ ބާރުދިއުން
  • ހޮނޑުލުން
  • ބޭރަށް ހިންގުން
  • ބަނޑުހިކުން
  • ކުޑަ ގޮހޮރުގެ ކެންސަރު
  • ކްރޯންސް ބަލި
  • އަލްސަރޭޓިވް ކޮލައިޓިސް
  • މަލްއެބްސޯޕްޝަން ސިންޑްރޯމް
  • މިކެލް ޑައިވާޓިކިޔުލަމް